ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 3

ޕްރިންސް ދީދީއަށް ސެލިއުޓްކުރުން

ކޮޅުނބަށް ކަލޭ އައީ އަހަރެން ރާއްޖެ ގެންދަންވެގެންނޭ ބުނިއިރު އެއީ ހުވަފެނުގައިވެސް ކަލެއަށް ކުރެވޭނޭ ކަމެއް ނޫނެވެ. މޮޅިއްޔާ އަޅެ ގެންގޮސްބަލާށެވެ. ކަލޭގެ ކުރިމަތީގައި ހުރެގެން ދިވެއްސަކު ގޮވައިފާނެކަމަށް ކަލޭ ހިތަށްވެސް ދުވަހަކު ނާރާތަކެތި އަހަރެން ގޮވައިފީމެވެ. އެހެނޭކިޔާފައި ކުރެވޭނެ ހަމައެއްކަމެއްވެސް ނޯންނާނެއެވެ. މިހިސާބަށް ވާހަކަ ދިޔައިރު ނާސިރު ކޯފާވެގެން ރޫރޫއަޅައެވެ. ކުއްލިއަކަށް ދޮރުހުޅުއްވައިފައި ބޭރުގައި ހުރި އެހީތެރިޔަކަށް ވިދާޅުވިއެވެ. ފުލުހުން ގެނެސް މިހިރަ އައްޑޫ ކަލޭގެ ހައްޔަރު ކުރުވާށެވެ. މިކަލޭގެ އަހަރެންގެ ހުރުމަތް ކަނޑާލައިފިއެވެ. މިއީ ސިލޯނުކަމަށްވިޔަސް މި އެމްބަސީގައި އޮންނާނީ ދިވެހި ދައުލަތުގެ ހުކޫމަތެވެ.

އިރުކޮޅަކުން ފުލުހުންގެ ދެމީހަކު އަތުވެއްޖެއެވެ. އެމީހުންނަށް ނާސިރު ވިދާޅުވިއެވެ. މިހިރަ މީހާ ރާއްޖޭގެ ބޮަޑުވަޒީރުގެ ހުރުމަތާއި މި އެމްބަސީގެ ހުރުމަތްވެސް ކަނޑާލައިފިއެވެ. ވީމާ ހަމަމިހާރު މީނާ ހައްޔަރު ކުރާށެވެ. މިހެން ވިދާޅުވީމާ ފުލުހުންގޮސް ޕްރިންސް ދީދީގެ ދެއަތުގައި ހިފަހައްޓައިފިއެވެ. އެވަގުތު ސިންގަޅަ ބަހުން ދީދީ ބުންޏެވެ. އަތުން ދޫކޮށް ދުރަށް ދާށެވެ. އަހަރެންނަކީ ކާކުކަން މި އަންގަނީއެވެ. އެވެރިން ދުރަށް ޖެހުނީމާ ކޯޓުގެ ޖީބުން ކާޑެއް ނަގާފައި ފުލުހުންނަށް ދައްކައިފިއެވެ. ހަމަދެއްކުމާއެކު ފުލުހުންގެ ދެމީހުންވެސް ޕްރިންސް ދީދީއަށް ސެލިއުޓްކޮށް ވީ އާރ ސޮރީ ސަރއޭ ކިޔާފައި ނުކުމެގެން ހިގާއްޖެއެވެ.

ފުލުހުން ދިޔައީމާ ކުޑަކޮށް ހީލާފައި ޕްރިންސް ދީދީ ބުންޏެވެ. ކޮބާ ރީތިވެއްޖެ ނޫންހެއްޔެވެ. ކަލެެއަކީ ބޮޑުވަޒީރުކަމަށް ވެގެން އެވެރިން މިހާރު ސެލިއުޓް ނެގީ ކަލެއަށް ހެއްޔެވެ. ނޫނީ އަހަރެންނަށް ހެއްޔެވެ. މިއީ މާލެއެއް ނޫނެވެ. މިއީ ސިލޯނުގެ ކޮޅުނބެވެ. މިތާގައި ހުރިހާ ކަމެއް ފަހިވެފައި އޮތީ އަހަރެންނަށެވެ. އަހަރެންނަކީ މިތާގެ ރައްޔިތެކެވެ. މިތާގެ ސިއްރު ފުލުހުންގެ ސީނިއަރ އޮފިސަރެކެވެ. މަތިމައްޗަށް މިތަނަށް ފުލުހުން ގެނަޔަސް އެވެރިން ދާނީ އަހަރެންނަށް ސެލިއުޓް ކޮށްފައެވެ. މިތާގެ ބޮޑުވަޒީރުގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓުގައި އަހަރެން މަސައްކަތް ކުރިޔަސް ރަސްމީ ވަޒީފާގެ ހައިސިއްޔަތު އޮތީ މިކާޑުގައެވެ. އަހަރެން މިތާނަށް ގެނެސްގެން ޖަހާން އުޅުނު ސަކަރާތް ޗޮކުން ދިޔައީ އެހެންވެއެވެ.

