އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 6

އަލިމަނިކުފާނުގެ މުދާ ނިލަންދޫއަށް

އަލިމަނިކުފާނުގެ ބަހަށް ތަބާނުވުމަށް ތިނަދޫން އަމުރުކުރުމުގެ ކުރިން އަލިމަނިކުފާނު އޮތީ ހުވަދޫއަށް ވަދެވުމާއެކު އެންމެ ފުރަތަމަވެސް ނިލަންދޫއަށް ކައިރިކޮށްފައި އޮޑީގައި ހުރި އަލިމަނިކުފާނުގެ އަމިއްލަ މުދާ ނިލަންދޫއަށް ބާލައިފައެވެ. ނިލަންދޫގައި އަލިމަނިކުފާނުގެ އެއްބަފާ ދައްތައަކު އުޅެއެވެ. އެއީ ނިލަންދޫ މީހަކާ ކައިވެނިކޮށްގެން ދިރިއުޅޭ އަތިރަގޭ ދޮންމަނިކައެވެ. ނިލަންދޫއަށް ބޭލި މުދާ ހަވާލުކުރީ މިދައްތައާއެވެ. މިކަމެއް ކުރީ އައްޑޫގައި އަލިމަނިކުފާނަށްވެސް އަދި އޭނާގެ މުދަލަށްވެސް ރައްކާތެރިކަމެއް ނޯންނާނެކަން ޔަގީން ވުމުންނެވެ.

އައްޑޫއަށް ދިއުން

މާލިމީ ހުސައިނުގެ ނިޔަމިކަމުގައި އޮޑި ދަތުރު ކޮށްފައިގޮސް އައްޑޫ މާކަނޑުން އަތޮޅަށް ވަދެއްޖެއެވެ. އަތޮޅަށް ހަމަވަނުމާއެކު އާރްއޭއެފްގެ އެންމެ ބޮޑު ދުންބައްތެލި އޮޑި ކައިރިއަށް އަތުވެއްޖެއެވެ. އެބައްތެލީގައި ސުވާދީބު ސަރުކާރުގެ ރައީސް ހިތަދޫ އަފީފު އިންނެވިއެވެ. އަލިމަނިކުފާނު އާރްއޭއެފްގެ ބައްތެއްޔަށް ފޭބުމަށް އަފީފު އަމުރުކުރެއްވިއެވެ. އަލިމަނިކުފާނު ފޭބުމުން އޭނާ ގޮވައިގެން އަފީފު ވަޑައިގެންނެވީ ހިތަދޫއަށެވެ. އަލިމަނިކުފާނުގެ އޮޑީގެ ފޮޓޯ ނެގީ އެދުވަހު އާރުއޭއެފް ދުންބައްތެލީގައި ހުރި އިނގިރޭސި ސިފައިންގެ ފޮޓޮގްރާފަރެވެ.

ހިތަދޫ ބަނދަރަށް ބައްތެލި ކައިރިކުރުމާއެކު ހިތަދޫ ބަޔަކުގޮސް އަލިމަނިކުފާނުގެ ދުވަސް ދުއްވާލަން ދިމާކުރިއެވެ. ކޮންމެވެސް މިންވަރަކަށް އަލިމަނިކުފާނަށް އަނިޔާ ލިބުނު ކަމަށްވެސް ކިޔައެވެ. އަފީފު އެންގެވީ އަލިމަނިކުފާނަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެކަމަށާއި އަލިމަނިކުފާނު ހުންނާނީ ސުވާދީބުގެ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުގައި ކަމަށެވެ. އަފީފުގެ މި އަމުރާއި ގުޅިގެން އެއްވެގެން އުޅުނު މީހުން އެނބުރި ގޭގެއަށް ހިގާއްޖެއެވެ.

ގިނައިރުތަކެއް ނުވަނީސް މީދޫ ދޯންޏެއް އަތުވެއްޖެއެވެ. އެ ދޯނީގައި އިސްމީހަކަށް ހުރީ އައިމިނަގެދަރިޔާ އެވެ. މީނާގެ އެދުމަކަށްވީ މީދޫ ރައްޔިތުންނާއި އަލިމަނިކުފާނު ހަވާލުކޮށްދިނުމެވެ. ދަރިޔާ މިތާކަށް ފޮނުވީ މީދޫ ނާފިޒެވެ. ބޭނުމަކީ އަފީފުގެ ރައްކާތެރިކަން އަލިމަނިކުފާނަށް ލިބުނަނުދީ އަލިމަނިކުފާނު މީދޫއަށް ގެންގޮސް ވާނެ އެއްޗެއް ވާން ދޫކޮށް ދެންދިމާވާ ހުރިހާ ކަމެއްގެ އިލްޒާމު ފެންނާމަނިކުފާނުގެ ބޮލުގައި އެޅުވުމެވެ.

އިރުކޮޅަކުން އަނެއްކާވެސް މީދޫ އެހެން ދޯންޏެއް އަތުވެއްޖެއެވެ. އެ ދޯންޏަކީ އަލިމަނިކުފާނުގެ ބަފައިބެެ ދެށިނާގެ އިބްރާހިމްދީދީ ފޮނުވި އޭނާގެ އަމިއްލަ ދޯންޏެވެ. ބޭނުމަކީ އަލިމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އެކަމަކު އޭގައި އަލިމަނިކުފާނާ ދެކޮޅު މީހުންނާއި އެއްކޮޅު މީހުންވެސް ތިއްބެވެ. އިސްކޮށް ތިބީ އިސްމެހެލިކަލޭގެ އަހައްމަދާ އާއި ކޮއްކޯގެ މަނިކުފާނާއި ބަންކެއުވަލިގޭ އަހުމަދުބެއްޔާ އާއި ދޮންބީގެ އިބިރިހިމްމަނިކާ އެވެ.

އަލިމަނިކުފާނު ގޮވައިގެން އަފީފު ހިތަދޫއަށް ވަޑައިގެންނެވިއަސް އޮޑި ނުހިފަހައްޓައެވެ. އޮޑި ދިޔައީ ހުޅުދޫ ބަނދަރަށެވެ. އެއީ މީދޫއަށް ވުރެ އަލިމަނިކުފާނު ހުޅުދޫއަށް ގަދަވާނެ ކަމަށް ބަލައިގެންނާއި މާލިމީއަކަށް ހުރި ހުސޭނަކީވެސް ހުޅުދޫ މީހަކަށް ވުމުންނެވެ. ހުޅުދޫގައި އޮޑި ބަނދަރުކުރުމުން އިސްމެހެލިކަލޭގެ އަހައްމަދާ އޮޑިއަށް އެރިއިރު އެންމެ ފުރަތަމަ ފެނުނު ކަމަށް ވަނީ އަލިމަނިކުފާނުގެ ތާކިހަލެވެ. މީނާއަކީ ވަރަށް ލާނެތް މިޒާޖުގެ މީހެކެވެ. ތާކިހާ ނަގައި ބޮލުގައި އަޅައިގެންހުރެ ތިމަންނާއަކީ އަލިމަނިކުފާނުކަމަށް މީގެ ފަހުން ބަލާށޭ ބުނިކަމަށް ވެއެވެ. އޮޑީގައި ތިބި މީދޫ މީހުން މިދޯންޏަށް ފައިބައިގެން މީދޫއަށް ހިގާއްޖެއެވެ.

އަލިމަނިކުފާނުގެ ގެ ތަޅައިލުން

އަލި މަނިކުފާނުގެ އޮޑި ހުޅުދޫގައި ބަނދަރުކުރީ 13 މާޗް 1959 ވަނަ ދުވަހު މެންދުރުވާން ގާތްވެފައިވަނިކޮށެވެ. އެއީ ހުކުރުދުވަހެކެވެ. ރޯދަމަހެއްގެ ތިންވަނަ ދުވަހެވެ. މާލޭގައި ހައްޔަރުނުވެ ރަށަށް ދެވުނު މީހުން ފޭބިއިރު ރަށުގެ ވެރިމީހާ ެފެންނާމަނިކުފާނު އަތިރިމަތީގައި ހުއްޓެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކުވެސް ޖަމާވެފައި އޮތެވެ. ފެންނާމަނިކުފާނުގެ ދަރީންގެ ތެރެއިން އަބްދުލްގަނީ އަކީ މާލޭގައި ހައްޔަރުވެ އަދަބުލިބި އަރުވައިލެވުނު މީހެކެވެ. އެހެންވެ ފެންނާމަނިކުފާނު ހުރީ އަލިމަނިކުފާނު ދެކެ ވަރަށްބޮޑަށް ރުޅިއައިސްފަައެވެ.

ރަށަށް ފޭބި މީހުންގެ ކިބައިން މާލޭގައި ހިގައިދިޔަ ކަންތައް އޮޅުންފިލައި އަލިމަނިކުފާނު ދިން ކޮޅުކެއްސާއި އެތައްބަޔަކަށް ނުހައްގުން ލިބުނު އަނިޔާ ސާފުވުމުން އަލިމަނިކުފާނާއި ދޭތެރޭ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ހިގާއްޖެއެވެ. ފިރިހެންވެރީން މިތާގައިތިބެ އަލިމަނިކުފާނުގެ ގެ ތަޅައިލަންވީއޭ ކިޔައިގެން އަޑުގަދަކުރާން ފެށީމާ ފެންނާމަނިކުފާނު ބުންޏެވެ. ހުކުރުވަގުތު ޖެހެނީއެވެ. ތިޔަކުރާން އުޅޭކަމެއް ހުކުރުން ފައިބައިގެން ކުރެވިދާނެއެވެ. އެންމެންވެސް މިހާރު ހުކުރަށްދާށެވެ.

