ބަނޑޭރި ޙަސަން މަނިކުފާނު

ބަނޑޭރި ޙަސަން މަނިކުފާނަކީ ދިވެހިބަހުގެ އަދަބުގެ އަބަދަށް ދެމިހުންނަނިވި ޚިދުމަތް ތެރިއެކެވެ.

ދިވެހިބަހުގެ ޢިލްމްވެރީންގެ ނަޒަރުގައި އެބޭފުޅަކީ ދިވެހިބަހުގެ އަދަބުގެ އެންމެ މަޝްހޫރު ޝާޢިރު ބަނޑޭރި ޙަސަން މަނިކުފާނެވެ. ދިވެހިރާއްޖޭގައި އިސްދޫ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން (10ވަނަ) ގެ ދަރިކަލުން އައްޑުއަތޮޅު ހިތަދޫ ޢަލި މަނިކުފާނުގެ ދަރިކަލުންނެވެ. މަންމައަކީ އައްޑު އަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު (އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނު) ގެ ދަރިކަލުން، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ ދަރިކަލުން، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ ދަރިކަނބަލުން، ޙައްވާބީ ފާނުގެ ދަރިކަނބަލުން ފާތުމާފާނެވެ. ޙަސަން މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު ހިތަދޫގައެވެ.

ބަނޑޭރި ޙަސަން މަނިކުފާނު ދުނިޔޭގައި އުޅުއްވީ 1800ގެ އަހަރު ތަކުގެތެރޭގައެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ ނަމުން މަޝްހޫރުވީ، މީލާދީން 1799 އިން 1835 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލުގެ ރަސްކަމުގައި އެތެރެކޮއިލުގެ “މަތިގެ” ހެއްދެވިއިރު މަތިގޭގެ ބަނޑޭރި ކަމުގައި ހުންނެވީތީއެވެ. މި މަތިގެ ބިނާ ކުރެވުނީ މީލާދީން 1832 ވަނަ އަހަރުއެވެ.

ބަނޑޭރި ޙަސަން މަނިކުފާނު ދިވެހި އަދަބުގެ ދުނިޔޭގައި އެންމެ މައްޗަށް ނަންފުޅު އުފުލިގެންވާ ޝާޢިރު ކަމުގައި ވެ ވަޑައިގަތީ އޭނާހެއްދެވި “ދިވެހި އަރުމާދު” ރައިވަރު ފޮތާއި “ދިޔޯގެ ރައިވަރު” ފޮތުގެ ސަބަބުންނެވެ. މިއީ ދިވެހި އަދަބިއްޔާތު އެންމެ އަގުހުރި ޚަޒާނާއެވެ. މި ދެފޮތްވެސް ހެއްދެވީ މުޢީނުއްދީނުލް އައްވަލުގެ ރަސްކަމުގައެވެ. “ދިވެހިއަރުމާދު” ނުވަތަ “އަރިއަތޮޅު އަރުމާދު” ގައި ވަނީ 169ރައިވަރެވެ. “ދިޔޯ” (ދިޔޯގެ މާނައަކީ ރީތި އަންހެނާ) ރައިވަރު ފޮތުގައިވަނީ 331 ރައިވަރެވެ. މިކަމާ ބެހޭގޮތުން ޙުސައިން ޞަލާހާޙުއްދީނު ލިޔުއްވާފައި ވެއެވެ. އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް މިރަދުންގެ އަރިހުގައި ބަނޑޭރި ޙަސަން މަނިކުފާނު އަރިއަތޮޅު އަރުމާދު (އަރިއަތޮޅަށް ރަދުން ކުރެއްވި ދަތުރުފުޅެއް) ގައި ވަޑައިގަތެވެ. އެދަތުރު ފުޅުން މާލެވަޑައިގަތްތާ ތިންވަނައަށް ވީ ދުވަހު ރަދުންގެ ހިރިޔާ ފަތުރާ ދަށަށް (ރަދުން އަރިއަހަށް) ޙަސަންމަނިކުފާނު ހުށަހެޅުއްވި ރައިވަރު ފޮތަކީ އަރުމާދު ފޮތެކެވެ. އެފޮތުގައި ސިފަކުރައްވާފައިވަނީ ދަތުރުފުޅެވެ. ދަތުރުފުޅުގައި ކަން ހިނގި ގޮތެވެ. މިފޮތްދެކެ ވަޑައިގެންފައި ރަދުން ވިދާޅު ބަސްފުޅު އިއްވެވިއެވެ. ކަމެއްވާ ވާއިރު އެކަމެއް ދެކޭން ހުރި ކުޅަދާނަ ޅެންވެރިއަކަށް އެކަމެއް އެ ހިނގި ގޮތަށް ކިތަންމެ ރީތިކޮށް ވެސް ޅެން ހަދައި ކިޔުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޙަސަންމަނިކުފާނު ދެންނެވިއެވެ. “ނުހިނގާ ކަމެއް ހިތް މައްޗަށް ގެނެސްގެން ޚިޔާލުން އެކަމެއް ނެރެގަތުން މާ ފަސޭހަވާނެއެވެ.” ރަދުން ވިދާޅުވި ބަސްފުޅު އިއްވެވިއެވެ. “ޙަސަން ބޭބެއަށް މިރައިވަރު ފޮތް ހެދުނު ކަމުގައި ވަނީ ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައެވެ. ތިޔަހެން ވިއްޔާ ނުވާ ކަމެއްގެ ވާހަކަ، މި ހައި ރިވެތިކޮށް، ތިންމަސް ދުވަހުގެ ތެރޭގައި ހަދައިގެން ގެނެސްދީ ބަލާށެވެ!”

ދެން ޙަސަން މަނިކުފާނު ފަނަރަ ދުވަހުގެ ތެރޭގައި ދިޔޯގެ ރައިވަރު ފޮތް އެކަށަ އަޅުއްވައި ލިޔުއްވައިގެން ގެންދަވައި ރަދުންގެެ ހިރިޔާ ފަތުރާ ދަށަށް ހުށަހެޅުއްވިއެވެ. މިފޮތް ބައްލަވައި ރަދުން ވިދާޅުވި ބަސްފުޅު އިއްވެވިއެވެ. “ޅެން ބަހާމެދު ބަހަކީ ޙަސަންބޭބެގެ ބަހެވެ.” މި ދެފޮތަށް ވަރަށް ބޮޑު އިނާމު ރަދުން ދެއްވިކަމަށް ބުނެވެއެވެ.

“ދިޔޯގެ ރައިވަރު” ގައި ބަނޑޭރި ޙަސަން މަނިކުފާނު ގެންގުޅުއްވާފައި  ވަނީ ދެ ޝަޚްސިއްޔަތެކެވެ.. އެކަކީ ދައިތާފުޅު ދިޔޯ އެވެ. އަނެކަކީ  ކޮއްކޯފުޅު ދިޔޯއެވެ. މި ދެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ވެރިކަން ހޯއްދެވޭތޯއެވެ. އެއީ މާސީނު (ޗައިނާ) ގެ ރަނިކަމެވެ. ނުވަތަ ސިޔާމު (ތައިލޭންޑް) ގެ ރަނިކަމެވެ. ދައިތާފުޅު ދިޔޯ އިންނަވަނީ އިންޑިޔާ ގައެވެ. ކޮއްކޯފުޅު ދިޔޯ އިންނަވަނީ މޮޒަނބީކުގައެވެ. މޮޒަންބީކުގައި އިންނެވި ދިޔޯ ފަންސާސް ނައު ބަންނަވައިގެން ހަތިޔާރާ ހަނގުރާމަ ވެރިންނާއެކު، ފުރާވަޑައިގެން ދައިތާތާފުޅު ގެ ލަޝަކަރާ ދިމާކުރައްވައި ނާތައް އަންދާ ލައްވައި ބަލިކޮށް ލެއްވިއެވެ.

މިރައިވަރު ތަކަށް ނަޒަރު ހިނގާލުމުން ބަނޑޭރި ޙަސަން މަނިކުފާނުގެ ވިސްނުން ތޫނުކަމާއި ސިޔާސީ ފަލްސަފާ ވެރިކަމާއި ދުނިޔޭގެ ތެރެއަށް ލޯފުޅު ހުޅުއްވިފައިވާލެއް ފުރިހަމަކަމާއި ބަހުގެ އަދަބިއްޔާތުގެ މޮޅުކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.

ތަޙުލީލީ (ރިސާރޗް) ނަޒަރަކުން ބަލާއިރު އުފެދޭ ސުވާލަކީ ބަނޑޭރި ޙަސަން މަނިކުފާނުގެ މި ޢިލްމުވެރި ކަމަކީ ޤުދުރަތީ ހަދިޔާ އެއްތޯއެވެ؟ ނުވަތަ އެނގި ވަޑައިގެންނެވި ޢިލްމުވެރިކަމުގެ ސަބަބުން ލިބިވަޑައިގެންނެވި ފަންނުވެރި ކަމެއްތޯއެވެ. ދިވެހި ތާރީޚީ އަދި ސަޤާފީ ޢިލްމުވެރިއެއް ކަމުގައިވާ އަޙުމަދު ޝަފީޤު 2000 ވަނައަހަރު ނުކުތް “ދަންފުޅި” މަޖައްލާގެ ޚާއްޞަ ޢަދަދެއް ކަމުގައިވި “ސާސްތުރަ” ގައި ލިޔުއްވާފައިވާ ގޮތުގައި ބަނޑޭރި ޙަސަން މަނިކުފާނު އުނގެނި ވަޑައިގަތް ޢިލްމަކާއި އޭނާގެ އެދުރެއްގެ ވާހަކަ އިތުބާރު ކުރެވޭ ގޮތަކަށް ލިޔުމަކުން ފެންނާކަށް ނެތެވެ. އަދި މި ޤަރުނުގެ ދިވެހި ދަންނަ ބޭކަލުން ކުރެ ބައެއް ބޭކަލުން ވިދާޅުވާ ކަމަށް ޝަފީޤު ލިޔުއްވަނީ ބަނޑޭރި ޙަސަން މަނިކުފާނުގެ އެދުރުން ކަމުގައި އޭނާގެ ބައްޕަ ޢަލީ މަނިކުފާނާއި ޤާޟީ މުޙިއްބުއްދީން ހިމެނުނު ކަމަށެވެ. ރާއްޖޭގެ ތާރީޚީ އަދި ތަހުޒީބީ ޢިލްމުވެރިއެއް ކަމުގައިވާ އަލްއުސްތާޛުލް މަރުހޫމް މުޙައްމަދު އިބްރާހިމް ލުޠްފީ 1980 ޖެނުއަރީގެ “އަމާޒު” މަޖައްލާގައި ލިޔުއްވާފައިވާ ގޮތުގައި އޭނާ (ބަނޑޭރި ޙަސަން މަނިކުފާނު) ގެ ބަލާޣާތްތެރި ކަމަކީ ހަމައެކަނި ޤުދުރަތުގެ ހަދިޔާއެއް ނޫނެވެ. އޭނާ ދިރިއުޅުއްވި އަދި ބޮޑުފުޅުވި މާހައުލު އެކަމަށް އެހީވެދިން ކަމަށް ލުޠުފީ ލިޔުއްވިއެވެ. ޙަސަން މަނިކުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ އޭނާގެ މައިފުށުގެ ޢިލްމު ވެރިންގެ އަރިހުންނާއި އައްޑު އަތޮޅުގައި ތިއްބެވި އެދުރު ބެއިކަލުންގެ އަރިހުން ކަމަށް ލުޠުފީ ލިޔުއްވިއެވެ. މިއީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުގެ ޢިލްމު ވެރީންނެވެ. އެދުވަސްވަރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމު ވެރިންނަކީ މި ބޭފުޅުން ކަމަށް ތަޙުލީލީ ނަޒަރަކުން ބެލީމައި ސާބިތުވެއެވެ.

ސާސްތުރައިގައި ޝަފީޤު ލިޔުއްވާ ގޮތުގައި ބަނޑޭރި ޙަސަން މަނިކުފާނުގެ ޢާއިލާ އެއް އަދި މަތިކޮޅެއް އިތުބާރު ހުރި ގޮތަކަށް މިހާރު ސާފުވާކަށެއް ނެތެވެ. އެކަމަކު ބަނޑޭރި ޙަސަން މަނިކުފާނުގެ ޢާއިލާ އައްޑު އަތޮޅުގައި މިހާރު މާލޭގައި ވެސް އެބައޮތެވެ. މި ޢާއިލާގެ އެންމެ މަޝްހޫރު ދެ ބޭފުޅުން ކަމުގައި ހިމެނި ވަޑައިގަތީ އަލްމަރްޙޫމް ޢަބްދުﷲ ޢަފީފު އާއި އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު އިބްރާހިމް ލުޠްފީއެވެ. ޢަފީފަކީ ބަނޑޭރި ޙަސަން މަނިކުފާނުގެ ފާޠުމަތު ދީދީ އާއިޝަތު ދީދީ ގެ ވާރުގޭ އެޅެދީދީ (މުޙައްމަދު ދީދީ) ގެ ޢަލި ދީދީގެ ދަރިކަލުންނެވެ. މުޙައްމަދު ލުޠުފީގެ ބައްޕަ އާއި މަންމަ އާއި ދެފަރާތުން ވެސް ބަނޑޭރި ޙަސަން މަނިކުފާނާ ގުޅެއެވެ. ލުޠުފީގެ ބައްޕައަކީ ބަނޑޭރި ޙަސަން މަނިކުފާނުގެ ފާތިމަތު ދީދީގެ ޢާއިޝަތު ދީދީގެ ވާރުގޭ އިބްރާހިމް ދީދީގެ އަޙުމަދު ދީދީގެ އިބްރާހިމް ދީދީގެ އިބްރާހިމް ލުޠްފީއެވެ. މަންމައަކީ ބަނޑޭރި ޙަސަން މަނިކުފާނުގެ ފާޠިމަތު ދީދީ ގެ އާއިޝަތު ދީދީގެ ވާރުގޭ އެޅެ ދީދީ ( މުޙައްމަދު ދީދީ) ގެ ފާޠިމަތު ދީދީ އެވެ. މި ދަރިކޮޅުގެ ބޭފުޅުން ރާއްޖޭގެ ތަޢުލީމީ ޢަދަބީ ތާރީޚީ އަދި ނޫސް ވެރިކަމުގެ ދާއިރާގައި ޤައުމަށް ޚިދުމަތް ކުރައްވަމުން އެބަގެންދަވައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *