އަލްޤާޟީ ހަސަން ތާޖުއްދީން

ޤާޟީ ހަސަން ތާޖުއްދީނަކީ ހައްދުންމަތީ ގަމު މަހުމޫދު ނަމަކަށް ކިޔުނު ބޭކަލެއްގެ ދަރިކަލެކެވެ. އޭނާ ދުނިޔެ އަށް އުފަންވީ 1072ހ. ވަނަ އަހަރުގެ ތެރޭގައެވެ. ތާޖުއްދީނަކީ އޭނާގެ ހަޔާތުގެ ކުރީކޮޅު ވެސް ތައުލީމަށް ލޯބިކުރެއްވި ބޭކަލެކެވެ. ހަސަން ތާޖުއްދީންގެ އެދުރަކީ ފޮނަދޫ ޚަޠީބު ތަކުރުފަނެވެ.

އެދުވަސްވަރު ރާއްޖޭގެ ސިޔާސި އޮއިވަރު އެނބުރެމުން ދިޔަގޮތާއި ގަނޑުވަރުތެރޭގައި ހިނގި ކަންތައްތަކާއި މެދު ހިތްޕުޅު ހަމަނުޖެހުމުގެ ނަތީޖާއަކަށްވީ ދުވަސްކޮޅަކަށް ރާއްޖެ ދޫކުރައްވައި ވަޑައި ގަތުމެވެ. އެއަށްފަހު އެނބުރި މާލެ ވަޑައިގަތީ 10 ރަބީޢުލްއައްވަލް 1102ހ. ގައެވެ. އައްސުލްޠާން މުޙައްމަދު ސިރީމަނި ރަން ލޯކަ މަހާރަދުންގެ ރަސްކަމުގައެވެ. އެނބުރިވަޑައިގަތުމުން ހިސާބަކަށް މާލޭގައި އަދަބު ދިނުމަށްފަހު ހައްދުންމަތީ ގަމަށް އަރުވާލެއްވިއެވެ. މިރަދުންގެ ރަސްކަން ނިމި އައްސުލްޠާން މުޙައްމަދު މުހްޔިއްދީނުލް އާދިލް ސިރީނާކަރައި ސުންދުރަ މަހާރަދުންގެ ރަސްކަމުގައި ހަސަން ތާޖުއްދީން މާލެ ގެންނަވައި ރަދުންގެ އިސް މުޝީރެއްގެ މަޤާމް ދެއްވެވިއެވެ. މިރަސްކަން ނިމި ދިވެހިންގެ ތެރޭގައި މަޝްހޫރު “ސައްޔިދު ރަސްގެފާނު” ގެ ރަސްކަމުގައި އެރަދުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހަސަން ތާޖުއްދީން ހިމެނިވަޑައިގަނެއެވެ. ހަމަ މިދުވަސްވަރު ރަޖަބު މަހަށް ހަނދު ބެލީއްސުރެ ރޯދަމަސް ހުސްވާން ދެން ކޮންމެ ރެޔަކު މަޣުރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު ހުކުރު މިސްކިތުގައި ހަދީޘް ކިޔަވައި ދެއްވުމަކީ އޭނާ ކުރެއްވި ކަމެކެވެ. ސައްޔިދު ރަސްގެފާނުގެ ޒަމާނުގައި ފަނޑިޔާރު ކަމުގައި ހުންނެވި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު 25 ޞަފަރު 1104ހ. ގައި ރަސްކަމަށް އިސްވެވަޑައިގެން ފަނޑިޔާރަކު ނެތި ދިޔުމުން އެމަޤާމަށް އެރަދުން ޚިޔާރު ކުރެއްވީ ހަސަން ތާޖުއްދީންއެވެ. އޭރު ހަސަން ތާޖުއްދީންގެ އުމުރުފުޅަކީ 32 އަހަރެވެ. އެމަޤާމަށް ހަސަން ތާޖުއްދީން އިސްކުރެވުނީ 2 ރަބީޢުލްއައްވަލް 1104ހ. ވީ ބުދަ ދުވަހު އެވެ.

ޤާޟީ ހަސަން ތާޖުއްދީން، ފަނޑިޔާރުކަން ކުރައްވާ 11 ޝައުބާން 1112ހ. ގައި އާއިލާއާއެކު މައްކާ އަށް ވަޑައިގަތުމަށް ފުރާވަޑައިގަތެވެ. ނަމަވެސް މާގިނަ ދުވަހެއް މައްކާގައި ހޭދަނުކުރައްވަނީސް ލިބިވަޑައިގަތީ އައްސުލްޠާން އިބްރާހިމް މުޒްހިރުއްދީން މާލެ ވަޑައިގަތުމަށް އެދިވަޑައިގެން ލިޔުއްވާފައިވާ ފަތްކޮޅެކެވެ. މިފަތްކޮޅު ލިބިވަޑައިގަތުމުން ހަސަން ތާޖުއްދީން މާލެ ވަޑައިގަތީއެވެ. އަދި ރަދުން އޭނާ އަށް ވަރަށް މާތްކޮށް ހިތްތެވިއެވެ. މިރަދުން ހައްޖަށް ވަޑައިގަތުމަށްޓަކައި 1 ރަމަޟާން 1115ހ. ގައި ފުރާވަޑައިގަންނަވަމުން އަރިހުގައި ހަސަން ތާޖުއްދީން ގެންދެވިއެވެ. އެއަށްފަހު ވަރަށް ގިނަ ދަތިތަކާއި ދިމާވުމަށްފަހު މާލެ ވަޑައިގެންނެވިއިރު ރަސްކަން ވަނީ ބަދަލުވެފައެވެ. ތަޚުތުގައި އިންނެވީ އައްސުލްޠާން މުޒައްފަރު މުޙައްމަދު އިމާދުއްދީން ސިރީކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. ރަސްކަމަށް މިއައި ބަދަލާއި، އަދި ކުރީގެ ރަދުންނާއި، ހަސަން ތާޖުއްދީނާއި ދެމެދު ހުރި ގާތްކަމުގެ ނަތީޖާއަށް ވީ އަނެއްކާވެސް އޭނާ ހައްދުންމަތީ ގަމަށް އަރުއްވާލެއްވުމެވެ. ނަމަވެސް ދާދި އަވަހަށް މާލެ ގެންނަވައި އަނެއްކާވެސް ފަނޑިޔާރުކަން ދެއްވިއެވެ. ހަސަން ތާޖުއްދީނަށް ދެވަނަ ފަހަރަށް ފަނޑިޔާރުކަން ދެއްވީ 22 ޝައްވާލު 1116ހ. ގައެވެ.

ދިވެހި ތާރީޚަށް މީހަކު ކޮށްފައިވާ އެންމެ ބޮޑު ޚިދުމަތްކަމުގައި އަޅުގަނޑުމެންނާއި ހަމަޔަށް އަދު އައިސްފައިވާ އެޚިދުމަތެއްގެ ފެށުން އޮތީ މިދުވަސްވަރު އެވެ. އެހެނީ އެރަދުންގެ އަމުރުފުޅަށް ހަސަން ތާޖުއްދީން ދިވެހި ތާރީޚް ލިޔުއްވަން ފެއްޓެވީ މިދުވަސްވަރުއެވެ. އޭގެ ކުރީގެ އެކި އެކި ލިޔުންތަކާއި ދޫދޫމަތިން ދެކެވެމުން އަންނަ ވާހަކަތަކަށް ބަލައި ތަހްޤީޤު ކުރެއްވައި ފަހަށް ބޭނުންތެރިވާނެ އެއްޗަކަށްވާނޭ ގޮތަށް އަލްޤާޟީ ހަސަން ތާޖުއްދީން އަޅުގަނޑުމެންނާއި ހަމަޔަށް ދޫކުރައްވާފައި މިވާ މުއުތަބަރު ތާރީޚަކީ މިކުރެއްވި އަމުރުފުޅަށް މިދުވަސްވަރު ލިޔުއްވި އެއްޗެކެވެ. އޭނާގެ ތާރީޚުގައި ހަސަން ތާޖުއްދީން އެންމެ ފަހުން ލިޔުއްވި ޖުމްލަ އަކީ “…… ޖިމާދަލްއައްވަލް މަހު (1137ހ.) އައްޑުވަހު މިރަސްގެފާނުންގެ އަނބި (ކަމަނާ) އާމިނާ ކަނބާފާނު ދަރިކަލަކާ ރައްކައުވިއެވެ. މިދަރިކަނބަލުންނަށް އާމިނާ ރަނި ކިލެގެފާނޭ ކިޔައި ނަންދެއްވިއެވެ.” މިއެވެ.

އަލްޤާޟީ ހަސަން ތާޖުއްދީން މިފަނާވަނިވި ދުނިޔެ ދޫކުރެއްވީ 6 ރަޖަބް 1139ހ. ވީ ހުކުރު ދުވަހުގެ ފަތިސްވުމާއި ކައިރިވެފައިވަނިކޮށެވެ. އެއިރު އޭނާގެ އުމުރުފުޅުން 67 އަހަރެވެ. ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވީ 37 އަހަރުއެވެ. ފަސްދާނު ލެވުނީ ފުރަމާލޭގެ ހުކުރު މިސްކިތުގައެވެ.

އޭނާ ލިޔުއްވި ތާރީޚުގެ އިތުރަށް އަލްޤާޟީ ހަސަން ތާޖުއްދީން އަޅުގަނޑުމެންގެ ތެރެއަށް އަރބި ޅެން ތަކެއްވެސް ވަނީ ދޫކުރައްވާފައެވެ. މިތަކެއްޗާއި އޭނާގެ ތާރީޚަށް ބަލައިފި މީހަކަށް އޭނާގެ އިލްމުވެރިކަމާއި ހޯދައި ތަހްޤީޤު ކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި ކުރެއްވި މަސައްކަތް ރަނގަޅަށް އެނގޭނެއެވެ. ތެދު ބަޔާންކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާކަމާއި ހަޤީޤަތަށް ލޯބިކިރެއްވުމުގެ ހެކިވާނެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!