ހުޅުދޫ އެޅެހިށިގޭ އަހުމަދު ސާލިހާއި އޭނާގެ އޮޑީގެ ނިމުން 3

ފުރިދުވަހުގެ ވާހަކަވާހަކަ

އަހުމަދު ސާލިހު ރަށުންފުރި ދުވަހު ވިއްސާރަކަމުން ނުފުރާށޭ ކިޔައި ފަހުވަގުތު އާދޭސްކުރި މީހުންގެ ތެރޭގައި އޭނާގެ ބޭބެ މުހައްމަދު ތައުފީގާއި ކޮއްކޮ އަބްދުލްމުހުސިން ހިމެނެއެވެ. އެދެމީހުންނަށް އަހުމަދު ސާލިހު ދިން ޖަވާބަކީ ދީދީގެ އިބްރާހިމް ދީދީގެ ދެމަފިރިން އެވެރިންގެ އެންމެ ކުޑަދަރިފުޅު އައިސައިދި ގޮވައިގެން ވަރަށް އަވަހަށް މާލެ ދާންޖެހޭތީ އަދި އެކަމަށް އާނބަސް ބުނެވިފައިވާތީ ދަތުރުފަސްކުރެވެން ނެތްކަމުގައެވެ. މިކަހަލަ ދުވަހެއްގައި ފުރައިގެން ދެވޭނެތަނެއް އޮންނާނެހޭ އެވެރިން އެހީމާ އަހުމަދު ސާލިހު ދިން ޖަވާބަކީ ކޮންމެވެސްތާކަށް ދެވޭނެއެވެ. އެއީ ކޮންމެތަނަކަށްވިޔަސް މިއަދު ފުރާނަމެވެ.

މުހައްމަދު ތައުފީގާއި އަބްދުލްމުހުސިނުގެ އިތުރަށްވެސް ގާތްތިމާގެ ވަރަށް ގިނަ މީހުންނާއި ރަށުގެ ކަމުވޮށިގެންވާ ވަރަށް ގިނަބަޔަކު ދަތުރުފަސްކުރާށޭ ވިއްސާރަ އަލިވަންދެން ކެތްކުރާށޭ ބުނިކަމަށްވެއެވެ. މީގެ ޖަވާބުގައި ބުނިކަމަށްވަނީ ގޭ އުނދޯލީގައި އިނަސް އަޖަލުއައިސް ޖެހުނީމާ ކުރެވޭނެ ކަމެއް ނޯންނަކަމަށާއި އަޖަލަކީ ވިއްސާރަޔާއި ގުޅިފައިވާ ކަމެއް ނޫންކަމަށެވެ.

ރަށުންފުރި ދުވަހު އަހުމަދު ސާލިހު ގިނައިން އުޅުނީ ގޭގައެވެ. އެއީ ވާރޭވެސް ވެހެމުންދިޔުމާއި ކުދިވެރިންނާއި އަނބިމީހާޔާއެކު ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ. އޭރު އަހުމަދު ސާލިހުގެ ކުޑަ ދަރިފުޅު އައިމިނާމަނިކެއަށް ތިންއަހަރެވެ. ފަސްކުދީންވެސް ތިބީ ގޭގައެވެ. މޫސުން ގޯސްކަމުން މިއަދު ނުފުރައި މަޑުކުރަންވީނޫންހޭ ކިޔައިގެން އަނބިމީހާ އައިސައިދިވެސް ވަރަށް އާދޭސްކުރިއެވެ. މިސްރާބު ބެލުމަށް އޮޑީގައި ސަމުގާއެއް އެބަހުއްޓޭ އަދި ނުވިތާކަށް ފިލާވެސް އެބައޮތޭ މިދޭތި އޮތިއްޔާ ފިކުރުބޮޑުވާންވީ ކޮންކަމަކާހޭ ބުނެ ޖަވާބުދީފައި މެންދުރުފަހު އޮޑިއަށްއަރާން ހިގައްޖެއެވެ.

އޮޑީން ދަތުރުކުރި މީހުން

އަހުމަދު ސާލިހާއެކު އޭނާގެ އޮޑި ހުޅުދޫ ބަނދަރުން އެދުވަހު ފުރިއިރު އޭގައި ތިބީ އޭނާ ހިމަނައިގެން ދިހަ މީހުންނެވެ. އެއީ ހުޅުދޫ މާމަގިގޭ މޮހަދަފުތާ، ދޮންދައްތާގެ މުހައްމަދު، ވޭމަންޑޫ އަބްދުއްސަމަދު، މާލޭ ތުއްތުއިދީ، ދީދީގެ އިބްރާހިމްދީދީ، ކައްދައިދީގެ މަރިޔަމްދީދީ، އެގޭ އައިސައިދީ، މީގެ އިތުރަށް މީދޫ ހައްވާއްކަލޯގެ މޫސާ އަދި މީދޫ ސިއްތީބީގެ ދިޔަގެ ދޮންކަލޯއެވެ. މީގެތެރެއިން އިބްރާހިމްދީދީ އާއި މަރިޔަމްދީދީއަކީ ދެމަފިރިންނެވެ. އައިސައިދިއަކީ އެދެމަފިރީންގެ ދަރިފުޅެކެވެ. ވަރަށް ކުޑަކުޑަ ކުއްޖެކެވެ.

އިބްރާހިމްދީދީގެ ދެމަފިރިން އެދުވަހު ކުޑަ ދަރިފުޅު ގޮވައިގެން ރަށުން ފުރާތީ ވިއްސާރައިގެ ވާހަކަ ދައްކައިގެން އެކަން ހުއްޓުވޭތޯ އެއާއިލާގެ މީހުންވެސް ވަރަށް މަސައްކަތްކުރިކަމަށްވެއެވެ. އެދެމަފިރިން ފުރިއިރު ދޮށީ ފިރިހެންދަރިފުޅު މުހައްމައިދި ހުރީ ކިޔަވާން މާލޭގައެވެ. އެދީދީއާ ޖެހުނު އަހައްމައިދިއާ އެންމެ ދޮށީ އަންހެންދަރިފުޅު ފާތުމައިދި ތިބީ ރަށުގައެވެ. މި އަހައްމައިދިއަކީ މިހާރު ސަންދާނު އަހައްމައިދިގެ ނަމުން ގިނަބަޔަކު ދަންނަ އަހައްމައިދިއެވެ. ފާތުމައިދީ އޭރު މުހުންމާބެއްޔާގެ ހަލީމުއާ އިނދެގެން ކުއްޖަކުވެސް އޮވެއެވެ. މިފުރުމެއް ފުރީ ފާތުމައިދި ކައިރީގައި އަހައްމައިދި ބަހައްޓައިފައެވެ. އެގޭގައި އެދުވަހު ވަރަށް ގިނަބަޔަކު ރުއިކަމަށްވެއެވެ. ފުރީ ދެން ފެންނާނެ ކަމެއްވެސް ނޭގެޔޭ ހިތްހެޔޮކުރާށޭ ކިޔައިފައި އެންމެނާ ސަލާންކޮށްފައެވެ.

ވޭމަންޑޫ އަބްދުއްސަމަދަކީ އާއިލީގޮތުން ތިމާގެ ބައެއް މީހުންނާއި ބައްދަލުކުރާން ހުޅުދުވަށް އައިސް ދުވަސްކޮޅަކު ހުރެފައި އެނބުރި ވޭމަންޑޫއަށްދާން އޮޑިއަށް އެރި ޒުވާނެކެވެ. ވޭމަންޑޫގައި ހުޅުދުވާއި ގުޅިފައިވާ އައިލާތަކެއް ދިރިއުޅެއެވެ. އަބްދުއްސަމަދަކީ އޭގެތެރެއިން އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އަބްދުއްސަމަދުގެ ބޭބެ ވޭމަންޑޫ އަބްދުލްހަމީދު އޭރުވެސް ދިރިއުޅެމުން ދިޔައީ ހުޅުދޫގައެވެ. އެޅެހިށިގޭ ސައިދާއާ ފަހުން އިނދެގެން އުޅުނީ މި އަބްދުލްހަމީދެވެ.

މާލޭ ތުއްތުއިދިއަކީ ހުޅުދޫގައި ވަޒަންވެރިވެގެންހުރި މާލޭ އަލިދީދީގެ ކޮއްކޮއެވެ. ބޭބެޔާ ބައްދަލުވާން ހުޅުދުވަށް ދިޔަގޮތަށް އެރަށުގައި މަޑުކޮށް އެންމެފަހުން މީހަކާވެސް އިނީއެވެ. ތުއްތުއިދި ހުޅުދޫއަށް ފޭބިގޮތަށް މާލެނުގޮސް އެތައް އަހަރެއްކޮށްފައި އަލަށް މާލެދާން އަހުމަދު ސާލިހުގެ އޮޑިއަށް އެރީއެވެ. މާލެދަނީ އަންހެނުން ބަހައްޓާފައި އެކަންޏެވެ. މީހަކާ އިންވާހަކަޔާއި އަންހެނުން ބަނޑުބޮޑުކަމުގެ ވާހަކައިން މައިންބަފައިންނާއި އެއްބަނޑު މީހުންނަށް ޚަބަރުކޮށްފައި ލަސްނުވެ އެނބުރި އަންނާންކަމަށެވެ. ތުއްތުއިދިގެ ހުޅުދޫ އަނބިމީހާގެ ބަނޑަށް ފަސްމަހެވެ.

އޮޑީގެ ފަޅުވެރީންކަމުގައި ހިމެނުނު ހުޅުދޫ މާމަގިގޭ މޮހަދަފުތާ އާއި ދޮންދައްތާގެ މުހައްމަދު ކުރެންވެސް ދަތުރުގެ ވާހަކަ އަހައި މިހާވިއްސާރައިގައިވެސް ބިރެއްނެތި ހަމަފުރަނީހޭ މީހުން ސުވާލުކުރިއެވެ. ޖަވާބުގައި އެމީހުން ބުނީ ކިތަންމެ ވިއްސާރަޔަސް ދޮންމަނިކުގެ އަހުމަދު ސާލިހު ހުރި އުޅަނދަކަށް އަރާން ބިރު ނުގަންނަ ކަމަށެވެ. އެދުވަހު ހެނދުނު ވެހެމުންދިޔަ ވާރޭގެ ތެރޭގައި އަޒީޒާމެންގެ ކުރިމަތިން ދޮންދައްތާގެ މުހައްމަދު ދަނިކޮށް ގޮވާފައި ވައްދައި އެގޭ ބަނބުކެޔޮގަހަކުން ބަނބުކެޔޮ ކަނޑައި ދެވިދާނެހޭ އެހީމާ ކިތަންމެ ވިއްސާރަޔަސް ތިޔަކަންތައްް ކޮށްދެވިދާނެއޭ ވިއްސާރައިގައި އެހެންމީހުންނަށް ކުރާން ނުކެރޭ ދަތުރުފަތުރުގެ ކަންތައްވެސް މިއުޅެނީ ކުރާންވިއްޔާއޭ ބުނެފައި ބަނބުކެޔޮގަހަށް އަރައި ކެޔޮކަނޑައިދިނެވެ.

މިދަތުރުގައި ބައިވެރިވި މީދޫ ދެމީހުންގެ ތެރެއިން އެކަކީ ހައްވާއްކަލޯގެ މޫސައެވެ. މީނާއަކީ ވަރަށް އުފެއްދުންތެރި ރައިވެރިއެކެވެ. އިނދެގެންހުރީ ދޮއިހާގެ ފާތުމައިދިއާއެވެ. ކުއްޖަކު ނުހުރެއެވެ. މުޅިއަހަރު ދުވަހު މަސައްކަތްކޮށްގެން އެއްކުރާތަކެތި މުދަލަށް ހަދައިގެން އެތަކެތި ސިލޯނަށް ނުވަތަ މާލެޔަށް ވިއްކުމަށް އަހަރަކު އެއްފަހަރު މީނާ ދަތުރެއް ކުރެއެވެ. މިފަހަރު އަހުމަދު ސާލިހުގެ އޮޑީން މާލެދާން ފުރުމުގެ ކުރީން ރައްޓެހިންގާތު ބުނިކަމަށްވެއެވެ. ހަޔާތުގައި ވަރަށް ގިނަ ދަތުރުކުރެވިއްޖެއެވެ. ކަޅިހާރި ކުޑައޮޑި ބެހިގެން ބަންގާޅަށްވެސް ދެވުނެވެ. ވަރަށް ބިކަ ހާލުގައި ނުރައްކާތެރި ތަންތަނުގައި އުޅެފައި ކޮންމެފަހަރަކުވެސް ސަލާމަތުން އެނބުރި ރަށަށް އާދެވެއެވެ. ހީވާގޮތުން މިފަހަރު ކުރާން މިއުޅެނީ ހަޔާތުގެ ފަހުދަތުރެވެ.

ހައްވާއްކަލޯގެ މޫސަޔަކީ ކޮރުމީހެކެވެ. ފަހުންފަހުން ހިނގައިއުޅުނީ އަސައެއްގެ އެހީގައެވެ. އަހުމަދު ސާލިހުގެ އޮޑި ރަށުން ފުރީ ހުކުރުދުވަހެއްގެ މެންދުރުފަހުއެވެ. އެދުވަހު މެންދުރު ހުދުހެދުމެއްގައި މީދޫ މާމިސްކިތަށް ހުކުރަށްގޮސްފައި ފައިބައިގެން ދަމުން ގާތްމީހުންގެ ގޭގެޔަށް ވަދެ ސަލާންކޮށް ހިތްހެޔޮކުރާށޭ ދެންފެންނާނެކަމެއްވެސް ނޭގެޔޭ ބުނިކަމަށްވެއެވެ. މީދޫ ސިއްތީބީގެ ދިޔަގެ ދޮންކަލޯ މިދަތުރުގައި ފުރިއިރު ހުރީ ކޮންމެވެސް އައިމިނާދިއަކާ އިނދެގެން ވަގުތީ ކައިވެންޏެއްގެމަތީގައެވެ. ކުއްޖަކު ނެތެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!