އަތިރަގޭ އަލިމަނިކުފާނުގެ އޮޑީގެ ފަހުދަތުރާއި ބޮޑުޖަގަޑާ 5

މާލޭގައި ހައްޔަރުކުރެވުނު މީހުން

އެންމެން ހައްޔަރުވުމަކީ އެންމެރަގަޅު ގޮތްކަމުގައި ވާހަކަ ދައްކަނިކޮށް މިސްކިތްދޮރެގޭ އަހައްމާބޭ ބުނެފިއެވެ. ކުދީންނޭވެ. ތިޔަހެން ހަދާކަށް ނުވާނެއެވެ. މަސައްކަތްކޮށްގެން ހޯދައިގެން ގެނައި އެތިކޮޅުވީވެސް އޮޑީގެ ތެރޭގައެވެ. ރަށުގައި ތިބިބަޔަކަށް އެތިކޮޅު ލިބޭނީވެސް ކޮންމެފަދަ ހާލެއްގައި ޖެހިގެންވިޔަސް ރަށަށް ގޮސްގެންނެވެ. އެހެންވީމާ މިބަލާވެރިކަމުން މިންޖުވާނެ ގޮތެއް އޮތިއްޔާ އެގޮތެއް ހޯދާނީއެވެ.

އޮޑީގައި ތިބި އެންމެނަކީ މީދޫ މީހުންނެއް ނޫނެވެ. ހުޅުދޫ މީހުންވެސް ތިއްބެވެ. ފޭދޫ މީހުންވެސް ތިއްބެވެ. ހުޅުދޫ ހަމީހަކު ތިއްބެވެ. އޭގެ ތެރޭގައި ގަސީމާއި އަތިރަގޭ މުހައްމަދުތައްޚާނު ހިމެނެއެވެ. މަރަދޫން ފަސް މީހެކެވެ. ފޭދޫ މީހުންގެ ތެރޭގައި ޕާރޓީ މުހައްމަދުގެ އިތުރަށް ވެއުކަނދިގޭ އަލިރަހާވެސް ހިމެނުނެވެ. އަލިރަހާބުންޏެވެ. މަ އެވަރަށް ތެދު ބުނީމާ އަނެއްކާވެސް މިގެންދަނީ ކޮންވާހަކައެއް ދައްކުވަން ހެއްޔެވެ. ދައްކާނޭ ވާހަކައެއް އޮތީކީ ނޫނެވެ. ވާހަކަދައްކާށޭ އެބަބުނެއެވެ. ވާހަކަދެއްކީމާ ދެންހެދޭނީ ދޮގެވެ. ދޮގުހެދީމާ އާޚިރަތުގައި ލިބޭންއޮތް އަޒާބު އަދިމާބޮޑެވެ.

ބަނޑޭރިގެޔަށް ގެންގޮސް ކަދީދަގެ ކަޅާއާއި ސުވާލު ކުރީމާ އޭނާ ބުންޏެވެ. މަށަކަށް އެއްވެސްކަމެއް ނޭގެއެވެ. މަށަކީ އޮޑީގެ ކައްކާއެވެ. މަށަށް އެގެނީ ކައްކަންވާގޮތެވެ. އަދި ކާން ދޭންޖެހޭ މީހުންގެ އަދަދެވެ. އެވަރު އެގުމަކީ ކުށެއްކަން ނުދެނަހުރީމެވެ. ބަޔަކަށް ކައްކާފައި ކާންދިނުމަކީ ފާފައެކޭ އެއްވެސްމީހަކު ބުނާތީ މިހާތަނަށް އަޑުވެސް ނާހަމެވެ. ތިޔަބެއިކަލުން އަންގަވައިފިއްޔާ އެއީ ފާފައެއްކަމަށް ދެން ބަލަންފަށައިފާނަމެވެ.

އަލިމަނިކުފާނުގެ އޮޑީގައި އައްޑުއަތޮޅުން ފުރީ ސާޅީސް މީހުންނެވެ. މާލޭގައި ހިންގުނު ތަހުގީގުންނާއި އަދި އަލިމަނިކުފާނުގެ މަޝްވަރާއަށް ބަލައިގެން ބަނޑޭރިގެއިން ކުށްވެރިކުރީ އޭގެތެރެއިން ވިހި މީހުންނެވެ. ކުށްވެރިން ކަމަށް އަލިމަނިކުފާނު ބުނެފައި އޮތީ އޭނާއާ އެންމެ ބޮޑަށް ދެކޮޅުހެދި މީހުންނެވެ. ކުށްވެރިނުވާ ކަމަށްވީ އަލިމަނިކުފާނުގެ ފަރާތަށް ތިބި މީހުންނެވެ.

ތަޅައިފައި އަރުވައިލި މީހުން

ފަނޑިޔާރުގެއިން ހުކުމްކުރީ ތައުޒީރުކޮށްފައި އަރުވައިލުމަށެވެ. އިސާހިތަކު މި ތެޅުމެއް ތަޅައިފިއެވެ. ތަންކޮޅެއް ޒުވާންކޮށް ސަމައްތަރުހެޔޮކޮށްހުރި މީހެއް ވިއްޔާ ވަކީންބޮޑަށް އަނިޔާކޮށް ވަކީންބާރަށް ތެޅިކަމަށްވެއެވެ. އެންމެބޮޑަށް އަނިޔާކުރީ ހަތް މީހަކަށެވެ. އެ ހަތް މީހުންނަކީ މާދަރިގޭ އަބްދުﷲ ދީދީ، މުދިން މުހައްމަދުދީދީ، ކުންނިއަރި އިބްރާހިމްދީދީ، ކަދީދަގެ ކަޅާ، އަލިބެޔާގެ ހުސޭނު އަދި އައްޓިއަރި އަހައްމާދީދީއެވެ.

ކުށްވެރިވީކަމަށް ނިންމައި ވިހި މީހަކު ދުއްރައިން ތެޅުމަށްފަހު ވަކި މުއްދަތެއްނެތި އެކިރަށްރަށަށް އަރުވައިލީއެވެ. މީގެތެރޭގައި ހިމެނުނީ އޭރު މީދޫގައިތިބި އެންމެ ހަރުމީހުންނެވެ. އޭގެ ތެރެއިން އެންމެ ބާރުގަދަ ދެ މީހުންނަކީ އައްޓިއަރި އަހުމަދުދީދީ އާއި އަލިބެޔާގެ ހުސޭނެވެ. މި ދެމީހުންގެ ގައިގައި ތެޅިތެޅީނުން ލިބުނު އަނިޔާގެ ބޮޑުކަމުން އެއަނިޔާއިން ގަދަނުވެ އަރުވާލާފައިތިބި ރަށްރަށުގައި މަރުވީއެވެ.

މާފު ލިބުނު މީހުން އައްޑުވަށް

ފަނޑިޔާރުގެއިން ކުށެއްނެތް ކަމަށް ކަނޑައެޅި މީހުންނާއެކު ފުރުމަށްޓަކައި އޮޑި ތައްޔާރުވެއްޖެއެވެ. މިދަތުރުގައި އޮޑީގެ މާލިމީއަކީ ހުޅުދޫ ހުސައިން މަނިކުފާނެވެ. މީނާއަކީ އަދީބާއި ރާޒީއާއި އަލީ ހުސައިނާއި ރަމްލާގެ ބައްޕައެވެ. މާލިމީ ހުސައިނަކީ އުމުރުގެ ގޮތުން އަލިމަނިކުފާނަށް ވުރެ ދޮށީ މީހެކެވެ. އެހެންނަމަވެސް މާލިމީ ހުސައިނަށްވުރެ ނުފޫޒާއި އެނޫންވެސް ގޮތްގޮތުން އަލިމަނިކުފާނުގެ ދަރަޖަ އުުފުލިގެންވެއެވެ. މިސަބަބަށްޓަކައި މާލިމީ ހުސައިނު ހުރީ އަލިމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.

އައްޑުވަށް ފުރުމުގެ އިޒުނަ ލިބުމާއެކު ލަސްތަކެއްނުވެ ފުރައިފިއެވެ. އެކަކު އަނެކަކަށް މާގިނަ ވާހަކަ ދެއްކުމެއް ނެތެވެ. މާލިމީ ތަފާތުވިޔަސް އަދިވެސް އޮޑީގައި އޮތީ އަލިމަނިކުފާނުގެ ބާރެވެ. އޭނާވެސް އޮޑީގައި އިނެވެ. އެކަމަކު ފަޅުވެރިންނާއި މުއާމަލާތު ކުރުމެއް ނެތެވެ. ފަޅުވެރީންނަށް މިލިބުނު އަނިޔާތަކަކީ އެކަމުގެ ފަހަތުގައި އަލިމަނިކުފާނުގެ ދައުރެއް އޮވެގެން ލިބުނު އަނިޔާތަކަށްވީމާ އެމީހުންތިބީ ލައްކަރުޅީންނެވެ.

