ދާންދޫ ދޮންތައްޚާނުގެ އޮޑި ފައްތައިލުމާއި މީދޫ އަހައްމައިދީ ޝަހީދުވުން 2
ދޮންތައްޚާނު އޮޑީގެ ޚަބަރު ރާއްޖެއަށް
އެޅެހިށިގޭ އޮޑި ރާއްޖޭގެ މެދަކާހިސާބުން ވަދެގެން އައްޑުވަށް ދިޔުމުގެ މަގުމަތީގައި އެންމެފުރަތަމަ މަޑުކުރީ ހުވަދުއަތޮޅު ދާންދޫގައެވެ. މިއީ ދޮންތައްޚާނު އޮޑީގައިހުރި މީދޫ އަލިބެއްޔާގެ އަހައްމައިދީ ކޮޅުނބުގައި ހުރެގެން އެދިފައިވާ އެދުމަކަށް މަޑުކުރިކުރުމެކެވެ. އަހައްމައިދީ ބުނެފައިއޮތީ ރަށަށް ދާނީ އެޅެހިށިގޭ އޮޑީންކަމުގައެވެ. އެޅެހިށިގޭ އޮޑި ދާންދޫއަށް އަންނައިރު ތައްޔާރުވެގެން ހުންނާނޭ ކަމުގައެވެ.
ސިލޯނުން ފުރުމުގެ ކުރިން އަލިބެއްޔާގެ އަހައްމައިދީގެ ކައިރީގައި އައިސާދަރި މުހައްމައިދި ބުނިކަމަށް ވެއެވެ. ބޭބެވެސް ރަށަށް ދާން އެޅެހިށިގޭ އޮޑިއަށް އަރަންވީނޫންހެއްޔެވެ. އަހައްމައިދި ބުންޏެވެ. އިރާދަކުރެއްވިއްޔާ ތިޔަ އޮޑިއަށް އަރާނީ ދާންދޫ ބަނދަރުންނެވެ. ތިމަންނާގެ ހަވާލުގައި ދާންދޫ މީހުންގެ މުދާ އެބަހުއްޓެވެ. އެރަށު މީހުންނާއި މުދާތައް ހަވާލުކުރުމަށްފަހު ރަށަށް ދާނީ ކަލެއާއެކު ތިޔަ އޮޑިންނެވެ. ދެގަޑެތީގެ ތެރެއިން ކުރީން ދާންދޫއަށް ފޯރާނީ ދޮންތައްޚާނު އޮޑިކަން ޔަގީނެވެ. އެހެންވީމާ ކަލޭމެން އަންނައިރު ތިމަންނާ ހުންނާނީ ތައްޔާރުވެގެންނެވެ.
މިހެން ބުނެފައި އޮތީމާ އެޅެހިށިގޭ އޮޑި ދާންދޫގައި ބަނދަރުކުރީއެވެ. އެކަމަކު އަދިވެސް ދޮންތައްޚާނުގެ އޮޑިއެއް ނާދެއެވެ. ގިނަވެގެން ދެދުވަހަކުން އެއޮޑި އަތުވެދާނެކަމުގެ އިންތިޒާރުގައި ތިއްބައި ދާންދޫއަށް އައީ ހުވަދުއަތޮޅުގެ އެހެން ކޮންމެވެސް ރަށެއްގެ އޮޑިއެކެވެ. މިއޮޑިޔަކީ ދޮންތައްޚާނުގެ އޮޑީގެ ފަހަތުގައިއިންކަމުން އެއޮޑިޔަށް ދިމާވި ހާދިސާ ދެނެހުރި އޮޑިއެވެ. މިއޮޑި ދާންދޫއަށް އެންމެފުރަތަމަވެސް އައީ ދޮންތައްޚާނުގެ އޮޑި ފައްތާލައިފިކަމާއި އެންމެންވެސް ކަނޑުވެ މަރުވީކަމުގެ ޚަބަރު ދިނުމަށެވެ. ހުވަދޫ އޮޑިން ލިބުނު ހިތާމަވެރި ޚަބަރުގެ ސަބަބުން އެޅެހިށިގޭ އޮޑި އަވަސްއަވަހަށް ދާންދޫން ފުރައިފިއެވެ.
އަހައްމައިދީގެ މަރުޚަބަރު އާއިލާއަށް
އުޑުމަތި ސާފު ދުވަހެކެވެ. މީދޫ އަތިރިމަތީގައިތިބި ބަޔަކަށް އޮޑިއެއް ފެނިއްޖެއެވެ. އޮޑި ކައރިިވުމުން އެއީ ސިލޯނަށްގޮސްފައި އަންނަަަ ހުޅުދޫ އެޅެހިށިގޭ އޮޑިކަން އެނގިއްޖެއެވެ. ގިނައިރުތަކެއްނުވަނީސް މިޚަބަރު އަލިބެއްޔާގެ އަހައްމައިދީގެ ގެޔަށްވެސް ފޯރައިފިއެވެ. އުވަގޭ އާމިނައިދީއަށް އެދީދީގެ ފިރިމީހާ ރަށަށް އަންނަކަމުގެ ޚަބަރު ވަނީ ލިބިފައެވެ. އަހައްމައިދީ ރަށަށް ދަނީ ދެއަހަރުން އެއްފަހަރު ނޫނީ އެއަށްވުރެވެސް ގިނަދުވަސް ކޮށްފައެވެ. މިފަހަރު އެ އަންނަނީ އެދީދީގެ ތިންވަނަ ފިރިހެންދަރިފުޅު ދުށުމުގެ އުއްމީދުގައެވެ.
ފިރިމީހާ އަންނަަ ޚަބަރު ލިބުމުން އެދީދީގެ ތިންކުދީން ފެންވަރުވައި ނަލަައްދައިފިއެވެ. ކުދީން ތިބީ ސިލޯނަށްގޮސްފައި ބައްޕަ އަންނާތީ އެކަމުގެ އުފަލުގައެވެ. ބައްޕަ ގެނެސްދޭނޭ ބިސްކޯދާއި މެޓާ އަދި ރީތިހެދުން ފަދަ ތަކެތީގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. ތިންކުދީންގެ ތެރެއިން މުހައްމައިދީ އުމުރަކީ ހަތްއަހަރެވެ. އިބްރާހިމްދީގެ އުމުރަކީ ފަސްއަހަރެވެ. އަބްދުﷲ ދީދީ އުފަންވީތާ ގިނަދުވަހެއް ނުވެއެވެ. އަހައްމައިދީ އަންްނަކަމުގެ ޚަބަރު ގާތްތިމާގެ އެނޫންވެސް މީހުންނަށް އޮތީ ލިބިފައެވެ. އެމީހުންވެސް ކުދީން ގޮވައިގެން ބޭބެގެ އިންތިޒާރުގައި އެގެއަށް އަތުވެއްޖެއެވެ. އަހައްމައިދިއަކީ ތިމާގެ މީހުން ވަރަށް ލޯބިވާ ބޭބެއެކެވެ.
މެންދުރުވެގެން އައިވަގުތު މީހަކު ގެއަށް ވަދެއްޖެއެވެ. އެމީހަކީ ކޮޅުބުން އައި މީހެކެވެ. އައިސާދަރި މުހައްމައިދީއެވެ. ވަދެގެންއައިސް އެންމެފުރަތަމަވެސް ކުޑަކުޑަ އަބްދުﷲ ދީދީ ނަގައިގެން އެގޭ އުތުރުފަރާތުގައި ހުރި އުނދޯއްޔެއްގައި އިށީދެއްޖެއެވެ. އާމިނައިދީ ގޭތެރެއިން ނިކުތީމާ މުހައްމައިދީ އިސްދަށަށްްޖަހައިފިއެވެ. ކުޅެން ތިބި އަނެއްދެކުދީން ދުވަމުންއައިސް އަހައިފިއެވެ. ބައްޕަ ކޮބައިހެއްޔެވެ.
މުހައްމައިދީގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފާޅުވެއެވެ. ކަމެއް ގޯސްވެގެން އުޅޭކަން އާމިނައިދީއަށް އިހުސާސް ކުރެވުނެވެ. އެތަކެއްހާސް ސުވާލު އުފެދުނެވެ. ގޭގައިތިބި އެންމެންގެ މޫނުމަތީން އުފާވެރިކަން ކެނޑިއްޖެއެވެ. މުހައްމައިދީގެ ލޮލުން އައިސްފައިވާ ކަރުނަ އެންމެނަށްވެސް ފެނުނެވެ. ވަރަށް މަޑުމަޑުން ބުންޏެވެ. ބޮޑުބޭބެ ދަތުރުކުރި ދޮންތައްޚާނު އޮޑި ޖަޕާނު މީހުންގެ ހަމަލާޔަކުން ފައްތާލައިފިއެވެ. އޮޑިންް ދަތުރުކުރި އެކަަކުވެސް ސަލާމަތެއް ނުވެއެވެ. ބޭބެ ޝަހީދުވެއްޖެއެވެ.
އަހައްމައިދީގެ އަންހެނުންނާއި އާއިލާ
އިވުނު ހިތާމަވެރި ޚަބަރުގެ ސަބަބުން މުޅިގޭގައި އޮތީ ހިމޭންކަމެވެ. ހިތާމަޔާއި މޮޅިވެރިކަމެވެ. ހިމޭންކަން ކެނޑުނީ ކުޑަ ދެކުދީން ސުވާލުކުރަން ފެށުމުންނެވެ. ބޭބެ ރޮނީ ކީއްވެގެންހެއްޔެވެ. ޖަޕާނު މީހުން އޮޑި ފައްތައިލީ ކީއްވެގެންހެއްޔެވެ. ޖަޕާނު މީހުން އެހާނުލަފާވީ ކީއްވެގެން ހެއްޔެވެ. މިކަހަލަ ސުވާލުތަކެކެވެ. ގޭގައި ތިބި އެންމެން ރޮނީއެވެ. އާމިނައިދީގެ ހާލު ވަރަށް ގޯހެވެ. ޅައުމުރުގައި ކުރެވުނު ހަމައެކަނި ކައިވެނީގެ ބައިވެރިޔާ އަބަދަށްޓަކައި ވަކިވެގެން ދިޔައީއެވެ.
ދާދިއަވަހަށް އައިމިނައިދީ ހަމަޖެހިލައިފިއެވެ. އެކަނިމާއެކަނި ތިންކުދީން ބޮޑުކުރެވޭނެ ގޮތަކާއިމެދު ފިކުރުހިންގާލިއެވެ. ކުދިންގެ ކުރިމަގާއިމެދު ވިސްނާލިއެވެ. ކުދިންގެ މުސްތަގުބަލަށްޓަކައި އުމުރު ހޭދަކުރުމަށް އަޒުމް ކަނޑައެޅިއެވެ. އާމިނައިދީ އެދުވަހު ނިންމި ނިންމުމާއި އެއްގޮތަށް އެދީދީގެ މުޅި އުމުރު ހޭދަކުރިއެވެ. ކުދީންގެ ހައްގުގައި އެހެންް ދިރިއުޅުމެއް ނުހޯދައެވެ. އެތައްބަޔަކު ކައިވެނީގެ ހުށަހެޅުންތައް ހުށަހަޅަމުން ދިޔައިރުވެސް އެދީދީގެ ވިސްނުމަށް ބަދަލެއްނާދެއެވެ. އަހައްމައިދީގެ ހަނދާނުގައި މުޅި އުމުރު ހޭދަކުރީ އެހެންމީހަކާ ކައިވެނި ނުކޮށެވެ. އާމިނައިދިއަކީ ކުބެއްޔާގެ އަބްދުﷲދީދީގެ އާމިނައިދިއެވެ.
އާމިނައިދީގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތިންކުދީންވެސް ހެޔޮގޮތުގައި ބަލައިބޮޑުކުރިއެވެ. ކޮންމެކުއްޖަކުވެސް މަސައްކަތްތެރި ހުނަރުވެރި ކުއްޖަކަށް ހެދިއެވެ. ކޮންމެކުއްޖަކުވެސް ވަކިދިރިއުޅުމެއްގައި އުޅެ ދަރީން ލިބޭންދެން އާމިނައިދީ ދުނިޔޭގައި ހުއްޓެވެ. އުވަގޭ އާމިނައިދީއަށްވުރެ ކުރީން އަހައްމައިދީ އެހެން ދެ ކައިވެންޏެއް ކުރިއެވެ. ތިން އަންހެން ކުދީންވެސް ލިބުނެވެ. ފުރަތަމަ ކައިވެނިކުރީ ކުންނިއަރު އާމިނައިދީއާއެވެ. މިބަނޑުން ލިބުނީ ކުދުގޭ ފާތިމަތުދީދީ އާއި ދާޔާގެ ދޮންދީދީއެވެ.
ދެވަނައަށް އަހައްމައިދީ ކައިވެނިކުރީ އެދުރުގޭ ދޮންދީދީއާއެވެ. މިބަނޑުން ލިބުނީ ގަނޑުވަރު މަރިޔަމްދީދީއެވެ. މިހާދިސާ ހިގިއިރު މިދީދީއަށް ސަތާރައަހަރެެވެެ. އަހައްމައިދި ޝަހީދުވިއިރު ދޮށީބަނޑުގެ ކުދުގޭ ފާތުމައިދީގެ އުމުރަކީ އެއްތިރީސް އަހަރެވެ. ދޮންދީދީގެ އުމުރަކީ ނަވާރައަހަރެވެ. އަހައްމައިދީގެ މާފަ ކުދީންގެ ތެރެއިން ޖަވާހިރުގޭ އާމިނަތުދީދީއަށް އަށްއަހަރެވެ. ކުދުގޭ އާއިޝަތުދީދީއަށް ހަތަރުއަހަރެވެ. ނޫކޮކާގެ ހައްވާދީއަށް ދެއަހަރެވެ. މިއީ އަހައްމައިދީ ޝަހީދުވިއިރު ދުނިޔޭގައި ތިބި މާފަ ތިންކުދީންނެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް