ޣަންގާ ދޫންޏަކަށްވެސް ތަގުދީރު ބަދަލެއް ނުކުރެވުނެވެ

ޣަންގާ އަކީ ސުލައިމާނުގެފާނުގެ ދަރުބާރުގެ ދޫނި މަންދޫބުންގެ ތެރެއިން އެންމެ އިސް އެއްމަންދޫބެވެ. އެއްދުވަހަކު ޣަންގާ އިނީ ދަރުބާރުގައެވެ. އެވަގުތު އުޑުން ޚަބަރު ގެނެސްދޭ ޖިންނީންގެ ވަފުދެއް ވަރަށް ޚާއްސަ ޚަބަރަކާއިގެން އަތުވެއްޖެއެވެ. އެޚަބަރަކީ މައުރިބުގެ ރަސްގެފާނަށް އަންހެން ދަރިކަނބަލަކު ލިބިވަޑައިގެންފި ވާހަކަ އާއި މަޝްރިގުގެ ރަސްގެފާނަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި ކަމުގެ ޚަބަރެވެ. އަދި މިދެބޭފުޅުން ބޮޑުފުޅުވެ ފުރާފުރިހަމަ ވުމުން ކައިވެނީގެ ބޭރުން ނާޖާއިޒު ގުޅުމެއް ހިނގާނެ ކަމެވެ. އަދި އެގުޅުމުން ބޭފުޅަކުވެސް ފައިދާވާނެ ވާހަކައެވެ.

އުޑުން ޚަބަރު ގެނައި ޖިންނީންގެ ވާހަކަ އަޑު އަހާން އިނދެފައި ޣަންގާ ބުނެފިއެވެ. ހަމަހިލާ ތިޔަކަން ވިޔަކަ ނުދޭނަމެވެ. ތިޔަކަން ނުހިނގާނެ ތަދުބީރެއް ތިމަންނާއަށް އެނގިގެން ވެއެވެ. މިއަވަސްވެގަތީ ތިޔަކަން ހުއްޓުވާން ކުރާން ޖެހޭ ކަންތައް ކުރުމަށެވެ. މިހެން ކިޔާފައި އުދުއްސައިގެންފިއެވެ. އެދިޔަ ގޮތަށް ގޮސް ޖެއްސީ މައުރިބުގެ ރަސްގެފާނުގެ ގަނޑުވަރުގެ ދޮރުމަތީގައެވެ. ރަނގަޅު ދަނޑިވަޅެއް ބަލާފައި ރަސްގެފާނުގެ ތުއްޕުޅު ދަރިކަނބަލުންގެ އެނދު ދާންކޮޅު ހުރި ކޮޓަރި ކޮޅަށް ވަދެއްޖެއެވެ. ދާންކޮޅުގައި ދަރިކަނބަލުން އޮންނެވީ ރީތި ފަށުވި ސާލެއްގައެވެ. ދާންކޮޅުގެ ވަށައިގެން ހިނގާލައިފައި ދަރިކަނބަލުން  ތުނބުގައި ލައިގެން  ނުކުމެ އުދުއްސައިގެންފިއެވެ. އެވަގުތު މަންމާފުޅު އޮންނެވީ އަވަހާރަފުޅު ލެއްޕެވިފައެވެ. ހޭފުޅު ލެއްވިގެން ބެއްލެވި އިރު ދާންކޮޅު ހުހެވެ.

