حزب النصر ފޮތުގެ ވާހަކަ 4
ވާހަކަ މިހިސާބަށް ދިޔަތަނާ ގައްޔޫމު ދީދީ ހީގެންފައި ބުނެފިއެވެ. ބަދުރުއްދީނު ބޭބޭވޭ ތިޔަ ބުނާ حزب النصر ފިޔަވައި އެހެން ފޮތެއްގެ ޚަބަރު ބޭބެއަށް އެނގިގެން ވޭބާވައެވެ. އެނގޭނަމަ އެ ފޮތްތަކުގެ ވާހަކަވެސް ކިޔައިދިނުން އެދެވިގެންވެއެވެ. ބަދުރުއްދީނު ދީދީ ބުންޏެވެ. ސިހުރު ހާހޫރަ ބާތިލު ކުރުމަށް ކިޔަވާން ޖެހޭ ތަކެތި ލިޔެފައި ހުރީ حزب النصر ގައި އެކަންޏެއް ނޫނެވެ. حزب الوسيلة ކިޔުނު ފޮތާއި حزب الابتهال وهو الحزب الكبير ގައިވެސް ހުރީ އެވާހަކަތަކެވެ. ގައްޔޫމު ދީދީ ވަރަށް ހައިރާންވެ ހުރެގެން އަހައިފިއެވެ. ބޭބޭވޭ އަހަރެމެން ދާދިކުޑައިރު މިރަށުން ފައިބައިގެން ދިޔައިރު ބޭބެއަކީ ތިޔަހައި ވަރަށް ފޮތްތަކަށް އަހުލުވެރިވެގެން އުޅުނު މީހެއް ނޫނެވެ. ދެން މިހައިރު ބޭބެ މިފެންނަނީ އަހުލު ކިތާބީންގެ ތެރޭގައި ހިމެނިގެން ވަނިކޮށެވެ. މީގެ ސިއްރަކީ ފަހެ ކޮބައިބާވައެވެ.
ބަދުރުއްދީނު ދީދީ ބުންޏެވެ. އަޑު އަހާށެވެ. މަގޭ ކާފައަކީ އައިސްދޫރު ދަރުބޫރު އެވެ. އެހެންވީމާ އަހުލު ކިތާބީއަކަށް ވުމަށްޓަކައި ކޮންމެހެން ކަރަކަރައާއި ވިލާތު މަދަރުސާތަކަށް ދާކަށް ނުޖެހޭނެއެވެ. އަހަރެމެން ބޭނުންވީމާ ތިބޭނީ ފޮތްތަކުގެ އަހުލުވެރީންކަމުގައި ވެފައެވެ. އެހެންޏާފަހެ އައިސްދޫރު ދަރުބޫރުއަކީ ވެސް މީހަކާއި އިނދެ ދަރީން ލިބޭން ފެށިއިރުވެސް އިލްމުވެރިއެއް ނޫނެވެ. އެއްރޭ ދިމާވި ހާދިސާއަކަށްފަހު ހަމަ ކުއްލިއަކަށް އިލްމުވެރިވީއެވެ. އެހެންވީމާ މި އުސޫލު މުޅި އައުލާދަށް ދެމިގެންވެއެވެ.
ގައްޔާމު ދީދީ ބުންޏެވެ. އަސްތާ ބަދުރުއްދީނު ބޭބޭވޭ ތިޔައީ އަދި މުޅިން އާ ވާހަކައެކެވެ. ތިޔަވާހަކަ ވާނީ ކޮންމެގޮތެއް ހަދާފައިވެސް ކިޔައިދޭށެވެ. ބަދުރުއްދީން ދީދީ މި ވާހަކައެއް ފަށައިގެންފިއެވެ. ބުންޏެވެ. ކަނުލައި އަހާން ތިބޭށެވެ. އެއްރޭ ނިކަން ދަންވެފައިވަނިކޮށް އައިސްދޫރުގޭ ދޮރުގައި ބަޔަކު ޓަކިދޭން ފެށީމާ ދޮރުބޫރުގެ އަނބިމީހާ ގަޑުބަޑުގޭ އަހައްމާ ދީދީގެ ކުލައަލި ދީދީ ދޮރު ހުޅުވައި ބެލިއިރު މިއީ އިހަށް ނުދެކޭ ހައިބަތު ހުރި ތިން ފިރިހެނެކެވެ. އެ މީހުން ބުންޏެވެ. ދޮރުބޫރުއަށް ތިމަންނާމެން އެބަތިބިކަން އަންގައި ދޭށެވެ. ދެން ކުލައަލިދީދީ މިވާހަކަ ދޮރުބޫރު ގާތުގައި ބުނީމާ ތެދުވެގެން ގޮސް މިބަޔަކަކާއެކީގައި ނުކުމެގެން ހިނގާއްޖެއެވެ.
ފަތިސްވުމުގެ ކުރިން ދޮރުބޫރު އެނބުރި ގެޔަށް އައިއިރު ހުރީ ބޮޑު އިލްމުވެރިޔަކަށް ވެފައެވެ. މިކަމާ ހައިރާންވެގެން އަނބިމީހާ ސުވާލުކުރީމާ ދިން ޖަވާބަކީ ތިމަން މަރުވުމުގެ ކުރިން މިރޭ އެއައީ ކޮންބައެއްކަން ދީދީ އަށް އަންގާނަމެވެ. އެހެންވީމާ ދެން އެއީ ކޮންބައެއްކަމާއި އެމީހުންގެ ފުށުން ދަސްވީ ތަކެތީގެ ވާހަކައިން ސުވާލުކޮށްގެން ނުވާނެއެވެ. މިއަށްފަހު އެތަކެއް އަހަރު ފާއިތުވީފަހުން އެއްދުވަހަކު ދޮރުބޫރު އަންގައިފިއެވެ. އަހަރެންގެ އަޖަލު އައިސް ކުޑަތަންވަނީ އެވެ. އެހެންވީމާ ކާއިނާތުގެ ޚަލްގުތަކުންގެ ތެރެއިން އަހަރެންގެ ކައިރިއަށް ހާޒިރުވާން ބޭނުންވާ ޚަލްގުތަކުންނަށްޓަކައި ގޭތެރެ ތައްޔާރު ކުރާށެވެ.
ވަރަށް ހަވީރުވިފަހުން އަނެއްކާވެސް ބުނެފިއެވެ. އަދިވެސް ތައްޔާރު ނުވަނީ ދޮތައެވެ. ދެންވެސް އަވަސް ކުރާން އުޅޭށެވެ. މިހައިރު ދެން ވަގުތު ޖެހެނީއެވެ. މިހެެން ބުނީމާ އަނބިމީހާ ބުންޏެވެ. އެއްކަލަރޭ އައީ ކޮންބައެއްކަން ބުނެދޭނަމޭ އޮތީ ވައުދުވެފައި ނޫން ހެއްޔެވެ. އެހެންވީމާ މިއީ އެކަމުގެ ވަގުތުހެން ހީވެއެވެ. ދޮރުބޫރު ބުންޏެވެ. އާނއެކެވެ. މިއީ އެކަމުގެ ވަގުތެވެ. ދީދީއޭ އެރޭ އެއައީ އަހަރެންނަށް ދުނިޔަވީ އިލްމާއި އާޚިރަތުގެ އިލްމު އުނގަންނައިދިނުމަށް އައި ރޫހާނީ ބަޔެކެވެ. އެބައެއްގެ ފުށުން އަހަރެންނަށް ދަސްނުވާ އިލްމެއް ނެތެވެ. އަހަރެންގެ އައުލާދުގެ ތެރެއިންވެސް އީމާންތެރިކަން ވަރުގަދަކޮށްފި ކޮންމެ މީހަކަށްމެ އިލްމު އުނގެނުމުގައި މި ނިއުމަތް އޮތީ ފަހިވެފައެވެ. މިހެން ބުނެފައި ޝަހާދަތުގެ ދެކަލިމަ ދުލުން ބޭރުވުމާއެކު ދޮރުބޫރު ނިޔާވެއްޖެއެވެ.
ވާހަކަ މިހިސާބަށް ދިޔަތަނާ ގައްޔޫމު ދީދީ ހީގެންފައި ބުންޏެވެ. ބަދުރުއްދީނު ބޭބޭވޭ ތިޔަވީ ވަރަށް ދެރަ ގޮތެކެވެ. ތިޔަހެން އޮޓޯ ގިޔަރުގައި އިލްމު އުނގެނުމުގެ ފުރުސަތު ލިބޭ މީހުންގެ ތެރޭގައި އަހަރެމެން ނުހިމެނުނުކަމީ ދެން ކިހައި ހިތާމަހުރި ކަމެއް ހެއްޔެވެ. މިއަޑު އަހައިފައި ބަދުރުއްދީނު ދީދީ ބުންޏެވެ. ކޮއްކޯއޭ ދެރަވާނެ ކަމެއް ނެތޭ ކައިވެނިކޮށްގެން ތިޔައުޅެނީ ދޮރުބޫރުގެ ދަރިޔަކާ ނޫންހޭ އެހެންވީމާ އެބަނޑުން ލިބޭ ދަރިން ތިބޭނީ މިލިސްޓުގައި ހިމެނިފައެވެ. މިހައިރު މެލޭޝިއާއެއްތޯ އޭޝިއާއެއްތޯ ކޮންމެވެސް ތާކަށް ދަރިޔަކު ފޮނުވައިގެން އުޅޭ ވާހަކަވެސް އެބައަހަމޭ އެކަމަކު އެއީ ޖާއިޒުކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ނުފޮނުވިނަމަހީވެސް އިލްމުވެރިކަން އޮތީ އަންނަ ގޮތަށެވެ.
މިހިސާބަށް ވާހަކަ ދިޔަތަނާ ގައްޔޫމު ދީދީ ބުންޏެވެ. ބޭބޭވޭ އިރުވެސް އެހެރަގެން އޮއްސެނީއޭ ރޯދަ ވީއްލާން ކޮންމެވެސް ތާކަށް ވަންނާން ވަގުތުވެސް ކުޑަތަންވަނީއޭ ބަނޑުދިޔާކަމުން އަތިރިއަކަށްވެސް ޖެހިލާން ޖެހިއްޖެޔޭ ދެން މިވަގުތު ދަނީއެވެ. މިހެންކިޔާފައި މިދީދީ އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ބޭރަށް ނެރެފިއެވެ. ބޭރަށް ނުކުމެ ދެވެރީން ހެމުން މިވާހަކަ ދައްކަމުން ގޮސް މަނިއަލިކާގެ ފުޅަލިގަނޑާއި އަރައިހަމަވުމުން ގައްޔޫމު ދީދީ ބުންޏެވެ. އަހަރެން އެއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރަމެވެ. މުޅިން ރޯބުހުތާނު ވާހަކަތަކެވެ. މިހެން އަދި ބުނެ ނުނިމެނީސް ފަހަތުން ބަދުރުއްދީނު ދީދީ ކަރުކެހިފައި އަހަރެންނަށް ގޮވައިފިއެވެ. ދެން އެނބުރި ބަލައިލީމާ ބުންޏެވެ. މިހާރު ތިޔަވީ އަހަރެން ބުނި ގޮތެވެ. ތިޔަދަނީ އަހަރެން ހެދީ ދޮގުކަމަށް ނިންމައިގެން އެވާހަކަ ދައްކަމުންތާއެވެ. ކޮއްކޯމެންނޭ ކޮންމެގޮތެއް ހަދާފައިވެސް ތަރާވީސް ދަމަކަށް މިރޭ މިގެޔަށް ވަދެލަންވާނެއެވެ. މިއީ ބޭބެގެ ވަރަށް ބޮޑު އެދުމެކެވެ.
އެރޭ ނުވަގަޑި ކޮންމެވެސް ސާއަތެއްގައި ގައްޔޫމު ދީދީ އާއި އަހަރެން ބަދުރުއްދީނު ދީދީގެ ގެއަށް ވަދެއްޖައީމެވެ. އަހަރެމެން ދިޔައިރު ބަދުރުއްދީނު ދީދީ އިނީ އޭނާގެ ސްޓޫޑިއޯގައި ސުފުރާ ތައްޔާރުކޮށްގެން އަހަރެމެންގެ އިންތިޒާރުގައެވެ. މި ސުފުރާގައި މާގިނަ އެއްޗެއް ނެތެވެ. ހުރި އެއްޗަކީ ޖޫހާއި ދޮންކޭލެވެ. އަހަރެންވެސް ޖޫސް ތަށި ނަގައިގެން ބޮއެފީމެވެ. އަދި ދޮންކެޔޮވެސް ކައެފީމެވެ. އެކަމަކު ޖޫސްތަށި ހަމަ ހުންނަވަރަށް އެބަހުރެއެވެ. ދޮންކެޔޮ ވެސް ހުހެއް ނުވެއެވެ. މިކަމާ ހައިރާންވެގެން ގައްޔޫމު ދީދީ ހުޅުވި އަނގަ ލައްޕާން ނޭގިފައި ހުއްޓާ ބަދުރުއްދީނު ދީދީ ބުންޏެވެ. އާނއާނ ދެން މިހާރު އަހަރެން ހެދީ ދޮގު ނޫންކަން ތިޔަކުދީންނަށް އެނގޭވަރު ވެއްޖެ ކަމަށް ހީކުރަމެވެ. ދެން ބޭބެ ނިދާ ގަޑިވެސް ޖެހެނީއެވެ. އެހެންވީމާ ދެން ހިނގައިދާށެވެ.
ބޭރަށް ނުކުމެފައި ގައްޔޫމު ދީދީ ހަމަ އަނގައިންވެސް ނުބުނެ ބާރުބާރަށް ހިނގާފައި ސައިކަލާ ހަމައަށް ހިނގާއްޖެއެވެ. މަޑިމަތީގައި އިށީދެ ސިގިރޭޓެއް ނަގާފައި ރޯކޮށްލައިފިއެވެ. ހަމަ ރޯކޮށްލުމާއެކު އަހަރެންގެ ކައިރިން އަހައިފިއެވެ. ބަލަބަލަ ސިގިރޭޓު ބުއިން ހުއްޓާލައިފީމޭ ބުނެފައި އަނެއްކާވެސް ބޯން ފެށީ ހެއްޔެވެ. އަހަރެން ބުނެފީމެވެ. ނުބޮމެވެ. މިދީދީ ބުންޏެވެ. ޖީބަށް ލައިޓަރު ލައިގެން ތިޔައުޅެނީ ސިގިރެޓު ނުބޯތީ ހެއްޔެވެ. އަހަރެން ބުނެފީމެވެ. ޖީބުގައި ލައިޓަރެއް ނެތެވެ. މިދީދީ ބުންޏެވެ. ބަލަ ދެންމެ މަގޭ އަނގައިގައި ސިގިރޭޓު ޖައްސައިލުމާއެކު ލައިޓަރު އަޅައިދިނީ ކަލޭ ނޫން ހެއްޔެވެ. އަހަރެން ބުނެފީމެވެ. ނޫނެކެވެ. މިއަޑު އަހާފައި ޔަގީނޭ ތިޔައީ އަބުލްހައިސާމް ދީދީގެ ކަންތަކޭ ބަދުރުއްދީނު ދީދީގެ ޖިންނި މިތުރުންގެ ގިލަންވެރިކަން މަށާވެސް ޖެހުނީއޭ ކިޔާފައި ސިގިރޭޓު އަތުގެ ކޮޅަށް ހޫރާލާފައި ސައިކަލް ސްޓާޓުކޮށްގެން ސައިލެންސަރުން ކަޅުދުން އަރުވަމުން މި ދީދީ ނަައްޓާލައިފިއެވެ.
ފަހުގެ ޚިޔާލުތައް