ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 13
ސުވާދީބު ޖުމްހޫރިއްޔާގެ ސިފަތައް
ސުވާދީބު އުފެދުނު ގޮތް ކުރީގެ ބާބެއްގައި ބަޔާން ކުރެވިއްޖެއެވެ. ކޮންމެ ގޮތަކަށް ސުވާދީބު އުފެދުނު ކަމުގައިވިޔަސް އެ ޖުމްހޫރިއްޔާގައި ޒަމާނީ ސިފަތަކެއް ހުއްޓެވެ. މާލޭގައި ގާއިމްވެފައި އޮތް ދިވެހި ދައުލަތުން ނުކުރާ ނުވަތަ ނުކޮށް ދޫކޮށްލައިފައިވާ ކިތަންމެ ކަމެއް ސުވާދީބު ޖުމްހޫރިއްޔާއިން ކުރިއެވެ. އެހެންވީމާ ޒަމާނީވަންތަކަން ބޮޑަށް ފާޅުވާން ހުރީ ސުވާދީބުގެ ނިޒާމުގެ ތެރެއިންނެވެ. މިކަންކަން އިބްރާހިމް ނާސިރު ވަރަށް ރަނގަޅަށް ނޯޓުކުރެއްވިއެވެ. އަދި އެކަންކަން ވަރަށް އަވަހަށް މާލޭގައިވެސް ގާއިމް ކުރެއްވިއެވެ.
މާލޭގައި ހަސްފަތާލެއް ނެތެވެ. ސުވާދީބުގައި ހަސްފަތާލެއް ހުއްޓެވެ. މާލޭގައި ބޭންކެއް ނެތެވެ. ސުވާދީބުގައި ބޭންކެއް ހުއްޓެވެ. މާލޭގައި ޒަމާނީ މުވާސަލާތީ ވިޔުގައެއް ނެތެވެ. ސުވާދީބުގައި އެފަދަ ވިޔުގައެއް ހުއްޓެވެ. މާލޭގައި ޒަމާނީ އެއަރޕޯޓެއް ނެތެވެ. ސުވާދީބުގައި އެފަދަ އެއަރޕޯޓެއް އޮތެވެ. ރާއްޖޭގައި މަސްވެރިކަމަށް ނުކުމެ އުޅުނީ ރިޔަލާއި ފަލީގައެވެ. ސުވާދީބުގައި ވެސް އެކަންއޮތީ އެހެނެވެ. އެކަމަކު ދޯނިފަހަރުގައި އިންޖީނު އަޅާވާހަކަ ސުވާދީބުން ދެއްކިއެވެ. ރާއްޖޭގައި ފަތުރުވެރިކަމެއް ނެތެވެ. ސުވާދީބަކުވެސް ނެތެވެ. އެކަމަކު އާމްދަނީ ހޯދަން ފަތުރުވެރިކަން ތައާރަފްކުރުމުގެ ވާހަކަ ސުވާދީބުން ދެއްކިއެވެ. މާލޭގައި ހުންނަވަނީ ބޯދާ ސްޓައިލުގެ ރަނޑު ރަސްކަލެކެވެ. ސުވާދީބުގައި ހުންނަވަނީ ޒަމާނީ ރައީސެކެވެ. މިކަންކަން ހިމެނުނީ ނާސިރުގެ ލޯ ހުޅުވާން މަޖުބޫރުވި ކަންކަމަށެވެ. އެހެންކަމުން ސުވާދީބުގެ ކަންތައް ހަމަޔަކަށް އެޅުމާއެކު ނާސިރު ވަނީ މިކަންކަން ވަރަށް އަވަސް ސްޕީޑެއްގައި މާލޭގައިވެސް ތައާރަފް ކުރައްވައިފައެވެ. އެވާހަކަ އަދި ފަހުން ގެންނާނަމެވެ.
ސުވާދީބު އުވިގެން ދިޔުން
ސުވާދީބު އުފެއްދީވެސް އިނގިރޭސިންނެވެ. ހަމައެގޮތަށް ސުވާދީބު ނިމުމަކަށް ގެނައީވެސް އިނގިރޭސިންނެވެ. ސުވާދީބު ޖުމްހޫރިއްޔާ އުވުމުގެ ފެށުމަކީ ގަމުގައި ހުންނެވި އިނގިރޭސި ސިޔާސީ މަންދޫބު ރައުންތަވެއިޓް މަރަދޫ ރައްޔިތުންނަށް އެންގެވި އެންގެވުމެކެވެ. މަރަދޫއަށް މިއެންގެވުން އެންގެވީ ރަސްމީ ގޮތުން އަތޮޅުގެ ވެރިރަށަކީ މަރަދޫ ކަމަށް ވުމާއި އަތޮޅުގެ ހެޑްކުއާޓަރަކީ މަރަދޫ ރަތްވިލާގެ ކަމަށް ވުމުންނެވެ. އޭނާ އެންގެވީ ސުވާދީބު ދިދަ ބާލައި ދިވެހި ދައުލަތުގެ ދިދަ 24 ގަޑިއިރު ތެރޭގައި ނެގުމަށެވެ. މި މުހުލަތު ދިނުމުން ފޮތުން ބަލައިގެން މަރަދޫ ކުއްބާގެ އަހަންމާ ދިވެހި ދިދައެއް ފަހައި ތައްޔާރުކޮށްފިއެވެ. ފޮތި ދިނީ އިނގިރޭސިންނެވެ. ދިދަ ތައްޔާރުވުމާއެކު 23 ސެޕްޓެމްބަރު 1963 ވަނަ ދުވަހަށް އަދި އަލިވެސް ނުވިލެނީސް ދަންވަރު ތިނެއް ޖެހިއިރު މަރަދޫގައި ހުންނަ ރަތްވިލާގެއިން ސުވާދީބު ދިދަ ބާލައި ދިވެހި ދިދަ ނަގައިފިއެވެ. މިކަމެއް ކުރީ މަރަދޫ އެޅަދައިތާގެ އަލިފުތާ އާއި ހަސަންރަހާގެ އަހަންމާއެވެ.