މިހެން ބުނެފައި ޕްރިންސް ދީދީ ނުކުމެގެން ހިގާއްޖެއެވެ. އޭނާ ދިޔައިމާ ސަފީރު ގެންނަވާފައި ނާސިރު ވިދާޅުވިއެވެ. އެކަލޭގެއަކީ އާދައިގެ ވިސްނުން ގެންގުޅޭ މީހެއް ނޫނެވެ. ވީމާ ދެން ހަދަންވީގޮތަކީ އެކަލޭގެ އަގާއި ހުރުމަތް ކެނޑޭނެ ކަހަލަ ކަމެއް ފެށުމެވެ. އޭނާއަކީ ޕްރިންސެއް ނޫންކަމާއި ވަގެއްްކަމާއި މިތަނަށް އައީ ފިލައިގެންކަން ސިލޯނުގެ ހުރިހާ ނޫސްތަކާއި ސަރުކާރަށްވެސް އެނގޭވަރު ކުރުމެވެ. ދިވެއްސަކުކަމާއި ވަގެއްކަން މިތާގެ ކޯޓުގައި ސާބިތުކޮށްދެވިއްޖެނަމަ ހުރިހާ ކަމަކަށް މަގު ފަހިވެދާނެއެވެ. އެހެންވީމާ ކޮޅުނބުގެ ހައިކޯޓަށް އަލުން މައްސަލައެއް ވައްދާންވީއެވެ. ކުރީފަހަރު ނާކާމިޔާބުވިޔަސް މިފަހަރު އެހެންވިޔަދީގެން ނުވާނެއެވެ. ރިޝްވަތު ދީގެންވިޔަސް މިކަން ކުރާން ޖެހޭނެއެވެ.

މައްސަލަ އަލުން ކޯޓަށް

ނާސިރު އެންގެވި ގޮތަށް ކޮޅުނބުގެ ކޯޓަށް މައްސަލަ ވައްދައިފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަމާޒަކީ ވައްކަމުގެ މައްސަލައެއްގައި ކުށްވެރިވެގެން މާލެ ގެންދަނިކޮށް ފިލައިގެން ކޮޅުނބަށް އައިސް ޕްރިންސް ދީދީއޭ ކިޔައިގެން ޕްރިންސްކަށްވެގެން ނަން ބަދަަލުކޮށްގެން އުޅެނީ އައްޑޫ ހިތަދޫ މުހުއްމާއިދި ކަން ސާބިތުކޮށްދިނުމެވެ. ފިލައިގެން އުޅޭ ކުށްވެރިއެއްކަން ސާބިތުކޮށްދިނުމެވެ. ދާޚިލިއްޔާއިން ތައްޔާރުކޮށްފައިވާ ފައިލުވެސް ހުށަހެޅިއެވެ. އޭގައިހުރީ ރަން ނެގި މައްސަލައިގެ ރިޕޯޓާއި މާލެދާން ފުރި އޮޑީގެ މާލިމީގެ ބަޔާނާއި ޝަރުއިއްޔާގެ ބަޔާނެވެ.

ކޯޓަށް މި މައްސަލަ ބަލައިގެންފައި ޕްރިންސް ދީދީ ހާޒިރުކޮށްފިއެވެ. ޕްރިންސް ދީދީ ބުންޏެވެ. މިއީ ހޮޅި ވާހަކަތަކެކެވެ. ރޯނުބައި ބުހުތާނު ދޮގެވެ. އަހަރެންނަކީ ރަސްކަލެއްގެ ދަރިއެކެވެ. ޕްރިންސެކެވެ. އެބުނާ އައްޑޫއަކީ ދުވަހަކުވެސް ދިޔަތަނެއް ނޫނެވެ. ކުޑައިރު ބައްޕަ އަހަރެން ގޮވައިގެން މިތަނަށްއައިސް ކިޔަވަން ބެހެއްޓިގޮތަށް ރާއްޖެއަކަށް ނުދަމެވެ. ރާއްޖޭގެ ރަސްކަމުގެ ހަގީގީ ވާރިސަކީ އަހަރެންނެވެ. ސަރުކާރުން އެއުޅެނީ އަހަރެންގެ އަގު ވައްޓާލައި ހައްގު ފޭރިގަތުމަށެވެ. ކޮޅުނބުގެ ހައިކޯޓުން 1954 ވަނަ އަހަރު ނިންމާފައިވާ ނިންމުން ބެލީމާ އެންމެނަށްވެސް މިއީ ހޮޅި ދައުވާއްކަން ސާބިތުވާނެއެވެ.

ސަރުކާރުގެ ފަރާތުން ވަކާލާތު ކުރީ ސިލޯނުގެ ވަރަށް މަޝްހޫރު ގާނޫނީ ވަކީލެކެވެ. ދީދީގެ ފަރާތުން ވަކާލާތު ކުރީ އޭނާ އަމިއްލައަަށެވެ. ދައުވާޔަށް އިންކާރު ކުރީމާ ސަރުކާރުގެ ވަކީލު ބުންޏެވެ. ކުރިން ތިޔަމައްސަލަ ނިމިފައި އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭ ހެކި ނުލިބިގެންނެވެ. މިފަހަރު ހެކި އެބަހުއްޓެވެ. މިއީ ކާކުކަން ސާބިތުކޮށްދިނުމަށް ފުދިއިތުރުވާވަރަށްވެސް ދިވެހި ދަައުލަތުގެ ނިޝާން ޖަހާފައިހުރި ލިޔުން އެބަހުއްޓެވެ.

މިހެން ބުނެފައި ވަރިކައިވެނީގެ ލިޔުމާއި ކުއްޖަކު ހުރިކަމުގެ ލިޔުމާއި ރަނުގެ މައްސަަލައިގެ ތުހުމަތާއި އޮޑީގެ މާލިމީގެ ބަޔާންވެސް ކޯޓަށް ދައްކައިފިއެވެ. މިތަކެތި ދައްކާފައި ސަރުކާރުގެ ވަކީލު ބުންޏެވެ. މީނާގެ މަންމަ ހިތަދޫ ކޮރޮވަލިގޭ އާމިނާއިދި މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. މިހިރީ ހައްތާވެސް ހެކި ނޫންހެއްޔެވެ. އާ ހެކިތަކާމެދު ބުނަނީ ކޮންވާހަކައެއްހޭ އެހީމާ ދީދީ ބުންޏެވެ. ތިޔައީ މުޅިންވެސް ދޮގު ނަގުލީ ލިޔުންތަކެވެ. އަހަރެންގެ މައްޗަށް ދޮގު ދައުވާއެއް ކުރަނީ ދިވެހި ސަރުކާރުން ކަމަށްވެފައި އެ ސަރުކާރުގެ ނިޝާން ޖަހާފައި ހިތަަށްއެރިހާ އެއްޗެއް ލިޔެގެން އައިސް މިއީ އަހަރެންގެ ވަނަވަރޭ ބުނީމާ އިންސާފު ގާއިމުކުރާ ކޯޓެއްގެ ފަނޑިޔާރުންގެ ކުރިމަތީގައި އެއީ ބުރަދަންހުރި ގަރީނާއަކަށް ވާނެބާވައެވެ. ނުވާނެއެވެ.

މިވެރިން ލިޔުން އުފައްދައިގެން އައިސް މިހިރީ މަހާތުމާ ގާނދީއޭ ބުނީމާ އަހަރެން މިއީ މަހާތުމާ ގާނދީ ކަމަށް ވާނެބާވައެވެ. އެބުނާ މަންމައަކު ދުނިޔޭގައި ހުރިނަމަ މިކޯޓަށް ގެންނާންވީއެވެ. މިތާގައި އެމަންމަ މިހިރީ ތިމަންނާގެ ދަރިއޭ ބުނެފިއްޔާ އަހަރެންވެސް އެކަމާ އެއްބަސްވެގެން ރާއްޖެ ހިގައިދާނަމެވެ. ކޯޓުން ދިވެހި ސަރުކާރަށް އަންގައިފިއެވެ. ކަލޭމެން އެ މަންމަ ހާޒިރު ކުރާށެވެ. މިހެން އެންގީމާ ސަރުކާރުގެ ވަކީލު ބުންޏެވެ. އެމީހާ ގެނެވޭކަށްނެތެވެ. މިހާރު އައްޑޫ އޮތީ ވަކި ސަރުކާރެއް ހަދައިގެން ދިވެހި ދައުލަތުގެ ހުކޫމަތުގެ ދަށުން ވަކިވެފައެވެ. އެމީހަކު ހުރީ އައްޑޫ ހިތަދޫގައެވެ.

ޕްެރިންސެއްކަން ސާބިތުކޮށްދިންގޮތް

މިވާހަކަ އަޑުއަހާން ހުރެފައި ޕްރިންސް ދީދީ ބުންޏެވެ. ދިވެހި ސަރުކާރުން އެދައްކަނީ ކޯޓުގެ ވަގުތު ނަގާލަންވެގެން ހެއްކާއި ގަރީނާކަމަށް ނުފުދޭ ބޭކާރު ވާހަކަތެކެވެ. އަހަރެން މިދައްކާ ވާހަކަ ސާބިތުކޮއްދެވޭނެ ހެކި އަހަރެންގެ އަތުގައި އެބަހުއްޓެވެ. ކޯޓުން އަންގައިފިއެވެ. އެހެންވިއްޔާ ދީދީގެ ފަރާތުން އަވަހަށް ހެކި ހުށަހަޅާންވީއެވެ. މިހެން އެންގީމާ ތިންހަތަރު ގަނޑު ފޮޓޯ ހުށަހަޅައިފިއެވެ. މި ފޮޓޯތަކަކީ ޕްރިންސް ދީދީ ތަންކޮޅެއް ކުޑައިރު އެދީދީގެ ބައްޕަ ވާރަގޭ އިބްރާހިމް ދީދީއާއެކު މާލެގޮސް އުޅުނުއިރު އަތިރީގޭގައި އެގޭ ބޭފުޅުންނާއެކު ނެގިފެއި ހުރި ގްރޫޕު ފޮޓޯތަކެކެވެ. މިހުރިހާ ދުވަހު ދީދީ އުޅުނީ ވަރަށް ފަރަވާތެރިކޮށް މިތަކެތި ރައްކާކޮށްގެންނެވެ.

މިފޮޓޯއިން ރަންނަބަނޑޭރި ކިލެގެފާނު ދައްކާފައި އެއީ ބައްޕައޭ މުހައްމަދު ފަރީދާއި ހަސަން ފަރީދު ދައްކާފައިި މިއީ ބޭބެމެންނޭ ނޫރައްދީނު ބަންޑާރައިންގެ ދޮންގޮމާ ދައްކާފައި މިއީ މަންމައޭ ދެން ޕްރިންސް ދީދީ ދައްކާފައި މިއީ އަހަރެންނޭ ބުނެފިއެވެ. މި ފޮޓޯތައް ބަލާފައި ސަރުކާރުގެ ވަކީލާއި ހެކީންވެސް ޕްރިންސް ދީދީ ނޫން އެހެން އެންމެންނަކީ ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާކަމަށް އެއްބަސްވެއްޖެއެވެ. ޕްރިންސް ދީދީއަކީ ފޮޓޯގައި ހުއްޓަސް ބީރައްޓެއްސެކޭ ބުނެފިއެވެ.

ޕްރިންސް ދީދީ ބުންޏެވެ. އަޖައިބެެކެވެ. މިިތާގައި ދެން ހުންނާންވީ ކޮން ބީރަަައްޓެއްސެއްހެއްޔެވެ. މިއީ އަހަރެންގެ އާއިލާއެވެ. މިހެން ބުނީމާ މިކަން ޔަގީންކުރަން ފޮޓޯ ބަލައިގެން އާއިލީ ވައްތަރު ދެނެގަތުމުގެ މާހިރުންގެ އެހީ ހޯދުމަށް ކޯޓުން ނިންމައިފިއެވެ. މިޒާތުގެ މާހިރުން ހޯދުމަށް ކޯޓުން އިއުލާންކުރީމާ ދިހަމީހުން ކުރިމަތިލައިފިއެވެ. އޭގެތެރެއިންވެސް މިކަމަށް އެންމެމޮޅު މީހުން ބަލާފައި ފަސްމީހަކު ހޮވައި ކޯޓުން އެންގީ މި ފޮޓޯތަކުގައި މިތިބީ އެއްއާއިލާއެއްގެ ބަޔަކުތޯ ބަލައި ޔަގީންކޮށްދޭށެވެ. ދީދީއަކީ މިއާއިލާގެ ތެރެއިން މީހެއްތޯ ނޫނިއްޔާ ބީރައްޓެއްސެއްތޯ ޔަގީންކޮށްދޭށެވެ. މިކަންކުރުމަށް ކޯޓުން ދިނީ ހަފުތާއެއްގެ މުއްދަތެވެ.

ހަފުތާއެއް ހަމަވީދުވަހު ކޯޓަށް ގޮސް މިވެރިން ކިޔައިފިއެވެ. ވަރަށްގިނަ ބެލުން ބަލައިފީމެވެ. އެކިިއަރިމަތިން އެކިގޮތަށް ބަލައިގެންވެސް އަހަރެމެން ފަސްމީހުންނަށްވެސް އިއްތިފާގުވެވެނީ މިއީ ހަމަ އެއްއާއިލާއެއްގެ މީހުން ކަމަށެވެ. މިތާގައި ބީރައްޓެއްސަކު ނެތެވެ. ދިވެހި ސަރުކާރުން ހުށަހެޅި ހެކި ނަފީވުމާއި ހެކީންނޭ ކިޔާފައި ދައްކާން ބޭނުންވި މީހުން ކޯޓަށް ގެނައުމަށް އުޒުރުވެރިވުމާއި ޕްރިންސް ދީދީ ހުށަހެޅި ހެކީގެ ސައްހަކަން ތަޖުރިބާކާރުންގެ ޖަމާއަތަކުން ސާބިތުކޮށްދިނުމާއި ކޮޅުނބުގެ ހައިކޯޓުން ކުރިންވެސް ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށްފައި ޕްރިންސް ދީދީއަކީ ދިވެހިރާއްޖޭގެ ހަގީގީ ޕްރިންސެއް ކަމަށް ކޯޓުން ހުކުމްކޮށްފިއެވެ. އަދި ދިވެހިސަރުކާރުން ހެދީ ދޮގުކަމާއި މަގްސަދަކީ ޕްރިންސް ދީދީގެ ހުރުމަތް ކަނޑައިލުންކަމަށްވެސް ނިންމައި ފައިސަލާކޮށްފިއެވެ.

