އަބްދުލްކަލާމުގެ ހަނދާނުގައި ދެތިން ބަހެއް

ހުވަފެނަކީ ނިދީގައި ފެންނަ އެއްޗެއް ނޫނެވެ. އެއަށްޓަކައި ނިދިގެއްލުވައިލާ އެއްޗެކެވެ. މި އިބުރަތްތެރި ބަސް ވިދާޅުވެފައިވާ ބޭފުޅަކީ އަވުލް ޕަކީރު ޖައިނުލްއާބިދީން އަބްދުލް ކަލާމެވެ. އެއީ އިންޑިޔާގެ މަޝްހޫރު ރޮކެޓް ސައެންޓިސްޓް އަދި އެގައުމުގެ އެގާރަ ވަނަ ރައީސެވެ. މި މުހިންމު ޝަޚުސިއްޔަތު ދުނިޔެއާއި ވަކިވެގެން ދިއުމުގެ ހިތާމަ މިއަދު މުޅި ދުނިޔޭގައިވެސް ދަނީ ފާޅުކުރަމުންނެވެ.

އޭޕީޖޭ އަބްދުލް ކަލާމާއި ބެހޭ ގޮތުން ދިވެހި ބަހުން އަޅުގަނޑަށްވުރެ ގިނަ ލިޔުން ލިޔެފައިވާ އެހެން މީހަކު ހުންނާނެކަމެއް ނޭގެއެވެ. ހަމަޔަގީނުންވެސް އަޅުގަނޑަށް ވަރަށް ގިނަ ލިޔުން ލިޔެވިފައިވާނެއެވެ. އިންޑިޔާގެ މިސައިލް ޕްރޮގްރާމުގެ ތެރެއިން އަގްނީ މިސައިލާއި ޕްރިތުވީ މިސައިލްގެ ކާމިޔާބު ސިލްސިލާތަކުގެ ވާހަކައިގެ ތެރެއިން އެ ޕްރޮގްރާމުގެ މޭސްތިރި އަބްދުލް ކަލާމާއި ބެހޭ ގޮތުން ލިޔެވިފައިވާނެއެވެ.

އިންޑިޔާ ރަސްމީގޮތުން ނިއުކުލިއަރ ބާރަކަށްވުމަށްޓަކައި ޕޮކްރާންގައި 1998 ގައި ކުރި ނިއުކުލިއަރ ޓެސްޓުތަކުގެ ވާހަކަ ނޫހުގައި ތަފްސީލީގޮތެއްގައި ލިޔުނު އިރު މިމަޝްރޫއުގެ މުގުލުގައި ހުންނެވި އަބްދުލް ކަލާމާއި ބެހޭގޮތުން ވަރަށް ދިގުކޮށް ވަރަށް ގިނައިން ލިޔެވިފައިވާނެއެވެ. ހަމައެހެންމެ އިންޑިޔާގެ ޕޯލާ ސެޓެލައިޓް ލޯންޗިން ވެހިކަލް މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަމުންދިޔަ ވާހަކަ ގެނެސްދިންއިރު އެ މަޝްރޫއުތަކުގެ މުގުލުގައި ހުންނެވި އަބްދުލް ކަލާމުގެ ވާހަކަ ލިޔެވިފައި ވާނެއެވެ.

އިންޑިޔާގެ ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ) އާއި ބެހޭ ސިއްރުތަކެއް ވަގަށް ނަގަން އުޅުމުގެ ތުހުމަތުގައި ދިވެހި ދެ އަންހެނެއްކަމުގައިވާ މަރިޔަމް ރަޝީދާ އާއި ފައުޒިއްޔާ އިންޑިޔާގެ ޖަލެއްގައި ހައްޔަރުކުރުމާއި ގުޅިގެން އައިއެސްއާރްއޯއަކީ ކޮން މުވައްސަސާއެއްކަމާއި އެތަނުގެ މުހިއްމުކަން އިންޑިޔާއަށް ބޮޑުވަނީ ކީއްވެގެންތޯ ބަޔާންކޮށް ވަރަށް ގިނައިން އަޅުގަނޑު ލިޔެފައިވާނެއެވެ. އެ ލިޔުންތަކުގައި އައިއެސްއާރްއޯ ޒަމާނީކުރުމާއި ޖައްވުގައި އިންޑިޔާގެ އާ އަމާޒުތައް އެކަށައެޅުމުގައި އަބްދުލްކަލާމުގެ ދައުރާއި ބެހޭ ގޮތުން އަލިއަޅުވާފައި ވާނެއެވެ.