ދިވެހި ދައުލަތުގެ ހުކޫމަތު މަރަދޫ މީހުން ގަބޫލުކުރިއަސް ސުވާދީބުގެ މައިމަރުކަޒު ކަމަށްވާ ހިތަދޫން ސުވާދީބުގެ ދިދަ ތިރިއެއް ނުކުރެއެވެ. ހިތަދޫގައި ބޮޑަށް އޮތީ ސުވާދީބު ރޫހެވެ. މިކަން ހައްލުކުރުމުގެ ގޮތުން އިނގިރޭސިން ބޭނުން ކުރި ބުއްދިއަކީ ގަމާއި މާމެންދޫގައި އިނގިރޭސިންގެ ވަޒީފާގައި ދެމިހުރެވުމުގެ އެންމެ އިސް ޝަރުތަކީ ދިވެހި ދައުލަތުގެ ހުކޫމަތު ގަބޫލު ކުރުންކަމަށް އިއުލާން ކުރުމެވެ. އެހިސާބުން ސުވާދީބު ދައުލަތް ސަންދޯކުގައި އެޅިއްޖެއެވެ. އެހިސާބަށް ދިއުމުން ސުވާދީބުގެ ރައީސް އަފީފު ދީދީ ވަނީ އޭނާއަށް ހިމާޔަތްދޭނެ ކަމަށް އިނގިރޭސިން ވައުދުވެ ދީފައި އޮތް ސިޓީ އިނގިރޭސިންނަށް ދައްކަވައިފައެވެ.
މިވައުދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އިނގިރޭސިން 30 ސެޕްޓެމްބަރު 1963 ގައި އެޗްއެމްއެސް ލޮކް ލޮމޮންޑް ކިޔުނު މަނަވަރުގައި އަފީފާއި އާއިލާ ގޮވައިގެން ސިޝެލްސްއަށް ފުރައިފިއެވެ. އެއީ މަރަދޫ ރަތްވިލާގޭގައި ދިވެހި ދައުލަތުގެ ދިދަ ނަގައި ސުވާދީބުގެ ދަށުން ނެއްޓިގަތްތާ ހަފުތާއެއް ފަހެވެ. އަފީފު ގޮވައިގެން ފުރުމުގެ ކުރިން އިނގިރޭސިން އަފީފު ލައްވައި ކުރުވި އެެންމެ ފަހު މަސައްކަތަކީ ގަމުގައި ތައްޔާރުކުރި ދިވެހި ދިދަ ހިތަދޫއަށް ގެންގޮސް ހިތަދޫގައި ނެގުމެވެ. އެކަން ކުރީ މަރަދޫގައި ދިވެހި ދިދަ ނެގިތާ ހަފުތާއެއް ފަހުންނެވެ. އެއީ އަފީފު ފުރި ދުވަހެވެ.
ސިޝެލްސްގައި އަފީފުގެ އުޅުއްވުން
އަފީފު ފުރާވަޑައިގެންނެވި މަނަވަރަކީ ކުރިންވެސް ލިޔެވުނު ގޮތަށް އެޗްއެމްއެސް ލޮކްލޮމޮންޑް އެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މާލެއިން ނުވަތަ އައްޑު އަތޮޅުން އިނގިރޭސި އަސްކަރީ މަރުކަޒަށް އަތުވެދާނެ ލޮޅުމަކުން ގަން ދިފާއު ކުރުމަށްޓަކައި އިނގިރޭސި ކަނޑުގެ ސިފައިން އެކި ފަހަރުމަތިން ފޮނުވި ގާޑްޝިޕުގެ ތެރެއިން މަނަވަރެކެވެ. އެދުވަސްވަރު ގަން ގާޑުކުރުމުގެ މަސްއޫލިއްޔަތު އޮތީ ލޮމޮންޑަށެވެ.
މަނަވަރަށް އަފީފާއި އަފީފުގެ އާއިލާ އެރުވީ އެ އާއިލާގެ ލަގެޖު ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހުގައެވެ. އެކަން އިނގިރޭސިން ކުރީ އަފީފު ފުރުމަށްފަހު ސުވާދީބުގެ ބޭންކު ހުސްކޮށްފިއޭ ނުވަތަ އައްޑޫ ޓްރޭޑިން ކޮމްޕެނީ ހުސްކޮށްގެން ފުރީއޭ ފަހުންވެސް ބަޔަކު ބުނެފާނެތީ އެޒާތުގެ ތުހުމަތުތަކުން އަފީފު ސަލާމަތްކުރުމާއެކު ހަގީގަތުގައިވެސް އަފީފަކީ އަމާނާތްތެރިއެއްތޯ ޔަގީން ކުރުމަށެވެ. މި ފާސްކުރުމަކުން އަފީފާއި އާއިލާގެ އަންނައުނާއި ކޮންމެހެންވެސް ބޭނުންވާ އަސާސީ ތަކެތި ފިޔަވައި އެހެން އެއްޗެއް ނުފެނުނެވެ.
އަފީފުގެ އަރިހުގައި އޭނާ އާއި އާއިލާ ސިޝެލްސްގައި ވަޒަންވެރިކުރުވުމަށް ދިޔައީ ގަމުގައި މަސައްކަތްކުރި ސިޝެލްސް މީހެއްކަމަށްވާ މިސްޓަރ ހިޓީއެވެ. ލޮކް ލޮމޮންޑު މަނަވަރު ސިޝެލްސްއަށް ލެފީ ގަމުން ފުރިތާ ފަސް ދުވަސް ފަހުން 4 އޮކްޓޫބަރު 1963 ގައެވެ. އަފީފުގެ އާއިލާކަމުގައި ހިމެނުނީ އަނބިކަނބަލުންނާއި ތިން ކުދިންނާއި އަފީފެވެ. ފަހުން ސިޝެލްސްގައި އިތުރު ދެ ކުދިން ލިބިވަޑައިގަތެވެ. ސިޝެލްސްގައި އަފީފު ހުންނެވީ އިނގިރޭސި ޕެންޝަނަރެއްގެ ގޮތުގައެވެ. އެތަނަށް ވަޑައިގެންނެވިއިރު އަދި ސިޝެލްސްއަށް އިނގިރޭސިންގެ އަތްދަށުން މިނިވަންކަމެއް ނުލިބެއެވެ. ސިޝެލްސްއަށް މިނިވަންކަން ލިބުނީ އަފީފު ސިޝެލްސްއަށް ވަޑައިގެންނެވިތާ ތޭރަ އަހަރު ފަހުން 1976 ގައެވެ. ސިޝެލްސްގައި ހުންނެވިއިރު ވެސް އަފީފަކީ ސިޝެލްސްގެ މައްޗަށް އިނގިރޭސި ވެރިކަން އޮތުމަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަފީފު ބޭނުންތާކަށް ބޭނުން އިރަކު ވަޑައިގަތުމުގެ ހުއްދަ އިނގިރޭސިން އޮންނަނީ ދީފައެވެ. އަފީފު އިނގިރޭސިވިލާތުގެ ފަސްގަޑުގައި ފައި ބީއްސާލި ކަމަށް އެނގިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ ސިޝެލްސްގައި ހުންނަވާފައި ބޭސްފަރުވާގެ ދަތުރުފުޅެއްގައި 1965 ވަނަ އަހަރު ލަންޑަނަށް ވަޑައިގަތް ވަޑައިގަތުމެކެވެ. ވަޑައިގަތީ އަނބިކަނބަލުން އަނީސާއާ އެކުގައެވެ.
ސިޝެލްސްއަށް މިނިވަންކަން ދިނުމާއި ބެހޭ ގޮތުން ލަންޑަނުގައި އިނގިރޭސިންނާއި ސިޝެލްސްގެ ވަފްދު މަޝްވަރާ ކުރިއިރު އަފީފާއި އޭނާގެ އާއިލާއާ ބެހޭ ގޮތުން ސިޝެލްސްގެ ވަފްދުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަފީފުގެ އާއިލާ ސިޝެލްސް އިން ގެންދިއުމަކަށް ޑިމާންޑެއް ނުކުރެއެވެ. އެގޮތަށް ޑިމާންޑް ކުރިނަމަ އަފީފާއި އޭނާގެ އާއިލާ އިނގިރޭސިވިލާތަަށް ގެންގޮސް ވަޒަންވެރި ކުރުވަން އިނގިރޭސިންނަށް މަޖުބޫރުވާނެއެވެ.
އަފީފު ސިޝެލްސްގައި ހުންނެވީ ނުހަނު އުފަލުންނެވެ. އޭނާގެ ޕެންޝަން ފައިސާ ބަރާބަރަށް ލިބިވަޑައިގަންނަވައެވެ. ކުދިން ދަނީ ފެންވަރުގެ ސްކޫލްތަކަށެވެ. ބަލިވީމާ ދަނީ އެކަށީގެންވާ ޑޮކްޓަރުންނާއި ވަސީލަތް ހުރި ހޮސްޕިޓަލް ތަކަށެވެ. އޭރުވެސް ދިވެހިރާއްޖެއަށް ވުރެ ސިޝެލްސްގައި ތައުލީމާއި ސިއްހަތުގެ ކަންތައް މާބޮޑަށް ވެސް ރަގަޅެވެ.
އަފީފު ފުރުމުން ނާސިރު ކަންތައް ކުރެއްވިގޮތް
އަފީފު ފުރާވަޑައިގަތްކަން އެނގުމުން މާލޭ ސަރުކާރު އައީ މާވަރުގަދަ ރުޅިއެކެވެ. އެއީ އަފީފު އަތުނުޖެހުނުކަން އެގުމާއި އިނގިރޭސިން ދިވެހި ސަރުކާރަށް ދިނީ ދޯކާއެއްކަން ޔަގީންވުމުންނެވެ. މި ރުޅީގައި އައްޑޫ ކަންތައް ހަމަޖައްސަން ސަރުކާރުގެ ވަފުދެއް ފޮނުވަން ނާސިރު އިންކާރު ކުރެއްވިއެވެ. ނާސިރު އެދިވަޑައިގަތީ އަފީފު ރާއްޖެ ގެނައުމަށެވެ. އައްޑޫގައި އަފީފާއި ދެކޮޅަށް ތިބި ބައެއް މީހުންވެސް އަފީފު ގެންނަން ބާރު އެޅިއެވެ. ނާސިރުގެ ޝަރުތަކީ އަފީފު ގެންއުން ކަމަށްވެފައި އަފީފު ނުގެންނަނަމަ ނާސިރުގެ ފަރާތުން އައްޑޫ އަށް ދުއްތުރާކުރުން ބޮޑުވާނެކަން ޔަގީން ކުރެވޭތީ އައްޑޫގެ ކުރިއަށް ތިބި ބައެއް މީހުން ބުނަމުން ދިޔައީ އަތޮޅުގައި އޭރު ތިބި އަށެއްކަ ހާސް މީހުންނަށް ވުރެ އަފީފު މުހިއްމު ވެގެން ނުވާނެ ކަމަށާއި އަފީފު ގެންނަން ޖެހޭނެ ކަމަށެވެ.
ނާސިރު މިގޮތަށް ވިދާޅުވިޔަސް އަދި އައްޑޫއާ ދޭތެރޭ ނާސިރުގެ ހިތް ސާފުވާނީ އަފީފު މާލެއާ ހަވާލުކޮށްގެން ކަމަށް އައްޑޫގެ ބައެއް މީހުން ފާޅުގައި ބުނަމުން ދިޔަކަމަށް ވިޔަސް އިނގިރޭސިން އެކަމަށް އެއްބަހެއް ނުވިއެވެ. އޭރު އައްޑޫގެ ކަންތައް ހަމަޖެއްސުމަށް މާލޭ ސަރުކާރާއި ވާހަކަ ދައްކަން އިނގިރޭސި ސަރުކާރުން ފޮނުވާފައި ތިބި ދެމީހުންގެ ތެރެއިން އެކަކީ އާތިންޓަން ޑޭވީ އެވެ. އޭނާގެ ކަމަކީ ގަމުން މާލެއަށް ދަތުރުކޮށް ނާސިރުގެ ސަރުކާރާ ވާހަކަ ދެއްކުމެވެ. ވަކި ހިސާބަކުން ނާސިރު އޭނާއާ ވާހަކަ ދެއްކެވުން ހުއްޓަވައިފިއެވެ. މާލޭ ރައްޔިތުން ނެރެގެން ދެން އޮތީ އާތިންޓަން ޑޭވީއާ ދެކޮޅަށް މުޒާހަރާ ކުރުމެވެ. މިހެންވެ ބައެއް ފަހަރު ދޫނިދޫގައި އާތިންޓަން ޑޭވީ އާއި އޭނާގެ ޓީމު ބަންދުވެގެންވެސް ތިބޭން ޖެހޭ ފަހަރު އާދެއެވެ.
ސުވާދީބު ދައުލަތް އުފެއްދި މީހުންނަށް ދިވެހި ދައުލަތުގެ ފަރާތުން މުހައްމަދު ފަރީދު މައާފު ދެއްވިއަސް އެއީ ނަމެއްގައި ދެއްވި މާފެކެވެ. ދޭތެރެއަކުން އައްޑޫގައި ކުރިއަށްތިބޭ ބައެއް މީހުން މާލެ ގެނެސް އެކިކަންކަމުގައި ކުށްވެރިކޮށް އަރުވައި ހެދިއެވެ. މިގޮތުން ގަމުގައި ހުންނަ ދިވެހިންގެ ލޭޒަން އޮފިސަރ ހިތަދޫ މުހައްމަދު ސައީދު މާލެ ގެންގޮސް ގޮއިދޫއަށް އަރުވައިވެސް ލިއެވެ. އަދިވެސް މިފަދަ ކިތަންމެ ބައެކެވެ.
އަފީފު މާލެއާ ހަވާލުކުރަން އިނގިރޭސިން އެއްބަސްނުވީމާ ދެން ނާސިރުގެ ސިޔާސަތަކަށްވީ އަފީފު އެނބުރި ރާއްޖެއަށް ދުވަހަކުވެސް ވަޑައިގަތަ ނުދިނުމެވެ. ނާސިރަށް ފަހު މައުމޫނުވެސް ގެންގުޅުއްވީ އެ ސިޔާސަތެވެ. މައުމޫނު ވެރިކަމަށް ވަޑައިގަތުމުން އަފީފު ވަނީ އެތަކެއް ފަހަރުމަތިން ރާއްޖެއަށް ޒިޔާރަތްކޮށް ގާތްތިމާގެ މީހުން އެއްފަހަރު ނަމަވެސް ދެކިލުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެނަފައެވެ. މިކަމަށް މައުމޫން ޖަވާބު ނުދެއްވައި ހިފަހައްޓަވަމުން ވަޑައިގަންނަވަނިކޮށް 1988 ގައި އަފީފަށް ސްޓްރޯކެއް ޖެހި ސިއްހަތު ވަރަށް ގޯސްވެއްޖެއެވެ. އެހިސާބުން މައުމޫނު ވަނީ އަފީފު ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދެއްވައިފައެވެ.
އަފީފު ރާއްޖެ ވަޑައިގަތީ 1989 ގައެވެ. އައްޑޫއަށް ވެސް ވަޑައިގެން ގާތްތިމާގެ މީހުނާއި ބައްދަލުކުރައްވައި އަލްވިދާއު ވިދާޅުވެފައި ވަރަށް އަވަހަށް ފުރާވަޑައިގެންފިއެވެ. އަފީފު އަވަހާރަވީ ސިޝެލްސްގައި 13 ޖުލައި 1993 ގައެވެ. މުޅިއެކު ތިރީސް އަހަރު އޭނާ ވަނީ ސިޝެލްސްގައި ހޭދަކުރައްވައިފައެވެ.
ސުވާދީބަށް ފަހު ދެން ކަންތައްވި ގޮތް
ސުވާދީބު ދައުލަތް 1963 ގެ ސެޕްޓެމްބަރުގައި އުވި ދިވެހި ދައުލަތުގެ ދަށަށް ދިޔައިރު ދައުލަތުގެ ފަރާތުން މާލެއިން މީހަކު ނެތެވެ. މާލެއިން މީހަކު ނުފޮނުވައެވެ. އަފީފު ފުރާވަޑައިގަތީ އަތޮޅު ހިންގެވުން ވަކި މީހަކާ ހަވާލު ކުރައްވާފައެއް ނޫނެވެ. އެހެން ހަވާލު ކުރައްވާކަށް އޭނާގެ ހައިސިއްޔަތެއްވެސް އޭރު ނެތެވެ. އައްޑޫގެ ކަންތައް ހަމަޖައްސަން އިނގިރޭސި ސަރުކާރުން އޭރު ރާއްޖެއަށް ފޮނުވާފައި ތިބި ދެމީހުންނަކީ އާތިންޓަން ޑޭވީ އާއި ރައުންތަވެއިޓް އެވެ. ޑޭވީ ގިނައިން ހުންނަވަނީ މާލޭގައެވެ. ރައުންތަވެއިޓް ހުންނަވަނީ ގަމުގައެވެ.
ސިޝެލްސްއަށް އަފީފު ގެންދިއުމާ ގުޅިގެން އައްޑޫއާ ހަވާލުވާން ރަސްމީ މަންދޫބަކު ނާސިރު ގަސްތުގައި ނުފޮނުއްވައި ފަސް ކުރެއްވީއެވެ. މިހެން ހެއްދެވީ އިނގިރޭސިންނަށް ޖެއްސުން ކުރުމާއި އައްޑޫ މީހުންނަށްވެސް ދަތި ކުރުމަށެވެ. އޭރުން ވާނުވާ ނޭގި އޮޅުން ބޮޅުންވެފައި ތިބޭނެކަން ނާސިރަށް އެގިވަޑައިގަންނަވައެވެ. މިކަން ވިސްނިގެން އިނގިރޭސިންގެ ފަރާތުން ރައުންތަވެއިޓް އައްޑު އަތޮޅުގެ ވަގުތީ ވެރިޔަކަށް ހިތަދޫ ގަނޑުވަރު މޫސައިދި ހަމަޖެއްސެވިއެވެ. ގަނޑުވަރު މޫސައިދިގެ އިސް ޒިންމާއަކީ ވީހާވެސް އަވަހަށް އިންތިޚާބު ބާއްވައި އަތޮޅު ކޮމިޓީއެއް ހޮވުމެވެ. މިކޮމިޓީއަށް މީހުން ހޮވަން ޖެހެނީ އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންނެވެ. ގަނޑުވަރު މޫސައިދިގެ އަތޮޅުވެރިކަމަކީ ގާނޫނީ ހައިސިއްޔަތެއް ނެތް އަތޮޅުވެރިކަމެކެވެ. އެއީ އިނގިރޭސިންގެ ސިޔާސީ ނިންމުމެކެވެ.
އަފީފު ފުރައިގެން ދިޔަތާ ދެމަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި އަތޮޅު ކޮމިޓީ ހޮވައިފިއެވެ. އޭރުވެސް އަދި މާލެއަކުން މީހަކު ނާދެއެވެ. މުޅިއަތޮޅު އޮތީ އޮޅުން ބޮޅުންވެފައެވެ. މި އޮޅުންބޮޅުމުގެ ތެރޭން ބައެއް މީހުން ސުވާދީބު އަލުން އިއާދަކުރަންވެސް ވަކާލާތު ކުރަމުން ދިޔައެވެ. ހިތަދޫ އާއި ފޭދޫ އަދި ހުޅުދޫގެ ކުރިއަށް ތިބި ބައެއް މީހުން ރައުންތަވެއިޓް މެދުވެރިކޮށް ތިމަންނާމެން އަލުން ބޭނުމީ އަނެއްކާވެސް ދިވެހި ސަރުކާރުގެ ދަށުން ނެއްޓި ސުވާދީބު ގާއިމު ކުރާށޭ ވެސް ބުނެފިއެވެ. މިކަމާއި މެދު އިނގިރޭސި ކޮމަންވެލްތު އޮފީހުގައި 1963 ގެ ޑިސެމްބަރު މަހު މަޝްވަރާވެސް ކުރެވުނެވެ. އެކަމަކު ދެވަނަ ސުވާދީބު ހަދަން ވާގިވެރިވާކަށް އިނގިރޭސި ސަރުކާރުން އެއްބަހެއް ނުވިއެވެ.
އައްޑޫއާ އެންމެ ކައިރިއަށް ދައުލަތުގެ އުޅަނދެއް އެންމެ ފުރަތަމަވެސް ދިޔައީ 1963 ގެ ނޮވެމްބަރު މަހު ފުވައްމުލަކަށެވެ. ގޯލްޑަންރޭ ކިޔުނު ބޯޓުގައި ދަތުރުކުރި މާލޭ ވަފްދުގެ ވެރިޔަކީ އަހުމަދު ހިލްމީ ދީދީއެވެ. އައްޑޫން ހޮވުނު އަތޮޅު ކޮމިޓީގެ މެންބަރުން ހިލްމީއާ ބައްދަލުކުރަން ދިޔައީ ފުވައްމުލަކަށެވެ. ހިލްމީއާ ބައްދަލުކޮށްފައި ދެން ހަދަންވީ ކިހިނަކުންތޯ އަތޮޅު ކޮމިޓީން ސުވާލު ކުރިއެވެ. ހިލްމީ ވިދާޅުވީ ކޮމިޓީއަށް މެންބަރުން ހޮވުމަށް ނެގުނު ވޯޓުގައި އެންމެ ގިނަ ވޯޓު ލިބުނު މީހާ އަތޮޅުގައި ބަހައްޓާފައި ދެން އެންމެން ގޯލްޑަންރޭގައި މާލެ ދާންވީކަމުގައެވެ.
ހިތަދޫގެ އަތޮޅުވެރިކަން ފެށުން
ކޮމިޓީ ހޮވުމަށް ނެގުނު ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ ހިތަދޫ މޫސާ އަލި ދީދީ އެވެ. އެހެންވެ އޭނާ ބައްޓާފައި އަތޮޅު ކޮމިޓީގެ ދެން ތިބި މީހުން ގޮވައިގެން ހިލްމީ މާލެއަށް ފުރައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މީދޫ ނާފިޒާއި ހުޅުދޫ މުދިންތައްކާނާއި ފޭދޫ ދޮންރަހާ ފަދަ މީހުންނެވެ. މިފުރުމެއް ފުރިއިރުވެސް އަތޮޅު ހިންގުން ރަސްމީކޮށް މޫސާ އަލި ދީދީއާ ހަވާލެއް ނުކުރެއެވެ.
އަތޮޅުވެރިޔަކަށް ދެންވެސް ހުންނެވީ އިނގިރޭސިން ވަގުތީގޮތުން ބެހެއްޓި އަތޮޅުވެރިޔާ ހިތަދޫ ގަނޑުވަރު މޫސައިދި އެވެ. ހިލްމީ ފުރާވަޑައިގަތުމަށްފަހު ގޯލްޑަންރޭގައި ހުންނަވައިގެން އައްޑޫ ރިޕޯޓު ދާޚިލީ ވަޒީރު ކަރަންކާ އިބްރާހިމް ރަޝީދަށް ދެންނެވީ ރޭޑިއޯ ސެޓު މެދުވެރިކުރައްވައެވެ. އައްޑޫގައި އަތޮޅުވެރިޔަކަށް ބެހެއްޓީ ކާކުހޭ އިބްރާހިމް ރަޝީދު ސުވާލު ކުރެއްވީމާ ހިލްމީއަށް ތެދުހައްދަވާކަށް ކެރިވަޑައެއް ނުގަތެވެ. ހިލްމީ އޮތީ ވަކި މީހަކާ އަތޮޅުވެރިކަން ހަވާލު ކުރައްވާފައެއް ނޫނެވެ. ގަނޑުވަރު މޫސާދި އަތޮޅުވެރިކަމުން ވަކިކުރާކަށް ވެސް ހިލްމީއަކަށް ކެރިވަޑައެއް ނުގަތެވެ.
މިހެންވެ އިބްރާހިމް ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ހިލްމީ ވިދާޅުވީ ހުރިހާކަމެއް މޫސާ އަލި ދީދީއާ ހަވާލު ކުރައްވާފައިވާ ކަމުގައެވެ. އަދި އޭނާއަކީ އަތޮޅު ކޮމިޓީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު މީހާ ކަމަށްވާތީ މިދަނީ އޭނާ އަތޮޅުގައި ބަހައްޓާފައި ކަމުގައެވެ. މިއަށް އިބްރާހިމް ރަޝީދު އެއްޗެކޭ ވިދާޅެއް ނުވެއެވެ. ސަބަބަކީ މޫސާ އަލި ދީދީއަކީ އަފީފުގެ ޅިޔަނަކަށްވާތީ މިކަމަކީ ނާސިރު ރުހިވަޑައިގަންނަވާ ގޮތެއްކަމަށް ޔަގީން ނުވާތީއެވެ. ކޮންމެއަކަސް ރޭޑިއޯ ސެޓުން ދެކެވުނު މިވާހަކަތައް މޫސާ އަލި ދީދީ ހުންނެވީ އޭނާގެ ގޭގައި ހުންނަ ރޭޑިއޯއެއް ޓިއުން ކުރައްވައިގެން އަޑު އައްސަވާށެވެ. އޭރު ރޭޑިއޯ ސެޓުން ދައްކާ ވާހަކަ ގޭގޭގައި ހުންނަ ރޭޑިއޯއިން ވަކި ފްރެކުއެންސީތަކަށް ޓިއުން ކުރީމާ އަޑު އިވެއެވެ. ރޭޑިއޯއަކީ އޭރު އާއްމު އެއްޗެއް ނޫނެވެ.
މިއަޑު އިވުމުން މޫސާ އަލިދީދީ ވަޑައިގެން ގަނޑުވަރު މޫސައިދިއަށް ވިދާޅުވީ ބޭބެ ދެން ގެއަށް ވަޑައިގަންނަވާށެވެ. އަތޮޅުވެރިކަން ސަރުކާރުން ތިމަންނައާ ހަވާލު ކުރައްވައިފިއެވެ. މޫސައިދި ވެސް މިއީ ތެދެކޭ ހީކުރައްވައި ގެއަށް ވަޑައިގެންފިއެވެ. އަނެއް ދުވަހު ފޭދޫއަށް ވަޑައިގެންފައި ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި އަތޮޅުވެރިންނަކީ ތިމަންނައޭ އަންގަވައި ގަމާއި ބެހޭ އެއްވެސް ކަމެއް ތިމަންނާއަށް ނާންގައި ކޮށްގެން ނުވާނެއޭ ވިދާޅުވެ މޫސާ އަލި ދީދީ އަމުރު މައުރޫފު ހިނަގަވައިފިއެވެ. އޭރު މާލެއަކަށް އަދި ވާނުވާވެސް ނޭގެއެވެ.
މާލެއަށް ކަންކަން ރޭކާލީ އަތޮޅުވެރިޔާގެ ނަމުގައި މޫސާ އަލި ދީދީ މެސެޖު ފޮނުއްވާން ފެއްޓެވުމުންނެވެ. އޭރު އަހުމަދު ހިލްމީ ވެސް ތިމަންނާ މިފުރަނީ މޫސާ އަލި ދީދީ ބަހައްޓާފައޭ ވިދާޅުވީމާ ނާސިރު ވެސް އަދި ކަރަންކާ ރަޝީދުވެސް އަޅައެއް ނުލައެްވައެވެ. ހިލްމީއަށް ވެސް އެހެން ވިދާޅުވެވިފައި އޮތީމާ ކަލޭ ތިޔައީ އަތޮޅުވެރިއެއް ނޫނޭ ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ. އެހެންނޫނަސް އަތޮޅުވެރިޔާއަކީ އެންމެ ގިނަ ވޯޓު ލިބުނު މީހާކަމަށް ވާނަމަ އެންމެ ގިނަ ވޯޓު ލިބިފައި އޮތީ މޫސާ އަލި ދީދީއަށެވެ. ވީމާ އަމިއްލައަށް އިސްވިއަސް އެކަމުގައި މޫސާ އަލި ދީދީއަށް ގާނޫނީ ހައިސިއްޔަތު އޮތެވެ. މޫސާ އަލި ދީދީއަށް އަތޮޅުވެރިކަން ލިބުނީ މިމަގުންނެވެ.
މޫސާ އަލިދީދީ ރަސްމީ ގޮތުން މާލެ ގެނެސް މަގާމުގެ ހުވަޔާއި ދިވެހި ދައުލަތަށް ވަފާތެރިވުމުގެ ހުވާ ކުރުވައި އަތޮޅުވެރިކަމުގެ ފަތްކޮޅުދީ މިކަންކަން ކުރީ އޭނާ އަމިއްލައަށް އަތޮޅުވެރިކަމާއި ހަވާލުވެގެން ހުންނަވާތާ 8 މަސްފަހުންނެވެ. މިކަމެއް ހިގީ 8 ޖުލައި 1964 ގައެވެ. މަރަދޫ ރަތްވިލާގެ އުވާލައި ރަސްމީގޮތުން މަރަދޫން އަތޮޅުވެރިކަން ނެގުނީ މޫސައިދި އަތޮޅުވެރިކަން ކުރައްވާތާ އަހަރަކަށް ވުރެ ގިނަވީ ފަހުންނެވެ. އެމުއްދަތުގައި މަރަދޫ ރަތްވިލާގެއަކީ ވީރާނާވާން ދޫކޮށްލެވިފައި ހުރި ތަނެކެވެ.
މޫސާ އަލި ދީދީގެ އަތޮޅުވެރިކަމުގެ ފުރަތަމަ އަހަރު އަތޮޅުގައި ވަރަށް ޖަގަޑާ ބޮޑެވެ. މިހެންވުމުގެ ސިއްރަކީ ނާސިރު އަންގަވާ ގޮތަށް ކަންތައް ކުރައްވަން ޖެހުމެވެ. އަދި އަފީފު ދީދީ ފުރާވަޑައިގަތުމަށްފަހު އަތޮޅުގެ މާލިއްޔާއަށް ވީގޮތް ނޭގިގެން ރައްޔިތުން ނުތަނަވަސްވުމާވެސް އެކުގައެވެ. ސުވާދީބު ޒަމާނުގައި އައްޑޫ ބޭންކެއް ހުއްޓެވެ. އައްޑޫ ޓްރޭޑިން އޮގަނައިޒޭޝަނެއް ހުއްޓެވެ. މިތަންތަން ފެށީ ރައްޔިތުންނަށް ހިއްސާ ވިއްކައިގެންނެވެ. އެކަމަކު ސުވާދީބު ނިމުނުއިރު ބޭންކަކަށް ހުރީ ބޮޑު ފޮށްޓެކެވެ. އޭގައި ހުރީ ދިވެހި އެއްލައްކަ ރުފިޔާއެވެ. އެހެން އެއްޗެއް ނެތެވެ. ޓްރޭޑިން އޮގަނައިޒޭޝަނުގެ ފައިދާގެ ތެރެއިން އެންމެ ފަހަރަކު ހިއްސާއަކަށް އެތިކޮޅެއް ބެހިއެވެ. އެފަހުން އެކަމެއް ނުވެއެވެ. ސުވާދީބު ނިމުނުއިރު އެކައްޗެއްވެސް ފެންނާކަށް ނެތެވެ.
އަފީފު ފުރީ އެއްވެސް އެއްޗެއް ހިފައިގެން ނޫންކަން އިނގިރޭސިން އޮތީ ސާބިތުކޮށްދީފައެވެ. އެހެންވީމާ ގިނަ ބަޔަކު ހީކުރީ ބޭންކާއި ކުންފުނި ދޮވެލީ މޫސާ އަލި ދީދީ ކަމުގައެވެ. އަދި ނާސިރުގެ އަނިޔާވެރިކަން ތަންފީޒު ކުރަނީވެސް މޫސާ އަލި ދީދީކަމުގައެވެ. މިހެން ހީވާން ޖެހުނީ ގަމަށް މަސައްކަތުދާ މީހުން ނޫން އެހެން ބަޔަކު ގަމަށް އެރުމާއި ހަސްފަތާލަށް ދިއުން ފަދަ ކަންކަން ވެސް ނާސިރު ވިދާޅުވެގެން މޫސާ އަލި ދީދީ މަނާ ކުރެއްވުމުންނެވެ. މިމަނާ ކުރުމެއްވެސް ދުވަސްކޮޅަކު ދެމިއޮތެވެ.
މި ކަންތަކުގެ ތެރޭގައި ރައްޔިތުން ދެބަޔަކަށް ނުކުމެ ބޮޑު ތަޅައިފޮޅުމަކަށް ވެސް ދިޔައެވެ. މޫސާ އަލި ދީދީގެ ބޯވެސް ފަޅައިލިއެވެ. މިހިސާބަށް ދިއުމުން މޫސާ އަލި ދީދީ ގަމަށް ވަޑައިގެން ގަމުގައި ހުރި އިނގިރޭސި އިސް އޮފިސަރ މޮސް އަށް ވިދާޅުވީ އޭނާއަކީ ދިވެހި ދައުލަތް އަތޮޅުގައި ތަމްސީލުކުރާ އިސް މީހާކަމަށާއި މިޒާތުގެ ކަންކަމަށް އިނގިރޭސިން ހިތްވަރުނުދޭނަމަ މިކަންކަން ހުއްޓުވުމަށެވެ. މިކަން ނުުއްޓުވާނަމަ އިނގިރޭސިން އަދިވެސް ތިބީ އައްޑޫ ވަކިކޮށްގެން ކުރިއަށްދާން ކަމަށް ދައުލަތުގައި ދަންނަވާނެ ކަމަށެވެ. މިމޭރުމުން ވާހަކަ ދެއްކެވި ދުވަހުން ފެށިގެން މީސްތަކުން މޫސާ އަލި ދީދީގެ ބޮލަށް ގަޔަށް އެރުން ހުއްޓައިފިއެވެ.
އަތޮޅުވެރިކަމުގެ ކުއްލި ނިންމުންތައް
ނާސިރު އޮތީ މޫސައިދީއަށް ވަރަށް ބޮޑެތި ބާރުތައް ދެއްވައިފައެވެ. މޫސައިދި އެދިވަޑައިގެންނެވި ހުރިހާކަމެއް އެދިވަޑައިގެންނެވި މަގުން ނާސިރު ކޮށްދެއްވިއެވެ. މިގޮތުން އެންމެ ފާހަގަކުރެވުނު ކަންކަން ތިރީގައި ބަޔާން ކުރާނަމެވެ.
ފުރަތަމަ ކަމަކީ މަރަދޫ އާއި މަރަދޫފޭދޫ އެއްކޮށްލުމެވެ. މިކަމެއް އިއުލާންކުރީ 3 އެޕްރީލް 1969 ގައެވެ. މި ދެރަށް އެއްކޮށްލުމަށްފަހު މަރަދޫފޭދޫގެ ނަންވެސް އުވައިލިއެވެ. އެއްކޮށްލުމަށްފަހު ރަށުގެ ނަމަކީ މަރަދޫ އެވެ. އިދާރީގޮތުން ދެ ރަށް އަލުން ވަކިކުރީ 14 އެޕްރީލް 1975 ގައެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މަރަދޫފޭދޫ އަކާއި މަރަދޫއެއް އެބައޮތެވެ. އެކަމަކު ކުރީގައި ބަޔާން ކުރެވުނު މުއްދަތުގެ ތެރޭގައި މަރަދޫފޭދޫއަށް އުފަން ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކާ އެކަކުވެސް ނުހުންނާނެއެވެ. އެމުއްދަތުގައި އެންމެން ވިހާފައިވަނީ މަރަދޫއަށެވެ. މަރަދޫފޭދޫއަކީ ކުރިން ފޭދޫގައި އުޅުުނު މީހުން މަރަދޫގެ ދެކުނުކޮޅަށް ބަދަލުކުރުމަށްފަހު އުފެއްދުނު އިދާރީ ވަކި ޔުނިޓެކެވެ.
ގަމަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެއީ އައްޑުއަތޮޅުގެ ދަނޑުގޮވާމުގެ މައިމަރުކަޒެކެވެ. ގަމުގައި ރޯޔަލް އެއަރފޯސް ބޭހެއް ގާއިމް ކުރުމުގެ ގޮތުން ގަމުގައި ދިރިއުޅުނު މީހުން ބަދަލުކުރީ ފޭދޫއަށެވެ. އެހިސާބުން ފެށިގެން ފޭދޫއަށް ކިޔައިއުޅުނީ ގަންފޭދޫ އެވެ. މާނައަކީ ފޭދޫގައި ދިރިއުޅޭ ގަމު މީހުންގެ ރަށެވެ. މިހެން ކިޔަން ޖެހުނީ އަސްލު ފޭދޫ މީހުން ތިބީ މަރަދޫގެ ދެކުނުކޮޅުގައި ކަމަށްވެފައި އެރަށަށް ވެސް ފޭދޫގެ ނަން ކިޔާތީއެވެ. އެއީ މަރަދޫފޭދޫއެވެ. މާނައަކީ މަރަދޫގައި ދިރިއުޅޭ ފޭދޫ މީހުންގެ ރަށެވެ. މިހެން ނަން ކިޔަމުން އައިސް 3 އެޕްރީލް 1969 ގައި ގަންފޭދޫގެ ނަމުން ގަން އުނިކުރައްވައި އެރަށުގެ ނަމަކީ ފޭދޫ ކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.
އައްޑުއަތޮޅުގައި މީހުން އާބާދުވީއްްސުރެ މީދޫއަކީ ވަކިރަށެއްގެ ގޮތުގައި ހިމެނިގެން މީހުން ދިރިއުޅެމުންގެންދާ ރަށެކެވެ. އެހެންނަމަވެސް ހުޅުދޫ އާއި މީދޫއަކީ އެއްފަސްގަނޑެއްގައި އާބާދުވެފައިވާ ދެރަށް ކަމުގައިވާތީ އަތޮޅުވެރިޔާ ދަންނަވައިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން މީދޫ އުވާލައި އަދި ހުޅުދޫވެސް އުވާލައި ހުޅުމީދޫގެ ނަމުގައި 3 އެޕްރީލް 1969 ގައި އާ ރަށެއް އިއުލާން ކުރިއެވެ. ހުޅުމީދޫގެ ގޮތުގައި ދެމިތިބެވުނީ ހައެއްކަ އަހަރުއެވެ. އަނެއްކާވެސް ދެރަށް ވަކިކުރައްވައި މީދޫ އަކާއި ހުޅުދޫއެއް އުފަންވީ 14 އެޕްރީލް 1975 ގައެވެ.