ޣަންގާ އުދުހެމުން އުދުހެމުން ގޮސް ރަށް އޮބާންދެން އުދުހިއްޖެއެވެ. ތަންކޮޅެއް ތިރިއަށް ބަލާލި އިރު ފެންނާން އޮތީ ކަނޑެވެ. އިރުކޮޅަކުން ފެނުނީ އެކަނޑުގެ މެދުން އުފުލިފައިވާ އުސް ފަރުބަދަ އެކެވެ. ޣަންގާ މިސްރާބު ޖެހީ ފަރުބަދައިގެ މައްޗަށް ތިރި ކުރުމަށެވެ. ތިރި ކުރަމުން ދިޔައިރު ފަރުބަދައިގެ މެދުގައި ހުރި ބިޔަ ބޮޑު ގަހެއް ފެނުނެވެ. ޣަންގާ ގޮސް ޖެއްސީ ސީދާ ގަހުގެ އެންމެ މަތީގައި ހުރި ފަލަ ގޮފިގަނޑެއްގެ މަތީގައެވެ. ގޮފިގަނޑުގެ މަތީގައި ދޫނި ހާއްޔެއް ގޮތަށް ދާނެއް ހަދާފައި ދަރިކަނބަލުން ބާއްވައިފިއެވެ. އެއަށްފަހު ޣަންގާ އެނބުރި ހިނގާއްޖެއެވެ. އެހެން ނަމަވެސް ދަރިކަނބަލުންނަށް ފަރީއްކޮޅު ހިފައިގެން  އާދެއެވެ. އެފަރުބަދަ އަކީ ކަނޑެއްގެ މެދުގައި ހުރި ވަރަށް އުސް ފަރުބަދައެއް ކަމުން އެއްވެސް އިންސިއަކަށް އެތަނަށް ވާސިލެއް ނުވެވެއެވެ. ދަރިކަނބަލުން ބޮޑުފުޅުވެގެން އަންނަނީ ގިނިކަންޏާ ގަހުގައި އިންނަވައިގެންނެވެ.

ދޫނި ސޫފާސޫފި ނޫން އެހެން އެއްވެސް މަޚްލޫގަކު ވަށައިގެންވާ މާހައުލަކުން ފެނިވަޑައި ނުގަންނަވައެވެ. އެކި ވައްތަރު ދޫނިތަކުގެ ގޮވެލި ތަކާއި ރާގު ތަކުގެ އަޑު ނޫން އަޑެއްވެސް އިވިވަޑައި ނުގަންނަވައެވެ. އެހެންކަމުން ހީފުޅުވެފައި އޮތީ ތިމަންނާ އަކީވެސް ގަހުގައި ދިރިއުޅޭ ދޫނި އާއިލާގެ މެމްބަރެއް ކަމުގައެވެ. ދުނިޔޭގެ ބިމަކީ އޮތް ތަނެއް ކަންވެސް އަދި އެހެން މަޚްލޫގުން އެބިމުގައި ލެއްވި ކަމެއް ވެސް އެނގިވަޑައިގެނެއް ނުވެއެވެ.

މައުރިބުގެ ރަސްގެފާނުގެ އެންގެވުމަށް މުޅި ދުނިޔޭގޭ އެއްކޮޅުން އަނެއް ކޮޅަށް މިދަރިކަނބަލުން ނުފެނިގެން ހޯދަމުން އައުދެއެވެ. ރަމަލު ޖަހާ މީހުން ދޭ ޚަބަރަކީ ދަރިކަނބަލުން ދިރި ދުނިޔޭގައި ހުންނެވި ކަމަށާއި ކޮންމެވެސް އާދަޔާ ޚިލާފު ދޫންޏެއްގެ ހިމާޔަތާއި ރައްކާތެރި ކަމުގެ ދަށުގައި ހުންނަވައިގެން ބޮޑުފުޅު ވަމުން އަންނަ ކަމަށެވެ. މިހައިއިރު ދަރިކަނބަލުންގެ އުމުރުފުޅުން ސޯޅަ އަހަރުވެ ބޮޑުފުޅުވެއްޖެއެވެ.

މަޝްރިގުގެ ރަސްގެފާނުގެ ފިރިހެން ދަރިކަލުންނަށް ވެސް ސޯޅަ އަހަރު ފުރި ބޮޑުފުޅު ވެއްޖެއެވެ. އެހައިއިރުން އެދަރިކަލުން ދުނިޔެ ބައްލަވާލެއްވުމަށް ދިގުވެގެންވާ ދަތުރަކު ނިކުމެވަޑައިގަތުމަށް ބޭނުންފުޅު ވެއްޖެއެވެ. ދަރިކަލުން މިވާހަކަ ވިދާޅުވުމުން ދުނިޔެ ވަށައިގެން ދަތުރު ކުރެވޭ ވަރުގެ ބޮޑު ނަވެއް ބަންނާން އަމުރު އަތުވެއްޖެއެވެ. ނައު ބަނުމަށް ރަސްގެފާނުގެ ދަރުބާރުގައި އަމުރު ނިކުތްތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ނައު ބަންނާން ފަށައިފިއެވެ.

ނައު ބަންނާން ފެށިތާ ތިންމަސްވީ އިރު ބަނދެ ނިމިގެން ބާލައިފިއެވެ. ދަތުރަށް ބޭނުންވާ ކޮއްތާއި ފެނާއި ދަރުފަދަ ތަކެތި އަރުވައި ތައްޔާރު ކޮށްފިއެވެ. ދަތުރު ކުރާނެ މާލިމީންނާއި ފަޅުވެރިން އެރުމާއިއެކު ރަސް ދަރިކަލުން ގޮވައިގެން ނައު ދަތުރަށް ފަށައިފިއެވެ. މަޝްރިގުގެ ރަސްގެފާނުގެ ދަރިކަލުން ދުނިޔެ ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނައު ދުއްވާތާ ތިންވަނަ އަށް ވީ ދުވަހު މެެންދުރު ފަހުގެ ވަގުތެއްގައި ވަރުގަދަ ވެގެންވާ ވިއްސާރަ ތޫފާނެއްގައި ޖެހިއްޖެއެވެ. ތޫފާނުގެ ގަދަފަދަ ވަޔާއި ރާޅު ބާނި ތަކުގެ ތެރޭގައި އެއްވެސް ތަނެއް ނުފެނި ނައު ބެހިގެން އެތައް ގަޑި އިރެއް ހިނގާއްޖެއެވެ. ނަވުގެ މާލިމީންނާއި ފަޅުވެރީންނަކީ މުޅި މަޝްރިގުގައި ތިބި ކަނޑު ދަތުރު ފަތުރުގެ އެންމެ ކުޅަދާނަ ފަހުލަވާނުންނެވެ. އެހެން ނަމަވެސް މިދިމާވި ތޫފާނަކީ އެމީހުން ދުވަހަކުވެސް ތަޖުރިބާ ކޮށްފައި ނުވާ ފަދަ ތޫފާނެކެވެ. އެހެން ކަމުން އެމީހަކަށް އެނގޭ ހެޔޮ އެއްޗެއް ކިޔެވުމާއި ތަކްބީރު ކިޔުން ފިޔަވައި ކުރެވޭނެ އެހެން ކަމެއް ނެތެވެ. މިފަދަ ހާލެއްގައި ވަނިކޮށް ކުއްލިއަކަށް އިވުނީ ނައުގޮސް ހަރު ތަނެއްގައި ފިސާރި ބާރަށް ޖެހުނު އަޑެވެ.

ނައު ޖެހުނު ތަނެއްގައި ޖެހުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިއްސާރަ މަޑުވެ ދުނިޔެ މަތި އަލިވާން ފަށައިފިއެވެ. ނަވުގައި ތިބި މީހުންނަށް ފުރަތަމަ ހީކުރެވުނީ ހިކި ފަސް ތަނަކަށް ނައު ބީހުނީ ކަމަށެވެ. ނަމަވެސް ތޫފާން މުޅީން މަޑުވެ ދުނިޔެމަތި އަލިވުމުން އެއީ ބޮޑު ފަރެއް ކަހަލަ ތަނެއް ކަން އެނގުނެވެ. ރަނގަޅަށް ބަލާލި އިރު އެއީ ކަނޑުގެ މެދުން އުފުލިފައިވާ ފަރުބަދައެއްގެ ކޮންމެވެސް ހިސާބެކެވެ. ނައު އޮތީ ފަރުބަދަ މައްޗަށް ބީހި ހަރުލާފައެވެ. ދުނިޔޭގެ ތަފާތު ބައްރުތައް ބައްލަވާލެއްވުމަށް ކެތްތެރި ކަން ކުޑަވެފައި ވާތީ އެންމެ ފުރަތަމަ ނަވުން ފައިބައިވަޑައިގަތީ މަޝްރިގު ރަސްގެފާނުގެ ދަރިކަލުންނެވެ. ނައު ބީހިފައިވާ ހިސާބުގެ ތިރިއަށް ރަނގަޅަށް ބައްލަވާލައްވައިފިއެވެ. އެއަށް ފަހު އުޑާއި ދިމާލަށް މައްޗަށް ބައްލަވާލެއްވިއެވެ. ދަރިކަލުންނަށް ފެނިވަޑައިގަތީ އަޖާއިބުން ފުރިގެންވީ މަންޒަރެކެވެ. ނައު ލައްގާފައި މިވަނީ ކަނޑު މެދުގައި ހުރި ފަރުބަދަ އެއްގެ މައްޗަށެވެ. ކަނޑުގެ ޞަތަހައިން ފެށިގެން އެތައް ސަތޭކަ ފޫޓެއްގެ މައްޗަށް އުފުލިފައިވާ ފަރުބަދައެއްގެ ވެސް މައްޗެވެ. ކަނޑުގެ ލޮނުގަނޑު ފެންނަނީ މާތިރިން މާދުރުންނެވެ.

ނަވުގެ ފަޅުވެރިން ތިބީ ދަރިކަލުންގެ އިޝާރާތަކަށް ބަލަބަލައެވެ. އެހިނދު ނަވުން ދެމީހަކު ފައިބައިގެން އައުމަށް ގޮވާލައްވާފައި ދަރިކަލުން ކުރިއަށް ހިންގަވައިގެންފިއެވެ. އެހިނދު ނަވުގައި ތިބި މީހުންގެ ތެރެއިން ބާރުގަދަ ދެ ފަހުލަވާނަކު އަވަސް އަވަހަށް ނަވުން ފައިބައިގެން ދަރިކަލުންގެ ފަހަތްޕުޅުން ހިނގައިގެން ފިއެވެ. ފަރުބަދަމަތީގެ މަގުތައް އަޑި ގުޑަން ވެފައި ދައްޗެވެ. އެހެންނަމަވެސް ދަރިކަލުން ބޭނުންފުޅުވީ ފަރުބަދައިގެ އެންމެ އުސް ކުންނަށް އަރާވަޑައިގަތުމަށެވެ. އެންމެ އުސް ހިސާބުގައިހުރި ނިކަ ގަސް ޒާތަށް ދުރަށްް ފެތުރިފައިވާ ބިޔަ ގަހެއްގެ ގޮފިތައް ތިރިއަށް އެލިފައިވާ ތަން ފެނިވަޑައިގަތެވެ. އެއީ ވަރަށް އާދަޔާއި ޚިލާފު ބޮޑު ގަހެއް ކަމުން ގަހުގެ ކައިރީން އެއްވެސް އިންސާނެއްގެ ހިލަމެއް ފެނޭތޯ ބެއްލެވުމަށް ދަރިކަލުންގެ ޝައުގު ވެރިކަން ބޮޑުވިއެވެ. މިފަދަ ބޮޑެތި ގަސްގަހުގެ ކައިރީގައި ނުވަތަ ގަހުގެ މަތީގައި އިންސީންނާއި ޖިންނީން އުޅޭ ކަމަށް ވާހަކަ ތަކުން އަޑު އައްސަވައިފައިވާތީއެވެ.

މަޝްރިގުގެ ރަސްދަރިކަލުން މިބިޔަ ގަހުގެ މައި ބުޑު ގަނޑު ކައިރީގައި މަޑު ކޮށްލައްވައިފިއެވެ. ގަހުގެ ވަށައިގެން ބިންމަތީގައި އެއްވެސް އިންސާނެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ދެން ގަހުގެ ގޮފިތަކުގެ ތެރެއިން މައްޗަށް ނަޒަރު ހިންގަވާ ލައްވައިފިއެވެ. އެވަގުތު އެންމެ މަތީގައި ހުރި އެންމެ ފަލަ ގޮފި ގަނޑުގައި ކުޑަ ގެއެއް ޒާތުގެ ހިޔާކޮށްފައިވާ ތަނެއް ފެނިވަޑައިގަތެވެ. އެއީ ކޮންމެވެސް އިންސާނަކު ދިރި އުޅެން ހަދާފައިވާ ތަނެއް ކަމުގައި ވިސްނިވަޑައިގަތެވެ. އެހެންވެ އެތަން ބައްލަވާލެއްވުމަށް ގަހަށް އަރާވަޑައިގަތުމަށް ރަސް ދަރިކަލުން ބޭނުންފުޅު ވެއްޖެއެވެ. އެހިނދު ރަސްދަރިކަލުންގެ އަރިހުގައި ތިބި ދެމީހުންނަށް ވިދާޅުވިއެވެ. ނަވަށް ގޮސް އެއިގެ ވާވެލާވެލީގެ ތެރެއިން ފަލަ ވަލެއް ހިފައިގެން އަންނާށެވެ.

ވާ ހިފައިގެން އައުމުން އެވަލުގެ އެހީގައި ރަސްދަރި ކަލުން އިސާ ހިތަކު މިގަހަށް އަރާވަޑައިގެންފިއެވެ. އަރައިވަޑައިގެން މަޑުކޮށްލެއްވީ އެއްކަލަ ގޭގެ ދޮރުމަތީގައެވެ. އެހިނދު ރަސްދަރިކަލުންނަށް ފެނިވަޑައިގަތީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ގޭގެ ތެރޭގައި ހަދާފައިވާ އެނދު ދާންކޮޅެއްގައި އޮންނެވީ ހޫރު ޕަރީއެއް ފަދަ ދޮން ރީތި ކަމަނާއެކެވެ. އާސޯޚުވާފަދަ ރީތިކަމަކާއި ފުރިހަމަ ކަމެކެވެ. އައުރަ ނިވާ ކުރާން ޖެހޭ ކަމެއް އެކަމަނާ ދެނެވަޑައިގެން ނުވެއެވެ. ރަސްދަރިކަލުންނަކީ އެކަމަނާ އަށް ފެނިވަޑައިގެންނެވި ފުރަތަމަ އިންސާނާއެވެ. ފުރަަތަމަ ނަޒަރުންވެސް ގޮތް ނޭގޭ އިހްސާސް ތަކެއް ދައުރުވެއްޖެއެވެ. ދެ ބޭފުޅުންނަށްވެސް އިހްސާސްވެވަޑައިގަތީ ޒާތެއްގެ މަސްތެކެވެ. ގިނަ އިރެއް ނުވެ ލޯބީގެ ފުން ކަނޑަކަށް ގެނބި ވަޑައިގެންފިއެވެ.

މައުރިބުގެ ރަނި ކަމަނާ އާއި މަޝްރިގުގެ ރަސްދަރި ކަލުންނާއި ދެމެދު އިސާހިތަކު ނާޖާއިޒު ގުޅުމެއް ހިނގައިފިއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސުލައިމާނުގެ ފާނުގެ ދަރުބާރަށް މިޚަބަރު ލިބިއްޖެއެވެ. އުޑުން ޚަބަރު ގެނެސްދޭ ޖިންނީން މިޚަބަރު ދިން އިރު ޣަންގާ ވެސް ދަރުބާރުގައި ހުއްޓެވެ. އެވަގުތު ޣަންގާ ބުނީ ތިޔައީ ވާނެ ކަމެއް ނޫން ކަަމަށެވެ. އަންހެން ދަރިކަނބަލުން ރައްކާތެރި ކުރެވިފައި ވަނީ އެއްވެސް އިންސާނަކަށް މިވީ ހިސާބަށް ވާސިލްވެވިފައިވާ ތަނެއްގައި ނޫން ކަމަށެވެ. އެވަގުތު ދަރުބާރު ދޫކޮށްފައި ޣަންގާ އުދުއްސައިގަތީ އެ ކަމަނާ އިންނަވާ ފަރުބަދަ އަށެވެ. ޣަންގާ ދިޔައިރުވެސް ލޯބީގެ މަސްތުގައި މައުރިބުގެ ރަނިކަމަނާ އާއި މަޝްރިގުގެ ރަސްދަރި ކަލުންނާއި ތިއްބެވީ ދާންކޮޅުގައެވެ. މިމަންޒަރު ފެނުމުން ޣަންގާ ގަތް ލަދުން އެވަގުތުން ފެށިގެން އުދުހެން ފެށި ގޮތަށް އަދިވެސް ޖައްވުގައި އުދުހެމުންދާ ކަމަށް ކިޔަތެވެ.
” مدعی لا کھ براچاہے وہی ھوتاہے جو منظور خدا ھوتا ہے ” މުއްދައީ ލާކު ބްރާޗާހޭ ، ވޮހީ ހޯތާހޭ ޖޯ މަންޒޫރޭ ޚުދާ ހޯތާހޭ.

ނޯޓް : މިވާހަކަ އަކީ އަރަބި ބޯދާ ވާހަކައެއްގެ ޚުލާސާއަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަސްލު ވާހަކައިގެ ޚުލާސާ ކިޔާ ދެއްވާފައި ވަނީ އަހުމަދު ނާސިރެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *