ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހާއި އޭނާގެ އޮޑީގެ ނިމުން 2

ދޮންމަނިކުގެ އަހުމަދު ސާލިހު

ދޮންމަނިކުގެ ޒަމާން ނިމި އޮޑިތައްވެސް ބައުވެ ނެތިގެން ދިޔައީމާ އަހުމަދު ސާލިހު އަމިއްލަޔަށް އޮޑިއެއް ހޯދައިގެން ގެންގުޅުނެވެ. އެއޮޑި މަޝްހޫރުވެފައިވަނީ އަހުމަދު ސާލިހުގެ އޮޑީގެ ނަމުންނެވެ. އޮޑިޔެކޭ ކިޔަސް އެއީ ކުޑަވަރެއްގެ ނާލުބައްތެއްޔެކެވެ. މިބައްތެލި ދުއްވައިއުޅުނު ޒަމާނަކީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރެވެ. އެހެންނަމަވެސް ބައްތެލީގައި އިންޖީނެއް ނާޅައެވެ. މާކަނޑުގައި ދުއްވަނީ ތިންރިޔަލުގައެވެ. މިބައްތެލި އާއްމުކޮށް ދުއްވައިއުޅުނީ މާލެއާއި އައްޑުވާ ދެމެދުގައެވެ. މި ބައްތެއްޔަކީ ކޮޅުމަޑުލު ވޭމަންޑޫގައި ބަނދެފައިވާ ބައްތެއްޔެކެވެ. އަހުމަދު ސާލިހުގެ ދޮށީދަރިފުޅު އިބްރާހިމް ހިލްމީ މެދުވެރިވެގެން އަހުމަދު ސާލިހު މިބައްތެލި ގަތީއެވެ.

މިއީ އެއްވެސް ގޮތަކަށް މޮހޮރާއި ކަބީލާ ބޭނުންކޮށްގެން ބަނދެފައިވާ ބައްތެއްޔެއް ނޫނެވެ. މަޑޫތައް ބައްދާފައި ހުރީ އިލިޖަހައިގެންނެވެ. ހުޅުދުވަށް މިބައްތެލި ގެންގޮސްގެން ބޭނުންކުރަންފެށީ ހިސާބަކަށް މަރާމާތުކޮށް އޮޑިޔެއްގެ ސިފަ ގެނެސްގެންނެވެ. ވޭމަންޑޫއިން ހިލްމީ ހޯދި ބައްތެލީގެ ފެންވަރުދެރަކަމާއި ކުޑަކަމުން އަހުމަދު ސާލިހު ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. ސިލޯނަށްގޮސް އެތަނުން ފެންވަރު ރަގަޅު އޮޑިއެއް ގަތުމަށްވެސް ހުރީ ގަސްތުކޮށްގެންނެވެ. އެކަމާގުޅޭގޮތުން ބައެއްމީހުންނާ ކޮންމެވެސް މިންވަރަކަށް އޮތީ ވާހަކަވެސް ދައްކައިފައެވެ. މިބައްތެލިން ދެން މާގިނަ ދަތުރެއް ނުކުރާނަމޭ ރައްޓެހީންގާތު ބުނެފައިވެއެވެ. ދޮންމަނިކުގެ ޒަމާނުގައި ދުއްވި އެގޭ ބޮޑު އޮޑިޔަށް ނިސްބަތްކުރާއިރު މިއީ ވަރަށްވެސް ކުޑަ ކަމީނާ އޮޑިއެކެވެ. އެޅެހިށިގޭ ބޮޑު އޮޑިޔާމެދު މީހުން ބުނެއުޅެނީ އެއީ މަނަވަރެއްކަމުގައެވެ. މާކަނޑުގައި ދުއްވާފައިދާއިރު އެގާރަ ރިޔާ ނަގާފައި ހުންނަކަމުގައެވެ. ބޮޑުއޮޑީގެ ކައްޕިތާނުގެ ކެބިން ހަދާފައި ހުންނަނީ އެޒަމާނުގެ ބޭރު ނާފަހަރުގައިވެސް އެކަން ހުންނަގޮތަށް ސަރަންފީ އާއި މޭޒު ބަހައްޓައި ފައްކާކޮށްފައެވެ. ދޮންމަނިކު ނިޔާވެގެން މިއޮޑި ލިބުނީ ދޮށީދަރިފުޅު މުހައްމަދު ތައުފީގަށެވެ.

ކޮންމެއަކަސް މިބުނި އިލިޖަހާފައިވާ ކަމީނާ އޮޑީގެ ވެރިޔަކީ އަދި މާލިމީއަކީވެސް އަހުމަދު ސާލިހެވެ. އޭނާ ނުދާ ދަތުރެއްވިއްޔާ މާލިމީއަކީ އަހުމަދު ސާލިހުގެ ދޮށީދަރިފުޅު އިބްރާހިމް ހިލްމީއެވެ. މާލިމީކަމަށް މިދެބަފައިންގެ ކުޅަދާނަކަމުގެ ވާހަކަޔަކީ މުޅިއަތޮޅަށްވެސް މަޝްހޫރު ވާހަކައެކެވެ. ކިތަންމެ ގަދަވިއްސާރައެއްގައިވެސް އޮޑި ފެނުންމަތީގައި ހުރިއްޔާ އަހުމަދު ސާލިހުގެ މާލިމީކަމުގައި އޮޑި ނުބެހޭނެކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ދަތުރުކޮށް އުޅުމުގައި އެހެން މާލިމީން ބަލާހެން ވިއްސާރަޔަށް ބަލަބަލައިފައި ވިއްސާރަ އަލިވާންދެން މަޑުކުރުމަކީ އަހުމަދު ސާލިހު ކޮށްއުޅޭކަމެއް ނޫނެވެ.

އަހުމަދު ސާލިހު އިނދެގެން ހުރީ ބޮޑު އިބިރިހިންބެއްޔާގެ އައިސައިދިއާއެވެ. އައިސައިދިގެ ބައްޕަޔަކީ ހުޅުދޫ އައްނާއިބު އަލްޚަޠީބު އިބްރާހިމް ތައްޚާނު (ވާރަގޭ ދޮންމަނިކަގެ އިބިރިހިން ތައްކާނު) އެވެ. މަންމަޔަކީ މީދޫ އައްނާއިބު އެޅެގޭ އިބްރާހިމް ދީދީގެ ހައްވައިދިއެވެ.  މި އައިސައިދިއަކީވެސް މާލިމީކަން ދަންނަ އަންހެނެކެވެ. އައިސައިދީގެ މާލިމީކަމުގައި އެޅެހިށިގޭ ކުޑައޮޑި ދެފަހަރަކު މާލެއަށް އަދި އެއްފަހަރު ސިލޯނުގެ ކޮޅުނބަށްވެސް ދަތުރުކުރިއެވެ. އެއީ ހަމައެކަނި މާލިމީއެއް ނޫނެވެ. ހުޅުދޫ އަންހެނުންގެ ތެރެއިން އިނގިރޭސި ކިޔަވައިގެން އެބަހުން ފަރިތަކަމާއެކު ވާހަކަ ދައްކާން ދަސްކުރި ފުރަތަމަ އަންހެނަކީވެސް އައިސައިދިއެވެ. މިކަންކަމުގެ އިތުރަށްވެސް އައިސައިދިއަކީ ވަރަށް ގިނަ މަސައްކަތްތަކުގެ ހުނަރުވެރިއެކެވެ. ކަސަބުގެ މަސައްކަތާއި ތެދުއުއިވަޑާމާއި ލިޔެލާޖަހަން ދަނެއެވެ. މި ދެމަފިރިންނަށް ފަސްކުދިން ލިބިފައިވެއެވެ. އެއީ އިބްރާހިމް ހިލްމީއާއި މުހައްމައިދިއާއި މަރްޔަމްދީދީއާއި އަލިމަނިކާއި އައިމިނާމަނިކެއެވެ. މިދެމަފިރީންނާއި ކުދީން އުޅެމުންދިޔައީ އެޅެހިށިގޭ ހުޅަނގުބިތުގައެވެ. އެގޭ އިރުމަތީބިތުގައި އުޅުނީ އަބްދުލްމުހުސިނެވެ. އަހުމަދު ސާލިހުގެ ވަރަށްބޮޑު ގޯއްޗެއް އެޅެހިށިގެޔާ ދާދިގާތުން އުތުރުކޮޅުގައި އޮވެއެވެ. އެގޯއްޗަށް ކިޔަނީ ގެވަޑިގެ މިހެންނެވެ.

އަހުމަދު ސާލިހުގެ ވިޔަފާރި

ގެވަޑިގޭގެ ކަނެއްގައި ކުޑަފިހާރައެއް ހަދައިގެން އެފިހާރައިގައި ޑޮންޑޮން ވިއްކައެވެ. މިއެއްޗެއް ތައްޔާރުކުރަނީވެސް އަހުމަދު ސާލިހެވެ. އޭނާ ރަށުގައިހުރީވިއްޔާ އޮންނަނީ ޑޮންޑޮނުގެ ވިޔަފާރިއެވެ. މިކަމެއްގައި ދުވާލު ހަތަރުދަންހެން ގެވަޑިގޭގައި ހުރެދާނެއެވެ. ޑޮންޑޮނަކީ އަހުމަދު ސާލިހުގެ ބައްޕަ އެޅެހިށިގޭ ދޮންމަނިކު ތައާރަފުކުރި އެއްޗެކެވެ. ޑޮންޑޮން ތައްޔާރުކުރާނޭގޮތް އަހުމަދު ސާލިހު ދަސްކުރީ ބައްޕަ ކައިރިންނެވެ. ދޮންމަނިކު މިކަމަށްޓަކައި ގެންގުޅުނު މެޝީންތައްވެސް ހުރީ އަހުމަދު ސާލިހުގެ އަތުގައެވެ. އަހުމަދު ސާލިހު ގެއްލުނު ދަތުރަށްފަހު މިމެޝިންތައް އަލުން އެޅެހިށިގެޔަށް ގެންގޮސްގެން ފަހުން ޑޮންޑޮން ތައްޔާރުކޮށް އޭގެ ވިޔަފާރިކުރީ އަބްދުލްމުހުސިނެވެ.

ޑޮންޑޮނުގެ ވިޔަފާރި ކުރާން ގެވަޑިގޭގައި އަހުމަދު ސާލިހު ހުންނަހުރުމުގައި އެހިސާބުގެ ވަރަށް ގިނަ މީހުންނާއި އަހުމަދު ސާލިހު ގާތްކަން ބާއްވައެވެ. އޭގެތެރޭގައި ދެ ޖިންސުގެވެސް އެކިއުމުރުގެ މީހުން ހިމެނެއެވެ. އަހުމަދު ސާލިހަކީ ވަރަށް ސަކަ މިޒާޖުގެ މީހެކެވެ. އެހެންވީމާ މަސައްކަތުގައި އުޅޭއިރު ސަމާސާ ވާހަކަދައްކައި މުނިފޫހިފިލުވާން ވަރަށް ގިނަބަޔަކު އަހުމަދު ސާލިހުގެ ފިހާރަޔަށް އައިސް އުޅެއެވެ. އޭގެތެރޭގައި އެހިސާބުގެ ޒުވާން ބައެއް އަންހެންކުދިންވެސް ހިމެނެއެވެ. އަހުމަދު ސާލިހު ގެއްލުނުއިރު އޭނާއަކީ މުސްކުޅިއެއް ނޫނެވެ. އުމުރަކީ 47 އަހަރެވެ. ހިމަތޮޅި އިސްކޮޅުންދިގު މީހެކެވެ. މާކަދޮނެއް ނޫނެވެ.

އަހުމަދު ސާލިހު ތައާރަފުކުރި ތަކެތި

ހުޅުދުވަށް އެންމެ ފުރަތަމަ ބައިސިކަލެއް ގެންގޮސްގެން ދުއްވީވެސް އަހުމަދު ސާލިހެވެ. މި ބައިސިކަލެއް ގެންދިޔަ ދަތުރުގެ ވާހަކަޔަކީވެސް ހުޅުދޫގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އެދަތުރުގައި އޮޑީގެ ތެރެއިން ބައިސިކަލް ފެނިފައި ހުޅުދޫ ކޮއްޔާގެ މުހައްމަދު ބުނިކަމަށްވެއެވެ. ތިޔަކަހަލަ ހިމަހިމަ ދެފުރޮޅުގެ މަތީގައި ނުވެއްޓި މީހަކަށް ތިޔައެތި ދުއްވިދާނެ ބާވައެވެ. އަހަރެންނަކަށް ހިޔެއްނުވެއެވެ. ތިޔައެތީގެ މަތިން ނުވެއްޓި މަގުމަތީގައި އަހުމަދު ސާލިހު ދުއްވައިފިއްޔާ އަހަރެން ދެން ހިނގާނީ އެކޮޅުކޮޅުންނެވެ. އަހުމަދު ސާލިހު ހީލާފައި ބުންޏެވެ. ބޭރުކަރަކަރައިގެ މަގުތަކުގައިވެސް އެދުއްވަނީ ނޫންހެއްޔެވެ. އެހެންވީމާ ހުޅުދޫ މަގުމަގުގައި ނުދުއްވޭންވީ ސަބަބެއް ނެތެވެ. ކޮއްޔާގެ މުހައްމަދު ބުންޏެވެ. ބޭރުކަރަކަރައިގެ މަގުތައް ހުންނަނީ ތިޔަޒާތުގެ ތަކެތި ދުއްވޭނޭހެން ތާރުއަޅައި ހަދައިފައެވެ. ހުޅުދޫގެ މަގުމަގުހުރީ އެހެނެއް ނޫނެވެ.

އަހުމަދު ސާލިހަކީ މިޒާތުގެ އެނޫންވެސް އައުތަކެތި ހުޅުދުވަށް ތައާރަފުކުރި މީހެކެވެ. މިގޮތުން ހުޅުދުވަށް އެންމެފުރަތަމަ ރޭޑިއޯއެއް ތައާރަފުކުރީވެސް އަހުމަދު ސާލިހެވެ. މިއީ ކޮޅުނބަށް ކުރި ކޮންމެވެސް ދަތުރެއްގައި އެތަނުން ގަނެގެން ގެނައި އެއްޗެކެވެ. އޭރު ރޭޑިއޯއަކީ ހުޅުދުވާއި މީދޫ މީހުން ދުށްއެއްޗެއް ނޫނެވެ. އެހެންވެ މިއެއްޗެއް ބެލުމަށް އެޅެހިށިގެއަށް ދެރަށުންވެސް މީހުން އާދެއެވެ. ބޭރުގެ އެކި ސްޓޭޝަންތަކުން ވާހަކަ ދައްކާއަޑާއި މިއުޒިކް އިވުނީމާ މީސްތަކުން ވަރަށް ހައިރާންވެގެން އުޅެއެވެ. މިރޭޑިޔޯއަކުން ދައްކާ ވާހަކަ މީސްތަކުންނަށް ގިނައިން ތަރުޖަމާކޮށްދީ ހަދަނީ އަހުމަދު ސާލިހުގެ އަންހެނުން އައިސައިދިއެވެ.

ބަދުނަސީބު ދަތުރަށް ކުރި ޚިޔާލު

ރަށުގައި ހުރެފައި އެއްފަހަރު ކުއްލިއަކަށް މާލެދާން އަހުމަދު ސާލިހު ގަސްތުކޮށްފިއެވެ. އެއީ 1965 ވަނައަހަރުގެ ކުރީކޮޅެވެ. ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. މާލެދާން ނިންމި ސަބަބު އެއްވެސް މީހެއްގެ ކައިރީގައި ނުބުނެއެވެ. ކުއްލިއަކަށް މާލެދާން ޖެހިއްޖެއޭ ބުންޏެވެ. ދެތިންދުވަހަކުން ފުރާންވެސް ނިންމައިފިއެވެ. ވިއްސާރައަލިވެ ކަނޑުތައް މަޑުވާންދެން ނުގޮސް މަޑުކޮށްލަންވީނޫންހޭ ކިޔައިގެން ގާތްތިމާގެ މީހުން ވަރަށް އާދޭސްވެސް ކުރިއެވެ. އެކަމަކު މިއަޑެއް ނޭހިއެވެ. ހަމަފުރާނީއޭ ބުންޏެވެ. އޭރު އަހުމަދު ސާލިހުގެ ކައިވެނީގެ ހަޔާތުގެ ކަނޑުވެސް އެހާ އޮމާނެއް ނޫނޭ މީހުން ކިޔައެވެ.

ޒަވާޖީ ހަޔާތުގެ ނަވަށް ގުޑުން އެރިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވުނީ އަހުމަދު ސާލިހުގެ ޑޮންޑޮން ފިހާރަޔަށް ވަދެއުޅޭ ކުދިންގެ ތެރެއިން ކުއްޖަކާ މާގާތްގުޅުމެއް އޮންނަކަމަށް މީހުންނަށް ކުރެވޭ ހީއެއްގެ ސަބަބުންނެވެ. އަހުމަދު ސާލިހުގެ އަނބިމީހާ އައިސައިދިއާ ހަމަޔަށްވެސް ވާހަކަ އުފުލާ މީހުން އޮތީ ވާހަކަ ގެންގޮސްފައެވެ. މިކަމާ އައިސައިދި ހިތްހަމަނުޖެހިގެން އުޅޭ ވާހަކައެއްވެސް ރަށުތެރޭގައި ސިއްރުސިއްރުން ވަރަށް އޮލަކޮށް ދެކެވެއެވެ. އެކަމަކު އާއްމު ދެމަފިރިން އުޅޭ ޒާތަށް އަރައިރުންވުމެއް ނޯންނާތީ މިކަމުގެ ހަގީގަތް އެއްވެސް ބަޔަކަށް ނޭގެއެވެ.

އަހުމަދު ސާލިހު ފުރާން ބުނި ދުވަހަކީ އެހެން ހުރިހާ ދުވަހަކަށްވުރެވެސް ވިއްސާރަ ގަދަ ދުވަހެކެވެ. ފަތިހު ވާރޭވެހޭން ފެށިގޮތަށް މެދުނުކެޑި ދިޔައީ ވާރޭވެހެމުންނެވެ. ވައިބާރުކަމުގެ ވާހަކަ ދެއްކުމެއްވެސް ނެތެވެ. އެހެންވީމާ ދަތުރަށް ވާންޖެހޭ ތައްޔާރީތައްވެސް ފުރިހަމައެއް ނުވިއެވެ. މިއޮޑީން ފުރާން ކަމަށް އެންމެ ފުރަތަމަ ޚިޔާލުކުރި ބައެއް މީހުންވެސް ފަހުވަގުތު އެ ޚިޔާލު ދޫކޮށްލައިފިއެވެ. އާއްމުގޮތެއްގައި މިކަހަލަ ދަތުރުތަކުގައި ބައްޕަޔާއެކު ބައިވެރިވަމުންދިޔަ އިބްރާހިމް ހިލްމީ އޭރުހުރީ ކޮޅުމަޑުލު ވޭމަންޑޫ ޖަމީލާޔާއި އިނދެގެންނެވެ. މިކައިވެންޏަކީ އަހުމަދު ސާލިހު ހިތްހަމަޖެހޭ ކައިވެންޏަކަށް ނުވެގެން އެކަމުގެ ނުތަނަވަސްކަންވެސް އާއިލާގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް އޮތެވެ. މިކަންކަން މިހެންހުރީމާ މިދަތުރުގައި ހިލްމީބައިވެރިއެއް ނުވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!