ޒުވާންއުމުރުގައި މަސްތުވާތަކެއްޗަށް ދެވިހިފުން

އަޅުގަނޑުގެ ނަމަކީ ނާޝިދު އެވެ. އަޅުގަނޑުގެ ޙަޔާތަކީ އެހާ އޮމާން ޙަޔާތެއް ނޫނެވެ. އަޅުގަނޑުގެ އުމުރުން 9 އަހަރުގައި އަޅުގަނޑުގެ ބައްޕަ ނިޔާވެއްޖެއެވެ. އަޅުގަނޑުގެ މަންމައަކީ މާރަނގަޅު ދިރިއުޅުމެއްގައި އުޅޭ މީހެއް ނޫނެވެ. ދިރިއުޅެނީ ވަރަށް ވިޔާނުދާ މީހަކާ ކައިވެނި ކޮށްގެން އެހެން ރަށެއްގައެވެ. އަޅުގަނޑަށް އިތުބާރުކުރެވޭ އަޅުގަނޑުގެ ވަރަށްގާތް ދެތިން ރަޙްމަތްތެރިންވަރު ތިބެއެވެ. މި ދުނިޔެއަށް އަޅުގަނޑު އުފަންވިދުވަހުން ފެށިގެން އަޅުގަނޑު ދިރިއުޅެމުން އަންނަނީ އަޅުގަނޑުގެ މާމައާ އެކުގައެވެ.

އަޅުގަނޑުގެ 13 ވަނަ އުފަންދުވަހު އަޅުގަނޑު ހުރީ އަޅުގަނޑުގެ ރަޙްމަތްތެރިއެއްގެ ގޭގައެވެ. އޭނާ އާއި އޭނަގެ ޢާއިލާގެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާބައެއްކަން އަޅުގަނޑަށް ވަނީ އެނގިފައެވެ. އަޅުގަނޑު އެހާހިސާބަށް ދުވަހަކުވެސް އަޖުމަ ބެލުމުގެ ގޮތުން ނަމަވެސް މަސްތުވާއެއްޗެއް ބޭނުން ނުކުރަމެވެ. އެދުވަހު އަޅުގަނޑުގެ ރަޙްމަތްތެރިޔާ، އަޅުގަނޑުކުރެން، އެތަކެތި އަޖުމަބަލަން ބޭނުންތޯ ސުވާލުކުރިއެވެ. އަޅުގަނޑު އެކަމަށް ފަސްޖެހުނު ނަމަވެސް އާނއެކޭ ބުނީމެވެ. އެހެންކަމުން އެހިސާބުން އަޅުގަނޑުގެ މަސްތުވާތަކެއްޗަށް ދެވިހިފުން ފެށުނީއެވެ. ފުރަތަމަ ފަހަރުންވެސް، މި މަޅީގައި އަޅުގަނޑު ބެދުނީކަން އަޅުގަނޑަށް އެނގުނެވެ. އަޅުގަނޑަށް އެ އެއްޗެހިދެކެ ލޯބިވާން ފެށެވުނެވެ. އެކަމަކު ދާން މިފެށުނު މަގުގެ ނިމޭ ކޮޅުގައި ދިމާވާނެ މައްސަލަތަކާއި އުނދަގޫތައް އަޅުގަނޑަށް ވަޒަންކުރެވިފައިވަނީ ވަރަށް ކުޑަކޮށެވެ. ޖެހިގެން އައިދުވަހު އަޅުގަނޑު ގެއަށް ގޮސްފައި، ދެކޮޅަށް ހިނގައިލަ ހިނގައިލަ، ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ވަންދެން ހުރީމެވެ. އަޅުގަނޑަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއްކަން އަޅުގަނޑު ހުރީ ނޭގިފައެވެ. ދެން އަޅުގަނޑަށް ކުއްލިއަކަށް ވިސްނުނީ އިތުރަށް މަސްތުވާތަކެތި އަޅުގަނޑަށް ބޭނުންވާކަމެވެ. އެހެންކަމުން އޭގެފަހުން ކޮންމެ ދުވަހަކުވެސް ސްކޫލް ނިންމާފައި އެންމެފުރަތަމަ އަޅުގަނޑު ދަނީ އޭނާގެ ގެއަށެވެ. އެއީ އަވަހަށް “ހައި” ވެގަތުމަށްޓަކައެވެ. މިގޮތަށް ކަންތައް ހިނގަމުން ދަނިކޮށް އޭގެ ހަތަރު މަސް ދުވަސް ފަހުން، އެއްދުވަހަކު އަޅުގަނޑުގެ މާމައަށް އަޅުގަނޑު ފަޅާއަރައިފިއެވެ. އެދުވަހަކީ އަޅުގަނޑުގެ ޙަޔާތް، މި މަސްއަލަތަކުން ސަލާމަތްވެ، ރަނގަޅު ބަދަލުތަކެއް ވާން ފެށުނުދުވަހެވެ.

މާމައަށް މިކަންތައްތައް އެނގުމުން އަޅުގަނޑު ގޮވައިގެން ދިޔައީ ގެއަށެވެ. ގެއަށް ދެވުނުއިރު، ގޭގައި އަޅުގަނޑުމެންނާ ބައްދަލުކުރަން އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ބާރަވަރަކަށް މީހުން ތިއްބެވެ. އެވަގުތު އަޅުގަނޑު ހުރީ ގާވެފައި ނަމަވެސް، އަޅުގަޑަށް އިޙްސާސްކުރެވިގެން ދިޔައީ އަޅުގަނޑަށް މިދެވެން ފެށުނީ ވަރަށް ވިޔާނުދާ މަގަކުން ކަމާއި އެގޮތުގައި އެކަން ނުވުމަށް އެދޭ ބައިވަރު މީހުން އެބަތިބިކަމެވެ. ދެން މާގިނައިރެއްނުވެ އެތަނަށް ފުލުހުންގެ ބޭކަލަކު ވެސް އަތުވެއްޖެއެވެ. އޭނާ އަޅުގަނޑާ ތަފާތު އެކި ގޮތްގޮތަށް ވާހަކަދެއްކުމުގައި ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ހުއްޓެވެ. ދެން އޭނާ ދިއުމުން، އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތްތެރިއާގެ ދޮންބައްޕަ އަތުވެއްޖެއެވެ. އޭނާއަކީ އަޅުގަނޑުދެކެ ވަރަށް ލޯބިވާ މީހެކެވެ. އޭނާ އަޅުގަނޑާ ވާހަކަދައްކަން ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ހުއްޓެވެ. އޭނާ އަޅުގަނޑުގޮވައިގެން ހިނގާލަން ދިޔައެވެ. އަދި އަޅުގަނޑުމެން ދެމީހުން ރެސްޓޯރަންޓްތަކަށް ވަދެ އެއްކޮށް ކައި ހެދީމެވެ. މިގޮތަށް ބޭރުގައި އުޅުމުގެތެރޭ، މަސްތުވާތަކެތި ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަޅުގަނޑު ނިންމީމެވެ. އަޅުގަނޑު މިދަންނަވަނީ ހަމަ ޙަޤީޤީ ތެދެވެ. އަޅުގަނޑު މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލީ އެއްފަހަރާ ކުއްލިއަކަށެވެ. ހަރުދަނާކަމާއެކު އަޅުގަނޑު ކަނޑައެޅި ޢަޒުމާ އެއްގޮތަށެވެ.

ނިންމާލަމުން އަޅުގަނޑު ދަންނަވާލަން އޮތީ ދުވަހަކުވެސް އެއްވެސް މީހަކު މަސްތުވާތަކެތި ބޭނުން ނުކުރާށެވެ. ކިތަންމެ ބޮޑެއްކޮށް އެއަށް ޝަޥްޤުވެރި ވިޔަސް އެކަން ނުކުރާށެވެ. އެއަށް ދެވިހިފުމަކީ ހުއްޓާލަން އެންމެ އުނދަގޫ ކަންތަކެވެ. ކޮންމެ އުމުރެއްގެ މީހެއް ނަމަވެހެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!