ޖަޕާނު މީހުން ޝަހީދުކޮށްލި މީދޫ އަހައްމައިދީގެ ވާހަކަ 2

ގޭގައި ތިބި އެންމެން ރޮނީއެވެ. އާމިނައިދީގެ ހާލު ވަރަށް ގޯހެވެ. ޅައުމުރުގައި ކުރެވުނު ހަމައެކަނި ކައިވެނީގެ ބައިވެރިޔާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ. ދާދިއަވަހަށް އައިމިނައިދީ ހަމަޖެހިލައިފިއެވެ. އެކަނިމާއެކަނި މި ތިންކުދީން ބޮޑުކުރެވޭނެ ގޮތަކާއިމެދު ފިކުރުހިންގާލިއެވެ. ކުދިންގެ ކުރިމަގާއި މެދު ވިސްނާލިއެވެ. ކުދިންގެ މުސްތަގުބަލަށްޓަކައި އުމުރު ހޭދަކުރުމަށް އަޒުމް ކަނޑައެޅިއެވެ.

އާމިނައިދީ އެދުވަހު ނިންމި ނިންމުމާއި އެއްގޮތަށް އެދީދީގެ މުޅި އުމުރު ހޭދަކުރިއެވެ. ކުދީންގެ ހައްގުގައި އެހެންް ދިރިއުޅުމެއް ނުހޯދައެވެ. އެތައްބަޔަކު ކައިވެނީގެ ހުށަހެޅުނަތައް ހުށަހަޅަމުން ދިޔައެވެ. އެކަމަކު އެ ދީދީގެ ވިސްނުމަށް ބަދަލެއްނާދެއެވެ. އަހައްމައިދީގެ ހަނދާނުގައި މުޅި އުމުރު ހޭދަކުރީ އިތުރު އެހެން މީހަކާއި ކައިވެނި ނުކޮށެވެ.

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތިން ކުދީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ބަލައިބޮޑުކުރިއެވެ. ކޮންމެ ކުއްޖަކުވެސް މަސައްކަތްތެރި ހުނަރުވެރި ކުއްޖަކަށް ހެދިއެވެ. ތިން ކުދީން ބޮޑުވެ މީހުންނާއި ކައިވެނިކޮށް ކޮންމެ ކުއްޖަކުވެސް ވަކި ދިރިއުޅުމެއްގައި އުޅެ ދަރިން ލިބެންދެން އާމިނައިދީ ދުނިޔޭގައި ހުއްޓެވެ. މިހުރިހާ ދުވަހެއް ފާއިތުވެ ދިޔައިރުވެސް އެދީދީގެ ވިސްނުމަކަށް ފިކުރަކަށް ބަދަަލެއް ނާދެއެވެ.

އުވަގޭ އާމިނައިދީއަށް ވުރެ ކުރިން އަހައްމައިދީ އެހެން ދެ ކައިވެންޏެއް ކުރިއެވެ. ތިން އަންހެން ކުދީން ވެސް ލިބުނެވެ. ފުރަތަމަ ކައިވެނިކުރީ އޭނާގެ ދެބެއިންގެ ދަރި ކުންނިއަރު އާމިނައިދީއާ އެވެ. މި އާމިނައިދީގެ މަންމައަކީ ގަނޑުވަރު އަހުމަދު ދީދީގެ އައިސާދީދީ އެވެ. މިބަނޑުން ލިބުނީ ކުދުގޭ ފާތިމަތު ދީދީ އާއި ދާޔާގެ ދޮންދީދީއެވެ.

އަހައްމައިދި ޝަހީދުވިއިރު ދޮށީދަރި ކުދުގޭ ފާތުމައިދިގެ އުމުރަކީ 31 އަހަރެވެ. ދޮންދީދީ ގެ އުމުރަކީ 19 އަހަރެވެ. ފާތުމައިދިއާ އިނދެގެން އުޅުނީ ކުދު އަހުމަދު ދީދީ(ކުދު އަހައްމާބޭ) އެވެ. އަހައްމައިދީގެ މާފަ ކުދީންގެ ތެރޭން ޖަވާހިރުގެ އާމިނަތު ދީދީއަށް 8 އަހަރެވެ. ކުދުގޭ އާއިޝަތު ދީދީ (ސާރާ) އަށް 4 އަހަރެވެ. ނޫކޮކާގެ ހައްވާދީ އަށް 2 އަހަރެވެ. މިއީ އަހައްމައިދީ ފަހު ދަތުރު ފުރައިގެން ދިޔައިރު ދުނިޔޭގައި ތިބި މާފަ 3 ކުދީންނެވެ.

