ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 8

ކަލްކަތާއަށް ފުރުން

ގަންގާސާގަރުގެ ކެޗުބުރިއާ އަވަށުގެ ހޮޓަލުން ކައިގެން އެރޭ އެންމެން އެރީ ބަހަކަށެވެ. ބަސް ދަތުރުކޮށްފައި ދިޔައީ މިޖަޒީރާގެ އެންމެ އުތުރުކޮޅުގައި އޮންނަ ކަސްތަލާއޭ ކިޔުނު ބަނދަރަށެވެ. މިހުރިހާ ދުވަހު ދިވެހީން ތިބީ ގަންގާސާގަރުގެ އެންމެ ދެކުނު ބިތުގައެވެ. ގަންގާސާގަރު އޮންނަނީ ކުކުޅުބިސް ބައްޓަމަށެވެ. އެންމެ އުތުރުން ދެކުނަށް ތިރީސްމޭލެވެ. ގާތްގަޑަކަށް އައްޑުއަތޮޅުގެ ދެއަތޮޅުހާ ބޮޑުމިނެވެ. ވަރަށް އަޑިގުޑަން މަގަކުން ދަތުރުކުރަމުންގޮސް ކަސްތަލާއަށް ފޯރީ ތިރީހަކަށް މިނިޓުންނެވެ. ކަސްތަލާއަކީ މުރިގަންގާކޯރުގެ އަނެއްފަރާތާއި އެންމެ ގާތުގައި އޮންނަ އަވަށެވެ. އެހެންވީމާ ފެރީ އޮންނަނީ މިއަވަށުންނެވެ.

ކަސްތަލާއަށް ދިޔައިރު އެތާގައި ފުރަން ތައްޔާރުވެފައިވާ ފެރީއެއް އޮތެވެ. ދިޔަވަރު ހިކިފައިއޮތް ވަގުތެއްވީމާ ބޯޓު އޮތީ ތަންކޮޅެއް ދުރުގައެވެ. އެޔަށް އަރާންޖެހުނީ ކޯރަށް ފައިބައިގެން އުނަގަޑާ ހަމަޔަށް އޮތް ފެނުގައި ހިނގާފައިގޮހެވެ. ފެރީއަށް އަރައިގެން މުރިގަންގާ ކޯރު ހުރަސްކޮށް ވިއްސަކަށް މިނިޓުން ދެވުނީ ކަކުދިވީޕޭ ކިޔުނު ބަނދަރަކަށެވެ. މިދޭތެރޭގައި ހުންނާނީ ގާތަގަޑަކަށް ދެމޭލެއްހައި ދުރުމިނެވެ. ބަނދަރުގައި މަޑުކުރުމާއެކު މީހަކު ބޯޓަށް އަރައި ސުވާލުކުރިއެވެ. ދިވެހި އޮޑީގެ ފަންސަވީސް މީހުން ކޮބައިހެއްޔެވެ. މިއައީ ރާއްޖޭގެ ސަރުކާރުން އަންގައިގެން ކަލޭމެން ބަލައެވެ. އެމީހާޔާއެކީގައި ދިވެހިން ދިޔައީ މެންދުރު ކެއުމަށެވެ.

ރެސްޓޯރަންޓަކަށް ވެއްދީމާ އެތަނުން ކޮންމެ މީހަކަށް ދިނީ ބަތް ކަރުދާހެކެވެ. ބަތް ކަރުދާހެއްގެ އަގަކީ އިންޑިޔާގެ ވިހި ރުފިޔާއެވެ. ރުފިޔާއަށް އެހިސާބުގައި ކިޔައިއުޅެނީ ޓާކާއެވެ. އެއީ ފަގީރުން ވަރަށްް ގިނަ ރަށެކެވެ. ކައި ނިމިގެން ކަރުދާސްތައް އުކައިލީމާ މަގުމަތީގައި ތިބި މީހުންތައް އައިސް އެކަރުދާސްތައް ނަގައިގެން އޭގައި ހުރި އެތިއެތިކޮޅު ހޮވައިގެން އެމީހުންގެ ކުޑަކުދިންނަށް ކާންދިނެވެ.

ކެއުމުން ނިމިގެން ދެން ގެންދިޔައީ އެއަވަށުގެ ރޭލުވޭ ސްޓޭޝަނަށެވެ. ރޭލެއްގެ އެއްބައި ކުއްޔަށް ހިފައިގެން އެބަޔަށް އޮޑީގެ ފަންސަވީސް މީހުން އަރައި ނިމުމުން ހަވާލުވެ ހުރި މީހާ ބުންޏެވެ. މިއީ ކަލޭމެންނަށްޓަކައި ކުއްޔަށް ހިފާފައިވާ ބައެވެ. ދެން ކޮންމެ މީހަކަށް އަވެލި ލާއްސަކާއި ދޯބުރާލި ހަކުރު ކޮތަޅަކާއި ހަވައް ދޮންކެޔޮ ދީފިއެވެ. އަދި އަލިމަނިކުފާނަށް އެންގިއެވެ. މަޑުކުރާ ކޮންމެ ތަނަކުން ބޯފެން ހޯދާންވާނެއެވެ. މިހެން ބުނެފައި އޭނާ ހިގައްޖެއެވެ.

ރޭލު ދުއްވާލައިފިއެވެ. ވަރަށް ގިނަ ވަގުތު ދުއްވުމަށްފަހު ނިސްޗިންތާޕޫރޭ ކިޔުނު ރަށުގައި މަޑުކޮށްފިއެވެ. މަޑުކުރުމާއެކު އެކިފަރާތްފަރާތުން މީހުންއައިސް ރޭލަށް އަރައި ދިވެހިން ތިބި ބައިގެ ދޮރުގައި ތަޅާން ފެށުމުން އަލިމަނިކުފާނު ދޮރުހުޅުވައިފިއެވެ. ހުޅުވުމާއެކު ވަކިގޮތެއް ނުބަލައި މީހުންތައް ވަދެގެންފިއެވެ. މީހުން ގިނަކަމުން އޮޑީގެ މީހުން ތިބެން ޖެހުނީ ފިތި ބާރުވެގެންނެވެ. މިހާލެއްގައި ތިއްބައި ރޭލު ގޮސް މަޑުކުރީ ކަލްކަތާގައެވެ. މަޑުކުރުމާއެކު މީހުންތައް ފައިބައިފިއެވެ. ދިވެހީންވެސް ފައިބައިފިއެވެ.

ދިވެހިން ކަލްކަތާގައި

ރޭލުން ފޭބިތަނާ މީހަކުއައިސް ހުރިހާ ދިވެހިން ގޮވައިގެން ހޮޓަލަކަށް ގެންގޮސްފިއެވެ. އެއީީ ބާރަ ބުރީގެ އުސް ހޮޓަލެކެވެ. ނަމަކީ ވިކްޓޯރިޔާއެވެ. ވިލާތު ވައްތަރަކަށް ހަދައިފައިހުރި ޒަމާންވީ ތަނެކެވެ. ދިވެހިން ބޭތިއްބީ ހޮޓަލުގެ އެންމެ މަތީ ބުރީގައެވެ. އެ ހޮޓަލުގައި ހަތް ދުވަސްވާންދެން ތިބޭން ޖެހުނެވެ. ފެންނާމަނިކުފާނު އަންގައިފައި އޮތީ އެއްވެސް މީހަކު ހޮޓަލުން ބޭރަށް ނުދިއުމަށެވެ.

ފެންނާމަނިކުފާނު މިހެން އެންގިޔަސް ދެތިން ދުވަސް ފަހުން ގުރޫޕް ހަދަައިގެން ހޮޓަލުން ބޭރަށް ދާންފަށައިފިއެވެ. ފެންނާމަނިކުފާނުގެ އެންގުމަށް ތަބާވާން ޖެހޭނީ މީދޫގައި ތިބިނަމަތާއޭ ބުނެފައެވެ. އެގޮތަށް ދާންފެށުމުން ފެންނާމަނިކުފާނު ހިތާނުވެގެން ބުންޏެވެ. އަންގައިފައިއޮތް ގޮތާ ޚިލާފަށް އުޅެނިކޮށް މައްސަލައެއް ދިމާވެއްޖެ މީހަކު މިތަނަށް ދޫކޮށްލާނޭކަން ހަނދާނުގައި ބަހައްޓައިގެން ބޭރަށް ދާށެވެ. ހޮޓަލުން ބޭރަށް ނުދާށޭ ބުނަނީ ޕާސްޕޯޓް ނެތުމުންނެވެ.

ހޮޓަލުގައި ތިބުމުގެ އެންމެހައި ޚަރަދެއް ދިވެހިސަރުކާރުގެ އެދުމުގެ މަތިން ހަމަޖައްސައިދެނީ ކަލްކަތާގެ ސަރަހައްދީ ސަރުކާރުންނެވެ. ހެނދުނުގެ ނާސްތާޔަކަށް ދެނީ ބަޓަރުޖެހި ދެފޮތި ޕާނާއި ކަޅު ސައިތަށްޓެކެވެ. މެންދުރާއި ރޭގަނޑުގެ ކެއުމަށް ދެނީ ބަތާއި ތަރުކާރީ ރިހައެވެ. ދެދުވަހުން އެއްދުވަހު ބަތާއި ކުރަބްކާޑީއެވެ. ކުރަބްކާޑީއަކީ އެރަށުގައި ވަރަށް މަޝްހޫރު އެއްޗެކެވެ. މިއީ ތަރުކާރީއާއި މަހާއި ހަވާދު އެއްކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ. ވަރަށް މީރު އެއްޗެއްމެއެވެ.

މިގޮތަށް ތިބޭތާ ހަފުތާއެއްވީފަހުން އާރުކާޓީ އައިސް ޕާސްޕޯޓް ހެދުމަށް ބޭނުންވާނެ ފައިސާ އަލިމަނިކުފާނާއި ހަވާލުކޮށްފައި ބުންޏެވެ. ފުރާންޖެހޭ ދުވަސް އައުމުގެ ކުރިން އެންމެންގެ ޕާސްޕޯޓް ހަދައި ނިންމަން ވާނެއެވެ. ފުރާނެ ދުވަހާއި ގަޑި ބުނުމަށްފަހު އޭނާ ހިގައްޖެއެވެ. އަލިމަނިކުފާނާއި މިކަން ހަވާލުކުރީ ދިވެހީންގެ ތެރެއިން ބޭރު މީހުންނާ ވާހަކަދައްކައި މިޒާތުގެ ކަންކަމަށް އެންމެ ބޮޑަށް ލޯހުޅުވިފައި ހުރީ އޭނާ ކަމަށް ފެނިގެންނެވެ. ފެންނާމަނިކުފާނާއި ހަސަންކާރި އިބްރާހިމްދީދީވެސް ތިއްބައެވެ.

ދިވެހިންނަށް ލަނޑުލިބުން

ސިލޯނަށް ފުރާ ދުވަސް އަތުވެއްޖެއެވެ. އާރުކާޓީ އައިސް އެންމެން ގޮވައިގެން ވަން ޑަބަލް ކޭމްޕޭ ކިޔުނު ތާކަށް ހިގައްޖެއެވެ. މިއީ ކަލްކަތާގެ ބަނދަރުގައި ބިދޭސީންގެ ޕާސްޕޯޓުބަލައި ތަތްގަޑުޖަހައި ފުރާމީހުންގެ ރިކޯޑު ބަލަހައްޓާ ތަނެވެ. އެދުވަސްވަރުވެސް ކަލްކަތާއަކީ ރެފިއުޖީން އައިސްގޮސްވާ ބަނދަރެކެވެ. އެހެންވީމާ މިޒާތުގެ މީހުން ފުރުވާން ބައިތިއްބާ މަރުކަޒަށް މަޖާޒީގޮތެއްގައި ވަން ޑަބަލް ކޭމްޕޭ ކިޔަނީއެވެ.

ފަންސަވީސް ދިވެހީންގެ ޕާސްޕޯޓު ހައްދާން ބޭނުންވާ ފައިސާ އާރުކާޓީ ވަނީ އަލިމަނިކުފާނާއި ހަވާލުކޮށްފައެވެ. މިކަންކުރާނޭ މަގާއި ދާންވީ އޮފީހާއި މިހެންގޮސް ހުރިހާ މައުލޫމާތެއްވެސް އޮތީ ދީފައެވެ. އެހެންވީމާ ޕާސްޕޯޓުތައް ހުންނާނީ ހެދިފައިކަމަަށް ޔަގީންކޮށްގެން ޕާސްޕޯޓުތައް ކޮބައިހޭ އޭނާ ސުވާލެއްވެސް ނުކުރެއެވެ. އެތާގައި ތިބެފައި އިމިގްރޭޝަން ހޯލަށް ދިޔައިރު ސަފުގެ އެންމެ ކުރީގައި ހުރީ އަލިމަނިކުފާނެވެ.

ފެންނާމަނިކުފާނާއި އިބްރާހިމްދީދީ މަޑުކުރީ ސަފުގެ އެންމެ ފަހަތުގައެވެ. ޕާސްޕޯޓު ހައްދާން ފައިސާ ހަވާލުކުރިކަމާއި މިކަމާ އަލިމަނިކުފާނު ނޫޅުނުކަން ދެނަހުރީ އެދެމީހުންނެވެ. އެހެންވީމާ ލަނޑުލިބުމުގެ ފުރުސަތު ބޮޑުކަން އެނގޭތީ ސަފުގެ ފަހަތުގައި މަޑުކުރީއެވެ. ޕާސްޕޯޓު ނެތީސް ފުރެންޏާ ދެންމައްސަލައެއް ނެތްކަމަށް ބަލައިފައެވެ. ނުފުރޭގޮތް ވެއްޖެނަމަ މިތަނުން އަވަހަށް ބެޗުމުގެ ވިސްނުމެއްގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!