އުމަރު ތަކުރުގެ ހަސަން މަނިކާ ޖިންނިއަކާއި ކައިވެނިކުރި ވާހަކަ

ދުނިޔޭގެ އެކިއެކި ސަގާފަތްތަކުގެ އަހުލުވެރީން އެސަގާފަތްތަކުގައި އުފެދިފައިވާ ޚާއްޞަ ޝަޚްޞިއްޔަތްތަކާ ގުޅުވައިގެން ތަފާތު ފޯކްލޯރ ނުވަތަ ނާޑުކަތާ ކިޔައި އުޅެއެވެ. ފޯކްލޯރ އަކީ ސަގާފަތެއްގެ އަހުލުވެރިންގެ މެދުގައި އަނގައިން ކިޔެމުން އަންނަ ތާރީޚެވެ. އޭގައި އެސަގާފަތުގެ އާދަކާދަތައްވެސް ހިމެނެއެވެ. އެއެްޖީލުން އަނެއްޖީލަށް ނަގުލުވަމުން އައިސް މިފަދަ ފޯކްލޯރ ތަކުގެ ޒަރީޢާއިން އެސަގާފަތަކަށް ދިރުންދެއެވެ. ފޯކްލޯރގެ ޒަރީޢާ އިން މީސްތަކުންނަށް އެބައިމީހުންގެ ޙަޔާތަށާއި ވަށައިގެންވާ މާހައުލަށް މާނައެއް ގެނެސްދެއެވެ. ސަބަބަކީ ކޮންމެ ސަގާފަތެއްގައި ވެސް ތަފާތު އާދަކާދަ ތަކަކާއި ތާރީޚީ ފަސްމަންޒަރެއް އެކުލެވިފައިވާތީ އެވެ. އެހެންކަމުން ކޮންމެ ވަކި ސަގާފަތެއްގައި ވެސް ފޯކްލޯރއަށް ވަނީ ވަކި ތަޢުރީފެކެވެ. ބުނެވޭ ގޮތުގައި ވަކި ޒަމާނެއްގެ ކަންކަން އޮޅުން ފިލުވަން ބޭނުން ނަމަ، އެ ޒަމާނަކާ ގުޅޭ ގޮތުން ލިޔެވިފައިވާ ތާރީޚި، ޢިލްމީ އަދި ފިލޯސަފީ ފޮތްތައް ކިއުމުގެ އިތުރުން، ތާރީޚީ ނާޑުކަތާ ވެސް ދެނެގަންނާން ޖެހެއެވެ.

މިގޮތުން މީދޫގައި އުފެދުނު އެކިއެކި ޝަޚްޞިއްޔަތްތަކާއި ގުޅުވައިގެން ދެކެވޭ މިފަދަ ފޯކްލޯރ ތަކުގެ ތެރޭގައި ޢުމަރު ތަކުރުގެ ޙަސަން މަނިކާއާ ގުޅުވައިގެން ދެކެވޭ ވަރަށްގިނަ ފޯކްލޯރތައް ކިޔައި އުޅެއެވެ. ޚާއްޞަކޮށް އޭނާއާ ދަރިކޮޅުގެ ގޮތުން ގުޅިފައިވާ ޢާއިލާތަކުގެ މެދުގައި މިފަދަ ވާހަކަތައް ވަރަށްގިނައިން ކިޔައި އުޅެއެވެ. މިފަދަ އެއް ވާހަކައެއް މިތާނގައި ލިޔާން ޤަޞްދުކުރަމެވެ.

ޢުމަރު ތަކުރުގެ ޙަސަން މަނިކާ އަކީ މީގެ 250 ވަރަކަށް އަހަރު ކުރީން މީދޫގައި އުޅުނު ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެކެވެ. ބުނެވޭގޮތުގައި އޭނާއަކީ ވަރަށް މުއްސަނދި ދިރިއުޅުމެއްގައި އުޅުނު މީހެކެވެ. އަމިއްލަ އޮޑިދޯނިފަހަރު ގެންގުޅުނު މީހެކެވެ. އަމިއްލަ އޮޑިފަހަރުގައި ކަރަޔަށް ވިޔަފާރި ދަތުރު ކޮށްއުޅުނެވެ. އެ ދުވަސްވަރު ރަށުގެ ގޮއިފާލައްބައިގެ ބޮޑުބައި ވެސް އޮންނަނީ އޭނާއަށެވެ.

މި ޙަސަން މަނިކާ އަކީ ހެނެއިކަމަނާރު ދޮން އީސުބުގެ ޢުމަރުތަކުރުގެ ދަރި އެކެވެ. ޙަސަން މަނިކާގެ މަންމައަކީ ކެއުޅާރު ހަނދެއިގިރި ތަކުރުގެ ޙައްވާބީގެ ދޮންބީގެ ކައްދާބީ އެވެ. މި ޙަސަން މަނިކާގެ އާމިނާބީގެ ޙުސެންތަކުރުގެ ޢަލީ މަނިކާގެ ޙަސަން މަނިކާގެ ކައްދާބީގެ ކުދީންނަކީ މިހާރު މީދޫގައި “ކައްދާބީގެ” ކުދީންގެ ގޮތުގައި މަޝްހޫރުވެފައިވާ މީހުންނެވެ. މި ޙަސަން މަނިކާގެ އާމިނާބީގެ ޙުސެންތަކުރުގެ ޢަލީ މަނިކާގެ ޙަސަން މަނިކާގެ ފާތުމާބީގެ ކުދީންނަކީ މިހާރު މީދޫގައި “އޮނބޮރާގެ” ކުދީންގެ ގޮތުގައި މަޝްހޫރުވެފައިވާ މީހުންނެވެ. މި ޙަސަން މަނިކާގެ އާމިނާބީގެ ޙުސެންތަކުރުގެ ޢަލީ މަނިކާގެ ޙަސަން މަނިކާގެ ޢަލީ މަނިކާގެ ކުއްޖަކީ އާމިނައްކަލޯ (ދަރިޔާ) އެވެ. މި ޙަސަން މަނިކާގެ އާމިނާބީގެ ޙުސެން ތަކުރުގެ ތިރިކަލޯގެ ދާއޫދު މަނިކާ ގެ ކުދިން ނަކީ މިހާރު މީދޫގައި “ދާޔާގެ” ކުދީންގެ ގޮތުގައި މަޝްހޫރުވެފައިވާ މީހުންނެވެ. މި ޙަސަން މަނިކާގެ އައިސާބީ، ގަމު ބޭރުފުޅުގޭ ޚަޠީބުމަނިކާއާ ކައިވެނިކޮށްގެން އުފެދުނު ދަރިކޮޅު ވަނީ އައްޑުއަތޮޅު ގަމުގައެވެ. ފަހުން ފޭދޫގައެވެ. މި ޙަސަން މަނިކާގެ އައިސާބީގެ މަރިޔަމްބީގެ ކުދީންގެ ތެރޭން މީހަކު ކަޅިހާރި ޙަސަނާ ބެއްޔާއާ ކައިވެނިކޮށްގެން ލިބުނު ސިއްތީފާނާއި، މެދުބީފާނާއި، އާމިނާފާނުއާއި، ސަންފާފާނާއި، ކަޅިހާރި ބެއްޔާ ހިމެނެއެވެ. މިއީ ފަހުގެ “ކަޅިހާރި” ދަރިކޮޅުގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރަށްބޮޑު ޢާއިލާއެކެވެ.

ބުނެވޭގޮތުގައި ޢުމަރުތަކުރުގެ ޙަސަން މަނިކާއަކީ ރަށުގެ ގޮއިފާލައްބައިގެ ބޮޑުބައެއް ގެންގުޅުނު މީހަކަށްވާތީ ވަރަށްގިނައިން ވަލުތެރޭގައި އުޅުނު މީހެކެވެ. މީދޫގެ “ދަޑޮމަތި” ސަރަޙައްދުގައި ގައި ދަނޑުގޮވާން ކުރުމުގެ އިތުރުން “ގައުދަޑޮ” ސަރަޙައްދުގައި ވަރަށްގިނަ އަދަދެއްގެ ބަނބުކެޔޮ ގަސް ހައްދައިގެން އުޅުނެވެ. ގައުދަޑަކީ މީހުން ދިރިއުޅޭ ސަރަޙައްދާ ވަރަށް ދުރު ހިސާބަކަށްވާތީ ގިނަގިނައިން އެ ތަނަށް އައިސް ގޮސްވުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެ ތަނުގައި އޭނާ ދިރިއުޅުމަށްޓަކައި ކުޑަގެއެއް އަޅައިފަ ވެއެވެ.

ޙަސަން މަނިކާ އަކީ ސަމައްތަރުހެޔޮ ރީތި ފިރިހެނެކެވެ. އެހައި ގިނައިން ވަލުތެރޭގައި އުޅުމުގެ ތެރޭގައި އަންހެން ޖިންނިއަކަށް އޭނާ ފެނި ހިތްކިޔަން ފަށައިފިއެވެ. ޖިންނީންނަކީ އިންސާނުންގެ ސިފައަށް ވެސް ބަދަލުވެވޭ އެއްޗަކަށްވާތީ އެ ޖިންނިކަނބުލޭގެ ޙަސަން މަނިކާއަށް ޒިޔާރަތްކުރަން އަންނަނީ ރީތި އަންހެން އިންސާނެއްގެ ސިފައިގައެވެ.

