މީދޫ ފާލަން – ރައްޔިތުންގެ އިޖްތިމާއީ އެންމެ ބޮޑު މަސައްކަތް

އިނގިރޭސިން ގަމުގައި ތިބި ދުވަސްވަރު މީދޫން ގަމަށް ދަނީ ދޯނިފަހަރުގައެވެ. ގަމުން އައިސް ދޯނި މަޑުކުރާނީ ގަނބާއެޅެ ސަރަހައްދުގައިވާ ރުކެއްގެ ބުޑު ކާރިއަށެވެ. ދިޔަވަރު ހިކިފައިވާ ވަގުތު މީހުންނަށް ޖެހޭނީ މޫދަށް ފައިބައިގެން ދޯނި އޮންނަ ހިސާބަށް ދާށެވެ.

ފޭބުމާއި ފުރުމަކީ އުނދަގޫ ކަމެކެވެ. އެހެންވެ ގަމަށްދާ ލޭބަރުންނާއި ރަށުގެ ވެރިން މަޝްވަރާކޮށް މީދޫ ހުދުބިތޭ ކިޔާ ފައްނުގައި ގަލުން ފާލަމެއް އެޅިއެވެ. އެއީ ބަނދަރު ފަރާތެވެ. ފާލަމުގެ ދިގުމިނުގައި 300 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓެވެ. މާގިނަ ދުވަހެއްނުވަނީސް އަނެއްކާވެސް ފާލަން ކައިރިން ފަޅު ތިލަވެއްޖެއެވެ. ދޯނިފަހަރަށް ފާލަމާއި ކައިރިއެއް ނުކުރެވެއެވެ.

އެއީ ފަސްދޮޅުހުގެ އަހަރުތަކެވެ. އެދުވަސްވަރު މާލެ އިން ދެމަފިރިއަކު މީދޫ އަށް ދިޔައެވެ. އެއީ މެދު ސީދީ އާއި އޭނާގެ އަންހެނުން ތުއްތު ދޮންސިއްތި އެވެ. މި ދެމަފިރިން ތިބީ މީދޫ އަލިމަނިކާގޭގަ އެވެ. އެއިރު ރަށުގެ ބޮޑުކަތީބަކީ އަބްދުއްﷲ ނާފިޒެވެ.

މި ދެމީހުން ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ ހުދުބިތް ފަރާތު އަތިރިމަތީގައެވެ. ހުދުބިތަކީ ރަށުގެ ހުޅަނގު ފަރާތެވެ. އަތިރިމަތީގައި ހުންނަ ފުނަގަހެއްގެ ދޮށުގައި ޖޯލި ފައްޗެއް ބަހައްޓައިގެން ސީދީ އިންނަނީ މީހުންނާއި ވާހަކަދައްކާށެެވެ.

ސީދީ މިހެން އިންނައިރު އިރު އޮއްސޭ ގަޑީގައި ގަމުން ލޭބަރުން އަންނަ މަންޒަރު ފެނެއެވެ. ދޯނި ބީހުމުން ފިރިހެނުން ފޫގަޅައިގެން މޫދަށް ފައިބައިގެން އައިސް ފާލަމަށް އަރާނެއެވެ. އަންހެންވެރީން ނަގައި ފިރިހެނުންގެ ކޮޑައްލައިގެން ގެނެސް ފާލަމަށް އަރުވާނެއެވެ. އަދި ބައެއް އަންހެނުން އުފުލާނީ މުލައްދަނޑި މައްޗަށް އަރުވައިގެންނެވެ.

މި މަންޒަރު ފެންނާތީ ސީދީގެ މަޝްވަރާދީފިއެވެ. އެއީ ފުން ވިލާއި ޖެހެންދެން ފާލަން ދިގުކުރުމެވެ. އެގޮތުން އިތުރު 400 ފޫޓް ދިގުކުރެވުނެވެ. ދޯނިތަކަށް އެއްވެސް ދަތި ކަމަކާއިނުލައި ފާލަމަށް ކައިރިކުރެވެއެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ފާލަން ކައިރިން ފަޅު ތިލަވެއްޖެއެވެ. ދޯނިފަހަރަށް ފާލަމާއި ކާރި ނުކުރެވެން ފަށައިފިއެވެ. އޭރު ސީދީ ފުރައިގެން ހިގައްޖެއެވެ.

