ދަރިޔާގެ ސިޔާސީ ވިސްނުން
ޒަމާނުއްސުރެ މީހުން ގަބޫލުކުރާ ހަމަތަކާއި ކަންކުރާން އޮންނަ ރިވެތިގޮތް ދޫކޮށްލައި ހައިޖާނު ހަދައިލާނަމޭ ހިތައި ބައެއްމީހުން ގަދަދައްކާން އުޅެއެވެ. އެކަހަލަ މީހުންނަށް ތާއީދުކޮށް ސަނާކިޔާ މީހުން ވަރަށް ގިނަވާނެއެވެ. މީދޫ އައިމިނަގެ ދަރިޔާއަކީ އެއިގެ ތެރެއިން މީހެކެވެ. އަޅުގަނޑަކީވެސް އުމުރުން ބާރަ ތޭރައާ ހަމައަށް މީނާއަށް ދަރިވަރުވުމުގެ ނަސީބު ނުވަތަ ބަދުނަސީބު ލިބުނު މީހަކީމެވެ.
މުހައްމަދު އަމީނަކީ ދަރިޔާގެ ހީރޯއެވެ. މުހައްމަދު އަމީނަށް ސަނާކިޔުމުގައި ބައެއްފަހަރު ކުފުރުވެ ނިމިދާއިރުވެސް މީނާއަށް ރޭކާލުމެއް ނޯވެއެވެ. މީނާ ތަންކޮޅެއްކުރިން އީދު ދުވަސްދުވަހާއި ބައެއް ހުކުރުހުކުރުގައި މުހައްމަދު އަމީން ތުރުކުރައްވާ ޒާތުގެ ފަޓްލޫނުލައިގެން އަތްދިގު ގަމީސްލައިފައި ބެގީކޮށްގެން ރަށުތެރޭގައި ދެކޮޅަށް ހިގާނެއެވެ. އޭރު މީނާގެ ބުރުސޫރަވެސް މާކަގޯހެއް ނޫނެވެ. އެކަހަލަ ދުވަސްދުވަހު ހުންނާނީ ނިކަން ރަނގަޅަށް ދެޮންވެލީން ދަތްތައް އުގުޅައި އިލޮށިބުރިތަކުން ދެދަތްދޭތެރޭގައި ހުންނަ އެތިވަރުތައް ނައްޓައި ހުދުކޮށްގެންނެވެ. މީހުން ބުނާނެއެވެ. އަމީނާ ހާދަވައްތަރެވެ. ދެން ގެއަށްގޮސް ނިކަން ހެވިފައި ހުންނާނެއެވެ.
އޭރު މީނާ ބުނާއަޑު އަހަމެވެ. މުހައްމަދު އަމީނަކީ އަހުމަދު ދޮށިމޭނާކިލެގެފާނު އިރުވަރު ބަލައި މަސްދަތް ފިޔޮހި ޖަހައިގެން ދިވެހި ގައުމަށްޓަކައި ހޯދި ދަރިއެކެވެ. އެހެންފަހަރަކު ބުނިއަޑު އެހީމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މުހައްމަދު އަމީނު ކަނޑު ހުރަސްކުރައްވައި އަތޮޅުތަކަށް ބައިސިކަލުގައި ވަޑައިގަންނަވައެވެ. ތިމަންނާވެސް އެބައިސިކަލް ދުށީމެވެ. މީނާ މުހައްމަދު އަމީނަށް މިވަރަށް ސަނާކިޔަނީ ކީއްވެގެންތޯ އަހައިލީމާ ދެ ވާހަކައެއް ކިޔައިދިނެވެ. ފުރަތަމަ ވާހަކައަކީ މުހައްމަދު އަމީނު ދިވެހިރާއްޖޭގައި ރީތީގެ މުބާރާތްތައް ބާއްވައި ރާއްޖޭގެ އެތަންމިތަނުން ޒުވާން އަންހެންކުދިން މާލެގެނެސް ކާކީ ސޯޓު ތުރުކުރައްވައި ވިލާތުގެ ތަހުޒީބު ގެންނަވަން އުޅުއްވުމެވެ. ދެވަނަ ވާހަކައަކީ މުހައްމަދު އަމީނުގެ ބަސްމޮށުންތެރިކަމާއި ލިޔުންތެރިކަމުގެ ހުނަރު މަތިވުމެވެ. ބުނެއެވެ. އެހެރަ ލިޔުއްވުމެކެވެ. ވިލާތަށް ވަޑައިގެން ރޭގަނޑުގެ ކުލަބުތަކުގައި ވިލާތު ޝަރުބަތު ހިއްޕަވާ ވާހަކަވެސް ގެންނަވާފައި ވަނީ ހާދަ ރީއްޗަށް ހާދަ ފުރިހަމަކޮށެވެ. ޔަގީނެވެ. އެއްވެސް ދިވެއްސަކަށް ވިލާތުގެ ރޭގަނޑުގެ ކުލަބަކަށް ގޮސް އެވިދާޅުވާ ޝަރުބަތުގެ ރަހަވެސް ތަޖުރިބާކުރެވިފައެއް ނުހުންނާނެއެވެ.
