حزب النصر ފޮތުގެ ވާހަކަ 2

ކުދީންނޭވެ. ބޭބެގެ ވާހަކަ ދެއްކުމެއް ނެތެވެ. ހުތްފެލާލައި އެއްލާލާފައި އޮތް ލުނބޮޔެކޭ ތަފާތެއް ނެތެވެ. ހޭވެރިކަމެއް ނުހުރެއެވެ. ބޭބެގެ މުޅި ނަފްސުގެ މައްޗަށް ވެރިވެގެން ތިބީ ޖިންނީންނެވެ. މިހެން އޮއްވައި އެއްދުވަހަކު ބަޔަކު ގުރުއާން ކިޔަވާ އަޑު އިވޭން ފަށައިފިއެވެ. ލޯ ހުޅުވައި ބެލިއިރު އަހަރެންގެ ގާތުގައި ގާތްތިމާގެ މީހުންނާއި ފަންޑިތަވެރިން ތިއްބެވެ. ރަށުގެ ވެރީންގެ ތެރެއިން ދެށެމިނާގޭ އޮނބުޝޭމު ދީދީ ވެސް ހުއްޓެވެ. އަހަރެން ލޯހުޅުވި މަންޒަރު ބަލާން ހުރެފައި އޮނބުޝޭމު ދީދީ ބުންޏެވެ. އަތްދަށަށް ފަސް މީހުން ލައިގެން ފަސް ދުވަހު ކިޔަވައިފީމެވެ. ދިހަ މީހުން ލައިގެން ކިޔަވާތާ މިއަދަށް ދެ ވަނަ ދުވަހެވެ. މިއަދަކީ މި ކިޔެވެއްޔެއް ފެށިފަހުން ހަފުތާއެއް ހަމަވި ދުވަހެވެ.

ކުއްލިއަކަށް ފެނުނީ އެއްކަލަ ހޫރު ޕަރީންގެ ތިން ކުދިން މޭޒާއި ގޮނޑި ހިފައިގެން ގެއިން ނިކުމެ ތަންކޮޅެއް ދުރުގައި ވަރަށް ދެރަވެފައި ތިބި މަންޒަރެވެ. އަހަރެން ބަލިވެ އޮތް އިރު އެހީވީ އެކުދީންނެވެ. މުނިއަވަސް ފިލުވައިދީ ސަމާސާކޮށް ހެދީ އެކުދިންނެވެ. އެ ކުދީން ދެރަވެ ބިކަވެފައި ތިބި މަންޒަރު ފެނުމުން ވީދެރައިން އަހަރެންވެސް ރޮވުނެވެ. ރޯން ފެށީމާ އެކުދީން ބުނެފިއެވެ. ބަދުރުއްދީނެވެ. ނުރޯށެވެ. ކަލޭ ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެމެން ކަލޭ ބަލަހައްޓާނޫއެވެ. ހަނދުމަ ނެތިކުރުމެއް ފަރުވާކުޑަކުރުމެއް ނޯންނާނެއެވެ.

ބަލި ހާލުގައި އޮތްއިރު ރަނިއަބެއްޔާގެ އަބްދުލް ޖައްބާރުވެސް އަހަރެންނަށް ބޭސްކުރާން އާދެއެވެ. އެބޭހަކުން ކުރާ އަސަރެއް ނެތެވެ. ބޭރަށް ލާ ނެވާ އެތެރެއަކަށް ނުލެވެއެވެ. އެތެރެއަށް ލާ ނޭވާ ބޭރަކަށް ނުލެވެއެވެ. ނޭވާލާއިރު ފާޑެއްގެ ބިރުވެރި އަޑެއް ހުރެއެވެ. ގޮތް ނޭނގޭ އުނދަގުލެއްވެއެވެ. މިހާލުގައި އޮންނަތާ ދުވަސްތަކެއް ފަހުން އަހަރެންގެ އަނބި ގަމަރުއްނިސާ ކާރީގައި ބުނެފީމެވެ. ބޭސްކުރާނެ ކަމެއްނެތެވެ. ތިޔަ ބޭހަކުން ރަނގަޅެއް ނުވާނެއެވެ. ދިމާވެގެން މިއުޅެނީ ފަންޑިތަވެރިކަމެކެވެ. މިއީ ބޭސްވެރިކަމެއްނޫނެވެެ. އެހެންވީމާ ފަންޑިތަ ހެދޭވަރުގެ މީހަކު ހޯދާށެވެ.

ފަންޑިތަ ހެދޭ ވަރުގެ މީހަކަށް މިދުނިޔޭގައި ހުރި ކަމަށް އަހަރެންނަށް ފެނުނީ ހުޅުދޫ ތައްކާނުގެ ތަކުރުފާނު ބެއްޔާއެވެ. އެހެންވީމާ އޭނާ ގެނެސްގެން ފަނޑިތަ ހަދަންވީއޭ ބުނެފީމެވެ. އެދުވަހު ހަވީރު ތަކުރުފާނު ބެއްޔާ ގެނެސްފިއެވެ. އޭނާ ބުންޏެވެ. ފަންޑިތަ ހަދަން ފަށާނީ ތިޔައީ ކާކުކަން އެނގިގެންނެވެ. ކޮން ދަރިކޮޅެއްގެ ކޮން ނަމެއްކިޔާ މީހެއްކަން ވެސް އެނގިގެންނެވެ. އަހަރެން ބުނެފީމެވެ. މިއީ އައިސްދޫރު ދޮރުބޫރު އަލި ދީދީގެ ބަދުރުއްދީން ދީދީ އެވެ. މީހުން ކިޔައި އުޅެނީ އައިސްދޫރު ބަދުރުއްދީން ދީދީ އެވެ. ތަކުރުފާނު ބެއްޔާ ބުންޏެވެ. ހޯހޯއެވެ. ދެން އިތުރު ނުކުރިޔަސް ވަރިހަމައެވެ. ހަދަންވީ ފަންޑިތަ އާއި ކިޔަވަންވީ ކިޔެވެއްޔާއި ލިޔާންވީ ތަވީދު އެނގި ކަށަވަރުވެއްޖެއެވެ. އަހަރެންގެ މާމައަކީ ވެސް ދޮރުބޫރު އަލި ދީދީއާ އެއްބަނޑު އެއްބަފާ އަންހެނެކެވެ. އެހެންވީމާ މަސައްކަތް މިފަށަނީ މަރުވާންދެން ނުވަތަ ރަނގަޅު ވާންދެނެވެ. މިހެން ބުނެފައި މިތަކުރުފާނުގެ ފަންޑިތަވެރިކަމަށް ފަށައިގެންފިއެވެ.

މެދުނުކެނޑި ދެމަސްވާންދެން މިފަންޑިތައެއް ހަދައިފިއެވެ. ފަންޑިތަ ހަދަން ފެށީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕްތަކުގެ ވެރިންނަކީ ތައްކާނުގެ ތަކުރުފާނު ބެއްޔާ އާއި ބަނޑީދިގޭ ބުރުޒުޖަމްހަރު ދީދީ އާއި ބަފައިދަރިގޭ އަބޫނާސިރު ދީދީ އެވެ. ކޮންމެ ރެޔަކު ފަންޑިތަ ހަދަނީ މިއިން ކޮންމެވެސް އެއް ގްރޫޕަކުންނެވެ. މިގޮތުގެ މަތީން ފަންޑިތައިގެ ކަންތައް އެބަހަރަ ކުރިއަށް ދެއެވެ. އެއްރެއަކު ތަކުރުފާނު ބެއްޔާ އަންގައިފިއެވެ. ބޮޑު ރުނބައެއް ހޯދައިގެން ގެންނާށެވެ. އެއީ ތިރީސް އަޑުބައިގެ ގުއްލަތައް ފުރިހަމަވާ ރުނބަ އަކަށް ވާން ޖެހޭނެއެވެ. ޖެހިގެން އައިރޭ މިރުނބާ ގެނެސްފިއެވެ. ރަށުގެ ހަތް ގެއެއްގެ ހަތް ވަޅުން ފެން ގެނެސް ރުނބަޔަށް އަޅައިފިއެވެ. އަދި މައުމެލާމެލީގެ ތެރެއިން ތަފާތު ވައްތަރުގެ ސަތޭކަ މައު ގެނެސް ރުނބަޔަށް އަޅައިގެން އާބާވަތެއްގެ ކިޔެވެއްޔެއް ފަށައިފިއެވެ.

ކިޔަވަން ފަށައިގަތުމުގެ ކުރީން ތަކުރުފާނު ބެއްޔާ އެންގިއެވެ. ކުދީންނޭވެ. އިރު އޮއްސުމުން ރުނބާގެ މަތި ހުންނަންވާނީ ނަގައިފަައެވެ. އިރު އެރުމުން މަތި އަޅައި ފޮތިގަނޑަކުން ބަންދުކުރާން ވާނެއެވެ. މިގޮތުގެ މަތީން ކިޔަވާތާ ތިން ދުވަސްވެއްޖެއެވެ. ބައެއްފަހަރު އަހަރެންގެ ތަބީއަތު ރަނގަޅެއްނޫނެވެ. އަނެއްބައިފަހަަރު ރަނގަޅެވެ. ރަނގަޅު ނޫން ވަގުތު ތަކުގައި ނޭވާލާން އުނދަގޫވެއެވެ.

ތިން ދުވަސް ފަހުން ރުނބާގައި ހުރި ފެންނަގައި އެފެނުން އަހަރެން ހިނަވައިފިއެވެ. ބޮލަށް ފެން އޮއްސައިލުމާއެކު އިހުސާސް ކުރެވުނީ ހަތަރު އަހަރު ވާންދެން ބަނދެފައި ބޭއްވުމަށްފަހު މޮހެލައި ދޫކޮށްލީހެންނެވެ. ބަލިވެ އުޅުނު ކަމުގެ އިހުސާސް ނެތިއްޖެއެވެ. އޭރު މިގޭގެ މަގުމަތީ ފާރެއް ނުހުންނާނެއެވެ. މި ސަރަހައްދު އޮންނާނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށެވެ. އާއްމުގޮތެއްގައި އަހަރެން އޮށޯވެ އޮންނަނީ ބޭރު އުނދޯލީގައެވެ. މި އުނދޯލީގައި ނިދާން އޮވެފައި އަހަރެންނަށް އެއްދުވަހަކު ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. ތެޅިފޮޅެމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ދުއްވައިގަތީމެވެ. ގޭގެ ދޮރާއި ހަމަވިތަނާ ބިންމައްޗަށް ތިރިވާންފަށައިފިއެވެ. ގަސްތަކާއި ނުލައި ހިފުނީ ދޮރު ތަޅުގައެވެ. ތަޅުގައި ހިފުނުކަމުން ބިންމައްޗަށް ނުވެއްޓި ސަލާމަތްވިއެވެ. އޭރު ރަނގަޅަށް ނޭވައެއް ނުލެވެއެވެ. ދެންވީގޮތެއް ނޭގުނެވެ. ޚަބަރު ހުސްވީއެވެ.

ހޭއެރިއިރު އަހަރެން އޮތީ ގޭތެރޭގައި ހުރި އެނދެއްގައެވެ. ދާދި ގާތުގައި ހުރެގެން ތަކުރުފާނު ބެއްޔާ ސުވާލުކުރަނީއެވެ. ސުވާލު ކުރަނީ ރޭ ކަންތައްވީ ގޮތާއިބެހޭ ގޮތުންނެވެ. އަހަރެންނަށް އެނގޭ ވަރަށް ކިޔައި ދިނުމުން ތަކުރުފާނު ބެއްޔާ ބުނެޏެވެ. ތިޔަކިޔައިދިނީ އެއްބައެވެ. އަނެއްބައި ކިޔައިދޭނީ އަހަރެންނެވެ. މިކިޔައިދެނީއެވެ. ކަލެއާ ހިތާވެގެން އުޅުނު ޖިންނި ކުދީންތައް އެވެރިންގެ ސާމާނާއިއެކު ގެއިން ނިކުމެގެން ދިޔައީއެވެ. ނިކުމެގެން ދިޔަ ވަގުތު އެތަނުން ކުއްޖަކު ބޮނޑިއެއް އެޅީއެވެ. އޭ ބަދުރުއްދީނު ދީދީއެވެ. އަދިވެސް މި ސަރަހައްދު އެވެރިންގެ ކިބައިން މުޅިން އަމާނެއް ނޫނެވެ. އެހެންވީމާ ވަށައިގެން ހޯދައި ބަލާށެވެ. ކަލެއަށް ފެންނަ މަންޒަރުތައް މަށަށް ކިޔައިދޭށެވެ. އަހަރެން ވަށައިގެން ހޯދައި ބެލިއިރު ފެނުނީ ދަތްތައް ބޮޑު ބިޔަ ބުޅަލެކެވެ. ކަޅު ބުޅަލެކެވެ. އުސްމިނުގައި ތިން ފޫޓު ހުންނާނެއެވެ. އެސޮރުގެ ކަމަކީ މި ސަރަހައްދު ވަށައިގެން ހިނގުމެވެ. ދޭތެރެ ދޭތެރެއިން އަހަރެންނާއި ދިމާލަށް ބިރުވެރި ގޮތަކަށް ބަލަހައްޓައިގެެން އޮވެއެވެ. އަނގަ ހުޅުވައިގެން އޮންނައިރު ދަތެއްގެ ދިގުމިނުގައި ފަސް އިންޗި ހުރެއެވެ. އެސޮރު އެންމެ ގިނައިން އޮންނަނީ ބަދިގޭ ދޮރާއި ދިމާލުގައެވެ.

މިވާހަކަ ކިޔައިދިނީމާ ތަކުރުފާނު ބެއްޔާ ބުންޏެވެ. ފެންތައްޓެއް ގެނެސް ދޭށެވެ. ކޮންމެވެސް މީހަކު ފެންތައްޓެއް ދިނީމާ ކިޔަވައިފައި ފެންތައްޓަށް ފުމެފުމެފައި ބުންޏެވެ. ތިޔަ ބުޅާގަނޑު އޮތްތަން ދައްކާށެވެ. އަހަރެން ނޫން މީހަކަށް ބުޅަލެއް ނުފެނެއެވެ. ބުޅާ އޮތްތަން ބުނެދިނުމުން އެދިމާލަށް ތަކުރުފާނު ބެއްޔާ ފެންތަށި ހޫރާލައިފިއެވެ. އޭރު ކިޔަވަމުން ދިޔައީ شاهت الوجوه، شاهت الوجوه، شاهت الوجوه، وعنت الوجوه للحي القيوم، وقد خاب من حمل ظلما މިހެންނެވެ. ތަކުރުފާނު ބެއްޔާ ހޫރާލި ފެން ބުޅަލުގެ ގައިގައި ޖެހުމާއެކު އެސޮރު ހުލިވެގެންގޮސް އާއިބު ވެއްޖެއެވެ. އޭގަފަހުން އެ ބުޅާ ނުދެކެމެވެ.

އެދުވަހު ހަވީރު އިރުއޮއްސެން އުޅެނިކޮށް އަނެއްކާވެސްް ނޭވާ ހާސްވާން ފަށައިފިއެވެ. ނޭވާލުމަށް އުނދަގޫ ވެގެން އުޅެނިކޮށް މައިދައިތައާއި ފަހަރި ޒައުޖިސޯދު އައިސް ގެއަށް ވަދެއްޖެއެވެ. އެމީހުން އައީ އަލަ ކަނޑައިގެންނެވެ. އަހަރެން އޮތީ ރަޖާގަނޑެއް އަޅައިގެން ބޭރު ފެންޑާގައި ހުރި އުނދޯލީގައެވެ. އެމީހުން ގާތު އަހަރެން ގެއަށް ވައްދައިދޭށޭ ބުނެފީމެވެ. އެދެމީހުންގެ އެހީތެރިކަމާއެކު ގެއަށް ވައްދައި ދިނުމުން އެނދުގައި އޮށޯތީއެވެ. އޭގެ ފަހުންވީ ކަމެއްް ނޭނގުނެވެ. އަނެއްކާވެސް ޚަބަރު ހުސްވީއެވެ.

ގޭތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ކޮންމެވެސް މީހަކު ބުނެއެވެ. މިފެންފޮދު ޖެހުމުން މިފަހަރު ރަނގަޅު ނުވެއްޖެނަމަ ދެން މިދުނިޔެއަށް ނޭވާލުމެއް ނެތެވެ. ލޯ ހުޅުވައި ބަލައިލެވުނެވެ. ވަރަށް ގިނަ މީހުން ތިއްބެވެ. ބަފައިދަރިގޭ އަބޫނާސިރު ދީދީ އާއި ބަނޑީދިގޭ ބުރުޒުޖަމްހަރު ދީދީ ވެސް ތިއްބެވެ. އެމީހުން ކޮންމެވެސް އެއްޗެއް ކިޔަވައިފައި ފުމެ ހަދަތެވެ. އެ ފެނެއް ޖެހުމުން އަހަރެން މުޅިން ބަރާބަރުވެއްޖެއެވެ. އެއަށްފަހު އުޅުނީ ގަދަވެ ހެޔޮ ހާލުގައެވެ. ހިތްވަރާއި ފަންވަރުވެސް ހުރެއެވެ.

ކުރީގައި ކިޔައިދެވުނު ކަހަލަ އެއްވެސް ކަމެއް ދިމާނުވެ ވަރަށް ގިނަ އަހަރުތަކެއް ފާއިތުވުމަށްފަހު އުމުރުން ފަންސާސް އަހަރު ފަހަނަޅައި ދިޔަފަހުން އަނެއްކާވެސް ޖިންނި ކުދީންގެ ކަންތަކާ ލައިގަނެއްޖެއެވެ. އަހަރެން އޮތީ ގޭގެ ބޭރު ފެންޑާގައި ހުރި އުނދޯލީގައެވެ. އެއީ ވަރަށް ވައިބާރު ވިއްސާރަ ރެއެކެވެ. އަހަރެންގެ އެންމެ ދޮށީ ދަރި އަބުލްހައިސާމް ދީދީ އޭރު ހުރީ ރަށުން ބޭރުގައި އޮޅުވެލި ކިޔާ ރިސޯރޓުގައެވެ. އޭނާގެ އުމުރަކީ އެކާވީސް އަހަރެވެ. އެދީދީ ކައިވެނިކޮށްގެން ހުރީ ރުންކަށިކާރުގޭ މަރިއްޔަތުއްނުފޫސު ދީދީ އާއެވެ. އަހަރެންގެ އެންމެ ކުޑަ އަންހެންދަރި ނަޖުމުއްނިސާ ވަރަށްވެސް ކުޑައެވެ. އެކަނބުލޮ ގޮވައިގެން އަހަރެންގެ އަނބި ގަމަރުއްނިސާ ގިފިއްޔަށް ވަދެގެން އުޅެއެވެ.

ކުއްލިއަކަށް ބިޔަ އަސްދޫނި ތަކެއް އައިސް ގޭގެ ދޮރު މަތީގައި ތިބެ ހަޅޭއްލަވާން ފަށައިފިއެވެ. އިރުކޮޅަކުން އަހަރެންގެ ދަރި އަބުލްހައިސާމް ދީދީ އައިސް އުނދޯލީގައި އިށީދެފައި ބުންޏެވެ. ބައްޕާއެވެ. މިއައީ ބަލިވެ އުޅޭ ޚަބަރު ލިބިގެން ބޭސް ހިފައިގެންނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން ދިޔައެވެ. މިހެން ހުރެފައި ކުއްލިއަކަށް ނިކުމެގެން ދިޔައީ ބޭސްކޮތަޅު އުނދޯލީގައި ބަހައްޓާފައެވެ. އޭނާ ހަމަ ނުކުތްތަނާ ނަޖުމުއްނިސާ ގޮވައިގެން ގަމަރުއްނިސާ ވެސް ގިފިލީން ނިކުމެގެން އަތުވެއްޖެއެވެ. އަހަރެން މިވާހަކަ ބުނީމާ ގަމަރުއްނިސާ ބުންޏެވެ. ހޮޅިވާހަކަ ނުދައްކާށެވެ. މިވަރަށް ވިއްސާރައިރު މަތިންވެސް އަދި އަޑިންވެސް މީހަކަށް ނާދެވޭނެއެވެ. އަހަރެން ބުނެފީމެވެ. ތިޔަކަމެއް ނޭނގުނެވެ. އަބުލްހައިސާމް ދީދީ އައިސްފައި ހަމަދެންމެ ނުކުމެގެން އެދިޔައީއެވެ. ގެނައި ބޭސްކޮތަޅުވެސް މިއޮތީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!