އާ ހޮސްޕިޓަލާމެދު ނުދެކެވޭ ބައެއްވާހަކަ
އައްޑު އަތޮޅު ހިތަދޫގައި އަޅަން އުޅޭކަމަށް ބުނާ ސަތޭކަ އެނދުގެ ހޮސްޕިޓަލާއި ބެހޭގޮތުން ލިޔެފައިވާ ވަރަށް ޝައުގުވެރި ކުރުވަނިވި ލިޔުމެއް ފެނިއްޖެއެވެ. އައްޑޫލައިވުގައި އައްޑޫ ބަހުން ލިޔެފައިވާ އެލިޔުން ފެނިފައި އަޅުގަނޑު ހިތަށް އަރައިފިއެވެ. އޭގައި ބައެއްވާހަކަތައް މަދެވެ. ގަސްތުގައި ދޫކޮށްލީ ކަމަށްވެސް ވެދާނެއެވެ. އެހެންވީމާ ނުބުނެ ދޫކޮށްލި ވާހަކަ ކޮންމެވެސް މީހަކު ބުނެދޭން ވާނެއެވެ.
އައްޑޫގައި އާ ހޮސްޕިޓަލެއް އަޅާވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ 2003 ގައެވެ. އެވާހަކަ ފެށުނީ 2005 ވަނަ އަހަރަކު ނޫނެވެ. އޭރު ސިޓީއެއް ނެތެވެ. ސިޓީ ކައުންސިލެއް ވެސް ނެތެވެ. އޭރު ހުރީ އަތޮޅު އޮފީހެކެވެ. ކަންކަން ނިންމަވާން ހުންނެވީ އަތޮޅުވެރިޔެކެވެ. މިވާހަކަ އެކި ގޮތަށް ދެކެވެމުން ތަރައްގީވަމުން އައިސް ހޮސްޕިޓަލް އަޅަން ޖެހޭ ބިން ރަޖިސްޓްރީ ކުރިއިރު ޒަމާން އޮތީ ބަދަލުވެފައެވެ. އޭރު ހުންނެވީ މިހާރުގެ ގޮތަށް މޭޔަރެކެވެ. އަދިވެސް ހުންނެވީ ހަމަ އެމޭޔަރެވެ.
އާ ހޮސްޕިޓަލް އަޅަން އިހުގެ އަތޮޅު އޮފީހުންވެސް ހުށަހެޅީ މާމެންދޫގައެވެ. ސަރުކާރުންވެސް ބޭނުންވީ އެގޮތެވެ. އޭގައި ސަބަބުތަކެއް ވެސް ހުއްޓެވެ. ބިން އޮތީ މާމެންދޫގައެވެ. އަތޮޅުގެ އެހެން ރަށްރަށުން މީހުން އައިސް ގޮސްވުމަށް ފަސޭހައީ މާމެންދޫގައި ހުރެގެންނެވެ. ކުރަން ޖެހޭ ދަތުރު ފަސޭހައީ އެގޮތުގައެވެ. ހުޅުމީދޫ މީހުން ލަފައި ފުރާ އާއްމު ބަނދަރަކީ ފޭދޫ ކަމަށްވުމުން އެމީހުންނަށްވެސް ފަސޭހައީ މިގޮތެވެ. މީން ބަޔަކު އިސްތިސްނާވާ ކަމަށް ވަންޏާ އެބަޔަކީ ހިތަދޫ މީހުންނެވެ.
މިގޮތަށް ވިސްނާފައި ބިމާއި ސަރަހައްދު ދިރާސާކޮށް ހެދުމަށްފަހު ދެން ސަރުކާރުން އުޅުނީ ފަންޑު ހޯދުމަށެވެ. ސައުދީ ސަރުކާރާއި އޯޕެކް ކޮންމެވެސް ފަންޑަކުން ފަންޑު ވެސް ދީފިއެވެ. އެ ދެފަރާތުން ފަންޑު ދިނީ ސަރުކާރުން ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަންތަކެއް ހުށައަޅައި އެ ޕްރެޒެންޓޭޝަނާއި މެދު ވިސްނައި ފިކުރު ކުރުމަށްފަހުގައެވެ. އެ ދެެބައިމީހުންނާއެކު ސޮއިކުރިއިރު ހޮސްޕިޓަލް އަޅަން ގަސްތުކުރާ ބިން އޮތީ ހެލްތު މިނިސްޓްރީއަށް ރަޖިސްޓްރީކޮށްދީ ނިމިފައެވެ.
މާމެންދޫން މިކަމަށްޓަކައި ބޭނުންވާ ބިން ހެލްތު މިނިސްޓްރީއަށް ސިޓީ ކައުންސިލުން ރަޖިސްޓްރީކޮށް ދިނީ 2010 ގައެވެ. މިލިޔުމުގައި ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރު ސޯބެއެވެ. އޭރުވެސް އަދި ލޯނު އެގްރިމަންޓުތަކުގައި ސޮއިކުރެވުނު އިރުވެސް މާމެންދޫ ނޫންތަނެއްގައި ހޮސްޕިޓަލް އެޅުމުގެ އެއްވެސް ވިސްނުމެއް އެއްވެސް ބަޔަކު ގެންގުޅެފައެއް ނެތެވެ. ސިޓީ ކައުންސިލުންވެސް އެނޫން ބިމެއްގެ ވާހަކަ ނުދައްކައެވެ.
ހިތަދޫގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލް 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ކޮންމެވެސް ބަޔަކު އަންދާލައިފިއެވެ. އެކަންކުރި ބަޔަކާ މެދު އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު އެކަން އޮތީ ކޮށްފައެވެ. ޕޮލިސް ޓްރޭނިން ސްކޫލް އަންދާލުމުން ކުއްލިއަކަށް ހިތަދޫގެ މެދުތެރޭން ބޮޑު ބިމެއް ހުސްވެއްޖެއެވެ. މި ބިން ހުސްވިއިރު އާ ހޮސްޕިޓަލް އަޅާނެ ބިން ރަޖިސްޓްރީވެ އެބިން ދައްކައިގެން ސަރުކާރުން އޮތީ ބޭރުގެ ފަންޑު ވެސް ހޯދައިފައެވެ. އެހެންވީމާ ޕޮލިސް ޓްރޭނިން ސްކޫލް ހުރިތަނުގައި ހޮސްޕިޓަލް އެޅުމުގެ ސުވާލެއް ވެސް ނުއުފެދެއެވެ. އުފެދޭކަށް ޖާގައެއްވެސް ނެތެވެ.
ޕޮލިސް ޓްރޭނިން ސްކޫލަކީ އެތަން އަންދާލުމާ ހަމައަށް ދާއިމީ ތަނެކެވެ. ވަގުތީ ތަނެއް ނޫނެވެ. އެހެންވީމާ ހޮސްޕިޓަލް އަޅަން ވަކި ބިމެއް ރަޖިސްޓްރީކޮށްދީ ހުރިހާކަމެއް ނިމިފައިވަނިކޮށް ޕޮލިސް ޓްރޭނިން ސްކޫލް ހުރިތަނުގައި އެ ހޮސްޕިޓަލް އަޅާ ވާހަކަ 2013 ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލުން ދައްކަން ފެށި ސަބަބު އަޅުގަނޑަކަށް ނޭގެއެވެ. ޔަގީންވަނީ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުންނާނެ ކަމަށެވެ.
އައްޑޫ ލޭންޑް ޔޫސް ޕްލޭނުގައި އޮތީ އާ ހޮސްޕިޓަލް ޕޮލިސް ޓްރޭނިން ސްކޫލް ހުރިތަނުގައި އެޅުމަށް ކަމަށް ދޭހަވާ ބީދަޔަކުން ދާދިފަހުން މޭޔަރު ސޯބެ ވަނީ މީޑިއާގައި ވާހަކަފުޅު ދައްކަވައިފައެވެ. އެވިދާޅުވާ ލޭންޑް ޔޫސް ޕްލޭނަކީ ދެހާސް ފަހެއް ހާހިސާބުގައި ބަޔަކު ތައްޔާރުކުރި ޕްލޭނެއް ފުރިހަމަކުރަމުން ކުރަމުން އައިސް 2010 ގައި އެމްޑީޕީގެ ވެރިކަމުގައި މާކުލަގަދަކޮށް ވިޝަން އައްޑޫގެ ނަމުގައި އިފްތިތާހު ކުރިއިރު އޭގެ ތެރޭގައި ހިމެނޭ ކޮމްޕޯނެންޓެކެވެ. މިކަންކުރިއިރު ޕޮލިސް ޓްރޭނިން ސްކޫލް ހަމަގަދަފަދަކޮށް ހުއްޓެވެ. މާމެންދޫން އާ ހޮސްޕިޓަލަށް އޮތީ ބިން ދީފައެވެ. އެހެންވީމާ އާ ހޮސްޕިޓަލް އަޅަން ބިން ހަމަޖެހިފައި އޮތީ ޕޮލިސް ޓެރޭނިން ސްކޫލް ހުރިތަނުގައި ކަމަށް އެ ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނުގައި އޮތީވިއްޔާ އެއީ ވަރަށްވެސް ބޮޑު އަޖައިބެކެވެ. އެކަން އެހެންވާންޖެހޭ ހަމައެއްވެސް ސަބަބެއް ނެތެވެ.
ލޭންޑް ޔޫސް ޕްލޭނުގައި އޮންނާނީ ހަމައެކަނި ހޮސްޕިޓަލް އަޅާ ބިމުގެ ވާހަކައެއް ނޫނެވެ. އެހެން ވާހަކަ ވާހަކަވެސް ހުންނާނެއެވެ. އޭގެ ތެރޭގައި އާގު ބޯޓުފަހަރު ގާތްކުރާ ބަނދަރެއްގެ ވާހަކަޔާއި މީހުން އައިސްގޮސްވުމަށް ޓްރާންސްޕޯޓް ހަބެއް އޮތުމުގެ ވާހަކަވެސް ހިމެނޭނެއެވެ. އެ ޕްލޭނުގައި އާގުބޯޓު ފަހަރަށް ޚާއްސަ ކުރެވޭ ބަނދަރު މިހާރުވެސް ހިތަދޫން އެފެންނަނީ އެވެ. އަތޮޅުގެ ޓްރާންސްޕޯޓް ހަބަކަށް ކަނޑައަޅާފައިވަނީ ހިތަދޫއެއް ނޫނެވެ. އެކަމަށް ހަމަޖެހިފައި އޮތީ ފޭދޫއެވެ. ފޭދޫއަކީ މިހާރުވެސް އަތޮޅުގެ ޓްރާންސްޕޯޓް ހަބެވެ. ހުޅުމީދޫ މީހުންނާއި ފުވައްމުލަކު މީހުންވެސް ބޭނުންކުރަނީ އެބަނދަރެވެ.
އެކަމަކު ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމުގައި އާ ހޮސްޕިޓަލް އަޅަން ސިޓީ ކައުންސިލުން ބާރުއަޅަން ފެށި ހިސާބުން ހުޅުމީދޫ މީހުންނާއި ފުވައްމުލަކު މީހުންވެސް އައިސްގޮސްވަނީ ހިތަދޫ މަނިކުފާލަން ބަނދަރުންކަމަށް ބަޔަކު ހަދައިފިއެވެ. ނުވަތަ އެގޮތަށް ދެއްކޭތޯ މަސައްކަތް ފަށައިފިއެވެ. ހޮސްޕިޓަލަށް ސީދާ ދަތުރުކުރާ ބަޔަކު ހިތަދޫއަށް ކައިރި ނުކުރާ ވާހަކައެއް ނޫނެވެ. އެކަމަކު ހުޅުމީދޫ މީހުންނާއި ފުވައްމުލަކު މީހުންގެ ތެރޭން އެފަރަށް ދަތުރުކުރާ 80 އިންސައްތަ މީހުން ބޭނުންކުރަނީ ފޭދޫ ބަނދަރެވެ. މިއީ ހަގީގަތެކެވެ.
އާ ހޮސްޕިޓަލާ ގުޅުން ނެތް ވާހަކައެކެވެ. އެކަމަކު ގުޅުވައިލީމާ ގުޅިދާނެއެވެ. އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ސިޓީ ކައުންސިލްގެ އިންތިޚާބާ ދިމާކޮށް ބައެއް ޒާތުގެ ސިއްރު އެއްބަސްވުންތަކެއް ހެދިފައިވެއެވެ. ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނަށް ޚަރަދު ކުރުން ޝަރުތުކޮށް ވިޔަފާރި ހިންގުމަށްޓަކައި ބޭނުންވާ ބިން ދޫކުރުމަކީ މިއެއްބަސްވުންތަކުގެ އަސްލެވެ. މިގޮތުން ޓޯރަންޓާއި ކެފޭ އަދި މިނޫނަސް ވަކި ބާވަތެއްގެ ވިޔަފާރިއަށް ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމުން ތަންތަންކޮޅު ދޭން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މި ބިންތައް އަދި މުޅީން ހަވާލުނުކޮށް ހުއްޓަސް މިއީ ދޭން ޖެހޭ ބިންތަކެވެ. އެހެންވީމާ މިބިންތައް ދީ ނިމޭއިރު ޕޮލިސް ޓްރޭނިން ސްކޫލްހުރި ބިމުގެ ބޮޑު ސަރަހައްދެއް ހުހަކަށް ނޯންނާނެއެވެ. މި ބިންތައް ދިނުން ލަސްވަނީ ހޮސްޕިޓަލްގެ ކަންތައް އަދިވެސް ކޮޅެއްގައި ނުޖެހޭތީއެވެ. ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ހަމަފެށޭއިރަށް މިމަސައްކަތްވެސްފެށޭނެއެވެ.
ވަރަށް ދިގު ވާހަކައެއް ނިންމައިލުމުގެ ކުރިން އެއްކަމެއް ހަނދާންކޮށްދޭނަމެވެ. ހިތަދޫގައި އަޅާ ހޮސްޕިޓަލަކަށްވިޔަސް އެއީ މުޅި އަތޮޅުގެ ހޮސްޕިޓަލެވެ. އެތަން އަޅަންވާ ތަނާއި އަޅަން ޖެހޭގޮތާއި މެދު އޮންނާނީ ވަކި ބައެއްގެ ޚިޔާލެއް ނޫނެވެ. އެންމެ ކުރީގައި ހޮސްޕިޓަލް އެޅިއިރުވެސް ވިޔާނުދާ މަގަކުން މިކަން އޮތީކޮށްފައެވެ. އަތޮޅުވެރިޔާގެ ގެއާ ޖެހިގެން ހޮސްޕިޓަލް އެޅީމާ އެތަން އެޅުނީ ފުއްޓަރު ފަރާތުން ފަރުމަތީގައެވެ. ނަތީޖާއަކީ އިކުވިޕްމަންޓްސްގައި އަވަހަށް ދަބަރުޖަހައި ހަލާކުވުމުގެ ސްޕީޑް އަވަސްވުމެވެ.
މިފަހަރު ތިޔަހެން ހަދަން ނޫޅޭށެވެ. ޕޮލިސް ޓްރޭނިން ސްކޫލަކީ އިހުމޫދެވެ. އެއީ ހިއްކާފައި އޮތް ބިމެކެވެ. މާމެންދޫން މިކަމަށް ނަގާފައިއޮތް ބިމަކީ ހިއްކާފައި އޮތް ބިމެއް ނޫނެވެ. އެތަނުގެ ފެންވެސް ރަނގަޅެވެ. އެހެންވީމާ މިހާރުނަގާފައި އޮތް ބިމަށް އެކްސްޓެންޝަނެއް ދޭން ޖެހިދާނެހެން ހީވެ އެފުރުސަތު ނުދޭންވެގެން 2013 ވަނައަހަރުން ފެށިގެން ސިޓީ ކައުންސިލުން އެބިމާ ޖެހިގެން އޮތް ހުސް ބިމުން ގޯތިދޭން ފެށި ފެށުންވެސް ހުއްޓައިލާށެވެ. އެއްބާރުލުން ދޭށެވެ. އެއްބާރުލުން ދީގެން ތިބެ ދެން މިކަން ނުކުރެވުނީމާ ފާޑުކިޔަން ތިބޭށެވެ.
ފަހުގެ ޚިޔާލުތައް