މޫސައިދީގެ އަތޮޅުވެރިކަން ނިމުމަށްފަހު މާފަހުން އޭނާގެ ވެރިކަމުގެ ދުވަސްވަރު ކުރެވިފައިވާ ކަންކަމާއި ދޭތެރޭ ވާހަކަ ދައްކަވަމުން ގޮސް އޭނާގެ ދަރިކަލުން އަބްދުﷲ ނަސީރުގެ އަރިހުގައި ވިދާޅުވެފައިވެއެވެ. ތިމަންގެ އަތޮޅުވެރިކަމުގައި ކުރެވިފައިވާ އެންމެ ވިޔާނުދާ ގޯސްކަމަކީ ހުޅުދޫ އާއި މީދޫ އެއްކޮށްލުމެވެ. އެކަމަށްޓަކައި ވަރަށް ހިތާމަ ކުރަމެވެ. އެކަމަކީ ތިމަން އަމިއްލައަށް ފެނިގެން ނާސިރަށް ދަންނަވައިގެން ކުރުވި ކަމެކެވެ. ހަމައެގޮތަށް ދެރަށް އަލުން ވަކިކުރުވީވެސް ނާސިރަށް ތިމަން އަމިއްލައަށް ދަންނަވައިގެންނެވެ.
އަތޮޅުވެރިކަން ފުރޮޅެން ފެށުން
ރައްޔިތުން އިންތިޚާބުކުރާ އަތޮޅުވެރިއެއްގެ ގޮތުގައި ދެ ދައުރަކަށް މޫސާ އަލި ދީދީ ހޮވިވަޑައިގަތެވެ. މޫސާ އަލި ދީދީގެ އަތޮޅުވެރިކަމުގައި އޭނާ މާލެ ވަޑައިގަންނަވާއިރު އަބަދުވެސް ބަދަލުގައި އަތޮޅުވެރިޔަކަށް ހުންނަވަނީ މާލެއިން ފޮނުވާ ބޭފުޅެކެވެ. މިގޮތުން ވެލިދޫގޭ މޫސައިދި އާއި ކުއްޅަވަށްގޭ އަބްދުﷲ ޖަމީލާއި އިބްރާހިމް ރައޫފާއި ޔޫސުފް މޫސާ ކިޔުނު ބޭފުޅަކު ބަދަލުގައި އަތޮޅުވެރިކަން ކުރެއްވިއެވެ.
ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރެއްވި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެފަހަރު ހޮވިވަޑައިގަތީ ހިތަދޫ އަހުމަދު ސާލިހު އަލި ދީދީއެވެ. އަހުމަދު ސާލިހު އަލި ދީދީ އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް 1974 ގައި ނާސިރު އަތޮޅު ކޮމިޓީ ސިސްޓަމް އުވާލައްވައި އަހުމަދު ސާލިހު އަލި ދީދީ އަތޮޅުވެރިކަމުން ވަކި ކުރައްވައިފިއެވެ. މިވަކިކުރެއްވުމަށްފަހު ދެން އަނެއްކާވެސް އަތޮޅުވެރިކަމަށް އައްޔަން ކުރެއްވީ މޫސާ އަލި ދީދީއެވެ. އިނގިރޭސިން 29 މާޗް 1976 ގައި ގަމުން ފޭބިއިރު އަތޮޅުވެރިކަމުގައި ހުންނެވީ މޫސާ އަލި ދީދީއެވެ.
މައުމޫން އަބްދުލްގައްޔޫމު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ލަސް ނުކުރައްވައި ނާސިރުގެ ގާތް މީހުން އަތޮޅުވެރިކަމުން ވަކިކުރުމުގެ ކެމްޕޭނެއްގެ ދަށުން މޫސާ އަލި ދީދީ އަތޮޅުވެރިކަމުން ވަކި ކުރައްވައި އައްޑު އަތޮޅު ވެރިކަން ދެއްވީ އަނެއްކާވެސް ހިތަދޫ މީހަކަށެވެ. އެމީހަކީ މޫސާ ލުތުފީ އެވެ. މޫސާ ލުތުފީއަށް ފަހު ދެންވެސް އަތޮޅުވެރިކަން ދެއްވީ ހިތަދޫ މީހަކަށެވެ. އެއީ ތުއްބީގެ މުހުއްމައިދިއެވެ. މުހުއްމައިދިއާ ހިސާބުން ހިތަދޫގެ އަތޮޅުވެރިކަމުގެ ސިލްސިލާ އޮތީ ނިމިފައެވެ.
މުހުއްމައިދި އަތޮޅުވެރިކަމުން ވަކިކުރެއްވުމަށްފަހު މައުމޫން ދެން ފޮނުއްވީ އަބްދުއްރަހުމާނު އަގީލް ކިޔުނު މާލޭ މީހެކެވެ. އޭގެ ފަހުން ފޮނުއްވީ ހައިވަކަރު އަހުމަދުފުޅާއި އަބްދުއްސައްތާރު ހަސަން އަދި ހާމިދު ޔޫސުފެވެ. ހާމިދަށްފަހު ދެން ފޮނުއްވީ އައްޑޫ މީހެކެވެ. އެއީ ފޭދޫ ހުސައިން ސައީދެވެ.
އަތޮޅުވެރިކަން އުވިގެން ދިއުން
ރާއްޖޭގެ ރައީސްކަމަށް ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެވަޑައިގެން އަތޮޅު ސިސްޓަމް އުވާލައްވައި ހަތް ޕްރޮވިންސެއް ހައްދަވައި ފުވައްމުލަކާއި އައްޑޫއަކީ ދެކުނު ޕްރޮވިންސްކަމުގައި 2008 ގައި ކަނޑައެޅުއްވިއެވެ. އައްޑޫ ހިމެނޭ ޕްރޮވިންސްގެ ވެރިޔަކަށް މިނިސްޓަރ އޮފް ސްޓޭޓް ފެންވަރުގައި އައްޔަން ކުރެއްވީ ހިތަދޫ މުހައްމަދު ނަސީރެވެ. އޭނާއަކީ ކުރީގެ އަތޮޅުވެރިޔާ މޫސާ އަލި ދީދީގެ ދަރިފުޅެވެ.
އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެއްވައި ސިޓީ ކައުންސިލެއް އިންތިޚާބުކޮށް އޭގެ ތެރެއިން ހޮވޭމީހަކު މޭޔަރަކަށް ހުންނަ ގޮތަށް ހަމަޖެއްސެވީ ނަޝީދުގެ ވެރިކަމުގައި 2011 ގެ ޖެނުއަރީގައެވެ. އޭގެ ފަހުން އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވަމުން ވަޑައިގަންނަވަނީ ހިތަދޫ އަބްދުﷲ ސޯދިގެވެ. މޭޔަރުކަމާއި ކައުންސިލަރ ކަމުގެ ދައުރެއްގެ ދިގުމިނަކީ ތިން އަހަރެވެ.
ފަހުގެ ޚިޔާލުތައް