ދޯނިފަހަރަށް ކާރިނުކުރެވޭތީ އަނެއްކާވެސް 300 ފޫޓް ދިގުކޮށްފިއެވެ. މިހެންގޮސް އެކިފަހަރުމަތިން ދިގުކޮށް މިކަން ހުއްޓާލިއިރު ދެހާސް ފޫޓަށްވުރެ ދިގު ފާލަމެއް އޮތެވެ. ކޮންމެފަހަރަކުވެސް ދިގުކުރަނީ އިސްކޮޅު ނުޖެހޭ ހިސާބު ވިލު ތެރޭގައެވެ. ދުވަސްތަކެއްފަހުން އަނެއްކާވެސް އެހިސާބު ތިލަވެދެއެވެ. ބައެއްފަހަރު ކޮނެގެން ފުންކުރެވޭތޯވެސް ބަލައެވެ. ދުވަސްކޮޅަކުން އެތަންވެސް އޮންނަނީ ތިލަވެފައެވެ. އެންމެފަހުން ފާލަން ދިގުކުރިފަހަރު ހެދިގޮތަކީ އެލް އަކުރުގެ ބައްޓަމަށް ފާލަމުގެ ދެކުނަށް ލަނބާލައިގެން 50 ފޫޓް ދިގުކުރީއެވެ. އެކިފަހަރުމަތީން  ރައްޔިތުންގެ މަސައްކަތުން ފާލަން ނިމުނުއިރު  ދިގު މިނަކީ 2000 ފޫޓެވެ.

މީދޫ ފާލަމުގެ މަސައްކަތަކީ މީދޫގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރެވުނު ވަރަށް ބޮޑު މަސައްކަތެކެވެ. އަދި އިޖްތިމާއި ރޫހެއްގައި ކުރެވުނު މަސައްކަތެކެވެ. މީދޫ ފާލަމަކީ އޭރު މުޅި ރާއްޖޭގައިވެސް އޮތް އެންމެ ދިގު ފާލަމެވެ. ދުނިޔޭގެ ތަނެއްގައިވެސް އެވަރުގެ ދިގު ގާ ފާލަމެއް އޮތުމަކީ ނާދިރު ކަމެކެވެ. ފާލަން އަޅާފައިވަނީ ފުއްޓަރުންނާއި އެތެރެވަރީގެ ބައެއް ތަންތަނުން ގާ ނަގައިގެންނެވެ. ގާ އުފުލަނީ އެކިވަރުގެ ދޯނީގައެވެ.

ފާލަން ހަދާ ގޮތަކީ ފާލަމުގެ ދެ އަރި މައްޗަށް ވާ ހިސާބުގައި، ސީދަލަށް ދެ ރޯނު ދަމާފައި އެ ރޯނަށް ސީދާވާ ގޮތަށް ގާ އަތުރަނީއެވެ. ގާ އަތުރާނީ އެއްގާ އަނެއް ގަލަށް ތަޅުލެވޭ ގޮތަށެވެ. މިގޮތަށް ގާ އަތުރާފައި ހުންނައިރު ބޭރަށް ފެންނާނީ ސީދަލަށް ރީތިކޮށެވެ. ގާއަތުރައިގެން ދެ އަރިމަތީން އުސްކުރަންވާ ވަރަށް ގާތަށް އަތުރައި ނިމުމުން މެދަށް ގާ އަޅާނީ ވަކި ވައްތަރެއް އަދި ވަކި ސައިޒެއްގެ ގަލަށް ބަލައިގެނެއް ނޫނެވެ. މަތީގެ ރޯނާއި ލެވެލް ވުމުން ގާތަކުގެ މައްޗަށް ވެލި އަޅާ ވެލި ބާރު ކުރާނެއެވެ.

ގަމަށްދާ ލޭބަރުން ގަމުން މީދޫއަށް އަންނަ ދަތުރުގައި ރަށަށް ނުގޮސް އެމީހުން ދާނީ ކަނަންދޫ ކަލޭގެ ގަލަށެވެ. އެތާގެ ކާރިއަށް ގޮސް އެތަނުން ދޯނި ފުރެންދެން ގާނަގައިގެން އަންނާނެއެވެ. އެމީހުން ބައެއް ރޭރޭ ދަންވަރު ވެސް ގާނަގަން ދާނެއެވެ. ދަންވަރު އިސްމެހެލާ ހެރަ ކައިރިއަށް ގޮސް ގާނަގައިގެން އައިސް ފާލަން ކާރިއަށް ފުންޏަކަށް ޖާމާކުރާނެއެވެ. އޭރު ގަމަށް ދަނީ އާރްއޭފް ދޯންޏަކާއި ޑީއީއޯ ދޯންޏެވެ.

ރަށުގައި ދޯނި ފަހަރު ގެންގުޅޭ މީހުން އެމީހުންގެ ދޯނިތައް ދޫކޮށްފައިވަނީ ހިލޭ ސާބަހަށެވެ. ކޮންމެ ގްރޫޕަކަށް ދޯންޏެއް ނުވަތަ ދެ ދޯނި އޮވެއެވެ. ގުރޫޕްގެ މީހުންގެ މަސައްކަތަކީ އެކި ތަންތަނުން ގާގެނެސް ފާލަން ކާރިއަށް ފުނި ފުންޏަށް ޖެހުމެވެ. މެދު ސީދީ ގެ ދެމަފިރިން މީދޫގައި ތިބި ދުވަސްވަރު ފޫޓް ފީތާ ހިފައިގެން މިންޖަހާފައި ގޮޅި ހަދާނީ އެމީހުންނެވެ. ބައެއް ގުރޫޕް ތަކުގެ މަސައްކަތް ވަރަށް އަވަސް ވާނެއެވެ. ބައެއް ގުރޫޕް ތަކުގެ މަސައްކަތް ލަސްވާނެއެވެ. އެގޮތުން ރަށާއި ކާރީގައި ހުންނަ ބައެއް ގޮޅި ތައް ނުނިމި ހުންނައިރު ރަށާއި ދުރުގައި ހުންނަ ގޮޅިތައް ނިމިފައިވެސް ހުރެއެވެ.

ކޮންމެ ގްރޫޕެއްގައި ގްރޫޕް ލީޑަރަކު ހުރެއެވެ. ގުރޫޕް ލީޑަރު އެޓެންޑެންސް ބަލަހައްޓާނެއެވެ. އަދި ގުރޫޕަކާއި ޙަވާލުކުރެވޭ ގޮޅީގެ މަސައްކަތް ނިންމުމަކީ އެ ގުރޫޕެއްގެ ޒިންމާއެކެވެ. ކޮންމެ ގޮޅިއެއް ވަކިވާގޮތަށް ރޯނު ދަމައި އެއްގޮޅި އަނެއްގޮޅިއަށް އެނގޭގޮތަށް ނަންބަރެއް ޖަހާފައި ވާނެއެވެ. ފިރިހެން ވެރިންނަށް އެންމެ ފޯރީ ދެނީ އަންހެން ވެރީންނެވެ. އަންހެން ވެރީން ޖޫސް ނުވަތަ އެކި ބާވަތުގެ ފަނި ގިރައިގެން ގޮސް ދޭނެއެވެ. އެއިގެ އިތުރަށް ދުފާ އެއްޗެހިވެސް ގެނެސް ދޭނެއެވެ. ފިރިހެނުން ފާލަމުގެ މަސައްކަތް ކުރަމުންދާ އިރު އެކި ޒާތުގެ އަންބާ ކިޔަމުން ދާނެއެވެ.

ފާލަމުގެ މަސައްކަތް އެންމެ ބޮޑަށް ކުރެވުނީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރުގައެވެ. ގަމަށް މަސައްކަތު ދާ މީހުންނާއި ރަށުގައި އޮތް ދެ ޖަމްއިއްޔާ އާއި ރަށުގެ ވިޔާފާރިވެރިން ގުޅިގެންނެވެ. ވާދައިގެ ރޫހެއްގައި ގޮޅި ބަހާލައިގެން މަސައްކަތް ކުރުމުން ވަރަށް އަވަސް މިނެއްގައި މަސައްކަތް ކުރިއަށް ދެއެވެ. ގުރޫޕުތަށް މީހުން ބަހައި ލިސްޓް ހަދާނީ ރަށު އޮފީހާއި ރަށުގައި އިސްކޮށް ތިބޭ މީހުން ގުޅިގެންނެވެ.

މިހާ ބޮޑު މަސައްކަތެއް އޭރު ކުރެވުނު އިރު މިހާރު މިއަށް ވުރެ މާ ކުޑަ ކަމެއްވެސް ކުރެވޭނެ ގޮތެއް ނުވެއެވެ. އަބަދުވެސް އިވޭނީ ބޭނުންވާ ފަންޑު ނެތިގެން ނޫނީ ލިބޭނޭ ގޮތެއް ނެތިގެން އެކަމެއް ނުކުރެވޭ ވާހަކައެވެ. މިހާރު މަސައްކަތް ކުރާން ގިނަ ބަޔަކު އެބަ ތިއްބެވެ. އެ ޒަމާނާ އަޅާ ބަލާއިރު މަސައްކަތް ކުރަން ލިބެން ހުރި ވަސީލަތް ތައް މާ ގިނައެވެ. އިޖްތިމާއީ ރޫހެއްގައި ރަށުގެ ތަރައްގީއަށްޓަކާ ކަންކަން ކުރަން އުޅެފިއްޔާ މިހާރު ވެސް އެފަދަ ކަންކަން ކުރެވޭނެއެވެ.

މީދޫ ފާލަން ރޫޅާލެވުނީ ބަނދަރު ކޮނުމުގެ މަސައްކަތް ފެށުމުން 1992ވަނައަހަރު ގައެވެެ. މީދޫ ބަނދަރުގެ އެއްގަމު ތޮށިގަނޑާއި ބޭރުތޮށިގަނޑު ހަދާފައިވަނީ ފާލަމުގެ ގަލުންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!