ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 1

ޕްރިންސް ދީދީ

ޕްރިންސް ދީދީއަކީ ހިތަދޫ ކޮރޮވަލިގޭ އާމިނާދިއާއި ވާރަގޭ އިބްރާހިމް ދީދީގެ ދަރިފުޅެވެ. އަސްލު ނަމަކީ މުހައްމައިދިއެވެ. މިއީ އައްޑޫ ރައްޔިތުންގެ ތެރެއިން ޖަމާއަތުގެ ހައްގާއި ފަރުދީ ހައްގާއި ވިޔަފާރީގެ މިނިވަންކަމާއި ޑިމޮކްރަސީގެ ހަމަތަކަށް ވަކާލާތުކޮށް ސަރުކާރުގެ ވިޔާނުދާ އަމަލަތަކާމެދު ނުރުހިގެން ރާއްޖެދޫކޮށް ސިލޯނަށް ހިޖުރަކުރި ފުރަތަމަ މީހާއެވެ. ސިލޯނުގައި ހުރެގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިސްލާހުވޭތޯ އަމިއްލަ ހައިސިއްޔަތުން އެންމެފުރަތަމަ މަސައްކަތް ކުރި މީހާއެވެ. ދިވެހިންގެ ތެރެއިން ހަގީގީ ނޫސްވެރިކަމެއްް ކުރި ފުރަތަމަ މީހާއެވެ. މުހައްމައިދީގެ ނަން ދޫކޮށްލައި މުޅި ސިލޯނަށް ޕްރިންސް ދީދީގެ ނަމުން މަޝްހޫރުވި މީހާއެވެ.

ޕްރިންސް ދީދީގެ ބައްޕަ ވާރަގޭ އިބްރާހިމް ދީދީއަކީ އޮޑިފަހަރު ދުއްވައި ވިޔަފާރިކޮށްއުޅުނު ސާދާގަރެކެވެ. ޕްރިންސް ދީދީއަކީ އުޅުމުގައި ވަރަށް ޖެހިލުންކުޑަ ހިތްވަރުގަދަ އަދި އެޒަމާނުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިމެނުނު ކަންތައްތަކަށް ފާޅުގައި ދެކޮޅުހަދައި ވާހަކަ ދައްކާ ކުއްޖަކަށްވީމާ އިބްރާހިމް ދީދީ ސިލޯނަށް ދަނީ އަބަދުވެސް ޕްރިންސް ދީދީ ގޮވައިގެންނެވެ. ރަށުގައި ބަހައްޓާފައި ފުރައިގެން ހިގައްޖެނަމަ ކޮންމެވެސް ބޮނޑިއެއް ބޮއެފާނެކަމުގެ ބިރުއޮވެއެވެ. މިގޮތަށް ސިލޯނާއި މާލެއަށް ދަތުރުކޮށް ހެދީމާ ވިޔަފާރީގެ އުކުޅުތަކާއި ސިލޯނުގެ ކަންތައް ހުންނަ ނުހުންނަ ގޮތާއި މާލޭގެ ވެރިކަމުގައި ތިބޭ މީހުންގެ އުޅުމާއި ވިސްނުން ހުންނަގޮތް ވަރަށް ރަގަޅަށް ޕްރިންސް ދީދީއަށް އޮންނަނީ އޮޅުން ފިލާފައެވެ.

ޕްރިންސް ދީދީ ލޯހުޅުވިގެން އައިއިރު ސިންގަޅަބަހާއި ތަމަޅަބަސް ދަސްކޮށްފިއެވެ. މާލެއައިސް އުޅުމުގެ ތެރެއިން އަތިރީގޭ ޚާންދާނުގެ ބޭފުޅުންނާއި ގާތްކަން އުފެދި އެބޭފުޅުންނާއެކު ފޮޓޯ ނެގުންފަދަ ކަންތައްވެސް އޮވެއެވެ. އަތިރީގޭ ބޭފުޅުންނާއި ވާރަގޭ އިބްރާހިމް ދީދީގެ ގުޅުމުގެ ސަބަބުން ސިލޯނަށް ގޮސްފައި އައްޑޫއަށް ފުރުމުގެ ކުރިން އަބަދުވެސް މާލެއަށްގޮސް އޮޑިން ގެންނަހާ ރީތި ތަކެތި އަތިރީގޭ ބޭފުޅުންނަށް ވެދުންކުރުމަކީ އާދައެކެވެ. މިއީ ޕްރިންސް ދީދީ ވަރަށް ރުޅިއަރާ ކަމެކެވެ. ރަށަށް ގޮސްފައި ރައްޓެހިން ގާތުގައި އަތިރީގޭ ބޭފުޅުންނާއި ދިމާލަށް ލައްކަ ގިނަ އެއްޗެތިކިޔައި ހަދައެވެ. އަހަރެމެން ގެންނަ ނަލަ ތަކެތި އެއުރެން ލައިގެން ތިބޭއިރު އަހަރެމެން އުޅޭންމިޖެހެނީ ދެރަ ފޭރާން ލައިގެން ދެރަކަންމަތީގައޭ މިއީ ކޮންކަހަލަ އިންސާފެއްހޭ ކިޔައިގެން ބަސްގިނަކޮށް އުޅެއެވެ.

ޕްރިންސް ދީދީއަކީ ދައުލަތުގެ ވެރިންނަށް ބަދުބަސްބުނާ ޒުވާނަކޭ ކިޔާފައި ބައެއްމީހުން ރަށުގެވެރިންނާ ހަމަޔަށް މިޝަކުވާ އުފުލައިއުޅުނަސް ވާރަގޭ އިބްރާހިމް ދީދީގެ ދަރިފުޅު ވީމާ އެއްވެސްބަޔަކު ފިޔަވަޅެއް ނާޅައެވެ. ނުވަތަ ފިޔަވަޅެއް އަޅާން ނުކެރެއެވެ. ސިލޯނަށްް ގޮސް އުޅެނީ ބައްޕަޔާއިއެކު ކަމަށް ވުމުން ސިލޯނަށް ގޮސްފައި ފިލުމުގެ ފުރުސަތެއް ޕްރިންސް ދީދީއަކަށް ނުލިބެއެވެ. އެހެންނަމަވެސް ރާއްޖޭގައި އުޅެވޭނީ ކިހިނަކުންހޭ މިކަހަލަ އަނިޔާވެރި ވެރިން އުޅޭ ތަނެއްގައި ހުންނާން ބޭނުމެއްވެސް ނޫނޭ ކިޔައިގެން އަބަދުވެސް ވާހަކަދައްކައެވެ.

މިޒާތަކަށް މިކަން ހިނގަމުން ދަނިކޮށް ޕްރިންސް ދީދީގެ ބައްޕަ ވާރަގޭ އިބްރާހިމް ދީދީ ނިޔާވެއްޖެއެވެ. އެދީދީ ނިޔާވީމާ ޕްރިންސް ދީދީއަށް ލިބިފައި އޮތް ރައްކާތެރިކަން ގެއްލިއްޖެއެވެ. ބައްޕައެއްގެ ފުށުން ހިމާޔަތެއް ނެތި އަމިއްލަޔަށް ކަންކަމުގެ ތެރޭގައި ޝާމިލްވާން މަޖުބޫރުވެއްޖެއެވެ. އެދުވަސްވަރު ދައުލަތް ހިންގަވާން ހުންނެވި ހަސަން ފަރީދުގެ އެންގުވުމަކަށް އައްޑުއަތޮޅު މައިތިރި ކުރާން ބުޗާ ހަސަންކަލޭފާނޭ ކިޔުނު މާލޭ މީހަކު ހިތަދޫއަށް ފޮނުވައިފިއެވެ. މިމީހާގެ ކަމަކީ މީހުންނަށް ޖެއްސުންކޮށް ފޯރާމީހުންގެ އަތުން ތަކެތި ފޭރުމެވެ.

އެދުވަސްވަރު އިނގިރޭސި މަނަވަރާއި ބޯޓުފަހަރު ވަރަށް ގިނައިން އައްޑޫއަށް އައިސްގޮސް ވެއެވެ. މީން ބޯޓަކަށްގޮސް އިނގިރޭސިންނާއި މުއާމަލާތު ކުރުން ބުޗާ އޮންނަނީ މަނާކޮށްފައެވެ. އެއްދުވަހަކު ޕްރިންސް ދީދީ މީން ބޯޓަކަށް ހިގައްޖެކަމުގެ ޚަބަރު ލިބިގެން މިދީދީ އެނބުރި ރަށަށް އައިމާ ބުޗާގެ އަމުރަށް އެއްތެލާއި ދުއްރައިން ފިސާރިއަކަށް ތަޅައިފިއެވެ. މިތެޅުމެއް ތެޅީ ކޮރޮވަލު ބޯޅާމައްޗޭ ކިޔުނު މައިދާނުގައެވެ. ތަޅައި ނިމިގެން ބެލިއިރު އެދީދީއަށް ވަނީ ވަރަށް އަނިޔާވެފައެވެ. ހިގައިގަނެވޭވަރުވެސް ނުވެއެވެ. ދެން މިދީދީ ނަގައިގެން ތިމާގެ މީހުން އެހިސާބުގެ ގެޔަކަށް ވައްދައިގެން ބޮނޑިތާންކޮށް ވަރަށް ބޭސްކޮށްގެން ފަސޭހަވެއްޖެއެވެ.

ރަށުން ފިލުން

މިތެޅުމެއް ތެޅިފަހުން ކުރިއަށްވުރެވެސް ޕްރިންސް ދީދީގެ ހިތުތެރޭގައި އަތިރީގޭ ބޭފުޅުންނާއި މާލޭ ސަރުކާރަށް ރުޅިއެރުން އިތުރުވެއްޖެއެވެ. ރާއްޖެއިން ބޭރަށްގޮސް ފިލުމުގެ ޚިޔާލު ބޮޑުވެއްޖެއެވެ. އޭރު ހިތަދޫ ކުއްދައިތާގެ މަރިޔަމް ދީދީއާ ކައިވެނިކޮށްގެން އެދީދީގެ ބަނޑުބޮޑެވެ. ރާއްޖެއިން ބޭރަށް އެންމެ ފަސޭހައިން ދެވޭން އޮތީ އިނގިރޭސިންނާއި ގުޅިގެން ކަމަށް ފެނިގެން ބައްޕަގެ ފަރާތުން ވާރުތަވެގެން މިދީދީއަށް ލިބުނު ރަންކޮޅެއް އިނގިރޭސިންނަށް ދީގެންވިޔަސް ރަށުން ބެޗުމަށް ނިންމައިފިއެވެ. ފިލުމުގެ ޚިޔާލު ގެންގުޅޭތީ މިދީދީގެ މަންމަ ކޮރޮވަލިގޭ އާމިނާދީ ކުރިކަމަކީ ބަންގާޅު ބޮޑުފޮށްޓެއްގެ އަޑިއަށް އެއްކަލަ ރަންކޮަޅުލާފައި ތަޅުލައި މީނާގެ އުނަގަޑުގައި ތަޅުދަނޑި އެޅީއެވެ.

އެއްރޭ މަންމަ ނިދާންއޮއްވައި އުނަގަޑުން ތަޅުދަނޑި މޮހާލައިގެން ގެންގޮސް އެއްކަލަ ފޮށި ހުޅުވައި ފަށްޓަރުބައެއްގެ ފުލަކާއި ދެންވެސް ދެތިން ރަންކޮޅެއް ނަގައިފިއެވެ. ޕްރިންސް ދީދީ އެފޮށިން ނެގީ އެދީދީގެ ހަލާލު ރަންކޮޅުގެ ތެރެއިންވެސް ކުޑަ މިންވަރެކެވެ. އެފޮަށީގައި ހުރީ މަންމަ ކޮރޮވަލިގޭ އާމިނާދީއަަށްވީ އެތިކޮޅަކާއި ޕްރިންސް ދީދީއަށްވީ އެތިކޮޅަކާއި އެއްބަނޑު އެއްބަފާ ކޮއްކޮ ހާމިދަށްވީ އެތިކޮޅެކެވެ. ޕްރިންސް ދީދީގެ އެއްބަނޑުއެއްބަފާ ދައްތަ އައިސާދީ އޭރު މީހަކާ އިނދެގެން ވަކި ދިރިއުޅުމެއްގައި އެހެން ގެޔަކަށް ދިޔައިމާ ދައްތަގެ ރަންކޮޅު ވަކިކޮށްފައި އެބައި އޮތީ ދައްތަޔަށް ދީފައެވެ. ކޮންމެއަކަސް ޕްރިންސް ދީދީއަށްވީ އެތިކޮޅުން މިންވަރެއް އިނގިރޭސިންނަށް ދީފައި ތިމަންނާ ބޭރަށް ގެންގޮސްދޭށޭ ކިޔައިގެން އާދޭސްކޮށްފިއެވެ. އެވެރިންވެސް މިކަމަށް އެއްބަސްވެއްޖެއެވެ. އަނެއްދުވަހު މަންމަ ހޭލައިގެން ބެލިއިރު ތަޅުދަނޑި އޮތީ އުނަގަޑަކު ނޫނެވެ. އެހެންވެ ޕްރިންސް ދީދީ އެއްކަލަ ފޮށި ހުޅުވައިފިކަން ދެނެގެންފިއެވެ. ގޮސްބެލިއިރު ކޮންމެވެސް މިންވަރެއްގެ ރަންކޮޅެއް މަދުކަންވެސް އެގިއްޖެއެވެ.

ޕްރިންސް ދީދީ ރަށުން ފިލުމުގެ ބިރު އޮތުމާއި އެދީދީ އިނދެގެންހުރި ކުއްޖާގެ ބަނޑަށް ހަތްމަސް ވެފައިވުންފަދަ ކަންތަކަށް ރިއާޔަތްކޮށްފައި ރަށުގައި މީނާ ހިފަހައްޓާންވެގެން މަންމަ އޮފީހަށް ހިގައްޖެއެވެ. އެތާގައި ތިބެނީ ގާތްތިމާގެ މީހުން ކަމަށްވީމާ އެވެރީން މިކަން ހައްލުކޮށްދޭނޭ ކަމަށް ބަލައިފައެވެ. އެހެންނަމަވެސް ޕްރިންސް ދީދީއަކީ ސަރުކާރަށް ފާޑުކިޔާ މީހަކަށް ބުޗާ ހަސަން ކަލޭގެފާނު ބަލައިގެންފައި ހުރީމާ މިމައްސަލަ މުޅިން އެކޮޅުކޮޅުން ޖަހާފައި ހަގީގަތާޚިލާފު ވައްކަމުގެ އިލްޒާމެއް ބޮލުގައި އަޅުވާފައި ހަސަން ފަރީދުމެން ކުރެން އިތުރަށްވެސް އަދަބު ލިބޭނޭހެން ޕްރިންސް ދީދީ މާލެއަށް ފޮނުވާން ބުޗާ ނިންމައިފިއެވެ.

ޕްރިންސް ދީދީ މާލެ ފޮނުވާން ލީ އޮޑިޔަކީ އެދީދީގެ ބޮޑުބޭބެ ވާރަގޭ ހަސަން ދީދީގެ އޮޑިއެވެ. އޮޑީގެ މާލިމީއަކަށް ހުރީ ހިތަދޫ އަބްދުލްހަމީދުގެ އަބްދުﷲ ދީދީއެވެ. މިއީ ޕްރިންސް ދީދީގެ އެއްބަނޑުއެއްބަފާ ދައްތަޔާ އިނދެގެން ހުރި ޅިޔަނެވެ. ވީމާ މިދަތުރުގައި ޕްރިންސް ދީދީ އޮޑީގައި އިނީ ވަރަށް އިއްޒަތުގައެވެ. މިގޮތަށް ދަތުރުކުރަމުން ގޮސް ހުވަދޫ ކަނޑުން ވިއްސާރައިގައި ޖެހިއްޖެއެވެ. މާލިމީ ބުންޏެވެ. މިގޮތަށް ދަންޏާ މިހާރު ހައްދުންމަތީ ފަރު ފެންނަންވާނެއެވެ. ކުނބަށް އަރައި ކޮންމެވެސް މީހަކު ބަލާބަލާށެވެ. ކަނޑު ގަދަކަމުން އޮޑީގެ ފަޅުވެރިޔަކަށް މިކަމެއް ނުވިއެވެ. ޕްރިންސް ދީދީ ބަލާންހުރެފައިގޮސް ކުނބުގެ މެދަކާ ހިސާބަށް އަރާފައި ބުންޏެވެ. ކުރިމަތީގައި އެއޮތީ ފަރެވެ. އެހެންވީމާ އިރުމައްޗަށް އޮޑި އަނބުރައިލާށެވެ. ޕްރިންސް ދީދީ އެންގި ގޮތަށް އޮޑި އަނބުރާލައިގެން ދުއްވާތާ އެއްދުވަސް ފަހުން ފިލާ އަޅާފައި މާލިމީ އަބްދުﷲ ދީދީ ބުންޏެވެ. ޕްރިންސް ދީދީ ހަދަން އުޅުނުއެތި މިއޮތީ ވެފައެވެ. އޮޑި މިހިރީ ބެހިފައެވެ.

ޕްރިންސް ދީދީ ސިލޯނަށް

ވާރަގޭ ހަސަން ދީދީގެ އޮޑި ބެހިގެން ދެވުނީ ސިލޯނުގެ ކޮޅުނބަށެވެ. ކޮޅުނބުގެ ބަނދަރުގައި އޮޑި އަޅާފައި މާލިމީ އަބްދުﷲ ދީދީ އެއްގަމަށް އަރައިގެންގޮސް ރާއްޖޭގެ ސަފީރު ހުންނަވާ އޮފީހަށް ވަދެ ބުންޏެވެ. އަހަރެމެން ބެހިގެން މިތަނަށް އާދެވިއްޖެއެވެ. ސަރުކާރާ ހަވާލު ކުރާންޖެހޭ ކުށްވެރިޔަކު އޮޑީގައި އެބައިނެވެ. ސަފީރު ވިދާޅުވިއެވެ. މާލެއަށް ފުރާ އެތިގަޑެއް ފެންނާންދެން ތިޔަބައިމީހުން އޭނާ ރަގަޅަށް ބަލަހައްޓައިގެން އުޅޭށެވެ. ފުރަންވާނީ އެހެން އެތިގަޑަކުން އޭނާ މާލެ ފޮނުވާލައިފައެވެ.

އޮޑީގެ ކައިރިން އެއްރޭ ފަތިހު މުށިމަހަށް ނުކުމެގެން އުޅުނު ބޮއްކުރާއެއް ފެނިގެން ޕްރިންސް ދީދީ ހަނާ އެޅީމާ އެވެރިން އަތުވެއްޖެއެވެ. ދެން ހައެއްކަ އަރި ވަޅޯމަސް އެއްލައިފައި ބުންޏެވެ. މާދަންރޭ ފަތިހު އައިސްދީފިއްޔާ މިއަށްވުރެވެސް ގިނަ މަސްދޭނަމެވެ. މިވެރިން ވަރަށް އުފަލުން ތިބެގެން ހިގާއްޖެއެވެ. ފަތިސްގަޑީގައި މިކަން ކުރާއިރު އޮޑީގެ އެންމެން ތިބެނީ ނިދާފައެވެ. ޕްރިންސް ދީދީ ބަަލަހައްޓާން ހުންނަ ހިތަދޫ މުހަދަކަލޭގެވެސް އޮންނަނީ ނިދާފައެވެ. ނޫނިއްޔާ ނިދާންކަމަށް ހެދިގެންނެވެ. އެމީހަކީ ޕްރިންސް ދީދީގެ ބައްޕަ ދުނިޔޭގައި އުޅުނުއިރު އެބައްޕަގެ ދަތުރުފޮށި އުފުލާން ގެންގުޅުނު ވަފާތެެރި މީހެކެވެ. އަނެއްރޭވެސް އެއްކަލަ ބޮއްކުރާ އައީމާ ކުރީރޭ ދިންވަރަށްވުރެ ގިނަ މަސް ދީފިއެވެ. މިތަކެތި ދީފައި ކުޑަވަރެއްގެ ސިޓީއެއްވެސް ދީފިއެވެ. ސިޓީ ދީފައި ބުންޏެވެ. މީތި ގެންގޮސް މަރައްކާރުގެ އަތަށް ދޭށެވެ. މަރައްކާރަކީ ކޮޅުނބުގައި ހުންނަ ދިވެހިންގެ ވިޔަފާރި އެޖެންޓެވެ.

އެދުވަސްވަރު ހުރި މަރައްކާރަކީ ޕްރިންސް ދީދީގެ ބައްޕަ ވާރަގޭ އިބްރާހިމް ދީދީގެ ވަރަށް ގާތް ރައްޓެއްސެކެވެ. އިބްރާހިމް ދީދީގެ ވަރަށް ގިނަ ފާއިސާވެސް ރައްކާކުރަން މަރައްކާރުގެ އަތަށް ދީފައި ހުއްޓެވެ. ބައްޕަޔާއެކު އައިސް އުޅުމުގެ ތެރޭގައި ޕްރިންސް ދީދީއަށްވެސް އޮންނަނީ މަރައްކާރު އެނގިފައެވެ. މަރައްކާރަށް ފޮނުވި ސިޓީގައި ޕްރިންސް ދީދީ ލިޔުނީ ތިމަންނާގެ ބައްޕަ މަރުވެއްޖެއެވެ. އަހަރެމެންނާ ދޭތެރޭ ސަރުކާރުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށެވެ. މިކަމާ ދެކޮޅަށް ވާހަކަ ދައްކާތީ އަހަރެންގެ ބޮލުގައި ވައްކަން އަޅުވާފައި ހަސަން ފަރީދުމެންގެ ކައިރިއަށް އަހަރެން މަރާން މާލެ ފޮނުވަނިކޮށް އޮޑިބެހިގެން ކޮޅުނބަށް އާދެވިފައި ހުރީއެވެ. ބައްޕަގެ ހައްގަށްޓަކައި އަހަރެންނަށް އެހީވާށެވެ. މުޅި އުމުރަށްވެސް ޝުކުރު އަދާކުރާނަމެވެ.

މިސިޓީ ލިބުނީމާ މަރައްކާރުވެސް ޕްރިންސް ދީދީއަށް ސިޓީއެއް ލިޔެފައި ބޮއްކުރާ ކަލޭގެ އަތަށް ދީފައި ފޮނުވައިފިއެވެ. އޭގައި ލިޔެފައިއޮތެވެ. ދެެރަނުވާށެވެ. މިއަދުން ފެށިގެން ދެވަނަޔަށްވާރޭ ފަތިހު ހަތަރެއްޖަހާއިރު ކުޑަވަރެއްގެ ލޯންޗަކުން ދީދީ ބަލައި އަހަރެން ދާނަމެވެ. ތައްޔާރުވެގެން ހުންނާށެވެ. ލޯންޗު ކައިރިކުރީމާ އެކަކަށްވެސް ނާންގައި ލޯންޗުތެރެއަށް ފުންމައިިލާށެވެ. މަރައްކާރު އަންގާފައިއޮތް ގޮތަށް ފަތިސް ގަޑީގައި ލޯންޗަކުން މީނާ އައިސް އޮޑިޔާއި ކައިރިކޮށްފިއެވެ. އެންމެން ނިދާންތިއްބާ ޕްރިންސް ދީދީ ލޯންޗުގެ ތެރެއަށް ފުންމާލައިފިއެވެ. ވިދުވަރެއްހެން ލޯންޗުގޮސް އެއްގަމާއި ކައިރިކުރީމާ ޕްރިންސް ދީދީ ގޮވައިގެން މަރައްކާރު އެއްގަމަށް ފަައިބައިގެންގޮސް އޭނާގެ ގޭގައި ބަހައްޓައިފިއެވެ.

އޭގެ ފަހުން އޮޑީގެ މީހުންނަށް ޕްރިންސް ދީދީގެ ޚަބަރެއް ނުވެއެވެ. އެރީ އުޑަށްކަމެއް ވަނީ ބިމަށްކަމެއް ދެނަހުރި މީހަކުނެތެވެ. މާލިމީ އަބްދުﷲ ދީދީ ހޭލައިގެން ބެލިއިރު ޕްރިންސް ދީދީ އޮޑީގައިނެތްކަން އެނގިގެން ހޯދަހޯދާފައި ސަފީރުގެ އޮފީހަށް ގޮސް ޕްރިންސް ދީދީ ގެއްލިއްޖެކަން އަންގައިފިއެވެ. ސަފީރު ކޯފާވެގެން ވިދާޅުވިއެވެ. ކަލޭމެން އެންމެންވެގެން އޭނާ ފިލުމަށް އެހީވީއެވެ. އެކަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. އަހަރެން ސަރުކާރަށް ތިޔަކަމުގެ ރިޕޯޓު މި ފޮނުވަނީއެވެ. މިހެން ވިދާޅުވެ އޮޑީގެ އެންމެން މުޅިން ކުށްވެރިކުރައްވައިފިއެވެ.

ކިޔަވަން އަލީގަޅަށް

ޕްރިންސް ދީދީ ގޮވައިގެންގޮސް މަރައްކާރު ބުންޏެވެ. ތިޔަ ދީދީއަށް އަހަރެން ކޮށްދޭންވީ ކޮންކޮން ކަންތަކެއްހެއްޔެވެ. ދީދީގެ ބައްޕަ ވާރަގޭ އިބްރާހިމް ދީދީގެ ވަރަށްގިނަ ފައިސާ އަހަރެންގެ އަތުގައި އެބަހުއްޓެވެ. ވީމާ ދީދީ ބޭނުންވާ ކޮންމެކަމެއް އަހަރެން މިހިރީ ކޮށްދޭށެވެ. ޕްރިންސް ދީދީ ބުންޏެވެ. ބޭނުންވަނީ ކިޔަވައި މޮޅު މީހަކަށް ވާށެވެ. މުވާސަލާތާއި ގާނޫނާއި އަދަބިއްޔާތު ކިޔަވާން ބޭނުމެވެ. މިތަކެތި ކިޔަވާން ބަލާއިރު މިއޭޝިއާއި މިވަގުުތުހުރި އެންމެ މޮޅު ތަނަކީ އިންޑިޔާއި އެހުންނަ އަލީގަޅު މުސްލިމް ޔުނިވަރސިޓީއެވެ. ވީމާ އެތަނަށް ފޮނުވައި ދޭށެވެ. މިހެން ބުނީމާ ހަފުތާއެއްގެ ތެރޭގައި ދަތުރު ހަދައިގެން ޕްރިންސް ދީދީ ގޮވައިގެން މަރައްކާރު އިންޑިޔާގެ އަލީގަޅަށްގޮސް އެތާގެ މީހުންނާ ގުޅައިގެން ޕްރިންސް ދީދީ ޔުނިވަސިޓީއަށްް ވައްދާފައި އެނބުރި ކޮޅުނބަށް އަތުވެއްޖެއެވެ.

އަލީގަޅު ޔުނިވަރސިޓީގައި ކިޔަވާ ކުއްޖެގެ ގޮތުގައި ޕްރިންސް ދީދީ ހުރީ އެންމެ މުއްސަނދީންގެ ދަރީންވެސް ތިބޭގޮތަށެވެ. ކޮންމެ މަހަކުވެސް އެދީދީ އަންގާ އަދަދަކަށް މަރައްކާރު ދިޔައީ ފައިސާ ފޮނުވަމުންނެވެ. ކިޔަވާކުދިންގެ ތެރެއިން ހުރިހާކަމެއް ފުރިހަމަވެފެއި އެންމެ ތަނަވަސްކޮށް އުޅުނު އެކަކީ ޕްރިންސް ދީދީއެވެ. ޔުނިވަރސިޓީއަށް ވަދެފައިހުރީ ސިލޯނު ކުއްޖެގެ ގޮތުގައިކަމުން އެންމެންވެސް ހީކުރަނީ އެއީ ސިލޯނު ކުއްޖެއް ކަމަށެވެ. ޕްރިންސެއް ކަމަށެވެ.

މަރައްކާރުގެ އެހީގައި ސިލޯނުގެ ޕާސްޕޯޓު ހައްދާފައި އޮތީ ޕްރިންސް ދީދީގެ ނަމުގައެވެ. އެހެންވެ ކޮޅުނބުން އަލީގަޅަށް ފުރި ހިސާބުން އެއީ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީގެ މުހައްމާއިދިއެއް ނޫނެވެ. އެއީ ސިލޯނުގެެ ޕްރިންސް ދީދީއެވެ. ސިލޯނުގައި އެދުވަސްވަރު މަޝްހޫރު ކޮލެޖުތައް ހުއްޓަސް އެއިންތަނަކަށް ނުގޮސް އަލީގަޅަށް އައުމުގެ އެއްބޭނުމަކީ މިތަނަކީ އަތިރީގޭ މުހައްމަދު އަމީނު ކަހަލަ މާލޭ ބޮޑުންގެ ދަރިންވެސް ކިޔަވާންގޮސް އުޅުނު އަދި މާލެއަށްވެސް ވަރަށް މަޝްހޫރު ޖާމިއާއަކަށް ވުމުންނެވެ.

މިކިޔެވުމެއް ކިޔަވާން ފެށިތާ ދޮޅު މަހެއްހައިދުވަސް ފަހުން ޕްރިންސް ދީދީ ބައްޕަޔަކަށްވެސް ވެއްޖެއެވެ. ރަށުން ފުރިއިރު ބަލިވެއިން އެދީދީގެ އަންހެނުން ހިތަދޫ ކުއްދައިތާގެ މަރިޔަމް ދީދީ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ނަން ދިނީ ފާތުމާދީ (ދޮންދީދީ) ގެ ނަމުންނެވެ. އެހެންނަމަވެސް ބައްޕަޔަކަށް ވެއްޖެކަމާއި ލިބުނީ އަންހެން ކުއްޖެއްކަން ޕްރިންސް ދީދީ ނުދެނަހުއްޓެވެ. އުމުރުން އަށާރަ ނަވާރަ އަހަރުގެ ތޫނުފިލި ޒުވާނަކަށްވެފައި ކިޔެވުމުގައި އެދީދީ ކުރިއަށްދިޔައީ ވަރަށް ހަލުވިކޮށެވެ. ޚާއްސަކޮށް އިނގިރޭސިބަހާއި އުރުދޫބަހުގެ ތެރެއަށް އެދީދީ ވަންނަމުން ދިޔައީ ހައިރާންވާހައި އަވަހަށެވެ.

ރާއްޖޭގެ ވެރިކަމުގައި ހުންނެވި ހަސަން ފަރީދު އަވަހާރަވެގެން ދިވެހިރާއްޖެ ހިންގުމުގެ އެންމެހައި ބާރުތަކާ މުހައްމަދު އަމީނު ހަވާލުވެވަޑައިގަތީ ޕްރިންސް ދީދީ އަލީގަޅުގައި ހުއްޓައެވެ. އައްޑޫ މީހުންނަށް އަނިޔާދޭން މާލެއިން ހިތަދޫއަށް ފޮނުވި ބުޗާ ހަސަން ކަލޭގެފާނަށް ނުކިޔަމަންތެރިވެގެންނޭ ކިޔާފައި ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފާއި އަބްދުލްމަޖީދުގެ އަލިދީދީ އާއި ތުއްބީގެ އަލީ ފަހުމީދީދީ އާއި ކައްދާފާނުގެ މުހައްމަދު ސަލީމާއި ކަތީބު އިބްރާހިމް މަނިކާއި ކަތީބު އަބްދުﷲ ނަސީމާއި އަބްދުލް މަޖީދުގެ މުހައްމައިދިއާއި މާލެ ގެންގޮސް ތަޅައި ބުރީ ހަންނަގައި ސިއްކަގޭ އަބްދުﷲ މަނިކުފާނު މަރައި ޝައިޚް ހުސައިން ރަހާއާއި އެޅެދީދީގެ އަލިދީދީއަށް މުހައްމަދު އަމީނު އަނިޔާ ކުރީވެސް ޕްރިންސް ދީދީ އަލީގަޅުގައި ހުއްޓައެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި ސިލޯނަށް މިނިވަންކަން ލިބުނީވެސް އެދީދީ އަލީގަޅުގައި ހުއްޓައެވެ. އިންޑިޔާ ދެބައިވެ ޕާކިސްތާނު އުފެދި އިންޑިޔާއި ޕާކިސްތާނަށް މިނިވަންކަން ލިބުނީވެސް އަލީގަޅުގައި ހުއްޓައެވެ.

މަރައްކާރު މަރުވީމާ އެނބުރި ސިލޯނަށް

އަލީގަޅުގައި މިކިޔެވުމެއް ކިޔަވާން ޕްރިންސް ދީދީ ހުންނަތާ އަށްވަނަ އަހަރު މަރައްކާރު މަރުވެއްޖެއެވެ. މަރުބަލީގައި އޮވެގެން ހުރިހާ ކުދިން ގެނެސް މީނާ ބުންޏެވެ. އަހަރެން ޚަރަދުކޮށްގެން ކިޔަވައިދޭ ކުއްޖަކު އިންޑިޔާގެ އަލީގަޅުގައި ހުންނާނެއެވެ. މިހާރު ހުންނާނީ ރޯފިލާވަރަށް ކިޔެވިފައެވެ. އަހަރެން މަރުވީމާ އޭނާއަށް ޚަރަދުކޮށްގެން އެތާގައި ބެހެއްޓުމަކީ ކަލޭމެންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަހަރެން މަރުވީމާ ލަސްނުކޮށް އަލީގަޅަށްގޮސް އޭނާ ގޮވައިގެން ކޮޅުނބަށް ގެނެސް ދިރިއުޅުމެއް ފަށައިދޭށެވެ. އަހަރެންގެ ވިޔަފާރީގެ ތެރެއިން ކަލޭމެންނަށް މިވަރު ކޮށްދެވެންވާނެއެވެ. މިކަމަކީ ފީސަބީލި ކަމެއްވެސް ނޫނެވެ. އޭނާގެ ބައްޕަގެ ވަރަށްގިނަ ފައިސާ އަހަރެންގެ ވިޔަފާރީގެ ތެރޭގައި ވެއްޖެއެވެ. އޭގެ ހިސާބުކިތާބު އަހަރެންގެ އަތުންވެސް ވަނީ ގެއްލިފައެވެ. ވީމާ މި ވަސިއްޔަތް ކަލޭމެން އަޑު އަހާށެވެ.

މަރައްކާރު މަރުވީމާ އޭނާގެ ދޮށީދަރިފުޅު ދަތުރުހަދައިގެން ޕްރިންސް ދީދީ ގެންނަން އަލީގަޅަށް ހިގައްޖެއެވެ. ގޮސް ބައްދަލުކޮށްފައި ބުންޏެވެ. ބައްޕަ މަރުވެއްޖެއެވެ. ވީމާ ކިޔެވުން ހުއްޓާލާފައި ކޮޅުނބަށް ހިނގާށެވެ. ބައްޕަގެ ވަސިއްޔަތަކީ މިއީއެވެ. މިއަޑު އިވުނީމާ ޕްރިންސް ދީދީ ވަރަށް ހިތާމަކޮށްފިއެވެ. އެހާ އޯގާތެެރިކޮށް ކަންތައް ކޮށްދިންެ ބައްޕައެއް ކަހަލަ މީހެއްގެ މަރު ޚަބަރު ލިބުނީމާ ވަރަށް ރޮއެހަދައިފިއެވެ. ދަސްވެނިވާން ކައިރިވެފައި ވަނިކޮށް ކިޔެވުން ހުއްޓާލާފައި ކޮޅުނބަށް ދާންޖެހުމުގެ ހިތާމަޔަކީވެސް ކުޑަ ހިތާމައެއް ނޫނެވެ. އެހެންނަމަވެސް ކޮޅުނބަށް ދިއުން ފިޔަވައި އެހެން ގޮތެއް ނެތުމާއެކު މަރައްކާރުގެ ދަރިފުޅާއެކުގައި ކޮޅުނބަށް ހިގައްޖެއެވެ.

ކޮޅުނބަށް ގެންގޮސް މަރައްކާރުގެ ކުދީން ޕްރިންސް ދީދީއަށް ސިލޯނުގެ ރަށްވެހިކަމުގެ ލިޔުން ހޯދައިދީ ގާނޫނީ ގޮތުން ސިލޯނު މީހަކަށް މުޅިން ހަދައިފިއެވެ. މަރައްކާރުގެ ފައިސާގެ ތެރެއިން އެއްލައްކަ ރުފިޔާ ދީފައި ބުންޏެވެ. ދީދީ ދެން އަމިއްލަޔަށް އުޅޭށެވެ. އިތުރުކަމެއް ޖެހިއްޖެނަމަ އަހަރެމެންގެ ތެރެއިން ކުއްޖެއްގެ ކައިރީގައި ބުނާށެވެ. މަރައްކާރުގެ ތިބެނީ ޖުމްލަ އެގާރަ ކުދީންނެވެ. އެވެރީންގެ އެހީގައި ވަކިގެޔެއް ހޯދައި ކޮޅުނބާއި ކައިރި ރަށެއްގެ މުސްލިމް އާއިލާއެއްގެ ނަލަ އަންހެންކުއްޖަކު ގެނެސް އެކުއްޖާޔާ އިނދެގެން ޕްރިންސް ދީދީވެސް ވަކިދިރިއުޅުމެއް ފަށައިފިއެވެ.

މިހެން އުޅުމުގެ ތެރޭގައި ސިލޯނުގެެ ވިޔަފާރިވެރީންގެ ބައެއް ނޫސްތަކަށް އިނގިރޭސިބަހުން މަޒްމޫނު ލިޔާން ފަށައިފިއެވެ. ވަރަށް އިލްމީ ވަރަށް ދިރާސާ ލިޔުންތައް ލިޔާން ފަށައިފިއެވެ. ބަލަން ތިބެފެއި ސިލޯނުގެެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުން ޕްރިންސް ދީދީގެ ކައިރިއަށްއައިސް ސިޔާސީ އަދި އިޖުތިމާއީ މަޒްމޫނުތައް އިނގިރޭސިބަހުން ލިޔެދޭން އެދެން ފަށައިފިއެވެ. ދުވަސްކޮޅަކުން ޓައިމްސް އޮފް ސިލޯން، ޑެއިލީ ނިއުސް، ޑެއިލީ މިރަރ ކަހަލަ ރަސްމީ ނޫސްތަކަށްވެސް ޕްރިންސް ދީދީގެ މަޒްމޫނުތައް އަރާން ފަށައިފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!