ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 12

ދެކުނު ތަޅައިލުމަށް މާލެއިން ލަޝްކަރުތައް ފޮނުވުން
ސުވާދީބު ދައުލަތަކީ ނާސިރުގެ ވިޔާނުދާ ސިޔާސަތުން ފައިދާވި ހިތި މޭވާއެކެވެ. ނާސިރަށްވުރެ ކުރިން ދިވެހި ގައުމު ފަސާދަކުރުމަށް މަސައްކަތްކުރި މުހައްމަދު އަމީނާއި ހަސަން ފަރީދުގެ މަސައްކަތްތަކުވެސް މޭވާއެކެވެ. އެހަގީގަތް ގަބޫލު ކުރެވޭހާ އުރަތްޕެއް ސަރުކާރު ހިންގަން ތިބިމީހުންގެ ނެތްތާގައި ދެން ފެށީ އޭގެ ހިތިކަން އިހުނަށްވުރެވެސް ބޮޑު ކުރުމުގެ މަސައްކަތެވެ. މިގޮތުން ދެކުނުގެ މީހުންނަކީ ދީނެއް ނެތް ވިޔާނުދާ މީހުންކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދެއްކުމަށް މާލޭ ސަރުކާރުން ނެރޭ ނޫސްތަކުގައި ރޯބުހުތާން ދޮގުވާހަކަ ކެނޑިނޭޅި ލިޔަމުން ދިޔައެވެ. މިމަސައްކަތުގައި ފާހަގަކުރެވުނީ ވިޔަފާރިމިއަދުގެ ނަމުގައި އޭރު ނެރުނު ނޫހެވެ. ދުނިޔޭގެ ބަޔަކު އޭގެ ކުރިންވެސް އަދި އޭގެފަހަށްވެސް ހަދައިފައި ނުވާޒާތުގެ ބޮޑެތި ދޮގު އެނޫހުގައި ދިޔައީ ލިޔަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ދެކުނު މީހުންނާ ދޭތެރޭ އިންތިހާ ދަރަޖައިގެ ނަފްރަތު އުފެދިގެން ދިޔައެވެ.

ވެލާނާގޭ އިބްރާހިމް ނާސިރު ދެން ބެއްލެވީ ދޮންބަންޑާރައިންނާއި އުތީމު މަހާރަދުންފަދަ Maldive Stair 4އާޒީއަކަށް ވުމަށެވެ. މިގޮތުން މާލެއިން ހަތިޔާރާއި ސިފައިން ގެންގޮސް ނިކަމެތި ރައްޔިތުން މެރުމުގެ ކެމްޕޭނެއް ފެއްޓެވިއެވެ. ދެ ފަހަރެއްގެ މަތީން މާލެއިން ބޮޑު ލަޝްކަރެއް ގޮސް ހުވަދު އަތޮޅު ތިނަދޫ އަށް ހަމަލާދީ އެރަށް ވީރާނާކޮށް އެންމެ ފަހުން ފަޅު ރަށަކަށް ހަދާލި ހާދިސާއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިކުނޑިއަކުން ވިސްނައިފި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލިގެންދާނެ ހިތާމަވެރި އަދި އަނިޔާވެރި ހާދިސާއެކެވެ. ބަޔަކު ނެތިކޮށް އަދި އެރަށްވެސް ފަޅުކޮށްލުމަށް ފަހު އެނބުރި މާލެ ފޭބުމުން ނާސިރު އާޒީއަކަށް ހެދިއެވެ. ނިޝާނުލް އާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ދިނެވެ. އޭގެ ކުރިންވެސް އަދި ފަހުންވެސް ނާސިރަށް ވުރެ ކުޅަދާނަ ގައުމީ ބަތަލަކު ނެތްކަމަށް ނިންމިއެވެ.

ތިނަދޫއަށް ދިން ފުރަތަމަ ހަމަލަ
މޯލްޑިވް ސްޓާރ ކިޔުނު ބޮޑު އާގު ބޯޓެއްގައި ހުވަދު އަތޮޅަށް ގޮސް އެ އަތޮޅުގެ ވެރިރަށް ތިނަދޫMaldives Stair 1 ފުނޑައިލުމަށް 700 މީހުންގެ ބޮޑު ލަޝްކަރަކާއި ރައިފަލާއި ބޮޑު ބަޑި ފަދަ ހަތިޔާރާއެކު ޖުލައި 1959 ގައި ވެލާނާގޭ ނާސިރު ހުވަދު އަތޮޅަށް މިސްރާބު ޖަހައިފިއެވެ. މިލަޝްކަރު އެންމެ ފުރަތަމަ ބަނދަރުކުރީ ހުވަދުއަތޮޅު ގައްދޫ ބޭރުގައެވެ. ބަޑިން ބިރުދައްކައިގެން ދާދި އަވަހަށް އެރަށުގެ ރައްޔިތުން ކިޔަމަން ކުރުވައި އޭގެ ތެރެއިން ބަޔަކު އަތްފައި ބަނދެ ބޯޓަށް ނަގައިގެން ދެން މިސްރާބު ޖެހީ ތިނަދޫއަށެވެ. ގައްދޫ ކައިރިން ނުކުމެ މާކަނޑުން އަތޮޅު ވަށާލައި ކާޑެއްދޫ ކައިރިން އަތޮޅުތެރެއަށް އަލުން ވަދެ ތިނަދޫ ބޭރުގައި ތިބެގެން ނާސިރުގެ އަމުރަށް ޓިނު އަލިފުޅާއި ކދ އަހުމަދު މަނިކު ފަދަ މީހުން އެންމެ ފުރަތަމަ ކުރިކަމަކީ ތިނަދޫއަށް އައިސް ގޮސްވާ ބައްތެލި ފަހަރާއި ދޯނިތައް ފޭރި އޭގެ ތެރެއިން ބޯޓުގެ ބޭނުމަށް ގެންގުޅެވޭނެ ކުދިކުދި އުޅަނދުތައް ބޯޓުގެ ފަހަތުގައި ވާޖަހާފައި ބޭތިއްބުމާއި އެނޫން އުޅަނދުތައް އަންދައިލުމެވެ.

ސިފައިންގެ ތެރެއިން ހަތިޔާރު އެޅި ސާދަ މީހުންނާއެކު ނާސިރު އެންމެ ފުރަތަމަ ދިމާކުރީ Thinadhoo Baraaseelތިނަދޫގެ ބަރާސިލު ކިޔުނު ހިސާބު އަތިރިމައްޗާއެވެ. ހަވަޔަށް ފަޒާޔަށް އަދި ނުވިތާކަށް މީހުންގެ ތެރެއަށް ވެސް ބަޑިޖަހަމުން ނާސިރު ފޭބި ބަރާސިލަކީ ލެޕްރަސީ ބަލިމީހުން އެކަހެރިކޮށްފައި ބައިތިއްބާ ސަރަހައްދެވެ. ތިނަދޫއަށް ވެރިވެގަނެގެން ފާތިހެއްގެ ގޮތުގައި އެއް ހަފުތާގެ މުއްދަތަކަށް ނާސިރު އެރަށުގައި ދެމިހުއްޓެވެ. މި މުއްދަތުގެ ތެރޭގައި މުއްސަނދިންގެ ގޭގެއަށް ގޮސް ހޯދައި ބަލައި ފާސްކޮށް މުދަލަކަށްވާ ޒާތުގެ އެންމެހައި ތަކެތި ބޯޓަށް ގެންދެވުނެވެ. ނާސިރުގެ ދަރުބާރުގައިި ކުށްވެރިވި އެންމެނާއެކު އެނބުރި މާލެ ދިއުމަށްޓަކައި މި ލަޝްކަރު ފުރީ 17 ޖުލައި 1959 ގައެވެ. މާލެއަށް ދެވުނީ 20 ޖުލައިގައެވެ. ކުށްވެރިންގެ ގޮތުގައި މާލެ ގެނެވުނު މީހުންގެ ތެރެއިން ހިރިހަމާތި ކަލޭގެފާނާއި އޭނާގެ ދަރިންތައް މާލޭގެ ޖަލުގައި ތަޅައި އަނިޔާކޮށް މަރާލީ އެވެ.

މާލޭގެ ލަޝްކަރުގެ އަމަލުތައް ތިނަދޫގައި ހުރީ ގަދީމީ ޒަމާނުގައި ކަރަކަރައިގައި ހަނގުރާމަކުރާއިރު ބަލިވާ މީހުންނާ މެދު ކުރި ލިބޭ މީހުން ކަންތައް ކުރާ ބީދައިންނެވެ. މުދާތައް އަނީމާ ކުރުމާއި ޒުވާންފުރައިގެ އަންހެން ކުދީން ޖާރިޔާއިންނަށް ހެދުން އާންމުވެފައި އޮތެވެ.

ފުވައްމުލަކާއި ދިމާކުރުންFuvah mulaku
އެލިޒަބަތު ބޯޔާ ނަމަކަށް ކިޔުނު ބޯޓެއްގައި މާލޭގެ ލަޝްކަރެއް ސަރުކާރުގެ ފަރާތުން ފުވައްމުލަކަށް ފޮނުވިއެވެ. ދައްޕަރު މޫސާ މަނިކާއި ވެލާނާގޭ އަބްދުލްމަޖީދު މާހިރުގެ ވެރިކަމުގެ ދަށުގައި ދިޔަ މިލަޝްކަރުގެ އެކަކަށް ވެސް ފުވައްމުލަކު އެއްގަމަށް ފޭބޭނެ ގޮތެއް ނުވިއެވެ. ރައްޔިތުންގެ ދެކޮޅު ހެދުމާއި ނުރުހުންތެރިކަމުގެ ކުރިމަތީގައި އެއްވެސް ކަމެއް ނުކުރެވެނުވެ. އެހެންވެގެން ނެރުމަތީގައި ތިބެފައި ރަށަށް ބަޑިން ހަމަލަދީފައި އަނބުރާލާފައި ދިޔައީއެވެ.

ފުވައްމުލަކާއި ދިމާކުރީ ރޯދަމަހެއްގެ 20 ވަނަ ދުވަހުއެވެ. އެވެސް މީލާދީން 1959 އެވެ. ފުވައްމުލަކު އިރުމަތީ ފަރާތުން ރަށާ ކައިރިއަށް އަންނަ ބޯޓެއްގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުން ދޯންޏެއްގައި ކަނޑަށް ނުކުމެއްޖެ އެވެ. ރަށު ތެރޭގައި އެއްއަޑަކަށް ގުގުމާލައިފައި ވަނީ ކާޑު ބޯޓެއް އަތުވެއްޖެ މިހެންނެވެ. ރޯދަ މަހުގެ ފަހު ދިހައިގައި ކާނޭ ކާޑު ކޮޅެއް ލިބޭނެ ކަމުގެ އުއްމީދު ގައެވެ.

ބޯޓުގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުންނާއެކު ކަނޑަށް ނުކުތް ދޯނި ލަސްތަކެއް ނުވެ ބޯޓާއި ކައިރިކޮށްފި އެވެ. ދޯނީގައި ތިބީ ފަޅުވެރިންގެ އިތުރަށް ކޭހިގޭ އިބްރާހިމް ދީދީ އާއި މުދިން ތުއްތު ދީދީ ފަދަ ކަމުވޮށިގެންވާ މީހުންނެވެ. ގިނަ މީހުން ހީކުރީ މިއީ އައްޑުއަތޮޅު ގަމަށް މުދާ ހިފައިގެން އަންނަ ނެފީ ބޯޓު ކަމަށެވެ. ނަމަވެސް ބޯޓާއި ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ކައިރި ވިތަނާ މިއީ އެލިޒަބަތު ބޯޔާ ކަން އެނގުނެވެ. މިއީ ސްރީލަންކާ އިން ރާއްޖެ އަށް މުދާ އުފުލާ ޗާޓަރު ބޯޓެކެވެ.

ބޯޓާއި އިތުރަށް ކައިރި ނުކުރުމަށް އެވަގުތު ކޭހިގޭ އިބްރާހިމް ދީދީ އެންގެވިއެވެ. އެއީ ބޯޓުން ސިފައިންގެ މީހުން ފެނުމުންނެވެ. މިއެންގުމަށް ދޯނި އަނބުރާލައިފައި ރަށާއި ދިމާލަށް ފަލި ޖަހަން ފެށިއެވެ. ސިފައިން ކުޑަ ލޯންޗެއްގައި ދޯނީގެ ފަހަތުން އަންނަން ފެށިއެވެ. އަދި އެމީހުންނާއި ދިމާލަށް ބަޑި އަމާޒު ކޮށްފައި މަޑު ކުރާށޭ ބުންޏެވެ. އެހެން ނަމަވެސް ލޯންޗުގައި ތިބި ސިފައިންގެ އިންޒާރުގެ އަޑު އެހުމެއް ނެތި ފަލި ޖަހާފައި އައިސް ދޯނި ވަނީ ރަށުގެ ރަސްގެފަންނުގެ ހުޅަނގުން އޮތް ބަނޑަހާ ފަންނަށެވެ.

އެލިޒަބަތު ބޯޔާ އާއި ކައިރި ކުރި އެހެން ބައެއް ދޯނި ފަހަރު އެމީހުން އަތުލައިގަތެވެ. ބައެއް ދޯނި ފަހަރު ފަލިޖަހާފައި އައިސް އެކި ދިމަދިމާލަށް ގޮނޑުދޮށަށް ބީއްސާލިއެވެ. ދޯނި ފަހަރު ހުއްޓުވުމަށް އަތުބޮން ފަދަ ގޮވާ ތަކެތި އުކި ކަމަށް ވެއެވެ. އެލިޒަބަތު ބޯޔާގެ މި ދަތުރަކީ މުދާ ގެނައުމުގެ ޗާޓަރު ދަތުރެއް ނޫނެވެ. ސިފައިންނާއި ހަތިޔާރާއި އެކު ކުރި ހަނގުރާމަވެރި ދަތުރެކެވެ. މިބޯޓު ގައި ތިބި ސިފައިންގެެ ތެރޭގައި ދައްޕަރު މޫސާ މަނިކާއި ޓިނު އަލިފުޅު އަދި އަނދިރިބޭ އާދަމް ފުޅު ހިމެނެއެވެ. އަދި ދާޚިލިއްޔާއިން އަބްދުލް މަޖީދު މާހިރާއި އާދަމް ނަސީރު މަނިކުވެސް ބޯޓުގައި ތިއްބެވެ. އެބޯޓުން އައި ލޯންޗު ސިފައިންނާއި އެކު އައިސް ގޮނޑުދޮށަށް ބީއްސާލުމާއި އެކު އަތިރިމައްޗަށް އެއްވެފައިވާ އެންމެން ލޯންޗަށް ގާ އުކަން ފެށިއެވެ.

ކުއްލި އަކަށް އިވުނީ ބަޑި ޖަހަން ފެށި އަޑެވެ. މީހުންގެ ތެރެއަށް ބަޑިޖަހަން ފެށީއެވެ. އެދުވަސްވަރުގެ ބަޑި މިހާރުގެ އޮޓޮމެޓިކް ބަޑިއާ ވަރަށް ތަފާތެވެ. އެއްފަހަރު ޖެހުމަށްފަހު އަނެއްކާ ޖެހެނީ ވަޒަނެއް ލާށެވެ. އެއީ ޒާތެއްގެ ހަންޓިން ރައިފަލް ތަކެކެވެ. އެހެންވެ އެހާ އަވަސް އަވަހަށް ބަޑި ޖެހޭ ގޮތެއް ނުވެއެވެ. އަބްދުލްމަޖީދު މާހިރު ބޭނުންވީ ބަޑީގެ ބާރުގައި ރަށުތެރެއަށް އަރައިގަތުމަށެވެ. ކިތަންމެ ގިނަބަޔަކު މަރުވިޔަސް ފަރުވާލެއް ނެތްކަމަށް ބަލައިފައެވެ. މި މާހިރަކީ ފުވައްމުލަކު އަންހެނެއްގެ ބަނޑުން ފުވައްމުލަކަށް އުފަންވެފައި ހުރި މީހަކަށް ވިޔަސް މިކަމެއްގައި އެންމެ ބޮޑު ހަރުކަށިކަމެއް އެދުވަހު ފެނުނީ މީނާގެ ފަރާތުންނެވެ. ފުވައްމުލަކު މީހުންގެ ގަޔަށް ބަޑިޖަހަން މާހިރު ބޭނުންވިޔަސް ބޯޓުގައި ހުރި ބަޑިޔާއި ވަޒަނާއި ބަޑިޖަހަން އެނގޭ މީހުންގެ ފެންވަރު ބޮޑަށް އެނގެނީ ދައްޕަރު މޫސާ މަނިކަށް ކަމަށްވާތީ މިމަގުން ރަށަށް އަރާކަށް އޭނާ އެއްބަހެއް ނުވިއެވެ.

ރަސްގެފަންނު ބަނދަރުގައި ބަޑިޖަހާ އަޑުއިވުމުން އެރަށުގެ ބޯދާ ހުކުރު މިސްކިތުގައި ގުރުއާން ކިޔަވަންއިން 14 އަހަރުގެ މޫސާ ފުތާ ކިޔެވުން ހުއްޓާލައިފައި އޭނާގެ އެކުވެރިންނާއިއެކު ދުވެފައި އައީ ރަސްގެފަންނަށެވެ. މީނާ އައިސް އެހެލާފައިހުރި ފިނިފެންމާގެ އޮޑި ކައިރިއަށް މަޑު ކޮށްލިތަނާ އޭނާގެ ބޮލުގެ ވާތްފަރާތަށް އެރި ވަޒަނެއްގެ ސަބަބުން ވަގުތުން ހޭނެތިގެން ވެއްޓުނީ އެވެ. މޫސާ ފުތާ ހޭ އެރީ އޭގެ އަނެއް ދުވަހުއެވެ. ސިފައިންގެ ހަމާލައިގައި ވަގުތުން އެކަކު މަރުވިއެވެ. ދޭލިގޭ ތުއްތު މަނިކު މަރުވީ އެރި ވަޒަނަކުން އޭނާގެ ބޯ މުޅިން ފިސްފިސް ވެގެންނެވެ. ޒަޚަމްވި މީހުންނަކީ ވަޑިގޭ މުހައްމަދު ދީދީ އާއި ހުސެއިން ތައްޚާނާއި ބޮޑުވާޅި އަލިބެއާއި ހަސަން ފުތާއެވެ.

ގާތް ގަނޑަކަށް ވިއްސަކަށް މިނެޓް ވަންދެން ސިފައިން ބަޑި ޖަހަމުން ދިޔައެވެ. ހަމަ އެއްވަރެއްގައި އެރަށު މީހުން ވެސް ގާ އުކަމުން ދިޔައެވެ. އެންމެ ފަހުން ރަށަށް ނުފޭބިގެން ލޯންޗު އަނބުރާލާފައި ދިޔައީ ބޯޓަށެވެ. ބޯޓުތެރޭގައި ހަތިޔާރުތައް ބެހެއްޓުމުގެ ތެރޭގައި އެއްބަޑީގައި ތާށިވެފައިވާ ވަޒަނެއް ގޮވުމުގެ ސަބަބުން ފަންގިފިލާ ފޫ އަޅައިގެން ދިޔައެވެ. ބޯޓުގެ ތެރޭގައި ޚިޔާލު ތަފާތު ވުން ތަކެއް ވެސް އުފެދުނެވެ. އަބްދުލް މަޖީދު މާހިރު ބޭނުންވީ ހަތިޔާރާއި އެކު ފުވައްމުލަކަށް އަލުން ފައިބައި ހަމަލަ ދިނުމަށެވެ. ނަމަވެސް އާދަމް ނަސީރު މަނިކާއި ދައްޕަރު މޫސާ މަނިކު މިކަމާ ދެކޮޅެވެ.

އެލިޒަބަތު ބޯޔާގެ މިޝަން ނާކާމިޔާބުވެ ފުރައިގެން ދިޔުމުން ފުވައްމުލަކުން ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައްޑު އަތޮޅު ގަމަށް ގެންދެވުނީ ދޯންޏެއްގައެވެ. މިމީހުންނަށް ގަމުގައި ދިހަ ވަރަކަށް ދުވަހު ފަރުވާ ދިނުމަށް ފަހު އެންމެ ބޮޑަށް އަނިޔާ ވެފައިވާ ހަސަން ފުތާ އާއި ރެކިދީދީގެ މުޙައްމަދު ދީދީ ރޯޔަލް އެއަރފޯސްގެ މަތިންދާ ބޯޓެއްގައި ގެންދެވުނީ ސްރީ ލަންކާގެ ނިގަމްބޯގައި ހުންނަ އިނގިރޭސި ސިފައިންގެ ހޮސްޕިޓަލަކަށެވެ. މޫސާ ފުތާގެ މޫނުގެ ވާތްފަރާތުގައިވާ ޒަޚަމް ރަނގަޅު ކުރީ އޭނާގެ ފައިގެ ފަލަ މަސްގަނޑުން ބައެއް ނަގައިގެން ކުރެވުނު ބޮޑު އޮޕަރޭޝަނަކުންނެވެ.

ދެ ވަނަ ފަހަރަށް ތިނަދޫ ތަޅައިލުން
ފުރަތަމަ ފަހަރު ތިނަދޫގައި ހުރެފައި ނާސިރު ފުރައިގެން ދިޔައީ ސުވާދީބުގެ ދިދަ އިރާލައި މާލޭ ސަރުކާރުގެ ދިދަ ނަގައި ނާސިރުގެ ލަޝްކަރުގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ ނުލަފާ މީހުން ތިނަދޫގައި ބައިތިއްބާފައެވެ. ނާސިރު ފުރައިގެން ދިޔަތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ތިނަދޫ ގަނޑުބަޑުވެއްޖެއެވެ. މިފަހަރު ތިނަދޫ ރައްޔިތުންގެ ރުޅިވެރިކަން ހިލިގަތީ އަންހެންވެރިންނާ މެދު މާލޭ ސިފައިން ހިތު ހުރި ގޮތަކަށް އަމަލު ކުރަމުން ދިއުމާއި ތިނަދޫ މީހުންގެ ދަތުރުފަތުރަށް ހުރަސްއަޅައި ދަތިކުރަމުން ދިޔުންފަދަ ކަންތަކުގެ ސަބަބުންނެވެ. ވިޔަފާރީގެ ނަފާ ފޭރި ހިފައި ގެންގުޅޭ ކޮންމެ މުދަލަކާއި ހަރު މުދަލުން ވެސް ޓެކްސް ނެގުން ފަދަ ކަންތައް ތައާރަފް ކުރުމުގެ ސަބަބުންނެވެ. އުޅެން އުނދަގޫ މިންވަރަށް ދަތިވެގެން ތިނަދޫ ރައްޔިތުން ދެވަނަ ފަހަރަށް ދެކޮޅުވެރިވެ ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ދިދަ ނަގައިފިއެވެ. 15 ޖޫން 1961 ވީ ބުރާސްފަތި ދުވަހުން ފެށިގެން ތިނަދޫގައި އޮތީ އަނެއްކާވެސް ސުވާދީބުގެ ވެރިކަމެވެ.

މި ޚަބަރު މާލެއަށް ފޯރިތާ ދުވަސްކޮޅެއް ފަހުން ސިލްވަރ ކްރެސްޓް ނަމަކަށް ކިޔުނު ބޯޓެއްގައި ނާސިރު ތިނަދޫ އަށް މިސްރާބުޖެހިއެވެ. ފުރިހަމައަށް ހަތިޔާރުއެޅި ސިފައިންގެ ފައުޖަކާއެކު ނާސިރު ދެ ވަނަ ފަހަރަށް ތިނަދޫއަށް ދިޔައީ 30 ޖެނުއަރީ 1962 ވީ އަންގާރަދުވަހު މެންދުރު ތިނެއް ޖަހާކަންހާއިރުއެވެ. މިދަތުރުގައި ހިމެނުނީ އިބްރާހިމް ނާސިރާއި އަހުމަދު ޒަކީ އާއި އަހުމަދު ހިލްމީ އާއި މުހައްމަދު އިމާދުއްދީނާއި މައިޒާން އިބްރާހީމް މަނިކާއި ހުދުއަސުރުމާގޭ މުހައްމަދު ހަސަން މަނިކާއި މައިޒާން އުމަރު މަނިކާއި ސިފައިންގެ ބޭކަލުންކަމަށްވާ އައިނެއްލަ އަހުމަދު ނަސީމާއި ހުޅުލޭ މޫސައާއި ކުޑައާމިނަ މުހައްމަދު ފުޅާއި ކުޑަފާތުމަ ކަޅުތުއްތު އާއި ވަކައޮޅި އިބްރާހިމް ފުޅާއި ތިމަރަފުށީ އުމަރު މަނިކާއި ޖާދޫ އަހުމަދު މަނިކާއި ނޮޅިވަރަންފަރު ދޮން ހުސައިން ފުޅާއި ކުޅުދުއްފުށީ ބޮޑު ހަސަން ފުޅާއި ސިލްވަރ ކްރެސްޓްގެ ފަޅުވެރިންނެވެ. ހަތިޔާރުގެގޮތުގައި ދިހަ ސަބްމެޝިން ބަޑި އާއި ފަސް ރައިފަލް ގެންދިޔަކަމަށް ލިޔުންތަކުން އެނގެއެވެ.

ތިނަދޫގެ އިރުމަތީފަރާތު ފަރާއި ސިލްވަރ ކްރެސްޓް ގާތްކުރަމުންދިޔަ ވަގުތަކީ ކާޑެއްދޫގައި ދަނޑުގޮވާން ކުރުމުގެ މަސައްކަތަށް ދިޔަ ތިނަދޫގެ ބައެއް ފިރިހެނުންނާއި އަންހެނުން މަސައްކަތްނިންމައި ކާޑެއްދޫއިން ފުރައިން ރަށަށްދާން ދަތުރުކުރަމުން ދިޔަ ވަގުތަށް ވާތީ ސިލްވަރ ކްރެސްޓް ދިޔައީ އެދޯނިފަހަރާއި ދިމާލަށެވެ. އޭގެ ބޭނުމަކީ ދޯނިތައް ފޭރި މީހުން ރަހީނު ކުރުމެވެ. އޭރު ތިނަދޫ ދެކުނުފަރާތު ފަރާއި އެންމެކައިރީގައިވާ ދޯންޏަކީ ތިނަދޫ ހަޒާރުމާގޭ އިބްރާހީމް ތަކުރުފާނުގެ ދޯންޏެކެވެ. މިދޯންޏާއި ދިމާލަށް ސިލްވަރ ކްރެސްޓް އަންނަތަން ފެނުމުން އަތުވިޔަނުދިނުމަށްޓަކައި ތިނަދޫ ފަރުގެ މަންގަޑާއި ވެހަފުލާއާއި ދޭތެރެއިން ރަށުގެ ފަޅުތެރެއަށްވަނީއެވެ. އޭރު ދޯނީގެ ވެރި އިބްރާހީމް ތަކުރުފާނާއި ގުމްރީގޭ ރެކިފުތާއި ޖޭނެސްޓް މުހައްމަދު ޒުހައިރާއި އަދިވެސް އިތުރު ބައެއްމީހުން ދޯނީގައި ތިއްބެވެ.

ސިލްވަރ ކްރެސްޓް ދެން ދުއްވާލީ ދެކުނުފަރާތުން ތިނަދޫއަށް ދަތުރުކުރާ ތިންހަތަރު ދޯންޏަކާއި ދިމާލަށެވެ. މިދޯނިތައްވެސް އަތުވިޔަނުދިނުމަށްޓަކައި ކަފެނާއާއި މާގޮޑެރެހާ ފަރުމަތިން ބީހެމުން ނުބީހެމުން ފަރުން އެތެރެއަށް ވަނީއެވެ. މިދޯނި ކަފެނާފަރުން އެތެރެއަށްވަން ވަގުތު ސިލްވަރ ކްރެސްޓުން ބަޑިޖެހުމުން ތިނަދޫ ލައިނޫފަރުމާގޭ ސަންފާ ބިރުން ރޫރޫއަޅައި ހާލަތުގެ ނުރައްކާތެރިކަން ހިތަށްވަދެ ހޮޑުލައި ވަރަށްބޮޑަށް ހާލުދެރަވެފައި ވަނިކޮށް ޖެހިގެންއައި ދުވަހު ބަޑިޖަހަމުންދަނިކޮށް ނިޔައުވީއެވެ.

ސިލްވަރ ކްރެސްޓަށް ދެވަނަ ދޯނިވެސް އަތުނުވުމުން ދެން ދުއްވާލީ ކާޑެއްދޫ އުތުރުކޮޅާދިމާލުން އިރަށް ހޭރިޔާކުރަމުންދާ ރިޔާނެގިދޯންޏަކާ ދިމާލަށެވެ. މިދޯންޏާއި ކައިރިކޮށް ސިލްވަރ ކްރެސްޓްގެ ބާރުގެދަށަށް ދޯނި ގެނެސް އޭގެ ކަފުގައި ދޯނި ބާއްވައިގެން ތިނަދޫ ފަރުކައިރިއަށް ސިލްވަރ ކްރެސްޓް އައެވެ. މިދޯންޏަކީ ނަޑެއްލާއާއި ރަތަފަންދޫއާއި ދޭތެރޭ އޮންނަ މާދޫއިން ކަށިވެއްޔާއި އެނޫންވެސް ބައެއްތަކެއްޗާ އެކު ތިނަދޫއަށް ދަތުރުކުރާ ދޮންކަޅާބޭގެ އަލީގެ ދޯންޏެކެވެ. މި ދޯނީގައި ތިބީ ތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާއާއި އޭނާގެ ދަރިފުޅު ރެކިދިޔެގެ ފިރިމީހާ މަދޮށިމާގޭ މުހައްމަދު ތަކުރުފާނާއި މުޖުމަރާގޭ އިބްރާހީމް ރާޝިދާއި ސަންފާގެ މޫސާ އާއި ހިކިފިނިފެންމާގޭ އައިސާދިޔެ އެވެ. އައިސާދިޔެ އަކީ ފިރިމީހާގެ ކައިރީގައި ދުވަސްކޮޅަކު މާދޫގައި އުޅުމަށްފަހު ރަށަށް ދާ މީހެކެވެ.

ދޮންކަޅާބޭގެ އަލީގެ ދޯންޏާއެކީ ތިނަދޫ އިރުމަތީފަރާތު ފަރާއި ގާތަށް ސިލްވަރ ކްރެސްޓް އައުމަށްފަހު އޭގެ ލައުޑްސްޕީކަރ މެދުވެރިކޮށް އަޑުގަދަކުރާގެ ޒަރީއާއިން ރަށުގެ ރައްޔިތުންނަށް އިންޒާރު ދިނެވެ. އޭގެފަހުން ރަށުތެރެއަށް ބަޑިޖަހަން ފަށައިފިއެވެ. ބަޑިޖަހަން ފެށުމުން ރަށުތެރެއިން ކާޅުތައް ހޭރި ބަނބުކެޔޮގަހާއި އެނޫންވެސް ގަސްގަހުގެ ގޮފިތަކާއި ފަތްތައް ބުރަބުރައިގެންދާތަންވެސް ފެނުނެވެ.

ތިނަދޫ ބަނދަރުގައި އެދުވަހު ހުރި ބޮޑެތި އުޅަނދުތައްކަމަށްވާ ނާއިބު އިސްމާއީލް ދީދީގެ އޮޑި ފަތުހުލްމުބާރިކާއި މުދިން ހުސައިން ތަކުރުފާނުގެ އޮޑި ބަރަކަތުއްރަހުމާނާއި ހާޖީ މުހައްމަދު ކަލޭގެފާނުގެ އޮޑި ފަތުހުލްމަޖީދާއި އަބޫބަކުރު ކަތީބު ކަލޭގެފާނުގެ ނާލުބައްތެލި އަނީމާ އާއި އައްޑޫ ހިތަދޫ ފިނިފެންމާގޭ އަބުދުﷲ އަފީފުގެ ނާލުބައްތެލި ނޫރާނީގައި ނާސިރުގެ އަމުރަށް އަލިފާންރޯކޮށް އަންދާލައިފައިވެއެވެ. މީގެއިތުރަށް ތިނަދޫގެ ބައެއް މަސްދޯނިތަކާއި ބައެއް ކުދި ދޯނިތަކާއި ހުރިހާ އޮޑިހަރުގެތަކާއި އަދި ބައެއް ގޭގޭގައި ވެސް އަލިފާންރޯކޮށް އަންދާލައިފައިވެއެވެ.

ތިނަދޫއަށް ފޭބީ ބަޑިޖަހަމުންނެވެ. އެކަން ހުއްޓުވުމަށް ފަސްބާޑިއެއްގެ ނިވަލުގައި ރަށާވީ ފަރާތުގައި ބަޔަކު ތިބެ ގައުއުކައި އެއްޗެހިގޮވައި ހެދިއެވެ. އޭރު ރައިފަލްގެ ބަދަލުގައި ބޭނުންކުރަމުން ގެންދިޔައީ ސަބްމެޝިން ބަޑިއެވެ. މިއީ ފަންސަވީސް ވަޒަނުގެ މެގަޒިނެއް ލައްވައިފައިވާ އެއްޗެއްކަމަށް ބުނެވެއެވެ. ބަޑީގެ ވަޒަން އަރަނީ ފާލަމަށް ހުރަސްވާގޮތަށް ހުރި ފަސްބާޑިއަށެވެ. އޭރު ބަޑިޖަހަމުންދިޔަ ދޯންޏާއި ފަސްބާޑީގެ ނިވަލުގައި ތިބި މީހުންނާއި ދޭތެރޭ ހުންނާނީ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ.

ބޮޑުފާލަން ސަރަހައްދުން ބަޑިޖަހާދޯނި ދިޔައީ ދެކުނަށް ރޯޝަނީމަގާއި ދިމާލުން ދޯނި ނުބީހޭ Faalanހިސާބަށެވެ. މިފަރާތަށް ދޯނި ދާތަން ފެނުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނަށް އެތާނގައި ތިބެވޭނޭގޮތެއް ނުވިއެވެ. އެއީ މިފަރާތްގަނޑުގައި އޮންނަ ދޯންޏަކުން ބަޑީގެ ހަމަލާދީފިނަމަ ފަސްބާޑީގެ ރައްކާތެރިކަމެއް ނުލިބޭގޮތަށް އެހިސާބު ހާމައަށް އޮންނާނެތީއެވެ. މިހެންވުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުން އެތަންދޫކޮށް ދުވެފައިދިޔައީ ބޮޑުއަށިގެ ނުވަތަ މަދަރުސަތުލް އަމީރު އިބްރާހީމްގެ އިމާރާތުގެ ކަރިއަށެވެ. އެއްބަޔަކު އިމާރާތުގެ އެތެރެއަށެވެ. ރޯޝަނީމަގާއި ދިމާލުން މިތާނގައި ދޯނި އޮވެގެން ނާސިރުގެ އެންގެވުމަށް ހުޅުލޭ މޫސަ އެދިމާލުން އަތިރިމަތީގައިވާ އޮޅަދީދީ ކަތީބުގެ އޮޑިހަރުގޭގައި އަލިފާން ރޯކުރުމާއެކު ވައިޖެހޭ މިސްރާބުގެ ގޮތުން އެ ހަރުގެއާއި އެހަރުގެ ކައިރީގައިވާ ކަޓި އިބްރާހީމްބޭގެ އޮޑިހަރުގެ ދެ ހަރުގެއާއި މޫސާ ފަތުހީގެ އޮޑިހަރުގެވެސް މުޅިން އަނދައިގެންދިޔައެވެ. މިދުވަހު ހުޅުލޭ މޫސަ ފޮނުވައިގެން ތިނަދޫ ބަރާސީލު އަވަށުގެ ގެތަކުގައި ވެސް އަލިފާންރޯކޮށް އަންދާލިއެވެ. ތިނަދޫގެ ބަލިބަޔަކު އޭރު ވަޒަންވެރިވެ ދިރިއުޅޭ ބަރާސީލު ދަނޑިފަނުގެ ގެތައް މުޅިން އަނދައި ހުލިވެގެންދާކަށް މާގިނަ ވަގުތުތުތަކެއް ނުނަގައެވެ.

ރޯޝަނީމަގާއި ދިމާލުން ބަޑިޖަހާދޯނި ނުބީހޭ ހިސާބުގައި އޮތުމަށްފަހު ދެން ދިޔައީ ބޮޑުފާލަން ކައިރިއަށެވެ. އޭރުވެސް ބަޑިޖަހަމުންދެއެވެ. މުޅި ތިނަދޫ ގުގުމަމުންދިޔަ ސަބްމެޝިން ބަޑީގެ އަޑު މަޑުވެގެންދިޔައީ ބޮޑުފާލަންކައިރީ ދޯނި އޮއްވައި ފާލަމުގެ އެއްގަމުގައިވާ ސުވައިދީބު ސަރުކާރުގެ ދިދަ މޮހާލައި އެ ދިދަ ތިރިކޮށް ދިވެހިދައުލަތުގެ ދިދަ ނެގުމުންނެވެ.

ތިނަދޫ އަތިރިމަތީގައި ހުރި ދިދަ ދަނޑިން ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހިދައުލަތުގެ ދިދަ ނެގިއިރު އެތަނާއި ސާޅީހަކަށް ފޫޓު ކައިރީގައި ބަޑިޖަހާދޯނި އޮތެވެ. އޭރުވެސް ބަޑިޖަހައެވެ. އޭގެފަހުން ގިނައިރެއްނުވެ އިބްރާހީމް ނާސިރު ތިނަދޫއަށް ފައިބައި ވާރުގޭ ކައިރިއަށް ވަޑައިގެން އިރުއޮއްސުމުގެ ކުރިން ރަށުގެ އެންމެން ރަށުންފައިބައިގެން ދާން އަމުރު ނެރުއްވިއެވެ. އެއާއިގުޅިގެން ރަށުތެރޭގެ އެކި ހިސާބުގައި އަޑުގަދަކުރާ އާލާތްތައް މެދުވެރިކޮށް ރަށުގެ އެންމެންނަށް އެއަމުރުއިއްވައި އެކަން ތަންފީޒުވެސް ކުރިއެވެ. އެތައްހާސް ބަޔަކު އުޅެމުންދިޔަ ރަށެއް މިގޮތަށް ފަޅުކޮށްފައި ފޭބުނު ގޮތަކަށް ފައިބަން ނާސިރު އެންގިއިރު ނިކަމެތި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންނާއި ބަލިމީހުންގެ މަތިން ހަމަކުޑަކޮށްވެސް ވިސްނައިލުމެއް ނެތެވެ.

ނާސިރުގެ އަނިޔާވެރިކަމުގައި މަރުވި މީހުންގެ ތެރެއިން ތިނަދޫ ލައިނޫފަރުމާގޭ ސަންފާ Nasirނިޔައުވީގޮތް މިލިޔުމުގައި ބަޔާން ކުރެވިއްޖެއެވެ. އޭނާގެ އިތުރުން ތިނަދޫ އަބުހަރީގޭ ހުސައިން ތަކުރުފާނު ވެސް ނިޔައުވިއެވެ. ހުސައިން ތަކުރުފާނު ނިޔައުވީ ބޮޑުއަށިގެ ކައިރީގައި ހުއްޓައި ވަޒަނެއް އަރައިގެންނެވެ. ތިނަދޫ ފަހާގޭ ސައުދިއްޔާ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެތެރޭގައި ހޮޑުލައި އެދުވަހުގެ އިރުއޮއްސުނުފަހުން މާގޮޑެރެހާގައެވެ. އޭނާ ވަޅުލެވުނީ އެރަށުގައެވެ. ހުދުވިލާގޭ ހުސައިން ހަސަންދީދީ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެތެރޭގައި ހޮޑުލައި އެދުވަހުގެ އިރުއޮއްސުނުފަހުން މާގޮޑެރެހާގައެވެ. އޭނާ ވެސް ވަޅުލެވުނީ އެރަށުގައެވެ. އަތަމާގޭ މަރިޔަމްދިޔެ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ވަގުތުގެ ބިރުވެރި ހިތްދަތިކަމުގެތެރޭ ހޮޑުލައި ހާލުދެރަވުމާ ގުޅިގެން އެހީތެރިވާނެ އަޅާލާނެ ފިރިހެނަކުނެތި ކާޑެއްދޫގައެވެ. އޭނާ ވަޅުލެވުނީ އެރަށުގައެވެ. މަރިޔަމްދިޔެ ނިޔައުވެ އެތައްގަޑިއެއްވީ އިރުވެސް މަންމަ އެވަނީ ނިޔައުވެފައިކަން އޭނާގެ ކުޑަކުޑަ ކުދިންނަކަށްވެސް ނޭގެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *