ގަންގާސާގަރު ފަރުމައްޗަށް އުރުނު ކަޅިހާރު އޮޑީގެ ވާހަކަ 3

އެމީހުން އެހިސާބަށް ދިޔައިރު އޮޑީގައި ތިބި މީހުންވެސް ކޮންމެވެސް ގޮތަކުން އެއްގަމަށް ފައިބައި ފޭލިގެ ޖެހުމުގެ މަސައްކަތް އެބަކުރެއެވެ. އޮޑީގެ ކުނބު ލައްގާފައި އޮތެވެ. ކުނބާއި ރިތާއި ރިޔާ ބޭނުންކޮށްގެން ފޭލިގެ ޖަހައި ނިންމައިފިއެވެ. އޮޑީގެ އެންމެން ފޭލިގެއަށް ވަދެއްޖެއެވެ. ފެންނާމަނިކުފާނުގެ ފައިސާފޮށި ހިފައިގެން މަރިޔާގެ އަހައްމަދާ ގޮސް ފޭލިގޭގެ މެދުގައި ކުނބާއި ޖެހިގެން ބަހައްޓައިފިއެވެ. ފޮށި ބެހެއްޓުމުން އެޅެގޭ އާމިނަތުދީދީ އޭގެ މަތީގައި އިށީނދެ ކުނބަށް ލެގިލައިފިއެވެ.

ފޭލިގޭގައި ތިއްބާ ރަށުތެރެއިން ބަޔަކު އަންނަތަން ފެނިއްޖެއެވެ. އެއީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނެވެ. އެންމެންވެސް ތިބީ އޮރިޔާން ހާލުގައެވެ. ބައެއް އަންހެނުންގެ މޭމައްޗާއި ދިމާލުން ފޮތިކޮޅެއްކަހަލަ އެއްޗެއް ބަނދެފައިވެއެވެ. ފޫޅުން ތިރީގައި ނިވާކަމެއްނެތެވެ.

އެމީހުން އައިސް ފޭލިގޭގެ ކައިރީގައި މަޑުކުރިއިރުވެސް އެޅެގޭ އާމިނަތުދީދީ އިނީ ފެންނާމަނިކުފާނުގެ ހައްޖު ފޮށިމަތީގައި އިށީނދެގެންނެވެ. މިތަން ދެކޭން ހުރެފައި ރެކިމަނިކާގެ އިބިރިހިމް މަނިކާ ސަމާސާ ރާގަކަށް ބުންޏެވެ. މިތާގައި ރުފިޔާ ފޮށްޓެއް އެބަހުއްޓެވެ. ފޮށި ފުރެންދެން ހުރީ ރުފިޔާއެވެ. ކަލޭމެން މިތަނަށް އައީ ފޮށީގެ ޚަބަރު އެނގިގެން ހެއްޔެވެ. މިއަޑު އިވިފައި ފެންނާމަނިކުފާނު ގަންނާކުރެއްވި ބިރުން އާދޭހުގެ ރާގުގައި ބުންޏެވެ. އިބިރިމް މަނިކާއެވެ. ކަލެއަށް ދަރުމަ ހުންނާނެއެވެ. ތިޔަހެން ނުކިޔާށެވެ. އަހަރެމެން އެންމެންގެ ހިތްވަރަކީ މިފޮއްޓެވެ.

ފޭލިގޭގެ ބޭރުގައި ތެލުލި ބަނބުކެޔޮ ޑަބިޔަލަކާއި ދިވެހިހަކުރު ރުނބައެއް ހުއްޓެވެ. ރަށުތެރެއިން އައި މީހުންތައް ރުނބަޔާއި ޑަބިޔަލާއި ދިމާކުރުމުން އައްޓިއަރި މުހައްމަދުދީދީ ރުޅިއައިސްގެން ވަޅިއެއް ނަގައިފައި ބުންޏެވެ. ފެއްސިގެން ދާށެވެ. އެހެންނޫނީ ވަޅީގެ ތޫނުކަން ދައްކައިލާނަމެވެ. މިތަން ދެކޭން ހުރެފައި ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. މުހައްމަދު ދީދީއެވެ. ވިސްނުން އިސްކުރާށެވެ. އެމީހުންގެ އަދަދު އަހަރެމެންނަށް ވުރެ މާގިނައެވެ. ދެން މުހައްމަދުދީދީ ވަޅި އެއްލާލާފައި ޑަބިޔަލާއި ރުނބާ ފޭލިގޭގެ ތެރެއަށް ވައްދައިފިއެވެ.

ކަޅިހާރު އޮޑި ގަންގާސާގަރު މީހުންގެ ކޮންޓްރޯލު ދަށަށް

ރަށުތެރެއިން އައި މީހުންތައް ގޮސް އޮޑިއަށް އަރައިފިއެވެ. އޭރު އޮޑި އޮތީ ހިކިތަނަށް އުރިފައެވެ. އޮޑިއަށް އަރައި ސާމާނުތައް ނަގަން ފަށައިފިއެވެ. އޮޑީގައި ލޯވަޅުތަކެއްވެސް ތޮރުފާލައިފިއެވެ. އެ ލޯވަޅުތަކުން އޮޑީގައިހުރި ދިޔަވަރު ފައިބައިގަތެވެ. އޮޑީގައިހުރި ސާމާނުތައް ނަގަން ފެށުމުން ފެންނާމަނިކުފާނު ބުންޏެވެ. އޮޑިއާއި އޮޑީގައި ހުރި އެއްވެސް އެއްޗަކީ އަހަރެމެންގެ ތަކެއްޗެއް ނޫނެވެ. މިރަށަށް ލައްގާ އޮޑިފަހަރުގެ ނިމުމަކީ އެއީއެވެ. ރާއްޖޭގެ ފަރުފަރަށް އުރޭ އޮޑިފަހަރުގެ ހުކުމަކީވެސް އެއީ ނޫންހެއްޔެވެ.

އިރު އޮއްސި އަނދިރިވެއްޖެއެވެ. ދުރުން ބޮކިތަކެއްގެ އަލި ފެނެއެވެ. ފެންނާމަނިކުފާނާއި މާލިމީ އަލިމަނިކުފާނު ބުންޏެވެ. ދުރަށް އަލި ފޮނުވާ ބައްތިތަކެއް އެބަފެނެއެވެ. އެއީ ބަނދަރު ބައްތި ކަހަލަ އެއްޗެކެވެ. އިރުއެރީމާ ޚަބަރުދަބަރު ހޯދަމާ އަންނާށެވެ.

އިރުއެރުމުން ފެންނާމަނިކުފާނާއި އަލިމަނިކުފާނާއި ދެމީހުން ބޮކީގެއަލި ފެނުނު ދިމާއަށް ހިނގައްޖެއެވެ. ދަމުން ފެންނާ މަނިކުފާނު ބުންޏެވެ. ތިމަންނާމެންގެ އެއްވެސް އެއްޗެއްގައި އެއިންމީހަކު އައިސް ހިފައިފިނަމަ އެއެއްޗެއް ދޫކޮށްލާށެވެ. ނަމަވެސް ހަނދާންކުރާށެވެ. ކިތަންމެ ބާރަށް މަގޭ ހައްޖު ފޮށީގައި ހިފިއަސް އެފޮށި ދޫކޮށްނުލައްޗެވެ. އެއީ މަގޭ ދިރިއުޅުމެވެ. ފުރާނައެވެ. އަނބުރާ އަންނަންދެން ކޮންމެ ގޮތެއް ހަދައިފައިވެސް ފޮށި ބަލަހައްޓައިދޭށެެވެ.

އެރަށުގެ ނަމަކީ ބަންގާޅުގެ ގަންގާސާގަރު އެވެ. ރަށުގެ މީހުންނަކީ އަންނައުނު ލައި އުޅޭބައެއް ނޫނެވެ. އޮޑީގައި ހުރިނަމަ ހުރިހާ ސާމާނެއް އެމީހުން ނަގައިފިއެވެ. އޮޑީގެ މީހުންގެ ހެދުންވެސް ތިބީ ބޭނުންވެގެންނެވެ.
އެއީ އަސްދޫންޏާއި އޭގެ ބިސް ވަރަށް ގިނަރަށެކެވެ. އެމީހުންގެ ކެއުމަކީ މުގުރި ރޯހަނޑުލެވެ. ކޮންމެ މީހެއްގެ ކަރުގައި ޓުކުރި ގަނޑެއްކަަހަލަ އެއްޗެއް އެލުވާފައި އޮވެއެވެ. އޭގައި މުގުރި ރޯހަނޑޫ ބޮނޑިއެއް އޮވެއެވެ.

ބޮކިއަލި ފެނުނު ސަރަހައްދަށް ފެންނާމަނިކުފާނާއި އަލިމަނިކުފާނު ހިނގައްޖެއެވެ. އިސްލާމުންގެ ބަޔަކާއި ދިމާވެގެން ހާލުގެ ވާހަކަ ފެންނާމަނިކުފާނު ކިޔައިދީފިއެވެ. އެވާހަކަ އަޑުއަހާފައި ބުންޏެވެ. ތިޔަ ރަށުގެ މީހުންނަކީ ނުބައި ނުލަފާ ބައެކެވެ. ކަލޭމެން މަރާލިޔަސް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެއީ ސަރުކާރުގެ ދަށުގައި އުޅޭބައެއްވެސް ނޫނެވެ. އެހެންނަމަވެސް ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ. ރާއްޖޭގެވެރިޔާ މުހައްމަދު އަމީނަށް މެސެޖް ކުރެވޭނެގޮތްވެސް ހަމަޖައްސައި ދިނެވެ. އަދި ކަންތައް ކުރަންވާގޮތްވެސް ކިޔައި ދިނެވެ.

މި މަސައްކަތެއް ކޮށްފައި ފެންނާމަނިކުފާނާއި އަލިމަނިކުފާނު އެނބުރި އޮޑީގެ މީހުންތިބި ތަނަށް ހިނގައްޖެއެވެ. ގޮސް ބުންޏެވެ. މިތާގައި ދުވަސްކޮޅަކު މަޑުކޮއްލަން ޖެހެއެވެ. އަހަރެމެންގެ ހާލު މުހައްމަދު އަމީނަށް ވެސް އަންގައިފީމެވެ. ދެން މިގޮތުގެ މަތީން މިތާގައި ތިބޭތާ ދުވަސްކޮޅެއްފަހުން ރޯދަމަހަކަށް ހަނދު ބަލައިފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!