އައްޑޫބޯޓުން ދަތުރުކުރި މީހުން މަރުގެ ތުންފަތްމަތިން ސަލާމަތްވިގޮތުގެ ވާހަކަ 1

އައްޑޫބޯޓު

މިއީ އައްޑޫބޯޓޭ ކިޔުނު ނާލުބޯޓެއް މާލެއިން ފުރައިގެން އައްޑުވަށް ދަތުރުކުރަނިކޮށް ބޯޓުގައި ތިބި މީހުންނަށް ކުރިމަތިވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ދުވަސްވަރަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ އެންމެފަހު ދުވަސްވަރެވެ. މާލެއާއި އަތޮޅުތަކާދެމެދު ކަނޑުފިޔަވައި ދަތުރުފަތުރުގެ އެހެން ވަސީލަތެއް ނޯންނަ ޒަމާނެވެ. މުވަަސަލާތު ކުރުމަށް ވޯކީޓޯކީ ނޫންއެއްޗެއް ނުގެންގުޅޭ ޒަމާނެވެ. ވޯކީޓޯކީއަކީ ލޮލަށް ފެންނަ ދުރުމިންނޫން އެހެންހިސާބަކަށް ގުޅޭއެއްޗެއް ނޫނެވެ. އައްޑޫބޯޓު ބެހުނީ 1978 ވަނައަހަރުގެ ޖޫން ފަސްވަނަ ދުވަހުއެވެ.

އައްޑޫބޯޓަކީ އައުބޯޓެއް ނޫނެވެ. ބައުލަކުޑިން ބަނދެފައިވާ ބޯޓެކެވެ. އައްޑުވާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރުގެ ބޮޑުމިނަށް ނިސްބަތްކުރާއިރު މެދުސައިޒުގެ ބޯޓެކެވެ. ބޯޓުގެ ވެރިޔަކީ އައްޑޫ ހުޅުދޫ ދީދީގެ މުހައްމަދު ސާލިހެވެ. ޑިމްސް ސާލިހުގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާއެވެ. އިނގިރޭސިން 1976 ވަނައަހަރު އައްޑޫ ގަމުން ފޭބީމާ ވިޔަފާރީގެ ތެރެއަށް ވަދެގެން ސާލިހު އެންމެ ފުރަތަމަ ކުރި ތަޖުރިބާޔަކީ އައްޑޫބޯޓު ދުއްވުމުގެ ތަޖުރިބާއެވެ. އެތަޖުރިބާ ނިމުނީ ބޯޓު ބެހުމުގެ ހާދިސާއިންނެވެ.

އައްޑޫބޯޓުގެ ފެށުމަކީ ކުރީޒަމާނުގެ އޮޑިއެކެވެ. ހިތަދޫ ދޮންރަހާބެޔާގެ އަބްދުﷲ ދީދީ ދުއްވި ދެރިޔާދައުލަތޭ ކިޔުނު އޮޑިއެވެ. ސުވާދީބު ޒަމާނުގައި ހިތަދޫއަށް މިއޮޑި އެހެލާފައިވަނިކޮށް އެޒަމާން ނިމިގެން އަލުން ބާލައިގެން މާލެއަށް ކުރި ފުރަތަމަ ދަތުރަށްފަހު އެނބުރި އައްޑުވަށް އައި މަގުމަތީގައި ކަނޑިހެރައިގެ ކައިރިން ކަނޑުއޮޅީގެ އިރުމަތީފަރާތު ފަރަށް އަރައި އޮޑި ރޫޅުނީއެވެ.  އޭގެ ލަކުޑިތައް ހިތަދޫއަށް ގެންގޮސް ބޯޓެއްގެ ބައްޓަމަށް އަލުންބަނީ އަބްދުﷲ ދީދީގެ ދަރިފުޅު މުހައްމަދު ނަސީރެވެ. ބޯޓުގައި އިންޖީނެއް ބެހެއްޓީ ހުޅުދޫ ދީދީގެ މުހައްމަދު ސާލިހެވެ. މިއިންޖީނަކީވެސް ބައުއިންޖީނެކެވެ. ގަމުގެ ދުވަސްވަރު ކޮންމެވެސްގޮތަކުން ހޯދައިގެން ހިސާބަކަށް ބަދަލުތަކެއްގެނެސްފައިވާ އިންޖީނެކެވެ. ނަސީރާއި ސާލިހަކީ ދެޅިޔަނުންނެވެ. ނަސީރު އިނދެގެންހުރީ ހުޅުދޫ ބޮޑު އިބިރިހިންބެއްޔާގެ އަހައްމައިދީގެ މަރިޔަމް ދީދީ (ދައުލަތު) އާއެވެ. ސާލިހު އިނދެގެންހުރީ ދައުލަތުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ޒުބައިދާއާއެވެ. އާއިލީ ގުޅުމުގެ ތެރެއިން ދެވެރިން ބައިވެރިވެގެން ބޯޓު ދުއްވާންފަށާފައި ވަކިހިސާބަކުން ނަސީރަށް ފައިސާދީފައި އޭނާގެ ހިއްސާ ގަނެގެން ސާލިހުގެ އަމިއްލަ އެއްޗަކަށް ހެދީއެވެ.

ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނަމުގައި އޭރުވެސް ވުޒާރާއެއް ހުރެއެވެ. ވަޒީރަކީ ފަހުން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމެވެ. އެތެރޭގެ ދަތުރުފަތުރާއި ގުޅޭގޮތުން ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް އޭރު އެކަށައެޅިފައެއް ނުހުރެއެވެ. އެފަދައެއްޗެއް ހުއްޓަސް ތަންފީޒެއް ނުކުރެވެއެވެ. އުޅަނދަށް އަރުވާންޖެހޭ މުދަލާއި މީހުންގެ މިންވަރު ކަޑައެޅުން އޮންނަނީ ވެރިމީހާޔާއި މާލިމީގެ އަތްމަތީގައެވެ. މިންވަރަކީ އެވެރީންނަށް ކެރުނުވަރެކެވެ. މުދަލާއި މީހުން އެރުވުމަށް ވަކިހައްދެއް ނޯވެއެވެ. އައްޑުވަށް ކުރާ ދަތުރަކީ ބޮޑެތި ކަނޑުތައް ހުރަސްކޮށްފައި ކުރާންޖެހޭ ހަތަރުފަސް ދުވަހުގެ ދަތުރަކަށްވިޔަސް އުޅަނދާއި މީހުންގެ ސަލާމަތަށް މާބޮޑު ރޭވުންތަކެއް ނުހުރެއެވެ. އައްޑޫބޯޓުވެސް އަދި އެހެން ބޯޓުތައްވެސް ދަތުރުކުރީ މިގޮތަށެވެ.

އައްޑޫއަށް ފުރުން

އައްޑުއަތޮޅަށް ދިއުމަށްޓަކައި ބޯޓު މާލެއިންފުރީ 1978 ވަނައަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ.  ގިނައަދަދެއްގެ ކުޑަކުދީންނާއި އަންހެނުންވެސް ބޯޓަށް އަރައިތިއްބެވެ. ފަޅުވެރިންނާއި އެންމެ ތުއްތުތުއްތު ކުދީންވެސް ހިމަނައިގެން ބޯޓުގައި ޖުމްލަ 121 މީހުން ތިއްބެވެ. މާލިމީއަކީ ހުޅުދޫ މާބެޔާގެ އައްލާބެއްޔާއެވެ. އެއީ ބޯޓުގެ ވެރިމީހާ ދީދީގެ ސާލިހުގެ ބޮޑުބޭބެއެކެވެ. ސާލިހުވެސް ބޯޓުގައި ހުއްޓެވެ. ބޯޓުގައި މައިގަޑު މުދަލަކަށްހުރީ ކާޑުގެ ބާވަތްތަކާއި ފިހާރަފިހާރަޔަށް ގެންދާ މުދަލެވެ. ސަރުކާރުން އައްޑޫ ގަމަށް ފޮނުވާ ސާޅީސް ފީފާ ޑީސަލްވެސް ހުއްޓެވެ. ފަލްކާތައް ފުރިގެން ތައްޓުފުރިގެން ބޯޓުގެ ފަންގިފިލައިގެ މަތީގައިވެސް ތަކެތި ބަހައްޓާފައިވެއެވެ. މިވަރަށް މީހުންނާއި މުދާ އެރުވީމާ އިތުރު މީހަކު ފައިޖައްސާލާނެ ތަންކޮަޅެއްވެސް ނެތެވެ. ބޯޓު އަޑިޔަށްގޮސްފައިއޮތްވަރުން ބަރުމަރުކާ ނުވެސްފެންނަނީއެވެ.

މާބޮޑަށް ބަރިއްޔާ އެދުވަސްވަރު އާއްމުގޮތެއްގައި ރޭގަޑު ދަތުރެއް ނުކުރާނެއެވެ. ދަތުރުކުރާނީ ދުވާލުގެ އަލިކަމުގެ ތެރޭގައެވެ. އެކަމަކު މާލެއިން ފުރާނީ މެންދަމުއެވެ. ހުޅުލެއާއި މާލެއާ ދޭތެރެއިން ނުކުމެގެން މާލެއަތޮޅުގެ އިރުމަތީބިތުން ދަތުރުކޮށްފައިގޮސް އިރުއަރާއިރު ހުންނާނީ ވާވުއަތޮޅު ފެންނަހިސާބުގައެވެ. ދެން ވާވުއަތޮޅުގެ އިރުމަތިން ފޮއްތެޔޮމުލި ވަށާލައިފައި ދަތުރުކުރަމުންގޮސް ހަވީރުވާއިރު ހުންނާނީ މީމުއަތޮޅަށް ވަދެވިފައެވެ. ދެން އެއަތޮޅުގެ ދެކުނުބިތުގެ ރަށްރަށުގެ ތެރެއިން ތުވަރު ނޫނީ އެހެންކޮންމެވެސް ރަށެއްގެ ބޭރުގައި އެރޭ ބަނދަރުކޮށްގެން ތިބެފައި އަނެއްދުވަހު އަލިވީމާ ނުކުމެގެން ދާނީ ލާމުއަތޮޅަށެވެ. އެދުވަހުގެ އިރު ފެންމަތީގައި ހުއްޓައި ލާމުއަތޮޅުގެ އެންމެ ދެކުނުބިތުން މާމެންދޫއާ ހަމަޔަށް ދެވޭނެއެވެ. ދެން މާމެންދޫ ބޭރުގައި ތިބެފައި ހުވަދޫކަނޑުގައި ދުއްވާން އެއްބަޔަކު ނުކުންނާނީ ދަންވަރުއެވެ. އެއީ ހެނދުނުވެގެން އަންނައިރު ހުވަދުއަތޮޅަށް ވަނުމަށެވެ. އަނެއްބަޔަކު ނުކުންނާނީ ފަތިސްވެ އަލިވީމައެވެ. އެއީ އިރުއޮއްސުމުގެ ކުރީން އަތޮޅަށް ވަނުމަށްޓަކައެވެ.

އައްޑުއަތޮޅަށް ދިޔުމަށްޓަކައި އައްޑޫބޯޓުވެސް ދަތުރުކުރީ މިމަގުންނެވެ. މޫސުން ގޯހެއް ނޫނެވެ. ވައިމަޑެވެ. ކަނޑުވެސް މަޑެވެ. އެހެންވީމާ ކުރަމުންދިޔައީ ނިޔާމަ ދަތުރެކެވެ. ދަތުރުވެރިންގެ ކަމަކީ ކައިކައިފައި ވާހަކަދައްކާން ތިބުމާއި ނިދުމެވެ. ބޯޓުގައި ކުރާން ހުންނަ މަސައްކަތަކީ ފަޅުވެރީންގެ ކަމެކެވެ. ފަޅުވެރީންގެ ތެރޭގައި ކައްކާ މީހަކު ހުރެއެވެ. އޭނާގެ ކަމަކީ ހެނދުނާއި މެންދުރާއި ރޭގަނޑަށް ކެއްކުމާއި ހަވީރުސައި ތައްޔާރުކުރުމެވެ. ބޯޓުގައި މީހުން ގިނަކަމަށް ވަނީވިއްޔާ ކައްކާމީހާގެ މަސައްކަތް ވަރަށް ބަރުވާނެއެވެ. މިގޮތުން އައްޑޫބޯޓުގެ މިދަތުރުގައިވެސް 121 މީހުންނަށް ކައްކައިފައި ކާންދޭންޖެހުނީމާ އޭނާ އުޅުނީ ވަރަށް ބަރުކޮށެވެ. ދަތުރުވެރީންގެ ކޮންމެ މީހަކީ ކަޑައެޅިފައި އޮންނަ އަގެއްދީގެން ބޯޓަށްއަރައި ހުންނަ މީހެކެވެ. ދަތުރު ނިމޭންދެން ކޮންމެ މީހަކަށްވެސް ބަރާބަރަށް ވަގުތުންވަގުތަށް ކާންބޯން ދިނުމަކީ ބޯޓުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

ބޯޓުގައި މީހުން ގިނަވީމާ އެންމެ ދަތިކަމަކަށް އޮންނަނީ ފާޚާނާކުރުމެވެ. ބޯޓުގެ އެންމެފަހަތުކޮޅުން ބަދިގޭގެ ދެއަރިމަތީގައި ދެގޮޅި ހުރެއެވެ. އެއީ ފާޚާނާއެވެ. އެދެގޮޅީގެ ތިރީގައި އޮންނަނީ މޫދެވެ. ކޮންމެ ގޮޅިއެއްގެ މެދުގައިވެސް ދެފިލާ ދޭތެރެއިން މޫދަށް ނަޖިސްއެޅޭނޭހެން ކެނޑުމެއް ހުރެއެވެ. އެތަނާ ދިމާކޮށްފައި ހާޖަތަށްދިޔައިމާ އެއޮތީ ފާޚާނާކުރެވިފައެވެ. ދެން ވާޖަހާފައި އޮންނަ ބާލިދީއެއްކަހަލަ އެއްޗެއް މޫދަށް ގަންބާލައިފައި ލޮނުނަގައިގެން ތާހިރުވާންވީއެވެ. އެތަނުގައި ފެންވެރުމެއް ނޯވެއެވެ. ދަތުރުވެރިން ފެންވަރާވަރަށް ބޯޓުގައި މީރުފެނެއްވެސް ނުހުރެއެވެ. މާލެއިން ފުރައިގެން އައްޑުވަށްދަނީވިއްޔާ ގިނަފަހަރަށް އެންމެ ފުރަތަމަވެސް ފެންވަރާން ފުރުސަތެއް ލިބޭނީ ހުވަދޫކަނޑުގައި ދުއްވާން ނުކުތުމުގެ ކުރީން ލާމުއަތޮޅު މާމެންދޫ ބޭރުގައި މަޑުކޮށްފައި އެރަށަށް ފައިބައިގެންނެވެ. އެއީ މާލެއިން ފުރައިގެން ދެދުވަސްފަހެވެ.

ބޯޓުގެ ބަދިގެޔަކީ ބޯޓުގެ އެންމެފަހަތުކޮޅުގައި ބޯޓާއި ފޭއަށް ވަކިންހަދާފައި ހުންނަ ބައެކެވެ. ކެއްކުމަށް އާއްމުގޮތެއްގައި ބޭނުންކުރާނީ ތެޔޮއުނދުނެވެ. އެހެންނަމަވެސް ކަމެއްދިމާވެދާނެކަމަށްޓަކައި ދަރުން ކެއްކޭނޭ އިންތިޒާމުވެސް ހުރެއެވެ. ރޮށިދެމުން ކަހަލަ ކަންކަމަށް ބޭނުންކުރަނީ ބަދިގެޔާއި އިންޖީނު ފަލްކާޔާއި ދޭތެރޭގައި އޮންނަ ސަރަހައްދެވެ. އެތަނުގައި އާއްމުގޮތެއްގައި މުދަލެއް ނުބަހައްޓާނެއެވެ. އަދި ދަތުރުވެރީންވެސް ޖައްސާލައިގެން ނިދާކަށް ނުތިބޭނެއެވެ. ބުއިމަށާއި ކެއްކުމަށް ބޭނުންކުރާ މީރުފެން އަޅާފައި ހުންނަ ފީފާތައް ހުންނާނީ މިސަރަހައްދުގެ ދެއަރިމަތީގަައެވެ.

މާލެއާއި އައްޑުވާ ދެމެދު އެދުވަސްވަރު ދަތުރުކުރި ބޯޓުފަހަރުގެ އިންތިޒާމުތައް އާއްމުގޮތެއްގައި ހަމަޖައްސާފައި ހުންނަ ބީދަޔަކީ އެއީއެވެ. އައްޑޫބޯޓުގައިވެސް ކަންތައް ހުރީ މިޒާތަކަށެވެ. އެހެންބޯޓުފަހަރާއި އައްޑޫބޯޓު ތަފާތުވާ ކަމެއް އޮވެއެވެ. އެއީ ބޯޓުގެ ދުވެއްޔެވެ. ކަނޑުމަޑު ދުވަހެއްގައި އައްޑޫބޯޓުގެ ސްޕީޑަކީ ގަޑިޔަކު ފަސްމޭލެވެ. މިއީ އެދުވަސްވަރު ދަތުރުކުރި ގިނަ ބޯޓުފަހަރަށްވުރެ މާބޮޑަށްވެސް ދަށް ސްޕީޑެކެވެ. ގިނަ ބޯޓުފަހަރު ގަޑިޔަކު ހަތްމޭލު ނޫނީ އަށްމޭލަށް ދުވެއެވެ. ކޮންމެއަކަސް ޑިސެމްބަރު ދެވަނަ ދުވަހުގެރޭ މާލެއިން ފުރައިގެން މި ސްޕީޑުގައި ދުއްވަމުންގޮސް ލާމުއަތޮޅު މާމެންދޫއަށް އައްޑޫބޯޓު ފޯރީ ޖޫން ހަތަރުވަނަ ދުވަހުގެ ހަވީރުއެވެ.

ހުވަދޫކަނޑުގައި ދުއްވާން ނުކުތުން

މާމެންދޫ ބޭރުގައި މަޑުކޮށްފައި އެދުވަސްވަރު އެންމެ އާއްމުކަމަކީ ފެންވަރާން ބޭނުންވެފައި ހުރި މީހަކުވިއްޔާ ރަށަށް ފައިބައިގެން ފެންވެރުމެވެ. ފިރިހެނުން ފެންވަރާނީ މިސްކިތުވަޅުދޮށުންނެވެ. އަންހެނަކުވިއްޔާ ކޮންމެވެސް ގެއެއް ހޯދައިގެން އެގެއެއްގެ ގިފިލީވަޅުންނެވެ. ބޯޓުގެ ފަޅުވެރީން އަވަސްވެގަންނާނީ ބޯޓަށް ފެންލުމަށެވެ. މިކަންތައްކޮށްފައި އެރޭ ދަންވަރު ނޫނީ ފަތިހު ނަގިލިނަގައިގެން ނުކުންނާނީ ހުވަދޫކަނޑުގައި ދުއްވުމަށެވެ. އައްޑުވާއި މާލެއާދޭތެރޭ އޮންނަ އެންމެ ފުޅާ އެންމެ ނުރައްކާތެެރި ކަނޑަކީ ހުވަދޫކަނޑެވެ. އައްޑޫބޯޓަށް މިކަނޑު ހުރަސްކުރެވެނީ ގާތްގަޑަކަށް ބާރަގަޑިއިރު ދުއްވައިގެންނެވެ. މިއީ ދަތުރުގެ އެންމެ ނުރައްކާތެރި މަރުހަލާއެވެ. އެހެންވީމާ ހުވަދޫކަނޑަށް ނިކުންނަނީ ހިތްނިޔަތް ޚަލާސްކޮށްގެން އެންމެންވެސް ވަރަށް ތައްޔާރުވެ ހެޔޮތަކެތި ކިޔަވައިގެންނެވެ.

މާމެންދޫން އައްޑޫބޯޓު ފުރީ ދަންވަރުގެ ވަގުތެއްގައެވެ. މާލިމީ މާބެޔާގެ އައްލާބެއްޔާގެ ކުޅަދާނަކަމަށް އިތުބާރުކޮށްފައި ޖޫން ފަސްވަނަދުވަހުގެ ރޭ މާމެންދޫއާއި ހިތަދޫއާ ދޭތެރެއިން ހުވަދޫކަނޑަށް ނުކުމެއްޖެއެވެ. މޫސުން ވަރަށް ރީއްޗެވެ. މިގޮތަށް މޫސުން އޮވެއްޖެނަމަ މެންދުރުވުމުގެ ކުރިން ހުވަދުއަތޮޅަށް ވަދެވޭނެއެވެ. އޮއިހުރީ ހުޅަނގުން އިރަށެވެ. ވައިމަޑެވެ. އެހެންވީމާ ފިކުރުބޮޑުވާންޖެހޭ އެއްވެސް ސަބަބެއްނެތެވެ. ހުވަދޫކަނޑުގައި ދުއްވާފައިދިޔައީ މިގޮތުން ވަރަށްވެސް ނިޔާމަދަތުރެއްގައެވެ. އެރޭ ފަތިހު ހަތަރެއް ޖެހުމާހަމަޔަށް ބޯޓުގެ ތެރޭގައި ކަންކަންހުރީ އާދައިގެ ގޮތަކަށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!