ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 2

ސިލޯނުގައި ނުފޫޒުގަދަ މީހަކަށްވުން

އެދުވަސްވަރު ސިލޯނުގެ ބޮަޑުވަޒީރަކަށް ހުންނެވީ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރު ޑީއެސް ސެނެނާޔަކައެވެ. ޕްރިންސް ދީދީގެ އިނގިރޭސި މަޒްމޫނުތަކުގެ ފެންވަރު ރަގަޅުކަމާއި ބުނެދިނުން ކުރުކަމާއި ފޮނިކަމުން ޔޫއެންޕީގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓަށް ޕްރިންސް ދީދީ ވަރަށް މުހިއްމުވެއްޖެއެވެ. އެހެންވެގެން ބޮަޑުވަޒީރުގެ އޮފީހަށް ޕްރިންސް ދީދީ ގެންދަވައި ޑީއެސް ސެނެނާޔަކަ ވިދާޅުވެއްޖެއެވެ. ތިމަންނާގެ ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުންގެ ތެރެއިން ކިޔަވައިގެންތިބި މޮޅު މީހުންގެ ބޮލަށް ވަންނަ ކަހަލަ މަޒްމޫނުތައް ސަރުކާރުގެ ނޫސްތަކުގައި ލިޔެދޭށެވެ.

އަދި ސަރުކާރަކީ ތަސައްރަފު ފުދިފައިވާ ސަރުކާރެއްކަން ފަރަންޖީންނަށްވެސް މޭރުންވާ ކަހަލަ މަޒްމޫނުތައް އިނގިރޭސިބަހުން ލިޔެދޭށެވެ. ޕްރިންސް ދީދީ މިކަމަށް އެއްބަސްވީ އެދީދީ ބޭނުންވާ ވަޒީފާއެއް ހަަމަޖައްސައިދިނުން ޝަރުތުކޮށްފައެވެ. ސެނަނާޔަކަ ވިދާޅުވިއެވެ. ދީދީ ބޭނުންވާ ވަޒީފާއެއްގެ ބާވަތް ބުނާށެވެ. މަޑުވެސްކޮށްނުލައި ދީދީ ޖަވާބުދިނެވެ. އަޅުގަޑު ބޭނުންވަނީ ފުުލުސް ސާޖަންޓްކަމެވެ.

ކޮންމެއަކަސް ފުލުސް ސާޖެންޓެއްގެ ޔުނިފޯމާއި އައިޑީ ކާޑާއި ފިސްތޯލައެއް އެދުވަހުން ފެށިގެން ޕްރިންސް ދީދީއަށް ލިބިއްޖެއެވެ. އެކަމަކު ވަޒީފާއަށް ނުކުންނަނީ ބޮަޑުވަޒީރުގެ އޮފީހަށެވެ. ކުރާކަމަކީ ލިޔުންތައް ލިޔެފައި ލޭކްހައުސްއަށް ފޮނުވުމެވެ. ލޭކްހައުސްއަކީ ސަރުކާރުގެ ރަސްމީ ބޮޑު ޗާޕުޚާނާއެވެ. ސަރުކާރުގެ ކޮންޓްރޯލް އޮންނަ ހުރިހާ ނޫސް މަޖައްލާތައް ނެރެނީ އެތަނުންނެވެ. ބޮޑުވަޒީރު ޑީއެސް ސެނެނާޔަކާގެ އޮފީހަށް މިގޮތަށް ނުކުމެ ލިޔަމުން ދިޔައިރު ވަޒީރުންގެ ތެރެއިން ޕްރިންސް ދީދީއާ އެންމެ ބޮޑު ރަހުމަތްތެރިކަމުގެ ގުޅުމެއް އުފެދުނު މީހަކީ އެސްޑަބްލިއާރްޑީ ބަންޑާރަނައިކައެވެ. އަހަރެއްވެސް ނުވަނީސް ޑީއެސް ސެނެނާޔަކަ އަވަހާރަވެގެން ދެން ސިލޯނުގެ ބޮަޑުވަޒީރުކަމަށް ވަޑައިގެންނެވީ އޭނާގެ ދަރިކަލުން ޑަޑްލީ ސެނެނާޔަކައެވެ.

މާލެއިން އުދަގޫތައް ފޯރުން

އާ ބޮޑުވަޒީރުގެ ދައުރުގެ ކުރީކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީ ދެބައިވެއްޖެއެވެ. ޕްރިންސް ދީދީގެ ރަހުމަތްތެރި އެސްޑަބުލިޔުއާރްޑީ ބަންޑާރަނައިކަ ފްރީޑަމް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފިއެވެ. ޑަޑްލީ ސެނެނާޔަކާގެ ދައުރުގައި ޔޫއެންޕީ މިގޮތަށް ރޫޅިފައިވަނިކޮށް މުހައްމަދު އަމީނުގެ ދައުވަތަކަށް ސިލޯނުގެ ސީނިއަރ ވަޒީރަކަށް ހުންނެވި ސާރ ޖޯން ކޮތަޅާވާލާ 1952 ވަނަ އަހަރު މާލެ ވަޑައިގެންފިއެވެ. ސަރ ޖޯން މާލެ ވަޑައިގެން ދިވެހި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި ޕްރިންސް ދީދީގެ ވާހަކަ ހިސާބަކަށް ދެކެވިއްޖެއެވެ. ޕްރިންސް ދީދީއަކީ ރާއްޖޭގެ ޕްރިންސެއް ނޫންކަމަށާއި އެއީ ވައްކަމުގެ މައްސަލައެއްގައި މާލެ ގެންދަނިކޮށް ފިލައިގެން ސިލޯނުގައި ދިރިއުޅޭ އައްޑޫ މީހެކޭ ބުނެފިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ޑަޑްލީ ސެނެނާޔަކަ މަގާމުން ވަކިވެއްޖެއެވެ.

ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އެއްކަލަ ސާރ ޖޯން ކޮތަޅާވާލާއެވެ. އޭރު ޕްރިންސް ދީދީ ހުރީ މާބޮޑަށްވެސް އެސްޑަބްލިޔުއާރްޑީ ބަންޑާރަނައިކަގެ ކޮޅުގައެވެ. ވަރަށް ކުރިން ފެށިގެން ދިވެހި ސަރުކާރަށް ފާޑުކިޔާފައި ލިޔުމާއި އަދި އޭރު ސާރ ޖޯންގެ ސަރުކާރަށްވެސް ފާޑުކިޔާ މީހަކަށް ޕްރިންސް ދީދީ ވުމުގެ ސަބަބުން މި ދީދީ ސިލޯނުން ބޭރުކޮށް ރާއްޖެ ފޮނުވައިލުމުގެ ވިސްނުމެއް ސަރ ޖޯން ގެންގުޅުއްވާން ފައްޓަވައިފިއެވެ. މިކަން މޭރުންވެގެން ބަލާކަށް ނުހުރެ ޕްރިންސް ދީދީ ވަގުތުން ކޮޅުނބުގެ ހައިކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މި މައްސަަލާގައި ޕްރިންސް ދީދީ ބުނަނީ ތިމަންނާގެ ބައްޕަޔާއި ކާފައަކީވެސް ރާއްޖޭގެ ރަސްކަން ކުރެއްވި ބޭފުޅުންކަމުގައެވެ. މިހާރު ތިމަންނާއަށް އެންގުމެއްނެތި މުހައްމަދު ފަރީދުއޭ ކިޔުނު މީހަކު ރަސްކަމަށް އިސްކޮށްފިއެވެ. އެހެންވީމާ ފުރާނަޔަށް ގެއްލުންވެދާނެ ކަމަށް ފެންނާތީ ރާއްޖެދާކަށް ބޭނުމެއް ނޫނެވެ. ތިމަންނާގެ ސިލޯނު ރަށްވެހިކަމުގައި ފަނޑިޔާރުގެއިން ސިއްކަ ޖަަހައިދީ ތިމަންނާއަކީ ޕްރިންސެއް ކަމަށް ނިންމައިދީ އަބުރުވެރިކަމާއެކު ސިލޯނުގައި ހުރެވޭނެގޮތް ހަދައިދޭށެވެ. ފެބްރުއަރީ 28، 1954 ވަނަ ދުވަހު ކޯޓަށް ވެއްދި މައްސަލާގައި ވަރަށް ދިގުކޮށް ވާހަކަދެކެވި އެންމެފަހުން ކޯޓުން ނިންމައިދިނީ ޕްރިންސް ދީދީ އެދުނު ގޮތަށެވެ.

ބާރުތައް އަލުން ލިބުން

ހައިކޯޓުގެ ނިންމުމާ ވިދިގެން ކޮތަޅާވާލާއަށްވެސް އަދި މާލޭ ސަރުކާރަށްވެސް ޕްރިންސް ދީދީއާ ހަމަޔަށް ނުދެވި ތިއްބައި 1956 ވަނައަހަރު ސިލޯނުގައި ބޭވި އިންތިޚާބުން ކުރިހޯދީ އެދީދީގެ ރަހުމަަތްތެރި އެސްޑަބްލިޔުއާރްޑީ ބަންޑާރަނައިކަގެ ފްރީޑަމް ޕާޓީއެވެ. ބޮަޑުވަޒީރުކަމަށް ބަންޑާރަނައިކަ ވަޑައިގެންނެވުމާއެކު ޕްރިންސް ދީދީ ގެންދަވައި ވިދާޅުވެއްޖެއެވެ. އެންމެއިހުވެސް ދީދީ ކުރި މަސައްކަތް އަލުން ފަށައިދޭންވީއެވެ. ސަރުކާރުން ޝާއިއުކުރާ ނޫސްމަޖައްލާތަކުގައި އިނގިރޭސި ބަހުން ސަރުކާރު ނަގަހައްޓައިދޭށެވެ. މިފަހަރުވެސް މަސައްކަތް ކުރާނީ އަހަރެންގެ އޮފީހުގައެވެ. އެކަމަކު ކުރިން އެދުނު މަގާމަށްވުރެ މަތީ މަގާމަކަށް މިފަހަރު އެދޭން ވާނެއެވެ. ޕްރިންސް ދީދީ ދެންނެވިއެވެ. މިފަހަރު ބޭނުމީ ސީނިއަރ ސީއައިޑީ އިނިސްޕެކްޓަރު ކަމެވެ.

އެދުވަހުން ފެށިގެން ޕްރިންސް ދީދީއަށް ފިސްތޯލަޔަކާއި އިނިސްޕެކްޓަރެއްގެ ޔުނިފޯމާއި އައިޑީ ކާޑު ލިބިއްޖެއެވެ. މަސައްކަތަށް ނުކުންނަނީ ބޮޑުވަޒީރުގެ އޮފީހަށެވެ. އޭރު އެދީދީގެ ސިލޯނު އަނބިމީހާ ފާތިމާ ބީބީގެ ބަނޑުން އެވެރިންގެ ދޮށީ ދަރިފުޅު ޚައިރު ބީބީ ލިބިއްޖެއެވެ. އައްޑޫން ފުރިއިރު އިނދެގެން އުޅުނު ކުއްދައިތާގެ މަރިޔަމް ދީދީ ނާއިބުގެޔަށް ގޮސް ކައިވެނި ރޫޅުވައިގެން އެހެން މީހަކާ އިނދެފިއެވެ. ދީދީގެ ދޮށީ ދަރިފުޅު ދޮންދީދީވެސް ރަށުގައި ހުރެގެން ބޮޑުވަމުން އެބައާދެއެވެ.

ބަންޑާރަނައިކަގެ ދައުރުގައި ޕްރިންސް ދީދީ އުޅުނީ ވަރަށް އިއްޒަތުގައެވެ. ގޭގައިވެސް ސިކިއުރިޓީ އޮވެއެވެ. މާލޭގެ ވަޒީރު ބޭފުޅުން ކޮޅުނބަށް ވަޑައިގަތަސް ދީދީއާ ބައްދަލުކުރައްވައެވެ. ހިތަދޫ އޮޑިފަހަރުން ކޮޅުނބަށް އަންނަ ހިތަދޫ ބޮޑުންްވެސް ދީދީގެ ކައިރިއަށް އާދެއެވެ. ކަސްޓަމާއި ބައެއް މުވައްސަސާތަކުން މައްސަލަ ޖެހުނީމާ ދީދީގެ އެހީތެރިކަން ހޯދައެވެ. ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރަށްވުރެވެސް ޕްރިންސް ދީދީގެ ހައިބަތާއި އިއްޒަތްތެރިކަން ބޮޑެވެ.

މިގޮތަށް ކަންތައް ހިނގަމުން އައިސް އައްޑޫ ގަމުގެ މައްސަލާގައި ރާއްޖޭގެ ބޮޑުވަޒީރުކަމުން އިބްރާހިމް ފާމުލަދޭރިކިލެގެފާނު ވަކިވެ ވެލާނާގޭ އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފިއެވެ. މާގިނަދުވަހެއް ނުވެ ހުވަދޫ އާއި ފުވައްމުލަކާއި އައްޑޫ ހިމެނޭ ގޮތުން ސުވާދީބު ޖުމްހޫރިއްޔާގެ ނަމުގައި ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފު ވަކި ދައުލަތެއް 1959 ވަނަ އަހަރު ފެށުމާއިއެކު އިއުލާންކުރައްވައިފިއެވެ. މިކަމާގުޅިގެން ސިލޯނުގެ ނޫސްތަކުގައި މައިގަޑު ގޮތެއްގައި ހުންނަނީ މާލޭ ސަރުކާރަށް ބަވައިފައެވެ. ވަކި ދައުލަތެއް ހަދާންޖެހުނީ ސަރުކާރުގެ ވިޔާނުދާ ސިޔާސަތުގެ ސަބަބުން ކަމަށްވެސްް ލިޔެފައިހުރެއެވެ.

މާލޭ ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ސިލޯނު މެދުވެރިވެގެން ދެކެވޭ ވާހަކަތަކާއި ކުރާ ސިއްރު މުއާމަލާތުގެ ވާހަކަވެސް ސިލޯނުގެ ނޫސްތަކަށް އެބައަރައެވެ. ސުވާދީބު ތިން އަތޮޅުގެ ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމާތާއެކު އުޅުމުގެ ފުރުސަތުކަމަށްވެސް ލިޔެފައި ހުރެއެވެ. ޓައިމްސް އޮފް އައްޑޫގެ ނަމުގައި ސުވާދީބު ސަރުކާރުން ހިތަދޫގައި ނެރުނު ނޫހަށްވުރެ ސިލޯނުގެ ބައެއް ނޫސްތަކުގައި ލިޔާ މަޒްމޫނުތަކުން ސުވާދީބުގެ އަސަރު މާބޮޑަށްވެސް ފާޅުވެއެވެ. ބޮޑުވަޒީރު އިބްރާހިމް ނާސިރު މިމައްސަލާގައި ކޯފާވެގެން މިއީ ކިހިނަކުން ހިގާކަމެއްތޯ ބެއްލެވިއިރު މިކަމުގެ ފަހަތުގައި މިހިރީ ޕްރިންސް ދީދީއެވެ.

ނާސިރާއި ޕްރިންސް ދީދީގެ ކޯޅުން

މާގަދައެެއްވެގެން ކޮޅުނބުގައި ހުރެގެން ދިވެހިސަރުކާރަށް އުނދަގޫ ކުރާ ޕްރިންސް ދީދީއަކީ ކާކުތޯ ނާސިރު ބެއްލެވިއިރު މިމީހަކީ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީގެ މުހައްމައިދިއެވެ. މިމީހާގެ ހުރިހާ މައުލޫމާތު ކަރުދާހަށް ނަންގަވައި ބޮޑު ފައިލެއް ތައްޔާރުކުރައްވައި ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރަށް ފޮނުއްވާފައި ނާސިރު އެންގެވިއެވެ. ޕްރިންސް ދީދީއޭ ކިޔައިގެން އުޅޭ އައްޑޫ ކަލޭގެ އަތުޖަައްސައިދޭށެވެ. ސިލޯނު ސަރުކާރާ ގުޅައިގެން އެމީހާ މާލެ ގެނެވޭނެގޮތް ހޯދާށެވެ. މިހެން އަންގަވާފައި ނާސިރު އަމިއްލަގޮތުންވެސް ސިލޯނުގެ ބޮޑުވަޒީރު ބަންޑާރަނައިކައަށް ޓެލެގްރާމެއް ފޮނުއްވައި މިމީހާ ދިވެހި ސަރުކާރާ ހަވާލުކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.

ސިލޯނުގެ ރައްޔިތަކު އަދިތިޔަހެން ނުފޮނުވޭނެއޭ ވިދާޅުވެ ބަންޑާރަނައިކަ މިކަމާ އަޅައެއް ނުލެއްވިއެވެ. ބަންޑާރަނައިކަގެ ވެރިކަމުގައި ދީދީއަށް ބޮނޑިއެއް ނުދެވޭނެކަމަށް ނިންމަވައިގެން ނާސިރު ހުންނަވަނިކޮށް އެއަހަރުގެ ފަހުކޮޅު ބަންޑާރަނައިކަގެ ހަށިކޮޅަށް އޭނާގެ ގާތް ކޮންމެވެސް މީހަކު ފިސްތޯލަ ޖަހައި އަވަހާރަކޮށްލައިފިއެވެ. ތިން ހަތަރުމަހެއް ފަހުން ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ބަންޑާރަނައިކަގެ ހުވަފަތް އަނބިކަބަލުން ސްރީމާވޯ ބަންޑާރަނައިކައެވެ. މިއީ އެއްވެސް ތަޖުރިބާއެއް ނެތް އަންހެނަކަށް ބައްލަވައިގެން މިމީހާގެ ބޮލަށް ޗިޕެއް ޖަހައިގެން ޕްރިންސް ދީދީ ގެނެވިދާނެ ކަމަށް ނާސިރު ވިސްނަވައިފިއެވެ. މިހެން ވިސްނަވާފައި ދުނިޔޭގެ ގައުމެއްގައި ބޮޑުވަޒީރުކަމަށް އެންމެ ފުރަތަމަ އިންތިޚާބުވި އަންހެނަކީ ސްރީމާވޯ ކަމަށްވާތީ މަރުހަބާ ދެންނެވުމުގެ ބަހަނާގައި ނާސިރު ކޮޅުނބަށް ވަޑައިގެންފިއެވެ.

ނާސިރު ކޮޅުނބަަށް ވަޑައިގެން ސްރީމާވޯއަށް ތަހުނިޔާ ވިދާޅުވެ ތާރީފުކުރަައްވާފައި ޕްރިންސް ދީދީގެ ވާހަކަ ދައްކަވައިފިއެވެ. އަޑުއައްސަވާން ހުންނަވާފައި ސްރީމާވޯ ވިދާޅުވިއެވެ. ދީދީއަކީ ސިލޯނު ސަރުކާރުގެ ވަޒީފާއެއްގައި ހުރި ސިލޯނު ރައްޔިތެކެވެ. އަނބިމީހާއާއި ކުދިންނަކީވެސް މިތާގެ ރައްޔިތުންނެވެ. ދީދީގެ މައްސަލާގައި ކޮޅުނބުގެ ހައިކޯޓުން މީގެ ހަ އަހަރު ކުރިން ކޮށްފައިވާ ހުކުމެއްވެސް އެބައޮތެވެ. ދިވެހި ސަރުކާރާއި ދީދީ ހަވާލު ނުކުރެވޭނެ ކަމަށް ކޯޓުން އޮތީ ނިންމައިފައެވެ. ވީމާ ތިޔަކަމުގައި އަހަރެންނަށް ކޮށްދެވޭނެ އެއްވެސްކަމެއް ނެތެވެ. ތިޔައީ ޕްރިންސް ދީދީ އާއި ދިވެހިސަރުކާރާ ދޭތެރޭގައި އޮތް މައްސަލައެކެވެ. ތިޔަދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރީމާ ނިމުނީއެވެ. ތިޔަކަމުގެ ތެރެއަށް ސިލޯނު ސަރުކާރު ވައްދާން ނޫޅުއްވާށެވެ.

ދީދީގެ ސިލޯނު ކުދީންނޭ ސްރީމާވޯ ވިދާޅުވީ އެއަހަރު ދީދީގެ ސިލޯނު ބަނޑުން ދެވަނަ ދަރިފުޅު ލިބިފައިވާތީއެވެ. އެކުއްޖާއަށް ނަންދިނީ ޖައްނަތު ބީބީގެ ނަމުންނެވެ. ކޮންމެއަކަސް މިމަގުން ޕްރިންސް ދީދީއާ ނުކުޅެވުނުކަން ކަށަވަރުވީމާ ނާސިރު އެހެން ރޭވުމެއް ރާއްވަވައިފިއެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުގެ އަބުރާއި ކަރާމާތް ނަގައިލިކަމުގެ ތުހުމަތު ބޮލުގައި އަަޅުވާފައި ސިލޯނު ސަރުކާރަަށް ޕްރިންސް ދީދީ ހައްޔަރު ކުރަން މަޖުބޫރުވާނެ ސަބަބެއް އުފަައްދަވަން ނިންމަވައިފިއެވެ.

ނާސިރުގެ ރޭވުން

ނާސިރު ކުރެއްވި ބުއްދިޔަކީ ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީއަށް ޕްރިންސް ދީދީ ގެނެސް ނާސިރުއާ ޒުވާބު ކުރުވާފައި ގޮޅިއަކަށް ފެއްތުމެވެ. މިގޮތަށް ވިސްނަވާފައި ސަފީރަށް އަމުރުކުރެއްވިއެވެ. މިއުޅޭ ޕްރިންސް ދީދީ ނިކަން އަވަހަށް ސަފީރުގެ އޮފީހަށް ގެނެސްދޭށެވެ. ދެން ދައުވަތު ދޭނެ ގޮތަކާއިމެދު ސައްލާކުރައްވާފައި ލޭކްހައުސްއިން ނެރޭ ކޮންމެވެސް ނޫހެއްގައި ސަފީރުގެ ނަންފުޅުގައި އިޝްތިހާރެއް ޖަހައިފިއެވެ. އޭގައި ލިޔެފައިއޮތީ ޕްރިންސް ދީދީ ދިވެހި އެމްބަސީއަށް އައިސްދިނުމަކީ ސަފީރުގެ އެދުމެއް ކަމުގައެވެ. ލޭކްހައުސްއަށް ފޮނުވީ ޕްރިންސް ދީދީއަށް ޔަގީނުންވެސް ފެންނާނެ ގޮތަކީ އެއީކަމަށް ޔަގީންކޮށްފައެވެ.

އަނެއްދުވަހު މެންދުރު ކޯޓުފަޓުލޫނު ލައިގެންހުރި ނިކަން ހައިބަތުބޮޑު ނަލަ ފިރިހެނަކު ދިވެހި އެމްބަސީއަށްގޮސް ފަސޭހަ އިނގިރޭސި ބަހުން ބުންޏެވެ. މިއީ ކާކުކަން އެނގޭބާވައެވެ. އެވެރިން ޖަވާބުދިނެވެ. ނޭނގެއެވެ. މިމީހަކު ބުންޏެވެ. އަހަރެންނަކީ ޕްރިންސް ދީދީއެވެ. މިއައީ ނޫސް މެދުވެރިކޮށް ދިވެހި ސަފީރު ދައުވަތު ދީގެންނެވެ. ދެން މިވެރިން އަވަސްއަވަހަށް ނާސިރު ހުންނެވި ކޮޓަރިޔަށް ގޮސް އެއްކަލަ ޕްރިންސް ދީދީ އަތުވެއްޖެވާހަަކަ ދަންނަވައިފިއެވެ. ނާސިރު ވިދާޅުވިއެވެ. އެކަލޭގެ އަވަހަށް ވައްދާށެވެ. ދެން އެވެރިން ޕްރިންސް ދީދީ ގޮވައިގެން އެތެރެޔަށް ވައްދައި ނާސިރުގެ ކުރިފުޅުމަތީގައި ބައިންދައިފިއެވެ.

ނާސިރުގެ ޒުވާބު

ނާސިރު ވަރަށް ފުންކޮށް ޕްރިންސް ދީދީގެ މޫނަށް ބައްލަވާފައި ވިދާޅުވިއެވެ. ހުރިގޮތް ނިކަން ދެކިބަލާށެވެ. އަހަރެން ކޮޅުނބަށް މިއައީ ކަލޭ މާލެ ގެންދަންވެގެންނެވެ. ފިލައިގެން ވަރަށް ގިނަ ދުވަހު އުޅެވިއްޖެއެވެ. މިއަދުން ފެށިގެން ތިހިރީ އަހަރެންގެ ކޮންޓްރޯލް ދަށުގައެވެ. ދިވެހި ސަރުކާރު ބަދުނާމުކޮށްްފައި ލައްކަގިނަ ލިޔުން ސިލޯނުގެ ނޫސްތަކުގައި ލިޔެފީމުތާއެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިޔަކަށް އެއްދުވަހެވެ. ދިވެހި ދައުލަތުގައި އާރާއިބާރު ހުރިކަން ކަލެޔަށް އެނގޭކަށް ދެން މާލަހެއް ނުވާނެއެވެ. އައްޑޫގައި ވަކި ސަރުކާރެއް ހަދައިގެން މިހާރު އެތިބަ ކަލޭގެ ތިމާގެ މީހުންނަށްވެސް އޮތީ ހަމަ މިހުކުމެވެ.

ޕްރިންސް ދީދީއޭ ކިޔައިގެން ނަން އޮޅުވާލައިގެން ތިޔައުޅެނީ ކަލެއަކީ ކޮން ޕްރިންސަކަށްވެގެން ބާވައެވެ. ކަލޭގެ ބައްޕަކީ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީއެވެ. މަންމައަކީ ހިތަދޫ ކޮރަވަލިގޭ އާމިނާއިދިއެވެ. ކަލޭގެ ކާފައަކީ ހިތަދޫ ވާރަ އަހައްމައިދިއެވެ. އެކަމަކު މި ކޮޅުނބުގެ ހައިކޯޓުގައި ކަލޭ ބުނީމުތާއެވެ. ތިމަންގެ ކާފަޔަކީވެސް އަދި ބައްޕަޔަކީވެސް ރާއްޖޭގެ ރަސްކަން ކުރެއްވި ރަސްރަސްކަލުންނެވެ. ރާއްޖޭގެ ރަސްކަމުގެ ހަގީގީ ވާރިސަކީ ތިމަންނާއެވެ. ރަސްކަމުގެ ވާރިސުން މިފަހަރު ކަލެއަށް ދައްކާނަމެވެ. ބަލަ ކަލެޔަކީ ވަގަށް ރަން ނަގައިގެން ވައްކަންކުރީމާ ޝަރީއަތުން ކުށްވެރިވެ އަދަބުދޭންވެގެން މާލެ ގެންދަނިކޮށް ކަލޭގެ ޅިޔަނު އަބްދުﷲ ދީދީ އެހީވެގެން އޮޑިބެހުނީއޭ ކިޔާފައި ކޮޅުނބަށް އައިސް ފިލި ވަގުކަލޭގެކަން ނުދަންނަ މީހަކު އެބަހުރި ބާވައެވެ. ކަލޭ ހީކުރީ ދިވެހި ސަރުކާރަށް މިއިން އެއްވެސްކަމެއް ނޭނގޭކަމަށްތާއެވެ.

ޕްރިންސް ދީދީގެ ރައްދު

މިހުރިހާ ފަތިވަރުތައް ނާސިރު އަމުނައިލެއްވިއިރު ޕްރިންސް ދީދީ ހަމައެކައްޗެކޭވެސް ނުބުނެއެވެ. ނާސިރު ވިދާޅުވާނޭހައި އެއްޗެއް ވިދާޅުވެ ނިމުނީމާ ޕްރިންސް ދީދީ ބުންޏެވެ. މިހާރު ނިމުނީހެއްޔެވެ. ނިމިއްޖެއްޔާ ދެން އަހަރެން މިދައްކާ ވާހަކަ އަޑުއަހާން ހުންނާށެވެ. އަހަރެންވެސް ހުރިގޮތަށް ބަހެއް ބުނެގެން ނުވާނެއެވެ. ކަލޭ ތިޔަބުނީ ރަގަޅަށެވެ. އަހަރެންނަކީ އައްޑޫ ހިތަދޫ މީހެކެވެ. ބައްޕައަކީ ވާރަގޭ އިބްރާހިމް ދީދީއެވެ. މަންމަޔަކީ ކޮރޮވަލިގޭ އާމިނާއިދިއެވެ. ކަލެއަކީ ވަކިން މޮޅުމީހެއް ނޫނެވެ. ކަލެއަކީ ފުވައްމުލަކަށް ވިހާފައިހުރި ފުވައްމުލަކު މީހެކެވެ. ކަލޭ ބައްޕައޭ ކިޔަނީ ވެލާނާގޭ އަހައްމާއިދިއަށެވެ. މަންމަޔަކީ ފުވައްމުލަކު އައިސާއިދިއެވެ.

އަހަރެންގެ ބައްޕަޔަކީ ހުރިހާ ގޮތަކުންވެސް އަބުރުވެރިއަކެވެ. އެކަމަކު ކަލޭގެ ބައްޕަ ވެލާނާގޭ އަހައްމައިދީގެ ވާހަކަ އިވިއްޖެނަމަ އިބިލީސްވެސް މޫނުގައި އަތްއަޅާނެއެވެ. ވޮށް އަލިވާ ތަނެއްގައި އެވާހަކަ ދައްކަން އަހަރެންނަކަށް ނުވެސް ކެރޭނެއެވެ. އައްޑޫ މީހަކަށްވިޔަސް އަހަރެންނަކީ ރާއްޖޭގެ ދެ ރަސްކަލެއްގެ ޚާންދާނުން އައިސްހުރި މީހެެކެވެ. އެކަކީ އިސްދޫ ޚާންދާނުގެ އެންމެފަހު ރަސްގެފާނު ދިހަވަނަ ހަސަނެވެ. އަނެކަކީ ދިޔަމިގިލީ ޚާންދާނުގެ އެންމެފަހު ރަސްގެފާނު ގިޔާސުއްދީނެވެ. އެހެންވީމާ ކަލޭ ޕްރިންސްވާ ގޮތަށް އަތިރީގޭ މީހުން ޕްރިންސްވާ ގޮތަށް އަހަރެން ޕްރިންސް ނުވާނެ ގޮތެއް ކަލޭ ކިޔައިދީބަލާށެވެ.

ައަހަރެން ރަން ވަގަށް ނެގީއޭ ކަލޭ ބުނެފީމުއެވެ. ބަލަ އަހަރެން ނެގީ އަހަރެންގެ އަމިއްލަ ރަނެވެ. ބައްޕަގެ ފަރާތުން އަހަރެންނަށް ލިބިފައިހުރި ރަނެވެ. އެޔަކީ އެހެން އެއްވެސްމީހެއްގެ އެއްވެސް ހައްގެއް އޮތް މުދަލެއް ނޫނެވެ. އަހަރެންނަކީ ކަލޭމެންކަހަލަ މަހާޗޯރަކީމެއް ނޫނެވެ. ކަލޭމެން އެހެންހެއްޔެވެ. ދިވެހި ރައްޔިތުން ބަނޑަށް ތިއްބައި ދައުލަތުގެ ޚަޒާނާ ހުސްކޮށްގެން ކާޑު ގަންނާށޭ ކިޔާފައި މި ސިލޯނަށް އައި މީހާ ގަތީ ކެންޑީން ގަނޑުވަރެކެވެ. ވައްކަމަކީ އެއީއެވެ.

ބޮޑުހަނގުރާމައި ތެރޭގައި ހިތަދޫ ޔާހުންބަރާހާއި ދާންދޫ މުދިންތައްޚާނުގެ އޮޑި ޖަޕާނު މީހުން ފައްތާލީމާ އޭގެ ބަދަލުގައި ޖަޕާނު މީހުން އަތުން އިނގިރޭސިން މެދުވެރިވެގެން ހޯދައިދިން ފައިސާއަށް ކަލޭމެން ހެދިގޮތް ދިވެހި ރައްޔިތުންނާއި އެފައިސާގެ ވާރިސުންނަށް ނޭގުނަސް އަހަރެން ދެނަހުރީމެވެ. އަހަރެންގެ ބައްޕަ އޮޑި ދުއްވީ ހަލާލު ފައިސާއިންނެވެ. ރައްޔިތުންގެ މާލިއްޔާގައި އަބު އަޅައިގެން ބޮމްބޭ ފިލްމުސްޓާރުންގެ ނަން ދީގެން އާގުބޯޓު ދުއްވި މީހުން ކަލެއަށް ނޭގެނީހެއްޔެވެ. ވައްކަމަކީ އެއީއެވެ. ފޮށި ފެޅުމަކީ އެއީއެވެ. ވަގުން ތިބޭގޮތް ބަލަން ބޭނުމިއްޔާ ކަލޭމެންގެ އަމިއްލަ ސޫރަ ދެކޭށެވެ.

ެއަހަރެންގެ މުޅި އައުލާދުގައިވެސް މީހުން މަރާ ގާތިލުންނެއް ނުތިބޭނެއެވެ. ތަންތަނުގައި ހުޅުޖެހި މުޖުރިމުން ނުތިބޭނެއެވެ. ޖިންސުއޮޅިފައިވާ ބަޔަކު ނުތިބޭނެއެވެ. ހިތަދޫ ވާރަގޭ ބަދިގޭގައި ކުރީ މައްޔިތުންގެ މޭގަޑު ފަޅައި ތެޔޮ ހޭނުމުގެ މަސައްކަތެއް ނޫނެވެ. އެ މަންޒަރު ދުށް މީހުން ބުޅާ މަރާބީދައިން މަރާފައި ވަޅުލީ ވާރަގޭ ގޯތީގެ ތެރެޔަކު ނޫނެވެ. މިކަންކަން ކުރީ ކޮންބަޔަކު ކޮންތަނެއްގައިކަން ނުދަންނަ ދިވެއްސަކު ހުންނާނެބާވައެވެ.

ބަގާވާތޭ ބާގީންނޭ ބުނިއިރު ލަދު ކޮބައިހެއްޔެވެ. ވެެރިކަން ފޭރެން ޕިޗޯރީން ގެނައީ އަހަރެންގެ ކާފަހެއްޔެވެ. ވެރިކަމުގައި ހުރި މީހާޔާ ދެކޮޅަށް ބަގާވާތްކޮށް އެމީހާ ހަވަރަަށްދީ އެންމެފަހުން މެެރީ އަހަރެންގެ ބޮޑުބޭބެ ބާވައެވެ. ވެރިކަން ހޯދައިދިނީމާ ބޮޑުބޭބެ ވަޒަނުން ފައްސަައިލީ އަހަރެން ހެއްޔެވެ. އެބޭބެ ކޮޅުނބުގައި ހުރެގެން ކުރާ ކަންތަކުގެ ވާހަކަ ހީނހީނފައި ސިންގަޅައިންވެސް އެބަދައްކައެވެ. މިއީ އަހަރެންގެ މީހުންގެ ވާހަކައެއް ނޫނެވެ. މިއީ ކަލޭގެ މީހުންގެ ވާހަކައެވެ.

އަހަރެން ރާއްޖެ ދޫކޮށްލީ ތިޔަކަހަލަ މީހުން ވެރިކަމުގައި ތިބެގެން ބަލާވެރިކަން ކުރާތީ އެކަމާ ދެކޮޅަށް ވަކާލާތުކުރާން ވެގެންނެވެ. ރާއްޖޭގައި ހުރެގެން އެކަން ނުކުރެވޭނެތީއެވެ. ކަލޭމެންގެ އަތްދަށުނުވެ ކަލޭމެންނަށް ގޮންޖަހާށެވެ. މިތާގައި ހުރެގެން މިކުރަނީ އެމަސައްކަތެވެ. ކަލޭމެން ވަރަށް މޭ ކަރާނެކަން އެނގެއެވެ. މިތަނަށް އައިސް މިދެއްކީ އިންސާނީ ހައްގާއި ޑިމޮކްރަސީއަކީ ރައްޔިތުން މަސައްކަތް ކޮށްފީވިއްޔާ ހޯދޭނެ އެއްޗެއްކަމާއި އެކަން ކުރާނެ ގޮތުގެ މިސާލެވެ. އަހަރެން މިދެއްކި މިސާލުން ހިތްވަރު ލިބިގަނެގެން ތިޔަކަހަލަ ވެރިންނާ ދެކޮޅުހަދާނެ އެތައް ބަޔަކު އަދި ނުކުންނާނެއެވެ. މި ސިލޯނަށާއި އެހެން ތަންތަނަށްވެސް ގޮސްތިބެ ކަލޭމެންނަށް ނުފޮރުއްޕާން ކުރާނެއެވެ.

ރައްޔިތުންނަށް އަނިޔާވެރިވަންޏާ ދެން ކަންތައް ކުރާންޖެހޭ ގޮތް ދިވެހިންނަށް އަހަރެން މިދެއްކީއެވެ. މިއީ ކަލޭމެން ވަރަށް މޭކަރާ ބިރުގަންނަ ކަމެއްކަން އަހަރެން ދަންނަމެވެ. އަހަރެން އަތުޖެހޭތޯ ހުއްޓާނުލައި ތިޔަ މަސައްކަތް ކުރަނީ އެހެންވެގެންނެވެ. ބަލަ އަހަރެން މިތާގައި ހުންނަނީ ރަށް ކުޑަވެގެން އުޅެންޖެހޭ ގެ ކުޑަވެގެންނެއް ނޫނެވެ. ތިމާގެ މީހުންނާއި ހެޔޮ އެދޭ މީހުން މަދުވެގެން ދުނިޔެ ދަތިވެގެންނެއް ނޫނެވެ. އަހަރެން އައީ އަނިޔާވެރިކަމުން ދިވެހި ރައްޔިތުން މިންޖުކުރާނެ މަގު ފަހި ކުރުމަށެވެ. އަލަތު އަަނބިމީހާއާއި އަމިއްްލަ ދަރިފުޅުގެ ލޯބި ގުރުބާންކޮށްފައި އައިސް މިތާގައި މިހިރީ ދިވެހި ރައްޔިތުންނަށްޓަކައެވެ. މިކަން އަދި ފާހަގަ ކުރާނެ މީހުން ދިވެހިންގެ ތެރެއިން ނުކުންނާނެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!