ދާންދޫ ދޮންތައްޚާނުގެ އޮޑި ފައްތައިލުމާއި މީދޫ އަހައްމައިދީ ޝަހީދުވުން 1

ދެވަނަ ބޮޑުހަގުރާމައިގެ ބިރުވެރިކަން ރާއްޖެއަށް

ދުވަސްވަރަކީ ދެވަނަ ބޮޑުހަގުރާމައިގެ ބިރުވެރިކަމާއި ނާމާންކަން މުޅިދުނިޔެއަށް ކުރިމަތިވެފައިއޮތް ދުވަސްވަރެވެ. ނާމާން ކަނޑުތަކުގައި ދަތުރުކޮށްގެން އަނބިދަރީންނަށް ބޭނުންވާ ކަންކަން ފުއްދައިދެވޭތޯ ދިވެހިން ހިތްވަރުކުރި ދުވަސްވަރެވެ. މުދަލާއި ފުރާނަ ގުރުބާންކުރި ދުވަސްވަރެވެ. ދިވެހީންނަކީ އެއްވެސްގައުމަކާ ހަގުރާމަކުރި ބައެއްނޫނެވެ. އެހެންނަމަވެސް މި ހަގުރާމައިގެ އަސަރު ރާއްޖެއަށްވެސް އޮތީ ފޯރާފަައެވެ. އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. ބަނޑަށް ޖެހުނެވެ.

ދިރިއުޅުމަށް ބޭނުންވާ ސާމާނު ލިބޭނޭ ވަސީލަތެއް ނެތެވެ. ކުޑަމިނުން އަރިދަފުސް ރޯގާއެއް ބޭރަށްހިންގުމެއް ޖެހުނަސް ފަރުވާ ދެވޭނޭ ގޮތެއްނެތެވެ. މާބަނޑު މީހުން ވަނީ މަރެވެ. ކުޑަކުދީންވެސް ވަނީ މަރެވެ. ހައިހޫނުކަން އޮތީ މުޅި ރާއްޖެއަށް އާއްމުވެފައެވެ. ކުޑަމިނުން ޑިސްޕިރީން ގުޅައެއްވެސް ނުލިބެއެވެ. މިކަހަލައެއްޗެއް ލިބުމުގެ ހަމައެކަނި މަގަކީ ރާއްޖެއިން ބޭރަށް ދަތުރުކުރުމެވެ.

ދިވެހިސަރުކާރު އޮތީ ނުކުޅެދިފައެވެ. ރައްޔިތުންނަށް އެހީވެވޭނޭ ވަސީލަތްތަކެއް ނުހޯދިފައެވެ. އެކަމަކު ފިޔަވަޅުތަކެއް އެޅިއެވެ. ކާޑުގެ ބާވަތްތައް ކޮންޓްރޯލް ކުރިއެވެ. އެނޫން ބާވަތްތައްވެސްް ކޮންޓްރޯލް ކުރިއެވެ. ބައެއްބާވަތްތައް ސަރުކާރުން ވިއްކާގޮތަށް ހަމަޖެއްސިއެވެ. ޚަރަދު ކުޑަކުރާނެގޮތާއި ގަސްއިންދުމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ނަމުގައި ވަފުދުތަކެއް އަތޮޅުތެރެއަށް ފޮނުވިއެވެ. ގަސް ހެއްދިއެއްކަމަކު އެގަސްތައް ނުފޯދެނީސް މީހުން ވަނީ މަރެވެ. މީސްތަކުން ބަނޑަށް މަރުވާތީ އަތޮޅުތަކަށް ވިހި ބަސްތާ ހަނޑުލާއި ވިހި ބަސްތާ ގޮދަން ބެހިއެވެ. އެއީ ސަރުކާރުގެ ހާލަަތެވެ.

ކާބޯތަކެތީގެ އަގު އިންތިހާޔަށް އޮތީ އުފުލިފައެވެ. ކައްކައި ކާން ގެންގުޅޭ ތެލިތަށިފަދަ ގެވެށިކަންވާރު ވިއްކައި ހުސްވެއްޖެއެވެ. އަންހެންވެރީން ޒީނަތްތެރިވުމަަށްޓަކައި އަޅައިއުޅޭ ރަންހާރުތަކާއި ފަށްޓަރުބައިތައްވެސް ވިއްކައިފިއެވެ. ވިއްކާނެ އިތުރު އެއްޗެއްނެތެވެ. މިހާލުގައިވެސް އައްޑުއަތޮޅާއި ފުވައްމުލަކާއި ހުވަދުއަތޮޅަށް ސަރުކާރުގެ ވަފުދެއް ނާދެއެވެ.

ނުރައްކަލަށް ނުބަލައި ސިލޯނަށް ފުރުން

ކާށްޓާއި ކޮފުރާޔާއި ބޮއްޔާއި އައުރުސްފަދަ ތަކެތި ބޭރަށް ވިއްކައިގެން ނޫނީ ފައިސާއެއް ނުލިބެއެވެ. ބޭރުގައުމުތަކަށް ދަތުރުކުރުން އޮތީ ބިރުވެރިކަމުގެ ތެރޭގައެވެ. ކަނޑުތައް އަމާނެއް ނޫނެވެ. މިކަހަލަ ހާލެއްގައި ތިއްބައި އިރުވައިމޫސުމުގެ ނަކަތްތައް ގުނާން ފެށިއްޖެއެވެ. މަރުވިޔަސް ވަރިހަމަކަމަށް ބަލައިގެން ސިލޯނު ދަތުރަށް ދެކުނުގެ އޮޑިފަހަރު ތައްޔާރުވެއްޖެއެވެ. އޮޑިފަހަރު ފުރާން ފަށައިފިއެވެ. ހުޅުދޫން އެޅެހިށިގޭ އޮޑިއެވެ. ހިތަދޫން ޔާހުންބަރާހާއި ވާރަގޭ އޮޑިޔާއި ގަޑުވަރު އޮޑިއެވެ. ގއ. ދާންދޫ ވާރުގޭ ދޮންތައްޚާނު އޮޑިއެވެ. މިނޫންވެސް ކިތަންމެ އޮޑިއެކެވެ. ދޮންތައްޚާނު އޮޑިއަކީ ދާންދޫ އަލީގެ ވާރުވެރި ދޮންހޮއްކޮ ކަލޭގެފާނު (މޫސާ ޚަތީބު) ގެ ދޮންތައްކާނުގެ އޮޑިއެވެ. ޔާހުންބަރާހަކީ ހިތަދޫ އެޅަދީދީގެ އަލިދީދީ އޮޑިއެެވެ. އެޅެހިށިގޭ އޮޑިއަކީ ހުޅުދޫ އެޅެހިށިގޭ ދޮންމަނިކު އޮޑިއެެވެ.

އެޅެހިށިގޭ އޮޑިއާއި ދޮންތައްޚާނު އޮޑި ފުރީ ޔާހުންބަރާހަށްވުރެ ކުރީންނެވެ. ޔާހުންބަރާސް ފުރީ 13 ނޮވެމްބަރ 1943 ވީ ހޮނިހިރު ދުވަހުއެވެ. ސިލޯނާއި ވަރަށް ކައިރިވެފައިވަނިކޮށް ޖަޕާނުގެ ސަބްމެރީނަކުން ޓޮރްޕިޑޯކޮށް އެއޮޑި ފައްތައިލީއެވެ. ޓޮރްޕިޑޯއޭ ކިޔަނީ ކަނޑުގެ އަޑީން ފޮނުވައިލާ މިސައިލަށެވެ. މިއީ އޭގެޒާތުގައި އަމިއްލައަށްވެސް ދަތުރުކުރާ މިސައިލެކެވެ. ޔާހުންބަރާހުން ދަތުރުކުރި މީހުންގެ ތެރެއިން ހިތަދޫ އައްބެޔާގެ އިބްރާހިމްދީދީ އާއި ސިއްކަގޭ މުހައްމަދު މަނިކުފާނު ނޫން އެހެން އެންމެން ކަނޑުފައްތައި މެރީއެވެ. ސަބްމެރީނުގައި އެދެމީހުން ގެންދިޔައީ ސިންގަޕޫރަށެވެ. އެތާގެ ޖަލެއްގައި ހައްޔަރުކޮށްގެން ގެންގުޅެނިކޮށް ސަލާމަތްވީ ޖަޕާނު ސިފައިން ބަލިކޮށް އިނގިރޭސީން ސިންގަޕޫރު އަލުން ހިފުމުންނެވެ. ޔާހުންބަރާސް އޮޑި ފައްތާލާފައިވަނިކޮށް އެއޮޑީގެ ފަހަތުން ސިލޯނަށް ދަތުރުކުރި ހިތަދޫ ގަޑުވަރު އޮޑީގެ މީހުންނަށް ފެނިފައިވެއެވެ. ޔާހުންބަރާހުގެ ވާހަކަޔަކީ އެތައްބަޔަކު ލިޔެފައިވާ މަޝްހޫރު ވާހަކައެކެވެ. އެހެންވީމާ އެވާހަކަ ކުރުކޮށްލީއެވެ.

ޔާހުންބަރާސް ފިޔަވައި އެހެން ހުރިހާ އޮޑިއެއް ސިލޯނަށް ފޯރިއެވެ. ގަޑުވަރު އޮޑީގެ މީހުން ސިލޯނަށް އައިމާ ޔާހުންބަރާސް ފައްތައިލި ޚަބަރު ލިބިއްޖެއެވެ. އެހެންވެ ލަސްނުކޮށް ރާއްޖެ ދިއުމަށް އެންމެންވެސް ގަސްތުކޮށްފިއެވެ. ގިނަދުވަސްތަކެއް ނުވަނީސް ވިޔަފާރިކޮށް ނިންމައިފިއެވެ. މުދާ އަރުވައިފިއެވެ. ހިފައިގެންގުޅޭ ތަކެއްޗާއި ފޭރާމުގެ ބާވަތްތަކެވެ. ކާބޯތަކެއްޗާއި އެނޫންވެސް ތަފާތު މުދަލެވެ.

ދޮންތައްޚާނު އޮޑިއާއި އެޅެހިށިގޭ އޮޑި ސިލޯނުން ފުރީ އެކުއެކީގައެވެ. ދަތުރުކުރަމުންއައީ އެއްއޮޑީގެ މީހުން އަނެއްއޮޑީގެ މީހުންނާއި ވާހަކަދެއްކޭ ހިސާބު ކައިރިންނެވެ. އެޅެހިށިގޭ އޮޑިން ދިޔަ މީހުންގެ ތެރެއިން އެކަކީ މީދޫ އައިސާދަރި މުހައްމައިދިއެވެ. މިދީދީގެ ބޮޑުބޭބެ މީދޫ އަލިބެއްޔާގެ އަހައްމައިދި ދިޔައީ ދޮންތައްޚާނު އޮޑިންނެވެ. ސިލޯނުން ފުރައިގެން އެކީގައި ދަތުރުކުރަމުންއައިސް އެއްދުވަހެއްގެ ހަވީރު ދޮންތައްޚާނު އޮޑީގެ މީހުން ބުންޏެވެ. ތިމަންނާމެންގެ އޮޑި ބާރަށް ދުއްވައިލަނީއެވެ. މިހެންކިޔާފައި ބޮޑު ރިޔާނަގައިފިއެވެ. ދޮންތައްޚާނު އޮޑިއަކީ ވަރަށް ބާރަށް ދުވާ އޮޑިއެކެވެ. އެދުވަސްވަރުގެ އެންމެދުވެލިބާރު އޮޑިއެވެ. އިރުކޮޅަކުން އެޅެހިށިގޭ އޮޑި ފަހަތަށްޖައްސައި މާބާރަކަށް ކުރިއަރައިގެންގޮސް އޮބާލައިފިއެވެ.

ދޮންތައްޚާނު އޮޑިއަށް ހަމަލާދިނުން

ދޮންތައްޚާނު އޮޑި ކުރިއަރައިގެން ދަނިކޮށް އިންޑިޔާކަނޑުގެ އަޑީގައި ހަރަކާތްތެެރިވަމުންދިޔަ ޖަޕާނުގެ ސަބްމެރީން ފްލީޓުގެ އުޅަނދެއްގެ ދުރުމިޔަށް އަރައިފިއެވެ. މީގެ ދުވަސްކޮޅެއް ކުރީން ޔާހުންބަރާސް ފައްތާލައި އޭގައި ތިބި ގިނަމީހުން ކަނޑުފައްތައި މެރީވެސް މި ފްލީޓަށް ނިސްބަތްވާ ސަބްމެެރީނަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ ދުރުރާސްތާގެ މިޖެޓް ސަބްމެރީނެވެ. މި ފްލީޓު އިންޑިޔާ ކަނޑަށް ނިކުތީ 1942 ވަނަ އަހަރުގެ މެއިމަހުއެވެ. ބޭނުމަކީ އިނގިރޭސީންނާއި އެމީހުންނާ ގުޅިފައިވާ ގައުމުތަކުގެ އުޅަނދުތައް ފައްތައި ގެއްލުން ދިނުމެވެ. ރާއްޖެއާއި ސިލޯނަކީވެސް އިނގިރޭސީންގެ ދަށުގައިވާ ތަންތަނަށްވީމާ މިދެމެދުގައި ދަތުރުކުރާ އުޅަނދުތަކާމެދު ޖަޕާނުން ބަލަމުންދިޔައީ ދުޝްމަނުންގެ އުޅަނދުތަކެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް އޮންނަކަން ޖަޕާނަށް އޮތީ އެނގިފަައެވެ. އަދި އެމަރުކަޒެއް ގާއިމުކޮށްފައިވަނީ ރާއްޖޭގެ ދެކުނުގައިކަންވެސް އޮތީ މޭރުންވެފައެވެ. އެހެންވީމާ ރާއްޖެއާ ދިމާލަށް ދަތުރުކުރާ އޮޑިފަހަރަށް ހަމަލަދިނުމުގެ އިޒުނަ ޖަޕާނުގެ ސަބްމެެރީން ކޮމާންޑަރުންނަށް އޮތީ ދީފައެވެ. މިކަމަށް އަމާޒުކޮށްގެން އިންޑިޔާ ކަނޑަށް ނެރުނު ސަބްމެރީން ފްލީޓުގެ ހެޑްކުއާޓަރު ހުންނަނީ މެލޭޝިއާގެ ޕިނާންގުގައެވެ. މި ފްލީޓުގައި ދިހަޔަކަށްވުރެ ގިނަ ސަބްމެރީން ހިމެނެއެވެ. އިންޑިޔާ ކަނޑުގެ އެންމެ އިރުމަތީބިތުން ފެށިގެން އެންމެ ހުޅަނގު ބިތާއި ހަމަޔަށް މި ފްލީޓް ދިޔައީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މަޑަގަސްކަރައިގެ ޑިއޭގޯ ސުއަރޭޒުގެ ބަނދަރަށް ހަމަލަދިނީވެސް މިބައިމީހުންނެވެ.

ޖަޕާނު ސިފައިން 1941 ވަނައަހަރުގެ ޑިސެމްބަރުމަހު އެމެރިކާގެ ހަވާއީގައިވާ ޕާލްހާބަރަށް ހަމަލަދީ ހަގުރާމައިގެ އައުމައިދާނެއް ގާއިމުކުރުމަށްފަހު ހަމަސްވަންދެން މައިގަޑުގޮތެއްގައި ހަގުރާމަކުރީ ޕެސިފިކް ސަރަހައްދުގައެވެ. އިންޑިޔާކަނޑަށް ސަމާލުކަންދޭންވެގެން ފެސިފިކް ފްލީޓު ދެބައިކޮށްފައި އޭގެތެރެއިން އެއްބައި މާޝަލް އައިލެންޑްސްއިން އިންޑިޔާކަނޑަށް ނެރުނީއެވެ. އެމީހުން އިންޑިޔާކަނޑުގައި ހަރަކާތްތެރިވީ އެއްވެސް ހަމައެއްލަމައެއްނެތިއެވެ.

އެޅެހިށިގޭ އޮޑިޔާއި ވަކިވެގެން ދޮންތައްކާނު އޮޑި ކުރިއަރައިގެން ދަނިކޮށް ހުވަދުއަތޮޅު ކޮންމެވެސް ރަށެއްގެ އެހެން އޮޑިޔަކާވެސް ކަނޑުމަތީން ދިމާވެގެން އެއޮޑީގެ މީހުންނާވެސް ވާހަކަ ދެއްކިއެވެ. ޖަޕާނުގެ މިޖެޓް ސަބްމެރީނުން ފޮނުވައިލި ޓޮރްޕިޑޯ އަރައިގެން ދޮންތައްކާނުގެ އޮޑި ފުނޑުފުނޑުވެގެން ފެތުނުއިރު ހުވަދޫ އަނެއްއޮޑި ކިރިޔަކިރިޔާ ފެންނަހިސާބު ފަހަތުގައި އިނެވެ. އެހެންވީމާ ދޮންތައްކާނުގެ އޮޑިޔަށް ހަމަލައެއް އެރީކަމާއި ފައްތައިލީކަން އެއޮޑީގެ މީހުންނަށް ޔަގީންވިއެވެ. ސިލޯނުގެ ބަނދަރުގައި އޮތްއިރު ހިތަދޫ ގަޑުވަރު އޮޑީގެ މީހުންގެ ފަރާތުން ޔާހުންބަރާހަށް ވީގޮތުގެ ވާހަކަވެސް އެމީހުންވަނީ އަޑުއަހައިފައެވެ.

ޖަޕާނު ސިފައިން އިންޑިޔާކަނޑުގައި އޮޑިފަހަރަށް ހަމަލަ ދިނުމުގެ ކުރިން އެއޮޑިއެއް ހުއްޓުވައި ސުވާލުކޮށް ކޮންތާކުން ކޮންތާކަށްދާ ކޮންގައުމެއްގެ އުޅަނދެއްތޯ ސާފުކުރެއެވެ. އެބައެއްގެ ފަރާތުން އިތުރަށް ބޭނުންވެދާނެ މައުލޫމާތެއް އޮވެދާނެކަމަށް ހީކުރެވޭ އޮޑިއެއްވިއްޔާ އޭގެތެރެއިން ބަޔަކު ހައްޔަރުކޮށް ސަބްމެރީނަށް ނަގާފައި ދެންތިބިބަޔަކު ކަނޑުފައްތައި އޮޑިވެސް ފައްތައިލަނީއެވެ. ޔާހުންބަރާހާއިމެދު އަމަލުކުރީ މިގޮތަށެވެ. އެކަން ފަހުން ޔަގީންވީ ޔާހުންބަރާހުގެ ދެމީހަކު ސަލާމަތްވީކަމުން އެމީހުންގެ ފަރާތުންނެވެ.

ދާންދޫ ދޮންތައްޚާނުގެ އޮޑިޔާއިމެދު އަމަލުކުރިގޮތް ނުވަތަ މީހުން ކަނޑުފައްތައި އޮޑި ފައްތައިލިގޮތް ފަހުންވެސް ނޭގުނީ އެއޮޑީގެ އެކަކުވެސް ސަލާމަތްނުވާކަމުންނެވެ. މާދުރުގައި އިން އޮޑިއެއްގެ ފަރާތުން ކިރިޔާ ޔަގީންވި ވަރަކީ ދޮންތައްޚާނުގެ އޮޑިވެސް ބައެއްގެ ޝިކާރަޔަކަށްވެ ފައްތައިލީކަމެވެ. އެދުވަސްވަރު މިޒާތުގެ ކަންކަން ކުރަމުންދިޔައީ ޖަޕާނުގެ ސަބްމެރީންތަކުންވީމާ ޖަޕާނާއި މިހާދިސާ ގުޅުވައިލެވެނީއެވެ. އަދި ބޮޑުހަގުރާމަ ނިމިގެން ޖަޕާނުގެ އެޑްމިރަލްޓީގެ ރިކޯޑުތައް ސާފުވީއިރު ދޮންތައްޚާނުގެ އޮޑިޔަށް ހަމަލާދިނީ ޖަޕާނުގެ ސަބްމެރީނަކުންކަންވެސް ޔަގީންވީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!