ގަންގާސާގަރު ފަރުމައްޗަށް އުރުނު ކަޅިހާރު އޮޑީގެ ވާހަކަ 2
- ޕައިލެޓް އެނބުރިދިޔުމުން ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. ނިކަން ވިސްނައިބަލާށެވެ. އަލިމަނިކުފާނު ކަންތައް ކުރިގޮތް ރަނގަޅެއްނޫނެވެ. ޕައިލެޓާ ވާހަކަ ދެއްކިނަމަ ބަންގާޅަށް ވަދެވޭނެގޮތް ހަދައިދޭނެއެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި އަލިމަނިކުފާނު ކަންތައް ކުރިގޮތް ދެކިބަލާށެވެ.
ޕައިލެޓް ދިއުމުން ބަންގާޅާއިވީ ފަރާތުން އެތެރެއަށް އޮޑި އެބަވަދެއެވެ. ވަކިހިސާބަކަށް ދެވުނުފަހުން ކުރިއަށްވުރެ ކަނޑު ގަދަވެ ވިއްސާރަވެއްޖެއެވެ. ކުރިއަށްވެސް ފަހަތަށްވެސް ދެވޭ ވަރެއް ނުވެއެވެ. ވައިބާރުވެ ކަނޑުގެ ރާޅު ބޮޑުކަމުން ދެންމެދެންމެ އަރަގު ވެދާނެހެން ހީވެއެވެ. އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭވެ. އަވަހަށް ނަގިލި ވައްޓައިލާށެވެ. ވައްޓައިލި ނަގިއްޔާއެކު ދިރުނބާކޮޅުން އޮޑީގެ ތެރެއަށް ރާޅުއަރައި އޮޑީގެ ދިޔަވަރު ބޮޑުވެއްޖެއެވެ. ނަގިލި ނަގަން އަލިމަނިކުފާނު އަންގައިފިއެވެ. ފަޅުވެރިން ވަރުބަލިވިއިރުވެސް ނެގޭގޮތެއް ނުވިއެވެ. ނަގިލި ނެގޭނެ ގޮތް ނުވުމުން ފަޅުވެރިއަކު ފުރޯއެއް ގެނެސް ވާބުރި ކޮށްލައިފިއެވެ. އެއަށްފަހު އޮޑި އެއްގަމާއި ގާތަށް ޖެހެމުން އެބަދެއެވެ.
އައްޓިއަރި މުހައްމަދުދީދީ ކުނބަށް އަރައި ބަލައިފައި ބުންޏެވެ. ދުރުން ވަރަށް ބޮޑު ފަރެއް އެބަފެނެއެވެ. ފަރުގެ މަތިން އަރައިގެން ދެވިއްޖެނަމަ ރަނގަޅެވެ. އެހެންނޫނީ ކުރާނެ ކަމެއް ނެތެވެ. މިހެން ތިއްބާ ފަރާއި ވަރަށް ގާތްވެއްޖެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އޮޑި މިހިރަގެން ދަނީ ފަރުގެ މެދަށެވެ. މިހެން ބުނުމުން ފަޅުވެރިން ރިޔާ ތިރިކޮށް ނަގިއްޔެއް ވައްޓާލައިފިއެވެ. ނަގިލީގެ ވައު ކަނޑައިގެން ހިނގައްޖެއެވެ. އޮޑީގައި އިތުރު ދެ ނަގިއްޔެއްވެސް އޮތެވެ. ފެންނާމަނިކުފާނު ބުންޏެވެ. ދެނަގިލި އެއްކޮށް ވައްޓައިލާށެވެ. ދެ ނަގިލި އެއްކޮށް ވައްޓައިލުމުން ހަރުލައިފިއެވެ. އެކަމަކު ރާޅުތައް ދަނީ އޮޑީގެ މަތިންނެވެ. އިވެނީ ރުއިމާއި ގުރުއާން ކިޔަވާ އަޑާއި ތަކުބީރުގެ އަޑެވެ.
ފެންނާމަނިކުފާނު ބުންޏެވެ. އޮޑީގެ ހުންގާނު ނަގާށެވެ. ކުނބުވެސް ވައްޓައިލާށެވެ. ދިޔާގެ ދޮންކަލޯ ގޮސް ހުންގާނު ނަގަން އުޅުމުގެ ތެރޭގައި ހުންގާނު ވަކިވެގެން މޫދަށް ހިނގައްޖެއެވެ. ކުނބު ކަނޑަން މީހަކު އެއްބަސް ނުވުމުން މަރިޔާގެ އަހައްމަދާއަށް ފެންނާމަނިކުފާނު ބުންޏެވެ. ކުނބު ވައްޓައިލާށެވެ. އަހައްމަދާ ފުރޯއެއް ހިފައިގެންގޮސް ކުނބު ކަނޑައި ވައްޓައިލައިފިއެވެ. ކުނބު ޖެހުނީ ކަނޑުގައެވެ. މިހާލެއްގައި ތިއްބާ ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އޮޑި ފަރަށް އަރައިފިއެވެ. އޮޑީގެ ތެރެއަށް ބޮޑެތި ރާޅު އަރައި ފެން ބޮޑުވެއްޖެއެވެ. ފަޅުވެރިން ދިޔަ ހިއްކަންފަށައިފިއެވެ. އެމަސައްކަތުގައި ތިއްބާ އިރު އަރައިފިއެވެ. ފަޅުވެރިން ލޮޑުވެ ދިޔަ ހިއްކުން ހުއްޓާލައިފިއެވެ. ގިނައިރުތަކެއް ނުވެ އޮޑީގެ ތައްޓާ ހަމަޔަށް ދިޔަވަރު އުފުލިއްޖެއެވެ. ކޮންމެ މީހަކުވެސް އަތުގައި ޖެހުނު އެއްޗެއް ނަގައި ކަނޑަށް ހޫރާލައިފިއެވެ. މިހެން ތިއްބާ ހުރާގަނޑެއް ކަހަލަ ތަނެއް ފެނިއްޖެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އެތަނަށް ދާންކެރޭނީ ކޮން ބަޔަކަށް ހެއްޔެވެ. ހަތަރު މީހަކު ބުނެފިއެވެ. ގޮސްފާނަމެވެ.
އޮޑީގެ ބޮއްކުރާ ތިރިކޮށް އެމީހުން އަރައިފިއެވެ. އެމީހުންގެ ތެރޭގައި އައިސާފުޅު (ކަނބުލޯ) އާއި އޭނާގެ ކުޑަ ދެކުދީންނާއި ފެންނާމަނިކުފާނާއި އެޅެގޭ އާމިނާތުދީދީ ހިމެނެއެވެ. ބޮއްކުރާއަށް އަރައި ނިމުމުން ފެންނާމަނިކުފާނުގެ ހައްޖުފޮށިވެސް ނަގައި ބޮއްކޮރާއަށް އަރުވައިފިއެވެ. ހުރާގަނޑާއި ކައިރިވިއިރު ރާޅުބޮޑުކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ކޮންމެ ރާޅެއް ބޮޑު ފަރުބަދައެއް ފަދައެވެ. ތަންކޮޅެއް ދުރުން ރާޅުމަޑު ސަރަހައްދެއް ފެނެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އެދިމާއަށް އަނބުރައިލާށެވެ. އައްޓިއަރި މުހައްމަދުދީދީ އާއި ރެކިމަނިކާގެ އިބިރިހިން މަނިކާ ބުނެފިއެވެ. އެހާ ދުރަކަށް ނުދެވޭނެއެވެ. ގަދަވިޔަސް ވަރިހަމައެވެ. ބޮޑު ރާޅުބާންޏަކާއެކު ގޮސް ވަންނާނީއެވެ. މިވާހަކައިގައި ތިއްބާ ރާޅުބާންޏެއްގައި ބޮއްކުރާ ހިކިތަނަށް ލައްގައިފިއެވެ.
އޮރިޔާމުން ތިބި މީހުންނާއި ދިމާވުން
ގޮނޑުދޮށުގައި ބޮއްކުރާ ބާއްވާފައި އެއްގަމަށް އެރިތަނާ މީހަކު އަންނަތަން ފެނިއްޖެއެވެ. އޭނާހުރީ ބަރަހަނާ ހާލުގައެވެ. ގައިގައި މުށިކުލައިގެ ލައްތަކެއް ހުއްޓެވެ. ނުބައި ބައްޔެއް ޖެހިފައި ހުރި މީހެއްފަދައެވެ. ކައިރިވުމުން އެނގުނީ އެއީ މަށީގެ ތިކިތަކެއް ކަމެވެ. އޭނާ އައިސް ކައިރިވުމުން އެޅެގޭ އާމިނާތުދީދީ ބިރުންގޮސް ފެންނާމަނިކުފާނު ގައިގައި އޮޅުލައިގެންފައި ބުންޏެވެ. މިހިރަގެން އަންނަނީ ހަރުބީ ކާފަރެކެވެ.
އެކަލޭގެ އައިސް އެންމެންގެ މޫނަށް ވަކިވަކިން ބަލާފައިގޮސް އަތިރަގޭ އަލިމަނިކުފާނުގެ ކުރިމަތީގައި މަޑު ކޮށްފިއެވެ. ދެން ކޮންމެވެސް އެއްޗެހިތަކެއް ކިޔަން ފަށައިފިއެވެ. އޭނާ ދެއްކީ ކޮން ބަހުރުވައަކުން ކަމެއް ނޭގެއެވެ. އަލިމަނިކުފާނު ވާހަކަ ދެއްކީ އައްޑޫ ބަހުންނެވެ. އިރުކޮޅަކުން އޭނާ ރުޅިގަދަވެގެން އަލިމަނިކުފާނުގެ ގައިގައި ޖަހަން އަތްް މަޅައިގަތެވެ. ފަޅުވެރިން އެ ދޭތެރެއަށް ވަދެ އަލިމަނިކުފާނު ސަލާމަތް ކޮށްފިއެވެ. އެމީހަކު ގޮސް ބޮއްކުރާއަށް އަރައިފިއެވެ. މަރިޔާގެ އަހައްމަދާ ދުވެފައި ގޮސް ބޮއްކުރާގައި ހުރި ފެންނާމަނިކުފާނުގެ ހައްޖުދަތުރު ފޮށި ނަގައިގައިފިއެވެ. އެކަލޭގެ ބޮއްކުރާއަށް ވެރިވެގެންފިއެވެ. އެއްގަމަށް ފޭބި މީހުންނަށް ކުރިއަށް ދާނޭ މަގެއް ނުފެނުނެވެ. މަގެއް ނުފެނުމުން ގޮނޑު ދޮށަށް ފައިބައިގެން ހިނގާފައި ދިޔައީ އޮޑި އުރިފައިހުރި ސަރަހައްދާއި ދިމާއަށެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް