ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 9
އަލިމަނިކުފާނު އެތެރެއަށް ވަނުމާއެކު ޑިއުޓީގައިހުރި ސެކިއުރިޓީ މީހާ ޕާސްޕޯޓް ކޮބައިތޯ ސުވާލުކުރުމުން ޕާސްޕޯރޓް ނެތްވާހަކަ ބުނެފިއެވެ. ސިކިއުރިޓީ މީހާ އައިރުޅީގައި އެތިވަރުތަކެއް ގޮވާފައި އަލިމަނިކުފާނު ކޮއްޕާލުމުން ގުޅަޔަކަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. ތެދުވީމާ އެތަނުންވެސް ބޭރުކޮށްލައިފިއެވެ. މިތަން ދެކޭން ތިބެފައި ދެންތިބި އެންމެން އަވަސްއަވަހަށް ބޭރުވެއްޖެއެވެ.
މިމަގުން ކަންކަން ހިނގީމާ ހަސަންކާރި އިބްރާހިމްދީދީ ހީލާފައި ބުންޏެވެ. ކޮބާ ހީވޭހެއްޔެވެ. ހަމަ ކޮންމެކަމެއް އެއްޒާތަކަށް ކުރާން އުޅެންޏާ ވާނީ ތިޔަހެންނެވެ. ބޯން އުޅުނު ބޮނޑި ތިޔަބޮވުނީއެވެ. ބަސް ގަބޫލު ނުކުރާ މާލިމީންނަށް އަދި މިއަށްވުރެ ބޮޑެތި ލަނޑުވެސް ލިބޭނެއެވެ. ޕާސްޕޯޓް ހަދާށޭ ބުނީމާ ޕާސްޕޯޓް ހެދީކީއެއް ނޫނެވެ. ދަތުރުކުރާ މިސްރާބު ރަގަޅެއް ނޫނޭ ބުނީމާ އެބަސް ގަބޫލުކުރީއެއް ނޫނެވެ. ޕައިލެޓް އައިސް ވައްދައިދޭން އުޅުނީމާ އޭނާޔާ އަނގައިން ބުނީއެއްނޫނެވެ. ދެންވެސް މިތަނުން ނިކުމެގެން ޕާސްޕޯޓް ހަދަން އަވަހަށް ދާންވީއެވެ.
އަމިއްލަ ޚަރަދުގައި އުޅޭންޖެހުން
ހުރިހާކަމެއް ނިމުމުން ފެންނާމަނިކުފާނު އައިސް ބުންޏެވެ. ވަން ޑަބަލް ކޭމްޕުގައި ކޮން ތަމްރީނެއް ހަދާދުވަހެއް ހެއްޔެވެ. ބައެއްކަހަލަ ތަމްރީނުތަކުގައި އުޅޭއިރު އަނިޔާވެސް ވާނެއެވެ. ބަންގާޅަށާއި ކޮޅުނބަށް ދަތުރާކުރާ ދިވެހިންނަކީ އިހަށް ޕާސްޕޯޓް ބޭނުންކުރާ ބައެއް ނޫނެވެ. އެކަމަކު ޒަމާން ބަދަލުވެއްޖެއެވެ. އަހަރެމެން މިތިބީ ސިލޯނަކުވެސް ނޫނެވެ. މިތިބީ އިންޑިޔާގައެވެ. އަލިމަނިކުފާނަށް މިކަން މޭރުންނުވަނީދޯއެވެ. ވަރަށް ދެރައެވެ. ދެންވެސް އިބްރާހިމްދީދީ އެބުނި ބަސްއަހައިގެން މިތަނުން އަވަހަށް ނިކުމެގެން ދަމާހިގާށެވެ.
މިވާހަކައެއް ދެކެވޭއިރު ދޮންއިބްރާހިމްގެ މުހައްމަދުދީދީ އާއި މަރިޔާގެ އަހައްމާ މިތާކު ނެތެވެ. އެމީހުން ތިބީ ފެންނާމަނިކުފާނުގެ ފައިސާފޮށި ހިފައިގެންގޮސް އެހެންތަނެއްގައެވެ. އަލިމަނިކުފާނު ކޮއްޕައި ވައްޓައިލި ހިސާބުން ފައިސާފޮށި ހިފައިގެން އަވަހަށް ބޭރުވާށޭ އަންގައި ފެންނާމަނިކުފާނު އެދެމީހުން ފޮނުވައިލީއެވެ. މާބޮޑަށް ކަންތައްގޯސްވެގެން ބޮޑު ޖުރިމާނާއެއްކޮށް އެފައިސާ ދިވެހީންގެ އަތުން އަތުލާން އުޅެފާނެތީ ފޮށި ފޮރުވީއެވެ.
އެތަނުން ނިކުމެގެންގޮސް ދެން އުޅޭން ޖެހުނީ އަމިއްލަ ޚަރަދުގައެވެ. ސަރުކާރުގެ އާރުކާޓީ އެންގީ ޕާސްޕޯޓް ހަދަން ފައިސާ ދީފައިވާތީ އެކަންނުކުރުމުގެ ޒިންމާ އުފުލާންޖެހޭނީ ދިވެހީންކަމުގައެވެ. އެހެންވީމާ ޕާސްޕޯޓު ދެން ހައްދަންޖެހޭނީ އަމިއްލައަށެވެ. އެކަންކުރެވޭންދެން ކެއުމާއި ތިބުންވެސް އަމިއްލައަށެވެ. ޕާސްޕޯޓު ހެއްދުނީމާ ލަސްނުކޮށް ތިނަންނާޔަށް އަންގާށޭ ބުނެފައި އާރުކާޓީ ހިގައްޖެއެވެ.
އެހިސާބުން ދެން ހޯދީ ކުލީ ގެއެކެވެ. އެންމެން މަޑުކުރީ އެގޭގައެވެ. އަލިމަނިކުފާނާއި ފެންނާމަނިކުފާނު ދިޔައީ ދެންވެސް ސަރުކާރުގެ މަދަދެއް ލިބޭތޯ ސިލޯނުގެ ކޮޅުނބަށް މެސެޖް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެމީހުން މެސެޖްކުރީ މުހައްމަދު އަމީނަށެވެ. އޭރު އަމީނު އުޅުއްވަނީ ސިލޯނުގައެވެ. އެހެންވީމާ އަމީނާއި ވާހަކަ ދެއްކޭގޮތްވެސް ތަނަވަސްވެއްޖެއެވެ. އަމީނާއި ވާހަކަދެއްކީ އަލިމަނިކުފާނެވެ.
ހުރިހާ ވާހަކައެއް ކިޔައިދިނީމާ އަމީނު އައްސަވައިފިއެވެ. ތިޔައީ ކާކުހެއްޔެވެ. އަލިމަނިކުފާނު ބުންޏެވެ. ވާހަކަ ދައްކަނީ އޮޑީގެ މާލިމީއެވެ. އަމީނު ވިދާޅުވިއެވެ. ތިޔައީ މާލީމީ ހެއްޔެވެ. ތިޔައީ މާލިމީއެއް ނޫނެވެ. އޭގެފަހުން އަމީނުގެ އަޑެއް ނީވުނެެވެ. އަމީނު މިގޮތަށް ހެއްދެވީ ސަރުކާރުގެ އާރުކާޓީގެ ފަރާތުން މިކަން ހިނގިގޮތާއި އަލިމަނިކުފާނު ކަންތައް ކުރިގޮތުގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވުމުންނެވެ.
އެދުވަހުން ފެށިގެން ކޮންމެދުވަހަކު އޮޑީގެ އެންމެންގެ ކެއުމަށް ޚަރަދު ކުރަނީ އަލިމަނިކުފާނެވެ. ކޮންމެދުވަހަކު މީހަކަށް ދެނީ އެތާގެ ދެ ރުފިޔާއެވެ. އެފައިސާކޮޅުން ހައިހޫނުކަން ފިލާވަރެއް ނުވެއެވެ. އެކަމަކު ފުއްދާލައިގެން ތިބެނީއެވެ. އެއްދުވަހަކު އަލިމަނިކުފާނާއި ފެންނާމަނިކުފާނު ބޭރުގައި އުޅެފައި އައިސް ބުންޏެވެ. އަހަރެމެން މިއުޅެނީ ފުރާންކަމަށެވެ. ކަލޭމެން މިތާގައި ބައިތިއްބާފައެވެ.
މިއަޑު އިވިފައި އައްޓިއަރި މުހައްމަދުދީދީ ފުންމައިގެން ތެދުވެފައި ބުންޏެވެ. އަހަރެމެން މިތަނަށް ދޫކޮށްފައި ކޮންތާކަށް ފުރާންހެއްޔެވެ. ފުރަންޏާ ފައިސާފޮށި ބަހައްޓާފައި ދާށެވެ. ހައްވާއްކަލޯގެ މޫސާ ބުންޏެވެ. މަށަކީ މީދޫގައިހުރި އެންމެ ކޮރު މީހާ ކަމަށްވިޔަސް ވަރިހަމައެެވެ. އަހަރެމެން މިތަނަށް ދޫކޮށްފައި ފުރާން އުޅެފިނަމަ ތިޔަ ފައިސާފޮށި ސަލާމަތަކުން ނުގެންދެވޭނެއެވެ. އެއީ ފެންނާމަނިކުފާނަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
ފައިސާފޮށީގެ ވާހަކަ ދެއްކީމާ ފެންނާމަނިކުފާނު ސަމާސާގޮތް ދޫކޮށްފައި ވަރަށް ސީރިއަސްވެފައި ބުންޏެވެ. ހޯހޯއެވެ. ފޮށީގެ ވާހަކަ ނުދައްކާށެވެ. މީހަކު ސަމާސާއަށް އެއްޗެކޭ ބުންޏަސް ސީރިއަސް ވާވަރު ތިހިރީއެވެ. ކަލޭމެން ދޫކޮށްފައި އަހަރެމެން ދާކަށް ނޫޅެމެވެ. ނުވެސްދާނަމެވެ. ދެވޭނެގޮތެއް އޮތީކީވެސް ނޫނެވެ. އަހަރެމެން މިއުޅެނީ އެންމެންގެ ޕާސްޕޯޓު ހެއްދޭނެ ގޮތެއް ފެނޭތޯއެވެ.
ޕާސްޕޯޓު ހެއްދުމަށް މަސައްކަތް އެބަކުރަމޭ ބުންޏަސް ހަގީގަތުގައި އެމަސައްކަތެއް ނުކުރެއެވެ. ކުރިހާވެސް ކަމަކީ އަތުގައި ފައިސާއެއް ނެތޭ މިތިބީ ހާލުގައި ޖެހިފައޭ ޕާސްޕޯޓެއްވެސް ނެތޭ ބުނެފައި ކޮޅުނބުގައި ހުންނަ ދިވެހި ސަފީރަށް މެސެޖު ފޮނުވުމެވެ. ދެން އޭގެ ޖަވާބެއްލިބޭތޯ އިންތިޒާރު ކުރަނީއެވެ. މިސިއްރު އެނގެނީވެސް އަލިމަނިކުފާނާއި ފެންނާމަނިކުފާނާއި ދެމީހުންނަށް އެކަންޏެވެ.
އެދުވަހުގެ އިރުއޮއްސުނީމާ އެންމެން މިސްކިތަށްގޮސް މަޣުރިބު ނަމާދުކޮށްގެން ފޭބިތަނާ އިސްކޮޅުން ދިގު ދޮންމީހަކު އައިސް ސަލާންކޮށްފައި ބުންޏެވެ. ތިޔައީ ކޮން ގައުމެއްގެ ކޮންބައެއް ހެއްޔެވެ. އޮޑީގެ މީހުން ބުންޏެވެ. ދިވެހިރާއްޖޭގެ މީހުންނެވެ. ދަތުރުކުރި އޮޑި ބެހިގެން މިތާގެ ފަރެއްގެމައްޗަށް އުރުނީއެވެ. ތިޔައީ ކާކުތޯ ސުވާލު ކުރީމާ އެމީހާ ބުންޏެވެ. މިސަރަހައްދުގައި ވިޔަފާރިކުރާ މީހަކީމެެވެ. އެހެރީ ތިމަންނާގެ ފިހާރަތަކެވެ. ކަލޭމެންނަށް އެހީތެރިވާނަމެވެ. މިހެންބުނެފައި އެމީހުން ތިބޭ ގޭގެ އެޑްރެސް ހޯދައިގެން ކޮންމެ ދެ ދުވަހަކުން އެއްދުވަހު ލަންޗް ޕެކެޓް ފޮނުވައެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް