ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 6

މިއަޑު އިވިފައި ފެންނާމަނިކުފާނު ގަންނާކުރެއްވި ބިރަކުން އާދޭހުގެ ރާގެއްގައި ބުންޏެވެ. އިބިރިހިންމަނިކާއެވެ. ކަލެއަށް ސަވާބާއި ދަރުމަ ހުންނާނެއެވެ. ތިޔަހެން ނުކިޔާށެވެ. އަހަރެމެން އެންމެންގެ ހިތްވަރަކީ މިފޮށްޓެވެ. ފޮށްޓާއި އެކަކުވެސް ނުބެހޭށެވެ. އިބިރިހިންމަނިކާ ބުންޏެވެ. މިތާގެ މީހުންވެސް ވާހަކަދައްކައި އުޅެނީ އައްޑޫބަހުން ބާވައެވެ. އެހެންވިއްޔާ އަހަރެން މިދެއްކި ވާހަކަ އެވެރިންނަށް އެނގޭނެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. ވަރިހަމައެވެ.

ފޭލިގޭގެ ބޭރުގައި ތެލުލި ބަނބުކެޔޮ ޑަބިޔަލަކާއި ދިވެހިހަކުރު ރުނބައެއް ހުއްޓެވެ. ރަށުތެރެއިން އައި މީހުންތައް ރުނބަޔާއި ޑަބިޔަލާއި ދިމާކުރުމުން އައްޓިއަރި މުހައްމަދުދީދީ ރުޅިއައިސްގެން ވަޅިއެއް ނަގައިފައި ބުންޏެވެ. ފެއްސިގެން ދާށެވެ. އެހެންނޫނީ ވަޅީގެ ތޫނުކަން ދައްކައިލާނަމެވެ. މިތަން ދެކޭން ހުރެފައި ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. މުހައްމަދު ދީދީއެވެ. ވިސްނުން އިސްކުރާށެވެ. އެމީހުންގެ އަދަދު އަހަރެމެންނަށް ވުރެ މާގިނައެވެ. ކޮންމެކޮންމެ ބަޔަކަށް ބަދުރުހަގުރާމައެއް ނުކުރެވޭނެއެވެ. ދެން މުހައްމަދުދީދީ ވަޅި އެއްލާލާފައި ޑަބިޔަލާއި ރުނބާ ފޭލިގޭގެ ތެރެއަށް ވައްދައިފިއެވެ.

އޮޑީގެ މައްޗަށް ވެރިވެގަތުން

ރަށުތެރެއިން އައި މީހުންތައް އޮޑިއަށް އަރައިގެންފިއެވެ. އޭރު އޮޑި އޮތީ ހިކިތަނަށް އުރިފައެވެ. އޮޑިއަށް އަރައި ސާމާނުތައް ނަގަން ފަށައިފިއެވެ. އޮޑީގައި ލޯވަޅުތަކެއްވެސް ތޮރުފައިފިއެވެ. އެ ލޯވަޅުތަކުން އޮޑީގައިހުރި ދިޔަވަރު ފައިބައިގަތެވެ. އޮޑީގައި ހުރިނަމަ ހުރި ސާމާނަކާއި މުދަލެއް ނަގައިފިއެވެ. ބަރަހަނާކޮށް އުޅޭ ބަޔަކަށްވިޔަސް އަނީމާއެއްވިއްޔާ ފޭރާންވެސް ބޭނުންވަނީ ތޯއްޗެކެވެ. އޮޑީގެ މީހުން ލައިގެންތިބި ހެދުންވެސް އެވެރިން ތިބީ ބޭނުންވެގެންނެވެ. މިޒާތަކުން އޮޑީގެ ނިމުން ފެނިފައި އޮޑިވެރިޔާ ހަސަންކާރި އިބްރާހިމްދީދީ ހުރީ ފެންކަޅިވެފައެވެ.

