ރަށްރަށް ފަޅުވުމާއި އެއާގުޅޭ ފޯކްލޯރުތައް

ދިވެހިރާއްޖޭގައި މީހުން ދިރިއުޅުނު ބައެއް ރަށްރަށް ފަޅުވެފައިވެއެވެ. ފަޅުވިކަން އެނގެނީ މީހުންކިޔައި އުޅޭ ވާހަކަތަކުންނާއި އެރަށްރަށުން ފެންނަ އިހުގެ ގަބުރުސްތާނުތަކާއި އާސާރުތަކުންނެވެ. އަދި އެރަށްރަށުގައި އުޅުނު މީހުން ބޭނުންކުރި ބައެއްކަހަލަ ސާމާނުތަކުންނެވެ.

އައްޑު އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ހަ ރަށުގެ ތެރެއިން ފަޅުވެފައި އަލުން އާބާދުނުވާ ހަމައެންމެ ރަށެއްވެސް ނުވެއެވެ. ހިތަދޫ ހަތް ފަހަރަށް ފަޅުވިއެވެ. އެންމެފަހުން އެރަށް ފަޅުވީ ކޮންމެވެސް ދެޔޯއެއް އަރައި މާވަރުގަދަ މިއުޒިކް ކޮންސަރޓްތަކެއް ބާއްވައިގެން ކަމަށް ކިޔައި އުޅެއެވެ. އެއީ މީގެ ހަތަރުސަތޭކައެއްހާ އަހަރު ކުރިއެވެ. ހަމައެގޮތަށް މަރަދޫ ފަޅުވިއެވެ. ފޭދޫ ފަޅުވިއެވެ. ހުޅުދޫ ފަޅުވިއެވެ. އަދި މީދޫވެސް ފަޅުވިއެވެ.

މިހާރު މީހުން ދިރިނޫޅޭ ރަށްރަށުގެ ތެރެއިން ގަމާއި ވިލިގިއްޔަކީ ކުރިން މީހުން ދިރިއުޅެފައި ފަހުން ފަޅުވެފައިވާ ރަށްރަށެވެ. ގަން ފަޅުވީ އެރަށުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި އެރަށުގެ ރައްޔިތުން ފޭދޫއަށް ބޭލުމުންނެވެ. ވިލިގިލި ފަޅުވި ތާރީޚެއް ދުވަސްވަރެއް އެނގޭކަށް ނެތެވެ. އެރަށުގައި ދިރިއުޅުނު މީހުން ބަދަލުވީ ކޮން ރަށަކަށްކަންވެސް އޮޅުންފިލާނެ ގޮތެއް ނެތެވެ. އަދި ފަޅުވުމަށް މެދުވެރިވި ސަބަބުވެސް އެނގޭކަށް ނެތެވެ. ވިލިގިލީގައި މީހުން ދިރިއުޅުނުކަން ސާބިތުވާ އެންމެ ބޮޑު ހެއްކަކީ އިހުގެ ގަބުރުސްތާނެއް އޮތުމެވެ.

ވިލިގިލީގައި މީހުން ދިރިއުޅުނުކަމަށް އިޝާރާތްކުރާ ތާރީޚީ އަނެއް ހެއްކަކީ މީދޫ އީސަބުތަކުރުގެ ކަތީބު އިސްމެހެލިމަނިކާގެ ބޮޑުބޭބެއެއް ކަމުގައިވާ ގާސިމް މަނިކާ ވިލިގިލީގައި މަރުވެ އެރަށު ގަބުރުސްތާނުގައި ވަޅުލެވިފައިވާ ކަމަށް މީދޫގެ ތާރީޚީ ފޮތްތަކުގައި ބަޔާންވެގެން ވުމެވެ. ވިލިގިއްޔާއި ބެހޭގޮތުން މީދޫގައި ކިޔައިއުޅޭ ފޯކްލޯރެއް އޮވެއެވެ. އޭގައި ކިޔަނީ ވިލިގިލީން އައިބަޔަކު ހުޅުދޫގައި ވަޒަންވެރިވެގެން ހުޅުދޫގައި ދިރިއުޅެން ފެށި ވާހަކަ އާއި ހުޅުދޫ މީހުން ވާހަކަދައްކައި އުޅޭ ރާގު ބަދަލުވި ވާހަކައެވެ. ހުޅުދޫ އާއި މީދޫ އަކީ އެއްފަސްގަނޑެއް ކަމަށް ވިޔަސް މީދޫގައި ވާހަކަދައްކައި އުޅޭ ރާގާއި ހުޅުދޫގައި ވާހަކަ ދައްކައި އުޅޭ ރާގު ތަފާތެވެ. މިކަމުގެ ސަބަބާއި މެދު އިހުމީހުން ކިޔައި އުޅެނީ މިވާހަކައެވެ.

މީދޫ ފަޅުވެފައި އަލުން އާބާދުވުމަކީ ތާރީޚީ އެއްވެސް ލިޔުމަކުން އަދި ފޯކްލޯރަކުންވެސް އެކަމަށް އައްޔެއް އެޅޭކަމެއް ނޫނެވެ. އެހެންނަމަވެސް މީދޫގެ އިހުގެ ދަރިކޮޅުތައް ދެމިގެން އައިގޮތާއިމެދު ތަހުލީލީ ސިކުނޑިއަކުން ވިސްނާ މީހަކަށް މީދޫ އޮތީ މަދުވެގެން އެއްފަހަރު ނަމަވެސް ފަޅުވެފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އައްޑުއަތޮޅުގައި އިސްލާމްދީން ފެތުރުމަށް މެދުވެރިވި ޔޫސުފް ނާއިބުގެ ޒަމާނުގައި މީދޫގައި މީހުން ދިރިއުޅެފައިވެއެވެ. އެ ޔޫސުފް ނާއިބަށް ފަހު އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންވެސް މީދޫގައި އޮތީ އުޅެފައެވެ.

ވަކިހިސާބަކުން ދަރިކޮޅުތައް އެރީ އުޑަށް ކަމެއް ވަނީ ބިމުގެ އަޑިއަށްކަމެއް ނޭގޭ ގޮތަށް ދެން އޮތީ ތާރީޚުގެ ހުސް ތަންކޮޅެކެވެ. އެ ހުސްތަންކޮޅަށް ފަހު އަނެއްކާވެސް ދަރިކޮޅުތަކުގެ ސިލްސިލާ ފެންނާން އެބައޮތެވެ. ފަހުގެ ސިލްސިލާތަކުގެ ތެރެއިން އިހުގެ ސިލްސިލާތަކާއި ގުޅުވައިލެވެނީ އެންމެ ދަރިކޮޅެއްގެއެވެ. މިކަމުން އެނގެނީ މީދޫ ފަޅުވުމަށްފަހު އަލުން އާބާދުކުރި މީހުންގެ ތެރޭގައި ހިމެނުނީ އިހު އުޅުނު ދަރިކޮޅުތަކުގެ ތެރެއިން ދަރިކޮޅަކަށް ނިސްބަތްވާ ބައެއް ކަމެވެ. ދެންތިބީ މީދޫއާ ނުގުޅޭ ބައެއް ކަމެވެ. އެހެންނޫންނަމަ އިތުރު ލިންކުތައް ނުފެންނާންވީ އެއްވެސް ސަބަބެއް ނެތެވެ.

މީދޫ ފަޅުވުމާއި ބެހޭގޮތުން ފޯކްލޯރެއް ނެތަސް ހުޅުދޫ ފަޅުވުމާއި ބެހޭގޮތުންނާއި ރަށްރަށް ފަޅުވުމަށް އާއްމުކޮށް މެދުވެރިވާ ދެޔޯ ނުވަތަ ފުރޭތަޔާއި ގުޅޭ ފޯކްލޯރުތަކެއް ވެއެވެ.  މީދޫއަށް އެރި ފުރޭތަޔާއި މެދު ކިޔައި އުޅެނީ މިވާހަކައެވެ.

އެއީ ފިރިހެން ފުރޭތައެކެވެ. ދުވާލުނަމަ ރަށަށް އަރައި އުޅެނީ ހުކުރު ދުވަހުއެވެ. ރޭގަނޑުނަމަ ހުކުރު ވިލޭރެއާއި ހޯމަ ވިލޭރޭގައެވެ. ހުކުރު ވަގުތު ފިރިހެންވެރީން ހުކުރަށް ގޮސް ތިއްބައި ފުރޭތައިގެ އަސްލު ސޫރައިގައި ރަށުތެރެއަށް އަރައިގެން ގޮސް ދޯބޮރާގެ ކިޔާ ގެއަކަށް ވަދެއްޖެއެވެ. އެގޭގައި ޒުވާން ރީތި ހަތް އަންހެނުން ތިބެއެވެ. ރަށަށް ފުރޭތަ އަރައިފިއްޔާ ދޯބޮރާގެއަށް ވަދެލައި އަންހެން ކުއްޖަކާ މައްލަވަކޮށްލައިފައި ނޫނީ ފައިބައިގެން ދެވޭކަމަށް ނުވެއެވެ. މިދުވަހަކު ދޯބޮރާގެ އަންހެންވެރިން ތިބީ ކުޅި ދައްކައިލަންކަމަށް ނިކަން މޮޅަށް ރޭވުންތައް ރާވައި ތައްޔާރުވެގެންނެވެ. ދޯބޮރާގެއަށް ފުރޭތަ ވަނުމާއެކު އެސޮރު ބަނދެލައިފިއެވެ. އަދި ފައިގެ ފުންނާބުން ތަންގަނޑެއް ކަނޑައި ލޮނު މިރުސް އުނގުޅައިފިއެވެ.

ހުވާކޮށްފައި ފުރޭތަ ބުންޏެވެ. އަހުރެން ދެންދުވަހަކުވެސް މިރަށަކަށް ނާރާނަމެވެ. މިރަށު މީހަކަށް ގޯނާއެއްވެސް ނުކުރާނަމެވެ. އަހުރެން ދޫކޮށްލާށެވެ. ދުވަހަކުވެސް މީދޫ އަށް ނޭރުމަށާއި މަސްހިފާލައި މަހުގެ ލޯ ބޯލައި ފަރުމަތީގެ ކުޅިވަރު ކުޅެލާން ވިލިގިއްޔާއި މުލިކެޑެ ފަރު މައްޗަށް އަރައިލާ އަރައިލުމެއް ފިޔަވައި އެއަށްވުރެ ބޮޑުވަރެއް ނުކުރާންކަމަށް އަހުދުވީމާ ފުރޭތަ ދޫކޮށްލީއެވެ. މީދޫ ކުޑިއެށާއަކީ މިހާދިސާއަށް ފަހު ކިޔާން ފެށުނު ނަމެއްކަމަށް ބުނެވެއެވެ.

މިއީ އެއްނަމްބަރު ފުލޯކު ވާހަކައެކެވެ. އެކަމަކު މިވާހަކައިން އިތުރު ތިންކަމަކަށް އެބައިޝާރާތް ކުރެއެވެ. ހިތަދޫއަށް ފުރޭތަ އެރިކަން އެބައެނގެއެވެ. ވިލިގިއްޔާއި މުލިކެޑަށް އަރާނެކަން އެބައެނގެއެވެ. އެހެންވީމާ ވިލިގިލި ފަޅުވުމުގައި އަނެއްކާވެސް ދެޔޯގެ ކުޅިވަރު އެރަށުގައި ތަމްސީލުވެފައި އޮތުމަކީ ދެޔޯގެ ކުޅިވަރަށް އީމާންވާ މީހުންގެ ނަޒަރިއްޔާތަކުން ބަލާއިރު ވެދާނެކަމެކޭ ބުނެވިދާނެއެވެ.

ކުރީޒަމާނުގައި ހުޅުދޫ އޮތީ މިހާރު ފެންނަ ގޮތަށް ނޫންކަމަށް އިޝާރާތްކުރާ ފޯކްލޯރެއްވެސް އޮވެއެވެ. އެއީ ކެހެޅާ އާއި ބެހެޅާގެ ވާހަކައެވެ. އޭގައި ކިޔާގޮތުން ހުޅުދޫ އާއި މީދޫއަކީ އެއްފަޅެއްގެ ތެރޭގައި ވަކީން އޮންނަ ދެރަށެވެ. ގަދަފަދަވެގެންވީ ވިއްސާރައެއްގައި ހުޅުދޫ ވަރަށް ބޮޑަށް ގިރައިގެން ދިޔައީއެވެ. އުޅޭން އުނދަގޫ މިންވަރަށް ރަށް ދަތިވީއެވެ. ހުޅުދޫ ގިރަމުންގޮސް މުޅި ރަށް ނެތިގެން ހިނގައިދާނޭ ކަމުގެ ބިރު ބޮޑުވުމުން މީދޫގެ ދެކުނުން ތަންކޮޅަކަށް ފައިބައި އެތާގައި ވަޒަންވެރިވީއެވެ. އޭރުގެ ހުޅުދޫ އޮންނަނީ މީދޫ މޫސާގެފައްނާއި ދިމާލުން ހުޅަނގު ދެކުނަށް ފަޅުތެރޭގައެވެ. ހުޅުދޫ އޮތްތާގައި ފަހުން އޮންނަނީ ވަރަށް ބިޔަ ގަލެކެވެ. މިގަލުގެ ނަމަކީ ބޮޑު ގަލާއެވެ.

ފޯކްލޯރުތައް ދޫކޮށްލާފައި ތަންކޮޅެއް ފަހުގެ ސައެންޓިފިކް ހޯދުމަކަށް ޖެހިލާނަމެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން އައްޑޫގައި ތިބިއިރު އައްޑޫގައި ދާއިމީ އެއަރބޭސް އެއް ގާއިމުކުރުމަށްޓަކައި ދިރާސާތަކެއް ހެދުނެވެ. މިދިރާސާތައް ނިންމައި އިނގިރޭސި އެޑްމިރަލްޓީއަށް ހުށައެޅި ރިޕޯޓަށް ކިޔަނީ ހަސްކިސަން ރިޕޯޓެވެ. އޭގައި ބަލާފައިވަނީ އެއަރޕޯޓް ހެދުން މޮޅީ ގަމުގައިތޯ ނުވަތަ ހުޅުމީދޫގައިތޯ އެވެ. މިކަމާގުޅިގެން ކުރި ދިރާސާގައި ހުޅުމީދޫ ފަރުގެ އެންމެ ދެކުނުކޮޅުން އޮންނަ މުލިކެޑެއޭ ކިޔުނު ކުޑަކުޑަ ރަށާއި މެދު ބުނެފައިވަނީ އެއީ އިހު މާސިންގާ ބިޔަ ރަށެއްކަމަށާއި ކައިރިކައިރީގެ ފަޅުގެ ސިފަޔާއި ގާތައް އެތުރިގެންވާ ގޮތަށް ބަލާއިރު މުޅި އެފަޅުގައި އޮތީ މުލިކެޑެކަން ޔަގީންވާ ކަމަށެވެ.

އައްޑު އަތޮޅަކީ ދެފަރެއްގެ މައްޗަށް އެކުލެވިގެންވާ އަތޮޅަކަށްވާއިރު ހުޅުމީދޫ ހިމެނޭ އިރުމަތީ ފަރަކީ އިންޑިޔާކަނޑުގެ އޮއިވަރު ފަހަކަށް އައިސް އެނބުރެމުންދާ ގޮތުން އެފަރުގެ ރަށްރަށް ގިރައިގެން ދިއުމުގެ ފުރުސަތު އަތޮޅުގެ ހުޅަނގުބިތުގެ ފަރުގައިވާ ރަށްރަށަށް ވުރެ ބޮޑު ފަރެއް ކަމަށް ވެސް ހަސްކިސަން ރިޕޯޓުގައި ބުނެފައިވެއެވެ.

ހަސްކިސަންގެ ރިޕޯޓުގައި މުލިކެޑެއަކީ ވަރަށް އިހު މާސިންގާ ބިޔަ ރަށެއްކަމަށް އޮތީ ލަފާކޮށްފައެވެ. އެއީ ވަރަށް ބޮޑު ތެދެއްކަމަށް ހީވެއެވެ. މުލިކެޑެ ކައިރިން ފަޅުތެރެއަށް ބަލާލުމުން އެހެން ހިސާބުގެ ފަޅުފަޅާއި ތަފާތުކަން އެނގޭނެއެވެ. އަދި އޮއިވަރު ބާރުވެފައި ގިރައިގެން ދިއުމުގެ އަސަރު ވަރަށް ބޮޑުކަން ހުޅުދޫ ހެރަތެރެ އާއި މުލިކެޑާއި ދޭތެރޭގެ ސިފަޔަށް ބަލައިލުމުން އެނގޭނެއެވެ. މުލިކެޑެއަކީ އިހު ބޮޑު ރަށެއް ކަމުގައިވާނަމަ އެރަށްވެސް ވާނީ މީހުން ދިރިއުޅެފައިވާ ރަށަކަށެވެ. އެވަރުގެ ބޮޑު ރަށެއްގައި މީހުން ދިރިނޫޅެ އޮތުމަކީ ގާތްކަމެއް ނޫނެވެ. އެކަމަކު ތާރީޚުން މީން އެއްވެސް ކަމަކަށް އައްޔެއް ނޭޅެއެވެ.

އައްޑު އަތޮޅު މަރަދޫ ފަޅުވިކަން ތާރީޚުން އެނގެއެވެ. ކޮންމެވެސް ސަބަބަކާއި ހެދި މަރަދޫ މީހުން ރަށުން ފައިބައިގެންގޮސް ޖެހިގެން އޮންނަ ހަންކެޑެގައި ދުވަސްކޮޅަކު އުޅެފައި އަލުން މަރަދޫއަށް ދިޔައީއެވެ. އެއީ އައްސުލްތާން މުހައްމަދު މުއީނުއްދީން އެއްވަނައިގެ ރަސްކަމުގައެވެ. އެއީ މީގެ ދުއިސައްތައެއްހާ އަހަރު ކުރިއެވެ.

ކުރީޒަމާނުގައި ރަށްރަށް ފަޅުވާން ދިމާވި ސަބަބުތަކަކީ ފޭރެން ބޭރުން އަންނަ މީހުންގެ އަމަލުތަކާއި ތަފާތު ބަލިތަކެވެ. ކޮލެރާ އާއި ސްކްރަޕްސްޓައިޕާސް އާއި ކަށިވިދުރި ފަދަ ބަލި ތަކެވެ. ރަށްގިރައި ރަށުގައި އުޅެވެން ނެތުމެވެ. ރަށަށް އަރާ ފުރޭތަ އެއްގެ ސަބަބުންނެވެ. ދިވެހި ތާރީޚުގައިވާ ގޮތުން ރާއްޖޭގެ ރަށްތައް ފަޅުވުމުގައި ރޫހާނީ ސަބަބުތަކެއް ވެސް ހުރެއެވެ.

