މީދޫއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު ނަޖީބުގެ ޒިކުރާ

ސ. މީދޫ އަސްރުމާގެ މުހައްމަދު ނަޖީބަކީ ތަައުލީމީ ރޮނގުން ދިގު މުއްދަތަކަށް މީދޫއަށް ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. މުހައްމަދު ނަޖީބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 މާރޗް 1921 (29 ޝައްވާލް 1340) ގައި އައްޑުއަތޮޅު މީދޫ ގައެވެ.

މުހައްމަދު ނަޖީބުގެ ބައްޕައަކީ މުދިން އިބްރާހިމް ދީދީ އެވެ. މި އިބްރާހިމް ދީދީގެ ބައްޕަ އަކީ ގަނޑުވަރު މުހައްމަދު ތައްޚާނުގެ ގަނޑުވަރު އަހުމަދު ދީދީގެ އަލި ދީދީ އެވެ. މަންމަ އަކީ މީދޫ ގަނޑުވަރު ރެކިމަނިކެ އެވެ. މި ރެކިމަނިކެގެ ބައްޕައަކީ ގަނޑުވަރު މުހައްމަދު ތައްޚާނުގެ ގަނޑުވަރު އެޅެމަނިކުފާނެވެ.

މުހައްމަދު ނަޖީބު ކިޔަވައި ވިދާޅުވީ އެންމެ ފުރަތަމަ އޭނާގެ ބައްޕާގެ އަރިހުންނެވެ. އެއަށްފަހު އަރަބި ބަހާއި ހަދީސު އިލްމު އުގެނިވަޑައިގަތީ އޭނާގެ ބައްޕާއާއި ދެބެއިންގެދަރި އައިސާދަރި އާމިނާ ދައިތައާއި އެގޭ އަހުމަދު ދީދީގެ އަރިހުންނެވެ. މީގެ އިތުރުން ދޮންމަނިކުގެ އަލި ދީދީ އާއިި ހިތަދޫ ޝައިޚު ހުސައިން ރަހާގެ އަރިހުންނެވެ.

އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވީ ކުދީންނަށް ކިޔަވައި ދެއްވުމުގައެވެ. އެންމެ ފުރަތަމަ ކިޔަވައި ދެއްވަން ފެއްޓެވީ މީދޫ މަކްތަބުގައެވެ. މި މަކްތަބު ހުރީ މިހާރު ޝަރީފީ ޕްރީސްކޫލް ހުރިތާގައެވެ. މަކުތަބު އަލުން އިމާރާތް ކުރުމަށްޓަކައި މާދަރިގޭގައި ހުރި ވަގުތީ އިމާރާތަކަށް ބަދަލުކުރުމުން އެތަނުގައިވެސް މުހައްމަދު ނަޖީބު ކިޔަވައި ދެއްވިއެވެ. ފަހުން މަދަރުސަތުއްޒަހަބިއްޔާ ހުޅުވުމުން އެތަނުގައިވެސް އިސްލާމާއި ގުރްއާން ކިޔަވައި ދެއްވިއެވެ.

އަމިއްލަ ގޭގައި 1969 ވަނައަހަރު މަކުތަބެއް އިމާރާތް ކުރެއްވިއެވެ. އެއީ މަކުތަބުލް އަސްރިއްޔާއެވެ. މިއީ އަމިއްލަ ގޭގެ ނަމާއި ގުޅުވައިގެން ދެއްވި ނަމެކެވެ. މަކްތަބުލް އަސްރިއްޔާގައި އިތުރު މުދައްރިސުންނާއިއެކު ދެ ޖިންސުގެ ދަރިވަރުންނަށްް އަރަބި ތާނަ އަކުރު އުނގަންނަވައި ދެއްވުމާއިއެކު ގުރުއާނާއި އިސްލާމް ކިޔަވައި ދެއްވިއެވެ. ނަމާދު ކުރަން ދަސްކޮށް ދެއްވިއެވެ.

މަކުތަބުލް އަސްރިއްޔާގައި ކިޔަވައިދެއްވަން ފެއްޓެވި ދުވަސްވަރު ނަމާދު ވަގުތު ޖެހުމުން ފިރިހެން ދަރިވަރުންނާއި އެކު މުހައްމަދު ނަޖީބު ވަޑައިގަންނަވާނީ އެތަނާއި ޖެހިގެން ހުންނަ މިސްކިތަށެވެ. އަންހެން ދަރިވަރުންނަށް ގޭގައި ނަމާދު ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވިއެވެ. ހުކުރު ދުވަހު އަސްރު ނަމާދުން ފައިބައިގެން ފިރިހެން ދަރިވަރުންނާއެކު ކޯގަންނު ގަބުރުސްތާނަށް ޒިޔާރަތް ކުރައްވާނެއެވެ. މިޒިޔާރަތުގައި އެންމެ ޚާއްސަކަމެއް ދެއްވަނީ ކޯގަންނު މެދު ޒިޔާރަތަށެވެ. އެއީ އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމް ކުރެއްވިކަމަށް ރިވާވެގެންވާ ޔޫސުފް ނާއިބު ކަލޭގެފާނުގެ ޒިޔާރަތެވެ. ކޮންމެ މުހައްރަމް މަހެއްގެ އެއްވަނަ ދުވަހު ކޮންމެ ދަރިވަރަކުވެސް އެއްފޮތް ކިޔަވައި ހުރިހާ ކުދިންވެގެން އެއްޚަތިމު ކުރަން ޖެހޭނެއެވެ. މިކަން އޮންނަނީ ހުކުރު މިސްކިތުގައެވެ. އަބަދުވެސް ތައުލީމުގެ އުނގެނުމުގެ މުހިއްމުކަމާއި ދަރުމަ ދަރިވަރުންނަށް ވިދާޅުވެ ނަސޭހަތް ދެއްވާނެއެވެ.

މުހައްމަދު ނަޖީބު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވިއެވެ. ފަހުން އާއިލާގެ ބައެއް ބޭފުޅުންނާއެކު އުމްރާ ދަތުރެއްވެސް ފުރިހަމަ ކުރެއްވިއެވެ.

މުހައްމަދު ނަޖީބުގެ ޚިދުމަތްތައް ފެށުނީ އޭނާގެ ބައްޕަ މުދިން އިބްރާހިމް ދީދީ މުސްކުޅިވެ ބަލިވުމާގުޅިގެން ދަރިފުޅު މުހައްމަދު ނަޖީބު ލައްވާ ހުކުރު މިސްކިތުގައި އިމާމުވެ ނަމާދު ކުރުވަން ފެއްޓެވި ހިސާބުންނެވެ. މުހައްމަދު ނަޖީބަކީ މުދިން އިބްރާހިމް ދީދީގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. ބައްޕަ ނިޔާވުމުން ދެން ރަސްމީގޮތުން މުދިންކަމާއި ހަވާލުވެވަޑައިގަތީ އެވެ. އޭރު މުހައްމަދު ނަޖީބުގެ އުމުރަކީ 32 އަހަރެވެ. ސަރުކާރުން މުދިންކަމުގެ ވަޒީފާގެ ރަސްމީ ލިޔުން ދިނީ އޭގެ ދިހަ އަހަރު ފަހުންނެވެ. މުދިންކަން ކުރައްވާތާ ސާޅީސް އަހަރު ވުމާއި ގުޅިގެން މުހައްމަދު ނަޖީބަށް ދެ ޕެންޝަން ލިބިވަޑައިގެންފައިވެއެވެ. މުދިންކަމުން ރިޓަޔާރ ކުރެވުނީ އުމުރުން 83 އަހަރުގައެވެ.

Mudhin Beybeމުހައްމަދު ނަޖީބު ހުކުރުވެސް ކުރެއްވިއެވެ. ޖަމާއަތްތެރި ކަމުގެ ސަނަދު ނަންގަވައިގެން މީދޫގައި ޖަމާއަތް ތެރިކަންވެސް ކުރެއްވިއެވެ. ތައުލީމީ ރޮނގުން މީދޫއަށް ދިގުމުއްދަތެއްގައި މުހައްމަދު ނަޖީބު ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައިވެއެވެ. މީގެ އިތުރުން ސުވާދީބު ސަރުކާރުގެ ދުވަސްވަރު ސުވާދީބު ޕާލަމެންޓުގައި މީދޫ ތަމްސީލު ކުރެއްވި އިންތިޚާބީ މެންބަރުންގެ ތެރޭގައިވެސް މުހައްމަދު ނަޖީބު ހިމެނިވަޑައިގަތެވެ.

އަމިއްލަ ގޭގައި މުހައްމަދު ނަޖީބު ހިންގަވަން ފެއްޓެވި މަކްތަބުލް އަސްރިއްޔާ މިހާރުވެސް ހިނގައެވެ. މިހާރުގެ މަކްތަބުލް އަސްރިއްޔާ ހުންނަނީ މީދޫ ޝަމްސުއްދީން ސްކޫލްގެ އުތުރުު ފަރާތުގައެވެ.

ނަޖީބުގެ ޒުވާން އުމުރުގައި ވިޔަފާރި ކުރެއްވިއެވެ. ވިޔަފާރިކަމު ރާއްޖޭން ބޭރަށް ތިން ދަތުރެއް ކުރެއްވިިއެވެ. މި ދަތުރު ކުރެއްވީ އޮޑިފަހަރުގައި ކޮޅުނބަށެވެ. މީގެ ތެރެއިން ދެ ދަތުރަކީ ހިތާމަވެރި ދެ ދަތުރެކެވެ. ކަޅިހާރި އޮޑީ ގައި ކޮޅުނބަށް ކުރެއްވި ދަތުރުގައި ކޮޅުނބުން މާލެ އައިސް މާލެއިން އައްޑު އަށް ދަނިކޮށް ހުވަދޫ ކަނޑުގައި ވިއްސާރައިގައި ޖެހި އޮޑި ބެހުނީއެވެ. ދެން ދެވުނީ އަނެއްކާވެސް ކޮޅުނބަށެވެ. ކޮޅުނބުގައި ނުވަ މަސް ހޭދަކުރަން ޖެހުނެވެ.

އަތިރަގޭ އަލިމަނިކުފާނު އޮޑީގައި ކޮޅުނބަށް ކުރެއްވި ދަތުރުގައި ކުށަކާއި ނުލައި ސިލޯނުގައި ހައްޔަރުކުރެވުނެވެ. އަދި ސިލޯނުން ރާއްޖެ އައިސް މާލޭ ފަޅުތެރެއިން ހައްޔަރުކޮށް ދުއްރާއިން ތެޅުމަށްފަހު ވަކި މުއްދަތެއް ނެތި އަރުވާލެވުނެވެ. މުހައްމަދު ނަޖީބު އަރުވާލެވުނީ މާޅޮސްމަޑުލު އުތުރުބުރީ މީދޫ އަށެވެ. އެރަށުގައި ނަޖީބު ކުރެއްވި މަސައްކަތަކީ ކުދީންނަށް ކިޔަވައި ދެއްވުމެވެ. މީގެ އިތުރުން ޒުވާނުންނަށް އެންދަމާ ދާ ބަންނަން ދަސްކޮށްދެއްވިއެވެ. އަރުވާލެވިފައި ހުންނެވީ ސޯޅަ މަސްދުވަހުއެވެ.

މުހައްމަދު ނަޖީބަކީ ރަށުގެ ކުދި ބޮޑު އެންމެން އިހުތިރާމް ކުރި ބޭފުޅެކެވެ. ކުލަ ދޮން އާދައިގެ އިސްކޮޅެއްގެ ވެރިއެކެވެ. މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. ދުވަހަކުވެސް އަވައްޓެރިއަކާއި ނުވަތަ އެހެން މީހަކާވެސް ދެބަސްވެ ރުޅިވެރިވެ އަރައިރުން ވުމެއް ނުހިގައެވެ.

މުހައްމަދު ނަޖީބުގެ ހާލު ދެރަވެގެން ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރެވުނީ 8 މެއި 2015 ގައެވެ. އަވަހާރަވީ މިއަދު ހަވީރު ހަތަރުގަޑި ފަންސަވީހުގައި ސިއްހީ މަރުކަޒުގައެވެ. އަވަހާރަވީއިރު އުމުރަކީ 94 އަހަރާއި 3 މަސް ދުވަހެވެ. ކަށުނަމާދު ކުރެވުނީ މީދޫ މައިމިސްކިތުގައި މިރޭ އިޝާ ނަމާދަށް ފަހުގައެވެ. ފަސްދާނުލެވުނީ ކޯގަންނު ގަބުރުސްތާނުގައެވެ.

މުހައްމަދު ނަޖީބު ދެ ކައިވެންޏެއް ކުރެއްވިއެވެ. ބޭފުޅުން ލިބިވަޑައިގަތީ ފުރަތަމަ ކައިވެނިންނެވެ. އެހުރިހާ ބޭފުޅުންގެ މަންމައަކީ ގޫފަޅާނޑިގޭ މަރިޔަމް ދީދީއެވެ. މުހައްމަދު ނަޖީބު އަވަހާރަވީއިރު ދުނިޔޭގައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. އެއީ ފިރިހެން ދެ ބޭފުޅުންނާއި އަންހެން ދެ ބޭފުޅުންނެވެ. ކާފަ ވިދާޅުވާ ސޯޅަ ކުދީން އެބަތިއްބެވެ. މުނިކާފަ ވިދާޅުވާ ސާދަ ބޭފުޅުންނެވެ.

މުހައްމަދު ނަޖީބު ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި ނަޖީބުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

You may also like...

1 Response

  1. Ai El says:

    މުދިން ބޭބެ އަކީ އަހަރެންގެ އެންމެ ފުރަތަމަ އުސްތާޒެވެ، އަސްރުމާގެ (މުދިންގެ) ބޭރު އުނދޯލީގައި އިންނަވައިގެން ވޮށުފިލައިން އަހަރެމެން އޭރުގެ ތުއްތު ކުދިންނަށް އަރަބި އަކުރު ދަސްކޮށްދެއްވާއިރު ކޮންމެ ސެޝަނެއް ނިންމާލައްވަމުން ربي زدني علماً وارزقني فهماً (ހައްދަވައި ބޮޑުކުރެއްވި ކަލާކޯ އެވެ. މިއަޅާއަށް އުނގެނުން މިންވަރު ކުރައްވާނދޭވެ) މިހެން ލިޔުއްވާނެއެވެ. ދެން މުދިންބޭބެގެ ކުރިމަތީގައި އެތުރިގެން ކޮޅަށް ތިބޭ ދިހަ ބާރަކުދިން އެއްއަޑަކުން މި ކަލިމަތައް ކިޔާނެއެވެ. އެއަޑު ކައިރިކައިރީގެ ހުރިހާ ގެޔަކަށްވެސް އިވޭނެއެވެ. ދެން މަންމަމެން އައިސް ގެއަށް ގެންދާނެއެވެ. އަހަރެންގެ ގެ ހުންނަނީ މުދިންގެއާ ޖެހިގެން އިރަށެވެ. އެންމެ ފުރަތަމަ އަހަރެން މިސްކިތަށް ގެންދަން ފެށީ މުދިންގޭ ފުރަގަހުގައި ހުންނަ އެޅަފުތާބެއްޔާގެ ބެއްޔާ އެވެ. އަހަރެން ހަލަނިކަމުން ބެއްޔާއަށް ބެލެހެއްޓުން އުނދަގޫވީމާ ދެން އެކަމާ ހަވާލުވީ މުދިން ބޭބެއެވެ. މިސްކިތަށް ދާގަޑި ޖެހިއްޖެކަން އެންގުމަށް މުދިންބޭބެ ކަރު ކެހިލާނެއެވެ. ދެން އަހަރެން ދުވެފައި ގޮސް މުދިންގޭ ދޮރާށްޓާއި ހަމަވީމާ އެހިސާބުން އަހަރެން ގޮވައިގެން މިސްކިތަށް ދާނީ މުދިން ބޭބެއެވެ. އަހަރެން ބާރަ އަހަރުގައި އެންމެ ފުރަތަމަ މާލެއަށް ފުރި ދުވަހު އަތިރިމައްޗަށް ދާންވެގެން މިސްކިތް ކުރިމަތިން ހުރަސްކުރިވަގުތު އަހަރެން ދެކިގެން މުދިން ބޭބެ މިސްކިތުން ފައިބައިގެން އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިގޮތަށް ތިން ހަތަރު މިނިޓެއްހާއިރު ހުއްޓެވެ. އެވަގުތު އަޑުނުވީއްލައި ކޮންމެވެސް ދުއާއެއް ކުރިއެވެ. ނިމުނީމާ ބުންޏެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެއެވެ. ހިތްވަރުކުރާށެވެ. ފަހުން ރަށަށްދާ ފަހަރުފަހަރު އަހަރެން މިސްކިތުން ފެނުން މަދުވީމާ އެކަމާ ހިތާނުވެގެން ވާހަކަ ދައްކާނެއެވެ. ބައެއްފަހަރު އަހަރެން ނުފެނި ދެތިން ދުވަސްވެއްޖިއްޔާ ރޭގަނޑު ސައިކަލްގެ އަޑު އިވިގެން އަހަރެމެން ގެއަށް އައިސް ބައްދަލުކޮށް ވާހަކަ ދައްކާނެއެވެ. އަވަށްޓެރިކަމުގެ ގުޅުމުގެ އިތުރަށް މުދިން ބޭބެއަކީ އަހަރެންގެ ބޮޑުބޭބެއެއްގެ ބަފައިބެ އެވެ. އެކަމުގެ ސަބަބުންވެސް ގުޅުން އިތުރަށް ބަދަހިވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!