ލައްވާށިއޭ

އެކަލާނގެ ބަސްފުޅު ތެދުކުރާ މުއުމިން ކަމުގަ ލައްވާށިއޭ
އެކަލާނގެ ރުއްސެވުމަށް ރުހޭނެ އަޅުން ކަމުގަ ލައްވާށިއޭ

ޤުރުއާނުގައިވާ އަކުރުތަކަކުން ފޮނިކަމާ ހިތްހަމަޖެހުން
ބުރުހާން ކަމަށްވާ މާތް ފޮތުން އިސްލާމުނަށް ދެއްވާށިއޭ

“އަލިފުން” އަޅުންނަށް އުލްފަތާ ފާގަތި ދުވަސް މެދުވެރި ވެގެން
އަލި ނޫރު އެކުވެރިކަންމަތީ އަބަދަށްޓަކައި ދިއްލޭށިއޭ

“ބާއިން” ކުރާހާ ޢަމަލުގައި ބަރަކާތް ލިބޭނޭހައި ގޮތުން
ޚާލިޞް ހިތުން އަޅުކަން ކުރަން ތައުފީޤުވެސް ދެއްވާށިއޭ

“ތާއިން” ވެދިޔަ ކުށްފާފަޔާ މެދު ހެޔޮ ހިތުން ތައުބާ ވެގެން
“ޘާއިން” ޘަވާބުގެ ތިލަފަތަށް ބަރުވާނެ މަގު ދައްކާށިއޭ

“ޖީމުން” ޖަމާލާ ހައިބަވެތި ފުރިހަމަ ކަމެއް ޤާއިމްވެގެން
“ޙާއިން” އެކަން ދެމެހެއްޓުމަށް ހިކުމަތް ތަކެއް ދެއްވާށިއޭ

“ޚާއިން” އަޅުންނަށް ދެއްވަވާ ހެޔޮ ކަންތަކާ ޚައިރާތްތަކަށް
“ދާލުން” ފިކުރުތައް ހިންގަވާނެ ދަލީލުތައް ދައްކާށިއޭ

“ޛާލުން” ޛަކާޢާ ތޫނު ވިސްނުން އަޅުތަކުންނަށް ދެއްވަވައި
“ރާއިން” އިލާހީ ރަޙުމަތުގެ ދޮރު ދާއިމަށް ހުޅުވޭށިއޭ

“ޒާއިން” ޒަކާތާ އިތުރު ޠާހިރުކަން މުދަލުގައި ލައްވަވައި
“ސީނުން” ސަޢާދަތު ބާއްޖަވެރި ދެޙަޔާތުގައި ލައްވާށިއޭ

“ޝީނުން” ނުރައްކާ ބަލިތަކަށް ދެއްވައި ޝިފާ ހެޔޮ ޞިއްޙަތެއް
“ޞާދުން” ޞިދުޤުވެރިކަން އިލާހީ ރަޙުމަތުން ދެއްވާށިއޭ

“ޟާދުން” ޟިޔާޢުގެ ނޫރަކުން ފިކުރާ ޚިޔާލަށް އަލިވެގެން
“ޠާއިން” ޠަރާވަތު ވިސްނުމުގެ ތާޒާ ކުރައްވާފާށިއޭ

“ޘާއިން” އަޅުންނަށް ކާމިޔާބާ ގިނަވި ޘަފްރާ ލައްވަވައި
“ޢައިނުން” ޢުލޫމީ ރޫޙުތައް އާލާމެކޮށް ދެއްވާށިއޭ

“ޣައިނުން” ޢިނާޔަތު ދެއްވަވައި ބޭނުންތަކެއްވެސް ފުއްދަވައި
“ފާފުން” ފަލާޙާ ކާމިޔާބީ މަޙްޝަރުން ދެއްވާށިއޭ

“ޤާފުން” ލިބޭތޯ ޤުރުބަތެއް އިބަ ޙަޟްރަތަށް ކުއްތަންވެގެން
“ކާފުން” އެމަގު ތަނަވަސް ވެގެން އަޅަމެން ކަރާމާތްވާށިއޭ

“ލާމުން” ހިތެއް ފޭރާންވެގެން ލުޠުފާގެ ވެރިއެއް ކަމުވެގެން
“މީމުން” އަހައިގެން މައުޢިޟާ ދެޙަޔާތު ހެޔޮ ފެންނާށިއޭ

“ނޫނުން” ވިދާ އަލި ނޫރަކުން ރަޙުމަތުގެ ދޮރުތައް ހުޅުވުމަށް
“ވާވުން” އަޅުގެ ހެޔޮހާ ޢަމަލް ވުޞްލާ އަކަށްމެ ވެދާށިއޭ

“ޔާއިން” ޔަޤީނުން ޙަޟްރަތަށް ރައްބީގެވެރި ދާ ދުވަހުގައި
އާމީން، ފޮހެވި ކުށްފާފަތައް ފިރުދައުސުގައި ލައްވާށިއޭ

Leave a Reply

Your email address will not be published. Required fields are marked *