ކޮޅުނބުގައި ޕްރިންސް ދީދީގެ އުޅުން

ކޯޓުން މައްސަލަ ނިމުނީމާ ނާސިރު ކޯފާވެގެން ސަފީރުކަމުގައި ހުންނެވި ބޭފުޅާ ވަކިކުރައްވައި އާސަފީރަކު ފޮނުއްވައިފިއެވެ. މީގެފަހުން ޕްރިންސް ދީދީއާ ބެހުންވެސް ހުއްޓިއްޖެއެވެ. ދުވަސްކޮޅެއް ފަހުން ޕްރިންސް ދީދީގެ ގަޔަށް ފިސްތޯލަ ޖަހައި މަރަން މަސައްކަތް ކުރުމުގެ ހާދިސާއެއްވެސް ހިނގިއެވެ. ދީދީގެ ގަޔަށް ފިސްތޯލަ ޖެހީ އެދީދީ އިނދެގެން ހުރި ފާތިމާ ބީބީގެ ބޭބެއެވެ. އެއީވެސް ފުލުހެކެވެ. ގޭގެ މަައްސަލައެއްގައި ޕްރިންސް ދީދީއާ އަރާރުންވެގެންގޮސް ފިސްތޯލަ ޖެހީއެވެ. ވަޒަން އެރީ ޕްރިންސް ދީދީގެ ކަކުލަށްވުރެ ތަންކޮޅެއް މަތިން ފައިގެ ފަލަމަސްގަޑަށެވެ. އަނިޔާވެފެއި ހުރެގެންވެސް ރައްދު ހަމަލާދީ އެމީހާ މައިތިރިކުރިއެވެ. އެ ކުރިމަތިލުމުގައި އެމީހާއަށް ލިބުނު އަނިޔާއަށް ހަސްފަތާލުން ފަރުވާ ހޯދަމުންދަނިކޮށް ފަސޭހަނުވެ މަރުވީއެވެ. މިމައްސަލައިގެ ތަހުގީގުގައި ދީދީ ބުނީ ތިމަންނަ ހަމަލާދިނީ ނަފްސުގެ ދިފާއުގައި ކަމަށެވެ. ފުލުސް އޮފިސަރަކުވީމާ ނަފްސު ދިފާއުވެވޭނެއެވެ. މިމައްސަލަވެސް ނިމުނީ ދީދީއާ އެއްކޮޅަށެވެ.

ސުވާދީބު މައްސަލައިގެ ދުވަސްވަރު ރާއްޖޭގައި ނެރުނު ނޫހަކީ ވިޔަފާރިމިއަދޭ ކިޔުނު ނޫހެކެވެ. އޭގައި ހުންނަނީ އަފީފުމެންނަށް އަނގަޔަށް އައިހާ އެއްޗެއް ގޮވައިފައެވެ. އެކަމަކު ޕްރިންސް ދީދީގެ ވާހަކައެއް ދުވަހަކުވެސް ނުލިޔެއެވެ. އޭގެ ސަބަބަކީ ޕްރިންސް ދީދީއާ ދިމާކޮށްގެން ސަރުކާރު އަބަދުުވެސް ބަލިވުމާއި ދީދީގެ ބާރު ސިލޯނުގައި ބޮަޑުކަމުން މާލޭގައި ތިބެގެންވެސް އެދީދީއާ ބެހެން ބިރުގަތުމެވެ. ނޫހުގައި ލިޔާ ބޮޑެތި މީހުން ދޭތެރެޔަކުން ސިލޯނަށް ދާންޖެހިފައި އޮންނާތީ އެވެރިން ޕްރިންސް ދީދީއަށް ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

ދީދީ ސިލޯނުގައި އުޅުނުއިރު ތިމާގެ މީހުންނާ ކިތަންެމެގިނައިން ބައްދަލުވިޔަސް ދުވަހަކުވެސް ހިތަދޫ ބަނޑުގެ ދަރިފުޅާއި ބައްދަލެއްނުވެއެވެ. އެކަމަކު ކުރީގެ އަންހެނުން މަރިޔަމް ދީދީއާ 1978 ވަނަ އަހަރު ބައްދަލުވިއެވެ. އެއީ ހިތަދޫ އަހުމަދު ސާލިހާއި އައިސާއިދިމެންނާއެކު ކޮޅުނބަށް ގޮސްގެން އުޅެނިކޮށެވެ. އެންމެންވެސް ތިއްބައި ޕްރިންސް ދީދީ ބުންޏެވެ. މަރިޔަމް ދީދީ އަހަރެންނާއެކު ގެޔަށް ހިނގާށެވެ. މަރިޔަމް ދީދީ ހީގެންފައި ބުންޏެވެ. ހައިރާނެއް ނުވާނޭ ބާވައެވެ. އަހަރެންނަކީ މިހާރު މުހައްމައިދިއާ ބެހޭ މީހެއްވެސް ނޫނީމެވެ. މިޖަވާބު ލިބުނީމާ ޕްރިންސް ދީދީ ބުންޏެވެ. ދީދީއާ އަހަރެން އިނީ ވަރިކުރާކަށް ނޫނެވެ. ދީދީ ވަރިއެއް ނުކުރަމެވެ.

ސާދިގާއި ދީދީގެ ބައްދަލުވުންތައް

ޕްރިންސް ދީދީ ކޮޅުނބުގައި ހުރިއިރު އެދީދީއާ އެންމެ ގިނައިން ދިމާވެ ވާހަކަ ދެކެވިފައިހުރި މީހަކީ ކޮރޮވަލިގޭ މަރިޔަމް ދީދީގެ ފާތުމާއިދީގެ އަބްދުﷲ ސާދިގެވެ. މިއީ ޕްރިންސް ދީދީއާ ދެބެންގެދަރި މީހެއްގެ ދަރިއެކެވެ. އެންމެ ފުރަތަމަޔަށް ދިމާވީ 1974 ވަނަ އަހަރުއެވެ. ޕްރިންސް ދީދީ ހޯދާންވެގެން އެކިމީހުން ކުރެން ކޮންތާކު އުޅޭ މީހެއްތޯ އަހަމުންދަނިކޮށް ކޮންމެވެސް ފިހާރައެއްގެ ސޭޓު ބުނެފިއެވެ. ތިމަންނާގެެ ދަރިފުޅާއި ޕްރިންސް ދީދީގެ ދަރިފުޅު ކިޔަވަނީ އެއްކުލާހެއްގައެވެ. ދަރިފުޅު މެދުވެރިކޮށް މެސެޖެއް ފޮނުވައިދީފާނަމެވެ. މިހެން ބުނެގެން އަބްދުﷲ ސާދިގު ނޯޓެއް ލިޔެފައި ދީފިއެވެ. އޭގައި ލިޔުނީ ތިމަންނާއަކީ ޕްރިންސް ދީދީއާ ތިމާގެ ހިތަދޫ މީހަކީމެވެ. ބައްދަލުކުރަން ބޭނުމެވެ. ހުންނަނީ ގޯލްރޯޑުގެ މިވެނި ނަންބަރު ގޭގައެވެ.

އަނެއްދުވަހު ޕްރިންސް ދީދީގެ ޖަވާބުވެސް އަތުވެއްޖެއެވެ. އޭގައި ލިޔެފައިއޮތެވެ. ތިޔަ ބުނި ގެއަށް މިވެނި ދުވަހެއްގެ އެވެނި ގަޑިޔަކު އެބައަންނަމެވެ. ތައްޔާރުވެގެން ހުންނާށެވެ. މިހެން އެންގީމާ އަބްދުﷲ ސާދިގު ހުރީ ވަރަަށްގިނަ ދިވެހިން އެއްކޮށްްގެން ޖަމާއަތެއް ހަދައިގެންނެވެ. އިންތިޒާރުގައި މިވެރިން ތިއްބާ ޕްރިންސް ދީދީ އައިސް އަހައިފިއެވެ. އަހަރެންނަށް ނޯޓު ފޮނުވި ކުއްޖާ ކޮބައިހެއްޔެވެ. މިއީ ޕްރިންސް ދީދީއެވެ. އެތާގައި ހުރި މާލޭ މީހަކު ބުންޏެވެ. މިތިބަ އެންމެންގެ ތެރެއިން ޕްރިންސް ދީދީ މޮޅިއްޔާ ދީދީއާ ތިމާގެ ކުއްޖާ ހޯދައިބަލާށެވެ. ދެން ޕްރިންސް ދީދީ ކޮންމެ މީހެއްގެ ކައިރިޔަށްގޮސް މޫނަށް ބަލަބަލާފައި އެންމެ ދުރުގައިހުރި އަބްދުﷲ ސާދިގުގެ އަތުގައި ހިފާފައި ބުންޏެވެ. ތިމާގެ ކުއްޖަކީ މިހިރީއެވެ. ކޮއްކޯއޭ ކޮޅުނބަށް އައިސްގެން އުޅެނީ ކީއްކުރަންހެއްޔެވެ.

ސާދިގު ކޮޅުނބަށް ކުރި އެހެން ދަތުރެއްގައިވެސް ޕްރިންސް ދީދީއާ ދިމާވެގެން ސާދިގާއި އޭނާގެ އަންހެނުން ގޮވައިގެން ބޮޑުވަޒީރު ސްރީމާވޯ ބަންޑާރަނައިކަގެ ގަޑުވަރަށް ދިޔައެވެ. އެހެންނަމަވެސް ގަޑުވަރުގެ ބޭރުގައި ހަތިޔާރާއެކު ގިނައަދަދެއްގެ ސިފައިން ތިބީމާ ސާދިގުގެ ދެމަފިރިން ބިރުން އެތެރެއަކަށް ނުވަދެއެވެ. ޕްރިންސް ދީދީގެ ޖީބުން ކާޑެއް ނަގާފައި ދެއްކީމާ އެދުވަހުވެސް ސިފައިންގެ މީހުން ސެލިއުޓްކޮށްފައި އެދީދީ އެތެރެއަށް ވައްދައިފިއެވެ.

ހިތަދޫ އަލިބެއްޔާގެ މޫސާއިދިއާ އެދީދީގެ އަންހެނުން ހުސައިންރަހާގެ ފާތުމާއިދި ކޮޅުނބަށް ގޮސްގެން އުޅެނިކޮށް ޕްރިންސް ދީދީއާ ބައްދަލުވެގެން ދެކެވުނު ވާހަކަޔަކީވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ. މޫސައިދިއަކީ ސިޔާސީގޮތުން ތަފާތު ވިސްނުމެއް ގެންގުޅުނު މީހަކަށްވީމާ ދެވެރިންގެ މެދުގައި ދެކެވުނު ވާހަކަ ހޫނުވެގެން ވަރުގަދަ ޒުވާބަކަށް ބަދަލުވިއެވެ. ޕްރިންސް ދީދީ ހިތަދޫގައި އުޅުނު ދުވަސްވަރު އަލިބެއްޔާގެ މޫސައިދީގެ ފަރާތުން ކުރިމަތިވި އާއިލީ މައްސަލައެއްގެ ވާހަކަވެސް ގޮވައިލިއެވެ.

ފަންޑިތަފޮތުގެ ވާހަކަ

މާލެ ފޮނުވާންވެގެން ހިތަދޫ ގުދަނުގައި އޮވެފައި ހެޔޮއެއްޗެއް ލިޔެފައިވާ ފޮތެއް ބޭނުންވެގެން އެއްރޭ ނުކުމެގެންގޮސް އެޅެގެއޭ ކިޔުނު ގެޔަށް ވަދެ ބޮނޑަގޭ ހުސައިންބެއްޔާ ގެންގުޅުނު ފޮތެއް ނެގީމާ ނެގުނީ ޝަމްސުލް މައާރިފުލް ކުބްރާއޭ ކިޔުނު ފަންޑިތަ ފޮތް ކަމަށާއި މިހާރުވެސް އެފޮތް އެބައޮތްކަމަށް ޕްރިންސް ދީދީ ބުންޏެވެ. ފޮތް ނެގި މައްސަލާގައި ހުސައިންރަހާގެ ފާތުމައިދި މާފުކޮށްްފިއްޔާ އެދީދީގެ ފިރިމީހާ މޫސައިދީއަށް މާފުކޮށްދީފާނަމޭވެސް ބުންޏެވެ. ބޮނޑަގޭ ހުސައިންބެއްޔާއަކީ ހުސައިންރަހާގެ ފާތުމާއިދީގެ މުނިމާފައެވެ. ސިލޯނުގެ ބޮޑުވަޒީރާއި ޕްރިންސް ދީދީއާ އޮންނަ ގުޅުމުގެ އަސްލަކީ ދީދީ ކައިރިން ފަންޑިތަ ހެދުމޭ ބުނެ ހިތަދޫ ބައެއް މީހުން ދައްކާ ވާހަކަތަކަށް އެދީދީ ޖަވާބެއް ނުދެއެވެ.

ޕްރިންސް ދީދީއާ ބެހޭގޮތުން ހިތަދޫ ބައެއް މީހުން ވަރަށް ގިނަ ވާހަކަ ހަދަހަދައިގެން ކިޔަައެވެ. އޭގެތެރެއިން އެއްވާހަކަޔަކީ ގަމުން އިނގިރޭސިން އަދި ނުފައިބަނީސް ޕްރިންސް ދީދީ ފުލައިޓެއްގައި އައިސް ހިތަދޫ މަތިން ބުރުޖެހި ވާހަކަައެވެ. ތިމަންނާ މިހާރު ހުންނަނީ މިވެނިތަނެއްގައޭ ލިޔެފައި ހިތަދޫ މަގުމަގަށް ސިޓީއެޅި ވާހަކައެވެ. މިވާހަކަޔަކީ އެއްވެސް އަސްލެއްނެތް ފުލޯކު ވާހަކައެކެވެ. އެހެންނަމަވެސް ސިލޯނު ކަސްޓަމުން ހިތަދޫ އޮޑިފަހަރުގެ މީހުންނަށް ބައެއްފަހަރު ދަތިކަންފޯރީމާ ޕްރިންސް ދީދީ ކައިރިއަށްގޮސް ބުނެގެން ފަސޭހަަގޮތްް ހޯދި ވާހަކަ ވަރަށް ގިނަމީހުން އަމިއްލަ ތަޖުރިބާޔާއެކު ކިޔައިދެއެވެ. އެއީ ސައްހަ ވާހަކަތަކެކެވެ. އެ ވާހަކަތަކުގެ ގިނަކަމުން މިކަހަލަ ލިޔުމެއްގައި ހިމަނާން އެކަށީގެންވާވަރަށްވުރެ ދިގެވެ.

އެހެން ކައިވެންޏެއްގެ ވާހަކަ

ޕްރިންސް ދީދީއާ ބެހޭގޮތުން ގިނަ މީހުންނަށް ނޭގި އޮންނަ އެއްކަމަކީ ހިތަދޫ ކުއްދައިތާގެ މަރިޔަމް ދީދީއަކީ އެދީދީގެ އަލަތު އަނބިމީހާ ނޫންކަމެވެ. މަރިޔަމް ދީދީއާ އިނުމުގެ ކުރިން ހިތަދޫ މޫސާއިދީގެ އާމިނާއިދިއާވެސް ވަނީ އިނދެފައެވެ. މި އިނުމަކުން ކުއްޖަކު ނުލިބެއެވެ. ވަރަށް އަވަސް ވަރިއެކެވެ. ވަރިކުރި ސަބަބު އެއްވެސް ބަޔަކު ނުދަނެއެވެ. މަރިޔަމް ދީދީއާ ކައިވެނިކުރިކަން މަޝްހޫރުވެފައި އޮންނަނީ ޕްރިންސް ދީދީ ރަށުން ފުރިއިރު މަރިޔަމް ދީދީ ބަލިވެއިނުމާއި ކުއްޖަކު ލިބުމުގެ ސަބަބުންނެވެ. އަދި ތަންކޮޅެއް ފަހުން ނާއިބުގެއަށްގޮސް މަރިޔަމް ދީދީ އަމިއްލަޔަށް ކައިވެނި ރޫޅުވުމުގެ ސަބަބުންނެވެ.

އާއިލާގެ މީހުންނާ ގުޅުން ބޭއްވުން

ކޮންމެހެން ބައްދަލުކުރާން ޖެހޭ ދިވެއްސަކާ ނޫނީ ޕްރިންސް ދީދީ އާއްމުގޮތެއްގައި ބައްދަލެއް ނުކުރެއެވެ. ބައްދަލުކުރަނީ ވަރަށް ތިމާގެ މީހުންނާ އެކަންޏެވެ. ދެން މާލޭ ބޭފުޅުންގެ ތެރެއިން ރަހުމަތްތެރިކަން އޮންނަ ހަތަރު މީހަކާއެވެ. ދިވެހިން ގޮސްއުޅޭ ތަންތަނާއި ތިބޭ ތަންތަނަށް ގޮހެއް ނޫޅެއެވެ. ޕްރިންސް ދީދީއަކީ ވަރަށް ސަމާސާ މިޒާޖެއްގެ މީހެކެވެ. ގާތްމީހުންނާ ވަރަށް ސަމާސާކުރެއެވެ. އެހުރިހާ ދުވަހު ބޭރު ކަރައެއްގައި އުޅުނީމާ އައްޑޫބަހަށް ވަރަށް ނުފަރިތަައެވެ. އެކަމަކު މާލޭބަހަށް ވަރަށް ފަރިތައެވެ. މާލޭބަހަށް ފަރިތަވުމުގެ ސަބަބަކީ ފޮތް ކިޔުމާއި ބަގީޗާގޭ ޝިހާބާއި އަދުނާނާއި ސައްތާރު މޫސައިދި އަދިި މޫނިމާގޭ ޒަރީރުމެން ކޮޅުނބަށް ވަޑައިގެން ތިއްބަވާއިރު ބައްދަލުކޮށް ވާހަކަދެއްކުން ގިނަވީމައެވެ. ޕްރިންސް ދީދީ ބުނާގޮތުން މި ހަތަރު މީހުން ފިޔަވައި މާލެއަކު ބޭފުޅަކު ނޫޅޭނެއެވެ.

އެދީދީގެ މަންމަ ކޮރޮވަލިގޭ އާމިނާއިދި ދުނިޔޭގައިހުރިއިރު ސިޓީ ފޮނުވައިހަދާކަމަށް މީހުން ބުނެއެވެ. އަދި ހިތަދޫ ބަނޑުން ލިބުނު ދަރިފުޅު ދޮންދީދީއަށްވެސް ސިޓީ ފޮނުވާ ވާހަކަ ބުނެއެވެ. ކޮރޮވަލިގޭ އާމިނާއިދި ނިޔާވީ ޕްރިންސް ދީދީ ރަށުން ފުރިފަހުން ދުވަހަކުވެސް ނުފެނި ބައްދަލުނުވެއެވެ. ޕްރިންސް ދީދީ ނިޔާވީވެސް އެދީދީގެ ދޮށީ ދަރިފުޅު ދޮންދީދީއާ ބައްދަލުނުވެ ހުއްޓައެވެ. އަބްދުﷲ ސާދިގާއި ފުރަތަމަޔަށް ދިމާވިފަހަރު ކުޑައަންހެން ކުއްޖެއްގެ ފޮޓޯ ދައްކާފައި ސުވާލުކުރިއެވެ. މިއީ ކޮން ކުއްޖެއްކަން އެނގޭހެއްޔެވެ. ނޭގެޔޭ ބުނީމާ ކިޔައިފިއެވެ. މިއީ ތިމަންނާގެ ހިތަދޫ ބަނޑު މަންޖެއެވެ. އަހަރެންގެ ދޮންދީދީއެވެ. ދުވަހަކު ފެނިފައިނެތަސް ފޮޓޯ އޮވެއެވެ.

ޕްރިންސް ދީދީ ނިޔާވުން

ޕްރިންސް ދީދީ ނިޔާވީ އުމުރުން ފަންސާސް ހަ އަހަރުގައެވެ. ކުއްލިއަކަށް ދިމާވި ބަލިކަމެއްގައި 1979 ވަނަ އަހަރުގެ ތެރޭގައެވެ. އެދީދީ ނިޔާވުމުގެ އަހަރެއްހައި ދުވަސް ކުރިން ވަރަށް ގާތް ހިތަދޫ ބަޔަކާ ކޮޅުނބުން ދިމާވިއެވެ. އޭގެ ތެރޭގައި ކުރީގެ އަނބިމީހާ ކުއްދައިތާގެ މަރިޔަމް ދީދީ އާއި އަހުމަދު ސާލިހާއި އަބްދުﷲ ސާދިގު ހިމެނެއެވެ. ޕްރިންސް ދީދީގެ މަހާނަ ހުންނަނީ ކޮޅުނބުގެ މަލިގަވައްތަ ގަބުރުސްތާނުގައެވެ. އެދީދީގެ ސިލޯނު އަނބިމީހާ ފާތިމާ ބީބީ ނިޔާވީ 2004 ވަނަ އަހަރުއެވެ. މަހާނަ ހުންނަނީ ކޮޅުނބުގެ ކުއްޕިޔަވައްތަ ގަބުރުސްތާނުގައެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!