އެވަގުތު ފެންނާމަނިކުފާނު ބުންޏެވެ. އިބްރާހިމްދީދީއެވެ. ދެރަނުވާށެވެ. އޮޑިޔާއި އޭގައި ހުރި ތަކެއްޗަކީ މިހާރު އަހަރެމެންގެ ތަކެއްޗެއް ނޫނެވެ. މިރަށަށް ލައްގާ އޮޑިފަހަރުގެ ނިމުމަކީ އެއީއެވެ. ރާއްޖޭގެ ފަރުފަރަށް އުރޭ އޮޑިފަހަރުގެ ހުކުމަކީވެސް އެއީ ނޫންހެއްޔެވެ. ޖަވާބުގައި އިބްރާހިމްދީދީ ބުންޏެވެ. ލަދުވެތިކަމޭ ކިޔުނުސިފަ އަންނަނީ ފޮތާއި ގޮތް ހުރެގެންނެވެ. މިރަށު މީހުންނަށް ފޮތެއްވެސް ގޮތެއްވެސް ލިބިގެން ނުވަނީއެވެ. އެހެންވީމާ ލަދޭކިޔުނު ސިފަ ނެތީއެވެ. ބަރަހަނާކޮށް އެތިބެނީ އެހެންވެގެންނެވެ. އަހަރެމެންގެ ކަންތައް އެއުރެންނަށްވުރެ ގޯހެވެ. ފޮތަކަށް އީމާންވެގެން ތިބެމެ ގޮތަކަށް ތަބާވުމެއް ނެތެވެ. ފޭރާމުން ނިވައިވެގެން އަހަރެމެން މިތިބެނީ އެހެންމީހުންވެސް ކުރާކަމަކަށްވީމައެވެ. ލަދުގަންނާތީއެއް ނޫނެވެ.

އަހަރެމެންނީ ލަދުގަތުމުގެ ސިފަހުރި ބަޔަކަށްވީނަމަ އަދި ގޮތެއްހުރި ބަަޔަށްވީނަމަ މިއަދު މިހާލުގައި މިތާގައި ތިބޭކަށްވެސް ނުޖެހޭނެއެވެ. އަހަރެން ދެރަވަނީ އޮޑިޔާއި މުދާ ގެއްލިގެންނެއް ނޫނެވެ. އަހަރެން ދެރަވަނީ އަހަރެމެންގެ އަޚުލާގާމެދުގައެވެ. ފޭރާމުން ނިވައިވެގެންތިބެމެ މީސްމީހުންނަށް ގެއްލުމާއިދެރަ ދޭން ޖެހިލުމެއް ނުވެއެވެ. ބަޔަކު ކުރިއަރައިދާން ބޭނުމެއް ނުވެއެވެ. މީސްމީހުންގެ މުދާ އަސްބުން ފޭރިގަންނާކަށް ލަދެއްވެސް ނުގަނެއެވެ. އެކަމަކު އެހެން މީހުން އުޅޭނޫޅޭގޮތް ބަލައިފައި ފާޑުކިޔާން އެބަޖެހެއެވެ. ގޮތާއި ފޮތުގެ ވާހަކަ ދައްކާން އެބަޖެހެއެވެ.

އަހަރެންގެ ނަޒަރުގައި މިތިބަ ވަލުމީހުންވެސް އަހަރެމެންނަށްވުރެ ހިތް ސާފެވެ. އެމީހުންގެ ފޮރުވުމެއްނެތީ ހަށިގަޑު އެކަންޏެއް ނޫނެވެ. މަގްސަދުވެސް ފޮރުވުމެއް ނެތެވެ. އަހަރެމެން އެހެން ހެއްޔެވެ. ފޭރާމުން ހަށިގަޑު ނިވައިކޮށްގެން ތިބެ މަގްސަދުވެސް ފޮރުވައިގެންތިބެ މިކުރާކަމަކީ މީސްމީހުންނަށް ލަނޑުދިނުމެވެ. އެހެންވީމާ ގޮތާއި ފޮތުގެ ވާހަކަ ނުދައްކައި ތިބުން އެދެވިގެންވެއެވެ. އިބްރާހިމްދީދީގެ ޚުތުބާ އަޑުއިވިފައި ފެންނާމަނިކުފާނާއި އަލިމަނިކުފާނު އެކައްޗެކޭވެސް ނުބުނެ ހިމޭނުން ތިބެއްޖެއެވެ.

އިރުއޮއްސި އަނދިރިވެއްޖެއެވެ. ދުރުން ބޮކިތަކެއްގެ އަލި ފެނެއެވެ. ފެންނާމަނިކުފާނާއި މާލިމީ އަލިމަނިކުފާނު ބުންޏެވެ. ދުރަށް އަލި ފޮނުވާ ބައްތިތަކެއް އެބަފެނެއެވެ. އެއީ ބަނދަރު ބައްތި ކަހަލަ އެއްޗެކެވެ. އިރުއެރީމާ ޚަބަރުދަބަރު ހޯދަމާ އަންނާށެވެ. ހީވާގޮތުން މިތިބަ ބަރަހަނާ މީހުން ނޫނަސް ހެޔޮކޮށް އުޅޭ އިންސާނުންތަކެއް މިތަނާއި ދާދިގާތުގައި އުޅޭނެއެވެ. އެފަދަބަޔަކު ފެންނާނީވެސް ހޯދާން އުޅެގެންނެވެ.

އިރުއަރައި އަލިވުމުން ފެންނާމަނިކުފާނާއި އަލިމަނިކުފާނާއި ދެމީހުން ބޮކީގެއަލި ފެނުނު ދިމާލަށް ހިގައްޖެއެވެ. ދަމުން އެންމެންނަށް ވަަރަށް ވަރުގަދަ ވަސިއްޔަތެއް ކުރިއެވެ. ބުންޏެވެ. އަހަރެމެން މިތިބީ ތަހުޒީބުކަމެއް ނެތް ވަލު މީހުންގެ ރަށެއްގައެވެ. އެހެންވީމާ އަހަރެމެންގެ އެއްވެސް އެއްޗެއްގައި މިރަށު ބަޔަކުއައިސް ހިފިޔަސް އެއެއްޗެއް ދޫނުކުރާން ގަދަނުދައްކައްޗެވެ. އެ އެއްޗެއް ވާނީ ދޫކޮށްލާށެވެ. ދެކޮޅުހަދައިގެން ލިބޭނޭ މޮޅެއް ނޯންނާނެއެވެ. ލިބޭނީ ދެރައެވެ.

ނަމަވެސް ހަނދާންކުރާށެވެ. މަގޭ ހައްޖުފޮށި މިކަމުން އިސްތިސްނާވެގެންވެއެވެ. ބަޔަކުއައިސް ކިތަންމެ ބާރަށް ހިފިޔަސް އެފޮށި ދޫކޮށްގެން ނުވާނެއެވެ. ހަގުރާމަކޮށްގެންވިޔަސް ފޮށި ސަލާމަތްކުރާންވާނެއެވެ. އެމަސައްކަތުގައި އެންމެންވެސް ބައިވެރިވާންވާނެއެވެ. އެއީ މަގޭ ދިރިއުޅުމެވެ. ޒިންދަގީއެވެ. އަހަރެން އަނބުރާ މިތަނަށް އަންނަންދެން ކޮންމެ ގޮތެއް ހަދައިފައިވެސް ފޮށި ބަލަހައްޓައިދޭށެެވެ.

ރަށުގެ ޚަބަރުދަބަރު އޮޅުންފިލުން

މިރަށުގެ ނަމަކީ ގަންގާސާގަރެވެ. ވަރަށް ބޮޑު ޖަޒީރާއެކެވެ. ދިވެހީންނަށް އާދެވިފައިތިބީ މިރަށުގެ ހޭޅިފަށުގައި ދިރިއުޅޭ ވަލުމީހުންގެ ސަރަހައްދަކަށެވެ. ވަލުމީހުންނަކީ އަންނައުނު ލައި އުޅޭބައެއް ނޫނެވެ. މިހިސާބުގައި އަސްދޫންޏާއި އޭގެބިސް ވަރަށް ގިނައެވެ. ވަލުމީހުންގެ ކެއުމަކީ މުގުރި ރޯހަނޑުލެވެ. ކޮންމެ މީހެއްގެ ކަރުގައި ޓުކުރި ގަނޑެއްކަަހަލަ އެއްޗެއް އެލުވާފައި އޮވެއެވެ. އޭގައި އަބަދުވެސް މުގުރި ރޯހަނޑޫ ބޮނޑިއެއް އޮވެއެވެ.

ބޮކިއަލި ފެނުނު ސަރަހައްދަށް ފެންނާމަނިކުފާނާއި އަލިމަނިކުފާނު ގޮސްގެން އުޅެނިކޮށް އެތަނުން އިސްލާމުންގެ ބަޔަކާއި ދިމާވެގެން ހާލުގެ ވާހަކަ ފެންނާމަނިކުފާނު ކިޔައިދީފިއެވެ. އެވާހަކަ އަޑުއަހާފައި އެމީހުން ބުންޏެވެ. ތިޔަ އަވަށުގެ މީހުންނަކީ ވަރަށް ނުބައި ނުލަފާ ބައެކެވެ. ކަލޭމެން މަރާލިޔަސް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެއީ ސަރުކާރުގެ ދަށުގައި އުޅޭބައެއްވެސް ނޫނެވެ. ދެން މިޖަޒީރާގެ ވާހަކަ ކިޔައިދޭން ފަށައިފިއެވެ.

ތިޔަ އަވަށަކީ ގަންގާސާގަރު ޖަޒީރާގައިވާ އަވަށްތަކުގެ ތެރެއިން އަވަށެކެވެ. މިޖަޒީރާގައި ގާތްގަޑަކަށް ފަންސާހަކަށް އަވަށް އޮވެއެވެ. ވަރަށް ބޮޑު ޖަޒީރާއެއްމެއެވެ. މިޖަޒީރާ އޮންނަނީ ބަންގާޅުގެ ތެރެއިން ގަންގާކޯރު ދެމިގެން އައިސް ކަނޑަށް ނިމުނުތާގެ އަނގަމަތީގައެވެ. ކަލްކަތާއޭ ކިޔުނު ސަހަރު އޮންނަނީ މިޖަޒީރާއާ ގާތްގަޑަކަށް ނުވަދިހަ މޭލު ދުރުގައެވެ. މިޖަޒީރާގައި ތިބެފައި މިޒަމާނުގެ ޚިދުމަތެއް ލިބޭތާކަށް ދެވޭނީ ކޯރު ހުރަސްކޮށްފައެވެ. ކަލޭމެންނަށް ތިޔަފެނުނު ބައްތިއަކީ ކަލްކަތާ ޕޯޓް ޓްރަސްޓްގެ ފަރާތުން މި ޖަޒީރާގައި ގާއިމްކޮށްފައިވާ ލައިޓްހައުސްގެ ބައްތިއެވެ.

މީގެ ހަތަރުއަހަރު ކުރީން 1947 ގައި އިންޑިޔާ ދެބައިކޮށް ޕާކިސްތާނު އުފެއްދިއިރު ބަންގާޅު ޕްރޮވިންސް ވެސް މިއޮތީ ދެބައިކޮށްފައެވެ. މިބައިކުރުމަކަށްފަހުވެސް ގަންގާސާގަރު ޖަޒީރާ ލައްވައިލީ އިންޑިޔާއަށެވެ. މިތަނުގެ އިރުމަތީން ހަމަ ދާދި ކައިރީގައި އެއޮތީ ޕާކިސްތާނަށް ލިބުނު ބައެވެ. އެބަޔަށް މިހާރު ކިޔަނީ އިރުމަތީ ޕާކިސްތާނެވެ. ބަންގާޅު ދެބައިކުރިޔަސް އަހަރެމެން ކަހަލަ އިސްލާމުންގެ މަދުބަޔަކު އަދިވެސް މިބައިގައި ދިރިއުޅެއެވެ.

މިޖަޒީރާގެ މައްޗަށް ބާރު އޮތީ ކަލްކަތާގައި އޮންނަ ހުޅަނގު ބެންގޯލް ޕްރޮވިންސްގެ ސަރުކާރަށެވެ. އެއީ އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ. އެހެންވީމާ ގަންގާސާގަރުގައި ހާލުގައި ޖެހިފައި ތިބި ކަލޭމެންނަށް އެހީއެއް ލިބޭނީ ކަލްކަތާއަށް އެކަން އަންގައިގެންނެވެ. އަހަރެމެން ކަލްކަތާގެ ސަރަހައްދީ ސަރުކާރަށް މިއަންގަނީއެވެ. ރާއްޖޭގެވެރިޔާ މުހައްމަދު އަމީނަށް މެސެޖުކުރާނީ ކަލްކަތާއިންނެވެ.

މުހައްމަދު އަމީނަށް މެސެޖުކޮށް ބަންގާޅުގެ ގަންގާސާގަރުގައި ހާލުގައިޖެހިފައިތިބި ދިވެހީންގެ ވާހަކަ އެންގުމަށް ވަސިއްޔަތްކޮށްފައި ފެންނާމަނިކުފާނާއި އަލިމަނިކުފާނު އެނބުރި އޮޑީގެ މީހުންތިބި ތަނަށް އަތުވެއްޖެއެވެ. ގޮސް ބުންޏެވެ. މިތާގައި ދުވަސްކޮޅަކު މަޑުކޮށްލާން ޖެހެއެވެ. އަހަރެމެންގެ ހާލު މުހައްމަދު އަމީނަށްވެސް އަންގައިފީމެވެ. ދެން މިގޮތުގެ މަތީން މިތާގައި ތިބޭތާ ދުވަސްކޮޅެއްފަހުން ރޯދަމަސް ދެބައިވެއްޖެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!