ގަންގާސާގަރު ފަރުމައްޗަށް އުރުނު ކަޅިހާރު އޮޑީގެ ވާހަކަ 4

އެއްދުވަހެއްގެ ހެނދުނު ފެންނާމަނިކުފާނު ބުންޏެވެ. އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގައި ވަރަށް ގިނަދުވަހު ތިބެވިއްޖެއެވެ. ދެން މިތަނުން ދާންވީއެވެ. ދެނެއް ނުތިބެވޭނެއެވެ. އަހަރެމެން އެންމެންނަށްވެސް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެއެވެ. އެކަމަކު މަގޭ މިފޮށި ސަލާމަތުން ގެންދެވޭނެ ގޮތް ހަދައިދޭން ވާނެއެވެ. މިކަން ކުރެވޭނީ އެންމެންގެ އެހީތެރިކަމާއެކުގައެވެ. ކޮންމެ ގޮތެއް ހަދައިފައިވެސް ފޮށި ސަލާމަތް ކުރަންވާނެއެވެ. އޮޑީގެ މީހުންް ޖަވާބުދިނެވެ. ބަރަހަނާ މީހުންގެ އުނދަގުލާހެދި ފޮށި ގެންދާނީވެސް ކިހިނަކުން ހެއްޔެވެ. އެތިބެނީ ކުރާނުކުރާ ކަންކަން ބަލަބަލައެވެ. ފެންނާމަނިކުފާނު ބުންޏެވެ. މޮޔަ ނުގޮވާށެވެ. ވަގުތު އައީމާ އެކަމެއް ކުރަންވާ ގޮތް ކިޔައިދޭނަމެވެ. މިހެން ބުނެފައި ފޮށި ގެންދަންވާގޮތާއި ކަންތައް ކުރަންވާގޮތް ކިޔައިދީފިއެވެ.

އެރޭގެ އިޝާނަމާދުގެ ފަހުން އެންމެން ނިދައިފިއެވެ. ހަމަހިމޭންކަން އޮތީ ވެރިވެފައެވެ. އިވޭހާވެސް އަޑަކީ ފަރުމައްޗަށް ބިންދާލާ ރާޅުގެ އަޑެވެ. ފޭލިގޭގެ ތެރެއިން މީހަކު ދެތިންފަހަރު ކަރުކެހިލި އަޑު އިވުނެވެެ. ފޭލިގެއިން ދެމީހަކު ނިކުމެއްޖެއެވެ. އެހެން ދެ މީހަކުވެސް ނިކުމެ ބޭރުގައި މަޑުކޮށްގެން އެބަތިއްބެވެ. އިތުރު ބަޔަކުވެސް ލަވަކިޔަމުން ނިކުމެއްޖެއެވެ. ނިކުތް މީހުން ބޭރުގައި އިށީދެއްޖެއެވެ. އޭގެތެރެއިން ދެމީހަކު ތެދުވެގެންގޮސް ފޭލިގޭގެ ތެރެއަށް ވަދެ ފައިސާފޮށި އުފުލައިގެން ނިކުމެއްޖެއެވެ. އެއީ ދޮންއިބްރާހިމްދީދީގެ މުހައްމަދުދީދީ އާއި މަރިޔާގެ އަހައްމަދާއި ދެމީހުންނެވެ. ފައިސާ ފޮށި ހިފައިގެންގޮސް ކޮންމެވެސް ތަނެއްގައި ފިލައިފިއެވެ. ފިލައި ރައްކާވެއްޖެކަން އެނގުމުން ފޭލިގޭގެ ބޭރުގައި ތިބިމީހުން ބާރަށް ލަވަކިޔާން ފަށައިފިއެވެ.

އަނެއްދުވަހުގެ މެންދުރު އެންމެ ހޫނުގަދަވި ވަގުތު ކޮންމެވެސް ދެމީހަކު އައިސް ފޭލިގޭގެ ކުރިމައްޗަށް މަޑުކޮށްފިއެވެ. އަދި ފެންނާމަނިކުފާނާއި އަލިމަނިކުފާނާއި ބައްދަލުކޮށްފިއެވެ. އެމީހުންނަކީ އެބަޔަކަށްޓަކައި އޮޑީގެ މީހުން އިންތިޒާރުގައި ތިބި މީހުންނެވެ.

ފޭލިގެއިން ނިކުމެގެން އެންމެން ދިޔައީ ފައިސާ ފޮށި ރައްކާކޮށްފައިވާ ތަނަށެވެ. އެތަނުގައި ތިބި ދެމީހުންނާއެކު އެންމެން ހިނގާފައިގޮސް މަޑުކުރީ އުސް މަގެއްގެ ކާރީގައެވެ. އެއީ ޗަސް ހެދިފައިވާ ސަރަހައްދެކެވެ. މަގުވެސް އޮތީ ޗަސް ހެދިފައެވެ. މަގުން ހިނގަންވާ ތަންކޮޅުގެ ފުޅާމިނަކީ ދޮޅު ފޫޓެވެ. ހިނގަންވަނީ ވަކި ގޮތަކަށެވެ. ފައިގެ ބޮޑު އިނގިލި ފަސްގަނޑުގެ ތެރެއަށް ވައްދާލަންޖެހެއެވެ. ވައްދާލުމަށްފަހު އަނެއްފައިވެސް ނަގައި އެގޮތަށް ހަދަންޖެހެއެވެ. މިގޮތަށް ހިނަގަން ޖެހޭ ސަބަބަކީ ކައްސާލައިގެން ވެއްޓުނަ ނުދިނުމެވެ. ލަސްތަކެއްނުވެ މަގުގެ ދެފަރާތަށް މީސްތަކުން އެބަހަރަ ވެއްޓެއެވެ. ގައިގައި ކިސަޑު އުނގުޅި އެކަކު އަނެކަކަށް ވަކިކުރާން އެނގޭވަރެއް ނުވެއެވެ. މިހާލުގައި ދަތުރު ކޮށްފައިގޮސް އިރުއޮއްސުމުގެ ކުރިން މަގުހުސްވާ ހިސާބަށް ދެވިއްޖެއެވެ.

މަގު ނިމުނުތަނާ އަނެއްކާވެސް އިސްލާމުންގެ ބަޔަކާއި ބައްދަލުވިއެވެ. އެއީ ކުރިން އައިސްތިބި ދެމީހުންގެ ގަބީލާގެ މީހުންނެވެ. އެތަނުން ދިޔައީ ބަސް ސްޓޮޕަކަށެވެ. ބަހެއް ކުއްޔަށް ހިފައިގެން ދިޔައީ ހޮޓަލަކަށެވެ. ހޮޓަލަށް ގޮސް އެންމެން ފެންވަރައި ހެދުން ބަދަލުކޮށްފިއެވެ. ފެންވެރީ ފެންގަނޑަކަށް ފައިބައިގެންނެވެ. ފެންވަރައި ހެދުން ބަދަލުކޮށް ނިމިގެން ފެންނާމަނިކުފާނު ހައްޖިތާކިހަލެއް ބޮލުގައި އަޅައިގެން އައިސް އިމާމުވެ އިޝާ ނަމާދުކޮށްފިއެވެ. ނަމާދުން ނިމިގެން އެންމެން ދިޔައީ ހޮޓަލުގެ ރެސްޓޯރަންޓަށެވެ. ކެއުމަކަށް ހުރީ ހޫނު ބަތްޕެނާއި ތަރުކާރީން ހަދާފައިވާ ބާވަތްތަކެވެެ. އެއީ އިސްލާމުންގެ ހޮޓަލެކެވެ. އެ ސަރަހައްދުގައި އޮންނަ އުސޫލަކީ ނަމާދެއް އަޅައިފިނަމަ އަދަބު ދިނުމެވެ. އަދަބަކީ ދުއްރައިން ފަނަރަ އެތިފަހަރު ޖެހުމެވެ.

ކެއުމުން ނިމިގެން އެންމެން ބަހަށް އަރައިފިއެވެ. ބަސް ދިޔައީ ބަނދަރަށެވެ. އޭރު ފުރަން ތައްޔާރުވެފައިވާ ބަންގާޅު ބޯޓެއް އޮތެވެ. ބޯޓު ދިޔައީ އަނެއްކާވެސް އެހެން ބަނދަރަކަށެވެ. އެ ބަނދަރުގައި މަޑުކުރުމާއެކު މީހަކު ބޯޓަށް އަރައި ސުވާލުކުރިއެވެ. ދިވެހި އޮޑީގެ ފަންސަވީސް މީހުން ކޮބައިހެއްޔެވެ. މިއައީ ރާއްޖޭގެ ވެރިޔާ މުހައްމަދު އަމީނު ވިދާޅުވެގެން ކަލޭމެން ބަލައެވެ. އެމީހާޔާއެކީގައި ދިވެހިން ދިޔައީ މެންދުރުގެ ކެއުމަށެވެ. ރެސްޓޯރަންޓަކަށް ވަދެ އެތަނުން ކޮންމެ މީހަކަށް ބަތް ކަރުދާހެއް ދިނެވެ. ބަތް ކަރުދާހެއްގެ އަގަކީ ވިހި ޓާކާއެވެ. އެއީ ވަރަށްް ފަގީރު ސަރަހައްދެކެވެ. ކައި ނިމިގެން ކަރުދާސްތައް އުކައިލީމާ މަގުމަތީގައި ތިބި މީހުންތައް އައިސް ކަރުދާސްތައް ނަގައިގެން އޭގައި ހުރި އެތިއެތިކޮޅު ހޮވައިގެން އެމީހުންގެ ކުޑަކުދިންނަށް ކާންދިނެވެ.

ކެއުމުން ނިމިގެން ދެން ދިޔައީ ރޭލުވޭ ސްޓޭޝަނަށެވެ. ރޭލެއްގެ އެއްބައި ކުއްޔަށް ހިފައިގެން އެބަޔަށް އޮޑީގެ ފަންސަވީސް މީހުން އަރާ ނިމުމުން ހަވާލުވެ ހުރި މީހާ ބުންޏެވެ. މިއީ ކަލޭމެންނަށްޓަކައި ކުއްޔަށް ހިފާފައިވާ ބައެވެ. ދެން ކޮންމެ މީހަކަށް އަވެލި ލާއްސަކާއި ދޯބުރާލި ހަކުރު ކޮތަޅަކާއި 6 ވައް ދޮންކެޔޮ ދީފިއެވެ. އަދި އަލިމަނިކުފާނަށް އެންގިއެވެ. މަޑުކުރާ ކޮންމެ ތަނަކުން ބޯފެން ހޯދަންވާނެއެވެ. މިހެން ބުނެފައި އޭނާ ހިނގައްޖެއެވެ.

ރޭލު ދުއްވާލައިފިއެވެ. ވަރަށް ގިނަ ވަގުތު ދުއްވުމަށްފަހު މަޑުކޮށްފިއެވެ. މަޑުކުރުމުން މީހުން އައިސް ރޭލަށް އަރައި ދިވެހިން ތިބި ބައިގެ ދޮރު ތަޅަން ފެށުމުން އަލިމަނިކުފާނު ދޮރުހުޅުވައިފިއެވެ. ހުޅުވުމާއެކު ވަކިގޮތެއް ނުބަލައި މީހުންތައް ވަދެގެންފިއެވެ. މީހުން ގިނަކަމުން އޮޑީގެ މީހުން ތިބެން ޖެހުނީ ފިތި ބާރުވެގެންނެވެ. ރޭލު ގޮސް އެހެންތާކަށް މަޑުކުރުމުން މީހުންތައް ފައިބައިފިއެވެ.

ރޭލުން ފޭބިތަނާ މީހަކު އައިސް ދިވެހިން ގޮވައިގެން ހޮޓަލަކަށް ގެންގޮސްފިއެވެ. އެއީީ ބާރަ ބުރީގެ އުސް ހޮޓަލެކެވެ. ހޮޓަލުގެ އެންމެ މަތީ ބުރީގައި ދިވެހީން ބައިތިއްބައިފިއެވެ. އެ ހޮޓަލުގައި ހަތް ދުވަސްވާންދެން ތިބެން ޖެހުނެވެ. ފެންނާމަނިކުފާނު އަންގާފައި އޮތީ އެއްވެސް މީހަކު ހޮޓަލުން ބޭރަށް ނުދިއުމަށެވެ. އެހެންނަމަވެސް ދެތިން ދުވަސް ފަހުން ގުރޫޕް ހަދަައިގެން ދިވެހިން ހޮޓަލުން ބޭރަށް ދާންފަށައިފިއެވެ. އެގޮތަށް ދާންފެށުމުން ފެންނާމަނިކުފާނު އެކަމާ ހިތާނުވެގެން ބުންޏެވެ. އަންގާފައިއޮތް ގޮތާ ޚިލާފަށް އުޅެނިކޮށް މައްސަލައެއް ދިމާވެއްޖެ މީހަކު މިތަނަށް ދޫކޮށްލާނޭކަން ހަނދާނުގައި ބަހައްޓައިގެން ބޭރަށް ދާށެވެ. ހޮޓަލުން ބޭރަށް ނުދާށޭ ބުނީ ޕާސްޕޯޓް ނެތުމުންނެވެ.

ހެނދުނުގެ ސަޔަށް ހޮޓަލުން ދެނީ ބަޓަރުޖެހި ދެފޮތި ޕާނާއި ކަޅު ސައިތައްޓެކެވެ. މެންދުރާއި ރޭގަނޑުގެ ކެއުމަށް ދެނީ ބަތާއި ތަރުކާރީ ރިހައެވެ. ދެދުވަހުން އެއްދުވަހު ބަތާއި ކުރަބް ކާޑީ އެވެ. ކުރަބް ކާޑީއަކީ އެރަށުގައި ވަރަށް މަޝްހޫރު އެއްޗެކެވެ.

މިގޮތަށް ތިބޭތާ ހަފުތާއެއްވީފަހުން އާރުކާޓީ އައިސް ޕާސްޕޯޓް ހެދުމަށް ބޭނުންވާނެ ފައިސާ އަލިމަނިކުފާނާއި ހަވާލުކޮށްފައި ބުންޏެވެ. ފުރާންޖެހޭ ދުވަސް އައުމުގެ ކުރިން އެންމެންގެ ޕާސްޕޯރޓް ހަދައި ނިންމަން ވާނެއެވެ. ފުރާނެ ދުވަހާއި ގަޑި ބުނުމަށްފަހު އޭނާ ހިނގައްޖެއެވެ.

ބަންގާޅުން ސިލޯނަށް ފުރަން ދިޔުން
ސިލޯނަށް ފުރާ ދުވަސް އަތުވެއްޖެއެވެ. އާރުކާޓީ އައިސް އެ މީހުން ގޮވައިގެން ވަން ޑަބަލް ކޭމްޕް ކިޔާ ތާކަށް ހިނގައްޖެއެވެ. އެތާގައި ތިބެފައި ފުރާން ދިޔައިރު ސަފުގެ އެންމެ ކުރީގައި ހުރީ މާލިމީ އަލިމމަނިކުފާނެވެ. ފެންނާމަނިކުފާނު މަޑުކުރީ ސަފުގެ އެންމެ ފަހަތުގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!