އަލްފަގީހުލް ޚަތީބު މޫސާ (މީދޫ އެދުރުތަކުރުފާނު)
އަލްފަގީހު މޫސާ (މީދޫ އެދުރުތަކުރުފާނު) އަކީ ތާރީޚީ ބައިކުރުމަކުން ބައިކުރާނަމަ މީދޫގެ ފަހުގެ ތާރީޚުގެ ބައްޕަ ކަމުގައި ބަލަން ޖެހެއެވެ. މީދޫގެ ތާރީޚު ބެހިގެންވަނީ މައިގަޑު ތިން ބަޔަކަށެވެ. އެއީ ޔޫސުފު ނާއިބުގެ ދައުރުން ފެށިގެން ޝަމްސުއްދީނު ބޮޑު ފަނޑިޔާރާއި ހަމަޔަށް އޮތް ބަޔާއި ޝަމްސުއްދީނުގެ ދަރިކަލުން ހުސައިން ގުތުބުއްދީނާއި ހަމައިން ފެށިގެން އެދުރުގޭ ދޮން އަލީ ޚަތީބު ތަކުރުފާނާއި ގެދަރު އައްނާއިބު އަލީ ތަކުރުފާނާއި ހަމައަށް އޮތް ބަޔާއި އަލްފަގީހު މޫސާ އެދުރު ތަކުރުފާނާއި ހަމައިން ފެށިގެން މިއަދާއި ހަމައަށް ދެމިގެން އައި ބައެވެ.
އަލްފަގީހު މޫސާ މީދޫގެ ތާރީޚުގައި ބޮޑަށް މަޝްހޫރު ވެގެންވަނީ އެދުރު ތައްކާނުގެ ނަމުންނެވެ. އެތަކުރުފާނުގެ ކުރީންވެސް އެއައުލާދުގެ އެކި ބެއިކަލުންގެ ނަމުގެ ކުރިއަށް އެދުރު މި ނަން ބޭނުން ކުރެވެމުން އައިސްފައިވެއެވެ. މިކަން ފެށިފައި އޮތީ ދޮއްތޮޑޮފި އެދުރު ތަކުރުފާނާއި ހަމައިންނެވެ. މި އައުލާދުގެ އިސް ގެޔަށް ކިޔަނީވެސް އެދުރުގެ މިހެންނެވެ. މިގޮތުން އަލްފަގީހު މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެން އެގެއެއްގައި ދިރިއުޅުއްވައި އަދި އަވަހާރަވީ ގެޔަކީ ވެސް މީދޫ އެދުރުގެ އެވެ. ފަގީހު މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ މީލާދީން ސަތާރަ ސަތޭކައިގެ އަހަރުތަކުގެ މެދުތެރޭގައެވެ.
އަލްފަގީހު މޫސާގެ ބައްޕައަކީ އެދުރުގޭ ދޮން އަލީ ޚަތީބު ތަކުރުފާނެވެ. ދޮން އަލީ ޚަތީބު ތަކުރުފާނުގެ މަންމައަކީ ވަޒީރުއްސައީރުލް އުސްތާޒުލް ހާއްޖު އިބްރާހިމް ޝަހީދުލް މުކައްރަމް (ދޮއްތަޑަފި އެދުރުތަކުރުފާނު)ގެ ވަޒީރުއް ސައީރުލް އުސްތާޒު އަބްދުއްސަލާމް (އެދުރު ދޮންތަކުރުފާނު)ގެ އެދުރު އަލީ ތަކުރުފާނުގެ ސަންފާ ބީފާނުގެ އެދުރު އަހުމަދު ތަކުރުފާނުގެ ވަޒީރުއް ސައީރުލް އުސްތާޒު އިސްމާއީލް ތަކުރުފާނު، މީދޫ އުހުނިއަރު ދޮން އަލީ ޚަތީބުގެ ދޮހަވާބޫ އާ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ވަޒީރުއް ސައީރުލް އުސްތާޒު އަލީގެ މުހައްމަދު ކުޑަތަކުރުފާނުގެ އެދުރު މަރިޔަމްފާނެވެ.
ފަގީހު މޫސާގެ ބައްޕަ ދޮން އަލީ ތަކުރުފާނުގެ ބައްޕައަކީ ހެނެއިކަމަނާރު ދޮންމަރިޔަމްބޫގެ ދޮން އަލީ ޚަތީބު ކަލޭގެ، ކެއުޅާރު ހަނދެއިގިރި ތަކުރުގެ ހައްވާބީގެ ދޮންބީގެ ސިއްތީބީ އާ ކައިވެނިކުރައްވައިގެން ލިބި ވަޑައިގެންނެވި އީސުބުތަކުރު (ޚަތީބު ޔޫސުފު)، ކަޅިހާރު އަބޫބަކުރު ޚަތީބުގެ ދޮން ހައްވާގެ ޚަތީބުކަލޭގެ ދި ހައްވާބީ އާ ކައިވެނިކުރައްވައިގެން ލިބި ވަޑައިގެންނެވި ޚަތީބު އިސްމާއިލް މަނިކާ އެވެ. މަޝްހޫރު ނަމުންނަމަ އީސުބުތަކުރުގެ އިސްމެހެލި މަނިކާ އެވެ.
މި އިސްމެހެލި މަނިކާއަކީ ވަރަށް މަޝްހޫރު ޝަޚުސިއްޔަތެކެވެ. ރަށުގެ ވަރަށް ގިނަ ތަންތަނަށް މީނާގެ ނަމުން މުޚާތަބު ކުރެވެއެވެ. އެގޮތުން މީދޫ ކުޅީގެ ތެރޭގައި އޮންނަ ރަށަކަށް އިސްމެހެލި މަނިކާ ރަށް މިހެން ކިޔައި ނަން ދެވިފައިވެއެވެ. އަދި މީދޫ ފަޅުތެރޭގައި އޮންނަ އެންމެ ބޮޑު ފަޅު ރަށަށް އިސްމެހެލާ ހެރަ މި ގޮތަށް ނަން ދީފައިވަނީ ވެސް ތާރީޚީ ހެކިތަކަށް ބުރަވާއިރު މި އިސްމެހެލި މަނިކާއަށް ނިސްބަތްކޮށްފައެވެ.
އަލްފަގީހު މޫސާގެ މަންމައަކީ ކަޅިހާރު އަބޫބަކުރު ޚަތީބުގެ ދޮން ދަނަބޫގެ ދޮން ހައްވާ، ކެއުޅާރު ހަނދެއިގިރި ތަކުރުގެ ހައްވާބީގެ މަރިޔަމްބީގެ އުމަރު ތަކުރާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އިބްރާހިމް ތަކުރު، އުހުނިއަރު ދޮން އަލީ ޚަތީބުގެ ދޮންސީދިބޫގެ އިބްރާހިމް ތަކުރުފާނުގެ ޒުލައިޚާ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އާއިޝާ ރަނި، ހުވަދޫ މާމެންދޫ މުދިންގޭ އިބްރާހިމް ކަލޭގެ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އާމިނާ ރަނި އެވެ. މި އާމިނާ ރަނީގެ ނަން މަޝްހޫރުވެފައިވަނީ ދޮން ދަނަބޫގެ އާމިނާ ރަނީގެ ގޮތުގައެވެ.
ފަގީހު މޫސާގެ ވަރަށް ޅަ އުމުރުގައި ބައްޕަ އެދުރުގޭ ދޮން އަލީ ޚަތީބު ތަކުރުފާނު އަވަހާރަ ވެއްޖެެއެވެ. ދޮން އަލީ ޚަތީބު އަވަހާރަވުމުން ދޮން ދަނަބޫގެ އާމިނާ ރަނި ކައިވެނިކުރެއްވީ އެދުވަސްވަރު މީދޫގައި ހުންނެވި ވަރަށް އިއްޒަތްތެރި އަދި އެހާމެ އިލްމްވެރި ބޭކަލެއް ކަމުގައިވާ ގެދަރު އައްނާއިބު އަލީ ތަކުރުފާނާއި އެވެ. ގެދަރު އަލީ ތަކުރުފާނަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ދަރިކޮޅުގެ ބޭކަލެކެވެ. މިފަރާތުން ދޮން ދަނަބޫގެ އާމިނާ ރަނި އަށް ލިބިވަޑައިގެންނެވީ މީދޫ ގަނޑުވަރު އަލްޚަތީބު ހުސައިން ތަކުރުފާނާއި މީދޫ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނެވެ. އެހެންކަމުން މި ދެބޭކަލުންނާއި ފަގީހު މޫސާ އެއްބަނޑެވެ. ހުސައިން ތަކުރުފާނަކީ އައިސާދަރު ކުދީންގެ ބައްޕަ އެވެ. މުހައްމަދު ތަކުރުފާނަކީ ގަނޑުވަރު ކުދީންގެ ބައްޕައެވެ.
ފަގީހު މޫސާގެ އެންމެ ޅަ އުމުރުގައި އޭނާއަށް ތައުލީމު އުނގަންނަވައި ދެއްވައި ތަރުބިއްޔަތު ކުރެއްވީ އޭނާގެ ދޮންބައްޕަ ގެދަރު އަލީ ތަކުރުފާނެވެ. އޭގެފަހުގައި އޭނާގެ އެންމެ ބޮޑު އުސްތާޒަކަށްވީ އަލްގާޒީ ހަސަން ތާޖުއްދީނުގެ ދަރިކަލުން އަލްޚަތީބު އަހުމަދު މުހުޔުއްދީނުގެ ދަރިކަލުން އަލްގާޒީ އިބްރާހިމް ސިރާޖުއްދީނެވެ. މާލޭގައި ހިނގި ސިޔާސީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ގާޒީ އިބްރާހިމް ސިރާއްޖުއްދީނު އައްޑުއަށް އަރުވާލެވުމުން ހުންނެވީ މީދޫ ގަނޑުވަރުގައެވެ.
މިގޮތަށް ހުންނެވުމުގެ ތެރޭގައި ފަގީހު މޫސާ އަށާއި އަދިވެސް އެހެނިހެން ބައެއް ބޭފުޅުންނަށް އިލްމު އުނގަންނަވައި ދެއްވިއެވެ. ގާޒީ އިބްރާހިމް ސިރާޖުއްދީނު ކައިވެނި ބެއްލެވި އެއްބޭކަނބަލަކީ މީދޫ ކުދުރަނިއަގެ ކުދު އެދުރުކަލޭގެ (އައްޑޫ ބަންޑާރަނާއިބު ތަކުރުފާނު)ގެ ދަރިކަނބަލުން އާއިޝާ މަނިކެ (މާލޭ މަނިކެ) އާއެވެ. އިބްރާހިމް ސިރާޖުއްދީނުގެ ދަރިކަލުން އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ މައިކަނބަލަކީ ވެސް މި އާއިޝާ މަނިކެ އެވެ. އެހެންކަމުން މައިފުށުން މުހިއްބުއްދީނު ފަނޑިޔާރުގެ ރަށަކީ މީދޫ އެވެ.
އަލްފަގީހު މޫސާ އެންމެ ފުރަތަމަ ކައިވެނިކުރެއްވީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ދަރިކޮޅުގެ ބޭކަނބަލެއް ކަމުގައިވާ އެޅެގެދަރިގޭ އާމިނާފާނު، ދޮންއާބުގޭ ސިއްކަ އިސްމާއިލް ތަކުރުފާނާ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ފާތުމާފާނާއެވެ. މިފަރާތުން ފަގީހު މޫސާ އަށް ލިބި ވަޑައިގެންނެވީ އެދުރުގޭ ކުދު އެދުރުތަކުރުފާނާއި އައްނާއިބު އަލީ ތަކުރުފާނާއި އަލްގާޒީ އިބްރާހިމް މަޖުދުއްދީނާއި އައްޝައިޚު މުހައްމަދު ތައްޚާނާއި މަރިޔަމްފާނާއި ހައްވާފާނާއި އާއިޝާފާނާއި ކައްދާފާނާއި އާމިނާފާނެވެ. މިތަނުން މަޖުދުއްދީނުގެ ކުދިން މަޝްހޫރުވެގެން ދިޔައީ ދެށިނާގެ ކުދީންގެ ގޮތުގައެވެ. ކައްދާފާނުގެ ކުދީން މަޝްހޫރުވެގެން ދިޔައީ އެޅެގޭ ކުދީންގެ ގޮތުގައެވެ. އެޅެގޭ ކުދީންނާއި މެދު ފަގީހު މޫސާ ވިދާޅުވެފައި އޮންނަ ވާހަކައެއް ވަރަށް މަޝްހޫރެވެ. ދަރިކަނބަލަުން ކައްދާފާނުގެ އަރިހުގައި ފަގީހު މޫސާ ވިދާޅުވީ ކަނބުލޮގެ އެއްވެސް ކުއްޖަކު މަހަށް ދަރަށް ފޮނުވައިގެން ނުވާނެ ކަމަށާއި ހުރިހާ ކުދީން ވާން ޖެހޭނީ އިލްމުވެރި ހުނަރުވެރި ކުދީންނަށް ކަމުގައެވެ. މިހެން ވެގެން އެޅެގޭ އެއްވެސް ކުއްޖަކު މަސްވެރިޔަކަށް ނުވިއެވެ.
ތަންކޮޅެއް ފަހުން ފަގީހު މޫސާ ކައިވެނިކުރެއްވީ ކުދުރަނިއަގެ މަރިޔަމްބީގެ އާމިނާފާނާއެވެ. މިކައިވެންޏެއް ކުރައްވަމުން ފަގީހު މޫސާ ވިދާޅުވި ކަމަށް މަޝްހޫރުވެފައި އޮންނަ ވާހަކައެއް އޮވެއެވެ. އެއީ ދަރިކޮޅުގެ ގޮތުން ފަގީހު މޫސާއަށް އެބައެއްގެ މުދައު ވާރުތަވުމުގެ ފުރުސަތު ނެތް ހަމައެކަނި ދަރިކޮޅަކީ ކުދުރަނިއަގެ ދަރިކޮޅު ކަމަށާއި މި ކައިވެންޏަށްފަހު އެގޮތްވެސް ބަދަލުވެގެންދާނޭ ކަމުގެ ވާހަކައެވެ. ކުދުރަނިއަގެ އާމިނާފާނުގެ ބަނޑުން ފަގީހު މޫސާ އަށް ލިބި ވަޑައިގެންނެވީ ކުދުރަނިއަގެ ފާތުމާފާނެވެ. މިއީ އެދުވަސްވަރު މުޅި ރަށުގައި ނެތްވަރުގެ ރީތި އަންހެނެއްކަމުގައި ބުނެވެއެވެ.
މި ފާތުމާފާނު އައިސާދަރު ހަސަން ތައްޚާނާއި ކައިވެނި ބައްލަވައިގެން އުޅުއްވަނިކޮށް ކިލެގެފާނުގެ ހަސަން ދީދީއަށް ފެނިވަޑައިގެން ވަރިކުރުވައި ހަސަން ދީދީ ކައިވެނި ބައްލަވައިގަތް ވާހަކައަކީ ވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ. ހަސަން ދީދީއަށް މި ފާތުމާފާނުގެ ބަނޑުން ލިބިވަޑައިގެންނެވި ކުދުރަނިޔަގެ އަލީ ދީދީ ކަޅިހާރު ސިއްތީފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ކުދީންނަކީ ކަޅިހާރުގެ ފަހުގެ ޖީލުތަކުގެ ފެށުމެވެ.
ފަގީހު މޫސާ އަކީ ވަރަށް މުއްސަނދި މުދާވެރިއެކެވެ. މީދޫގެ ވަގުފުތައް ބެހިފައިވާ ގޮތުން އެކިއެކި ދަރިކޮޅުތަކުގެ ވަގުފުތައް ވަނީ ފަގީހު މޫސާ އަށް ވާރުތަވެފައެވެ. މިހެންވުމުގެ އެންމެ ބޮޑު ސަބަކީ ދަރިކޮޅުތަކުގެ ގިނަފަރާތްތަކެއް ހުޖުބު ވުމުން އެދަރިކޮޅުތަކުގެ މުދާތައް ވާރުތަވާ ހަމައެކަނި ފަރާތެއްގެ ގޮތުގައި ފަގީހު މޫސާ ވުމެވެ.
ފަގީހު މޫސާ އަކީ ރަށުގައި ވަރަށްގިނަ އަދަދަކަށް ރުއްގަސް އިންދައި އުޅުއްވި ބޭކަލެކެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ފަގީހު މޫސާއަށް ނިސްބަތްވާ ރުއްގަސްތައް މީދޫގެ އެކިތަންތާގައި ވެއެވެ. ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކާ ޖެހެންދެން ވެސް މީދޫގެ ރަށުގެ މެދުގައި އެންމެ އުސްކޮށް ހެދިފައިވާ ބޮޑު ނިކަގަހަކީ ފަގީހު މޫސާއާއި ގުޅިފައިވާ ގަހެކެވެ. އެގަސް އިންދެވި ކަމަށްވަނީ ފަގީހު މޫސާގެ ބައްޕަ އެދުރުގޭ ދޮން އަލީ ތަކުރުފާނެވެ. އެކަމަކު މިގަސް ފަހުން ބަލަހައްޓަވައި ހެއްދެވީ ފަގީހު މޫސާ ކަމަށް ވުމުން އެގަހާއި ގުޅޭ ވަރަށް ގިނަ ފޯކްލޯރުތައް އެތަކުރުފާނާއި ވަނީ ގުޅިފައެވެ.
މި ގަހާ ގުޅޭގޮތުންނާއި ފަގީހު މޫސާ އަށް ނިސްބަތްކޮށް ދެކެވޭ ފޯކްލޯރ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ މި ނިކަގަސް ދަށުގައި ފަގީހު މޫސާ ގެންގުޅުއްވި ޖިންނިއެއް އުޅޭ ކަމުގެ ވާހަކައެވެ. މިއީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ވާހަކައެކެވެ. މިވާހަކަ ކިޔަނީ ތިރީގައިވާ ގޮތަށެވެ.
ކުރީޒަމާނުގައި މީދޫ މީހުންނަށް އުނދަގޫކޮށް ދުއްތުރާކުރި ޖިންނިއެއް އުޅުނެވެ. ޖިންނީގެ އާދައިގެ މަތީން އެދުރު ތައްކާނަށްވެސް އެއްދުވަހަކު ޖެއްސުން ކުރިއެވެ. މިކަމާގުޅިގެން އެދުރުތައްކާނު މިޖިންނި ގެނެސް ކަސްތަޅު އަޅައި ހައްޔަރުކުރިއެވެ. ޖިންނި ހައްޔަރު ކުރުމުން އެދުރުތައްކާނު އަރިހުގައި ވަރަށް އާދޭސް ދެންނެވިއެވެ. އެދުރު ތައްކާނުގެ މުޅި އުމުރުގައިވެސް އެތައްކާނަށާއި އެތައްކާނުގެ އާއިލާ އަށާއި މިރިމިނީންނަށް އެބައިމީހުންގެ ޚާދިމަކު ކަމުގައި ދެމިހުރުމަށާއި އެތައްކާނުގެ ދަރިކޮޅުގެ މީހަކަށް ދުވަހަކުވެސް އުނދަގުލެއް ދުއްތުރާލެއް ނުކުރާން ހުވައިކުރިއެވެ. އޭގެފަހުން އެދުރު ތައްކާނު އަވަހާރަ ވަންދެން މި ޖިންނި އުޅުނީ ރެއާއި ދުވާލު އެދުރު ތައްކާނުގެ ޚާދިމަކު ކަމުގައެވެ.
މި ޖިންނި ވައުދުވި ފަދައިން އެދުރު ތައްކާނުގެ ޚާދިމެއްގެ ގޮތުގައި އުޅުނު ކަމަށްވެއެވެ. އެދުރު ތައްކާނުގެ ގޭގެ ކުނިކެހުމާއި ދަރު ހޯދުމާއި ދޯރާ ހިޔުމާއި ކެއްކުންފަދަ އެތައް މަސައްކަތެއް މިސޮރު ކުރެއެވެ. މި ގޭގެ ހުރިހައި މަސައްކަތެއް ޖިންނި ކުރާއިރުވެސް ނުކުރެވޭ ކަމެއް އޮވެއެވެ. އެކަމަކީ ދޯރާ ކައްކައި ރޯފިލުވާފައި ހުންނަ ރާފަނި ހުސްކުރުމެވެ. ރާހިޔައި ނިމެން ކައިރިވީމާ ގޭގެ މީހަކަށް އަންގާފައި އަވަސް އަވަހަށް ޖިންނި ފިލާނެއެވެ. ފިލަންޖެހޭ ސަބަބަކީ ރާހިޔައި ނިމެން ކައިރިވީމާ ތާހުގެ ތެރެއަށް އަޅާފައި ހުންނަ ރާގައުތައް ތެޅެން ފެށުމުން އެއަޑަށް ޖިންނި ބިރުގަންނަނީއެވެ. ރާގައު ނުވަތަ ރާއަކިރި އަކީ ރާހިޔާއިރު ގިނި މަޑުކުރަން ތާހުގެ ތެރެއަށް އަޅާ ގަލެކެވެ. މިގާ އަޅައިގެން ރާހިޔުމުން އެއިގެ ރަހަ ތަފާތުވެއެވެ. ރާ ހިޔާއިރު ގައުތައް ތެޅޭއަޑު އިވުމަށް ވުރެ ޖިންނި ބިރުގަންނަ އަޑެއް ނުވެއެވެ. އެއަޑު ނާހަންވެގެން ގެއިން ނިކުމެގެން ފިލަނީއެވެ.
އެދުރު ތައްކާނު ނިޔާވި ދުވަހު މި ޖިންނި ގޭގެ އޮޅިގަނޑު މަތީގައި އިށީދެ އިނދެގެން ގިސްލަ ގިސްލާފައި ރޮއިހޭރި އުޅުނެވެ. މި މަންޒަރު ގިނަ ބަޔަކަށް ފެނުނެވެ. އެދުރުތައްކާނު ފަސްދާނުލުމަށްޓަކައި ކޯގަންނަށް ގެންދެވުނު އިރު ވެސް ސަންދޯކުގެ ފަހަތުން ޖިންނި ރޮމުން ދިޔަ ކަމަށްވެއެވެ.
އެދުރު ތައްކާނުގެ ކަށުކަމާކެމީގެ ހުރިހައި ކަމެއް ނިމުމަށްފަހު ޖިންނި އެނބުރި ގެއަކަށް ނާދެއެވެ. ޖިންނި ދިޔައީ އެދުރު ތައްކާނުގެ ނިކަގަސް ދޮށަށެވެ. އެއަށްފަހު ޖިންނި ދިރި އުޅުނީ މިގަސް ދޮށުގައެވެ. ރަށުގެ މީސްތަކުންގެ ތެރެއިން ނިކަގަސް ދޮށަށް ގޮސްފައި ސަލާމަތުން އެނބުރި ދެވެނީ އެދުރު ތައްކާނުގެ ދަރިކޮޅު މީހަކަށް ވާނަމައެވެ. އެނޫން މީހަކު ގޮސްފިނަމަ މުސީބާތްތައް ކުރިމަތިވެއެވެ.
ފަގީހު މޫސާ އަވަހާރަވީ މީލާދީން އަށާރަ ސަތޭކައިގެ އަހަރުތައް ދެބައިވީފަހުން ވަރަށް މުސްކުޅިފުޅު އުމުރުގައެވެ. ދަރިކަނބަލުން ކައްދާފާނަށް ބޭފުޅުން ލިބިވަޑައިގެން އެބޭފުޅުންވެސް ބޮޑެތިވާން ކައިރިވީފަހުންނެވެ. ފަގީހު މޫސާ ފަސްދާނުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައިވާ ބިސްތާނެއްގެ ތެރޭގައެވެ. އެބިސްތާނަކީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ކަދީދާބޫގެ މަހުމޫދު ނާއިބު ވެސް ވަޅުލެވިފައިވާ ބިސްތާނެވެ. މި ބިސްތާނު ހުންނަނީ ބޯދާ މިސްކިތާއި ޔޫސުފު ނާއިބު ފަސްދާނުލެވިފައިވާ މެދު ޒިޔާރަތާއި ދޭތެރޭގައެވެ.
ފަހުގެ ޚިޔާލުތައް