ލޯތްބާއި ވަގުތު
ހުރިހާ ވައްތަރެއްގެ އިޙްސާސްތަކާއި ޖަޒުބާތުތަކެއް އުޅެމުންދިޔަ ޖަޒީރާރަށެއް އެއްޒަމާނެއްގައި އޮތެވެ. އެރަށުގައި ދިރިއުޅެމުންދިޔައީ “އުފާ” އާއި، “ހިތާމަ” އާއި، “މަޢުލޫމާތު” އާއި، އަދިވެސް އެހެނިހެން ތަފާތު އިޙްސާސްތަކެވެ. މީގެތެރޭގައި “ލޯބި” ވެސް ހިމެނުނެވެ. އެއްދުވަހަކު އެރަށަށް ބޮޑުރާޅެއްއަރައި، ރަށް އަޑިއަށްދާން ފެށުމުން އެކަމުގެ އިޢުލާންކުރެވި ހުރިހާ އިޙްސާސްތަކުގެ ސަމާލުކަމަށް އެންގުނެވެ. މި އިޢުލާން އަޑުއިވުމާއެކު “ލޯބި” ފިޔަވައި އެހެން ހުރިހާ އިޙްސާސްތަކެއް ބޮއްކުރާފަހަރު ބަނދެގެން ނުވަތަ ހޯދައިގެން، އެ ބޮއްކުރާތަކަށް އަރައި ނައްޓާލައިފިއެވެ.
ރަށުން ފުރައިގެން ނުގޮސްހުރީ ހަމައެކަނި ލޯބި އެވެ. ލޯބި ބޭނުންވީ ރަށުގައި ހުރެވޭ އެންމެފަހު ވަގުތަކާ ހަމައަށްވެސް ރަށް ދޫކޮށްނުލައި ހުރުމަށެވެ.
މުޅިންގެނބި ރަށް އަޑިއަށްދިއުމުން، ކޮންމެވެސް ފަރާތެއްގެ އެހީ ހޯދުމަށް ލޯބި ނިންމިއެވެ.
ވަރަށްރީތި އުޅަނދެއްގައި “މުއްސަނދި” ހުރަސްކުރަނިކޮށް ފެނުމުން ލޯބި ބުންޏެވެ. “މުއްސަންޖެވެ. ތިބާއާއެކު އަޅުގަނޑު ގެންގޮސް ދެއްވަފާނަންތޯއެވެ؟” މިހެން ބުނުމުން ޖަވާބުގައި މުއްސަނދި ބުންޏެވެ. “ނޫނެކެވެ. އަހުރެންނަކަށް ތިބާ ގެންދެވޭކަށް ނެތެވެ. ސަބަބަކީ މިއުޅަނދުގައި ބައިވަރު ރަނާއި ރިހި އެބަތިއްބެވެ. ތިބާ ގެންދާނެ ޖާގައެއް މިއުޅަނދަކު ނެތެވެ.
ހަމަ އެވަގުތު ވަރަށްރީތި އުޅަނދެއްގައި “ބޮޑާކަން” އެދިމާއާ ވަރަށްކައިރިން ހުރަސްކުރަނިކޮށް ފެނިފައި އެހީއަކަށް އެދެން ލޯބި ނިންމިއެވެ. “ބޮޑާކަމެވެ. އަޅުގަނޑަށް އެހީތެރިކަމެއް ފޯރުވައި ދެއްވަފާނަންތޯއެވެ.” މިހެން އެހުމާއެކު ބޮޑާކަން ޖަވާބުދިނެވެ. “އަހުރެންނަށް ތިބާއަކަށް އެހީތެރިވެވޭކަށް ނެތެވެ. ސަބަބަކީ ތިބާ ތިޔަހުރީ މުޅިން ތެމިފޯވެފައެވެ. އަހުރެން މިއުޅަނދަށް ތިބާ އަރުވައިފިނަމަ މިއުޅަނދު މުޅިން ތެމި ޚަރާބު ވަދާނެއެވެ.”
އެވަގުތު ވަރަށް ކައިރީގައި ހިތާމަ ހުއްޓެވެ. އެހެންކަމުން ލޯބި ހިތާމަކުރެން އެހިއެވެ. “ހިތާމައެވެ. ތިބާގެ އުޅަނދުގައި އަޅުގަނޑު ގެންގޮސް ދީފާނަންތޯއެވެ.” މިހެން އެހުމުން ހިތާމަ ބުންޏެވެ. “އޭ ލޯތްބެވެ. އަހުރެން މިހިރީ ވަރަށްބޮޑަށް ހިތާމަވެރިވެފައެވެ. އެހެންވީމާ އަހުރެން މިވަގުތު އުޅެންބޭނުންވަނީ އެހެންމީހުންނާ ވަކިން އަހުރެން އެކަންޏެވެ.”
އުފާ ވެސް ލޯތްބާ ކައިރިން ދުއްވައިފަ ދިޔައެވެ. އޭނާ އުފާވެފައި ހުރިވަރުން ލޯބި އޭނާއަށް ގޮވި އަޑުވެސް ނުއިވުނެވެ.
ކުއްލިޔަކަށް އެތަނުން އަޑެއް އިވުނެވެ. “ލޯތްބެވެ. އަންނާށެވެ. އަހުރެން ތިބާ ގެންގޮސް ދީފާނަމެވެ.” އެއީ މުސްކުޅި އެކެވެ. މި އެހީތެރިކަން ލިބުމުން، ލެއްވި ރަޙްމަތަށްޓަކައި އުފާވެފައި ހުރިވަރުން މި މުސްކުޅިޔާ ކުރެން އޭނާ ދަނީ ކޮން ދިމާއަކަށްތޯ އަހާލަންވެސް ލޯބި ހަނދާނެއް ނެތެވެ. އެމީހުންނަށް ހިކިފަސް ތަނަކަށް ދެވުމުން ލޯބި ބޭލުމަށްފަހު މުސްކުޅިޔާ އޭނާ ދާން ބޭނުންވި ދިމާއަކަށް ހިނގައްޖެއެވެ.
އެ މުސްކުޅިޔާގެ އެހީތެރިކަމުގެ ސަބަބުން އޭނާއަށް ދަރާފައިވާ ދަރަނީގެ ބޮޑުކަން ހިތަށްވަދެފައިވާތީ، ލޯބި އެހެން އެފަދަ މުސްކުޅިއެއް ކަމުގައިވާ މަޢުލޫމާތު ކުރެން އެއްސެވެ. “އަޅުގަނޑަށް އެހީތެރިވެދިނީ އެއީ ކޮން ބޭފުޅެއްތޯއެވެ.” މަޢުލޫމާތު ޖަވާބުދިނެވެ. “އެއީ ވަޤުތު އެވެ.” މިހެން ބުނުމުން ލޯބި އެއްސެވެ. “ވަޤުތު ހެއްޔެވެ؟ އެކަމަކު ވަޤުތު އަހުރެންނަށް އެހީތެރިވެދިނީ ކީއްވެގެން ބާވައެވެ.” މަޢުލޫމާތު ވަރަށް ބުއްދިވެރިކަމާއެކު ހިނިތުންވެލައިފަ ޖަވާބު ދިނެވެ. “ސަބަބަކީ ލޯތްބަކީ ކިހައި އަގުބޮޑު އެއްޗެއްކަން އެނގޭ ފަރާތަކީ ހަމައެކަނި ވަޤުތެވެ.”
މިއީ ވަރަށް އިބްރަތްތެރި ވާހަކައެއް. މިފަދަ ވާހަކަ ތަކާއި ލިޔުންތައް މީދޫ.ކޮމް ން އަބަދުވެސް ކިޔަން ލިބޭނެ ކަމަށް އުއްމީދު ކުރަން.