حزب النصر ފޮތުގެ ވާހަކަ 1

މިހެން އުޅޭއިރު ރަށަށް ދެވެނީ ހާލަކުން ފަހަރަކުއެވެ. އެންމެފަހުން ދެވުނު ފަހަރުވެސް ހުރެވުނީ ތިން ދުވަހުއެވެ. މަގޭ އެކުވެރި ގައްޔޫމު ދީދީ ވެސް ރަށުގައި ހުރި ދުވަސްކޮޅެއްވީމާ ގާތްތިމާގެ މީހުންގެ ގޭގެއަށް ވަދެލައި ހާލުއަހުވާލު އޮޅުންފިލުވުމުގެ ބުރެއްގައި ދެވެރިން އިރުމަތީ އަވަށުގެ ގެއަކަށް ވަދެލި ދުވަހެކެވެ. މިބުނިގޭގައި އުޅުއްވާ ބަދުރުއްދީނަކީ އުމުރުން މިހާރު ނުވަދިހަޔާއި ގާތްކޮށްފައިވާ ހަރު މުސްކުޅިއެކެވެ. އަހަރެމެން ދިޔައިރު ބަދުރުއްދީނުވެސް ގޭގައި އުޅުއްވައެވެ.

ގޭގެ ބޭރު ފެންޑާ އިހަށް ހަދާފައި ހުރިބައިގައި މިހާރު ހުންނަނީ ފާޑެއްގެ ސްޓޫޑިއޯއެކެވެ. އެއީ ދާރުލްއާސާރަކަށްވެސް ސައިންސް ލެބޯޓަރީއަކަށްވެސް އަދި ޒިޔާރަތަކަށްވެސް ފުދޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ބަދުރުއްދީނު އިންނެވީ އެ ސްޓޫޑިއޯގައިވާ އުނދޯއްޔެއްގައި ގުރުއާން ޚަތިމު ކުރެއްވުމުގައެވެ. އެއީ ރޯދަމަހެވެ. އެހެންވީމާ އަޅުކަމާއިގެން ނޫންގޮތަކަށް ބަދުރުއްދީނު ފެނުމަކީވެސް ނާދިރު ކަމެކެވެ. އުނދޯލީގައި އަޅާފައި އޮތީ ގައްދޫ ބައިނާ ބުރިކުރި ތުނޑު ކުނަލެކެވެ. މުޅިން ހުދު ކަންނެޔޮތަކެއްގެ ތެރޭގައި ބަދުރުއްދީން އިންނެވީ ހުދު މުންޑެއްގައެވެ. ބޮލުގައި އޮތީ ހުދު ރުމާލެކެވެ. އަހަރެމެން ވަދެ ސަލާން ގޮވާފައި ކައިރީގައި އިށީދެއްޖައީމެވެ.

ދެން މިތާގައިތިބެ އެކިވާހަކަ ދައްކަމުންގޮސް ނިކަން ލާނެތް ޒާތަކަށް ގައްޔޫމު ދީދީ އަހައިފިއެވެ. ބަދުރުއްދީން ބޭބޭވެ. ތިޔައީ ޖިންނީންގެ މިތުރެކޭވެސް ކިޔާތީ އިވެއެވެ. އަޅެ އެއްޗެކޭ ހިތަށް ނާރުވައި އެވާހަކަ ކިޔައިދިނުން އެދެވިގެންވެއެވެ. މިހިސާބަށް އައުމުގެ މަގްސަދަކީވެސް އެއީއެވެ. ބަދުރުއްދީނު ބުންޏެވެ. މިޒާތުގެ ވާހަކަތައް ކިޔައިދިނީމާ ކަލޭމެން ކުދީން އަންނާނީ ހިންޏެވެ. ގަބޫލެއްވެސް ނުކުރާނެއެވެ. އަމްދުން ތިޔައިން ގައްޔޫމު ދީދީއަކީ ބޮޑުވެގެންވާ އިބިލީހެކެވެ. މިހެން ބުނެފައި ހިނިގަނޑެއް ޖަހައިލައިފައި ވާހަކަކިޔައިދޭން ފަށައިފިއެވެ.

އޭރު މަގޭ އުމުރުން 34 އަހަރެވެ. ހަނދު މަހެއްގެ ދެވަނަ ދުވަހެވެ. މީލާދީ ސަނަތުން 1965 ވަނަ އަހަރެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނޫނެވެ. ގޭގައި ލައިގެންކާނެ މަސްކޮޅެއް ނެތެވެ. އެހެރަގޭގައި އުޅޭ މުލަކު ޒައިދާން އައިސް މަގޭ ކައިރީގައި ބުނެފިއެވެ. މިރޭ ތިމަން ގޮވައިގެން މަސްހިފަންް ގޮސްދީފިނަމަ ރާބަންޖެއް ދޭނަމެވެ. އެރޭ މެންދަމުން އަލިވެ އެކެއް ޖެހުމާއެކު ޒައިދާނަށް ގޮވައި އޭނާ ތެދުކޮށްގެން ދާ ހިފައިގެން ދެވެރިން ދިޔައީ ރަށުގެ ހުޅަނގު ފަރާތު އަތިރިމައްޗަށެވެ. ހިނގާފައިގޮސް ހިކަހެރައިގެެ އާނުގަނޑާ ހަމަވިއިރު ލަނޑާތަކެއް ފެނިއްޖެއެވެ. އަވަސް އަވަހަށް މަސްތަކާއި ދިމާއަށް ދާ އެއްލައިފީމެވެ. ދަލުގެ ދަށުގައިވި ލަނޑާތައް ނަގަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ ވަރަށް ގާތުގައި އޮތް ހުދުކުލައިގެ އެއްޗެކެވެ. ރަނގަޅަށް ބަލައިލުމުން އެއީ ގަބުރެއްކަން ކަށަވަރުވެއްޖެއެވެ.

އެތަނުން ދާ ނަގައިގެން ދެން ދިޔައީ ރަށުގެ ގޮނޑުދޮށާއި ދިމާލަށެވެ. ގަބުރުގެ ފެނުމުގެ ސަބަބުން ހުޅަނގުފާރާތަށް ދިއުން ހުއްޓާލައި ދެން މިސްރާބު ޖެހީ އިރުމައްޗަށެވެ. ވަރަަށް ގިނައިން މަސް ހިފެއެވެ. މަސްހިފަމުންގޮސް ހުދުވެލިގަނޑު ފަންނާއި ހަމަވިއިރު އުފުލަން ފަސޭހަ ނޫން މިންވަރަށް މަސް ހިފިއްޖެއެވެ. މަސްހިފަމުން ދިޔައިރު އާދައިގެ ރޭރެޔާ ޚިލާފަށް ރެދަން ގަދައެވެ. ގިނައިން މަސްހިފެއެވެ. ކޮށިފަންނާއި ހަމަވުމުން ހުރިހާ މަހެއްގެ ބަނޑު ފަޅައި ދޮވެ ސާފުކޮށް މަސްތައް ހިފައިގެން އެރީ އެއްގަމަށެވެ. އަހަރެމެން ގޮސް އަރުބެ މިސްކިތާއި ހަމަވިއިރު ފަތިސް ނަމާދުން ނިމިގެން މީހުން ފައިބަނީއެވެ. ބޮޑުބަންޑާޑިގޭ ދީދީ އާއި އަހުމަދުގެ ކަރުމާނީ ވެސް މިސްކިތުން ފައިބަނީއެވެ. އަހަރެމެންނާއި އަރާހަމަވެފައި ކަރުމާނީ ބުނެފިއެވެ. ހުރިހާ މަހެއް ހިފީ ފަޅުތެރޭން މަސް ހުސްކުރަންހެއްޔެވެ. އަހަރެމެން ބުނީމެވެ. ހުސްކުރާކަށް ނޫނެވެ. މިއަދަށް ވާވަރަށް ހިފީއެވެ.

މިސްކިތުގެ ވަޅު ދޮށަށް ގޮސް މަސްތައް ބަހައްޓާފައި ފެންވެރުމަށްޓަކައި ބޮލަށް ދާންޏެއްގެ ފެން އޮއްސައިލުމާއެކު އަހަރެން ރޫރޫ އަޅަން ފަށައިފިއެވެ. ހީކެރުވުން ބޮޑުކަމުން ޚަބަރު ހުސްވާން އުޅޭކަހަލަ އިހުސާސް ތަކެއް ކުރެވެން ފަށައިފިއެވެ. ޒައިދާން ކާރީގައި ބުނެފީމެވެ. އަހަރެންގެ ދުވަސް މިހިރަގެން ދަނީއެވެ. މިހެން ބުނެފައި އަވަސްްގޮތަކުން ފެންވަރައި ނިމިގެން ފަތިސް ނަމާދުކޮށްފީމެވެ. ނަމާދުން ނިމިގެން ދެމީހުން ދިޔައީ ގެއަށެވެ. ގެއަށްގޮސް ދާ ދޮވެ ވަޅު ދޮށުގައި މަސްތައް ބެހެއްޓުމަށް ފަހު ގޭތެރެއަށް ވަދެއްޖައީމެވެ. އަހަރެންގެ އަނބި ގަމަރުއްނިސާ އޮތީ އަހަރެމެންގެ ދެވަނަ ދަރި އަރުބާޒު ދީދީ ވިހައިގެންނެވެ. ދޮށީ ދަރި އަބުލްހައިސާމް ދީދީ އަށް އޭރު ތިން އަހަރެވެ. އޭރު މިގެއަކީ މިހާރު މިފެންނަހެން ހުރި ގެއެއް ނޫނެވެ. އޭރު މިއީ ޖިފުޓިއެކެވެ. ގެއަށް ވަދެ ދޮރާއި އެންމެ ގާތުން ހުހަށް ހުރި އެނދުގައި އޮށޯވެއްޖައީމެވެ.

އެނދުގައި އޮށޯވެވުނުކަން ދެނަހުރީމެވެ. އެހިސާބުން ޚަބަރު ހުސްވީއެވެެ. وَتَوَكَّلْ عَلَى اللَّهِ وَكَفَىٰ بِاللَّهِ وَكِيلًا އަހަރެންނަށް ހޭވެރިކަންވިއިރު ފުރާވަރުގެ ރީތި ތިން އަންހެން ކުދީން ކައިރީގައި ތިއްބެވެ. އެވަރުގެ ޗާލުކަމާއި ފުރިހަމަކަމުގެ މިސާލެއް އިންސާނުންގެ ތެރެއަކުން އިހަށް ފެނިފައި ނެތެވެ. އެކުދީންގެ ބޮލުގެ އިސްތަށިގަނޑު އުނަގަނޑުން ތިރިއަށް ފައިބައެވެ. ބޮލުގައި ކަށިމަލާއި މޫނިމާ ޖަހާފައިވެއެވެ. އެއްކުއްޖެއްގެ ހުޅީގައި ފިނިފެންމާ ޖަހާފައިވެއެވެ. ތިން ކުދިންވެސް ތިބީ އަހަރެން އޮތް އެނދުގެ ކުރިމަތީގައި ގޮނޑިތަކެއް އަތުރައިގެން އެ ގޮނޑިތަކުގައި އަހަރެންގެ ޚިދުމަތުގައެވެ.

އެއްކުއްޖަކު އަނެއްކުއްޖަކާއި ސަމާސާކޮށްް ހަދައެވެ. އަހަރެންނާވެސް ސަމާސާ ކުރެއެވެ. އެއީ އަހަރެންގެ ހިތް އުފާކޮށްދީ މުނިއަވަސް ފިލުވައިދިނުމަށް ތިބި ގަހުރަމާނުން ފަދައެވެ. އެކުދީން ތިބީ ހުދު ފަށުވި ހެދުމުގައެވެ. ހެދުމުގައި ވަނީ ސަނދުވާ އެލުވައިފައެވެ. އެއިން ކުއްޖަކު އަހަރެންނަށް ގޮވާލި އަޑު އިވުނެވެ. އަޑުގެ އޮމާންކަމާއި އަސަރު ގަދަކަމުން ހައިރާންވެ އަންތަރީސްވިއެވެ. އެކުއްޖާ އަހަރެންނާއި ސުވާލުކުރިއެވެ. ކައިފިން ހެއްޔެވެ. އަހަރެން ނުކާނަމޭ ބުނީމާ ބުންޏެވެ. ނުކައި އޮންނާކަށް ނުވާނެއެވެ. މިހެން ބުނެފައި ކާތަކެތި ގެނެސް ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ސުފުރާ ތައްޔާރުކޮށްލައިފިއެވެ.

ސުފުރާގައި ހުރީ ރޫސިޔާ ބަތާއި ރިހަޔާއި ފިހުނު މަހެވެ. އަދި ކަށިކެޔޮ މެޓަލާއި ތާޒާ މޭވާ އެވެ. ރޫސިޔާބަތް އަޅާފައިހުރީ ކޮޅުނބު ހިއްޗަޅަ ތައްޓަކަށެވެ. ތަށީގެ ކާރީގައި ދެވައް ދޮންކެޔޮ އޮތެވެ. އެއީ މާޅޮސްކޭލެވެ. ފިހެފައިވާ މަހުގެ ކޮންމެ މަހެއްގެ ދިގުމިނުގައި ދެ ފޫޓު ހުންނާނެއެވެ. މަހުގައި ޅިއަ އަޅާފައިވަނީ ދިގަށެވެ. އަހަރެން ނުކާނަމޭ ބުނެ ބޮޑާހޭކީމާ އެ ކުދީން ބުނެފިއެވެ. އަނގައިގައި ލައްވަންވީ ހެއްޔެވެ. އަހަރެން ބުނީމެވެ. ނޫނެކެވެ. ނުކާނަމޭ ބުނިއިރު އިހުސާސްކުރެވުނީ ގަދަފަދައަށް ހުން އައިސްގެން އޮތްކަމެވެ. މިހާލުގައި އޮވެވުނީ ކިހައި ދުވަހަކަށް ކަމެއް ނޭނގެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!