حزب النصر ފޮތުގެ ވާހަކަ 3
އެރެއަށް ފަހު އަބުލްހައިސާމް ދީދީ އަހަރެންގެ ކައިރިއަށް ނިކަން ދޭތެރެ އަވަސްކޮށް އިހުތިރާމުގެ ޒިޔާރަތް ކުރާން ފަށައިފިއެވެ. ގެއަށް ވަންނާނެއެވެ. ބައެއްފަހަރަށް ބޭރުގައި ހުންނާނެއެވެ. އެއްރޭ އަހަރެން އުނދޯލީގައި އޮއްވައި ކުރުމޫސަގޭ އަލިތަކުރު އައިސް ބުންޏެވެ. މިގޭ ދޮރާށި ކައިރީގައި އަބުލްހައިސާމް ދީދީ އެބަހުއްޓެވެ. ބައްޕާގެ ގާތު މިތަނަށް އައިސްދޭށޭ އެބަބުނެއެވެ. އަހަރެން ޖަވާބު ދިނީމެވެ. ބުނާށެވެ. ދަރިފުޅު މިތަނަށް އަންނާށެވެ. ބައްޕަ މިއޮތީ އޮއްތާލައިގެންނެވެ. އަހަރެން ބޭރަށް ބަލައިލިއިރު އަބުލްހައިސާމް ދީދީ ގޭގެ އަސްކަނި ދޮށުގައި ހުއްޓެވެ. ވަދެ އިށީންނާށޭ ބުނީމާ މިކަމުން ރެކިގެންފައި ޖަވާބުދިނެވެ. ބައްޕާ އެވެ. ވަރަށް މުހިއްމު ތާކަށް ދާންވެގެން މިހާރު ދަނީއެވެ. ފަހުން އަންނާނަމެވެ. މިހެން ބުނެފައި ހިނގާއްޖެއެވެ.
އެހެން ބަޔަކަށް ނުފެނި އަބުލްހައިސާމް ދީދީ އައިސްގޮސްވުމާއި އަހަރެން އެދީދީއާއި ވާހަކަ ދައްކާތީ މިކަން ބޮޑުވެގެންވާ އަޖައިބަކަށް ވެގެން އިސާހިތަކު މިޚަބަރު ފަންޑިތަ އެދުރާއި ހަމައަށް ތަންގަނޑު މީހުން އުފުލައިފިއެވެ. ގިނަދުވަސްތަކެއްނުވެ ހުޅުދޫ ތައްކާނުގެ ތަކުރުފާނު ބެއްޔާ އަހަރެންނާ ހަމައަށް އަތުވެއްޖެއެވެ. މިބެއްޔާ ހަމަފެނުމުން އަހަރެންގެ އަނބި ގަމަރުއްނިސާ ހުރިހާ ވާހަކަތަކެއް ކިޔައިދީފިއެވެ. އަޑުއަހާން ހުރެފައި ތަކުރުފާނު ބެއްޔާ ބުންޏެވެ. ޚަތިމަކާއި ވޮށުފިލައެއް ގެންނާށެވެ. މިތަކެތި ގެނެސްދިނުމުން ޚަތިމު ހުޅުވައި ވޮށުފިލާގައި އަކުރުތަކެއް ލިޔެ އަކުރުތަކުގެ އަދަދަށް ވިޔަތަކެއްޖަހައި އެއްކޮށް ކަނޑައި ގުނަކޮށް އިނގިލިތައް ބިންދަބިންދައިފައި އެންމެފަހުން ހަށިފުރާ މާނޭވައެއް ލައިފައި ބުންޏެވެ. މިބެލީ ގުރުއާނުގެ ފާލެވެ. މިއީ ތޯތޯ ފާލެއް ނޫނެވެ. ފާލުން މިދައްކާ ދެއްކުން ގަމަރުއްނިސާއަކަށް ރަނގަޅެއް ނޫނެވެ. މިހުންނެވި ބަދުރުއްދީނު ދީދީއަށް ތިޔަ ބަނޑު ނޫން އެހެން ބަނޑަކުން ލިބިފައިވާ ސަތާރަ އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.
އެހެން ބަނޑަކުން ދަރިޔަކު ލިބިފައި އެބަހުއްޓޭ ބުނީމާ ގަމަރުއްނިސާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަރެންވެސް ތިޔައީ ފުލޯކޭ ތިޔަވަރުން އަދި ހުއްޓައިނުލާނަމޭ ބުނެފައި ބަނޑީދިގޭ ބުރުޒުޖަމްހަރު ދީދީ ގެނެސް އިތުރަށް ބަލައި ހޯދާން އަންގައިފީމެވެ. ބުރުޒުޖަމްހަރު ދީދީވެސް ޚަތިމު ހުޅުވައިގެން އިނދެފައި ބުންޏެވެ. ފުރަތަމަ ސަފްހާގެ ފުރަތަމަ ފަސް އާޔާތް ތިމަންނާއަށް އިވޭ ވަރަށް ކިޔަވައި ބަލާށެވެ. އަހަރެެން އެ ފަސް އާޔާތް ކިޔަވައި ނިމުމުން ނިއްކުރި ފުހެލާފައި ބުންޏެވެ. އެއްވެސް ޝައްކެއްނެތެވެ. އިންސި ނޫން ބަނޑަކުން ކަލެއަށް ލިބިފައިވާ ސަތާރަ އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ. ކަލޭގެ ގާތަށް އެއަންނަނީ މިބުނި ދަރިފުޅެވެ.
ޖިންނި ބަނޑަކުން ލިބިފައިވާ ދަރިފުޅަށްވެސް ކިޔަނީ އަބުލްހައިސާމް ދީދީ އެވެ. އިންސި އަބުލްހައިސާމް ދީދީ އާއި ޖިންނި އަބުލްހައިސާމް ދީދީ ހަމަމުޅީން އެއްގޮތެވެ. ވަކިކުރާން ނުވެސް އެނގެއެވެ. އިންސި އަބުލްހައިސާމް ދީދީ އުޅެނީ ކުރިންވެސް ބުނިފަދައިން އޮޅުވެލި ރިސޯޓްގައެވެ. ޖިންނި އަބުލްހައިސާމް ދީދީ އާއިި ގަމަރުއްނިސާގެ ބަނޑުން ލިބުނު އަރުބާޒު ދީދީ އާއި އެނޫންވެސް ހުރިހާ އިންސި ކުދީން އުޅެނީ ގޭގައެވެ. އަހަރެން އުނދޯލީގައި އޮށޯވެއްޖެނަމަ ޖިންނި އަބުލްހައިސާމް ދީދީގެ މަސައްކަތަކީ އުނދޯލި ހެއްލައި ދިނުމެވެ.
އެއްދުވަހަކު ޖިންނި އަބުލްހައިސާމް ދީދީ ބޭރަށްގޮސްފައި އެނބުރި އައިއިރު އޭނާގެ މަންމަ ސުލާ ޝިރާޒު ކަމަނާ ގެނެސްފިއެވެ. މި ސުލާ ޝިރާޒު ކަމަނާއަކީ އިހަށް އަހަރެން ކިޔައިދިން ހޫރު ޕަރީންގެ ތެރެއިން ބޮލު ހުޅީގައި ފިނިފެންމާ ޖަހައިގެން ހުރި ކަމަނާއެވެ. އަބުލްހައިސާމް ދީދީ ވަދެގެން އައިސް އިށީނީ އަހަރެންގެ ބަނޑުދޮށުން އުނދޯލީގައެވެ. އެ ދީދީގެ މަންމަ ސުލާ ޝިރާޒު ކަމަނާ މަޑުކުރީ ކުޑަދޮރުގެ ކައިރިން ގޭގެ ބޭރު ފަރާތުގައެވެ. އޭރު ކުޑަ ދޮރުގައި ބިއްލޫރި ޖަހައިފައެއް ނުހުރެއެވެ. ކުޑަދޮރުގެ ކައިރީގައި ހުރެގެން އަހަރެންނާއި މުޚާތަބުކޮށް އެކަމަނާ ބުންޏެވެ. އޭ ބަދުރުއްދީނު ދީދީ އެވެ. އަހަރެންނަކީ އަކުރުވެސް ނުދަންނަ މީހެކޭ ބުނިންތާއެވެ. މަށަށް ނޭނގޭ އަކުރެއް ކަލެއަކަށްވެސް ނޭނގޭނެއެވެ. މިފަހަރު މިއައީ ކުޅިވަރު ދައްކައިލާންވެގެންނެވެ.
މިހެން ކިޔައިފައި މިހަދާ ޖާދޫގެ ހިކުމަތުން ކަލޭ ޚަރާބުކޮށްފާނަމޭ ބުނެ ޒާތެއްގެ މަންތަރެއް ހަދަން ދިމާކުރީމާ އަހަރެން ފުންމައިގެން ތެދުވެ ބުނެފީމެވެ. ކަލޭ ހީކުރީ ބޭނުންހާގޮތެއް ހެދިދާނެ ކަމަށް ދޮތައެވެ. އޭ މިހިރަ މޮޔަ ޖިންނި ކަނބުލޭގެއާއެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ. މިހެންބުނެފައި القمر ސޫރަތުގެ ސާޅީސް ފަސް ވަނަ އާޔާތުން سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ ކިޔަވައިފައި ދެ އަތްތިލަ ޖަހައިފީމެވެ. އެހިނދު އެކަނބުލޭގެ ބަންޑުން ބިންމައްޗަށް ވެއްޓިއްޖެއެވެ. އިރުކޮޅަކުން ކަނިބުރުވަމުން މައްޗަށް އަރައިގެން ހިނގާއްޖެއެވެ. އަބުލްހައިސާމް ދީދީ ހަމައެކައްޗެކޭ ވެސް ނުބުނެ ހިމޭނުން ހުއްޓެވެ.
ސުލާ ސިރާޒު ކަމަނާ ކަނިބުރުވަމުން ޖައްވަށް އަރައިގެންދިޔަތާ ތިން ވަނައަށް ވީދުވަހު ވަރަށް ބިޔަ މީހަކު އަހަރެންނާ ހަމައަށް އައިސް ބުންޏެވެ. ބޭނުންހާ ގޮތަކަށް އުޅެން ކަލެއަކަށް ވެސް ފުރުސަތެއް ނުދޭނަމެވެ. މިހެން ބުނެފައި މިމީހަކު އުޅުނީ އަހަރެންގެ ކަރުގައި ހިފާން ކަމަށެވެ. މީނާގެ ދިގު ފަލަ ދެއަތް އަހަރެންނާ ހަމައަށް ފޯރުމުގެ ކުރިން އަނެއްކާވެސް އެއްކަލަ ދުވަހު ކިޔެވި އާޔަތް ކިޔަވައިިފައި ދެއަތްތިލަ ޖަހައިފީމެވެ. އެހިނދު މިކަލޭގެ ވެސް ކަނިބުރުވަމުން ހަވާއަށް އަރައިގެން ހިނގާއްޖެއެވެ.
ޖިންނީންނާއި އަހަރެންގެ ހަނގުރާމަ މިހިސާބަށް ދިޔުމުން ބަނޑީދިގޭ ބުރުޒުޖަމްހަރު ދީދީއަށް މިކަމުގެ ހިލަންވެގެން އައިސް ޚަބަރު ދަބަރު އޮޅުންފިލުވާން އުޅެގެންފިއެވެ. ވާހަކަ ކިޔައި ދިނީމާ އިސްދަށަށް ޖަހައިގެން އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ. ކަލެއާ ހިތާވެގެން ދަރިއަކު ވިހެއީ އަހުމަރު ރަސްގެފާނުގެ ދަރިކަލެއްގެ ދަރިކަނބަލެކެވެ. އެންމެފަހުން އެއައީ އެކަމަނާގެ ބޭބެއެވެ. ތިޔަކިޔެވި އާޔަތުގެ ސަބަބުން އެމީހުންނަށް ކުޅަދާނަ ނުވެގެން ދިޔައީއެވެ.
މިވާހަކަ ދެކެވުނުތާ ތިން ވަނައަށްވީ ދުވަހު އަހަރެންގެ ލޮލުގެ ފެނުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ސާފުކޮށް ފެނުން ހުއްޓިއްޖެއެވެ. މިގޮތުގައި ތިން އަހަރު ފާއިތުވީފަހުން އެއްރެއެއްގެ ފަތިހު އަހަރެން އުނދޯލީގައި ނިދާން އޮއްވައި މީހަކު އައިސް ގޮވައި ހޭލައްވައިފިއެވެ. ލޯހުޅުވައި ބަލައިބަލާށޭ ބުނެގެން ހޯދައިހޯދައިވެސް އެމީހަކު ނުފެނުނެވެ. އެކަމަކު ވަރަށް ކައިރީގައި ހުރެގެން ވާހަކަދައްކާ އަޑު އިވެއެވެ. އެއަޑާއި އެންމެ ވައްތަރު އަޑަކީ އައިސްދޫރު ދޮރުބޫރު މުހައްމަދު ދީދީގެ ފިޔަވަރީ އަލިބޭބެގެ އަޑެވެ. އެމީހަކު ބުންޏެވެ. ބަދުރުއްދީން ދީދީއެވެ. މި ބުނާގޮތަށް ހެދުމުން ކަލޭގެ ލޮލުގެ ފެނުން އިސާހިތަކު ރަނގަޅު ވެދާނެއެވެ. حزب النصر ކިޔާ ފޮތް ގެންގުޅެން ހެއްޔެވެ. އަހަރެން ޖަވާބު ދިނީމެވެ. ތިޔައީ ފެނިފައިވާ ފޮތެއްނޫނެވެ. އަޑު އެހި ފޮތެއްވެސް ނޫނެވެ. އެމީހަކު ބުންޏެވެ. حزب النصر ފޮތް ހޯދައިގެން އެފޮތުން ކިޔަވާށެވެ. ކަލެއާއި ދިމާވެގެން ތިޔައުޅޭ މުސީބާތުން ލަސްތަކެއް ނުވެ މިންޖުވެދާނެއެވެ.
ހެނދުނު ހޭލައިގެ ތެދުވެ حزب النصر ނަމަކަށް ކިޔުނު ފޮތް ލިބޭތޯ މަސައްކަތް ފަށައިފީމެވެ. މިކުރި މަސައްކަތުން އެ ފޮތުގެ ނަންވެސް އިހަށް އަޑު އެހިމީހަކާއި ދިމަލެއް ނުވިއެވެ. ދެން ހަދާނެ ގޮތެއް ނޭނގި މިހެން އުޅެމުންގޮސް ގަޑުބަޑުގެއަށް ވަދެ އެގޭ ހަކީމާއަގުލާ އާއި މިވާހަކަ ދައްކައިލީމާ އެދައްތަ ބުންޏެވެ. ކުރީޒަމާނުގެ މީހުން حزب النصر އޭ ކިޔުނު ފޮތެއް ގެންގުޅުނެވެ. މަށަށްވެސް މިއަށްވުރެ އިތުރު އެއްޗެއް ނޭނގެއެވެ. ދެން އަހަރެން މި ފޮތް ލިބޭތޯ މާލެއަށް ސިޓީ ލިޔެގެންވެސް ފޮތުގެ ޚަބަރު ދެނަހުރި މީހަކާ ދިމަލެއް ނުވިއެވެ.
ދުވަސްކޮޅެއްފަހުން އެއްދުވަހެއްގެ ހެނދުނު އަހަރެންގެ އަނބި ގަމަރުއްނިސާ ކޮންމެވެސް ފޮތެއް ހިފައިގެން އައިސް އަހަރެންގެ އަތަށް ދީފައި ބުންޏެވެ. މިއީ ކޮން ފޮތެއް ހެއްޔެވެ. މިއީ ވަރަށް ރަނގަޅު ފޮތެއްހެން އެބަހީވެއެވެ. ފޮތް އަތުލާފައި އަހަރެންގެ ދަރި އަރުބާޒު ދީދީ އަށް ގޮވާފައި ބުނެފީމެވެ. ދަރިފުޅާއެވެ. ހަރުކޮށް ހިނގާފައި ބައިތުލް މުދިމަށް ގޮސް މުދިމުލް ކަބީރު އަޖީބު ދީދީ ކައިރީގައި ބުނެބަލާށެވެ. ބައްޕަ އެބަހޯދައެވެ. އިރުކޮޅަކުން އަޖީބު ދީދީ އަތުވެއްޖެވެ. މީނާ އަތަށް ފޮތް ދީފައި ބުނެފީމެވެ. ފޮތުގެ ނަން ކިޔައި ދީބަލާށެވެ. އަހަރެންގެ ލޮލުގެ ފެނުން ފުސްކަމާއިއެކު މިއުޅެނީ ކިޔައިނުލެވިގެންނެވެ.
އަޖީބު ދީދީ މި ފޮތަށް އިރުކޮޅެއް ވާންދެން ބަލާން އިނުމަށްފަހު ބުންޏެވެ. ފޮތުގެ ނަމަކީ حزب النصر އެވެ. މިއީ ކޮންމެވެސް މީހެއްގެ އަތުން ލިޔެފައިވާ ފޮތެކެވެ. ޗާޕު ފޮތެއް ނޫނެވެ. މިއީ ލިޔުން ރީތި މީހެއްގެ ލިޔުމެކެވެ. ފޮތް ލިޔެފައި މިއޮތީ ސައޫދީ އަރަބިޔާގެ މައްކާގައެވެ. ފޮތް އެކުލަވާފައި ވަނީ ކޮންމެވެސް އެހެން ހަތަރު ފޮތެއް ބަލައިގެންނެވެ. މިވަރަށް ކިޔައިދީފައި އަޖީބު ދީދީ ސުވާލުކުރިއެވެ. މިއީ ބަދުރުއްދީނަށް ކާކު ދިން ފޮތެއް ހެއްޔެވެ. އަހަރެން ބުނީމެވެ. ނޭނގެއެވެ. މިގެއިން ފެނުނު ފޮތެކެވެ. ފޮތް ބޭއްވި މީހަކު ނޭނގެއެވެ. ހިޖާޒުކަރައިގެ މައްކާއިން ފޮތެއްގެނެސް އަހަރެންނަށް ދޭނީވެސް ކާކު ހެއްޔެވެ.
އަހަރެން ވިސްނައިލިއިރު މިފޮތް ގެނެސްދިން ކަމަށްވަނީ އަހުރެންގެ ޖިންނި ދަރިފުޅު އަބުލްހައިސާމް ދީދީއެވެ. މިވަރުގެ ކަމެއް މިޒާތަށް ކުރެވޭނެ އެހެން މީހަކު ނެތެވެ. ކޮންމެއަކަސް އަޖީބު ދީދީގެ އެހީތެރިކަމާއެކު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މިފޮތުން ކިޔަވަން ފަށައިފީމެވެ. ތިންވަނައަށްވީ ދުވަހު އަހަރެންގެ ލޮލުގެ ފެނުން ރަނގަޅުވެއްޖެވެ. އިރާދަފުޅާއި މިންވަރުފުޅުން އޭގެފަހުން މިއަދާއި ހަމައަށް ވެސް އަހަރެންނަށް އިތުރު މުސީބާތަކާއި ކުރިމަތިލާކަށް ނުޖެހެއެވެ. ޖިންނީންގެ ތުރާލެއް ގިލަންވެރިކަމެއްވެސް ނުމެޖެހޭމެއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވެގެންވަނީ حزب النصر ފޮތަށެވެ. ދެން އެފޮތް ގެނެސްދިން ފަރާތަކަށެވެ.
حزب النصر ފޮތް މިގޭގައި އޮންނަތާ ވަރަށްގިނަ ދުވަސް ފަހުން އެދުވަހަކު މުލަކު ފަނޑިޔާރު ރޮނޑުގޭ ދީދީ އަށް މި ޚަބަރު ލިބިގެން އައިސް ބުންޏެވެ. މުލަކުގައި ހުރެފައި ދަތުރު ހަދައިގެން މިހިސާބަށް މިއައީ ބަދުރުއްދީނު ބޭބެގެ އަތުގައި މާމޮޅު ފޮތެއް އޮވެގެން އެޚަބަރު ލިބިގެންނެވެ. ބަލާލަން ދީބަލާށެވެ. ބަލާލަން ދިން ފޮތް އަދިވެސް އޮތީ އެދީދީގެ އަތުގައި މުލަކުގައެވެ. އެފޮތުގެ ޚަބަރު އެހެން މީހަކަށް އެނގިގެން ނުވެއެވެ.
ފަހުގެ ޚިޔާލުތައް