މިނިވަން ދުވަހާއިމެދު ނުދެކެވޭ ބައެއް ވާހަކަ
ރާއްޖޭގެ މިނިވަން ދުވަހަކީ ކޮބައިބާވައެވެ. އެދުވަސް ފާހަގަކުރަން އެންމެ އެކަށީގެންވާ ދުވަހަކީ ކޮބައިބާވައެވެ. މިއީ ބައެއް މީހުންގެ މެދުގައި ބަހުސް ކުރެވެމުންދާ މަައްސަލައެކެވެ. އެހެންވީމާ ކަމުގެ މައުލޫމާތު ހިމަނައިގެން މި ބަހުސް ކިޔުންތެރިންނާ ހަމައަށް ގެނެސްދެނީއެވެ.
އެދުވަހަކީ ރާއްޖޭގެ އިދާރީ ހިންގުމުގެ މައްޗަށް ބަސްނުބުނާން އަހުދުވެ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ސަފީރު ޑަބްލިޔު ހެންކިންސަނާއި ދިވެހި ދައުލަތުގެ ފަރާތުން މުހައްމަދު އަމީނާއި އިބްރާހިމް އަލި ދީދީ އެގްރިމަންޓެއްގައި ސޮއިކުރެއްވި ދުވަސް ބާވައެވެ. އެހެންވިއްޔާ އެދުވަހަކީ 24 އެޕްރީލް 1948 އެވެ. އެއީ 1887 ގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަ އެގްރިމަންޓު އާކޮށް ދިވެހިން އެދުނު ބައެއް ކަންކަންވެސް ހިމަނައިގެން އާ ލިޔުމެއްގައި ސޮއިކުރި ދުވަހެވެ. އެއީ ދިވެހިންގެ މިނިވަންކަން އިއާދަވުމެއްކަމަށް އޭރު މުހައްމަދު އަމީން ސިފަ ކުރައްވައި ލިޔުއްވުންތައްވެސް ލިޔުއްވިއެވެ.
ނުވަތަ އެދުވަހަކީ ބޭރު ރާއްޖެތަކާ މުއާމަލާތު ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އަހުދުވެ ކަލޭމެންގެ ހުރިހާ ކަމެއްގެ ބާރުވެރިންނަކީ ކަލޭމެންނޭ ބުނެ ކޮޅުނބުގައި ހުންނަވާ އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކަރ އެއްބަސްވުމެއްގައި ސޮއިކުރެއްވި ދުވަސް ބާވައެވެ. އެހެންވިއްޔާ އެދުވަހަކީ 26 ޖުލައި 1965 އެވެ. އެދުވަހަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ނެއްޓުމުގެ ރަސްމީ ލިޔުމުގައި ސޮއިކުރި ދުވަހެވެ. ކޮޅުނބުގައި އިނގިރޭސި ސަފީރު ހުންނަވާ ގޭގައި ދިވެހި ދައުލަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.
ނާސިރުގެ އިތުރުން ދިވެހި ވަފްދުގައި ތިއްބެވީ ސިލޯނަށް ކަނޑައެޅުނު އާ ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ އާއި ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ކަނޑި އަހުމަދު މަނިކާއި ކޮޅުނބުގައި ހުންނަވާ ދިވެހިރާއްޖޭގެ ވިޔަފާރިއާ ބެހޭ މަންދޫބު ކޮލި އަލިމަނިކެވެ.
ނުވަތަ އެދުވަހަކީ އައެްޑު އަތޮޅު ގަން ރަސްމީގޮތުން ދިވެހިސަރުކާރާ ހަވާލުކޮށް އިނގިރޭސިން ގަމުން ފޭބި ދުވަސް ބާވައެވެ. އެހެންވިއްޔާ އެދުވަހަކީ 29 މާޗް 1976 އެވެ. އެދުވަހު ގަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ދައުލަތުގެ ފަރާތުން ލިޔެކިޔުމާއި ހަވާލުވެވަޑައިގަތީ ދިވެހި ދައުލަތުގެ ވިޔަފާރިއާ ބެހޭ މަންދޫބު ކޮލި އަލިމަނިކެވެ. ލިޔުންތައް ދެއްވީ އިނގިރޭސި ސިފައިންގެ ފަރާތުން ގްރޫޕް ކެޕްޓަން ޑަބްލިޔު އެޑްވަޑްއެވެ. ދެން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ސިލޯނާއި ދިވެހިރާއްޖެއަށް އިނގިރޭސި ދައުލަތުން ކަނޑައަޅާފައި ހުންނެވި ސަފީރެވެ.
