މީދޫގެ ކުޅި ހިމާޔަތްކުރުމަށް ކުރިއަށް ހަކުޅި ކުޅެން މަޖުބޫރު އެބަވޭ
އައްޑު އަތޮޅުގެ އިރުމަތީ ދުނީގައިވާ މީދޫ އަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. މިރަށަކީ ބޮޑު ކަނޑެއްގެ އައްސޭރިފަށުގައި ވަކިން އޮންނަ ރަށެކެވެ. ކަނޑުން ނަގާ ބިޔަ ރާޅުތަކުގެ ސަބަބުން ރަށުގެ ހޭޅިފަށް ނެތިގެން ދަނީ ވަރަށް ހަލުވިކޮށެވެ. މީދޫގެ އެންމެ ބޮޑަށް ގިރާ ސަރަހައްދަކީ އެރަށުގެ ކޮށިފަންނާއި ވޭރާނޑާއި ދެމެދެވެ. ގިރާ ސަރަހައްދުން ރަށުގެ ކުޅިއާއި ދޭތެރޭގައި މިހާރު ވަނީ އެންމެ 30 ވަރަކަށް ފޫޓް ފުޅާމިނުގެ ސަރަހައްދެކެވެ.
ރަށްގިރުން ކޮންޓްރޯލް ނުވެއްޖެނަމަ ފެނިގެންދާނީ މޫދާއި ކުޅިއާއި ގުޅި ކަނޑުގެ ލޮނުގަނޑު ކުޅީގެ ތެރެއަށް ވަދެ މޫދަށް ބަދަލުވެގެންދާ މަންޒަރެވެ. އެފަރާތުން ކުޅިއާއި ޗަސްބިމާއި މޫދާއި ދޭތެރޭގައި އޮންނަނީ ނިކަން ހަނި އުސް ސަރަހައްދެކެވެ. ގިރަމުން ނެތެމުންދަނީ އެސަރަހައްދެވެ. އެފަރާތު ފުށްޓަރަށް ބިންދައިލާ ބޮޑެތި ބިޔަ ރާޅަކީ މުޅިރާއްޖެއަށް ބެލިކަމުގައިވިއަސް އެފަދަ ދެވަނަ އެހެން މަންޒަރެއް ފެނުން ނާދިރު ރާޅުތަކެކެވެ. ކުޅީގެ ތެރެއަށް މޫދު ވަދެގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވާ އެއްސަބަބަކީ އެއީއެވެ.
ކުޅިއަކީ އެރަށުގެ ވަރަށް ބޮޑު ސަރަޙައްދެކެވެ. ކުޅީގެ ތެރެއަށް މޫދުގެ ލޮނުގަނޑު ވަދެގެންފިނަމަ ވަރަށް ބޮޑު ސަރަހައްދަކަށް އޭގެ އަސަރު ކުރާނެއެވެ. އޭރުން އެސަރަހައްދު ހިމާޔަތް ކުރުމަކީ ފަސޭހަކަމަކަށް ނުވެހިނގައި ދާނެއެވެ. ހުޅުދޫއާއި މީދޫގެ ގިނަ ބައެއްގެ ރުއްގަހާއި އެބައިމީހުންގެ އޮޅުތަކާއި ދަޑުބިންތައް ލޮނުގެ ސަބަބުން ފަނާވެ ނެތިގެން ހިނގައި ދާނެއެވެ. މިކަމުގެ ގެއްލުން ވާނީ ހަމައެކަނި މީދޫގެ ރައްޔިތުންނަކަށް ނޫނެވެ. ހުޅުދޫގެ ރައްޔިތުންނަށްވެސް އަސަރު ކުރާނެއެވެ.
ރަށް ގިރުމުގެ ސަބަބުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެރަށުގައި ބެހެއްޓި ބަޑިބުރުޒު ތަކާއި ބަންކަރުތައްވެސް މިހާރުވަނީ މޫދުގައެވެ. ކުރިން ވޭރާނޑަށް ދާން އޮންނަ މަގު ވެސް ވަނީ ގިރައިގެން ގޮސްފައެވެ. އެމަގު ގިރައިގެން ދިއުމަށްފަހު ހެދުނު ތިން މަގެއް ވެސް ވަނީ ނެތި ގޮސްފައެވެ.
މި ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ޚަރަދު ކުރައްވައިގެން ތޮށިލުމުގެ މަސައްކަތެއް 2008 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. ގިރާ ސަރަހައްދުގައި 1.5 ކިލޯ މީޓަރުގެ ތޮށިލުމަށް ހަމަޖެހި ތިންސަތޭކަ ފަސްދޮޅަސް މީޓަރުގެ ތޮށްޓެއް ތިން ފިޔަވައްސަކަށް ބަހާލައިގެން ހެދުމަށް ނިންމާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި ހެދުނު 400 ފޫޓް ތޮށިގަނޑުގެ މަސައްކަތަށް 2.4 މިލިޔަންރުފިޔާ ޚަރަދު ކުރެވިފައިވެއެވެ.
ރަށުގެ އެއްވެސް ދިމާލަކުން ވެއްޔާއި ގައު ނެގުމަކީ ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެކަމެކެވެ.
Allah iraadha kurevviyya Hulhumeedhoo ge Qudhurathee adhi thaareekhee tharika thah himaayai kuran varah avaha masakkai fashaanameve. mihaaruves alhugandu annanee rashuge chasbimaai, giraa sarahadhu adhi tharikathah balaa dhiraasaa koh management plan eh thayyaru kuramun neve.