ކިރުމާއި ފޮރުވުން – ކޯގަންނުގައި ބީރައްޓެހިން ޖަހައި އުޅުނު ސަކަރާތް
ކުރީ ޒަމާނުގައި ރާއްޖޭގެ އެކިއަތޮޅުތަކުން ނަދުރު ބުނެގެން މީދޫއަށް މީހުން އައުދެއެވެ. އެވެރިން އެބުނާ ނަދުރެއް ބެހިގެންވަނީ ދެބަޔަކަށެވެ. އެއް ބޭނުމަކީ ލޯބި ކާމިޔާބުކުރުމާއި ދުނިޔޭގެ ތަނަވަސްކަން އެދިގެން ބުނާ ނަދުރު ފުއްދުމަށް ކެހެޅާ އާއި ބެހެޅާގެ މަހާނަ ދޮށަށް އަންނަ އައުމެވެ. އަނެއް ބޭނުމަކީ މީހަކަށް ނުވަތަ ކުއްޖަކަށް ޖެހުނު ބައްޔަކުން ސަލާމަތްވުމުން ނުވަތަ ޖެހިފައިވާ ބައްޔަކުން ސަލާމަތް ވުމަށް އެދި ނަދުރު ބުނެގެން މީދޫ މެދުޒިޔާރަތުގެ ކައިރިއަށް އަންނަ އައުމެވެ.
މެދުޒިޔާރަތަށް ނަދުރު ބުނެގެން އަންނަ މީހުން މީދޫގެ ފަގީރުންނާއި މިސްކީނުންނަށް ސަދަގާތް ދީހަދައެވެ. ބަލި މީހާގެ ބުރަދަނާއި އެއްމިންވަރަކަށް ކާބޯތަކެތިން ސަދަގާތް ދެއެވެ. މެދުޒިޔާރަތާއި ކޯގަންނަށް ޒިޔާރަތްކުރާ މީހުން މައިގަޑު ގޮތެއްގައި ކުރާ އޮންނަނީ ދެ ކަމެކެވެ. އެއީ ފޮރުވުމާއި ކިރުމެވެ.
ފޮރުވުމާއި ކިރުން އޮންނަނީ އާޝޫރާ ދުވަހުއެވެ. އާޝޫރާ ދުވަސް ފިޔަވައި ވަރަށް މަދުން އެހެން ދުވަސް ތަކުގައި ވެސް މިކަންތައް ކުރެއެވެ. އާޝޫރާ ދުވަހަކީ މުހައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އާޝޫރާ ދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއައުނުގެ އަނިޔާވެރިކަމުން ސަލާމަތް ކުރެއްވި ދުވަހެވެ. ހުސައިނުގެފާނު ކަރުބަލާގައި ޝަހީދު ކުރެވުނު ދުވަހެވެ.
ފޮރުވުމާއި ކިރުމުގައި އިސްކޮށް ހުންނަނީ މީދޫގައި އޭރަކު ހުންނަ ދީނީ އިލްމު ވެރިޔެކެވެ. އެމީހަކު ސަލަވާތްކިޔަވައި އެނޫންވެސް ހެޔޮ ތަކެތި ކިޔައި ހެދުމަށްފަހު ފޮރުވާ މީހެއްގެ ފޮރުވާން ޖެހޭ ގުނަވަނެއްގައި ފޮތިގަނޑެއް އަޅައި އެ ބައްޔަކުން ޝިފާ ދެއްވުން އެދި ދުއާ ކުރާނެއެވެ.
ފޮރުވުން
ފޮރުވުމަކީ ގުނަވަނަކަށް ބައްޔެއް ޖެހުމުން އެކަމުން ސަލާމަތް ވުމަށް އެދި ކުރާ ސަދަގާތެކެވެ. މި ކަން ކުރާގޮތަކީ ފޮރުވާ ގުނަވަނެއް ނިވައި ކުރެވޭ ވަރުގެ ތާހިރު ފޮތިގަނޑެއް ހޯދައި ފޮރުވާ ގުނަވަނެއްގައި އެފޮތިގަނޑު އަޅައި ނިވައިކުރުމެވެ. އެ ގުނަވަނެއް ނިވައި ކުރެވޭވަރަށް ފޮތިގަނޑު ފަށްޖަހައި ގުނަވަނާއި އެއްވަރަށް ސައިޒު ކުރާނެއެވެ. ދެން ފޮތިގަނޑު ބާއްވާނީ ޒިޔާރަތް މިސްކިތުގެ ފެންޑާގައެވެ. އެއަށްފަހު ފޮތިގަނޑުގެ މަތީގައި ފޮޅި އަތުރައި ފޮތިގަނޑު ނިވާކުރަނީއެވެ. ފޮތިގަނޑުގައި ބެހެއްޓި ހުރިހާ ފޮޅިތައް ބަހާނީ ފަގީރުންނާއި މިސްކީނުންނަށެވެ.
ފޮރުވުމަށް ބޭނުންކުރަނީ ވަކި ގޮތަކަށް ފިހެފައި ހުންނަ ފޮޅިއެވެ. މިއަށް ކިޔަނީ ފޮރުވާ ފޮޅިއެވެ. މިފޮޅި ހުންނަނީ ވަރަށް ތުނިކޮށް ފިހެފައެވެ. ވަށް ބުރަށް ހުންނަ ފޮޅީގެ ކުލައަކީ ރީދޫކުލައެވެ. އެފޮޅި އަކީ ހަނޑޫ މުގުރައިގެން ހަނޑުލުން ތައްޔާރުކުރާ އެއްޗެކެވެ. މި ފޮޅި ފިހެނީ ހަދެއްގައެވެ.
ކިރުން
ނަދުރު ބުނެގެން މީދޫއަށް އަންނަނީ ބޮޑިބަތާއި ކަނދި އަދި ދޮންކެޔޮ ފަދަ ތަކެއްޗާއި އެކުގައެވެ. މަދުމަދުން ފައިސާ ވެސް ގެނެއެވެ. އެތަކެތި ހިފައިގެން ދަނީ ކޯގަންނު މެދު ޒިޔާރަތް މިސްކިތަށެވެ. ކޯގަންނަށް ދާއިރު ރަށުގެ ދީނީ އިސްމީހަކު ހުންނާނެއެވެ.
މެދުޒިޔާރަތް މިސްކިތުގެ އިރު ދެކުނު ކަނާއި ދިމާލުގައި ކިރަން ބޭނުންކުރާ ދަގަނޑެއް ހުންނާނެއެވެ. މި ދަގަނޑު ހުންނަނީ ބިމަށް ޖަހާފައެވެ. ދަގަނޑުގެ މަތީން ހުންނަނީ ގުދު ކޮށް ފައެވެ. ދަގަނޑުގެ ކޮޅުގައި ބުޅިގަނޑެއް ހަރުކުރެވިފައިވެއެވެ.
ބޮޑުވެގެންވާ ތިލަފަތަކަށް މި ދަގަނޑު ހެދުމަށްޓަކައި ހުރަސް ދަގަނޑެއް އޮވެއެވެ. އެދަގަނޑު އޮންނަނީ މެދު ޒިޔާރަތް މިސްކިތުގެ ފެންޑާގައެވެ. އެ ދަގަނޑުގެ ދެކޮޅުގައްޔާއި މެދުގައި ބޮޅުތަކެއް ހުރެއެވެ. ދަގަނޑުގެ މެދުގައިވާ ބޮޅު އަޅުވާނީ ބިމުގައި ޖަހާފައިވާ ދަގަނޑުގެ ކޮޅުގައިވާ ބުޅިގަނޑުގައެެވެ. ކިރާ މީހުން އައުމުން ޒިޔާރަތް މިސްކިތުގައި އޮންނަ ދަގަނޑު ނަގައި ބިމުގައި ހުންނަ ދަގަނޑުގައި އެލުވާނެއެވެ. އެ ދެދަގަނޑު ގުޅާލުމުން ފެންނާނީ ތިލަފަތެއްގެ ގޮތުގައެވެ.
ދަގަނޑުގެ އެއްކޮޅުގައި އެލުވާނީ އިށީދެގެން އިނދެވޭ ވަރުގެ ކުޑަ އުނދޯއްޔެކެވެ. ދެން އެ އުނދޯލީގައި ކިރަން އުޅޭ މީހާ ނުވަތަ ކުއްޖާ ބައިންދާނެއެވެ. ދަގަނޑުގެ އަނެއްކޮޅަށް އަރުވާނީ ކާބޯތަކެއްޗެވެ. އެތަކެތި ހުންނާނީ ބޮޑެތި ތަށިތަކަށް އަޅާފައި ފޮތިގަނޑުތަކުން ބަނދެފައެވެ. ބަނދެފައިހުންނަ ތަކެއްޗަށް ބޮޚުސާއޭ ކިޔައެވެ. މިތަކެތި ދަގަނޑުގެ އެއްކޮޅަށް އަރުވައި އެކުއްޖެއްގެ ނުވަތަ މީހެއްގެ ބަރުދަނާ ހަމަވުމުން ކިރައި ނިމުނީއެވެ. ދެން އެތަކެތި ފަގީރުންނާއި މިސްކީނުންނަށް ސަދަގާތް ކުރަނީއެވެ.
އިތުރު ވާހަކަތައް
ނަދުރު ބުނެގެން ކޯގަންނަށް މީހުން އައުމުގެ ސަގާފަތެއް ފެށުނީ ކޮން އިރަކު ކީއްވެގެންކަން އެގޭކަށް ނެތެވެ. އެގޭކަމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން އަންނައިރު ކިރުމާއި ފޮރުވުމަކީ މީދޫގައި ދިރިއުޅޭ މީދޫމީހުން ކުރާކަމެއް ނޫންކަމެވެ. ފޮރުވުމަށާއި ކިރުމަށް ގެންނަ ކާބޯތަކެތި ބަހަނީ ފަގީރުންނާއި މިސްކީނުންނަށް ކަމުގައިވާއިރު މިތަކެތި ލިބިގަތުމަށް އެދޭ ބަޔަކު ހޯދުމަކީވެސް މީދޫގައި ވަރަށް ދަތިކަމެކެވެ. ކިރުމާއި ފޮރުވުމަށް މީހުން އައުން 1980އިގެ އަހަރުތަކާ ހަމަޔަށް ދެމިގެން ދިޔައެވެ.
ބީރައްޓެހީން މިސަކަރާތެއް ޖަހާއިރު މީދޫގެ ކުޑަކުދިން މިމަންޒަރު ދެކެން ދުރުގައި ތިބޭނެއެވެ. ސަދަގާތް ބަހަންވެގެން އަންނާށޭ ހަމަ ބުނާއިރަށް ކުދިންތައް ފިލައި އަވަދިވެދާނެއެވެ. ކިތަންމެ ބަނޑުހައިވެފައި ހުއްޓަސް އަދި ކިތަންމެ ފަގީރަސް މިތަކެތި ހޯދުމަކީ މީދޫ ކުދިން ކުރާ ކަމެއް ނޫނެވެ. ކައިފިކަން މައިންބަފައިންނަށް އެނގިއްޖެނަމަ އެކުއްޖަކަށް ބޮޑުވެގެންވާ އަދަބު ދޭނެއެވެ. މީން އެއްޗެއް ކެއުމަކީ ދެރަވެގެންގޮސް އެންމެ ދެރަވަރު ކަންތައް ކަމަށް ކޮންމެ ކުއްޖަކުވެސް ގަބޫލު ކުރާތީ މައިންބަފައިން އަދަބު ނުދިނަސް މީން އެއްޗެއް ނުކާނެއެވެ.
ކިރުމަށްޓަކައި ބޮޑު ތިލަފަތެއް ހަދިޔާކުރީ ސުވާދީބު ސަރުކާރުގެ ޒަމާނުގައި ހިތަދޫ އަފީފު ދީދީއެވެ. މީދޫ މެދުޒިޔާރަތުގައި ދިދަ ދަނޑިއެއް ޖަހައި އެދަނޑީގައި ކަފި ދިދައެއް ނެގީވެސް އަފީފު ދީދީއެވެ. އަދި މެދުޒިޔާރަތުގެ ފުރާޅުގައި އީޓު ޖަހައިދިނީ ވެސް އަފީފު ދީދީއެވެ. ގަބޫލު ކުރެވޭގޮތުގައި މިއީ މާލޭގައިވެސް މެދުޒިޔާރަތެއް ހުންނާތީ އޭގެ ބަދަލުގައި މީދޫ މެދުޒިޔާރަތުގެ ހައިބަތު ބޮޑުކުރުމަށް އަފީފު ދީދީ ކުރެއްވި ކަމެކެވެ. އެކަމަކު މިކަން މިމަގުން އަފީފު ދީދީ ކުރެއްވުމުގެ މާކުރީންވެސް ނަދުރު ބުނެގެން މީހުން އައުދެއެވެ.
ފޮރުވިފައި އޮވެދާނެ ސިއްރު
ނަދުރު ބުނެގެން ކޯގަންނަށް ޒިޔާރަތް ކުރުމުގެ އާދަޔަކީ ފަހަރުގައި ތަންކޮޅެއް ކުރީޒަމާނުގައި އުޅުނު ބުއްދި އިސް މީހަކު މީދޫއަށް އާމްދަނީ ވެއްދުމުގެ ގޮތުން ކޮށްފައިވާ މޮޅު ތަދުބީރެއްގެ ނަތީޖާ ކަމަށް ވެދާނެއެވެ. އެހެން ނޫންނަމަ މީދޫ މީހުން މިސަކަރާތެއް ނުޖަހައި ރަށުން ބޭރު މީހުން މިސަކަރާތެއް ޖަހަން ޖެހުމުގެ ސިއްރެއް ނޯންނާނެއެވެ. ތަންކޮޅެއް ފަހުން މިއާދަ ދެމެހެއްޓުމަށް އަފީފު ދީދީ ބޭނުންވުމުގެ ސިއްރަކީ މެދުޒިޔާރަތުގެ ހައިބަތު ހިފެހެއްޓުމާއެކު މީދޫއަކީ އަތޮޅުގެ އެކަހެރި ކޮމިއުނިޓީއަކަށްވާތީ އެ އެކަހެރިކަން ކުޑަކުރުމުގެ ނިޔަތް ކަމުގައިވެސް ވެދާނެއެވެ.
ފޮރުވުމުގެ ކަންތަކަކީ ސިއްހީ ގޮތުން ވަރަށްވެސް ވިޔާނުދާ މަގަކުން ކުރެވިފައިވާ ކަމެކެވެ. ލެޕްރަސީ އާއި ފައިލޭރިޔާ އަދި އެނޫންވެސް ބަލިތަކުގެ ސަބަބުން ހަލާކުވެފައިވާ ގުނަންތަކުގެ މަތީގައި ފޮތިގަނޑެއް އަޅާފައި ފަހުން އެފޮތިގަނޑުގެ މަތީގައި ކާބޯތަކެތި އަތުރައި އެތަކެތި ފަގީރުންނަށް ބެހުމަކީ ވަރަށްވެސް އެހެން ކަހަލަ ކަމެކެވެ. މީދޫ މީހުން އެތަކެއްޗާއި ކައިރިނުވުމުގެ މައިގަޑު ސިއްރަކީ އެއީކަމަށް ވެދާނެއެވެ. މުޅި އަތޮޅުގައި ފައިލޭރިޔާ އާއި ލެޕްރަސީ ފަދަ ބަލިތައް އާއްމުވެފައި އޮތްއިރު މީދޫގައި އެފަދަ ބައްޔެއް ޖެހިފައި ހުރި މީހަކު ނޫޅެއެވެ. އަހަރެމެންގެ ހަނދާނަށް ފެށުނުއިރު ފައިލޭރިޔާ ޖެހިފައި ހުރިމީހަކަށްވެސް އުޅުނީ އެންމެ މީހެކެވެ. އެއީ މަޝްހޫރު ކައްލަދީދީއެވެ. އެކަމަކު އަތޮޅުގެ އެހެން ހުރިހާ ރަށަކުން އެފަދަ މީހުން ވަރަށް ގިނައިން ފެނެއެވެ.
ފޮރުވުމުގެ ކޮންސެޕްޓަކީ ތަކެތީގެ އަގު ބެލުމަށްވެސް ބައެއް ފަހަރު ބޭނުންކޮށް އުޅުނު ކޮންސެޕްޓެކެވެ. މިހެން ބުނަން މިޖެހެނީ މީދޫގައި ވަރަށް ގިނަ ދުވަހު ވެރިކަންކުރި ފެންނާމަނިކުފާނުގެ ތިއަރީއަކަށް ރިއާޔަތްކޮށްފައެވެ. ހިތަދޫ އޮޑިވެރިއެއް ކަމުގައިވި ދޮން އަހުމަދު ދީދީ އާއި ފެންނާމަނިކުފާނު އެއްފަހަރު ގަމުން ދިމާވެއްޖެއެވެ. ފެންނާމަނިކުފާނު ކުރެން ދޮން އަހުމަދު ދީދީ އެދުނީ ހެޔޮ އަގެއްގައި ލަކުޑިކޮޅެކެވެ. މިއަޑު އަހައިފައި ފެންނާމަނިކުފާނު ބުންޏެވެ. އަސްތާ އަހައްމައިދިއޭ ލަކުޑިއަކީ މިޒަމާނުގައި ކިހާ އަގު ބޮޑު އެއްޗެއްކަން ދީދީއަށް އެގޭ ބާވައެވެ. އެއީ އަނެއްކާ ކިހައި ބޮޑު އަގެއްހޭ ތިޔަ ވިޔަކުރުމެއްގެ އަސާސަކީ ފަހެ ކޮބައިހޭ އަހައްމައިދީ ސުވާލުކުރީމާ ފެންނާމަނިކުފާނުގެ ޖަވާބަކީ މިއެވެ. ލަކުޑީގެ އަގަކީ އެ ލަކުޑިގަޑެއް ފޮރުވެންދެން ވަށައިގެން ޕައުންޑް ތަތްކުރުމަށްފަހު ލަކުޑިގަޑު ފޮރުވުނީމާ ދެން އެހުރިހައި ޕައުންޑެއް ނައްޓައި އޭގެ އަދަދު ބަލުމަށްފަހު އެ އަދަދެކެވެ. މިހިސާބަށް ވާހަކަ ދިޔައިމާ އަހައްމައިދި ބުންޏެވެ. ފެންނާމަނިކުފާނޫއޭ ތިޔައީ ތިމަންނާއަށް ކުޅަދާނަވެގެންވާ އަގެއް ނޫނެވެ. އެހެންވީމާ ދެން މިހިސާބުން ލަކުޑީގެ ވާހަކަ ހުއްޓައިލީއެވެ.
ފަހުގެ ޚިޔާލުތައް