ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 17

އަރުވައިފިއްޔާ ނުފައިބާނަމެވެ

ތަންކޮޅެއް ކުރީގައި މީސްމީހުން ގެދޮރު ހަދައިއުޅުނީ ދަނޑިފަނުންނެވެ. އެހެންކަމުން ރުއްރުކުގެ ފަނާއި ވަލުތެރޭގައި ވަކި ސައިޒަކަށް ހެދޭ ގަސްގަހަކީ ގެދޮރުހެދުމަށް ބޭނުންވާ އެންމެ އަސާސީތަކެއްޗެވެ. އެއީ ވަކި ކޮންޓްރޯލެއްނެތި ލިބޭ އެއްޗެއް ނޫނެވެ. އެޒަމާނުގައި ތިމާވެއްޓަށް ވަކާލާތުކުރާ ބަޔަކުނެތަސް ރަށުން ލިބެން ހުންނަ މިޒާތުގެ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އުސޫލަކަށް ކަންކަން ފެއްތުމަށްޓަކައި ފަނާއި ދަނޑީގެ ކޮންޓްރޯލެއް އޮންނަނީ ގާއިމްކުރެވިފައެވެ. މިއީ ރަށުގެ ވެރިކަމުގެ ފަރާތުން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓާ ކަމެކެވެ. ދަނޑި ކެނޑޭނީ ރަށުގެ ވެރިކަމުގެ ފަރާތުން ހުއްދަ ދިން މިންވަރަކަށް ހުއްދަ ދިން ސަރަހައްދަކުންނެވެ. މިގަވާއިދުން ކައްސާލައިފިނަމަ އަދަބު ލިބޭނެއެވެ. މިއަދަބުގެ ބާވަތަކީ ޖުރިމަނާކުރުން ނުވަތަ އެނޫންވެސް އެފަދަ ކަމެކެވެ.

ވައްލިއަރި އަހައްމަދާއަކީ ޖެހިލުންކުޑަ ބިރުކުޑަ މީހެކެވެ. ވެރިކަމުގެ ފަރާތުން ހަދާފައި ހުންނަ ގަވާއިދުތަކަށް މީނާގެ ކަމޭހިތުން ހުންނަނީ ހިތަށް އެރި މިންވަރަކަށް ހިތަށް އެރިގޮތަކަށެވެ. މިޒާތަށް ބިރުކުޑަކޮށް އުޅޭ މީހުންދެކެ ފެންނާމަނިކުފާނު ވަރަށް ޖެހިލުންވެސް ވެއެވެ. އެހެންނަމަވެސް އަމުރުތައް ތަންފީޒުކުރެވޭނީ ވަކިމީހަކަށް ވަކިގޮތެއް ނުހަދައި އެންމެން ހަމަހަމަކޮށްގެން ކަމަށްވާތީ ބިރުން ހުރެނަމަވެސް އަހައްމަދާ ކަހަލަ މީހުންނާދެކޮޅަށް ފިޔަވަޅު އަޅައެވެ. ނުވަތަ ފިޔަވަޅު އެޅޭތޯ އުޅެއެވެ.

އެއްފަހަރަކު ވެރިކަމުގެ ފަރާތުން ހުއްދަ ލިބުމެއްނެތި ވަލުތެރެއިން ދަނޑީގެ ފުނިވަރެއް މި އަހައްމަދާ ކޮށައިގެން ޖަމާކޮށްފިއެވެ. މިކަމުގެ ޝަކުވާ ފެންނާމަނިކުފާނާހަމައަށް އިސާހިތަކު ކޮންމެވެސް ބަޔަކު އުފުލައިފިއެވެ. އަނެއްދުވަހު ބަނޑިހިގެއަށް މީނާ ހާޒިރުކޮށް ދަނޑި ކޮށިންތޯ ސުވާލުކުރީމާ މިކަމަށް އިއުތިރާފުވެއްޖެއެވެ. ބުންޏެވެ. ތިޔަކަހަލަ ގަވައިދެއް އޮންނަކަން ނުދެނަހުރީމެވެ. އެހެންވެގެން ހުއްދަ ނުހޯދައި ވަލުތެރެއަށް ވަދެ ތިޔަކަން އޮތީ ކުރެވިފައެވެ. އަހައްމަދާއަކީ މަސައްކަތްތެރި މީހަކަށްވެފައި އާމްދަނީ ހޯދާ މީހަކަށްވާތީ މިއީ މީނާ ފެލައިލުމަށް ރަނގަޅު ދަނޑިވަޅަކަށް ބަލައިގެން ފެންނާމަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ތިޔަހަރީ ޖުރިމާނާ ކުރެވިފައެވެ. ލަސްނުކޮށް ބޮލިކޯއްޓޭއެއް ގެންނާށެވެ. މިކަމަށް އާދޭހޭ ބުނެފައި އަހައްމަދާ ނުކުމެގެން ހިގާއްޖެއެވެ.

އެޒަމާނުގައި ޖުރިމާނާކުރުން އޮންނަގޮތަކީ އަގުހުރި ކޮންމެވެސް އެއްޗެއް އަތުލަނީއެވެ. މިގޮތުން މަސްވެރިން ޖުރިމާނާ ކުރާނީ މަސް ހަންދަރަކުންނެވެ. ރައިވެރިން ޖުރިމާނާ ކުރާނީ ރުކުރާ ނުވަތަ ދިވެހި ހަކުރުގެ ކޮންމެވެސް މިންވަރަކުންނެވެ. ބައެއްފަހަރަށް ބޮލިކޯއްޓޭއަކުންވެސް ޖުރިމާނާ ކުރާނެއެވެ. ބޮލިކޯއްޓޭއަކީ ބޮލީގެ ކޮންމެވެސް މިންވަރެކެވެ. މިއީ އެދުވަސްވަރު އޮޅުދޫކަރަޔަށް ވަރަށް ރަގަޅު އަގެއްގައި ވިކޭ އެއްޗެކެވެ.

އަހައްމަދާ އާދޭހޭ ބުނެފައި ދިޔަގޮތަށް ޚަބަރެއް ނުވެއެވެ. މިކަމާ ހިތާނުވެގެން ފެންނާމަނިކުފާނުގެ އަމުރަށް މީނާ އަނެއްކާވެސް ބަނޑިހިގެއަށް ހާޒިރުކޮށްފިއެވެ. ފެންނާމަނިކުފާނު ބުނާ އެއްޗަކީ ގެންނާށެވެ. އަހައްމަދާ ދޭ ޖަވާބަކީ ނެތެވެ. ލިބުނީމާ ދޭނަމެވެ. މިޒުވާބު ހޫނުވެގެންގޮސް އަހައްމަދާ އެންމެފަހުން ހުތުރު އެއްޗެއް ބުނެފިއެވެ. ބުންޏެވެ. އަމެވެ. ކަލެއަށް ފަސްފަހެތިން ދީފީމެވެ. މިހެން ބުނެފައި ގުންފައިޖަހާފައި ނުކުމެގެން ހިގާއްޖެއެވެ. މިދިނުމެއް ދިންއިރު މިތާގައި ފެންނާމަނިކުފާނުގެ ދަރިންނާއި އަނބިމީހާވެސް ތިއްބެވެ. އެހެންވެ އަހައްމަދާ ދެކެ ފެންނާމަނިކުފާނު އައީ އަމަށަކު ރުޅިއެއް ނޫނެވެ.

މިމައްސަލަ ހިތަދޫ އަފީފުދީދީއާ ހަމައަށް ފެންނާމަނިކުފާނު އުފުލައިފިއެވެ. ފެންނާމަނިކުފާނުގެ މުރާދަކީ ހިތަދޫއަށް މީނާ ފޮނުވައިގެން ދިގު މުއްދަތަކަށް އަރުވައިލުން ނުވަތަ ހުރަގެއަށް ލުމެވެ. މިހެންވެ ހިތަދޫއަށް އަހައްމަދާ ފޮނުވައިގެން ނިކަން އުފަލުން އެބަހުރެއެވެ. އަހައްމަދާ ހިތަދޫއަށް ގެންގޮސް އަފީފު ދީދީ ކުރާ ސުވާލަކީ ފެންނާމަނިކުފާނު ފަދަ މާތް އަބުރުވެރި މީހަކަށް އެހައި ހުތުރު އެއްޗެއް ދިނީ ކީއްވެގެންތޯއެވެ. އަހައްމަދާ ބުންޏެވެ. ސާހިބާ އަފީފުދީދީއެވެ. ފެންނާމަނިކުފާނު ބުނަނީ ދޭށޭ އެވެ. ހަމަ ތަކުރާރުކޮށް ކިޔަނީ ދޭށޭ އެވެ. ދޭނެ އެއްޗެއް ތިމަން އަހައްމަދާގެ އަތުގައި ނެތެވެ. އެހެންވީމާ ފެންނާމަނިކުފާނު ކުރުނުކުރީމާ ދެން ހަމައެއްގޮތެއްވެސް ނެތިގެން ތިމަންގެ އަތުގައި އެވަގުތު ދެވެން އޮތް އެތި ދިނީއެވެ. ދޭކަށެއް އެނޫން އެހެން އެއްވެސް އެއްޗެއް އޮތީކީ ނޫނެވެ. އެހެންވެގެން ތިޔަވިދާޅުވި އެތި ދެވުނީއެވެ. ވީމާ މާފުކުރެއްވުން އެދެމެވެ.

މިއަޑު އަހާފައި އަފީފުދީދީ ވަރަށް ހިނިއައިސްފައި ބުންޏެވެ. ދޭށޭ ބުނީމާ ދޭންވާނެއެވެ. އެކަމަކު މިފަހަރު ތިޔަދެވުނީ މާބޮޑު އެއްޗެކެވެ. ދެންވެސް އެޒާތުގެ އުފުލާން އުނދަގޫ އެއްޗެއް ނުދީ ފަރުޖެއްސޭތޯ ބަލަންވާނެއެވެ. ފެންނާމަނިކުފާނަކީ އެޒާތުގެ ކޮށިއެރުންތައް ނިކަން ބޮޑު މީހެކެވެ. އެހެންވީމާ އެކަމަށް ވިސްނައިގެން އުޅެން ދެންވެސް ރަށަށް ދާށެވެ. މިހެން ކިޔާފައި އަހައްމަދާ މީދޫއަށް ފޮނުވާލައިފިއެވެ.

އެއްވެސް އަދަބެއް ނުލިބި އަހައްމަދާ އަލުން ރަށަށް ދިޔައިމާ ފެންނާމަނިކުފާނުގެ ހިތް އަފީފުދީދީއާ ދޭތެރޭ ނުސާފުވެއްޖެއެވެ. އެކަމަކު ވަކިއެއްޗެކޭ ނުބުނެ އެބަހުރެއެވެ. މިހެން ހުރެފައި ހަދާއެއްޗަކީ ފަނާއި ދަނޑި ބޭނުންވެގެން ރައްޔިތުން ހުއްދަ ހޯދަން ދިޔައިމާ އެމީހުންކައިރީގައި ބުނަނީ އަސްތާ ތިޔަކަމުގެ ހުއްދައަކީ މިހާރު ތިމަންދޭ އެއްޗެއް ނޫނެވެ. ތިޔަކަމުގެ ބާރު ހިތަދޫން މިހާރު ހަވާލުކޮށްފައި ހުންނަ މީހަކީ ވައްލިއަރި އަހައްމަދާއެވެ. އެހެންވީމާ އޭނާގެ ކައިރިއަށް ދާށެވެ. ދެން ރައްޔިތުން މީތެދެކޭ ހީކޮށް އަހައްމަދާ ކައިރިއަށް ދިޔައީމާ އަހައްމަދާ ބުނާ އެއްޗަކީ ކަލޭމެން ބޭނުން ވަރަކަށް ބޭނުންތާކުން ކޮށައިލާށެވެ. ހުއްދަ ދީފީމެވެ.

މިމަގުން މިކަން ހިގާތާ ދުވަސްތަކެއްވީއިރު ވަލުތެރެއިން ދަނޑިފަން މަދުވެ މިތަކެތި ލިބުން އުދަގޫވެއްޖެއެވެ. އެހެންވެގެން އަނެއްކާވެސް ކޮންޓްރޯލެއް ގާއިމްކުރަން ފެންނާމަނިކުފާނަށް މަޖުބޫރުވެއްޖެއެވެ. މިފަހަރު އަމުރުކުޅައެވެ. ހުއްދަނެތި ދެން މިޒާތުގެ ކަމެއްކޮށްފި މީހަކު އަރުވައިލާނަމެވެ. މިހެންބުނެ އަމުރުކޮށްފައި ވަނިކޮށް އަނެއްކާވެސް ހުއްދަނެތި ދަނޑި ކޮށައިގެން ވައްލިއަރި އަހައްމަދާ ބަނޑިހިގެއަށް ހާޒިރު ކުރެވިއްޖެއެވެ.

މިފަހަރު ފެންނާމަނިކުފާނު ބުންޏެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިޔަކަށް އެއްދުވަހެވެ. އެހެންވީމާ މިއަދު މިއީ ތިމަންގެ ދުވަހެވެ. މިފަހަރު އޮންނާނީ ކަލޭ އަރުވައިލުމެވެ. އެނޫންއެހެން އެއްވެސް ގޮތެއްނެތެވެ. އަހައްމަދާ ނިކަން ހެވިފައި ހުރެގެން ބުންޏެވެ. ފެންނާމަނިކުފާނޫއެވެ. ތިޔައީ ތިމަންވެސް ވަރަށް އެދޭ ކަމެކެވެ. ފެންނާމަނިކުފާނަށް އެރުވޭނީ ތިޔަމަނިކުފާނުގެ މިލްކުގައިވާ އެއްޗަކަށެވެ. މިހެންބުނެފައި މިތާގެ އެއްފަރާތު ސަރަންފީއެއްގައި އޮތް އެޅެގޭ އައިމިނާދިއަށް ބަލާލާފައި ބުންޏެވެ. ފެންނާމަނިކުފާނުގެ މިލްކުގައިވާ ތަކެތީގެ ތެރެއިން ތިމަން އޭގެ މައްޗަށް އަރަން ބޭނުންވާ ތަކެތިވެސް އެބަހުއްޓެވެ. އެހެންވީމާ އަވަހަށް އަރުވައިލާށެވެ. ލަސްކުރާނެކަމެއްވެސް ނެތެވެ. އޭރުން ލަނޑު ލިބޭމީހަކު އެގިދާނެތާއެވެ. އަރުވައިފިއްޔާ ނުވެސް ފައިބާނަމެވެ.

އަހައްމަދާ މިމޭރުމުން ވާހަކަދެއްކިއިރު މިތާގައި އަނެއްކާވެސް ފެންނާމަނިކުފާނުގެ ދަރީން ތިއްބެވެ. މިއަޑުއިވިފައި އެކުދިންތައް ފިލައިރައްކާވެއްޖެއެވެ. ފެންނާމަނިކުފާނުވެސް ގަތްލަދުންނާއި ވީދެރައިން ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. ކަލެއަކީ މީސްމީހުންގެ އަނބިދަރީން ތިބޭ ތަންތަނަށް ގެންނަން ހެޔޮވާ ޒާތުގެ މީހެއް ނޫނެވެ. މިތަނުން އަވަހަށް ފެއްސިގެން ހިގައިދާށެވެ.

You may also like...

2 Responses

  1. Ibrahim says:

    ވައްލިއަރި އަހައްމަދާއޭ ބުނީމާ އޮޅުމެއް އެބައަރައެވެ. ވައްލިއަރި އަހައްމަދާގެ ގޮތުގައި އަހަރެމެން ދަންނަނީ އެގޭގައި ހުރި އަލިތަކުރުގެ އަހައްމަދާއެވެ. އެއީ ޝައުގީމެން ވަލީދާމެންގެ ބައްޕައެވެ. އެނޫން އެހެން އަހައްމަދާއެއްވެސް އުޅުނެވެ. އެހެންވީމާ ފެންނާމަނިކުފާނުގެ ރިވާޔަތުގައި މިއަންނަ އަހައްމަދާއަކީ އޭގެ ތެރެއިން ކޮން އަހައްމަދާއެއްކަން ބުނެދިނުން އެދެވިގެންވެއެވެ. މިހެން މިބުނީ މި ރިވާޔަތު ސިލްސިލާގެ ދެ ބާބެއްގައި އަހައްމަދާގެ ވާހަކަ އައިސްފައި އޮތުމުންނެވެ. މި ބާބުގައި ގެނެސްފައި މިވާ އަހައްމަދާއަކީ ޝައުގީގެ ބައްޕަކަން އަހަރެންވެސް ދަންނަމެވެ. އެއީ މިވާހަކަ ޝައުގީ ކިޔަނިކޮށް އަޑުއިވިފައިވާތީއެވެ. އެކަމަކު ބަނޑު ދިޔާވުމުގެ ޓެސްޓު ހަދަން އެންގި އަހައްމަދާއަކީ މީގެ ތެރެއިން ކޮން އަހައްމަދާއެއްކަން ނޭގުނެވެ. .

  2. Halibo orange says:

    ވައްލިއަރު އަހައްމާ ތަކުރުގެ އަލިތަކުރުގެ ކުއްޖަކީ ހަސަނާއެވެ. މިއީ ޓެއިލަރު ހަސަނާއެވެ. އަދި އެދުރުބީގެ އަހައްމާތަކުރު އަކީ ވެސް ވައްލިއަރު އަހުމަދު ތަކުރެކެވެ. މީނާގެ ކުދީންނަކީ ވައްލިއަރި އަލިޔަ، ވައްލިޔަރި ދޮންފުތާ، ވައްލިއަރި އައިސާބީ އެވެ. އަދި މީނާގެ އެހެންބަނޑެއްގެ ދެ ކުދީން ތިބިއެވެ. އެއީ ދޯބޮރާގެ ފާތުމާބީ އާއި ހައްވާބީ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!