ހުވަދޫގައި ހިފެހެއްޓުން

ދަތުރުކޮށްފައިގޮސް ހުވަދުއަތޮޅު މާވާރުލާ ކަނޑުން ވަންނަނިކޮށް މުގުރުބުރި އާއި ލަޓިބުރި ހިފައިގެން ހުވަދޫ ފާރަވެރިންގެ ބަޔަކު އައިސް އޮޑިއާއި ކައިރިކޮށްފައި ސުވާލު ކޮށްފިއެވެ. ތިޔައީ ކޮން އަތޮޅެއްގެ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑިން ޖަވާބުދިނެވެ. މިއީ އަތިރަގޭ އަލިމަނިކުފާނުގެ އޮޑިއެވެ. މީގައި ތިބީ އޮޑީގެ ފަޅުވެރީންނެވެ. ހުވަދޫ ފާރަވެރިން އެންގީ އޮޑިޔާއިގެން ހުވަދުއަތޮޅު ވެރިކަންކުރާ ރަށް ހަވަރުތިނަދޫއަށް ދިއުމަށެވެ.

ހަވަރުތިނަދޫގައި އޮޑި ބަނދަރު ކުރުމާއެކު ރަށުމީހުން އަލިމަނިކުފާނު ކޮބައިހޭ ކިޔައިގެން އޮޑިއަށް އަރައި އޭނާ ދަމައިނެރެ ހިމަރޯނުން ބަދެގެން ގެންގޮސްފިއެވެ އޮޑީގެ ފަޅުވެރީންނަށް އަލިމަނިކުފާނު ދިން ކޮޅުކެހީގެ ޚަބަރާއި ކަންތައްވީގޮތުގެ ވާހަކަ ތިނަދޫއަށްވެސް އޭރު އޮތީ އައިސްފައެވެ. ތިނަދޫގައި އެވެރިން ކުރި ތަހުގީގެއް ކުރުމަށްފަހު ޖެހިގެން އައި ދުވަހު އަލިމަނިކުފާނު ދޫކޮށްލައިފިއެވެ.

އަލިމަނިކުފާނުގެ ބާރުތައް ނިގުޅައިގަތުން

ތިނަދޫގައި އޮތީ ސުވާދީބުގެ ވެރިކަމެވެ. ހުވަދުއަތޮޅުގެ އެންމެ އިސްބާރު އޮތީ ހިރިހަމާތިކަލޭފާނުގެ އައުލާދަށެވެ. މީނާއަކީ ހުޅުދޫ މީހެކެވެ. އެހެންކަމުން އަލިމަނިކުފާނާއި ދޭތެރޭ އެވެރީން ކުލުނު އުފެދިގެން  އަލިމަނިކުފާނު ދޫކޮށްލީއެވެ. މިނިވަންކުރިޔަސް އޮޑީގެ މީހުންނަށް ސުވާދީބު ސަރުކާރުގެ ފަރާތުން އެންގުމެއް އެންގިއެވެ. އެ އެންގުމަކީ މިއޮޑިއަކީ އަލިމަނިކުފާނުގެ އޮޑިޔަކަވިޔަސް ދަތުރުގެ ބާކީބައިގައި އޮޑީގެ އެއްވެސް ކަމެއްގައި އަލިމަނިކުފާނުގެ ބަހަށް ކިޔަމަން ނުވުމެވެ.

ޚާއްސަކޮށް އޮޑީގެ ނިޔަމިކަމާއިގުޅޭ އެއްވެސްކަމެއްގައި އަލިމަނިކުފާނު ނުބެއްސުމަށާއި މާލިމީ ހުސޭނު ބުނާގޮތަށް ދަތުރުކުރުމަށްވެސް އަމުރު ކުރިއެވެ. މިއެންގުމެއް އަންގަނީ ސުވާދީބު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ބުންޏެވެ. މިކަން މިމަގުން ހިނގާނޭކަން އަލިމަނިކުފާނު އޮތީ ލަފާކޮށްފަައެވެ. މިދަތުރުގައި އޭނާ ނިންމަންވާ އެންމެފަހު ނިންމުން އޮތީ މާކުރިންވެސް ނިންމައިފައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!