ދެވަނައަށް އަހައްމައިދީ ކައިވެނިކުރީ އެދުރުގޭ ދޮންދީދީއާ އެވެ. މި ދޮންދިދީގެ މަންމައަކީީ އިބްރާހިމް ފަނޑިޔާރުތައްކާނުގެ ދޮންމަނިކެ އެވެ. ބައްޕައަކީ އެޅެގޭ މުހަންމަދު ދީދީއެވެ. މިބަނޑުން ލިބުނު ގަނޑުވަރު މަރިޔަމް ދީދީއަށް އޭރު 17 އަހަރެެވެެ. އޭރު މި މަރިޔަމް ދީދީ އިނދެގެން އުޅުނީ މާދަރިގޭ އަބްދުﷲ ދީދި އާއެވެ. މި އަބްދުﷲ ދީދި އަކީ އަހައްމައިދީ ވަރަށް ގާތްކޮށް ގެންގުޅުނު ކުއްޖެކެވެ.

އަހައްމައިދިގެ ދިރިއުޅުން
އަހައްމައިދި އާމްދަނީ ހޯދުމަށް ކުރި މަސައްކަތަކީ އޮޅުދޫ ކަރައަށް ވިޔަފާރި ދަތުރު ކުރުމެވެ. އުމުރުގެ ދުވަސްތަކުގައި ގިނައިން އުޅެފައިވަނީ ގއ. ދާންދޫ ގައެވެ. އެރަށުގައި އުޅުނު ގެއަކީ ވާރުގޭ ދޮހޮއްކޮ ކަލޭގެފާނުގެ ދޮންތައްކާނުގެ އެވެ. ވާރުގެ އަކީ ދާންދޫ ވާރުވެރި ދޮންހޮއްކޮ ކަލޭގެފާނުގެ ގެއެވެ. މިހާރު އެގެއަށް ކިޔަނީ އަސަރީގެ އެވެ.

އަހައްމައިދި އާއެކު ދާންދޫގައި އޭނާގެ ރައްޓެހި މީދޫ ދެ މީހަކު އޫޅުނެވެ. މި ދެ މީހުންނަކީ ފަންނިއަރި އަހުމަދު ދީދީ އާއިި މަނިކާ ބެއްޔާގެ އައްލާ އެވެ. މި ދެމީހުންގެ މަސައްކަތަކީ އަހުމަދު ދީދީ އޮޅުދޫ ކަރައަށް ދިއުމަށް ބޭނުންވާ ސާމާނު ހޯދައި ދަތުރު ތައްޔާރުކުރުމެވެ. މިތަކެތި ހިފައިގެން ކޮޅުބު ދަތުރު ކުރަނީ އަހައްމައިދި އެވެ.

އަހައްމައިދި އެންމެފަހުން މީދޫއަށް ދިޔައީ އޭނާގެ ބައްޕަ ގަނޑުވަރު އަހުމަދު ދީދީގެ އަލިދީދީ ނިޔާވި ޚަބަރު ލިބުމުންނެވެ. އަލި ދީދީ ނިޔާވީ 1940ވަނައަހަރު ގައެވެ. ހެންވޭރުގޭ މުހައްމަދު އަބްދުއްސަމަދު ދީދީ ލިޔުއްވާފައިވާ ގޮތުގައި އަލި ދީދީ 113 އަހަރަށްވުރެ ގިނަދުވަހު ދުނިޔޭގައި އުޅުނެވެ.

އަހައްމައިދީ އެންމެފަހުން މީދޫން ފުރިއިރު އޭނާގެ ހަގު ދަރި އަބްދުﷲ ރާޝިދު ވިހަން އާމިނައިދީ އިނީ ބަލިވެއެވެ. އާމިނައިދީ ވިހެއުމަށް ބޭނުންވާ ތަކެތި ހަވާލުކޮށް އަހައްމައިދީ ފޮނުވީ އޭނާގެ ދެބެއިންގެ ދަރި ކޮއްކޮ ކުންނިއަރު އަބްދުﷲ ދީދި އެވެ. އަބްދުﷲދީދި އެތަކެތި ހިފައިގެން މީދޫއަށް ދިއުމަށް ދަތުރުކުރި އޮޑި އައްޑޫ ކަނޑުގައި ބެހުނީއެވެ. އަބްދުﷲދީދީ އަށް ރަށަށް ދެވުނުއިރު އައިމިނައިދީ ވިހައިފިއެވެ.

އަހައްމައިދިގެ މުދާބަލައި ދާންދޫއަށް ދިޔުން
މާދަރިގޭ އަބްދުﷲ ދީދީ ދާންދޫ އަށް ދިޔަ ދަތުރެއްގައި އަހައްމައިދިގެ ބޮޑު ފޮށި ގެނެސް ދިނެވެ. އެއީ ދާންދޫގައި ބަހައްޓާފައި ހުންނަ ފޮށްޓެކެވެ. ފޮށީގައި ހުރީ ދަތުރު ތަކުގައި ލިޔެފައިވާ ލިޔުން ތަކެވެ. މީގެ އިތުރު އެހެން ފޮތެއް އޮތެވެ. އެފޮތުގައި ލިޔެފައިވާ ލަވައެއް ފާހަގަ ކުރެވެއެވެ. މިހާރުވެސް ފޮތް އެބައޮތެވެ. ފޮށިވެސް އެބަހުއްޓެވެ.

އަހުމައިދިގެ މުދާ ބަލައި ދިއުމަށް ދާންދޫން އެންގިއެވެ. މި އެންގުމާއި ގުޅިގެން އަހައްމައިދީގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމައިދީ ދާންދޫ އަށް ދިޔައެވެ. އޭނާ އަށް އެރަށަށް ދެވުނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ. އޭރު ވެސް އަހައްމައިދީގެ ތަކެތި އެގޭގައި ހުއްޓެވެ. ބައްޕަގެ މުދާ ބަލައި ދިޔައިރު ހުރި ތަކެއްޗަކީ ރުނބައަކާއި 1 ފައުލާ ކަފަ އާއި ފުނޑާ ދައެކެވެ. ކަފަ ފައުލާ ގެ ދެބައިކުޅަ އެއްބައި ހުރީ އާކޮށެވެ. ރުނބާ ދިނީ ބަންކެއުވަލިގޭ އިބްރާހިމް ދީދީގެ ބޭނުމަކަށެވެ. އިބްރާހިމް ދީދީ އަކީ އަހައްމައިދިގެ ދެބެއިންގެ ދަރި ކޮއްކޮ އެކެވެ.

ޖަޕާނު މީހުން ފެއްތި އޮޑި ފަހަރާއި މަރުވި މީހުން
ޖަޕާނު މީހުން ވަރަށް ގިނަ ދިވެހި އޮޑި ފެއްތިއެވެ. ފައްތާލި އޮޑިތަކުގެ ތެރޭގައި ހިތަދޫ ޔާހުންބަރާހާއި ދާންދޫ ވާރުގޭ ދޮންތައްކާނު އޮޑި ހިމެނެއެވެ. މި ދެެއޮޑިން ގާތްގަޑަކަށް 80 ވަރަކަށް މީހުން މަރުވިއެވެ.

ޖަޕާނު މީހުން ފައްތާލި އޮޑި ފަހަރަށާއި އެ އޮޑިފަހަރު ގައި ހުރި މުދަލާއި މަރުވެދިޔަ މީހުންނަށާއި ހަސަންފަރީދު ދީދީގެ މަރުގެ ދިޔަ ޖަޕާނުން ދިވެހި ސަރުކާރާއި ހަވާލު ކުރި ވާހަކަ ދެކެވުނެވެ. މިހުރިހާ ފައިސާތަކެއް އޭގެ ހައްގުވެރީންނަށް ނުލިބިފައިވާ ސަބަބު ހޯދުމުގެ ފުރުސަތު އެބައޮތެވެ.  މިކަމާއި ބެހޭގޮތުން އަބްދުލް ހަކީމް ހުސައިން މަނިކު ދިގު ލިޔުމެއްވެސް ލިޔުއްވިއެވެ. އޭގައިވާގޮތުން އަބްދުލްހަކީމު ހުސައިން މަނިކަށް މި ވާހަކަ ކިޔައިދިނީ ސްރީލަންކާގެ ވާކަންނަރު ފިހާރައިގެ ބޮޑު ސޭޓް ނާނާބަހީ އެވެ. މި ނާނާބަހީ އަކީ މާލޭ ގައިވެސް ވިޔަފާރިކުރި މީހެކެވެ. މާލޭ ފިހާރައިގެ ނަމަކީ އަލީ ބަހީ މޫސާޖީ ފިހާރައެވެ. މިއީ މަޝްހޫރު މޫސާޖީ ފިހާރައެވެ. މީނާއަކީ މުހައްމަދު އަމީން ދީދީ އާއި ކިލެގެފާނާއި ދެމީހުންގެ ވަރަށް ބޮޑު ރައްޓެއްސެކެވެ. އެފަދައިން އޭނާއަކީ އަބްދުލް ހަކީމް ހުސައިން މަނިކުގެ ވެސް ވަރަށް ބޮޑު ރައްޓެއްސެކެވެ.

އަހައްމައިދި ޝަހީދުވިއިރު އައްޑުއަތޮޅުގެ އިސް ވެރިޔަކީ ކުއްޅަވައް އަލި ދީދީ އެވެ. މީދޫގެ އިސް ވެރިޔަކީ ފެންނާ މުހައްމަދު މަނިކުފާނެވެ. (ނިމުނީ)

You may also like...

1 Response

  1. Name * says:

    މިކަހަލަ ހަގީގީ ވާހަކައެއް ގެނެސް ދިނުނުް އެދެން. ވަރަށް އިންޓްރެސްޓިން.މިހުރިހާ މައުލޫމަތަކީ ރާއްޖޭގެ މީހުންނަށް ވަރަށް މުހިއްމު މައުލޫމަތު ތަކެއްް. ޚާއްސަކޮށް ދެކުނުގެ ތިން އަތޮޅަށް މުހިންމު.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!