ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހާއި އޭނާގެ އޮޑީގެ ނިމުން 1

ވާހަކައިގެ ފެށުން

ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހަކީ ވަރަށް ކުޅަދާނަ މާލިމީއެކެވެ. އަހުމަދު ސާލިހުގެ ބައްޕަޔަކީ މަޝްހޫރު އެޅެހިށިގޭ ދޮންމަނިކެވެ. ދޮންމަނިކުގެ ތިބީ ތިން ފިރިހެން ކުދިންނެވެ. އެއީ މުހައްމަދު ތައުފީގާއި އަހުމަދު ސާލިހާއި އަބްދުލް މުހުސިނެވެ. ދޮންމަނިކަކީ އޮޑިފަހަރު ދުއްވައި ވަރަށް ފުޅާކޮށް ވިޔަފާރިކޮށް އުޅުނު ސާދާގަރެކެވެ. ދޮންމަނިކު ނިޔާވުމަށްފަހު އޮޑިފަހަރު ދުއްވައި ވިޔަފާރީގެ ކަންތަކާ އުޅުނީ އަހުމަދު ސާލިހެވެ. އެޅެހިށިގޭގައި ތިން އޮޑި އޮތެވެ. ތިންބެއިންނަށް ތިން އޮޑިއެވެ. އެކަމަކު މިހުރިހާ އޮޑިފަހަރުގެ ހުކުމްދާރަކީ އަހުމަދު ސާލިހެވެ. މުހައްމަދު ތައުފީގާއި އަބްދުލްމުހުސިނުގެ ޝައުގުވެރިކަން ބޮޑަށް ހުރީ ކިޔަވައިދިނުމާއި އެބާވަތުގެ އެނޫންވެސް ކަންކަމަށެވެ. އެކަމަކު އެދެބެއިންނަކީވެސް އަހުމަދު ސާލިހު ފަދައިން ކުޅަދާނަ މާލިމީންނެވެ.

ލިޔާން މިއުޅެނީ މީގެތެރެއިން އަހުމަދު ސާލިހުގެ ދިރިއުޅުމާއި އޭނާ ގެއްލުނު ހާދިސާގެ ވާހަކައެވެ. އެވާހަކަ ފެށުން އެކަށީގެންވަނީ އަހުމަދު ސާލިހުގެ ތައާރަފެއް ދީފައެވެ. އެތައާރަފެއް ދެވޭނީ އޭނާގެ މަޝްހޫރު ބައްޕަޔާއި އެބައްޕަގެ ކުޅަދާނަކަމުގެ ވާހަކަވެސް ގެނެސްދީފައެވެ. އެހެނީ އެބައްޕަޔަކީ ވަރަށް ގިނަކަންކަމުގައި ދިވެހީންނަށް ނަމޫނާ ދެއްކި ދިވެހީންގެ އުސްތާޒެކެވެ. އަހުމަދު ސާލިހަކީ ކާކުކަން އޮޅުން ފިލާނީވެސް އޭނާގެ ބައްޕަ އެޅެހިށިގޭ ދޮންމަނިކަކީ ކާކުކަމާއި ދޮންމަނިކުގެ މަޝްހޫރުކަމުގެ ވާހަކަ ކިޔައިދެވިގެންނެވެ.

އެޅެހިށިގޭ ދޮންމަނިކު

އެއީ ފަޟީލަތުއްޝައިޚު އަލްޙާއްޖު އިބްރާހިމް ބަހާއުއްދީން ބިން އަލްޤާޟީ އިސްމާޢީލް ބަހާއުއްދީނެވެ. އިބްރާހިމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކަކީ ދީނީ އިލްމާއި އަރަބި ބަހުގެ އިލްމަށް އަރައި ހުރި ބޭކަލެކެވެ. ހިސާބު އިލްމާއި ހަކީމީ ބޭސްވެރިކަމުގެވެސް މާހިރެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ އުސްތާޒެކެވެ. މީގެ އިތުރަށް ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި ތިލޭރުވެރިކަމާއި އައްކަންކުރުމުގައިވެސް އެކަންކަމުގެ ތެރެއަށް ވަދެހުރި މަސައްކަތްތެރިއެކެވެ. ދޮންމަނިކަކީ ފޮތާއި ކަތިވަޅިވެސް ގެންގުޅުނު ހީވާގި މީހެކެވެ. ތަހުޒީބު ދިރިއުޅުމަކަށް ގަދައަޅައި މަސައްކަތްކުރި ހިކުމަތްތެރިއެކެވެ. ދުނިޔޭގެ އަލިކަން ދުށީ މީލާދީން 1864 ގައި މީދޫ ދޮންއާބުގޭގައެވެ. ބަފައިކަލަކީ ދެށިނާގެ އިސްމާއިލް މަނިކެވެ. އެއީ ފަހުން އިސްމާއިލް ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނެވެ. މައިކަނބަލަކީ މީދޫ ދޮންއާބުގޭ ފާތިމާފާނެވެ.

އެޒަމާނާއި މިޒަމާނުގެ ގިނަ ދިވެހިންނަށް ނިސްބަތްކުރާއިރު ދޮންމަނިކަކީ އިސްކޮޅުން ދިގު މީހެކެވެ. ދުށްމީހުން އަންދާޒާކުރަނީ ހަފޫޓު ކަމުގައެވެ. އެއީ ދިވެހިންގެ ތެރެއިން ކުލަ އަލި މީހެކެވެ. ދޮންމަނިކަކީ ނިޔަމިކަމުގައި އެދުވަސްވަރު ދުނިޔޭގައި ތައާރަފުވަމުންއައި އާގޮތްތަކާއި ސާމާނު ރާއްޖެއަށް ގެނައި އުސްތާޒެކެވެ. އެދުވަސްވަރު ދިވެހިންގެ ތެރޭގައި ކޮށްއުޅުނު ގިނަ މަސައްކަތްތައް ދަނެގެން ދޮންމަނިކަކީ އަމިއްލަ މަސައްކަތްތައް އަމިއްލައަށް ކުރި މީހެކެވެ. އަމިއްލަ ގެ ކަމަށްވާ އެޅެހިށިގެ ރޭނިއެވެ. އެގެއަށް ބޭނުންވާ ފަރުނީޗަރު އަމިއްލައަށް ހެދުމަށްޓަކައި ވަޑާން ކުރިއެވެ. މައުދަނުގެ ތަކެތި ބައްޓަން ކުރުމަށް އައްކަން ކުރިއެވެ. މިކަމުގައި ނުހަނު ފާޑުވެރިކަން ހުރޭމެއެވެ.

ދޮންމަނިކު ހަމައެކަނި ކަނބުރުގޭގައި ހުރީއެއްނޫނެވެ. ފޮތުން ކިޔަވައިވެސް ދިނެވެ. ރާއްޖޭގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މާލޭ ވެލިދޫގޭ ހުސައިން ދީދީ އާއި ހުސައިން ސަލާހުއްދީނުގެ ދޮށީ ދަރިކަލުން މުހައްމަދު ސައީދު ދީދީއަށް ވެސް އެންމެ ފުރަތަމަ ކިޔަވައިދިނީ ދޮންމަނިކެވެ. ކިޔަވައި ވިދާޅުވުމަށް އެބޭފުޅުން ވަޑައިގެން ތިއްބެވީ ހުޅުދޫ އާއި މީދޫގައެވެ.

ދޮންމަނިކު ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރިއެވެ. ކަރަކަރަ އާއި ވިލާތަށްވެސް ދިޔައެވެ. އެތަންތާގެ މީހުންގެ ދިރިއުޅުމާއި މަސައްކަތްތެރިކަމުގެ އާޖުފާޖު ދަސްކުރިއެވެ. އެތަންތަނުގެ ގަދަރުވެރިންނާއި ގުޅުން ބެހެއްޓިއެވެ. މިގޮތުން އަފްގާނިސްތާނުގެ ރަސްގެފާނު މުހައްމަދު ނާދިރު ޝާހުގެ މެހުމާންދާރީގައި އެމަނިކުފާނުގެ އަރިހުގައި ދުވަސްތަކެއް ހޭދަކުރިއެވެ. އެދުވަސްވަރު މައްކާގެ ހަރަމްފުޅުގެ އިމާމާއެކުވެސް ރަހުމަތްތެރިކަން އުފެއްދިއެވެ. ސިޓީބިޓީ ބަދަލު ކުރެވިފައިވެއެވެ.

ދޮންމަނިކު އެންމެ ފުރަތަމަ ކައިވެނި ކުރީ އެޅެގޭ ޝައިޚު އަލިދީދީގެ ދަރިކަނބަލުން މަރިޔަމް ދީދީއާއެވެ. ހުޅުދޫ އެޅެހިށިގެއަށް ދޮންމަނިކު ބަދަލުވީ އެހިސާބުންނެވެ. އެޅެހިށިގެއަކީ އަލިދީދީގެ ގެއެކެވެ. ހައްޖަށް ގޮސްގެން އުޅުމުގެ ތެރޭގައި މަރިޔަމް ދީދީ ނިޔާވުމުން ދޮންމަނިކު ދެން ކައިވެނިކުރީ އެޅެގޭ އަބްދުﷲ ދީދީގެ ދޮށީ ދަރިކަނބަލުން ފާތިމަތު ދީދީއާއެވެ. މި ދީދީއާ ކައިވެނިކޮށްގެން އުޅެމުން ދެވަނަ މީހަކާވެސް އިނެވެ. އެއީ ހުޅުދޫ ގެދަރު އައިމިނާ މަނިކެއެވެ. ދޮންމަނިކަށް ކުދިން ލިބުނީ އައިމިނާ މަނިކެގެ ފަރާތުންނެވެ. އެއީ މުހައްމަދު ތައުފީގާއި އަހުމަދު ސާލިހާއި އަބްދުލް މުހުސިނެވެ. ތަންކޮޅެއް ފަހުން ފިޔޯރީ ދޮންދީދީގެ މަރިޔަމް ދީދީއާ ވެސް ކައިވެނިކުރިއެވެ.

ދޮންމަނިކުގެ ދިރިއުޅުން

ދޮންމަނިކަކީ ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ހޭދަކޮށް އެތަންތާގެ ކަންކަން ވަރަށް ރަގަޅަށް ތަޖުރިބާ ކޮށްފައިހުރި މީހަކަށްވާތީ މީގެތެރެއިން ވަރަށް ގިނަ އައުކަންކަން ދޮންމަނިކު ރާއްޖެއަށް ތައާރަފް ކުރިއެވެ. މީގެތެރެއިން އެއްކަމަކީ ދޮންމަނިކުގެ ދިރިއުޅުމުގެ އަމިއްލަ ސްޓައިލާއި ކެއިންބުއިމުގެ އުސޫލުތަކެވެ. ތަފާތު ކާނާ ތައްޔާރުކުރާނޭ މަގު އަންހެނުންނަށް ދަސްކޮށްދިނީ ދޮންމަނިކު އަމިއްލައަށް ފޮތްތައް ބަލައިގެން ބައްތި އުނދުން ބޭނުން ކޮށްގެން ކައްކައިދީގެންނެވެ. މިގޮތުން ހިންދުސްތާނު ރިހަ، ދީނާރު ފޮޅި، އިޑިއައްޕަން، ރަވާ ފަދަ ބާވަތްތަކަކީ އަލަށް ދަސްކޮށްދިން ޚާއްސަ ބާވަތްތަކެވެ.

ބޭކިން ޕައުޑަރު އަޅައިގެން ކޭކު ފިހަން ދަސްކޮށްދީ އެކަން ރާއްޖެއަށް ތައާރަފުކޮށްދިނީވެސް ދޮންމަނިކެވެ. ދޮންމަނިކުގެ ގޭގައި ކެއްކުމުގެ އައުގޮތްތަކާއި ބާވަތްތައް ތައާރަފުކުރުމުގެ ސަބަބުން ވަރަށް ފަހަކާޖެހެންދެންވެސް ހުޅުމީދޫ ހިމެނިފައި އޮތީ ކެއްކުމުގެ ރޮނގުން ވަރަށް ހުނަރުވެރި ކަނބަލުން ތިބި ރަށެއް ކަމުގައެވެ.

ދޮންމަނިކުގެ ދެމަފިރިން ފަތިސް ނަމާދުން ނިމިގެން ފުރަތަމަ ބޮއިއުޅުނީ ތާޒާކިރެވެ. ކިރު ފެލުމަށް ބޭނުންވާ ގެރިއާއި ބަކަރި ބައިތިއްބަނީ އެޅެހިށިގޭ ފުރަގަހުން ވަލުތެރޭގައި ތައްޔާރުކޮށްފައިވާ ކޮށްޓެއްގައެވެ. ހެނދުނު ސައިގަޑީގައި ހުންނާނީ ކޮންމެވެސް ދެބާވަތެއްގެ ރިހަޔާއި ދީނާރު ފޮޅިއާއި ދެބައިކުޅަ އެއްބަޔަށް ކައްކާފައިވާ ބިހާއި ކޭކާއި މޯލްޓެޑް މިލްކާއި ތާޒާ މޭވާއެވެ. ނުވަ ގަޑީގައި ކޮންމެވެސް ތާޒާ ފަންޏެކެވެ. މިކަމަށް ބޭނުންވާ މޭވާ ބިންނަނީ ގޭގެ ބަގީޗާއިންނެވެ.

މެންދުރަށް ހުންނާނީ ހިމަ ހަނޑުލުން ކައްކާފައި ހުންނަ ބަތާއި ދެވައްތަރެއްގެ ރިހައެކެވެ. މީގެ ތެރެއިން އެއްރިހަޔަކީ ތަރުކާރީގެ ކޮންމެވެސް ބާވަތަކުން ކެކިފައިވާ ރިހަޔަކަށް ވާން ޖެހެއެވެ. ކޮންމެ މީހަކަށް ފިހެފައިވާ ބޭނގެއް އޮންނާނެއެވެ. މިކަމަށްޓަކައި ހުޅުދޫ ކުޅީގައި ބޭނގު އާލާކޮށްގެން ގެންގުޅުނެވެ. ހަވީރު ސަޔަށް އޮވަލްޓީނެވެ. ދެން ތިން ހަތަރު ވައްތަރެއްގެ ބިސްކޯދެވެ. ރޭގަނޑު ހުންނާނީ ދީނާރު ފޮޅިއާއި ރިހަ ނުވަތަ ބަތާއި ރިހައެވެ. އޭގެ އިތުރުން އިޑިއައްޕަން ނުވަތަ ރަވާގެ ކޮންމެވެސް ބާވަތެކެވެ. ރޭގަނޑުވެސް ފިހުނު ބޭނގު ހުންނާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ކޮފީ ބޮއިހަދައެވެ. ކޮފީ ހަދަނީ މެޝިނާއި ކޮފީ އޮށް ބޭރުން ގެނެސްގެންނެވެ. މި ލިޔެވުނީ ދޮންމަނިކުގެ ހަޔާތުން އެންމެ ދުވަހެއްގެ ކެއުމުގެ އާދަތަކުގެ ވާހަކައެވެ.

ދޮން މަނިކާއި ދޮންމަނިކުގެ އަންހެނުންގެ ހެދުންވެސް ހަމަމިފަދައެވެ. ދޮންމަނިކު ބޭނުން ކުރަނީ އަފްގާނިސްތާނުގެ ނަވާބުންގެ ހެދުމެވެ. އަންހެނުން ބޭނުންކުރީ ދޫކޮށް މުޅިހަށިގަނޑު ނިވައިވާގޮތަށް ފަހާފައިވާ ހެދުމެވެ. ފައިގައި އިސްޓާކީނު ހުރެއެވެ. އިސްތަށިގަޑު ނިވާކުރަނީ ސްކާފެއް އަޅައިގެންނެވެ.

ދިރިއުޅުން ފަސޭހަކުރުމަށް ބޭރުން ގެއަށް ގެނެސްގެން އުޅުނު ތަކެތީގެ ތެރޭގައި ބައްތި ދިއްލައިގެން ބޭނުންކުރާ އެނބުރޭ ފަންކާ ހިމެނެއެވެ. ގޭގައި ފާޚާނާހަދައި ފެންވައިރުކޮށް މޫނު ދޮންނަ ތަށި ބެހެއްޓިއެވެ. ތަހުޒީބަށް ލޯބިކުރުމާއި އަރާމު ކުރުމަށް ދޮންމަނިކު ކުރި އެހެން ކަންކަމުގެ ތެރޭގައި ހުކުރު ދުވަހު މެންދުރުފަހު ކޮންމެވެސް ފަޅުރަށަކަށް ޕިކްނިކް ދިޔުން ހިމެނެއެވެ. މިފަދަ ދުވަސްދުވަހު ކެއުމަށް އެރަށްރަށުގައި ކޮތަރު ފިހެއެވެ. ސޮޑާ ކައްކާ މެޝިނާއި ފުޅިއާއި ސޮޑާގެ ތަފާތު ރަހަތަކުގެ ކުނޑި އިންޑިޔާއިން ގެނެސްގެން ސޮޑާ އަޅައި އެއިން ވިޔަފާރިވެސް ކުރިއެވެ.

އަތަރު ކައްކާ މެޝިން ގެނެސްގެން އަތަރު ތައްޔާރު ކުރިއެވެ. ބޭސްވެރިކަމުގެ ތަފާތު ޝަރުބަތު ހަދާ މެޝިން ގެނެސްގެން އެކަންވެސް ކުރިއެވެ. ޕައުޑަރު ލޮނު އުފެއްދޭތޯވެސް އުޅުނެވެ. މޫދުން ލޮނު ގެނެސްގެން ޕައުޑަރަށް ބަދަލު ކުރެވޭތޯ ކުރި މަސައްކަތުން ދޮންމަނިކުގެ ސިނާއީ ވިސްނުން ހުރި މިންވަރު ހާމަވެއެވެ.

އެކްސްޕޯޓުކޮށް އުޅުނު މައިގަޑު މުދަލަކީ މަހާއި ކުފުރާއެވެ. ކުފުރާއިން ތެޔޮ ތައްޔާރުކުރުމަށް ބިޔަ ހިލަވަނެއް ގެނެސްގެން އެމަސައްކަތްވެސް ކުރިއެވެ. ތިމާވެއްޓަށް ގެއްލުންވިޔަ ނުދިނުމުގެ ގޮތުން ރަށުގެ ވަރަށް ގިނަ ތަންތާގައި ލަކުޑި ގަސްގަހާއި މޭވާ އަޅާ ގަސްގަސް އިންދިއެވެ. ގަސްކާނާ ގެނެސްގެން މޭވާގެ ވަރަށް ގިނަ ބާވަތްތައް މުޅިން އަލަށް ތައާރަފު ކުރިއެވެ. އޭގެތެރޭގައި ޏަމްޏަމާއި ފިނިފެން ޖަންބު، ޖަންބާއި ޖަނބުރޯލު، ވިލާތު ކުންނާރު، ހެލެބެލި އަދި ގޯބިއްޔާއި ކާމަރަނގަ ހިމެނެއެވެ. އައްޑޫއަށް އަނބު ތައާރަފުކުރީވެސް ދޮންމަނިކެވެ.

ރާއްޖެއަށް ތައުލީމާއި އިލްމުވެރިކަން ފެތުރުމަށް ދޮންމަނިކު ވަރަށް ބޮޑު އިސްކަމެއްދިނެވެ. އެންމެ ފުރަތަމަ ޗާޕު މެޝިނަކާއި ކަރުދާސް ކަފާ މެޝިނެއް ގެނެސް ޗާޕުގެ މަސައްކަތް ރާއްޖޭގައި ފެށީވެސް ދޮންމަނިކެވެ. އޭގެކުރިން ރާއްޖޭގެ އިލްމުވެރިން ލިޔުއްވާ ފޮތްތައް ރާއްޖޭގައި ޗާޕުކުރެވޭނެ ގޮތެއް ނުހުރެއެވެ. ޗާޕުކުރަން ދޮންމަނިކު ގެނައި ލިތޯ މެޝިން މިހާރުވެސް ދާރުލް އާސާރުގައި އެބަހުއްޓެވެ. ދޮންމަނިކު ނިޔާވުމުން ކަރުދާސް ކަފާ މެޝިން ސަރުކާރުން މާލެގެނެސް ބަގީޗާގޭގައި ބަހައްޓައިގެން އޭތި ވަނީ ނެތިގޮސްފައެވެ. މާލޭގައިވެސް އެނޫނީ ކަރުދާސް ކަފާ މެޝިނެއް ނުހުރެއެވެ.

ދޮންމަނިކު އަމިއްލައަށް ފޮތްތައް ލިޔެގެން ޗާޕުކުރިއެވެ. މީގެ ތެރެއިން އެއްފޮތަކީ ޖަންނާތުލް ފިރުދައުސެވެ. އެފޮތް ޗާޕުކުރީ 1910 ގައެވެ. ރިސާލާ ފޮތް ޗާޕުކުރީ 1927 ގައެވެ. މިނޫންވެސް ކިތަންމެ ފޮތެއް ތަރުޖަމާ ކޮށްގެންނާއި އެނޫންވެސް ގޮތްގޮތަށް ދޮންމަނިކު ލިޔުނެވެ.

ދޮންމަނިކުގެ ނުފޫޒާއި ގެންގުޅުނު ބަޑި

ޝަމްސުއްދީން ތިންވަނައިގެ ރަސްކަމުގެ ކުރީކޮޅާއި މެދުތެރޭގައި ދައުލަތުން އެއްފަހަރަށްވުރެ ގިނަ ފަހަރު ދޮންމަނިކަށް އުއްތަމަ ފަނޑިޔާރުކަން ހުށައެޅިއެވެ. އެކަމަކު ދޮންމަނިކު ބޭނުންވީ ވިޔަފާރިކަމު އުޅުން ކަމުގައިވާތީ އެމަގާމު ގަބޫލު ނުކުރީއެވެ. ވިޔަފާރީގައި ދޮންމަނިކަކީ ވަރަށް ކުޅަދާނަ މީހެކެވެ. ރާއްޖެއިން އެކްސްޕޯޓު ކުރާތަކެތި ސިލޯނަށް ގެންގޮސް އެތަކެތި ފައިސާއަށް ހަދައިގެން ދޮންމަނިކު ގަންނަނީ ޖަވާހިރެވެ. ދެން އެޖަވާހިރާއިގެން ދޮންމަނިކު ދާނީ އަރަބިކަރަޔާއި ފާރިސްކަރަޔާއި ތުރުކީވިލާތް ފަދަ ތަންތަނަށެވެ. ޖަވާހިރު ވިއްކާނީ އަގުތައް އެންމެ ރަގަޅުކަމަށް ފެންނަ ބާޒާރުތަކުގައެވެ. ފަނޑިޔާރުކަމުގައި ހުރެގެން ލިބޭ އެއްޗަކާއި ހިތްހަމަ ޖެހުމަށްވުރެ މިމަސައްކަތަކީ ދޮންމަނިކަށް މާބޮޑަށްވެސް ހިތްހަމަޖެހުން އޮންނަ ކަމެކެވެ.

ރާއްޖެއަށް ރައިފަލް ޒާތުގެ ބަޑިއެއް ގެނެސް އެބަޑިވެސް ދޮންމަނިކު ގެންގުޅުނެވެ. އަދި ރޭގަޑު އަލިކޮށްގެން ދޫނި މެރުމަށް ވަރުގަދަ ޓޯޗު ބައްތިއެއްވެސް ގެނެސްގެން ގެންގުޅުނެވެ. މިބަޑިއާއި ޓޯޗު އަތުލުމަށް އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު މާލެއިން މީހުން ފޮނުއްވިއެވެ. ދޮންމަނިކު މިކަމާ ހިތްހަމަނުޖެހިގެން ޓޯޗު ބައްތި މުގުރާލައި މިއޮތީއޭ ގެންދާށޭ އެންގިއެވެ. އެކަމަކު ބަޑިއެއް ނުދިނެވެ. ސަރުކާރުން ފޮނުވި މީހުންނަށްވެސް ދޮންމަނިކުގެ ގަޔަށް އަރައިގަންނާކަށް އަމުރެއް ނެތެވެ. އެހެންކަމުން އެމީހުން ދިޔައީއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑޫއަށް ދިޔަ އިނގިރޭސި މަނަވަރެއްގެ ސިފައިން ހުޅުމީދޫއަށް ފައިބައި ދޮންމަނިކުގެ ވާހަކަ އަހައިގެން އޭނާއާ ބައްދަލުކޮށް ބަޑިޖަހަން އެނގެނީ ކިހާވަރަކަށްތޯ ޓެސްޓު ކުރިކަމަށް ހުޅުދޫ މީހުން ކިޔައެވެ. އެދުވަހު އަމާޒަށް ބަޑިޖެހުމަށް ދޮންމަނިކުގެ ކުޅަދާނަކަން ފެނިފައި މަނަވަރުގެ ކައްޕިތާނު ދޮންމަނިކަށް ސާބަހުގެ ލިޔުމެއްވެސް ދީފައިވެއެވެ. މިލިޔުން ދާދިފަހަކާ ޖެހެންދެންވެސް ދޮންމަނިކުގެ އައުލާދުގެ މީހުން ގެންގުޅުނެވެ.

ސަރުކާރުން މީހުން ފޮނުވައިގެން ބަޑި އަތުލާން އުޅުނު މައްސަލާގައި ދޮންމަނިކާއި އަތިރީގޭ ބޭފުޅުން ހިސާބަކަށް މުޑިއަރާފައި ވަނިކޮށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަތްޕުޅުގައި ހުރި ގިނަ އަދަދެއްގެ މާވަހަރު ބޭރުގެ ބާޒާރެއްގައި ވިއްކައިލާން ޖެހިއްޖެއެވެ. އެކަށޭނަ އަގެއް ލިބޭގޮތަށް މިކަން ކުރެވޭނެ ކަމަށް ފެނިވަޑައިގަތީ ދޮންމަނިކަށެވެ. އެހެންވެ ދޮންމަނިކާއި މިވާހަކަ ދެއްކެވީމާ ދޮންމަނިކު މިކަމަށް އެއްބަސްވެގެން އިރާގުގެ ބާޒާރެއްގައި ވަރަށް ބޮޑު އަގެއްގައި މާވަހަރު ވިއްކައިފިއެވެ. އަބްދުލްމަޖީދު މިކަމާއި ވީއުފާފުޅުން މީގެ ފައިދާގެ ޕަސަންޓު ދޮންމަނިކަށް ދެއްވަން އުޅުއްވީމާ ގަބޫލެއް ނުކުރިއެވެ. ދެން ދޮންމަނިކަށް ކޮށްދޭންވީ ކޮންކަމެއްތޯއޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެއްސެވީމާ ދޮންމަނިކު ބުންޏެވެ. ކޮށްދޭންވީ ކަމަކީ ތިމަންނަޔާއި ނުބެހުމެވެ.

ދޮންމަނިކާއި ނުބެހުމަށް އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު އެއްބަސްވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ދޮންމަނިކަކީ ބަޑިގެންގުޅުމުގެ ހުއްދަ އޮންނަ ސިފައިންގެ ސަރުދާރެއްކަމުގައި ހެއްދެވީއެވެ. ދެން އެބަޑިއަށް ބޭނުންވާ ބަޑިބޭހާއި އުންޑަ ސިފައިންގެއިން ދޮންމަނިކަށް ފޮނުވޭގޮތަށް ހަމަޖެއްސެވީއެވެ. މިއަށްފަހު ދޮންމަނިކު އެބަޑި ގެންގުޅުނީ ހަމަ ވަރަށް ފާޅުގައެވެ. ބައެއްދުވަސް ދުވަހު ބަޑި ސާފު ކުރަން މީހުންނާއެކު ގޭގެ ބޭރު ފެންޑާގައިވެސް އިނދެއެވެ. ދޮންމަނިކުގެ އިއްޒަތް ފުރިހަމަވާނީ އެބަޑިވެސް ކައިރީގައި އޮތުމުންނެވެ.

ދޮންމަނިކު ނިޔާވެގެން ސަރުކާރުން އެދިގެން އެބަޑި ސިފައިންގެއާއި ދޮންމަނިކުގެ ދޮށީ ދަރިފުޅު މުހައްމަދު ތައުފީގު ހަވާލު ކޮށްފިއެވެ. އަތިރީގެ އާއި ދޮންމަނިކުގެ ގުޅުމުގެ ތެރެއިން އަތިރީގޭގައި އެކިބާވަތްތަކުގެ މޭވާ ގަސްތައް އިންދައި އެގަސްތައް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނީވެސް ދޮންމަނިކެވެ. ދޮންމަނިކާއި މީދޫ ކަޅު އަބްދުﷲ ދީދީ ދުނިޔޭގައި ތިބިހައި ދުވަހު އަތިރީގޭ ބޭފުޅުން ހުޅުމީދޫގެ ކަންކަމާއި ނުބެހެއެވެ. ދޮންމަނިކު ނިޔާވީ އުމުރުން 68 އަހަރުގައި 3 ޖުލައި 1932 ގައި ހުޅުދޫގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!