މި ގޮތުން މި ދެމީހުން ކޮންމެ ދުވަހަކު ވެސް އެކަކު އަނެކަކާ ބައްދަލު ކުރާން ފަށައިފިއެވެ. ޙަސަން މަނިކާ އާދަކޮށް ދަނޑު ހައްދާން ވަލަށް ދެއެވެ. އަންހެންޖިންނި ޙަސަން މަނިކާއާ ބައްދަލުކުރާން އާދެއެވެ. ޖިންނި ވަނީ އޭނާގެ ފަހަތުގައި އަޅައިގެންފައެވެ. އޭނާ ދާ ކޮންމެ ތަކަނަކަށް ދެއެވެ. މި ޖިންނި ޙަސަން މަނިކާއާ ބައްދަލުކުރާން އަންނައިރު ތަފާތު ހަދިޔާ ވެސް ގެނެއެވެ. މި ތަކެއްޗަކީ ހަވާގެ އެކިއެކި ބަގީޗާތަކުން ގެންނަ ތަފާތު ވައްތަރުތަކުގެ މީރު މޭވާތަކާއި އެހެނިހެން ހަދިޔާތަކެވެ. ހަދިޔާތަކުގައި ހިމެނޭ މިފަދަ ތަކެއްޗަކީ އެ ދުވަސްވަރު މީދޫގެ އެއްވެސް ބަޔަކު ދެކެފައިވާ، އަދި ރަށުން އެއްވެސް ވަރަކަށް ލިބެންހުންނަ ތަކެއްޗެއް ނޫނެވެ. މިތަކެތި ޙަސަން މަނިކާ ގެއަށް ގެންދިއުމުން ހިސާބުގަނޑުގެ މީހުން ތިބެނީ ޙައިރާންވެފައެވެ. އެއީ އެ މީހުން ދުވަހަކުވެސް ދެކެފައި ނުވާތަކެއްޗަކަށް ވާތީއެވެ.

ރަށްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވުމަށްފަހު އަންހެންޖިންނި ކައިވެންޏަށް އެދުނެވެ. ޙަސަން މަނިކާ ބުނީ ކައިވެނިކޮށްގެން އެކުގައި އުޅުމަކީ އެ ދެމީހުންނަށް ކުރެވޭނެ ކަމެއްނޫން ކަމަށެވެ. ސަބަބަކީ އޭނާއަކީ އޭރު ވެސް މީހަކާ އިނދެގެން އުޅޭ މީހަކަށް ވެފައި، އޭނާގެ ކުދީންވެސް ތިބީމައެވެ. އަދި ހަމައެފަދައިން އެ ދެމީހުންނަކީ ވެސް ތަފާތު ދެ ވައްތަރެއްގެ މަޚްލޫޤުން ކަމަށް ވާތީއެވެ. އެކަމަކު އަންހެން ޖިންނި މިކަމާ އިންކާރު ކުރިއެވެ. އޭނާ ބުނީ ތިމަންނައަށް އެހެންމީހަކާ އެއްކޮށް ނޫޅެވޭނެ ކަމަށެވެ. މި ގޮތުގައި ދުވަސްތަކެއް ވާންދެން އުޅުމަށް ފަހު މި ދެމީހުން ވަނީ އަމިއްލައަށް ކައިވެނިކޮށް ފައެވެ. އެކަމަކު ރަށުގެ މީހުންނަކަށް މިކަމެއް ނޭގެއެވެ. މިކައިވެނިން މި ދެމީހުންނަށް ވަނީ ތިން ފިރިހެން ދަރީން ވެސް ލިބިފައެވެ. ޙަސަން މަނިކާގެ އަސްލު އަންހެނުންނާއި ދަރީންނަކަށް ވެސް މިކަމެއް ނޭގެއެވެ.

އަންހެންޖިންނި މި އުޅެނީ އިންސާނަކާ އިނދެގެންކަން ނޭގިތިބެ، އެ ޖިންނީގެ މައިންބަފައިން އެ ޖިންނިއާ ދެވަން ފިރިހެން ޖިންނިއެއް ހޯދިއެވެ. ދެން ކައިވެނިކުރުމުގެ ވަގުތު އައިސް ޖެހުމުން އެކަނބުލޭގެ އެ ފިރިހެންޖިންނިއާ އިންނާން އިންކާރުކުރިއެވެ. އެމީހުން ވަރަށް ބޮޑަށް ބާރު އެޅުމުން ވެސް އޭނާ، އޭނާގެ ގޮތްދޫނުކުރިއެވެ.

އެއްދުވަހަކު ޙަސަން މަނިކާ އަށް ހޭލެވުނު އިރު އޭނާ ވަނީ ބޮޑު ކަށިކެޔޮ ފީންޏެއްގެ ތެރޭގައެވެ. ޙަޤީޤަތުގައި އެކަން އެގޮތަށްވީ އޭނާގެ އަނބި އަންހެންޖިންނި އަށް އޭނާ ސަލާމަތްކުރެވުމުގެ ކުރީން ކޮންމެވެސް ބާރުގަދަ ފަރާތެއް އައިސް އޭނާ ނަގައިގެން ގެންގޮސް އެ ގަސްތަކުގެ ތެރެއަށް އެއްލައިލީއެވެ. މި ކަމުގެ ސަބަބުން ކަށިކެޔޮ ގަހުގެ ކަށިތައްވަނީ އޭނާގެ މުޅި ގަޔަށް ވަދެފައެވެ. ފަހުން އޭނާގެ އަނބި ޖިންނި ކިޔައިދިން ގޮތުގައި މި ކަމެއް ކުރީ އެ އަންހެން ޖިންނީގެ މައިންބަފައިން އެޖިންނިއާ ދެވަން ހަމަޖެއްސި ފިރިހެން ޖިންނި އެވެ.

ވަލަށް ދިޔަގޮތަށް ޙަސަން މަނިކާގެ ޚަބަރެއްނުވެ ތިން ދުވަސް ވުމުން ރަށުގެ މީހުން ބައްތި ދިއްލައިގެންނާއި ފަންހުނގޫތަކުގައި އަލިފާން ރޯކޮށްގެން ނިކުމެ ޙަސަން މަނިކާ ހޯދަން ފެށި އެވެ. މިގޮތުން ހޯދަމުން ދަނިކޮށް އެމީހުންނަށް ފެނުނީ ބޮޑު ކަށިކެޔޮ ފީންޏެއްގެ ތެރެއިންނެވެ. ފެނުނުއިރު ވަނީ މުޅި ގަޔަށް ކަށިކޭލުގެ ކަށި ވަދެފައެވެ. ދެން ގެއަށް ގެންގޮސްގެން ކަށިކެޔޮ ކަށި އުފުރީ އެވެ. ބުނެވޭގޮތުގައި އެ އުފުރި ކަށީން ބޮޑު ދެ ލޯގަނޑު ފުރުނެވެ. ޙަސަން މަނިކާ ގެއަށް ގެންދެވި އެޒަމާނުގައި ރަށުގައި ތިބި އެންމެ މޮޅެތި ބޭސްވެރިން ގެނެސްގެން އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދެވުނެވެ.

ޙަސަން މަނިކާއަށް ފަރުވާ ދެމުން ދަނިކޮށް، ޙަސަން މަނިކާގެ ޖިންނި އަންހެނުން އޭނާއާ ބައްދަލުކުރަން އައެވެ. އޭނާ އައީ އެހެން މީހުންނަށް ނުފެންނަ ގޮތަށް ހެދިގެންނެވެ. އެ އައި ވަގުތަކީ ދެ ނަމާދު ދޭތެރެ އެވެ. އޭނާ އައިސް ބުނިގޮތުން އޭރު އޭނާ ވަނީ މަޖުބޫރުވެގެން އޭނާގެ މައިންބަފައިން ދެވަން ހަމަޖެއްސި ޖިއްނިއާ ކައިވެނިކޮށްފައެވެ. މިކަމާ ޙައިރާންވެގެން، ކައިވެނިކުރީ ކީއްވެތޯ ޙަސަން މަނިކާ ސުވާލުކުރުމުން އެ ޖިންނި ބުނީ އެއީ އޭނާ ޙަސަން މަނިކާގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. ނޫންނަމަ ފިރިހެން ޖިއްނި އައިސް ޙަސަން މަނިކާ މަރައިލާނެ ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ލޯބިވެރިއާގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ކުރި ކަމެކެވެ.

އަންހެން ޖިންނި ކައިރީ ޙަސަން މަނިކާ ބުނިކަމަށް ވަނީ ތިމަންނަ ދެން މާގިނަ ދުވަހަކު ދުނިޔޭގައި ނޯންނާނެ ކަމަށާއި އެހެން ވީމާ ކުދިން ގޮވައިގެން ދިއުމަށެވެ. އަދި އޭނާގެ ވަރަށް ބޮޑު އެދުމެއް ވެސް ފާޅުކުރި އެވެ. އެއީ އޭނާ މަރުވެގެން ދިއުމަށްފަހު އޭނާގެ ދަރިފަސްކޮޅުގެ މިނިމިނީންނަށް ވެސް ހެޔޮކޮށް ހިތުމަށާއި އެމީހުންނަށް އެއްވެސް ކަހަލަ ގޯނާއެއް ވިޔަ ނުދިނުމެވެ. މިކަން މިގޮތަށް ކުރުމަށް އަންހެންޖިންނި ވަޢުދު ވިއެވެ. އަދި މިކަން މިގޮތުގައި ދެމިއޮތެވެ. ޙަސަން މަނިކާގެ ޢާއިލާގެ މީހުން ވެސް އެ މީހުން ބަނބުކެޔޮދަނޑަށް ގޮސް ބަނބުކެޔޮ ކަނޑައިގެން އަންނަނީ އެ ކަނޑާ ބަނބުކޭލެއްގެ އެއްބައި ގަސްދޮށުގައި ބަހައްޓާފައެވެ. އެއީ އަންހެންޖިންނި އާއި އޭނާގެ ކުދީންނަށް ދިނުމަށްޓަކައެވެ. މިގޮތަށް ނުބެހެއްޓި ފަހަރެއްގައި ވިއްޔާ، އަނެއްދުވަހު ގަހުގެ ކުރިތައް ބުރިކޮށް، ބައެއް ގޮފިތައް ހުންނާނީ ބިންދައިފައެވެ. އެހެންކަމުން އެ ދަރިކޮޅުގެ މީހުން އަބަދުވެސް މިކަމަށް ސަމާލުކަން ދެއެވެ.

އަންހެންޖިންނި ވަރަށް ހިތާމަވެރިކަމާއެކު ޙަސަން މަނިކާއާ ސަލާމްކޮށް އަލްވިދާޢު ކިއުމަށްފަހު ހިނގާއްޖެއެވެ. އޭރު ޙަސަން މަނިކާގެ ޙާލުވެސް ވަރަށް ދެރަ ވެއްޖެއެވެ. ދެބަދޭތެރޭގައި އޮވެގެން ޙަސަން މަނިކާ އޭނާގެ ޖިންނި އަންބެއް ހުންނަ ވާހަކައާއި ތިން ފިރިހެން ދަރީން ވެސް ލިބިފައިވާ ވާހަކަ ޢާއިލާގެ މީހުންނަށް ކިޔައި ދިނެވެ. އޭގެފަހުން މާގިނަ އިރެއްނުވެ ޙަސަން މަނިކާ ނިޔާ ވެއްޖެއެވެ.

އިންސާނުންނާ ޖިންނީންނަށް ކައިވެނިކުރެވިދާނެ ބާވައެވެ. އަދި އެ ދެފަރާތުގެ ދެމެދަށް ކުދީން ލިބިދާނެ ބާވައެވެ. މިއީ އެކަށީގެންވާ ކަމެއް ބާވައެވެ. ބައެއް ދީނީ ޢިލްމުވެރިންގެ ޚިޔާލުގައި، އެއީ ނާދިރު ކަމެއް ނަމަވެސް، އިންސާނުންނާއި ޖިންނީންގެ ދެމެދުގައި ކައިވެނި ކުރުމަކީ ވެވިދާނެ ކަމެކެވެ. އަދި އެފަދަ ބައެއް ދަންނަބޭކަލުން އެބޭފުޅުންގެ ފޮތްތަކުގައި، ހިނގާފައިވާ މިފަދަ ޙާދިސާ ތަކުގެ މިސާލުތައް ވެސް ގެނެސްދީފައި ވެއެވެ. މިކަމަކީ ވެވިދާނެ ކަމެއްކަން ސާބިތުކޮށްދެއްވުމަށް އެ ބޭފުޅުން ދައްކަވާ ދަލީލަކީ ޖިންނީންނަކީ އެކި ސިފަ ސިފައިގަ ފާޅުވާ މަޚްލޫޤަކަށް ވެފައި އެމީހުން އިންސާނުންގެ ސިފައިގައި ވެސް ފާޅުވެ އުޅޭކަމެވެ.

You may also like...

1 Response

  1. ހަސަން says:

    އުމަރުތަކުރުގެ ހަސަން މަނިކާ ޖިންނިއަކާއި ކައިވެއްންޏެއް ނުކުރެއެވެ. ސޭފުގޭ އިބްރާހިމް ބޭބެ ބުނާގޮތުން އެއީ ހަގީގަތެއްނެތް ވާހަކަތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!