އެ ހުރިހާ ވާހަކަތައް ލިޔުމުގެ އިތުރަށް އިންޑިޔާގެ ރައީސްކަމަށް 2002 ވަނަ އަހަރު އަބްދުލްކަލާމު ވަޑައިގަތުމުން އޭނާގެ ވަނަވަރު އެކި ކުލަކުލައިގައި އެކިގޮތްގޮތަށް ޖަރީކޮށްގެން ލިޔެފައިވާނެއެވެ. އިންޑިޔާއަކީ މުސްލިމުންނަށް އެހާބޮޑަށް ކަންކަން ފަހިވެފައި އޮންނަ ގައުމެއް ނޫނެވެ. އިންޑިޔާގެ ތިންވަނަ ރައީސް ޒާކިރު ހުސައިނާއި ފަސްވަނަ ރައީސް ފަޚްރުއްދީން އަލީ އަހުމަދަށް ފަހު ދެން ދުވަހަކުވެސް މުސްލިމަކަށް އެމަގާމަށް ވަޑައި ނުގެންނެވޭނެކަމަށް ހީކޮށްގެން ތިބި މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނެއެވެ. މިހެން ހީކޮށްގެން ހުއްޓައި އަބްދުލްކަލާމު އެމަގާމަށް ވަޑައިގަތުމުން އަޅުގަނޑުގެ ޝައުގުވެރިކަން ހުއްޓުނު ގޮތް ބަޔާން ކުރާކަށްވެސް ފަސޭހައެއް ނޫނެވެ.

އަޅުގަނޑުގެ ނިދާކޮޓަރީގެ ފާރުން މީހެއްގެ ޕޯސްޓަރަކަށް ޖާގަ ލިބުނިއްޔާ އެމީހަކުވާނީ ކޮންމެވެސް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއަކަށެވެ. ފުޓުބޯޅަ ނުކުޅޭ މީހަކަށް އެފާރުން ޖާގަ ލިބުނީ ހަމަ އެންމެ މީހަކަށެވެ. އެމީހަކީ އޭޕީޖޭ އަބްދުލްކަލާމެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އަބްދުލްކަލާމު އިންޑިޔާގެ ރައީސްކަމަށް ވަޑައިގެންނެވީ އަޔޯދިޔާގައި ހުންނަ ބާބަރީ މިސްކިތް ހިންދޫން ނުކުމެ ތަލާލުމާއި ގުޅިގެން މުސްލިމުންނާއި ހިންދީންގެ މެދުގައި ހިގައިދިޔަ ލޭއޮހޮރުންތަކުގެ ރުޅިވެރިކަމާއި އުދާސްތައް އަދި މުޅިން ފިލައިނުގޮސް އުޅެނިކޮށެވެ. އަބްދުލްކަލާމު ރައީސްކަމުގެ ހުވާކުރެއްވިއިރު ހަމައެއަހަރު ގުޖުރާތުގައި ހިންދޫން ނުކުމެ ވަކި ހަމައެއްލަމައެއްނެތި މުސްލިމުން މަރައި ސުންނާފަތިކުރުމުގެ ހާދިސާގެ ހޫނުން އިންޑިޔާ އަދި ސަލާމަތެއް ނުވެއެވެ.

އިންޑިޔާގެ މަރުކަޒީވެރިކަމުގައި އޭރު އޮތީ ހަރުކަށި ހިންދޫންގެ ބީޖޭޕީ އެވެ. އަޔޯދިޔާގެ މޭސްތިރިންނަކީ އެއީއެވެ. އަދި ގުޖުރާތުގެ ކަތިލުންތަކަށް ތެޔޮ އަޅަން އޮތީވެސް ހަމަ ބީޖޭޕީއެވެ. އެކަހަލަ ހާލަތެއްގައި މުސްލިމަކު އިންޑިޔާގެ ރައީސަކަށް އައުމަކީ ވެދާނެކަމެއްކަމަށް ލަފާވެސް ނުކުރެވޭނެއެވެ. އެކަމަކު އަބްދުލްކަލާމް ރައީސްކަމަށް ގެންނަން ހުށައެޅީ ބީޖޭޕީންނެވެ. ބީޖޭޕީގެ ހުށައެޅުމަކަށް ކޮންގްރެސް ޕާޓީ އެއްބަސްވާނެ ގޮތެއް ލަފާކުރުމަކީ ވެސް އެދުވަސްވަރުގެ ކަންތައް އޮތްގޮތުން ފަސޭހަކަމެއް ނޫނެވެ. އެކަމަކު ކޮންގްރެސް ޕާޓީންވެސް އަބްދުލްކަލާމަށް ތާއީދުކުރިއެވެ.

މިހިރީ އޭރުގެ ހާލަތަށް ރިއާޔަތްކުރާއިރު ހަމަ މުޅިން މުސްތަހީލު ކަމެއްކަމަށް ނިންމިދާނެއެވެ. އަޅުގަނޑުވެސް ހީކޮށްގެން ހުރީ އެހެންނެވެ. އެކަމަކު މީން އެއްވެސް ހުރަހެއް ކުރިމަތިނުވެ އަމާން އޮމާން މަގަކުން އެންމެންގެ ރުހުމާއި ތާއީދާއި އެކު އަބްދުލްކަލާމު ރައީސް ކަމަށް ވަޑައިގެންނެވުމުން އެކަމާއި ބެހޭ ގޮތުން އަޅުނގަނޑަށް ލިޔެވުނު މިންވަރެއް ވެސް ނޭގެއެވެ.

އެވަރަކުން އަދި ނުފުދެއެވެ. އަބްދުލްކަލާމަކީ ސިޔާސީ ބޭފުޅެއް ނޫނެވެ. ފައިސާވެރިއެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރީ އިލްމާއި އިޚުލާސްތެރިކަމެވެ. އަބްދުލްކަލާމުގެ އާއިލާއަކީ ފަގީރު އާއިލާއެކެވެ. ކުޑައިރު ނޫސް ވިއްކަން މަގުމަތީގައިވެސް އުޅެންޖެހުނެވެ. މިކަހަލަ އާދައިގެ މީހަކަށް އިންޑިޔާ ކަހަލަ ތަނެއްގައި ރައީސްކަމަށް އާދެވުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑުކަމެކެވެ. އެހެންވީމާ މިކަންކަމާ ދޭތެރޭ ވިސްނާ މީހެއްގެ ގޮތުން އަޅުގަނޑުގެ ހިތުތެރޭގައި އޭރު ހުރި ހުރިހާ އެއްޗެއް ލިޔުންތަކުގެ ސިފައިގައި ބަންޑުން ކުރެވިފައިވާނެއެވެ.Dr A P J Abdul Kalam

އަބްދުލްކަލާމު އިންޑިޔާގެ ރައީސްކަމަށް ވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ޒިޔާރަތްކުރުމުގެ ޝަރަފު އަޅުގަނޑަށް ލިބުނެވެ. ސެޕްޓެމްބަރު 2002 ގައި އަޅުގަނޑު ނިއުދިއްލީއަށް ދިޔައީ އޭރުގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އޭގެކުރިން އިންޑިޔާގެ ޕްރޮމޯޝަނަށްޓަކައި ކުރެވިދާނެ ކަންކަން ބުނެދިނުމަށް އިންޑިޔާގެ ޚާރިޖިއްޔާއިން ދިވެހި ނޫސްވެރިންތަކެއް ގެންދިޔަ ގެންދިޔުމެއްގައެވެ. މުސްލިމުންނާ ދޭތެރޭ އިންޑިޔާގައި ތަފާތުކުރުމެއް ނެތްކަން ދެއްކުމަކީވެސް އެދަތުރުގެ އެއްބޭނުމެވެ. ގުޖުރާތުގެ ހަމަނުޖެހުންތަކާއި ގުޅިގެން އިންޑިޔާގެ އިމޭޖު ރާއްޖޭގެ މީޑިއާގައި ވެސް އޭރު އޮތީ ވަރަށް ގޯސްވެފައެވެ.

އެދަތުރުގައި ބޮޑުވަޒީރު ވަޖްޕާއީގެ ފައިންޕުޅު ދެކި ސުވާލު ދެންނެވުމުގެ ޝަރަފު ލިބުނެވެ. ހީކޮށްގެން ހުރީ ރައީސް އަބްދުލްކަލާމު ހަމަލޮލުން ދުށުމުގެ ފުރުސަތެއް ވެސް ލިބިދާނެ ކަމަށެވެ. އެކަމަކު އެފުރުސަތެއް ނުލިބުނެވެ. އެކަމަކު ރައީސްކަމުން ވަކިވެވަޑައިގެންނެވިތާ އަހަރުތަކެއް ފަހުން އަބްދުލަކަލާމް ރާއްޖެއަށް ވަޑައިގެންފައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންއަށް ޒިޔާރަތް ކުރެއްވި ދުވަހު އެތާގެ ކުރިމަތިން ކާރުން ފައިބައިވަޑައިގެންނެވި މަންޒަރާއި ކާރަށް އަރައިވަޑައިގެންނެވި މަންޒަރު ގާތުން ފެނުނެވެ. އަޅުގަނޑު ހުރީ އޮފީހުގެ ބެލްކަނީގައި ބަލަހައްޓައިގެންނެވެ. އެވަރުވެސް އަޅުގަނޑަށް އެންމެ ރަގަޅެވެ.