މުހައްމަދު އަމީނު ލިޔުއްވާފައިވާ ފޮތްތައް އެކިރާގުރާގަށް ކިޔައިދިނުމަކީ މީނާ ވަރަށް ކުރާހިތްވާ ކަމެކެވެ. ޚާއްސަކޮށް ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި މިފޮތް ކިޔައިދިނުން ވަކީން ގިނަވާނެއެވެ. ބައެއްފަހަރު އަޅުގަނޑު ހަސަންކާރިގެއިން ސިޔަރަތު ގެނެސްގެން ކިޔާން އުޅޭން ހެދީމާ ބުނާނެއެވެ. ކޮޔާއެވެ. ފޮތަކީ މިއެވެ. އަމީނުގެ ފޮތްތަކަށް ދަރިވަރުވެއްޖެ މީހަކު ގެއްލެނިވެނުދާނެއެވެ. އެހެން ބުނެފައި ދޭނީ މުހައްމަދު އަމީނުގެ ކޮންމެވެސް ފޮތެކެވެ.
އިބްރާހިމް ނާސިރަކީ ދަރިޔާ ވަރަށް ރުޅިއަރާ ވެރިއެކެވެ. އޭގެ ފުރަތަމަ ސަބަބަކަށްވީ އަމީނުގެ ވެރިކަން ވައްޓާލުމުގައި ނާސިރުގެ ބޮޑުބޭބެ ވެލާނާގެ އިބްރާހިމްދީދީ ކުޅުނު ރޯލާއި އަމީނު ހިމާޔަތްކުރުމަށް ސިފައިންގެ ވެރިއެއްގެ ގޮތުގައި ހުންނަވައިގެން ނާސިރު އެއްވެސް މަސައްކަތެއް ނުކުރެއްވުމެވެ. ދެވަނަ ސަބަބަކީ ނާސިރުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައި ހިގިގަޑުބަޑުގެ ތެރޭގައި ހުޅުދޫ ކީރައްވަލިގޭ ހަސަން ތައްޚާނުގެ ބޮލުގައި ދަރިޔާ ފުނޑާ ދައެއްގެ ފޮޔަކުން ޖަހައި ފަޅާލި މައްސަލައިގައި މީނާ މާލެ ގެނެސް ޖަލަށްލުމެވެ. މިޖަލަކީ ދަރިޔާ ކިޔައިދޭ ގޮތުންނަމަ ޗައިނާ ބަގީޗާއެވެ. މިބަގީޗާއެއްހުރީ މިހާރު އިސްލާމީ މަރުކަޒު އެހެރަތާގައެވެ. ދޭތެރެ ދުރުކުރުމާއި ފެމިލީ ޕްލޭންކުރުމުގެގޮތުން މީދޫ ވަރުދާގެ ހަސަނުގެ ބޮލުގެ މެދަށް ވަޅި ޖަހައި މަރާލަން އުޅުމާއި އެދުރުގޭ ހަސަން ތައްޚާނު ތަޖުވީދުމަގަށް ގުރުއާންކިޔެވުން ގިނަކަމަށްޓަކައި އެތައްޚާނުގެ އަނގަޔަށް ވަޅިހެރި މައްސަލައެއްގައި މީނާ އޮފީހަށް ގެނެސް ބަޔާންތައް ނަގައި ހެދިހެދުމަކީވެސް ނާސިރު ދެކެ މީނާ ރުޅިއަރާން ޖެހުމުގެ ސަބަބުތަކެވެ.
މައުމޫނުވެސް ހިމެނުނީ ދަރިޔާ ރުޅިއަރާ މީހުންގެ ތެރޭގައެވެ. އޭރު ބުނެއެވެ. މިސްރުގެ އަޒްހަރަކީ އެއްވެސް ތަނެއް ނޫނެވެ. މީދޫ ވަށޮދިޔަގެ އަބްދުއްރަހުމާނަކީވެސް އެތަނުން ކިޔެވި މީހެކެވެ. އަބްދުއްރަހުމާނަކަށްވެސް ވެލާމަސް ހަރާމްކުރުން ފިޔަވައި އެހެން އެއްޗެއް ނޭގެއެވެ. އެހެންވީމާ މައުމޫނަކަށް ވެސް ދީނެއް ނޭގޭނެއެވެ. ދީނޭ އެކިޔަނީ މީހުން ހައްލާންވެގެންނެވެ. އަބްދުލްގައްޔޫމު ސީދީއަކީވެސް އެގޮތަށް މީހުން ހައްލައި އުޅުނު މީހެކެވެ. އެހެންވީމާ ގައްޔޫމު ސީދީގެ ދަރިޔަކު ރަގަޅުވާނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ. އަލަގަހަކުން ކެޔޮނިރެއްވެސް ނުފަޅައެވެ.
މައުމޫން ދެކެ ދަރިޔާ ރުޅިއަރާ ވަކި ސަބަބެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. އެކަމަކު ބޮޑަށް ލަފާކުރެވެނީ މައުމޫން ދީނީ ނަސޭހަތްދެއްވުން ގިނަކަމުންވީ ގޮތެއް ކަމަށެވެ. މިހެން ހީކުރާން ޖެހުނު ގޮތަކީ އެއްރޭ ޓީވީން ލައިވްކުރި ޖަލްސާއެއްގައި ނަމާދަށް ފަރުވާކުޑަކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ މައުމޫން ވިދާޅުވި އަޑުއިވިގެން ދަރިޔާ ވާހަކަދައްކާފައިވާތީއެވެ. ބުންޏެވެ. ސުވަރުގެއަށް ވަދެވޭ މީހުންނާއި ނުވަދެވޭ މީހުން އެނގެނީ މައުމޫނަށް ހެއްޔެވެ. ސުވަރުގޭގެ ތަޅުދަނޑިކޮޅު އޮންނަނީ މައުމޫނުގެ އަތުގައި ހެއްޔެވެ. މައުލޫމާތަށްޓަކައި ލިޔަމެވެ. މިދަރިޔާއަކު ސަޖިދަކުރަނިކޮށް އަޅުގަނޑު ދުވަހަކުވެސް ނުދެކެމެވެ.
ކެނެރީގޭ ނަޝީދަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަރިޔާ ވަރަށް ރުހޭ މީހެކެވެ. މީނާ ބުނެއެވެ. މައުމޫނުގެ ކިބައިން މިގައުމު ސަލާމަތްކުރި މީހަކަށް އާޒީގެ ލަގަބުވެސް ދޭން ޖެހޭނެއެވެ. އެއީ އާޒީ ނަޝީދެވެ. ނަޝީދުގެ ސިޔާސަތުގެ ތެރެއިން ދަރިޔާއަށް އެންމެކަމުދިޔަ އެއްޗަކީ ނަޝީދުގެ މެދުމިން ސިޔާސަތެވެ. ބޯންވާނެޔޭ ބޮވެންވެސް ޖެހޭނެޔޭ ބޮވޭނެ ގޮތްވެސް ތަނަވަސްވެފައި އޮންނާން ވާނެއޭ ނަޝީދު ވިދާޅުވީމާ އެވިދާޅުވުމުގެ ތަރުޖަމާ ވަރަށް ގިނަބަޔަކަށް ދަރިޔާ ކިޔައިދީ އުޅުނެވެ. އައްޑޫގައި ބުދު ބެހެއްޓީމާ ދަރިޔާ ބުނި އެއްޗަކީ ގައުމުގެ އެންމެ މަތީވެރިޔާއަށް ނުބެހެއްޓޭނެ އެއްޗެއް އޮވެގެން ނުވާނެ ކަމަށެވެ.
ނަޝީދަށް މީނާ ސަނާކިޔަމުންގޮސް އެއްދުވަހަކު ބުންޏެވެ. ނަޝީދުގެ ބައްޕަ ސައްތާރު ކުރިކެޓެއްތޯ ކިރިކެޓްވެސް ކުޅުއްވައެވެ. ކިރިކެޓަކީ މުހައްމަދު އަމީނުވެސް ގަދަޔަށް ކުޅުއްވި ކުޅިވަރެކެވެ. ކިރިކެޓް ކުޅޭ މީހެއްގެ ދަރިޔަކު ގޯހެއް ނުވާނެއެވެ. ކުޅޭށެ ކިރިކެޓް ކުޅޭށެ ކިރިކެޓް، ބަހާއި އަމަލުން ކުޅޭށެ ކިރިކެޓް، އުޅޭށެ އަންގާގޮތަށް އެކިރިކެޓް، ހިތާއި ރޫހުން ކުޅޭށެ ކިރިކެޓް މިހެން އައިމިނަތު ހުސައިން ވިދާޅުވީވެސް އެހެންވެގެންނެވެ.
ދަރިޔާއަކީ ކޮންމެއަކަސް ވަރަށް ގަދަ ސިޔާސީ މުދައްބިރެކެވެ.
ދަރިޔާ އަކީ އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި އަހަރެމެންގެ ހަނދާނުގައި، ބޮލުގެ ޚާއްސަ އޮޕެރޭޝަނެއް ހޭ ނުނައްތާ ކާމިޔާބު ކަމާ އެކު ކުރި ކަރުން މަތީގެ ޑަކްޓަރެވެ. އެއީ ވަރުދާގެ ހަސަނުގެ ބޮލުގެ އޮޕަރޭޝަނެވެ.
ދަރިޔާއަކީ ކަރުންމަތީގެ ޚާއްސަ ޑޮކްޓަރެއްކަން މިލިޔުމުން ވަރަށް ރަނގަޅަށް އެބަދޭހަވެއެވެ. މިފަދަ ފުންނާބު އުސް ބޭފުޅުންނަށް ތިވަރުގެ އެޑްވާންސް އޮޕެރޭޝަނެއް ހޭ ނުނައްތާ ކާމިޔާބު ކަމާ އެކު ކުރެވުމަކީ ފެންތައްޓެއް ބޯލުންފަދަ ކަމެއް. މިފަދަ ކުޅަދާނަ ޑޮކޮޓަރުން ވަރަށް މަދުން ނޫނީ މިގައުމުންވެސް ނުފެންނާނެއެވެ…
ދަރިޔާ މައުމޫނު ދެކެ ކިތަންމެ ރުޅި އައި ކަމުގައި ވިޔަސް ދަރިޔާ އާއި މައުމޫނާ ދެމީހުން ހާދަ އެއްވަތަރު ޖަހައެވެ. މައުމޫނަށް ރުޅި އައި ކަމަށް ވިޔަސް ދޭތެރެއަކުން ދަރިޔާ މައުމޫނާ ވައްތަރު ކަމަށް މީހަކު ބުނެފި ނަމަ ވަރަށް އުފާވެސް ވެއެވެ. ތިމަންނާ އަކީ މާ ބޮޑު ވެރި ވައްތަރެއް ޖަހާ މީހެއް ކަމަށް ބުނެ ބޮޑޭ ވެއެވެ. އެކަމަކު މީނާ ކުރި އެއްވެސް ވެރި ކަމެއް ހަރާމުން ހަރާމެވެ.