ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 4

ވައިބާރުކަމުގެ ވާހަކަ ދެއްކުމެއްނެތެވެ. އޮޑި ދިޔައީ ސިލޯނާއި ވަރަށް ކައިރިންނެވެ. އެއްގަމުގައި ހުންނަ ތަކެތިވެސް ފެނެއެވެ. ކޯރު ފަހަނަޅައި ދިއުމުން ފަޅުވެރީންނާއި ދިމާލަށް ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. ކުދީންނޭވެ. ނިކަން ވިސްނައިގެން ތިބޭށެވެ. ކަންތައް ވަރަށް ގޯސްވާނެއެވެ. އަހަރެމެން މީދޫން ފުރީ މާލެ ދިއުމަށެވެ. މާލެއަކަށް ނުދެވުނެވެ. ދެން ގަސްތުކުރީ ސިލޯނަށް ދާށެވެ. ސިލޯނު ފެނުމުންް ގަސްތުކުރީ ގާލީކޯރުން ވަންނާށެވެ. ގާލީކޯރުން ވަދެވޭ ގޮތެއް ނުވިއެވެ. ދެން ގަސްތުކުރީ ވެލިގަމިކޯރުން ވަންނާށެވެ. ގަސްތުކުރި އެއްކަމެއްވެސް ނުވިއެވެ.

އަހަރެން މިކިޔާ އެއްޗެއް އަޑުއަހާށެވެ. ރަގަޅުގޮތެއް މެދުވެރިވީމާ އޭގެ މަންފާއޮތީ ހަމައެކަނި އަހަރެންނަކަށް ނޫނެވެ. މަންފާ އޮތީ އެންމެންނަށެވެ. މީގެކުރިން އަހަރެން ބުނިގޮތް ނެހެދީމާ އޭގެ ނަތީޖާ މިހިރަގެން ފެންނަނީއެވެ. އެހެންވީމާ މިފަހަރު އެހެން ނުހަދާށެވެ. ސިލޯނު ފަސްދިނުމުގެ ކުރިން ފިޔަވަޅުއަޅާށެވެ. މިތަނަށް ނަގިލި ވައްޓާލައިގެންވިޔަސް ސަލާމަތްވޭތޯ ބަލަން އެބަޖެހެއެވެ. ނަގިލި ވައްޓައިލާށެވެ.

އިބްރާހިމްދީދީ މިހެން ބުނުމުން ފަޅުވެރިން އޮޑީގެ ނަގިލި ވައްޓާލައިފިއެވެ. އެހެންނަމަވެސް ހަރުލާގޮތެއް ނުވިއެވެ. ވައިބާރުކަމުން އޮޑި ދަނީއެވެ. އަލިމަނިކުފާނު ބުންޏެވެ. ނަގިލި ވައްޓާލައިގެން ސަލާމަތެއް ނުވެވޭނެއެވެ. އޮއިވަރު މިއޮތީ އެކިގޮތްގޮތަށެވެ. މިހެން ތިބެންހަދައިގެން އޮޑިޔާއެކު އެންމެންގެ ކަންތައް ނިމިގެންހިގައިދާނެއެވެ. އޭގެކުރިން އަވަހަށް ނަގިލި ނަގާށެވެ. މިހެން ބުނުމާއެކު ފަޅުވެރިން ނަގިލި ނަގައިފިއެވެ.

އަލިމަނިކުފާނު ބުންޏެވެ. ދުނިޔޭގައި އޮތީ ސިލޯނު އެކަންޏެއް ނޫނެވެ. ވަރަށް ގިނަ ތަންތަން އެބަހުއްޓެވެ. ސިލޯނަށް ނުވަދެވުނަސް ދުނިޔޭގެ އެހެން ގައުމުތަކަށް ދެވިދާނެއެވެ. މާދުރުނޫން ހިސާބެއްގައި ބަންގާޅުވެސް އެބައޮތެވެ. ކޮންހާސްވުމެއް ހެއްޔެވެ. އޮޑީގައި ރޯނާއި ބޮލި އެބަހުއްޓެވެ. މަހާއި ކާށި އެބަހުއްޓެވެ. އެއީ އަގުހުރި ތަކެއްޗެވެ. ކޮންމެތާކަށް ދެވުނަސް ވިއްކައިލެވޭނެއެވެ. އެތަކެތީން ވިޔަފާރިކުރާނޭގޮތް އަހަރެން ދަންނަމެވެ.

އޮޑީގެ ރިޔާ ނަގަން އަލިމަނިކުފާނު އަމުރުކޮށްފިއެވެ. ފަޅުވެރިން ރިޔާ ނަގަންް ފެށުުމާއެކު އައްޓިއަރި މުހައްމަދުދީދީ އެދިޔަގޮތަށްގޮސް އޮޑީގެ ކުނބަށް ރިޔާ ބަނދެފައި ބުންޏެވެ. އެއްވެސް މީހަކު އޮޑީގެ އެއްކަމެއްވެސް ކުރާނެކަމެއްނެތެވެ. މިތަން ބަލަން ހުރެފައި ފެންނާމަނިކުފާނު ބުންޏެވެ. އާނ އާނ ވަރަށް ވިއްސާރައެވެ. ވާރޭވެސް ވެހިދާނެއެވެ. ހަނދާންކުރާށެވެ. ކިތަންމެ ވިއްސާރަވިޔަސް އޮޑީގެ އެކަކުވެސް ހިޔާގަނޑުގެ ތެރެއަށް ވަދެގެން ނުވާނެއެވެ. އެންމެން ތިބޭންވާނީ ވާނުވާ ބަލަން ބޭރުގައެވެ.

ދެވަނަފަހަރަށް އޮޑި ބެހުމާއި ބަންގާޅު

އޮޑި ފައްސިޔަށް ބާއްވައިގެން ދަނީއެވެ. ސިލޯނު އޮބާލައިފިއެވެ. އެއްބަޔަކު ހީކޮށްގެންތިބީ އިންޑިޔާއަށް ދެވޭނެކަމަށެވެ. އަނެއްބަޔަކު ހީކޮށްގެން ތިބީ ބަންގާޅަށް ދެވޭނެކަމަށެވެ. އޮޔާއިވަޔާއެކު ވަކި މިސްރާބެއްނެތި އޮޑި ބެހެމުން ދަނީއެވެ. އެއްވެސް އުޅަނދެއްވެސް ނުފެނި މިގޮތުގައި ހަފުތާއެއްހައި ދުވަސް ފާއިތުވެއްޖެއެވެ. މިހާތަނަށް ބަސްބުނެއުޅުނު މޮޅުމީހުން ތިބީ ހިމޭނުންނެވެ. މާލިމީ އަލިމަނިކުފާނުވެސް ހުރީ ހިމޭނުންނެވެ.

ހަފުތާއެއްވީފަހުން އެއްދުވަހަކު ބޯޓެއް ފެނިއްޖެއެވެ. ކުޑަވަރެއްގެ ސްޓީމް ބޯޓެކެވެ. މިބޯޓު އައިސް އޮޑިއާއި ކައިރިވުމުން އަލިމަނިކުފާނު ބޮޑު ފޮތިގަޑެއްގައި އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެއް ލިޔެފައި އޮޑީގެ ކުނބަށް ނަގައިފިއެވެ. އެއީ ކަނޑުމަތީގައި މިގޮތަށް ހާލުގައި ޖެހުނީމާ އެކަން އެންގުމަށް ކޮންމެވެސްތާކުން އަލިމަނިކުފާނު ދަސްކޮށްފައި އޮތް ބަހެކެވެ. އޭގައި ލިޔުނީ ހެލްޕް މިހެންނެވެ.

މި ލިޔުން ފެނިފައި ބޯޓު އައިސް ކައިރިކުރީމާ އޮޑީގެ މީހުން އެހީތެރިކަމަށް އެދިއްޖެއެވެ. އޮޑިޔާއި ވަކިވަރަކަށް ކައިރިކޮށްފައި ފަރަންޖީބަހުން ބޯޓުގެ ކެޕްޓަން ބުންޏެވެ. މިވަގުތު ކަލޭމެންނަށް މާބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭކަށެއް ނެތެވެ. ތިޔަ ތިބީ ބަންގާޅާއި ވަރަށްގާތުގައެވެ. ތިޔަ މިސްރާބަށް ދާނަމަ މާދަމާރޭ އިރުއޮއްސުމުގެ ކުރިން ބަނގާޅު ފެންނާނެއެވެ. މިހެން ބުނެފައި ބޯޓު ދުއްވާލައިފިއެވެ.

ޖެހިގެންއައި ދުވަހު މެންދުރުފަހު ބަންގާޅު ފެންނާން ފަށައިފިއެވެ. ވަރަށް އުފަލުން ދަތުރުކޮށްފައިގޮސް ބަންގާޅު ކޯރާއި ކައިރިކޮށްފިއެވެ. އޭރު ބަންގާޅުގެ ބަނދަރަށް އޮޑިފަހަރު ވައްދާ ޕައިލެޓް އޮތެވެ. އެއީކުޑަކުޑަ ލޯންޗެކެވެ. ބަނގާޅަށް ވަދެވެނީ ޕައިލެޓުގެ އެހީތެރިކަމާއެކުގައެވެ. އެހެންނޫނީ ފަރަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޕައިލެޓުގެ އެހީ ހޯދައިފިއްޔާ އެކަމަށް ކޮންމެވެސް އުޖޫރައެއް ނަގައެވެ. އުޅަނދަކަށްފަހު އުޅަނދެއް ވައްދަމުންގޮސް އޮޑިޔާއި ކައިރިއަށްއައިސް ޕައިލެޓް ވާހަކަ ދެއްކުމުން މާލިމީ އަލިމަނިކުފާނު ހަމައެކައްޗެކޭވެސް ނުބުންޏެވެ. އެހެންވެ ޕައިލެޓް އަނބުރާލާފައި ހިނގައްޖެއެވެ.

ވިއްސާރަވުމާއި ހާލުގައިޖެހުން

ޕައިލެޓް އެނބުރިދިޔައިމާ ހަސަންކާރި އިބްރާހިމްދީދީ ރުޅިއައިސްގެން ބުންޏެވެ. އަލިމަނިކުފާނު ހިތަށް އަރައިގެން އުޅެނީ ކީކޭބާވައެވެ. މިއުޅެނީ އޮޑިޔަށް ކީއްކުރާނަމޭ ހިތައި ބާވަައެވެ. ނިކަން ވިސްނައިބަލާށެވެ. އަލިމަނިކުފާނު ކަންތައް ކުރިގޮތް ރަނގަޅެއްނޫނެވެ. ޕައިލެޓާ ވާހަކަ ދެއްކިނަމަ ބަންގާޅަށް ވަދެވޭނެގޮތް ހަދައިދޭނެއެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި އަލިމަނިކުފާނު ކަންތައް ކުރިގޮތް ދެކޭށެވެ. ޕައިލެޓަށް އެއްޗެއް ދޭންޖެހުނަސް އެއީ އަލިމަނިކުފާނުގެ ޖީބުން ކުރަންޖެހޭކަމެއްވެސް ނޫނެވެ.

އަލިމަނިކުފާނު ބުންޏެވެ. ޕައިލެޓަށް އުޖޫރަދީފައި އެކަންކުރާނީ ކަނޑުފަޅު ނުދަންނަ މީހުންނެވެ. މިތާގެ ބަނދަރަށް ވަންނާންވީގޮތް އަހަރެން ދަންނަމެވެ. ކޮންމެ މީހެއްގެ ޖީބުން ދިޔަޔަސް އެއީ ބޭކާރު ޚަރަދެކެވެ. އެހެންވީމާ އަހަރެން ޕައިލެޓާ ވާހަކަ ނުދެއްކީއެވެ. ބަނދަރަށް ވަންނާނެގޮތް އެނގެޔޭ ބުނެފައި ޕައިލެޓް ފޮނުވައިލިފަހުން ބަންގާޅާވީ ފަރާތުން އެތެރެއަށް އޮޑި އެބަހަރަވަދެއެވެ. ވަކިހިސާބަކަށް ދެވުނުފަހުން ކުރިއަށްވުރެ ކަނޑު ގަދަވެ ވިއްސާރަވެއްޖެއެވެ. ކުރިއަށް ދެވޭވަރެއް ނުވިއެވެ.

ވައިބާރުވެ ކަނޑުގެ ރާޅު ބޮޑުކަމުން ދެންމެދެންމެ އަރަގު ވެދާނޭހެން ހީވެއެވެ. އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭވެ. އަވަހަށް ނަގިލި ވައްޓައިލާށެވެ. ވައްޓައިލި ނަގިއްޔާއެކު ދިރުނބާކޮޅުން އޮޑީގެ ތެރެއަށް ރާޅުއަރައިގެންފިއެވެ. އޮޑީގެ ދިޔަވަރު ބޮޑުވެއްޖެއެވެ. ނަގިލި ނަގަން އަލިމަނިކުފާނު އަންގައިފިއެވެ. ފަޅުވެރިން އުޅެއުޅެ ވަރުބަލިވިއިރުވެސް ނަގިލި ނެގޭގޮތެއް ނުވިއެވެ. ނަގިލި ނެގޭގޮތް ނުވުމުން ފަޅުވެރިއަކު ފުރޯއެއް ގެނެސް ވާ ބުރިކޮށްލައިފިއެވެ. އެއަށްފަހު އޮޑި އެއްގަމާއި ގާތަށް ޖެހެމުން އެބަދެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!