ފެންނާމަނިކުފާނުގެ މިބުނުމަކީ ގެ ތަޅައިލުމަށް ދިން ހިތްވަރަކަށް ބައެއް މީހުން ބަލައިފިއެވެ. އަލިމަނިކުފާނާއި އޭނާގެ ގެދޮރާއި މުދަލުގެ ހިމާޔަތަށް ނުކުމެ ތިބި މީހުންގެ ތެރޭގައި ފެންނާމަނިކުފާނުގެ ކޮއްކޮ ދެށިނާގެ އިބްރާހިމްދީދީ ހިމެނެއެވެ. އިބްރާހިމްދީދީއަކީ ފެންނާމަނިކުފާނު ފިޔަވައި ރަށުގައި ދެންހުރި އެންމެ އިސްވެރިޔާއެވެ. އަލިމަނިކުފާނުގެ އަނބިމީހާގެ ބައްޕައެވެ. އެހެންވީމާ މިކަމުގައި ފެންނާމަނިކުފާނު ނަގާކޮޅެއް އޮތީ ވަރަށް މުހިއްމުވެފައެވެ. ރައްޔިތުންނަށް ފެނުނުގޮތުގައި ފެންނާމަނިކުފާނު ހުރީ ރައްޔިތުންގެ ކޮޅުގައެވެ. އަލިމަނިކުފާނުގެ ފުށުން ފެންނާމަނިކުފާނުގެ ދަރިފުޅު އަބްދުލްގަނީއަށް މިފަހަރު ލަނޑު ލިބުމުގެ ކުރީންވެސް ފެންނާމަނިކުފާނަކީ އަލިމަނިކުފާނަށް ނަފްރަތުކުރާ މީހެކެވެ. އެއީ އެންމެންވެސް ދަންނަ ސިއްރެކެވެ.

ރަށުގެ ފިރިހެންވެރީން އެދުވަހު މެންދުރު ހުކުރަށްދިޔައިރު މާމިސްކިތުގެ މިންބަރަށް އަރައި ޚުތުބާކިޔާން ހުރީ އަލިމަނިކުފާނުގެ ބަފައިބެ ދެށިނާގެ އިބްރާހިމްދީދީއެވެ. މިއީ އެދުވަހުގެ ހާލަތާއި ރަށު މީހުންގެ ޝުއޫރުތައް ހުރިގޮތުން އެކަށީގެންނުވާ ކަމެއްކަމަށް ފެނިގެން އެޅެބެއްޔާގެ އަބްދުﷲދީދީއާއި ހަސަންކާރި މުހައްމަދު ވަހީދާއި ދެމީހުން ތެދުވެ މިންބަރު ކައިރިއަށްގޮސް އިބްރާހިމްދީދީ އެތަނުން ބާލައިފިއެވެ. ބުންޏެވެ. ކަލޭގެ ފަހަތުގައި ތިބެގެން މިއަދު ހުކުރުކުރުން އެކަށީގެނެއް ނުވެއެވެ. އެހެންވީމާ ފައިބާށެވެ. އިބްރާހިމްދީދީ މިންބަރުން ބާލާފައި އެދުވަހު އިމާމުވީ ރަށުގެ އަނެއް ކަތީބު ނާފިޒެވެ. ނާފިޒަކީ ފެންނާމަނިކުފާނާއި އިބްރާހިމްދީދީއާ ދެމީހުންގެވެސް ކޮއްކޮއެވެ. ނާފިޒު ހުރީ އަލިމަނިކުފާނާ ދެކޮޅަށެވެ. އަދި ފެންނާމަނިކުފާނާވެސް ދެކޮޅަށެވެ. ނާފިޒުގެ ގަސްތަކީ ވީހާވެސް ބޮޑު ގަޑުބަޑެއް ހިގައި އާޚިރުގައި މިހުރިހާކަމެއްގެ ޒިންމާ ފެންނާމަނިކުފާނުގެ ބޮލުގައި އެޅުމެވެ.

