ގަންގާސާގަރު ފަރުމައްޗަށް އުރުނު ކަޅިހާރު އޮޑީގެ ވާހަކަ 5
އަލިމަނިކުފާނު އެތެރެއަށް ވަނުމާއެކު ޑިއުޓީގައިހުރި ސެކިއުރިޓީ މީހާ ޕާސްޕޯރޓް ކޮބައިތޯ ސުވާލުކުރީމާ ޕާސްޕޯރޓް ނެތްވާހަކަ އަލިމަނިކުފާނު ބުނެފިއެވެ. ސިކިއުރިޓީ މީހާ އައިރުޅީގައި އެތިވަރުތަކެއް ގޮވާފައި އަލިމަނިކުފާނު ކޮއްޕާލުމުން ގުޅަޔަކަށް ބިންމައްޗަށް ޖެހިއްޖެއެވެ. އަލިމަނިކުފާނު ތެދުވުމުން އެތަނުންވެސް އޭނާ ބޭރުކޮށްފިއެވެ. މިމަގުން ކަންކަން ހިނގީމާ ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. އަލިމަނިކުފާނު ބޯން އުޅުނު ބޮނޑި ތިއޮތީ ބޮވިފައެވެ. ބަސް ގަބޫލު ނުކުރާ މާލިމީންނަށް މިޔަށްވުރެ ބޮޑު ލަނޑެއްވެސް ލިބިދާނެއެވެ. ޕާސްޕޯރޓް ހަދާށޭ ބުނީމާ ޕާސްޕޯރޓް ހެދީކީއެއް ނޫނެވެ. ދަތުރުކުރާ މިސްރާބު ރަނގަޅެއް ނޫނޭ ބުނީމާ އެބަސްވެސް ގަބޫލުކުރީއެއް ނޫނެވެ. ދެންވެސް މިތަނުން ނިކުމެގެން ޕާސްޕޯރޓް ހަދަން ދާންވީއެވެ.
ހުރިހާ ކަމެއް ނިމުމުން ފެންނާމަނިކުފާނު އައިސް ބުންޏެވެ. ވަން ޑަބަލް ކޭމްޕްގައި ކޮން ތަމްރީނެއް ހަދާދުވަހެއް ހެއްޔެވެ. ބައެއްކަހަލަ ތަމްރީނުތަކުގައި އުޅޭއިރު އަނިޔާވެސް ވާނެއެވެ. ބަންގާޅަށާއި ކޮޅުނބަށް ދަތުރާކުރާ ދިވެހިންނަކީ ޕާސްޕޯޓް ބޭނުންކުރާ ބައެއް ނޫނެވެ. އެހެނަސް ކުރާނެ ކަމެއްނެތެވެ. ބަސްއަހައިގެން މިތަނުން ނިކުމެގެން އަވަހަށް ހިނގާށެވެ. އޭރު ދޮންއިބުރާހިމްދީދީގެ މުހައްމަދުދީދީ އާއި މަރިޔާގެ އަހައްމާ އެތާކު ނެތެވެ. އެމީހުން ތިބީ ފައިސާ ފޮށި ހިފައިގެންގޮސް އެހެންތަނެއްގައެވެ.
އެތަނުން ނިކުމެގެން ގޮސް އެހިސާބުން ކުލީ ގެއެއް ހޯދައިފިއެވެ. އެގޭގައި އެންމެން މަޑުކޮށްފިއެވެ. އަލިމަނިކުފާނާއި ފެންނާމަނިކުފާނު ދިޔައީ ކޮޅުނބަށް މެސެޖް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެމީހުން މެސެޖްކުރީ މުހައްމަދު އަމީނަށެވެ. އޭރު އަމީނު އުޅުއްވަނީ ސިލޯނުގައެވެ. އަމީނާއި ވާހަކަ ދެއްކީ އަލިމަނިކުފާނެވެ. ވާހަކަ ދައްކައި ނިންމާލަމުން އަލިމަނިކުފާނު ބުންޏެވެ. ވާހަކަ ދައްކަނީ އޮޑީގެ މާލިމީއެވެ. އަމީނު ވިދާޅުވިއެވެ. ތިޔައީ މާލީމީ ހެއްޔެވެ. ތިޔައީ މާލިމީއެއް ނޫނެވެ. އޭގެފަހުން އަމީނުގެ އަޑެއް ނީވުނެެވެ.
އެދުވަހުން ފެށިގެން ކޮންމެ ދުވަހަކު އޮޑީގެ މީހުންގެ ކެއުމަށް ޚަރަދު ކުރަނީ އަލިމަނިކުފާނެވެ. ކޮންމެ ދުވަހަކު މީހަކަށް ދެނީ ދެ ޓާކާއެވެ. އެފައިސާކޮޅުން ހައިހޫނުކަން ފިލާވަރެއް ނުވެއެވެ. އެއްދުވަހަކު އަލިމަނިކުފާނާއި ފެންނާމަނިކުފާނު ބޭރުގައި އުޅެފައި ގެއަށްއައިސް ބުންޏެވެ. މިއުޅެނީ ފުރަންވެގެންނެވެ. ކަލޭމެން މިތާގައި ތިބޭށެވެ. މިއަޑު އިވިފައި އައްޓިއަރި މުހައްމަދުދީދީ ފުންމައިގެން ތެދުވެފައި ބުންޏެވެ. އަހަރެމެން މިތަނަށް ދޫކޮށްފައި ކޮންތާކަށް ފުރަންހެއްޔެވެ. ފުރަންޏާ ފައިސާފޮށި ބަހައްޓާފައި ދާށެވެ. ހައްވާއްކަލޯގެ މޫސާ ބުންޏެވެ. މަށަކީ މީދޫގައިހުރި އެންމެކޮރު މީހާ ކަމުގައިވިޔަސް ވަރިހަމައެެވެ. އަހަރެމެން މިތަނަށް ދޫކޮށްފައި ފުރާން އުޅެފިނަމަ ތިޔަ ފައިސާފޮށި ސަލާމަތަކުން ނުގެންދެވޭނެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. މީހަކު ސަމާސާއަށް އެއްޗެކޭ ބުންޏަސް ސީރިއަސް ވާވަރު ތިހިރީއެވެ. ކަލޭމެން ދޫކޮށްފައި އަހަރެމެން ދާކަށް ނުއުޅެމެވެ. ނުވެސް ދާނަމެވެ.
އިރުއޮއްސުމުން ހުރިހާ މީހުން ދިޔައީ މިސްކިތަށެވެ. މަޣުރިބު ނަމާދުން ނިމުނުތަނުން އިސްކޮޅުން ދިގު ދޮން މީހަކު އައިސް ސަލާންކޮށްފައި ބުންޏެވެ. ތިޔައީ ކޮން ގައުމެއްގެ ކޮންބައެއް ހެއްޔެވެ. އެމީހުން ބުންޏެވެ. ދިވެހިރާއްޖޭގެ މީހުންނެވެ. ދަތުރުކުރި އޮޑި ބެހިގެން ފަރުމައްޗަށް އުރުނީއެވެ. ތިޔައީ ކާކުތޯ ސުވާލު ކުރީމާ އޭނާ ބުންޏެވެ. މިސަރަހައްދުގައި ވިޔަފާރިކުރާ މީހަކީމެެވެ. އެހެރީ ތިމަންގެ ފިހާރަތަކެވެ. ކަލޭމެންނަށް އެހީތެރިވާނަމެވެ. މިހެންބުނެފައި އެމީހުން ތިބޭ ގޭގެ އެޑްރެސް ހޯދައިގެން ކޮންމެ ދެ ދުވަހަކުން އެއްދުވަހު ލަންޗް ޕެކެޓް ފޮނުވައެވެ.
ސިލޯނަށް ދިއުން
އެއްދުވަހެއްގެ ހެނދުނު ގޭގެ ކުރިމައްޗަށް ބަހެއް މަޑުކޮށްފިއެވެ. ބަހުން ފޭބި މީހަކު ބުންޏެވެ. މިއީ ސިލޯނުގައި ހުންނަ ގައުމީ ކުންފުނީގެ ވެރިޔާ ނާއިރުއެވެ. މިއައީ ކަލޭމެންގެ ޕާސްޕޯރޓް ހެދުމުގެ ކަންތައް ހަމަޖައްސައި ދިނުމަށެވެ. މިހެންބުނެފައި އެންމެން ގޮވައިގެން ޕާސްޕޯރޓް އޮފީހަށް ހިގައްޖެއެވެ. އެދުވަހު ޕާސްޕޯރޓް ހަދައި ނިމިއްޖެއެވެ. ދެން ގެޔަށްގޮސް އެންމެންގެ ސާމާނުތައް ހިފައިގެން ދިޔައީ ބަންގާޅުގެ ބަނދަރުގައި އޮތް ބޯޓަކަށެވެ. އެބޯޓު ފުރައިގެން ދިޔައީ ސިލޯނުގެ ގާލީ ބަނދަރަށެވެ. ގާލީ ބަނދަރަށް އެންމެން ފައިބައިފިއެވެ. އޭރު ބަނދަރުގައި މުހައްމަދު އަމީނުގެ ކާރުކޮޅު އޮތެވެ. ކާރުކޮޅުން އަމީނު ފައިބައިވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދެފަރާތުގައި ތިއްބެވީ ރީތި ދެ އަންހެންކުދީންނެވެ. ކާރުކޮޅުން ފައިބައިވަޑައިގެން ފެންނާމަނިކުފާނާއި ސަލާމް ކުރައްވާފައި ވިދާޅުވިއެވެ. ފެންނާމަނިކުފާނުގެ ހާލު ވަރަށް ދެރަ ވައްތަރު އެބަޖަހައެވެ. ފެންނާމަނިކުފާނު ބުންޏެވެ. އާދޭހެވެ. ހާލު ވަރަށްވެސް ދެރައެވެ.
އަމީނު ވިދާޅުވިއެވެ. ގަސްތު ކޮށްގެން ހުރީ ކަލޭމެން އެންމެން ގޮވައިގެން ގާލީ މަރައްކާރުގެ ގެއަށް ގޮސް އެގޭގައި ބައިތިއްބާން ކަމަށެވެ. ނަމަވެސް ހަމަޖެހޭގޮތެއް ނުވިއެވެ. މިރެއަކީ މަރައްކާރުގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ރެއެވެ. އެހެންނަމަވެސް ރަނގަޅު ގޮތެއް ހަމަޖައްސައިދޭނަމޭ ވިދާޅުވުމަށްފަހު އަމީނު އެބުރިވަޑައިގެންފިއެވެ.
އަމީނު ވަޑައިގަތްފަހުން ބަޔަކު މީހުން އައިސް ދިވެހީންގެ ކޮންމެ މީހަކަށް މުންޑަކާއި ގަމީހެއް ދިނެވެ. އަދި ބުންޏެވެ. ކަލޭމެން ކޮޅުބުން ރާއްޖެއަށް ފުރަންވާ ބޯޓް އޮތީ ތައްޔާރަށެވެ. އަވަހަށް ހިނގާށެވެ. މިހެން ބުނެފައި އެމީހުން ގޮވައިގެން ގޮސް އެހެން ބޯޓަކަށް އަރައިފިއެެވެ. ބޯޓް ފުރައިފިއެވެ. ގާލީ ބަނދަރުން ފުރައިގެން ރާއްޖެއަށް އާދެވުނީ ފަސް ދުވަހުންނެވެ. މާލެ އައިސް ރަށަށް ފުރުމާއި ހަމައަށްް ސަރުކާރުން އެންމެންގެ ކޮއްތު ދިނެވެ. އަދި ރަށަށް ދާން ބޭނުން އެންމެން އައްޑުއަތޮޅަށް ފޮނުވައިދިނީ ވެސް ސަރުކާރުގެ އެހީގައެވެ. (ނިމުނީ)
ފަހުގެ ޚިޔާލުތައް