އެދުރު ތައްކާނު ގެންގުޅުނު ޖިންނި
އެދުރުތައްކާނު ޖިންނިއެއް ގެންގުޅުނު ވާހަކަ
މީދޫ އެދުރު ތައްކާނު ނުވަތަ ފަގީހު މޫސާއަކީ ދޮއްތަޑަފި އެދުރު ދަރިކޮޅުގެ އެދުރު ބެއިކަލެކެވެ. ބުނެވޭގޮތުން ކުރީޒަމާނުގައި މީދޫ މީހުންނަށް އުނދަގޫކޮށް ދުއްތުރާކުރި ޖިންނިއެއް އުޅުނެވެ. އެއްދުވަހަކު މި ޖިންނިގެ އާދައިގެ މަތީން އެދުރު ތައްކާނަށްވެސް ޖެއްސުން ކުރިކަމަށްވެއެވެ. މިކަމާގުޅިގެން އެދުރުތައްކާނު މިޖިންނި ގެނެސް ކަސްތަޅު އަޅައި ހައްޔަރުކުރިއެވެ. ޖިންނި ހައްޔަރު ކުރުމުން އެދުރުތައްކާނު އަރިހުގައި ވަރަށް އާދޭސް ދެންނެވިއެވެ. އެދުރު ތައްކާނުގެ މުޅި ޢުމުރުގައިވެސް އެތައްކާނަށާއި އެތައްކާނުގެ ޢާއިލާ އަށާއި މިރިމިރައަށް އެބައިމީހުންގެ ޚާދިމަކު ކަމުގައި ދެމިހުރުމަށާއި އެތައްކާނު ދަރިކޮޅުގެ މީހަކަށް ދުވަހަކުވެސް އުނދަގުލެއް ދުއްތުރާލެއް ނުކުރަންއި ހުވާކުރިއެވެ. އޭގެފަހުން އެދުރުތުތައްކާނު ނިޔައުވަންދެން މި ޖިންނި އުޅެނީ ރެއާއި ދުވާލު އެދުރު ތައްކާނުގެ ޚާދިމަކު ކަމުގައެވެ.
މި ޖިންނި ވައުދުވިފަދައިން އެދުރުތައްކާނު ގޭގައި މަސައްކަތް ކުރުމުގައި ޚާދިމެއްގެ ގޮތުގައި އުޅުނުކަމަށްވެއެވެ. އެގޮތުން މިސޮރު އެދުރުތައްކާނުގެ ގޭގެ ކުނިކެހުމާއި ދަރު ހޯދުމާއި ދޯރާހިޔުމާއި ކެއްކުންފަދަ އެތައް މަސައްކަތެއް ކުރެތެވެ. މި ގޭގެ ހުރިހައި މަސައްކަތެއް ޖިންނި ކުރާއިރުވެސް މިސޮރަށް ނުކުރެވޭ ކަމެއްވެއެވެ. އެކަމަކީ ދޯރާ ކައްކައި ރޯފިލުވާފައި ހުންނަ ރާފަނި ހުސްކުރުމެވެ. ރާހިޔައި ނިމެންކައިރިވީމާ ގޭގެ މީހަކަށް އަންގާފައި އަވަސް އަވަހަށް ޖިންނި ފިލާނެއެވެ. ފިލަންޖެހޭ ސަބަބަކީ ރާހިޔައި ނިމެން ކައިރިވީމާ ތާހުގެ ތެރެއަށް އަޅާފައި ތިބޭ ރާގައުތައް ތެޅެން ފެށުމުން އެއަޑަށް ޖިންނި ބިރުގަންނަނީއެވެ. ރާގައު ނުވަތަ ރާއަކިރި އަކީ ރާހިޔާއިރު ގިނި މަޑުކުރަން ތާހުގެ ތެރެއަށް އަޅާ ގަލެކެވެ. މިގާ އަޅައިގެން ރާހިޔުމުން އެއިގެ ރަހަ ތަފާތުވެއެވެ. ރާ ހިޔާއިރު އެގާތަށް ތެޅޭއަޑު އިވުމަށް ވުރެ ޖިންނި ބިރުގަންނަ އަޑެއް އަމުދުން ނުވެއެވެ. އެހެންވުމާއެކު އެއަޑު ނާހަންވެގެން ގެއިން ނިކުމެގެން ފިލަނީއެވެ.
އެދުރު ތައްކާނު ނިޔާވި ދުވަހު މި ޖިންނި ގޭގެ އޮޅިގަނޑު މަތީގައި އިށިނދެގެންއިދެ ގިސްލަ ގިސްލާފައި ރޮއިހޭރި އުޅުނެވެ. މި މަންޒަރު ގިނަ ބަޔަކަށް ފެނުނުކަމަށް ބުނެއުޅެއެވެ. އެދުރުތައްކާނު ފަސްދާނުލުމަށްޓަކައި ކޯގަންނަށް ގެންދެވުނު އިރު ވެސް ސަންދޯކުގެ ފަހަތުން ޖިންނި ރޮމުން ދިޔައެވެ.
އެދުރު ތައްކާނުގެ ކަށުކަމާކެމީގެ ހުރިހައި ކަންތައްތަކެއް ނިމުމަށަފަހު ޖިންނި ގެއަކަށް ނުދެއެވެ. ޖިންނި ދިޔައީ އެދުރުތައްކާނު ނިކަގަސް ދޮށަށެވެ. މިނިކަ ގަހަކީ ރަށުގެ އިރުމަތީފަރާތުގައި ހުންނަ ގަހެކެވެ. އެދުރު ތައްކާނު ނިޔައުވުމަށްފަހު މި ޖިންނި ދިރި އުޅުނީ މިގަސް ދޮށުގައިކަމަށް ބުނެވެއެވެ. މިގަސް ދޮށަށް ގޮސްފައި ސަލާމަތުން އެނބުރި ދެވެނީ އެދުރު ތައްކާނުގެ ދަރިކޮޅު މީހަކަށް ވާނަމައެވެ. އެދުރުތައްކާނު ދަރިކޮޅު މީހަކު ފިޔަވައި އެހެން މީހަކު މިގަސް ދޮށަށް ގޮސްފިނަމަ އެމީހަކަށް އެތަށް އުނދަގޫތަކާ މުޞީބާތްތަކެއް ކުރިމަތިވެއެވެ. މި ނިކަގަސް ކަނޑާލީ 1980 އިގެ ކުރީކޮޅުގައި އެދުރުތައްކާނުގެ ދަރިކޮޅުގެ ބައެކެވެ. މި ގަސްހުރި ދުވަސްވަރުގައި އެދުރުތައްކާނުގެ ޢާއިލާ މީހުންނާއި އެހެން މީސް މީހުންވެސް ސަރަހައްދު ދެކެ ވަރަށް ބިރުގަނެއެވެ.
އިންސާނުން ޖިންނި ކުދީން ވެހާކަން ގަބޫލްކެރާ ޢިލްމުވެރިޔަތިބެތާ. އެވެރިޔަ އެކަން ސާބިތުކޮށްދެތާ. އެކަމަކިޔަސް އިންސާނުންގެ ތެރޭގައި މިކަން ގަބޫލުކެރާ މީހުންތިބިކޯ މިކަން ގަބޫލް ނިކެރާމީހާސްތިބެތާ. އެދުރު ތައްކާނު ގިނިވޭނޑެނެ ޖިންނި އަކީ އިންސާނަކާ ވެހި ކިންނިއަކަށް ވެފޭށީ.