ޖިންސުއްލަތީފުންނަށް އިބްރަތެއް

އަހަރެންނަކީ ރާއްޖެތެރޭގެ ރަށަކަށް އުފަން އަންހެން ކުއްޖަކީމެވެ. އަހަރެންގެ މައިންބަފައިން، އަހަރެން މާލެއަށް ކިޔަވަން ފޮނުވީ ވަރަށް ބޮޑު އުއްމީދު ތަކަކާއި އެކުގައެވެ. އެހެން ކަމުން އަޅުގަނޑުވެސް އައީ އަޅުގަނޑުގެ ތަޢުލީމީ ހަޔާތް ކާމިޔާބު ކުރުމަށްޓަކައި ހިތްވަރާއި އަޒުމާއި އެކު މަސައްކަތް ކުރަމުންނެވެ. ސްކޫލްގެ އެއްގުރޭޑުން އަނެއް ގްރޭޑަށް ބަދަލުވަމުން ދިޔައީ ވަރަށް ރަނގަޅު ނަތީޖާ އާއިއެކު، ކުލާހުގެ ޓޮޕް 5 ގައި އަބަދުވެސް ހިމެނިގެންނެވެ.

ކޮންމެއަކަސް، އަޅުގަނޑު ސީ.އެޗް.އެސް.އީ ގެ ފަހު އަހަރުގައި ކިޔަވަމުން ދިޔައިރު، ލޯބީގެ ގޮތުން ފިރިހެން ކުއްޖަކާ އަހަރެންނަށް ރައްޓެހި ވެވިއްޖެއެވެ. އެފިރިހެން ކުއްޖާއަކީ މާލޭގެ ރަގަޅު އަދި މުއްސަނދި އާއިލާއެއްގެ ޒުވާން ކުއްޖެކެވެ. އެކުއްޖާ އަހަރެން ދެކެލޯބިވީ އެއިގެ އެންމެ މަތީ ދަރަޖައަށް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނެވެ. އަދި އެހެންމެ އަހަރެންވެސް އެކުއްޖާ ދެކެ އިންތިހާއަށް ލޯބިވީމެވެ. އަހަރެމެން ދެމީހުންގެ ލޯތްބަށް އެއް އަހަރުވީ ފަހުން އަހަރެން ވަރަށް ބޮޑަށް ބަލިވެގެން އުޅެން ޖެހުނެވެ. އެހެންކަމުން އަހަރެންގެ “ލޯބިވެރިޔާ” އަހަރެން ގޮވައިގެން ބޭސްކުރުމުގެ ނަމުގައި އެމެރިކާއަށް ދިއުމަށް ނިންމިއެވެ. އަހަރެމެންގެ ލޯބީގެ ގުޅުމަށް މަންމައާއި ބައްޕަވެސް ނިހާޔަތަށް ގަބޫލު ކަމުން އެމީހުންގެ ރުހުން ލިބުމުން، އަހަރެމެން ދެމީހުން އެމެރިކާއަށް ފުރީމެވެ. އަޅުގަނޑުގެ ސިއްހީ ހާލަތު ބަލިކަމަށް ވިޔަސް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކާއި އެކުއެވެ.

އެމެރިކާގެ ހުރިހާ ޒުވާނުންގެ ލޯތައް އެފަރާތަކަށް ހުއްޓިފައިވާ އެތާގެ އެންމެ ހިތްގައިމު “މިސިސިޕީ” ކޯރުގެ އައްސޭރީގައިވާ ހޮޓަލެއްގެ ފަސްވަނަ ފްލޯއެވެ. މިހޮޓަލުގެ ފަސްވަނަ ފްލޯގެ ބެލްކަނީގައި އިންނަ އިރު އަހަރެންނަށް ފެންނަ މަންޒަރުތައް ކިތަންމެހާވެސް ހިތްގައިމެވެ. ހާއްސަކޮށް ހަވީރުގެ ވަގުތުތައް ވަކިން ހިތްގައިމެވެ. އެގުދުރަތީ ކޯރުގެ ހަމަހިމޭން ރާޅުތައް ކުޅެމުން ގެންދާ މިއުޒިކުން މުޅި އެމާހައުލަށް މޫސީގީކަން ގެނެސް ދެއެވެ. އެމާހައުލުގެ ވަށައިގެން އުޅޭ ދެޖިންސުގެ ޒުވާނުންގެ ހިތްތަކަށް ލޯބީގެ މަސްތުކަން ވެރި ކުރުވައެވެ.

އެއްދުވަހެއްގެ ހަވީރެއްގެ ވަގުތެކެވެ. އަހަރެން އިނީ ބެލްކަނީގައި ހުރި ސޯފާއެއްގައި އިށީދެގެންނެވެ. އެއިރު އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަ ކޯރާއި އަދި އެކޯރުގެ ވަށައިގެންވާ މާހައުލަށެވެ. ވަގުތަކީ ހަވީރުގެ އެންމެ ހިތްގައިމު ވަގުތު ކަމަށްވެފައި، އަހަރެންވެސް މިއަސަރުގަދަ މަންޒަރުގެ ޖާދޫގައި ޖެހިފައި އިންދާ އަހަރެންނަށް ކުއްލިއަކަށް ހޭވެރިކަން ވެއްޖެއެވެ. ފެންނަމުންދިޔަ ލޯބީގެ މަންޒަރުތަކުން ހިތްނުތަނަވަސްވީއެވެ. އަހަރެންގެ ލޯބިވެރިޔާ އަހަރެންނާމެދު ކަންތައްކުރި ގޮތް ހަނދާނަށް އައީއެވެ. ދެންއެމަންޒަރު ތަކުންވެސް އިތުރަށް އަހަރެންގެ ހިތައް އުފަލެއް ހަމަޖެހުމެއް އިހްސާސެއް ނުކުރެވުނެވެ. މުޅިދުނިޔެ ދެކެވެސް ފޫހިވެއްޖެއެވެ. އަހަރެންނަށް ރޮވޭގޮތް ވެއްޖެއެވެ. އަހަރެންގެ ލޯބިވެރިޔާގެ ގައިގަ އޮޅުލާގަނެގެން ރޯންވެސް ހިތްއެދުނެވެ.  ނަމަވެސް އެއިރު އޭނާވީ ބިޒިނަސް ދަތުރެއްގެ ނަމުގައި އެހެން ސްޓޭޓަކަށް އަހަރެން ދޫކޮށް މާދުރަށް ގޮހެވެ. އެހެންކަމުން އަހަރެން ހިތްވަރު ކުރީމެވެ. އަޒުމް ގަދަކުރީމެވެ. އެއަށްފަހު އަހަރެން އޭނާއަށް ސިޓީއެއް ލިޔަން ފެށީމެވެ. އެސިޓީގައި އަހަރެން ލިޔުނީމެވެ.

“ހަޔާތުގެ އެންމެ ފުރަތަމަ ލޯބިވެރިޔާ ކަމަށްވި ސުޒޭން އެވެ. އަހަރެން މިސިޓީ ލިޔަން މިފެށީ މިސީޓީއަށްފަހު ކަލާއަށް އަދި އަހަރެންނަށްވެސް އެއްވެސް އުފަލެއް އިހްސާސްކުރެވޭނެ ކަމަށް ހީވެފައި އޮވެގެނެއްނޫނެވެ. ހަމައެކަނި އެފިރިހެން ކުއްޖަކަށްޓަކައި އަހަރެން އަބަދު ހެޔޮދުއާކުރާ ” ޒުވާނާ” އާދެ ކަލާގެ ހިޔާނާތްތެރި ކަމާއި ބޭވަފާތެރި ކަމުގެ ވާހަކަ އޮރިޔާން ކޮށްލުމަށްޓަކައެވެ.

ސުޒޭންއެވެ. ދެންވެސް އިތުރަށް އަހަރެން އޮޅުވާލައިގެން ކަލާގެ މަކަރުވެރި ޖާދޫގައި ޖައްސަން ނޫޅޭށެވެ. ކަލާގެ ކެހިވެރިކަމުގެ ޝިކާރައަކަށް ދެނެއް އަހަރެން ނުވާނަމެވެ. ލައްކަދުވަސް ވަންދެން ކަލާ ތިޔަގޮތަށް އަހަރެން ގޮވައިގެން އުޅެފީމުއެވެ. ސްޒޭންއެވެ. އަހަރެންނަށް ކަލާ ދަސްވެއްޖެއެވެ. ކަލާގެ އުޅުންވެސް ތަޖްރިބާ ކުރެވިއްޖެއެވެ.

ކަލާ އަހަރެން ގޮވައިގެން ބޭސްކުރުވުމުގެ ނަމުގައި މިތަނަށް، އާދެ އެމެރިކާއަށް އައިސް ކަލާ އުޅުނުގޮތް، ކަލާކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނު ކަމުގައި ވިޔަސް އަހަރެން ދެނެހުރީމެވެ. އަހަރެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު އެތާގެ ނާސް އަންހެން ކުއްޖަކާއި އެކު އުޅުނު އުޅުންވެސް ދެނެހުރީމެވެ. އެމެރިކާގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އެލެގްޒަންޑްރާ ހޮޓަލުގައި، “ރިބެކާ” ނަމަކަށް ކިޔާ އަންހެން ކުއްޖަކާއިއެކު ނެށިނެށުންވެސް ދެނެހުރީމެވެ. ލޮލުންފެނި އަތުން ނުހިފުނަސް ހުރިހާ ކަމެއް ދެނެހުރީމެވެ. ކަލާގެ ބޭބެއަށް ސިޓީ ޕޯސްޓްކުރުމުގެ ނަމުގައި ގެއިން ނިކުންނައިރު، ބޭބެގެ ނަމާއި އެޑްރެސް ޖަހާފައި އޮންނަ ސިޓީ އުރައިގައި އެންމެ ފަހުން ޕޯސްޓަށްދާއިރު އޮންނަ އެޑްރެސްވެސް ދެނެހުރީމެވެ. މިކަން ކިތަންމެ ރަގަޅަކަށްވެސް އަހަރެން ހޯދައިފީމެވެ. ލޯބީގެ ހަނދެއްފަދަ ރިބެކާއެވެ. އަހަރެންގެ ދިރިހުރުމުގެ ކާނާކަމުގައި ތިޔަ ރިބެކާ ވެއްޖެއެވެ. އަދި ………… ‘  މިފަދަ އެތައް އިބާރާތަކުން ކަލާ ލިޔަން ފަށާފައި އަދި ނުނިމި އޮތް ސިޓީވެސް ޚުދު އަހަރެންގެ ދެލޮލުން ދެކުނީމެވެ. ހަމައެކަނި މިކަންވެސް ކަލާގެ ބޭވަފާތެރި ކަމާއި ދޮގުވެރި ކަމުގެ ހެއްކަކަށް ފުދޭނެއެވެ. ސްޒޭންއެވެ. ކަލާއަކީ ކުށްވެރިއެކެވެ. ދޮގުވެރިއެކެވެ. ބޭވަފާތެރިއެކެވެ. ދޮގުވެރި މަކަރުވެރިއެކެވެ. އަދި އަނިޔާވެރިއެކެވެ. ކަލާއަކީ އަންހެން ކުދިން ޝިކާރަކޮށް ވާވެއްދުން އުފަލެކަށް ވެފައިވާ ޒުވާނެކެވެ. ކަލާގެ ތިޔަ ނުބައި މަގުސަދު އަހަރެންނަށް އެގުނު ދުވަހުން ފެށިގެން ކަލާ އާއި ވަކިވާން އަހަރެން މަސައްކަތް ފެށީމެވެ. ކަލާގެ ތިޔަ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަށް ވާން އަހަރެން މިފެށި މަސައްކަތް، މިސިޓީގެ އެންމެ ފަހު ފޮޅުވަތާއި ހަމައިން އަހަރެން ކާމިޔާބު ކުރާނަމެވެ.

ކަލާއަށް އަހަރެންގެ”ހަށިގަޑުގެ މީރުކަމުން” ތިއްކަކަށް ފަހު ތިއްކެއް ފެލާލައިގެން ނުބޮވެނީސް ކަލާއާއި ވަކިވިކަން ހާދަހާވެސް ރަގަޅެވެ. އެކަމަށްޓަކައި އަހަރެން ޝުކުރުވެރި ވަމެވެ. ދުނިޔޭގައި އަންހެން ކުދީންނަކީ ފިރިހެނުން ހެދިހާ އެއްޗެއް ހެދިގެން، ފިރިހެނުންގެ މަކަރުވެރި ދަލުގައި ޖެހުމަށްފަހު ނިކުންނާނެ ގޮތެއް ނޭގި، ހިތާމަކޮށްކޮށް މުޅިހަޔާތް ބަރުބާދުކުރާ ބައެކެވެ. ނަމަވެސް އަހަރެންނަކީ އެފަދަ ކުއްޖަކީމެއް ނޫނެވެ. ނިކަމެތި ކަމުގެ ނަމުން ނަން ލިބިގެންވާ އަންހެންކުއްޖަކަށް ވިޔަސް އަހަރެންނަށް ހިތްވަރާއި އަޒުމް ލިބިފައިވެއެވެ. އެއަޒުމުގައި ގަދައަށް އަހަރެން ހިފެހެއްޓީމެވެ. ކަލާ އަހަރެންނަށްވީ ބޭވަފާތެރި ކަމުގެ ބަދަލު ހިފުމަށް އަހަރެންނަށް އެހީތެރިވެދިނީ އެވަރުގަދަ އަޒުމެވެ. އެހެން ކަމުން ލޯބީގެ ދުނިޔޭގައި އަހަރެންނަކީ ޣާޒީއެއްގެ  ލަގަބު ލިބިގެންވާ އަންހެން ކުއްޖަކީމެވެ. އެކަމަށްޓަކައި ޚުދު އަހަރެން އަމިއްލައަށް ފަޚުރުވެރިވަމެވެ. ކަލާގެ ތިޔަބޭވަފާތެރި ހަޔާތުގެ އެއްފަރާތުގައި އުޅެން ޖެހުނުނަމަ ޖަންގަލީގައި ފޮޅުނު ފިނިފެން މަލެއްގެ ހައްގުވެސް އަހަރެންނަށް ނުލިބުނީހެވެ. ސްޒޭންއެވެ. އަހަރެން ކަލާ ދެކެ ލޯބިވީމެވެ. އެއިގެ އެންމެ ފުރިހަމަ މާނާގައެވެ. ނަމަވެސް މިއަދު އަހަރެންނަށް މިޖެހުނީ އެލޯބި އަހަރެންގެ ހިތުން ފޮހެލުމަށެވެ. އެހެން ކަމުން މިސިޓީގެ އެންމެފަހު ފޮޅުވަތުގެ އެންމެފަހު އަކުރާއި ހަމައިން އަހަރެން ކަލާގެ ބޭވަފާތެރި ހަޔާތާއި ވަކިވެއްޖައީމެވެ.

އެއަންހެން ކުއްޖަކަށްޓަކައި ކަލާބޭވަފާތެރިވި
“ނީނާ ރަޝީދު”
31 މެއި 1991

You may also like...

Leave a Reply

Your email address will not be published. Required fields are marked *