ރާއްޖޭގެ ރަށްރަށަށް ފޭރޭމީހުން އަރަނީ ރޭގަނޑު ދަންވަރުއެވެ. ރަށް ރަށަށް އަރައި އެރަށެއްގެ އަހުލުވެރީންގެ ދުވަސް ދުއްވާލައެވެ. އިރު އަރަންވާއިރަށް ކުރަން ބޭނުންވާ ކަމެއްކޮށް ނިންމާލައެވެ. ބައެއް ރަށްރަށް ފަޅުވެފައިވަނީ ވަރަށް ހައިރާން ކުރުވަނި ގޮތަކަށެވެ. އޭރުގެ އާދަކާދަ އޮންނަގޮތުން މައުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ގޭގޭގައި ފުޅިބައްތި އާއި ވޮށު އަލި ބޭނުންކުރާނެއެވެ. ފިރިހެނުން އިޝާ ނަމާދުން ނިމިގެން ގެއަށް އައިސް ކައިނިމިގެން ނިދަންވީމާ ބައްތި ނިއްވާލާނެއެވެ. މީހުން ނިދައި ހިލަވަޅު އޮބުމުން ބޭރުން އަންނަ ބަޔަކު ރަށަށް އަރައި އެންމެން މަރާލާނެއެވެ. ބޭނުންވާ މަގުސަދު ހާސިލްވީމާ ރަށުން ފައިބައިގެން ހިނގައި ދާނެއެވެ. ނޫނީ ބޭނުންވާ މަގުސަދު ހާސިލް ވަންދެން މަޑުކުރާނެއެވެ.

ފޭރޭން މީހުން ރާއްޖެ އަންނައިރު ރާއްޖޭގެ ފަރުފަޅު ދަންނަަ އާރުކާޓީން ގެނެއެވެ. އާރުކާޓީ އަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށާއި ފަރުފަރާއި ގިރިގިރި އާއި ކަނޑު އޮޅި ދަންނަ މީހެކެވެ. އެފަދަ މީހުން އެންމެ ގިނައިން ގެންނަނީ މަލިކުންނެވެ.

ރަށްރަށް ނާމާންވާ ދުވަސްވަރު ތަފާތު ހާދިސާތައް ފެންނަކަމަށް ކިޔައެވެ. ރަށުން އާއްމުކޮށް ނުފެންނަ ޖަނަވާރުތައް ރަށުތެރޭގައި ގިނަވެ ގޮތްނޭގޭ މަސްފުނި ފަންނަން ފަށައެވެ. ނަވެއްގެ ސިފައިގައި އެކި ކުލަކުލައިގެ ބޮކި ދިއްލައިގެން ފުއްޓަރު ފަރާތު ފަރުމަތީގައި ދެކޮޅަށް ދަތުރު ކުރާ އެއްޗެއްވެސް ފެނިދެއެވެ. ރަށަށް އަރާ ފުރޭތައާއި ފެހުނުން އުދުހިފައި އަންނަ އަލިގަނޑުގަނޑު ރަށަށް ތިރިކުރަން ފެށުމަކީވެސް ސަބަބުތަކެވެ. ފަންޑިތަ އާއި ސިހުރު ހާހޫރަ އަކީވެސް ސަބަބެވެ. އާދަޔާއި ޚިލާފަށް ރަށުން މީހުން މަރުވާން ފެށުމާއި ދިރިއުޅެން ދަތިވުމަކީވެސް ސަބަބެވެ. ފިތުނަ އުފެދުމާއި ނަގޫރޯޅި އެރުމީ ވެސް ސަބަބެވެ. ހާލެއްގެ ސިފައިގައި ހުންނަ އެއްޗެއް ރަށަށް އަރައި މީހުން ކައިލުމަކީވެސް ސަބަބެވެ.

ގދ. ގައްދޫއަކީ ވަރަށްފަހުން ފަޅުވެފައި އަލުން އާބާދުވި ރަށެކެވެ. ގައްދޫ ފަޅުވެފައިވަނިކޮށް އެރަށް އާބާދުކޮށް ފުރަތަމަ ފަހަރަށް ހުކުރުކުރެއްވީ އައްޑުއަތޮޅު މީދޫ އަލްގާޒީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނެވެ. ފަނޑިޔާރު ތަކުރުފާނު ހުކުރު ކޮށްދެއްވުމަށް މާލޭން ގައްދޫއަށް ވަޑައިގަތީ 1857 ގައެވެ.

އޭގެފަހުން ގައްދޫގައި މީހުން އަމާން އޮމާންކަމާއެކު ދިރިއުޅޭތާ ޒަމާންތަކެއް ފަހުން އަނެއްކާވެސް ގައްދޫ ނާމާންވިއެވެ. ފެހުނުން އުދުހިފައި އަންނަ އަލިގަނޑެއް ރަށަށް ތިރިކުރަން ފެށީއެވެ. ރަށުން މީހުން މަރުވާން ފެށީއެވެ. މިކަންތައް ބޮޑުވެގެން ކުދުރަނިޔަގެ ބެއްޔާ އެރަށަށް ފަންޑިތަ ހަދަން ގެންދިޔައެވެ. ކުދުރަނިޔަގެ ބެއްޔާ އަކީ އިބްރާހިމް މަޖުދުއްދީންގެ ކޮއްކޮ ކުރުރަނިޔަގެ ފާތުމެއިފާނުންގެ ކުދުރަނިޔަގެ ޚަތީބު މޫސާ ތައްކާނުގެ މުހައްމަދު މަނިކުފާނެވެ.

ގައްދޫ އާއި ޖެހިގެން އޮންނަ ގދ. ގަން ފަޅުވީ އެރަށު އަންހެނަކު ދިވެހި ރާއްޖޭގެ ރަދުންނާ ކައިވެނިކުރަން ބޭނުންވެގެން ކަނޑަށް ފާލަން އަޅައިގެން ފަންޑިތަ ހެދުމުން ކަމަށް ބުނެވެއެވެ. މި ކަމަނާ ފަންޑިތަ ހަދަމުން ދަނިކޮށް އެއްރެއެއްގެ ދަންވަރު ރަށުގެ ފުއްޓަރު ފަރާތުން އެރީ ބޮޑެތި ބުޅާތަކެކެވެ. ބުޅާތައް ރަށަށް އަރައި ބުޅަލުގެ ރަސްކަމެއް ގާއިމުކުރިއެވެ. އިރުއެރުމުގެ ކުރިން ރަށުގައި ދިރިހުރި އެކަކުވެސް ނެތެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެންނާކަށް ނެތެވެ. ގަން ފަޅުވީ މީލާދީ ސަނަތުން 1785 ވަނަ އަހަރާއި 1881 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރެއްގައި ކަމަށް ބުނެވެއެވެ.

ގދ. ވާދުއަށް އެރީ ބިރުވެރި ފުރޭތައެކެވެ. މި ފުރޭތައިގެ ނުލަފާކަމުން އެއަތޮޅު މީހުން މިފުރޭތައަށް ކަނޑަހަލަގަލު އެދުރުކަލޭގެ ނަމުން ނަންކިޔާ ކަމަށް ބުނެވެއެވެ. ލ. ބަރެސްދޫ ފަޅުވުމާއި ބެހޭގޮތުން ކިޔަނީ އެރަށުގެ ހުރިހާމީހުން ބޮޑުމާލޫދު ހަރުގެއަށް ޖަމާވެފައި ވަނިކޮށް ހަރުގޭގެ ދޮރުން ހާލެއްގެ ސިފައިގައި ހުރި އެއްޗެއް ވަދެގެން އައިސް އެއްވެފައި ތިބި މީހުން ކައިލީ ކަމަށެވެ. ވަރުގަދަ ވިއްސާރައެއްގައި ހދ ވައިކަރަދޫ ފަޅުވިއެވެ. ކޭލަކުނު ވެސް ފަޅުވިއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ވައިކަރަދޫ ފަޅުވީ 1819 ވަނަ އަހަރުގައެވެ.

ނ. ކުރެދިވަރު ފަޅުވި ކަމަށް ބުނެވެނީ އެރަށުގައި ވަރަށް ބޮޑު ފިތުނަގަޑެއް އުފެދިގެންނެވެ. މި ފިތުނަގަނޑުގެ ދެފަރާތުގައި ތިބީ ވާދަވެރިން އެއްބަޔަކު އަނެއްބަޔަކު ނެތިކޮށްލަން ކުރި ހަނގުރާމައަކީ ސިހުރު ހާހޫރައިގެ ހަނގުރާމަ އެކެވެ. އެއްބަޔަކު ހަދަމުންދާ ސިހުރުތައް އަނެއްބަޔަކު ބާތިލު ކުޅައުމަށް އެއަށްވުރެ ވަރުގަދަ ސިހުރުތަކެއް ހަދަމުން ދިޔައެވެ. ސިހުރުތައް ވަޅުލަމުންދިޔަ ސަރަހައްދާއި ވަޅުލެވުނު ތަންތަން ކަނޑަށް ވެގެން ދިޔައީއެވެ.

ލ. ކަޅައިދޫ ފަޅުވީ އެރަށުގެ ރައްޔިތުން ބަރެސްދޫއަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ. މިކަން ހިނގީ އައްސުލްތާން އިބްރާހިމް ނޫރައްދީންގެ (1882މ އިން 1886މ އަށް) ރަސްކަމުގައެވެ. ބަރެސްދޫގައި ދިރިއުޅެން ދަތިވެގެން އަލުން އަނެއްކާ ވެސް ރައްޔިތުން އެނބުރި ކަޅައިދޫއަށް ބަދަލުވީއެވެ. މިހެންގޮސް މިލިސްޓުގައި ނުހިމެނޭ ވަރަށް ގިނަ ރަށްރަށްވެސް ފަޅުވެފައިވެއެވެ. ބައެއް ރަށްރަށް އަލުން އާބާދުވެފައިވެސް ވެއެވެ.

އެޒަމާނުގައި ނުރައްކާތެރި ފައިލޭރިޔާ އާއި ލެޕްރެސީ ޖެހުމުން މީހުން ދިރި ނޫޅޭ އެހެން ރަށަކަށް ނޫނީ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރެއެވެ. އެފަދަ ސަރަހައްދު ތަކާއި ރަށްތައް ކަރަންޓީނު ކުރެވެއެވެ. އެފަދަ ކޮންމެ މީހަކަށް ކުޑަ ޖިފުޓި އެއް އަޅައިދެއެވެ. މިފަދަ ބައްޔެއް ޖެހުނުކަން އެނގޭނީ އެބައްޔެއްގެ އަލާމާތެއް މީހާގެ ގައިން ފެނުމުންނެވެ.

މީލާދީން 1860 ގައި އިނގިރޭސި ކޮމާންޑަރު މޯސްބީ ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ ޗާޓު ކުރެއްސެވުމުގެ މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތުގެ ތެރޭގައި ރަށްރަށުގެ ބޯހިމެނުންވެސް ބޭއްވުނެވެ. އެއަހަރު އައްޑު އަތޮޅުގައި ތިބީ 5686 މީހުންނެވެ. ފުވައްމުލަކުގައި ތިބީ 350 މީހުންނެވެ. އޭގެ 135 އަހަރުފަހުން 1971 ގައި އައްޑުއަތޮޅުގައި ތިބީ 12018 މީހުންނެވެ. ވީމާ 6332 މީހުންވަނީ އިތުރުވެފައެވެ. ފުވައްމުލަކުގައި ތިބީ 3865 މީހުންނެވެ. އިތުރުވެފައިވަނީ 3515 މީހުންނެވެ. މި ހިސާބުތައް ދައްކާ ގޮތުން އެއް ރަށުން އަނެއްރަށަށް މީހުން ބަދަލުވެފައިވާ ކަން އެނގެއެވެ

You may also like...

Leave a Reply

Your email address will not be published. Required fields are marked *