އަބްދުލްކަލާމަށްޓަކައި މިހާވަރުގެ ޝައުގަކާއި ލޯތްބެއް އަޅުގަނޑުގެ ހިތުތެރޭގައި އުފެދުނީމާ ބައެއް މީހުން ސުވާލުކުރުން އެކަށީގެންވެއެވެ. އިންސާނިއްޔަތަށްޓަކައި އަބްދުލްކަލާމު ކުރެއްވީ ކޮންކަމެއް ބާވައެވެ. ސުލްހައާއި ހަމަޖެހުމަށް އަބްދުލްކަލާމު ކުރެއްވީ ކޮންކަހަލަ ޚިދުމަތެއް ބާވައެވެ. އޭނާ އުފެއްދެވީ ރޮކެޓެވެ. އެއީ ފަނާކުރަނިވި އެއްޗެކެވެ. އޭނާ އެހީތެރިވެދެއްވީ ނިއުުކުލިއަރ ބޮން އުފެއްދުމަށެވެ. އެއީ މުޅި އިންސާނިއްޔަތަށް ހުރި އެންމެ ބޮޑު ބިރެވެ. ތެދެކެވެ. އޭނާ އުފެއްދެވީ ފަނާކުރަނިވި ހަތިޔާރެވެ. އޭނާ އެހީތެރިވެދެއްވީ އިންސާނިއްޔަތުގެ އެންމެ ބޮޑު އަދުއްވު ނިއުކުލިއަރ ހަތިޔާރުގެ ތަރައްގީއަށެވެ. ޖަވާބުގައި ލިޔަމެވެ. އެހިސާބުން އަދި ނުނިމެއެވެ. ނުވެސް ނިމޭނެއެވެ.

އިންޑިޔާ ދެކެ ލޯބިވާ އިންޑިޔާގެ އިޚުލާސްތެރި ދަރިއެއްގެ ގޮތުގައި އަބްދުލްކަލާމު މަސައްކަތް ކުރެއްވީ ދުނިޔޭގެ ކުރިއަރާފައިވާ ބާރުގަދަ ގައުމަކަށް އިންޑިޔާ ހެއްދެވުމަށެވެ. އޭގައި ގޯހެއް ނެތެވެ. އަބްދުލްކަލާމު އުފެއްދެވީ ހަމައެކަނި ފަނާކުރަނިވި ހަތިޔާރެއް ނޫނެވެ. ބިނާކުރަނިވި ހަތިޔާރުވެސް އުފެއްދެވިއެވެ. ހިތުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ޒަމާނީ އާލާތްތަކެއް އީޖާދު ކުރެއްވިއެވެ. ދަނޑުވެރިކަމުގެ ސިނާއަތުގެ ތަރައްގީގައި ބޭނުން ކުރެވިދާނެ މަސްނޫއީ ސިކުނޑިތަކެއް އީޖާދު ކުރެއްވިއެވެ. އެވަރަކުން ނުފުދެއެވެ. މަތީގައިވާ ސުރުޚީ ފަދަ އިބުރަތްތެރި ކިތަންމެ ކިތަންމެ ބަސްތަކެއް އޭނާ ވަނީ ދޫކުރައްވައިފައެވެ. އެބަސްތަކުން ފިލާވަޅު ލިބިގަނެގެން ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކަށް އެއޮތީ މަގު ހުޅުވިފައެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި އޭޕީޖޭ ކަލާމު އަވަހާރަވުމަކީ ބޮޑު ހިތާމައެކެވެ. ގެއްލިގެން އެދިޔައީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ޝަޚުސިއްޔަތެކެވެ. އިންޑިޔާގެ ރައީސްކަމުގެ އެއްދައުރު ފުރިހަމަ ކުރެއްވުމަށްފަހު ދެން އަބްދުލްކަލާމު ނުކުންނެވީ އަނެއްކާވެސް އިލްމުގެ މައިދާނަށެވެ. އޭނާ ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އަވަހާރަވާން ބޭނުންފުޅުވަނީ ދަރިވަރުންގެ ގާތުގައި ހުންނަވައިގެން ކަމަށް ވަރަށް ގިނައިން ވިދާޅުވެއެވެ.Dr A P J Abdul Kalam 3

އަބްދުލްކަލާމު އަވަހާރަވީ އޭނާ އެދިވަޑައިގެން ހުންނެވި ގޮތަށް ދަރިވަރުންތަކަކާއި މުޚާތަބްކުރައްވައި ތަގްރީރު ކުރައެްވަން ހުންނަވަނިކޮށެވެ. އެތަގުރީރުގައި އޭނާ ވާހަކަފުޅު ދެއްކެވީ ދުނިޔެ ފިޔަވައި އިންސާނުންނަށް އުޅެވޭނެ އެހެން ޕްލެނެޓުތަކާއި ބެހޭގޮތުންނެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ހޯދުންތަކަށްފަހު ދުނިޔެ ކަހަލަ އެހެން ޕްލެނެޓެއް ފެނިފައިވާ ކަމަށް މިމަހު އިއުލާންކޮށްފައިވާތީ އެ ޕްލެނެޓާއި ބެހޭގޮތުންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *