މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 4
މޫސުން ރަނގަޅުވެ ކަނޑު މަޑުވެއްޖެއެވެ. މަސްބޭނެން ފަށައިފިއެވެ. ކަނޑުމަސް ކެވޭންފެށި ގައިގައި ވަރުޖެހި ހިތްވަރު ލިބޭން ފަށައިފިއެވެ. ދިރިހުރުމުގެ އެދުން އާވާން ފަށައިފިއެވެ. ކައިގެން ބާކީވާ މަސް އެކިގޮތްގޮތް ހަދައިގެން ފަހަށްވެސް ރައްކާކުރާން ފަށައިފިއެވެ. ބޯޓުގައި އެންމެބުރަ މަސައްކަތަކަށް އޮންނަނީ ދިޔަ ހިއްކުމެވެ. މެދުކެނޑުމެއްނެތި ގަޑިންގަޑިއަށް ޑިއުޓީ ބަހައިގެން މިކަންކުރާން ޖެހެއެވެ. ލޮނު ނުވަންނަނީ މިވެނިތަނަކުންނޭ ބުނެވޭވަރުގެ އެއްތަނެއްވެސް މުޅިބޯޓުގައި ނެތެވެ. ކޮންމެދުވަހަކުވެސް ކޮންމެވެސް ތަނެއް ދެތަނެއް ބެއްދުމަށްޓަކައި ކޮންމެވެސްކަމެއް ކުރާންޖެހެއެވެ. މި ބެއްދުންތައްވެސް އޮންނަނީ ވަގުތީ ކަމަކަށް ވެފައެވެ. ކިތަންމެ ލޮޑުވިޔަސް ސަލާމަތުން ތިބެވެންއޮތީ ދިޔަ ހިއްކައިގެންނެވެ. އެކަން ދޫކޮށްލައިފިނަމަ ބޯޓު ފެތިދާނެއެވެ. އެންމެން ކަނޑަށް އަރަގުވެދާނެއެވެ.
މިޒާތަކަށް އުޅެއުޅެ ތިއްބައި ވައިބަދަލުވެއްޖެއެވެ. ދެކުނުފަރާތުން ވައިޖެހެން ފަށައިފިއެވެ. މިބަދަލާއެކު މަސްވެރިކަން ހުއްޓިއްޖެއެވެ. ބޯފެން ލިބުންވެސް ދަތިވެއްޖެއެވެ. ބޯޓު ދުއްވަނީ ރިޔަލުގައެވެ. އެކަމަކު ދަނީ ކުރިއަށްކަން ފަހަތަށްކަން އެނގޭވަރެއް ނޫނެވެ. ހުސައިން މަނިކުފާނުގެ އެދުމުގެމަތިން ކޮންމެދުވަހަކު ހެނދުނު މާލޫދެއް ކިޔަންފަށައިފިއެވެ. މާލޫދު ކިޔުމުގައި ބައިވެރިވަނީ ހަތަރު މީހުންނެވެ. އެއީ އިބްރާހިމް ލުތުފީއާއި ތުނޑާގެ ތުއްތުދީދީ އާއި ދާޔާގެ އަހުމަދުދީދީ އާއި ހުޅުދޫ ގައުމާތަގޭ މުހައްމާ ބެއްޔާ އެވެ.
ސިލޯނާއި ބަންގާޅަށް ކުރިން ގޮސްއުޅުނު ބައެއްމީހުންވެސް ބޯޓުގައި ތިއްބެވެ. އެމީހުން ބުނެއެވެ. ސިލޯނާއި ކައިރިވުމުން ރޭގަނޑު ސިލޯނުގެ މޭގަ ފެންނާނެއެވެ. މިހެން ކިޔާން ތިއްބައި އެއްދުވަހެއްގެ އޮއްސުނުއިރާއެކު އެމީހުން ބުންޏެވެ. ސިލޯނު މޭގަ އެބަފެނެއެވެ. މޭގަ ފެންނަން ފެށުމުން އެންމެންވެސް ތިބީ ސިލޯނަށް ދެވޭނެކަމުގެ ބޮޑު އުއްމީދެއްގައެވެ. ނަމަވެސް އޮއި ބާރުކަމާއި ބޯޓު ދަށްކުރާ މިންވަރަށް ވިސްނާން ހުރެފައި ހުސައިން މަނިކުފާނު ބުންޏެވެ. ސިލޯނަށް ދެވޭނެކަމާމެދު ޝައްކެވެ. މާލިމީ އާދަންބޭވެސް ފިލާއަޅައިފިއެވެ. ބުންޏެވެ. ބޯޓު އޮތީ ގާލީއާއި ތިރީސް މޭލު ދުރުގައި ޕާމެގަމާ ކިޔާ ހިސާބުގައެވެ. ޕާމެގަމަކީ ސިލޯނު ކައިރީގައި އޮންނަތާކަށް ދިވެހިން ކިޔާނަމެކެވެ. ގާލީން އިންޑިއާއަށް ބޯޓް ފަހަރު ދަތުރުކުރާނީ އެމަގުންނެވެ. އެހިސާބުން ދަތުރުކުރާ ބޯޓުފަހަރަށް އީގަލްބޯޓު ބޯޓު ފެންނާނެކަމަށް ވެސް މާލިމީ އާދަންބޭ ބުންޏެވެ.
އެއްދުވަހެއްގެ ހެނދުނު ފުށްގުޅަ ހޫނުކޮށްގެން ނާސްތާކުރާން ތިއްބައި ހުޅަނގުފަރާތުން އާގުބޯޓެއް ކައިރިކުރާތަން ފެނިއްޖެއެވެ. އެބޯޓަކީ އެދުވަސްވަރު ސިންގަޕޫރުން އައްޑޫގަމުގެ ނެފީއަށް މުދާ އުފުލާ ސައިޒުގެ ބޯޓެކެވެ. އީގަލްބޯޓާއި ކައިރިކޮށްފައި އެމީހުން ދައްކަންފެށި ވާހަކަ މޭރުންވާ މީހަކު ނެތެވެ. އީގަލްބޯޓުގެ މީހުން ދައްކާ ވާހަކަވެސް އަނެއް ބޯޓުގެ މީހުންނަކަށް މޭރުންވުމެއް ނެތެވެ. ބޯފެން ބޭނުންތޯ ސުވާލުކުރާހެން ހީވެއެވެ. އީގަލްބޯޓުގެ މީހުންގެ ޖަވާބަކީ ބޭނުމީ ފެނެއްނޫނޭ ބޭނުމީ ހިކިފަސްތަނަަކަށް ގެންގޮސް ދިނުމޭއެވެ.
އެއްވެސް އެއްޗެއްނުދީ އެބޯޓު ދުއްވާލައިފިއެވެ. އެހީތެރިކަމެއް ފޯރުކޮށްނުދީ ބޯޓު ދުއްވާލުމުން އެންމެންވެސް ވަރަށް ދެރަވިއެވެ. މާލިމީ ބުންޏެވެ. ދެރަނުވާށެވެ. މިހިސާބުން އިތުރު ބޯޓުފަހަރުވެސް އަދިފެންނާނެއެވެ. މާލިމީގެ މިބަސް ގަބޫލުކޮށްގެން އެންމެންވެސް ހިތްހަމަޖައްސައިގެން ތިބެއްޖެއެވެ.
ދެވަނަ ބޯޓެއްވެސް ފެނިއްޖެއެވެ. އެބޯޓު ފެނުމާއެކު އީގަލްބޯޓްގެ މީހުން ދިދައެއް ހޫރަން ފަށައިފިއެވެ. އެކަމަކު އީގަލްބޯޓާއި ކައިރިނުކޮށް އެބޯޓުވެސް ހިނގައްޖެއެވެ. ތިންވަނަ ބޯޓެއްވެސް ފެނިއްޖެއެވެ. އެބޯޓުވެސް ކައިރިނުކޮށް މާދުރުން ހިނގައްޖެއެވެެ. އެބޯޓު ދިއުމުން ހުސައިން މަނިކުފާނު އަންގައިފިއެވެ. ހާލުގައި ޖެހިފައިވާ ބައެއްކަން އެންގުމަށް ފޮތިގަނޑެއްގައި ނުވަތަ ބޯޑެއްގައި ލިޔެފައި ބޯޓުގެ ކުނބަށް ނަގަންވީއެވެ. މިހެން ބުނުމުން އިބްރާހިމް މަނިކުފާނު ޕްލައިވުޑް ފިލަޔަކާއި ފޮތިގަނޑަކާއި ލިޔާނެ ސާމާނު ނެރެފިއެވެ. މިތަކެތި ނެރުމުން ހުސައިން މަނިކުފާނު ބުންޏެވެ. އަހަރެން ދަންނަނީ އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔާށެވެ. ލިޔާކަށް ނުދަންނަމެވެ. އިނގިރޭސި ބަހުން ލިޔަން ދަންނަ މީހަކު އެބަހުރިބާވައެވެ. ހުވަދޫ ދޮން އަލިފުޅުގެ މުހައްމަދު އަލީ ބުންޏެވެ. އަހަރެން ލިޔެފާނަމެވެ.
ލިޔަންވާގޮތް ކިޔައިދެނީ ހުސެން މަނިކުފާނެވެ. ލިޔަނީ މުހައްމަދު އަލީއެވެ. ލިޔުނީ މިހެންނެވެ. ހާލުގައިޖެހިފައި ތިބި ދިވެހިރާއްޖޭގެ ބަޔަކީމެވެ. އެހީއަކަށް އެދެމެވެ. ބޯޑުލިޔެ ނިމުމުން ބޯޓުގެ ރިޔާ ތިރިކޮށް ކުނބުގެ ކޮޅަށް ބޯޑުނަގައި ހަރުކޮށްފިއެވެ. އަދި ފޮތިގަނޑުވެސް ކުނބަށް ނަގައިފިއެވެ. އެކަމަކު އެއްވެސްބައެއްގެ އެހީތެރިކަމެއް ނުލިބި އެދުވަހުގެ އިރުއޮއްސި އަނދިރިވެއްޖެވެ.
އަނެއްދުވަހު ހެނދުނު ހޭލިތަނާ ބޯޓެއް ފެންނަން ފަށައިފިއެވެ. ބޯޓު އަންނަނީ އީގަލްބޯޓާއި ދިމާއަށެވެ. އައިގޮތަށް އައިސް ބޯޓުގެ ވައިމަތިން ކާރިކޮށްފައި ސުވާލުކުރިއެވެ. ކަލޭމެންނަކީ ކޮންބައެއް ހެއްޔެވެ. އީގަލްބޯޓު މީހުން ބުންޏެވެ. ހާލުގައި ޖެހިފައިވާ ބަަޔަކީމެވެ. ހިކިފަސްތަނަކަށް ގެންގޮސްދޭށެވެ. އެބޯޓުގެ މީހުން ބުންޏެވެ. އެއްވެސް މީހަކު ގޮވައިގެން އެއްވެސްތާކަށް ދިޔުމުގެ ހުއްދައެއް ނެތެވެ. މިޖަވާބުލިބުމުން އިބްރާހިމް ހުސޭނު ގަދަކަމުން އެބޯޓަށް އަރަން ދިމާކުރިއެވެ. ދެން އެމީހުން ބުންޏެވެ. ކަލޭމެންނަށް ކޮށްދެވޭނެ ކަމަކީ ތެލާއި ފެނާއި ކާބޯތަކެތި ދިނުމެވެ. ފެންއަޅާނެ ފީފާއާއި ތެޔޮއަޅާނެ ފީފާ ދިނުމުން އެތަކެތި ފުރެންދެން ބޯފެނާއި ތެޔޮ ދީފިއެވެ. މީގެއިތުރުން ހަނޑުލާއި ބިސްކޯދާއި ގެރިކިރުވެސް ދީފިއެވެ.
އެބޯޓަކީ އިންޑިޔާގެ މަދަރާސީގެ ބޯޓެކެވެ. ހަތްފަލްކާގެ ބޯޓެކެވެ. އޭގައި ތިބީ މަދަރާސީ މީހުންނެވެ. އެބޯޓުގެ މާލިމީ ބުންޏެވެ. ކަލޭމެންގެ ވާހަކަ ސިލޯނުގެ ނޭވީންނަށް އަންގައިފީމެވެ. ގިނަ އިރުތަކެއްނުވެ ސިލޯނުގެ ނޭވީން އަންނާނެއެވެ. މިހެން ބުނެފައި އެބޯޓު ދުއްވާލީ އެދުވަހުގެ ހަވީރު ތިނެއްވެސް ޖެހިފަހުންނެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް