ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 5

އޮޑި ފަރަށްއެރުން

އައްޓިއަރި މުހައްމަދުދީދީ ކުނބަށް އަރައި ބަލައިފައި ބުންޏެވެ. ދުރުން ވަރަށް ބޮޑު ފަރެއް އެބަފެނެއެވެ. ފަރުގެ މަތިން އަރައިގެން ދެވިއްޖެނަމަ ރަނގަޅެވެ. އެހެންނޫނީ ކުރާނެ ކަމެއް ނެތެވެ. މިހެން ތިއްބައި ފަރާއި ވަރަށް ގާތްވެއްޖެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އޮޑި މިހިރަގެން ދަނީ ފަރު މެދަށެވެ. މިހެން ބުނުމާއެކު ފަޅުވެރިން ރިޔާ ތިރިކޮށް ނަގިއްޔެއް ވައްޓާލައިފިއެވެ. ނަގިލީގެ ވައު ކަނޑައިގެން ހިނގައްޖެއެވެ. އޮޑީގައި އިތުރު ދެ ނަގިއްޔެއްވެސް އޮތެވެ. ފެންނާމަނިކުފާނު ބުންޏެވެ. ދެނަގިލި އެއްކޮށް ވައްޓައިލާށެވެ. ދެ ނަގިލި އެއްކޮށް ވައްޓައިލުމުން ހަރުލައިފިއެވެ.

ރާޅުތައް ދަނީ އޮޑީގެ މަތިންނެވެ. އިވެނީ ރުއިމާއި ގުރުއާން ކިޔަވާ އަޑާއި ތަކުބީރުގެ އަޑެވެ. ފެންނާމަނިކުފާނު ބުންޏެވެ. އޮޑީގެ ހުންގާނު ނަގާށެވެ. ކުނބުވެސް ވައްޓައިލާށެވެ. ދިޔާގެ ދޮންކަލޯ ގޮސް ހުންގާނު ނަގަން އުޅުމުގެ ތެރޭގައި ހުންގާނު ވަކިވެގެން މޫދަށް ހިނގައްޖެއެވެ. ކުނބު ކަނޑައިލަން އޮޑިވެރިޔާ އިބްރާހިމްދީދީ އެއްބަސްނުވީމާ އެހެން މީހަކުވެސް މިކަމާ ނޫޅުނެވެ. އެހެންވެގެން ފެންނާމަނިކުފާނުގެ ޚާދިމު މަރިޔާގެ އަހައްމަދާއަށް އަމުރުކޮށްފައި ބުންޏެވެ. ކުނބު ވައްޓައިލާށެވެ. އަހައްމަދާ ފުރޯއެއް ހިފައިގެންގޮސް ކުނބު ކަނޑައި ވައްޓައިލައިފިއެވެ. ކުނބު ޖެހުނީ ކަނޑުގައެވެ.

މިހާލުގައި ތިއްބައި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އޮޑި ފަރަށް އަރައިފިއެވެ. އޮޑީގެ ތެރެއަށް ބޮޑެތި ރާޅު އަރައި ފެން ބޮޑުވެއްޖެއެވެ. ފަޅުވެރިން ދިޔަ ހިއްކާންފަށައިފިއެވެ. އެމަސައްކަތުގައި ތިއްބައި އިރުއަރައިފިއެވެ. ފަޅުވެރިން ލޮޑުވެ ދިޔަ ހިއްކުން ހުއްޓާލައިފިއެވެ. ގިނައިރުތަކެއް ނުވެ އޮޑީގެ ތައްޓާ ހަމަޔަށް ދިޔަވަރު އުފުލިއްޖެއެވެ. ކޮންމެ މީހަކުވެސް އަތުގައި ޖެހުނު އެއްޗެއް ނަގައި ކަނޑަށް ހޫރަމުން ދިޔައީއެވެ. މިހެން ތިއްބައި ހުރާގަނޑެއް ކަހަލަ ތަނެއް ފެނިއްޖެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. މަށާއެކު އެތަނަށް ދާންކެރޭނީ ކޮން ބަޔަކަށް ހެއްޔެވެ. ހަތަރު މީހަކު ބުނެފިއެވެ. ގޮސްފާނަމެވެ.

ފިނޮޅަކަށް ފޭބުން

އޮޑީގެ ބޮއްކުރާ ތިރިކޮށް އެމީހުންނާއި ވަށްބެރުގޭ އައިސާފުޅާއި އޭނާގެ ކުޑަ ދެކުދީންނާއި ފެންނާމަނިކުފާނާއި އެޅެގޭ އާމިނާތުދީދީ އެޔަށް އަރައިފިއެވެ. ބޮއްކުރަޔަށް އަރައި ނިމުމުން ފެންނާމަނިކުފާނުގެ ހައްޖުފޮށިވެސް ނަގައި އެއަށް އަރުވައިފިއެވެ. ހުރާގަނޑާއި ކައިރިވިއިރު ރާޅުބޮޑުކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ކޮންމެ ރާޅެއް ބޮޑު ފަރުބަދައެއް ފަދައެވެ. ވަންނާނެ އެއްވެސްތަނެއް ކައިރި ހިސާބަކުންވެސް ނުފެނެއެވެ.

ތަންކޮޅެއް ދުރުން ރާޅުމަޑު ސަރަހައްދެއް ފެނެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އެދިމާއަށް އަނބުރައިލާށެވެ. އައްޓިއަރި މުހައްމަދުދީދީ އާއި ރެކިމަނިކާގެ އިބިރިހިންމަނިކާ ބުނެފިއެވެ. އެހާ ދުރަކަށް ނުދެވޭނެއެވެ. ގަދަވިޔަސް ވަރިހަމައެވެ. ބޮޑު ރާޅުބާންޏަކާއެކު ގޮސް ވަންނާނީއެވެ. މިވާހަކައިގައި ތިއްބައި ރާޅުބާންޏެއްގައި ބޮއްކުރާ ހިކިތަނަށް ލައްގައިފިއެވެ. ނަސީބަކުން އެކަކުވެސް ރާޅުގަޑުގެ ތެރޭގައިނުވެ ސަލާމަތްވެއްޖެއެވެ.

ބަރަހަނާ މީހުންނާއި ދިމާވުން

ގޮނޑުދޮށުގައި ބޮއްކުރާ ބާއްވާފައި އެއްގަމަށް އެރިތަނާ މީހަކު އަންނަތަން ފެނިއްޖެއެވެ. އޭނާހުރީ ހެއްދެވިގޮތަށް ބަރަހަނާ ހާލުގައެވެ. ގައިގެ އެތައްމިތަނުގައި މުށިކުލައިގެ ލައްތަކެއް ހުއްޓެވެ. ނުބައި ބައްޔެއް ޖެހިފައި ހުރި މީހެއްފަދައެވެ. ކައިރިވުމުން އެނގުނީ އެއީ މަށީގެ ތިކިތަކެއް ކަމެވެ. އޭނާ އައިސް ކައިރިވުމުން އެޅެގޭ އާމިނާތުދީދީ ބިރުންގޮސް ފެންނާމަނިކުފާނުގެ ގައިގައި އޮޅުލައިގެންފައި ބުންޏެވެ. މިހިރަގެން އަންނަނީ ހަރުބީ ކާފަރެކެވެ. ފޮތަކަށް އީމާންނުވާތާގައި ގޮތަކަށް ތަބާވުމެއްވެސް ނެތެވެ. އަހަރެން ސަލާމަތްކުރާށެވެ.

އެކަލޭގެ އައިސް އެންމެންގެ މޫނަށް ވަކިވަކިން ބަލައިފައިގޮސް އަތިރަގޭ އަލިމަނިކުފާނުގެ ކުރިމަތީގައި މަޑުކޮށްފިއެވެ. ދެން ކޮންމެވެސް އެއްޗެހިތަކެއް ކިޔަން ފަށައިފިއެވެ. އޭނާ ވާހަކަ ދެއްކީ ކޮން ބަހުރުވަޔަކުން ކަމެއް ނޭގެއެވެ. އަލިމަނިކުފާނު ވާހަކަ ދެއްކީ އައްޑޫ ބަހުންނެވެ. އިރުކޮޅަކުން އެމީހަކު ރުޅިގަދަވެގެން އަލިމަނިކުފާނުގެ ގައިގައި ޖަހަން އަތްް މަޅައިގެންފިއެވެ. ފަޅުވެރިން އެ ދޭތެރެއަށް ވަދެ އަލިމަނިކުފާނު ސަލާމަތް ކޮށްފިއެވެ.

އެމީހަކު ގޮސް ދެންއެރީ ގޮނޑުދޮށުގައި އޮތް ބޮއްކުރާއަށެވެ. މިތަން ބަލާންހުރެފައި ފެންނާމަނިކުފާނު ރޮއިގެންފައި އަނހާ އަނހާ މަގޭ ފޮށްޓޭ ބުނިތަނުން މަރިޔާގެ އަހައްމަދާ ދުވެފައިގޮސް ބޮއްކުރާގައި ހުރި ފެންނާމަނިކުފާނުގެ ހައްޖުފޮށި ނަގައި އެއްގަމަށް ގެނެސްފިއެވެ. އެކަލޭގެ ބޮއްކުރާއަށް ވެރިވެގެންފިއެވެ. އެއްގަމަށް ފޭބި މީހުންނަށް ކުރިއަށް ދާނޭ މަގެއް ނުފެނުނެވެ. މަގެއް ނުފެނުމުން ގޮނޑު ދޮށަށް ފައިބައިގެން ހިނގާފައި ދިޔައީ އޮޑި އުރިފައިހުރި ސަރަހައްދާއި ދިމާއަށެވެ.

އޮޑި ފަރަށްއުރިފައި ހުރި ހިސާބަށް ދެވުނުއިރު އޮޑީގައި ތިބި މީހުންވެސް ކޮންމެވެސް ގޮތަކުން އެއްގަމަށް ފައިބައިފިއެވެ. އޭރު އެމީހުން ކުރަމުންދިޔައީ ފޭލިގެ ޖެހުމުގެ މަސައްކަތެވެ. އޮޑީގެ ކުނބުވެސް އެހިސާބާ ދާދިގާތަށް ލައްގާފައި އޮތެވެ. ކުނބާއި ރިތާއި އޮޑީގެ ރިޔާ ބޭނުންކޮށްގެން ދާދިއަވަހަށް މިފޭލިގެއެއްވެސްެ ޖަހައި ނިންމައިފިއެވެ. ބޭނުމަކީ އަވިން ސަލާމަތްވުމެވެ. އެއަށްފަހު އެންމެން އެތާގެ ތެރެއަށް ވަދެ ވަދެއްޖެއެވެ.

ފެންނާމަނިކުފާނުގެ ފައިސާފޮށި

ފެންނާމަނިކުފާނުގެ ފައިސާފޮށި ހިފައިގެން މަރިޔާގެ އަހައްމަދާ ގޮސް ފޭލިގޭގެ މެދުގައި ކުނބާއި ޖެހިގެން ބަހައްޓައިފިއެވެ. ފޮށި ބެހެއްޓުމުން އެޅެގޭ އާމިނަތުދީދީ އޭގެ މަތީގައި އިށީނދެ ކުނބަށް ލެނގިލައިފިއެވެ. ފެންނާމަނިކުފާނުގެ މިދަތުރުގައި މަރިޔާގެ އަހައްމަދާ ބައިވެރިކުރީވެސް ފޮށި އުފުލުމަށްޓަކައެވެ. އޭނާ އުޅޭގޮތުން އެއީ އެހާ ލުއިފޮށްޓެއް ނޫންކަން އެނގެއެވެ. އެތެރޭގައި ހުރީ ކޮން އެއްޗެއްކަމާއި ކިހާ ފައިސާއެއްކަން އެނގެނީ ފެންނާމަނިކުފާނުގެ ދެމަފިރީންނަށް އެކަންޏެވެ.

ފޭލިގޭގައި ތިއްބާ ރަށުތެރެއިން ބަޔަކު އަންނަތަން ފެނިއްޖެއެވެ. އެއީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނެވެ. އެންމެންވެސް ތިބީ ބަރަހަނާ ހާލުގައެވެ. ބައެއް އަންހެނުންގެ މޭމައްޗާއި ދިމާލުން ފޮތިކޮޅެއްކަހަލަ އެއްޗެއް ބަނދެފައިވެއެވެ. ފޫޅުން ތިރީގައި ނިވާކަމެއްނެތެވެ. އެއީ ނިވައިކުރާންޖެހޭ ތަނެއްކަން އެމީހުންނަށް ދަސްވެފައިނެތީ ތޯއްޗެކެވެ. ފިރިހެނުންގެ ގައިގައި ހައްދަވައިގެން އެއްވެސްކަހަލަ ފޮތިކޮޅެއް ނެތީއެވެ.

އެމީހުން އައިސް ފޭލިގޭގެ ކައިރީގައި މަޑުކުރިއިރުވެސް އެޅެގޭ އާމިނަތުދީދީ އިނީ ފެންނާމަނިކުފާނުގެ ހައްޖު ފޮށިމަތީގައި އިށީނދެގެންނެވެ. މިތަން ދެކޭން ހުރެފައި ރެކިމަނިކާގެ އިބިރިހިމްމަނިކާ ސަމާސާ ރާގަކަށް ބުންޏެވެ. މިތާގައި ރުފިޔާ ފޮށްޓެއް އެބަހުއްޓެވެ. މީދޫގައި ހުރިއްޔާ ހުރި ރުފިޔާއެއް ވަނީ އޭގެތެރޭގައެވެ. ފޮށި ފުރެންދެން ހުރީ ރުފިޔާއެވެ. ކަލޭމެން މިތަނަށް އައީ ފޮށީގެ ޚަބަރު އެނގިގެން ހެއްޔެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!