މީދޫގެ ގަޓުހުރި ފަނޑިޔާރުންނާއި ގަޓުނެތް ފަނޑިޔާރުންގެ ވާހަކަ
ދިވެހި ތާރީޚު ލިޔާ މީހުން އައްޑޫ މީދޫ ފާހަގަ ކުރާނީ ކޮންގޮތަކަށްބާވައެވެ. ގަޓުހުރި ފަނޑިޔާރުންގެ ރަށުގެގޮތުގައި ބާވައެވެ. ނުވަތަ ނުކެރޭ ފިނޑި މީހުންގެ ރަށުގެ ގޮތުގައި ބާވައެވެ. މިހާތަނަށް މީދޫގެ ދިހަވަރަކަށް ބޭފުޅުން ރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ކުރައްވައިފިއެވެ. މިބޭބޭފުޅުންގެ ގަޓުހުރީ ކިހާވަރަކަށްބާވައެވެ.
މީދޫގެ ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ވަރަށް ގަޓުހުރި ބޭފުޅުންނެވެ. ދީނާއި ގައުމަށްޓަކައި ހައްގުބަސް ވިދާޅުވި ބޭފުޅުންނެވެ. ރަސްކަމުގެ ތަޚުތަށްވުރެ ހައްގަށް ނަސްރު ހޯދައިދިނުމަށް ބާރު އެޅުއްވި ބޭފުޅުންނެވެ. ހަމައެހެންމެ ރަސްކަމުގެ ފަރާތުން ބޭނުންވާހާ ގޮތަކަށް ދީލާލައްވައި ފަނޑިޔާރުގެޔަކީ ރަސްކަމުގެ ކޮއިލުގެ ބައެއްކަމަށް ހައްދަވައިގެން އުޅުއްވި ފަނޑިޔާރުންވެސް މީދޫން ފެނިފައިވެއެވެ.
އައްސުލްތާން މުހައްމަދު އިމާދުއްދީނު ބޮޑުރަސްގެފާނުގެ ދައުރުގައި ފަނޑިޔާރުކަމުގައި ހުންނެވި ޝަމްސުއްދީނު ބޮޑުފަނޑިޔާރަކީ މީދޫގެ ބެއިކަލެކެވެ. ބޮޑުރަސްގެފާނު އަމިއްލަފުޅަށް ތިމަން މަނިކުފާނު މިއީ އެއްގަމާއި ވަޔާއި ކަނޑުގެވެސް ރަސްގެފާނުކަމަށް ނިންމަވައިގެން އުޅުއްވަނިކޮށް ހުކުރު ޚުތުބާގައި މިދައުވާ ނަފީ ކުރެއްވުމުގެ ހިތްވަރާއި ކެރުން ޝަމްސުއްދީނު ފަނޑިޔާރު ދެއްކެވިއެވެ. ނަތީޖާއަކަށްވީ މަގާމުން ވަކިކުރެވި އުފަން ރަށަށް އަރުވައިލެވުމެވެ.
އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ފަނޑިޔާރުކަން ކުރެއްވި ހުސައިން ގުތުބުއްދީނަކީ މީދޫގެ ބެއިކަލެކެވެ. ސީދާ އިސްކަންދަރު ރަސްގެފާނާއި ދެކޮޅަށް ކޮންމެވެސް މީހަކު ފަނޑިޔާރުގެޔަށް ހުށައެޅި މުދަލުގެ މައްސަލައެއްގައި ގުތުބުއްދީނު ފަނޑިޔާރުކަލޭގެފާނު ހުކުމް ކުރެއްވީ ރަސްގެފާނާއި ދެކޮޅަށެވެ. ފަނޑިޔާރު ތަކުރުފާނު ނިޔާ އިއްވެވީ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއްނެތި ސަރިޔަތުގެ ރީތި އުސޫލުގެ މަތީންނެވެ. ފަނޑިޔާރުގެޔަކީ ރަސްކަމުގެ ކޮއިލުގެ ނުފޫޒުން ސަލާމަތްވެފައިވާ ތަނެއްކަން ރައްޔިތުންނަށް ދެއްކެވުމުގެ ހިތްވަރާއި ކެރުން ގުތުބުއްދީނު ދެއްކެވިއެވެ.
އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު އޮޅުދޫކަރައިގެ ގާލީން ދަސްކުރެއްވި އެއްޗެއް ދަސްކުރައްވައިގެން މާލެ ވަޑައިގެން ޓެކުހޭ ކިޔުނު އެއްޗެއް ރައްޔިތުންގެ އަތުން ނެގުމަށް ގަސްތުކުރެއްވި ދުވަސްވަރު ފަނޑިޔާރުކަމުގައި ހުންނެވީ މީދޫގެ ބެއިކަލެކެވެ. އެއީ މޫސާ ބަދުރުއްދީނެވެ. މިކަމަށް ގަސްތު ކުރައްވައިގެން ފަނޑިޔާރު ތަކުރުފާނާއި މަޝްވަރާ ކުރެއްވީމާ ފަނޑިޔާރު ތަކުރުފާނު ވިދާޅުވީ ރައްޔިތުން އަތުން ނަގާ ޓެކުހަކުން ޚަރަދު ކުރަންވާނީވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ ކަންކަމަށް ކަމުގައެވެ. ދީން ބާރުއަޅަނީ އެގޮތަށް ކަމުގައެވެ. ތިޔަހެން ނުވެވޭނެޔޭ ތިމަން ކިލެގެފާނު މިހާރު ޓެކްސް ނަގަން މުޅިން ނިންމަވައިފީމޭ އިބްރާހިމް ދޮށިމޭނާ ވިދާޅުވީމާ ބަދުރުއްދީނުގެ ޖަވާބުވެސް ވަރަށް ކުރުވެފައި ސީދަލެވެ. އޭނާ ވިދާޅުވީ އެހެންވިއްޔާ ތިމަންގެ ނިންމުން އަޑު އައްސަވާށެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ނުހުރެ މިވަގުތުން ވަގުތަށް އިސްތިއުފާ ދީފީމެވެ.
ހާޖީ އިމާދުއްދީނު ރަދުން ސުވޭހު ކައިވެނިފުޅަށްޓަކައި މިސްރަށް ފުރާވަޑައިގަތުމުން އަތިރީގޭ ބޭފުޅުން އިސްވެތިއްބަވައި ރަސްކަން އިންގިލާބު ކުރިއިރު ފަނޑިޔާރުކަމުގައި ހުންނެވީ މީދޫގެ ބެއިކަލެކެވެ. އެއީ އައްޝައިޚު އެޅެގޭ އަލި ދީދީ އެވެ. އާރަދުން މުހައްމަދު ޝަމްސުއްދީނުގެ ރަސްކަން ސައްހަކަމަށް ފަނޑިޔާރުގެއިން ނިޔާ އިއްވައިދިނުމަށް ބަގާވާތުގެ ބާނީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ބާރު އެޅުއްވިއެވެ. އެކަމަކު ޝައިޚް އަލި ދީދީ އެކަމަށް އިންކާރު ކުރެއްވިއެވެ. ވަކި މީހަކަށްޓަކައި ސަރިޔަތުގެ އުސޫލު ގަޑުބަޑުކުރަން ދެކޮޅު ހެއްދެވިއެވެ. ދެން އިވުނީ އަލި ދީދީ އާލާސްކަންފުޅެއްގައި ޖެހިވަޑައިގެންނެވި ޚަބަރާއި އަވަހާރަވި ޚަބަރެވެ. ވީގޮތް ދެނަހުރި މީހަކު ނެތެވެ.
ކޮންމެއަކަސް މި ހާދިސާތަކުން ސާބިތުވަނީ މިބޭބޭފުޅުންގެ ގަޓުހުރިކަމެވެ. ނަޒާހަތްތެރިކަން ހުރިކަމެވެ. އެހެންވީމާ މީދޫގެ ތާރީޚު ލިޔާ މީހުންނަށް އޮތީ މީދޫއަކީ ގަޓުހުރި ފަނޑިޔާރުންގެ ރަށޭ ލިޔުމެވެ. އެކަކު ދެމީހަކު މިގިންތިން ބޭރުވެގެން ކޮށްފައިވާ ކަންތައްތަކަކުން ރަށުގެ ތާރީޚު ހުތުރުވާކަށް ނުޖެހެއެވެ. ގަޓުނެތް ބަޔަކު ފެނުނަސް ގިނައިން ތިބީ ގަޓުހުރި މީހުންނެވެ. އެހެންވީމާ މީދޫއަކީ ހަގީގަތުގައިވެސް ގަޓުހުރި ފަނޑިޔާރުންގެ ރަށެކެވެ.
ފަހުގެ ޚިޔާލުތައް