މަތީގައި އެވަނީ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވިދާނެ ތިން ތާރީޚެކެވެ. މީގެ ތެރޭން ދެ ތާރީޚުގައި މިނިވަން ދުވަސް ވަނީ ފާހަގަ ކުރެވިފައެވެ. ޖުލައި ސައްބީސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައިސްފައި 1977 އަދި 1978 ގައި މިނިވަން ދުވަސް ފާހަގަކުރީ 29 މާޗް ގައެވެ. އެއީ ގަމުން އިނގިރޭސިން ފޭބި ދުވަހެވެ. އެއަށްފަހު އަނެއްކާވެސް ސައްބީސް ޖުލައި މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ ރައީސްކަމަށް 1978 ވަނަ އަހަރު މައުމޫން ވަޑައިގަތުމަށްފަހު 1979 އިން ފެށިގެންނެވެ.
މި ހެކިތަކަށް ރިއާޔަތްކުރާއިރު ފެންނަނީ މިނިވަން ދުވަސް ކަޑައެޅުމުގައި އޮޅުންތަކެއް އެބަހުރިކަމެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަންސާސް އަހަރުވެގެން ދިޔައިރު ދެ އަހަރެއްގައި މިނިވަންކަމުގެ ކުލަބޮކީގެ އަލިކަން ސައްބީސް ޖުލައިގައި ނުފެނެއެވެ. އެ އަލިކަން ފެނިފައިވަނީ މިނިވަންކަމުގެ ފަންސާސް އަހަރުގެ ތެރެއިން 48 އަހަރެއްގައެވެ.
ޖުލައި ސައްބީހަކީ މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރުމަށް ކުރިއާލާ ރޭވިގެން ކަނޑައެޅުނު ދުވަހެއް ނޫނެވެ. އެދުވަހަކީ ދެން ޒާތެއްގެ އިއްތިފާގެކެވެ. ނާސިރު ބޭނުންފުޅުވީނަމަ އެއަށް ވުރެ ކުރީގައިވެސް އަދި ފަހުން ވެސް ސޮއިކުރެވިދާނެއެވެ. ހަގީގަތުގައި މިނިވަންކަމުގެ އެގްރީމަންޓު އެކުލަވާލުމުގެ މަސައްކަތް 12 އޮގަސްޓު 1964ގައި އޮތީ ފެށިފައެވެ. މިމަސައްކަތުގައި ދިވެހި ދައުލަތް ތަމްސީލުކުރައްވަން ކޮޅުނބުގައި ހުންނެވީ އަބްދުއްސައްތާރު މޫސާ ދީދީއެވެ. އެއީ އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ.
ދެފަރާތްވެސް ރުހޭ ގޮތަކަށް މިލިޔުން ހަފުތާއެއްގެ ތެރޭގައި އޮތީ ފައިނަލްކުރެވި ޓައިޕްވެސް ކުރެވިފައެވެ. ދެން އެލިޔުން ފޮނުވީ އިނގިރޭސި ބޮޑުވަޒީރު ހެރަލްޑް ވިލްސަން އާއި ރާނީ އެލިޒަބަތު ބައްލަވާލެއްވުމަށް ލަންޑަނަށެވެ. އެދެބޭފުޅުންގެ ރުހުން ލިބި 15 ސެޕްޓެމްބަރު 1964 އިން ފެށިގެން އެގްރިމަންޓު އޮތީ ސޮއިކުރަން ތައްޔާރު ކުރެވިފައި ކޮޅުނބުގައެވެ. ސޮއި ނުކުރެވި ލަސްވީ އިބްރާހިމް ނާސިރު ކޮޅުނބަށް ވަޑައިގަތުން ލަސްވުމުންނެވެ.
ނާސިރު ހުންނެވީ ފަސޭހަފުޅު ވަގުތެއްގައި ކޮޅުނބަށް ވަޑައިގަތުމަށް ނިންމަވައިގެންނެވެ. މިހެން ހުންނަވަނިކޮށް 1965 ޖުލައި ކުރީކޮޅު ދަތެއްގައި މާގަދައަށް ރިއްސުމުގެ އާލާސްކަންފުޅަކާއި ކުރިމަތިވެވަޑައިގެންފިއެވެ. އޭރު މާލޭގައި ޑެންޓިސްޓަކު ނުހުރެއެވެ. ކަމުގެ ބާވަތުންނާއި ރިހުން ގަދަކަމުން މަތިންދާބޯޓަކަށްވެސް އިންތިޒާރު ކުރެއްވުމެއް ނެތި މާލޭ ބަނދަރުގައި އޮތް މޯލްޑިވް ސްޓަރ ކިޔުނު އާގު ބޯޓުގައި ނާސިރު އަވަސްގޮތަކުން ކޮޅުނބަށް ފުރާވަޑައިގެންފިއެވެ. މޯލްޑިވް ސްޓަރ އަކީ ނާސިރަށް އާ ބޯޓެއް ނޫނެވެ. ހުވަދު އަތޮޅާއި ތިނަދޫ ތަޅައިލުމަށް 1959 ގެ ޖޫން މަހުގެ ތެރޭގައި ނާސިރުގެ ތާރީޚީ ދަތުރުފުޅު ކުރެއްވީ ވެސް މޯލްޑިވް ސްޓަރ ގައެވެ.
ކޮޅުނބަށް ފޯރީ ތިން ދުވަހުންނެވެ. އެންމެ ފުރަތަމަ ހަސްފަތާލުން ދަތުގެ ފަރުވާ ހޯއްދަވައި މުޅިން ރަނގަޅުފުޅުވީމާ ދެން އަބްދުއްސައްތާރު މޫސާ ދީދީ މެދުވެރި ކުރައްވައި މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރަން ދުވަހެއް ނިންމާން އިނގިރޭސިންނަށް އެންގެވީއެވެ. ކޮޅުނބުގައި ހުންނަވާ އިނގިރޭސި ސަފީރުގެ ގެޔަށް ނާސިރު ވަޑައިގެން އެގްރިމަންޓުގައި ސޮއިކުރެއްވޭވަރުވީ ސައްބީސް ޖުލައި ގައެވެ.
އެހެން ގައުމުތަކަށް މިނިވަންކަން ލިބޭ ގޮތާއި އެކަމުގެ ރަސްމިއްޔާތު ބާއްވާ ގޮތް ދިވެހިރާއްޖެއިން މިކަންކުރިގޮތާ ވަރަށް ތަފާތެވެ. އެހެން ގައުމުތަކުގައި އިނގިރޭސި ދިދަ ބާލައި އެގައުމެއްގެ ދިދަ ނެގުން އޮވެއެވެ. އެކި އަދަދުތަކުގެ ބަޑީގެ ސަލާން އޮވެއެވެ. ގައުމީ ސަލާން ކުޅުންވެސް އޮވެއެވެ. މިފަދަ އެއްވެސް ކަމެއް ސައްބީސް ޖުލައިގައި ނުބޭއްވެއެވެ. ހަމައެކަނި ސޮޔެއް ކޮށްލާފައި ސައިފޮދެއް ބޯލާފައި ހީނލާފައި ނިންމާލީއެވެ. ދިދަ ބާލާކަށް މާލޭގައި އިނގިރޭސި ދިދައެއް ހުރީކީވެސް ނޫނެވެ.
އެހެނެއް ނޫނެވެ. ގަމުން އިނގިރޭސިން ފައިބައި ދިވެހި ސަރުކާރާ ގަން ހަވާލުކުރި ދުވަހު މިހުރިހާ ކަމެއްވެސް ކުރިއެވެ. އިނގިރޭސި ދިދަ ބޭލުން އޮތެވެ. ގައުމީ ސަލާން ވެސް ކުޅުނެވެ. އެހެންވީމާ ރަސްމިއްޔާތުގެ ޒީނަތްތެރިކަން އެދުވަހު ތަންކޮޅެއް ބޮޑުވީމާ އެދުވަސް މިނިވަން ދުވަހުގެ ގޮތުގައި ނާސިރު ކަނޑައެެޅުއްވީ ކަމަށް ވެދާނެއެވެ. ފަހަރުގައި އިނގިރޭސިން ދެކެ ނާސިރު ނުރުހޭ މިންވަރު ބޮޑުކަމުން ވީގޮތެއްކަމަށް ވެސް ވެދާނެއެވެ.
މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރިއިރު އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވީ ހެރަލްޑް ވިލްސަން އެވެ. ގަމުން އިނގިރޭސިން ފޭބިއިރު އަނެއްކާވެސް މެދުކެޑުމަކަށް ފަހު ބޮޑުވަޒީރުކަމުގައި ހުންނެވީ ވިލްސަންއެވެ. ނާސިރަކީ ވިލްސަން ދެކެ އިންތިހާއަށް ނަފްރަތު ކުރެއްވި ބޭފުޅެކެވެ. ވިލްސަންވެސް ހަމައެގޮތަށް ނާސިރަށް ނަފްރަތު ކުރެއްވިއެވެ.
ޔަގީންވާ އެއްޗަކީ ނާސިރަށް ދުވަހުގެ މުހިއްމުކަން ބޮޑު ނޫންކަމެވެ. އޭނާއަށް މުހިއްމުވީ ދުވަހެއް ނޫނެވެ. މުހިއްމުކަން އޮތީ ކަމުގައެވެ. ކަން އޮތީ މިނިވަންކަމުގައެވެ. އެކަންއޮތީ ހާސިލްވެފައެވެ. އެކަމަށް ނާސިރު މާބޮޑަށް އަވަސް އަރާވަޑައިގެންވެސް ނޫޅުއްވައެވެ.
ކަން މިހެން އޮތަސް އެއްކަމެއް ޔަގީންވެއެވެ. އެފަހަރު ދަތެއްގައި ރިއްސާނުލިނަމަ މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރުން މާބޮޑަށް ވެސް ލަސްވެގެން ދިއުމުގެ ފުރުސަތު އޮތެވެ. އެހެންވީމާ ނާސިރުގެ ދަތެއްގައި ރިއްސި ރިއްސުމަކީ މިނިވަންކަމުގެ ރިހުމެކޭ ބުނަން ފުރުސަތު އޮތެވެ. އާނއެކެވެ. ކުދިން ދުނިޔެއަށް އުފަންވަނީވެސް ބަނޑެއްގައި ރިއްސާފައެވެ. ބަނޑެއްގައި ނުރިހުނެއްކަމަކު ދިވެހިރާއްޖޭގެ މިނިވަންކަން އުފަންވެފައި މިއޮތީ ތަނެއްގައި ރިއްސާފައެވެ.
ކިލެގެފާނުގެ ބޮޑު ހަސަން ދީދީ ނުވަތަ ކަރެއްޔެ ހަސަން ދީދީ، ސ. މީދޫ ކަޅިހާރި ކަނބަލަކާއި ކައިވެނި ބެއްލެވިއެވެ. އެއީ ކަޅިހާރި އައިސާ މަނިކުފާނެވެ. މި ދެ މީހުން ކައިވެނި ބައްލަވައިގެން ފުވައްމުލަކަށް ވަޑައިގަތެވެ. މުލަކަށް ވަޑައިގެން ދިރިއުޅުއްވުމަށް ގެއެއް އަޅައި އެގޭގެ ނަމަކަށް މާދަޑިގޭ ކިޔައި ނަން ދެއްވިއެވެ. މި ދެމަފިރިންނަށް ލިބުނީ މާދަޑިގޭ އިބްރާހިމް ދީދީ އާއި މާދަޑިގޭ ހުސެން ދީދީ އެވެ. މި ހުސެން ދީދީގެ މަރިޔަމް ދީދީ ގެ މޫސާ ދީދީ އެވެ. މިއީ މަޝްހޫރު ދަޑިމަގި މިސްކިތްދޮރެގޭ ދޮންތައްކާނުގެ މޫސާދީދީ އެވެ. މި ދީދީ ގެ އައިސާދީ އާއި ކައިވެނި ބެއްލެވީ ވެލާނާގޭ މުހައްމައިދީ ގެ އަހައްމައިދީ އެވެ. ލިބުނީ އިބްރާހިމް ނާސީރުއެވެ.
ކުދުއެދުރުގެ ވާހަކަ ތަކާއި ދެލޮޅު ހަދާކަށް ނެތީމެވެ. ދިވެހީންގެ އައިޑީ ކާޑް ބަލާލުމުން ހައިރާން ނުވޭހެއްޔެވެ. ބައެއްފަހަރު ދަރިފުޅުގެ ޢުމުރަށްވުރެން މަންމަ އާއި ބައްޕަގެ އުމުރު ހަނގުވާނެއެވެ. ދިވެހިންގެ އުމުރު ބެލާލުމުން ކޮންމެވެސް އޮޅުންތަކެއް ހުރެއެވެ. އެއީ މާ ބޮޑުކަމެއް ނޫނެވެ. ދަރިފުޅު އުފަންވީ ތާރީޚަކީ ބޮޑު ވިއްސާރަވީ އަހަރު ކަމުގައި ކިޔައި އުޅެތެވެ. އެވިއްސާރަކުރީ ކޮން އަހަރެއްގައި ކަމެއް އެގޭނެ ގޮތެއް ނުހުރެއެވެ. މިނިވަންކަމަށް 67 އަހަރު ވިޔަސް 39 އަހަރު ވިޔަސް އަދި 48 އަހަރުވިޔަސް އެއީ މައްސަލައެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެމެން ފާހަގަ ކުރަނީ މިނިވަން 50 އެވެ. އައްޑު އަތޮޅު މީހުން 1959 ގައި އުފެއްދީ ޑިމޮކްރެޓިކް ސަރުކާރެކޭ ބުނެތެވެ. އޭރު މާލެ ގައި އޮތީ ރަސްކަމެކެވެ. ރަސްކަމެއް އޮތުމުން ރަސްކަމުގެ ގަނޑުވަރުން ދެކި ވަޑައިގަތީ އައްޑޫގައި އުފެދުނީ މަގޫ ދަނޑި ސަރުކާރެއްކަމުގައެވެ. ވީމާ މިހިރަ މިހިރަ ކަންތަކަކީ އަމުދުން މާކަ ބޮޑެތި ކަންތައްތަކެއް ނުމެނޫންމެއެވެ.
Dhekunu baghaawathuge vaahaka liyedheebabala kameh kuranyaa