އަމީންދީދިގެ އިސްތަށިފުޅަށް ބިންދާލި ހުރަވީ ބޮޑުރާޅު

އެކި މޫސުމުގައި އެކި ނަންކިޔާ އެކިވަރުގެ ރާޅު ހުރެއެވެ. އަދި މިފަދަ ރާޅުގެ އަސަރު އެކި ރަށްރަށާއި އެކި މީސްމީހުންނަށް އެކިވަރަށް ކުރެއެވެ. މިހެންވީ ނަމަވެސް ހޮޅިލައިފައި ވަރުހުރެގެން އަންނަ ބޮޑުރާޅެއް ގައުމެއްގެ އެންމެ އިސްވެރިޔާގެ އިސްތަށިފުޅަށް ބިންދާލާނީ މޫސުމުގެ ވަޔާއި އޮޔަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި ގޮނޑުދޮށުގައި ހުންނެވުން އާދަކުރެއްވުމުންނެވެ. އެހެންނޫންނަމަ ހޮޅިލައިފައި ވަރުހުރެގެން އަޔަސް އެފަދަ ރާޅެއް ގައުމެއްގެ އެންމެ އިސްވެރިޔާގެ އިސްތަށިފުޅަށް ބިންދާލުމަކީ ވާނެކަމެއްނޫނެވެ. ދިވެހިގައުމުގެ ވަލިއްޔުލްއަމްރަކަށް ހުންނެވި އަތިރީގޭ އަމީންދީދީއަށް މިހާލުކޮޅު ޖެހިވަޑައިގަތެވެ. އޭގެ ސަބަބުން އެ ދީދިގެ އެންމެހައިކަމެއް ތާއަބަދަށް ނިމިގެންދިޔައީއެވެ. ހިތާމައާއި ދެރަކަމުގެ ކޮޅެއްނެތެވެ.

އަތިރީގޭ އަމީންދީދި ދިވެހިގައުމުގެ ހިންގުމުގެ ބައިގައި އުޅުއްވިއިރު ގައުމަށް ރަނގަޅު ޚިދުމަތްތަކެއް ކުރައްވަން ފެއްޓެވުމަކީ އިސްލާމުންގެ ބަޔަކަށް ކުރިއެރުމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވީމާ އެ މަންޒަރު ބަލަންހުރުމަކީ އިސްލާމުންގެ ދާއިމީ ހަތުރު އިބްލީހަށް ކެތްކުރެވޭވަރުގެ ކަމަކަށްނުވިއެވެ. ދެން މިކަލޭގެ ބެލީ އެ ދީދިގެ ކަންތައް ނިންމާލުމަށްޓަކައި އެންމެފަސޭހައިން އެ ދީދި ހަމަމަގުން އެކަހެރިކޮށް ގޯޅިއަޅުވައި ގޮނޑުދޮށުގައި ހުންނެވުން އާދަކުރެއްވޭނެ ގޮތަކީ ކޮބައިތޯއެވެ. މިހެންވެ އެގޮތްބަލައި އެގޮތުން އެ ދީދި ހަމަމަގުން އެކަހެރިކޮށް ގޯޅިއަޅުވައި ގޮނޑުދޮށުގައި ހުންނެވުން އާދަކުރުވީ އިބްލީހެވެ.

ގައުމެއްގެ އެންމެ އިސްވެރިޔާ މޫސުމުގެ ވަޔާއި އޮޔަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި ގޮނޑުދޮށުގައި ހުންނެވުން އާދަކުރެއްވުމޭ ބުނުމުގެ މުރާދައަކީ އެބޭފުޅަކު އެންމެ އިސްވެރިޔަކަށް ހުންނަވާ ގައުމެއްގެ ކަންކަމާމެދު ވިސްނުންފުޅާއި އަޅާލެއްވުމާއި ފަރުވާތެރިކަން މާބޮޑަށް ކުޑަކުރެއްވުމެވެ. ރައްޔިތުން އުޅޭ ނޫޅޭގޮތާއި އެމީހުންގެ ހާލާއި އެމީހުންނަށް ލިބެމުންދާ ދައްޗާމެދު ރަނގަޅަށް ވިސްނައިވަޑައިނުގަތުމެވެ. އެ މައްޗަށް ކިޔަމަންގަތުން ދަތި ގާނޫނާ ގަވައިދުތަކަށް ބޯލަނބަން ރައްޔިތުންނަށް ޖެއްސެވުމެވެ. މިހުންނަނީ އިބްލީސް އުފާވާ ކަންކަމެވެ. އެކަލޭގެއަށް ލިބޭ ރަނުގެ ފުރުޞަތުތަކެވެ.

އެ އެއްޗެއް ހަލާކުކުރާ ފަނި އެ އެއްޗަކުން އުފެދެއޭ ބުނާގޮތަށް އަމީންދީދި ހަލާކުކޮށް ސުންނާފަތިކޮށްލި ފަނި އިބްލީސް އުފެއްދީ އެ ދީދި އެ ދަރިކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާތީ އެކަމާއި އެ ދީދި އަމިއްލަފުޅަށްވެސް ފަޚުރުވެރިވެވަޑައިގަންނަވާ ހުރާގޭ ނުވަތަ ހުރަވީ ދަރިކޮޅުންނެވެ. ފެންނަންހުރި ކަންކަމާއި ލިޔުންތަކަށް ބަލާއިރު ދިވެހިގައުމުގެ ވަލިއްޔުލްއަމްރު އަމީންދީދިގެ ހަށިކޮޅަށް މިފަނި އަރާފައިވަނީ ހޮޅިލާފައި ވަރުހުރެގެން އައި ބޮޑުރާޅެއްގެ ސިފައިގައެވެ.

އަމީންދީދިގެ ވެރިކަމުގެ އެންމެހައިކަމެއް ކައިރިން ދެކިވަޑައިގެން އެކަންކަން ތަޖުރިބާކުރެއްވި ބޭފުޅެއްކަމަށްވާ އަލްއުސްތާޛު އިބްރާހީމް ޝިހާބު “މަލަސް” 37 ވަނަ ޢަދަދުގައި ލިޔުއްވާފައިވަނީ “ގައުމުގެ ރައީސަކީ އިންސާނެއްކަން އޭނާގެ ހިތްޕުޅުން ފިލައިފިކަހަލައެވެ. ދައުލަތުގެ ބައެއް ވުޒާރާތަކާއި ޙަވާލުވެތިއްބެވި ވެރިންގެ ތަކައްބުރުކަން ނިހާޔަތަށް ހިނގައްޖެއެވެ. އިސްލާމީ އުޞޫލުތަކާއި އަދަބުތައް ދިވެހިރާއްޖެއަށް އަލްވަދާޢު ކިޔާން އުޅޭކަހަލައެވެ. ބައިތުލްމާލަކީ އެކި މީހުންގެ ބާރުހުރިވަރުން އެމީހުންގެ ޙައްގު މުދަލެއްކަމަށް ވާން ފަށައިފިއެވެ. ފިރިހެނުންނަކީ ގައުމުގެ ޘާނަވީ (ދެވަނަ ދަރަޖައިގެ) ބަޔަކަށް ވެއްޖެކަހަލައެވެ. އަންހެންކުދިންގެ އަބުރުވެރިކަމާއި ޢިއްފަތްތެރިކަން ތަޢުލީމާއި ކުޅިވަރުގެ ނަމުގައި ފޭރެވޭން ފަށައިފިއެވެ. ސަރުކާރުގެ ކުދިކުދި މަޞްލަޙަތުތައް ހިންގާ ވެރީންވެސް އިސްތިބުދާދުގެ މަގުން ހައްދު ފަހަނަޅާ ހިނގައްޖައޫއެވެ.”

މީގެ އިތުރަށް އަމީންދީދިގެ ވެރިކަން ނިމުމުގެ ސަބަބުތަކުގެ ތެރޭ “މަލަސް” 26 ވަނަ ޢަދަދުގައި އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވަނީ “ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށް ތިބި ނުވަތަ އުފެދެމުން އައި ޒުވާނުންގެ ބަޔަކާއި އެ ވެރިކަމާ ދެމެދުގައި ވިސްނުން ނުބައިވުމަކާއި ނަފްރަތްތެރިކަމެއް” ވެސް އޮތް ކަމަށެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ލިޔުއްވުމުގައި އެވާ “ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށް ތިބި ނުވަތަ އުފެދެމުން އައި ޒުވާނުންގެ ބަޔަކީ” އަމީންދީދި އެ ދަރިކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާތީ އެކަމާއި އެ ދީދި އަމިއްލަފުޅަށްވެސް ފަޚުރުވެރިވެވަޑައިގަންނަވާ ހުރާގޭ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅުންކޮޅެކެވެ. މިއީ އަމީންދީދިގެ ވެރިކަން ނިމިގެންދިޔަ ފުރަތަމަ ޖުމްހޫރީ ހިތާމަވެރި ޒަލްޒަލާގައި ޢާއްމުންނަށް ފެންނަފަށަށް ތިލަވެގެން ދިޔަ ކަންކަމުން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގޭ ކަމެކެވެ.

  • ހުރާގޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ތުއްތު ދޮންދީދީގެ ޅަދީދީދީގެ ދަރިކަލުން މުހައްމައިދި (މުޙައްމަދު ޒަކީ) އާއި އަމީންދީދިއާ ދެމެދު ޖެހުނު މަސައްސަލައެއް ޖެހިވަޑައިގެން މުހައްމައިދި އަށް އެއިރުއޮތް ދައުލަތުގެ ވަޒީފާތަކުން އެބޭފުޅާ ދުރުކުރެއްވިއެވެ.
  • ހުރާގޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ތުއްތު ދޮންދީދީގެ މެއްދީދިގެ ދަރިކަލުން އަހަންމައިދި (ބޮޑުވަޒީރު އަޙުމަދު ޒަކީ)އާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ތުއްތު ދޮންދީދީގެ އިބްރާހިންދި (ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބު ރައީސް)ގެ ދަރިކަލުން މާޖެހިގޭ މުހަންމައިދި އާއި ދެބޭފުޅުންނާއި އަމީންދީދިއާ ދެމެދު ޖެހުނު މަސައްސަލައެއް ޖެހިވަޑައިގެން އެ ދެބޭފުޅުން ގޭބަންދުކުރެއްވިއެވެ.
  • ހުރާގޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ތުއްތު ދޮންދީދީގެ އަހަންމައިދިގެ ދަރިކަލުން އިބްރާހިންދި (ރައީސް އިބްރާހީމް ނާޞިރު)އާއި އަމީންދީދިއާ ދެމެދު ޖެހުނު މަސައްސަލައެއް ޖެހިވަޑައިގެން އިބްރާހިންދި އެއިރު ހުންނެވި ސިފައިންގެ މަތީ މަގާމުން އިންޖީނުގޭގެ އާދައިގެ ލައިންސްމަނަކަށް ބަދަލުކުރެއްވިއެވެ.
  • ހުރާގޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ޢަބުދުލްމަޖީދުދީދީ (ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު)ގެ ދަރިކަލުން މުޙައްމައިދި (ފަހުން ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލް)، “މަތިންދާބޯޓުން ދަތުރުކުރުމަކީ ކުފުރެކޭ” ބަޔަކުމީހުންގެ ގާތުގައި ސަމާސާފުޅު ގޮތަކަށް ނޫނީ އެ ވިދާޅުވިގޮތަކަށް ވިދާޅުވި ކަމަށް މާލެތެރޭ ބަޔަކުމީހުން ވާހަކަދެއްކީމާ އެކަމުގެ ސަބަބުން އެމީހުން ކުށްވެރިވެ، ފަނޑިޔާރުގެއަށް ދަމައި ގެންގޮސް ވަރުހުރެގެން އެމީހުން ތެޅުމަށްފަހު މުޙައްމައިދި ވެސް ހަމަސްދުވަހަށް ގޭބަންދުކޮށް އެދީދިއަށް އެއިރު ދައުލަތުންދެއްވަމުން ގެންދެވި މުސާރަފުޅު އެންމެ ހަސަތޭކަ ރުފިޔާއަށް އަމީންދީދި ކުޑަކުރެއްވިއެވެ.
  • މަތިންދާބޯޓުން ދަތުރުކުރުމަކީ ކުފުރެކޭ ބުނެގެން މީހަކު ކުށްވެރިވުމާއި، މަތިންދާބޯޓުން ދަތުރުކުރުމަކީ ފޫޅަށް ވައިއަރާ ކަމެކޭ ނުބުނެގެން މީހަކަށް އަދަބު ލިބުމާއި މިދެކަން ހަމަހަމަވެ ނިޔާގެމައްޗަށް އަނިޔާ އަތްގަދަކޮށްފައިވާ ކަމަށް ބަލަންޖެހޭ އެ ދުވަސްވަރު އެކި ގޮތްގޮތުން ދަތިބޮޑުވެގެން އުތުރު އަތޮޅުތަކުގެ ގިނަބަޔަކު މާލެ ދިޔުމަކީ ކުށެއްކަމަށް ބަލައި އެމީހުންނަށް މާފުދެއްވާފައިމެ އަނެއްކާ އެމީހުންގެނެސް ވަރުހުރެގެން ތެޅުމަށްފަހު އޭގެތެރެއިން ބަޔެއްގެ ބުރިހަންނެގުމުން އަމީންދީދިއަށް ރާއްޖޭގެ އުތުރުގެ ވަރަށް ގިނަބަޔެއްގެ ހިތް ނުބައިވިއެވެ. މިކަންކަން މިހިސާބަށްދިޔަ އިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަޝްހޫރު ބޮޑެތިބޮޑެތީންގެ ބައެއް ބޭފުޅުންނަށް އަމީންދީދި ދެއްވި އެކި ޒާތުގެ ހިތްދަތިކަމާއި ކޮޅުނެތްކޮޅަށް ގޮސްފައިވާ އަނިޔާގެ ސަބަބުން ދެކުނު އަތޮޅުތަކުގެ ވަރަށް ގިނަބަޔެއްގެ ހިތްވަނީ ބޮޑުވެގެންވާ ނުބައިވުމަކުން އަމީންދީދިއަށް ހިތް ނުބައިވެފައެވެ. މިކަންކަމުގެ ވާހަކަ އެ ހުރީ ކަޅާއި ހުދުން ލިޔެވި ފެންނަފަށުގައެވެ. ބަލަން ބޭނުންބަޔަކަށް އެކަން ކުރެވޭ ގޮތަށެވެ.

މިހިސާބަށް ރާއްޖޭގެ ކަންކަންދިޔަ އިރު ރާއްޖޭގެ މެދުތެރެކަމަށް ބެލެވޭ މާލޭގައި ތިބި ބަޔަކުވަނީ އަމީންދީދިގެ ވެރިކަން ނިމެންއޮތް ގޮތަކުން ނިންމާލަން ތައްޔާރުވެފައެވެ. މިހެންވާން ޖެހުނީ މާލޭގެ އެކި ފަރާތްތަކަށް ތަޙައްމަލްކުރަން ޖެހުނު ލާއިންސާނީ ގިނަ ކަންކަމެއްގެ ސަބަބުންނެވެ.

މާލެއަކީ މާލެއެވެ. ފުރަ މާލެއެވެ. ދެވަނަ އެހެން ރަށެއްނޫނެވެ. އެ ރަށަކީ ޒަމާނުއްސުރެ ވަކި މިވެނި ދުވަސްވަރެއް ވަކި މިވެނި ދުވަހެއްނެތި ބަގާވާތުގެ އަމާ ހާލިހަދައިގެން އެ އަމާގެ ދަރިންގެ ގައިގައި ތުޅާކި ބައްދައިގެން “ކަލޭނޭ ކަލޭނޭވޭ ކޮންމެވެސް ކޮންމެވެސް ބަގާވަތެއްކޮށްފަ ނޫނީ ތިޔައިން އެންމެކުއްޖެއްވެސް ލޮލުފިޔަ ޖަހައި ހަމަ ނިންޖެއް ނިދައިގެން ނުވާނެޔޭ ނުވާނެޔޭ ހަމަ ނުވާނެޔޭ ނުނިދަހަރޭ ނުނިދަހަރޭ” މިގޮތަށް ކެނޑިނޭޅި ހުއްޓުމެއްނެތި ގޮވަމުންދާ ރަށެވެ. މިހެންވެ ބަގާވާތުގެ އަމާގެ އެ ގޮވުމަށް އެ ފަހަރު އިޖާބަދެއްވީ ވަލިއްޔުލްއަމްރު އަމީންދީދި އެ ދަރިކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާތީ އެކަމާއި އެ ދީދި އަމިއްލަފުޅަށްވެސް ފަޚުރުވެރިވެވަޑައިގަންނަވާ ހުރާގޭ ނުވަތަ ހުރަވީ ދަރިކޮޅުގެ ބޭފުޅުންކޮޅެކެވެ. އެ ބޭފުޅުން ފޫގަޅުއްވައި ވަލިއްޔުލްއަމްރު އަމީންދީދިގެ ވެރިކަން ނިންމާލެއްވީ އެ ދީދީގެ އިސްތަށިފުޅަށް ބިންދާލި ހުރަވީ ބޮޑުރާޅެއްގެ ސިފައިގައެވެ. މިކަމަކީ އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި އެއްވެސްގޮތަކުން އެއްވެސްއިރަކު އިންކާރުކުރެވެން ނޯންނާނެ ހާމަކަން ބޮޑު ޙަގީގަތެކެވެ.

މިކަން ކުރެއްވުމުގައި އެއިރު ހުންނެވި ފަނޑިޔާރު މަނިކުފާނު ކުރެން މިކަންކުރާނެ ގޮތަކީ ކޮބައިތޯ އެއިން އެއްވެސް ބޭފުޅަކު އެއްސެވިކަމުގެ ޚަބަރެއް ނެތެވެ. އެއްސެވުމެއް ނެތީމާ ތިޔަ ކަމަކީ ތިމަން ދެނެހުރި ކަމެއްނޫނޭ ފަނޑިޔާރު މަނިކުފާނު ވިދާޅެއްވެސްނުވާނެތާ އެވެ. އަދި އެގޮތަށް ވިދާޅުނުވާނަމަ ވިދާޅުނުވާކަމަށް މާތް ﷲ ގަންދެއްވައި ބޮޑުވެގެންވާ ހުވަޔަކުން ހުވައިކުރައްވަންވެސް ފަނޑިޔާރު މަނިކުފާނު ފަހަކަށް ޖެހިވަޑައިނުގަންނަވާނެތާ އެވެ.

ކޮންމެއަކަސް ދިވެހި ގައުމަށް ރަނގަޅު ޚިދުމަތްތަކެއް ކުރައްވަން ފެއްޓެވި ދިވެހިގައުމުގެ ވަލިއްޔުލްއަމްރު އަމީންދީދިގެ ވެރިކަން ނިމިގެންދިޔައީ ހުރިގޮތަކަށް ހުރި ގިނަ ސަބަބުތަކެއްގެ ތެރެއިން ނުހަނު ހިތާމަވެރި ގޮތަކަށް އެ ދީދިގެ އިސްތަށިފުޅަށް ބިންދާލި ހުރަވީ ބޮޑުރާޅުގެ ސަބަބުންނެވެ. މިކަމަކީ އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި އެއްވެސްގޮތަކުން އެއްވެސްއިރަކު އިންކާރުކުރެވެން ނޯންނާނެ ހާމަކަން ބޮޑު ޙަގީގަތެކެވެ.

ލިޔުއްވީ: ގަލެހިރި – އެޑްމިން

26 އޯގަސްޓް 2015މ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!