ހުކުރުން ފައިބައިގެން ގިނަބަޔަކު ޖަމާވީ ބޮޑުމަގުން އަލިމަނިކުފާނުގެ ގެޔާއި ގާތަަށެވެ. މިތާގައި މިވެރިން އަޑުގަދަކުރާން ތިބޭތާ އިރުކޮޅެއްފަހުން ބަންކެއުވަލިގޭ އަހުމަދުބެއްޔާ މިތާކަށް އައިސް ބުންޏެވެ. ފަނޑިޔާރުގެއިން ރައްޔިތުންނަަށް އިއްވާން ފަތްކޮޅެއް ފޮނުވީމާ އޭގެ އަޑުއަހާން އެއްވެގެން އުޅެނީބާވައެވެ. ކަންކަން ކުރެވޭނީ ހިތްވަރާއި ކެރުން ލިބިގެންވާ ބަޔަކަށެވެ. ތިޔަހެން ދެއަތް އުރާލައިގެން ތިބުމަށް ހިތްވަރެކޭ ނުކިޔައެވެ. މިއަޑު ހަމައިވުމާއެކު މިސްކިތްދޮރެގޭ އަބްދުﷲދީދީ ތިޔައީ ރަގަޅުވާހަކައެކޭ ބުނެފައި ގޮސް އެތަނުން އަތަށް ހެޔޮވަރު ގާބުރިއެއްނަގައި އަލިމަނިކުފާނުގެ ގޭގެ ބޭރުފެންޑާގައި ހުރި ބިއްލޫރި ކުޑަދޮރެއް ތަޅާލައިފިއެވެ. އެހިސާބުން އެންމެން މީނާޔާއި ބައިވެރިވެ ގެޔަށް އަރައިގެންފިއެވެ.

އަލިމަނިކުފާނުގެ ގޭގެ ހިމާޔަތުގައި ދެށިނާގެ އިބްރާހިމްދީދީ އޮތީ ކަންތައްތަކެއް ރާވައިފައެވެ. ތިންހަތަރު މީހަކުވެސް ބޭތިއްބިއެވެ. ގެ ތަޅައިލުމުގެ ކަންތައް ފެށުނުތަނާހެން އިބްރާހިމްދީދީ މިތާކަށް ނުކުތީމާ ރައްޔިތުން ބުންޏެވެ. މިއަދު ކަތީބެއް ނަސީބެއް ނޯންނާނެއެވެ. މިއަދު މިތާގައި އެއްވެސް ވައްތަރަކަށް އުޅެފިއްޔާ ކުޅިދައްކައިލާނަމެވެ. މިއަޑުއިވިފައި އިބްރާހިމްދީދީ އަވަސްއަވަހަށް ފަޅަގަނޑިގެއަށް ހިގާއްޖެއެވެ. ފަޅަގަނޑިގެޔަކީ އިބްރާހިމްދީދީ ދިރިއުޅޭ ގެއެވެ. އަލިމަނިކުފާނުގެ ކުދީންވެސް އޭރުތިބީ ފަޅަގަނޑިގޭގައެވެ. އެކަމަކު އަނބިމީހާ ފާތުމައިދި އެވަގުތު އިނީ އަލިމަނިކުފާނުގެ ގޭގައެވެ.

ދެށިނާގެ އިބްރާހިމްދީދީއަކީ ކަންކަމުގައި ރުޅިއައިމާ ދޫނެރެގެން އެޔަށް ގޮތްގޮތްހަދާ ކަމަށް މަޝްހޫރު މީހެކެވެ. އަލިމަނިކުފާނުގެ ގެއިން އެދުވަހު ތަކެތި ނެރެގެން ހަލާކުކުރަން ބަޔަކު ތިއްބައި ތިޔަހެން ނުހަދާށޭ ތިޔައީ އަލިމަނިކުފާނުގެ މުދަލެއްވެސް ނޫނޭ ތިޔައީ އަހަރެންގެ ތަކެއްޗޭ ކިޔައިގެން އެއްކަލަ ވައްތަރަށް ދޫނެރޭން އުޅުނީމާ ދޮންފުތާގެ މޫސާބެއްޔާ ބުނިކަމަށްވެއެވެ. މިއަދު ތިޔަޒާތަށް ދޫނެރޭން އުޅެފިއްޔާ އެނެެރުނު ތަނެއް ބުރިކުރާންވެސް ރައްޔިތުން ފަހެއް ނުޖެހޭނެއެވެ. އެހެންވީމާ ދީދީ އަވަހަށް މިތަނުން ހިގައިދާށެވެ. މި މޫސާބެއްޔާއަކީ ދޮންފުތާގެ ތުއްތޫގެ ބައްޕައެވެ. ތުއްތޫއަކީ އަލިމަނިކުފާނުގެ އޮޑީން މިފަހަރު ލަނޑު ލިބުނު މީހެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!